އަދުގެ ޚާއްސަ

Print

ދިވެހި ރަސްކަމުގައި އުތީމު ދަރިކޮޅުގެ ޚިދުމަތް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ


އުތީމު ދަރިކޮޅު    

ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ހަތަރު ވަނައަށް ރަސްކަންކުރި ދަރިކޮޅުކަމަށްވާ އުތީމު ދަރިކޮޅަކީ ހއ. އުތީމަށް ނިސްބަތްވާ ދަރިކޮޅެކެވެ. އެހެނީ އެ ދަރިކޮޅުން ދިވެހި ރަސްކަމުގައި ފުރަތަމަ ރެދަލިކުރެވުނު ރަސްގެފާނު އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ސިރީސަވާދީއްތަ މަހާރަދުންނަކީ ހއ. އުތީމަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެންކަމުން މިދަރިކޮޅަށް އުތީމު ދަރިކޮޅުގެ ނަމުން ނަންދެވިފައި ވަނީ އެވެ.
     
އުތީމު ދަރިކޮޅުގެ ފެށުމަށް ބަލާއިރު މިދަރިކޮޅު ފެށެނީ ފުރަމާލޭގެ ކޮންމެވެސް އާއިލާއަކުން ކަމަށް ބެލެވެއެވެ. ބޮޑަށް ލަފާކުރެވެނީ ހިލާލީ ދަރިކޮޅުން ކަމަށެވެ. އެހެނީ މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ބަޔާންކުރައްވާފައި ވާގޮތުގައި އުތީމު ދަރިކޮޅު ތިލަދުންމަތީގައި ފެށުނީ އައްސުލްޠާން ކަޅު މުހަންމަދު ސިރީތްރި ބޮވަނަ ދަންމަރު މަހާރަދުންގެ ރަސްކަމުގައި ސިޔާސީ ކޮންމެވެސް ކުށެއްގައި ތިލަދުންމައްޗަށް އަރުވާލެވުނު ކަޅު ޙަސަން ކަލޭގެއޭ ކިޔުނު މީހެއްގެ ދަރިކޮޅުންނެވެ. ކަޅު މުޙަންމަދު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރަކީ އާއިލީ ހަމަނުޖެހުން ބޮޑު ނުވަތަ އާއިލާގެ ބޭފުޅުން ރަސްކާމާ ތޮޅުން ގިނަވި ދުވަސްވަރެކެވެ. ވީމާ އެއަރުވާލެވުނު ޙަސަން ކަލޭގެއަކީ ހިލާލީ ދަރިކޮޅަށް ނިސްބަތްވާ މީހަކަށްވުން އެކަށީގެންވަނީއެވެ. ނަމަވެސް މިއީ ޔަޤީންކަމާއެކު ދެންނެވޭނެ ވާހަކައެއް ނޫނެވެ. ކޮންމެއަކަސް  އުތީމު ދަރިކޮޅާއި ފުރަމާލެއާ އާއިލީ ގުޅުންތަކެއްވެއެވެ.

އުތީމު ދަރިކޮޅު ރަސްކަން ފެށުން:

އުތީމު ދަރިކޮޅުގެ ރަސްކަން ފެށުނީ މުޙަންމަދު ތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވި ދުވަހުން ފެށިގެންނެވެ. އެއީ މީލާދީން 1558ގައި ޕޯޗުގީޒުން މާލެއަށް އަރާ ދިވެހި ދަޢުލަތާ ދެކޮޅަށް ދިން ހަމަލާގައި އޭރުގެ ރަދުން ޢަލީ (ހަވަނަ) ޝަހީދުކޮށްލުމަށްފަހު، ރާއްޖެ އަޅުވެތިކޮށްފައި ވަނިކޮށްކަމަށް ނަސީމާ މުޙަންމަދު (2000) ހާމަކުރައްވައެވެ. މިއަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވުމުގެ ހުފަފެނަކީ މުޙަންމަދު ތަކުރުފާނު އެންމެ ޅަދުވަހުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އެހެންކަމުން އެހުވަފެނަށް ޢަމަލީ ސިފަގެނައުމުގެ މަސައްކައް މީލާދީން 1566ގައި އެތަކުރުފާނު އެތަކުރުފާނަށް ބައިއަތު ހިއްޕެވި ހަނގުރާމައިގެ ބައިވެރިންނާއެކު ފެއްޓެވިއެވެ. މިމަސައްކަތުގައި ރޭގަނޑާއި ދުވާލު، ކަނޑުމަތީގައާއި އެއްގަމުގައި "ގެރިއްލާ" ހަނގުރާމަ ކުރައްވާތާ 7 އަހަރުވުމަށްފަހު މީލާދީން 1573ގައި މާލެއަށް ހަމަލާދީ ދިވެހި ރާއްޖެ ޕޯޗުގީޒުންގެ ކިބައިން މިނިވަންކުރެއްވިއެވެ. އެދުވަހައްފަހު ދިވެހިން މުޙަންމަދު ތަކުރުފާނަކީ އެބައިމީހުންގެ ވެރިޔާކަމަށް ކަނޑައެޅިއެވެ.  
    
ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަންކުރެއްވުމުން ޖެހިންގެން އައި ތިން އަހަރު ޕޯޗުގީޒުން ރާއްޖެއާދެކޮޅަށް ހަނގުރާމައަށް އައިސް އަނގުރާމަކޮށް އެބައިމީހުން ބަލިވިއެވެ. މިގޮތަށް ހަނގުރާމަތައް ދިގުލާން ފެށުމުން ދިވެހިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެންފެށިއެވެ. އަދިހަމަ ޕޯޗުގީޒުންނަށްވެސް ގެއްލުންތަކެއް ވަމުންދިޔައެވެ. އެހެންކަމުން އެހާލަތުގައި ހަނގުރާމަ ކުރުމަށްވުރެން މޮޅުއިތުރުގޮތަކީ ޞުލްޙަވުންކަމުގައި ދެފަރާތައްވެސް ވިސްނި ޤަބޫލުކުރެވުމުން މީލާދީން 1576ގައި ދެފަރާތުން ޞުލްޙައިގެ އަޙުދުނާމާއެއް އެކަށައެޅިކަމަށް ޕިރާޑް އޭނާގެ ދަތުރުނާމާގައި ލިޔެފައިވެއެވެ. އެއަށްފަހު ދިވެހިންގެ އެދުމުގެ މަތީން މުޙަންމަދު ތަކުރުފާނު ދިވެހި ތަޚުތަށް އިސްވިކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ބަޔާންކުރައްވާފައިވެއެވެ. މިއަށްފަހު ގާތްގަޑަކަށް 119 އަހަރު ދުވަސްވަންދެން މިދަރިކޮޅަށް ނިސްބަތްވާ ރަސްރަސްކަލުން ރާއްޖޭގައި ރަސްކަން ކުރެއްވިކަމަށް ދިވެހިތާރީޚުން ފެންނަން އެބައޮތެވެ.

އުތީމު ދަރިކޮޅުގެ ޚިދުމަތް:

ޣާޒީ މުޙަންމަދު ތަކުރުފާނުގެ ރަސްކަން ފެށިފައިވަނީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްފައި އޮންނަތާ 15 އަހަރަށް ވުރެން ގިނަ ދުވަސްވެފައި ވަނިކޮށް އެތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ހިސާބުންނެވެ. އެހެންކަމުން އަތޮޅުތައް ހަމަޔަކަށް އެޅުއްވުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކުރެއްވުމާއި އިސްލާމްދީނުގެ ޝިޢާރުތައް އައުކުރެއްވުމާއި ދިވެހިންގެ ގެއްލިފައިވާ ޡަޤާފަތް ދިރުއްވެވުމާއި ރައްޔިތުންގެ ފުދުންތެރިކަމާއި ތަޢުލީމު ލިބޭނޭ މަގުތައް ތަނަވަސް ކުރެއްވުމާއިއެކު އެތެރެކޮއިލު އާރާސްތުކުރައްވައި ޤައުމުގެ ދިފާޢީ ކަންކަން އިންތިޒާމު ކުރައްވަން ޖެހިވަޑައިގަންނަވާނެކަން އެޒަމާނުގެ ހާލަތަށް ވިސްނާލުމުން އެނގެއެވެ. އަދި އެކަންކަން ކުރައްވާފައި ވާނެކަން އެތަކުރުފާނުގެ ޢަމަލުތަކުން ޔަޤީންކޮށްދެއެވެ.
     
އުތީމު ދަރިކޮޅުގެ ޚިދުމަތްތަކަކީ ވަރަށް ގިނަގުނަ ޚިދުމަތްތަކެކެވެ. އެޚިދުމަތްތައް ސިފަކުރައްވާ އަލްޣާޒީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވަނީ އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަކީ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވެފައިވި، ތަނަވަސްކަމާއި ތިޔާގިކަމުގެ ތެރޭގައި ހޭދަކުރި ދުވަސްވަރަކަށް ވުމުން، އެއީ ދިވެހިންނަށް އައި ޢީދެއް ކަހަލަ ދުވަސްތަކެއް ކަމަށެވެ.

ދިވެހިންގެ މިނިވަންކަމާއި ދާޚިލީ ހަމަޖެހުމާއި ޤައުމިއްޔަތު:  

ދުޝްމަނުންގެ ކިބައިން ދިވެހިޤައުމު ރައްކާތެރި ކުރެއްވުމަށް ޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިފައިންގެ ގޮތުގައި އަސްކަރިއްޔާއެއް އެކުލަވާލީ އުތީމު ދަރިކޮޅުގެ ބާނީ މުޙަންމަދު ތަކުރުފާނެވެ.  އަދި މިއެކުލަވާލި އަސްކަރިއްޔާއަށް ޔުނީފޯމާއި މުސާރަވެސް އެތަކުރުފާނު ހަމަޖެއްސެވިއެވެ. މުސާރަވެރިންނަށް މުސާރައިގެ ގޮތުގައި އޭގެކުރިން ދެވެމުން އައި ބޮލީގެ ބަދަލުގައި ދިގުލާރި ތަޢާރަފުކުރައްވައި ފައިސާއިން މުސާރަދެއްވަން ފެއްޓެވީ މިދަރިކޮޅުގެ ރަސްކަމުގައި މުޙަންމަދު ތަކުރުފާނުކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ބަޔާންކުރައްވާފައިވެއެވެ. އެއީ ކުރިންވެސް ބަޔާންކުރި ފަދައިން އަސްކަރީންގެ ގޮތުގައި ހަނގުބޭކަލުން ހަމަޖެއްސެވުމާއި ގުޅިގެންނެވެ. ވީމާ މިދަރިކޮޅު ފެށިގެން އައިސްފައިވަނީ މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު ބޭއްވުމަށް މަސައްކަތް ކުރުމުގެ އަޒުމުގެ މަތީގައިކަން ވަރަށް ރަގަޅަށް ދޭހަވެއެވެ.
    
ދިވެހި ދީބުގައި އިސްލާމްދީނުގެ އަލިގަދަނޫރު ދެވެނަ ފަހަރަށް އާލާކުރެއްވީ އުތީމު ދަރިކޮޅުންނެވެ. އެހެނީ ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަތްތަދަށުން ރާއްޖެ މިނިވަންކުރެއްވިއިރު ރާއްޖޭގެ ބައެއް ރަށްތައް ވަނީ ކާފަރުވެފައިކަމަށާ އެރަށްތައް ދެވެނަ ފަހަރަށް އިސްލާމްކުރައްވައި ރާއްޖޭގައި ދީނީ ތަޢުލީމް ޢާންމުކުރެއްވީ އެތަކުރުފާނުކަމަށް ބޮޑުތަކުރުފާނު ވާހަކައިގައި ވާރިދުވެފައިއެވެ. އަދި އިސްލާމް ދީނަށާއި ޢަރަބި ބަހަށް ދިވެހިންގެ ހިތުގައި ލޯބި އިތުރު ކުރެއްވުމަށް ޓަކައި ޢަރަބި ލިޔާގޮތަށް ކަނާއަތުން ވާއަތަށް ލިޔާ އަކުރު ސެޓަކާއި ފިލިބައެއް އެތަކުރުފާނު ތަޢާރަފުކުރެއްވިއެވެ. އެއީ މިއަދު އަޅުގަނޑުމެން މިދެކޭ ތާނަ އަކުރާއި ފިލި ކަމަށް ނަސީމާ މުޙަންމަދު (2000) ބަޔާންކުރައްވައެވެ. މި ތާނައަކުރަކީ މިއަދު ދެކުނު އޭޝިޔާގައި ބޭނުންކުރެވޭ އެންމެ ސައިންޓިފިކް އަކުރުބައިވެސްމެއެވެ. އެހެންކަމުން އުތީމު ދަރިކޮޅުންވަނީ އޭރު ދިވެހިންނަށް ގެއްލިފައިވީ ޤައުމިއްޔަތު އަލުން އަބުރާ ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރައްވާފައެވެ.   
     
ރާއްޖޭގެ މިނިވަންކަމަށް ޓަކައި އުތީމު ދަރިކޮޅުގެ ރަސްރަސްކަލުން ގިނަ ހަނގުރާމަތަކެއް ކުރެއްވިއެވެ. ތާރީޚީ ލިޔުންތަކުން "ތާވަލު 1 އިން" ހާމަވާގޮތުގައި އުތީމު ދަރިކޮޅުގެ ރަސްކަމުގައި މަލާބާރީންނާއި ޕޯޗުގީޒުން ނުވަތަ ބޭރުގެ ބާރުތަކުން 15 ފަހަރެއްގެ މަތިން ރާއްޖެއަށް ހަމަލާ ދީފައިވެއެވެ. އަދި މިހަލާތަކުގެ ތެރެއިން 14 ހަމަލާއަކަށް އުތީމު ދަރިކޮޅުގެ ރަސްކަމުގައި ވަނީ ކެރިގެން ކުރިމަތިލައި އެހަމަލާތައް ނާކާމިޔާބު ކޮށްލައިފައެވެ. އުތީމު ދަރިކޮޅުގެ ރަސްކަމުގައި ކުރެވުނު މިފަދަ ހަނގުރާމަތައް ތާވަލު 1ގައި އެވަނީ ޚުލާޞާކޮށް ގެނެސްދެވިފައެވެ. ދިވެހި ތާރީޚަށް ނަޒަރު ހިންގާލާއިރު ދިވެހި ޤައުމުގެ ދިފާޢުގައި މިހާގިނަ ހަނގުރާމަތަކެއް ދިވެހިރާއްޖޭގައި ރަސްކަންކުރި އެހެން އެއްވެސް ދަރިކޮޅަކުން ކޮށްފައިވާކަމަށް ފެންނާކަށް ނެތެވެ. ވީމާ އުތީމު ދަރިކޮޅަކީ ޤައުމުދެކެ ލޯބިވި ޤައުމަށްޓަކައި ގިނަ ޤުރުބާނީތަކެއްވި ދަރިކޮޅެއްކަމުގައި ދަންނަވަންޖެހެއެވެ.
    
ދާޚިލީ ފިތުނަތަކާއި ދެކޮޅުވެރިކަން ނައްތާލައްވާ ޤައުމު އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް އުތީމު ދަރިކޮޅުގެ ރަސްރަސްކަލުން މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ކަލާފާނުގެ ރަސްކަމުގައި ދަޢުލަތާ ދެކޮޅަށް ކަލާފާނުގެ ދޮންމަންމާފުޅު ހިންގެވި ބަޣާވާތް ފަޅާއެރުމުން ދެއްވި ހަރުކަށި އަދަބެވެ. އެފަދަ އަދަބެއް ދެއްވުމުގެ ބޭނުމަކީ ރަސްކަމުގެ ތެރޭގައި ހަމަނުޖެހުން އުފެދުމަށް  ފުރުޞަތު ނުދެއްވުންކަން ޔަޤީނެވެ.
     
އަނެއް ހާދިސާއަކީ ހަމަ އެދުވަސްވަރު މާލެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާން ފެށުމުން މާލެ ދޫކުރައްވާ މާލެ އަތޮޅު ގުރައިދުއަށް ވަޑައިގެން، ހަމަނުޖެހުންތައް މައިތިރި ވަންދެން އެރަށުގައި ރަދުން މަޑުކުރެއްވި ހާދިސާއެވެ. މިއީ މިދަރިކޮޅުގެ އެހެން ރަސްރަސްކަލުންވެސް ކަންކުރައްވާ ގޮތެއްކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ދެކިލައްވައެވެ. މިހެން ހެއްދެވުމުގެ ބޭނުންފުޅަކީ އެކަހަލަ ހަމަނުޖެހުންތަކުގެ ތެރެއަށް ރަދުން ނުވެއްނެވުންކަމަށް ބެލެވެއެވެ. އެހެނީ ދިވެހިތާރީޚުން ފެންނަފަދައިން މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ރައްޔިތުންނާއި ވެރިންނަށް ބޮޑެތި ގެއްލުންތައް ލިބި ލޭއޮހޮރުންތައް ހިނގާފައިއެބަހުއްޓެވެ. ވީމާ މިގޮތަށް މާލެ ދޫކުރައްވައި އެހެންރަށަކަށް ވަޑައިގެންނެވުމުގެ ބޭނުމަކީ މިކަހަލަ ހަމަނުހެންތަކާއި ލޭއޮރުންތައް ހިނގުމަށް ތަންނުދެއްވުންކަމަށް ވެދާނެއެވެ. ވީމާ މިޢަމަލުފުޅުތަކުން އެނގެނީ ދާޚިލީ ހަމަނުޖެހުންތައް އުފެދުނަ ނުދެއްވުމަށާއި އުފެދޭ ހަމަނުޖެހުންތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރެއްވުމަށް މިދަރިކޮޅުގެ ރަސްރަސްކަލުން މަސައްކަތް ކުރައްވާފައިވާކަމެވެ.
     
ދާޚިލީ ހަމަޖެހުން ޤާއިމު ކުރުމަށް ހަނގުރާމަ ކުރާން ޖެހުނު ކޮންމެ ހިދެއްގައި އުތީމު ދަރިކޮޅުގެ ރަސްރަސްކަލުން އެކަމަށްޓަކައި ހަނގުރާމަކުރެއްވިއެވެ. އެގޮތުން މުޙަންމަދު ތަކުރުފާނުގެ ރަސްކަމުގައި މީދޫ ތަކުރުގެ އުދަގޫ ބޮޑުވެ، ނަސޭހަތައް ބޯނުލެބުމުން އެންމެ ފަހުން އޭނާއާ ދެކޮޅަށް ހަނގުރާމަކުރައްވާ އެތަކުރު ބަލިކުރެއްވި ވާހަކަ ބުރާރާ މުޙަންމަދު ފުޅު ބޮޑުތަކުރުފާނުގެ ވާހަކައިގައި ކިޔުއްވާފައިވެއެވެ. އަދި ކަލާފާނުގެ ރަސްކަމުގައި ޤައުމުގެ ތެރޭގައި އުފެދުނު ބޮޑު ފިތުނައެއް ކަމަށްވާ ސާމިޔާން ފާށަނާގެ ވެރިކަމުގެ ދަށުގައި އުފެދުނު "މާފިލާފުށީގެ" ރަސްކަމާދެކޮޅަށްވެސް ކަލާފާނާއި ބޮޑުރަސްގެފާނު ހަމަލާ ދެއްވައި އޭނާ ބަލިކުރެއްވިކަމަށް ނަސީމާ މުޙަންމަދު (2010) ހާމަކުރައްވާފައިވެއެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ ރަސްކަމުގެ ފަރާތުން މިގޮތަށް ހަމަލާދެވުނު ކޮންމެ ފަރާތަކާއި ދެކޮޅަށްވެސް ހަމަލާދީފައިވަނީ އެމީހެއްގެ ފަރާތުން ރައްޔިތުންނަށް ދަތިއުދަގޫތަކާއި ދުއްތުރާތައް ކުރިމަތިވާން ފެށުމުން އެކަމުން ރައްޔިތުން ސަލާމަތް ކުރުމުގެ ބޭނުމުގައިކަން ތާރީޚީ ފަތްފުއްތަކުން ޘާބިތުވާކަމެވެ. އެހެނީ ސާމިޔާންފާށަނާ އޭނާގެ ވެރިމަގު ދަށުގައިވީ ރައްޔިތުންނާއި އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ކުރަމުންދިޔަ އުދަގޫތަކާއި ދުއްތުރާތަކަކީ ޕިރާޑުވެސް ބަޔާންކުރައްވާފައިވާ މަޝްހޫރު ވާހަކަތަކެކެވެ. ވީމާ މިދަރިކޮޅުން  ރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުން ރައްކާތެރި ކުރެއްވުމަށް ޓަކައި އެތައްމަސައްކަތެއް ކުރައްވާފައިވާކަން ހާމަވެއެވެ.



ބޮޑުރަސްގެފާނަކީ ދިވެހި ޤައުމުގެ ދިފާޢީ ނިޒާމުގެ ބައްޕައެވެ. އެހެނީ މާލެ ދިފާޢުކުރެއްވުމަށް، އެއްވެސް ޒަމާނެއްގައި ނުކުރާހާ ގިނަގުނަ މަސައްކަތް މިރަސްގެފާނު ކުރެއްވިއެވެ. އެގޮތުން ހަނގުރާމައިގެ ހަތިޔާރު ހޯއްދަވައި، ވެރިކަމުގެ ކޮއިލު ދިފާޢީ ކިއްލާއެއްގޮތަށް ފަރުމާކުރެއްވިއެވެ. ނަސީމާ މުޙަންމަދު (2001) ބަޔާންކުރައްވާގޮތުގައި މިކަންކަން ކުރެއްވުމަށްޓަކައި މާލޭ ބޭރުތޮށި ރަގަޅު ކުރައްވައި މާލެވަށައި ބޮޑު ފާރެއްލެއްވިއެވެ. އަދި މާލޭގެ އެކިސަރަހައްދުތަކުގައި ބުރުޒު ހައްދަވައި ކުރިންހުރި ބޮޑުކޯއްޓޭ މަރާމާތު ކުރައްވައި ބޮޑުގަނޑުވަރު ވަށައިގެން ކަންޒު ކޮންނެވިއެވެ. އެއަށްފަހު ކޯލުފާރު ވަރުގަދަ ކުރައްވައި ގަނޑުވަރު ކުރިމަތީގައި އައު ކޯއްޓޭ ބުރުޒެއް ހެއްދެވިއެވެ. ގަނޑުވަރު ވަށައިގެން ލެއްވެލި ފާރުގައި ބަޑިދޮރު ކެނޑުއްވެވިކަމަށެވެ. އެހެންކަމުން މިއީ މިވީހާތަނަށް މާލެ ދިފާޢުކުރެއްވުމަށް ހިނގުނު އެންމެ ބޮޑު މަޝްރޫޢުކަމަށް ބެލެވެއެވެ.
      
ބޮޑުރަސްގެފާނު މާލެ ދިފާޢުކުރެއްވުމަށް ކުރެއްވީ ހަމައެކަނި ޢުމްރާނީ މަސައްކަތްތަކެއް ނޫނެވެ. ރާއްޖޭގެ ހަތިޔާރުގުދަންވެސް އޭގެކުރިން މުއްސަދި ކުރެވިފައިނުވާ ވަރަށް މުއްސަދި ކުރެއްވިއެވެ. އެގޮތުން އަސޭކަރައަށް މީހަކު ފޮނުއްވައިގެން ރަތުލޯބަޑީގެ 14 ބަޑި ބައްލަވައިގަތެވެ. ހަމަ އެދުވަސްވަރު ރާއްޖެއަށް އުރުނު ބައެއް ނާފަހަރުގައި ހުރި ބަޑިތައްވެސް ހޯއްދަވައިގެން މާލެއަށް ގެންނެވިއެވެ. އަދި މިލިބިލެއްވި ބޮޑުބަޑިތައް ބުރުޒުތަކުގައި ހަރުކުރެއްވިކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ހާމަކުރައްވައެވެ. މީގެ އިތުރުން އޭރު ސިލޯނުގައި ތިބި ޑަޗުން އަތުން 6 މަސްކަޓާ އޭގެ ވަޒަނާއި 6 ލޮންސި އާއި 6 ގުރެނޭޑާއި 3 ކުޑަބަޑި އާއި ރިހިން އަތްކަން އަޅާފައިވާ ބާޑިއަކާއި ސިލޯނުގައި ހަދާފައިވާ ހަތިޔާރުކޮޅެއް ހޯއްދަވައި ދިވެހި އަސްކަރިއްޔާގެ ހަތިޔާރު ގުދަން މުއްސަދި ކުރެއްވިކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (1999) ބަޔާންކުރައްވައެވެ. ވީމާ ދިވެހި ރައްޔިތުންނާއި ދިވެހިޤައުމާއި ދިވެހިރަސްކަން ހިމާޔަތް ކުރައްވައި ރައްކާތެރި ކުރެއްވުމަށް ޓަކައި އެކުރެއްވި ބުރަ މަސައްކަތަކީ އެޒަމާނުގައި ދިވެހިންނަށް ނުހަނު ބޭނުން ބޮޑުވެފައިވާނެ އަގުހުރި ޚިދުމަތެކަން ޔަޤީނެވެ.
     
އުތީމު ދަރިކޮޅުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކުރެވޭ އަނެއް ޚިދުމަތަކީ ރާއްޖޭގެ ސަރަޙައްދު އޭގެ ހަޤީޤީ މާނައިގައި ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ. އެގޮތުން ކަލާފާނުގެ ރަސްކަމުގައި އެޒަމާނުގައި މީހުން އާބާދުވެފައިނުވާ ފޯޅަވަހި ދިވެހި ވެރިކަމުގެ ދަށަށް ގެނައުމަށް އެތައް ފަހަރަކު އުޅަދުތަކާއި މީހުން ފޮނުއްވަވައިގެން މަސައްކަތް ކުރެއްވިކަމަށް މުޙަންމަދު އިސްމާޢީލް ދީދީ (1995) ބަޔާންކުރައްވައެވެ. އަދި ދިވެހި ރަށެއްކަމަށްވާ މަލިކު މަލާބާރުންގެ އަތްދަށުގައި އޮންނަތާ އެތައް ޒަމާނެއްވެފައި ވަނިކޮށް އިސްކަންދަރު 1ގެ ރަސްކަމުގައި މަލާބާރުންނާ ހަނުގުރާމަކޮށް އެރަށް ދިވެހި ދަޢުލަތުގެ ދަށަށް ގެންނެވިކަމަށް ދިވެހި ތާރީޚް (1993) ގައި ލިޔުއްވާފައިވެއެވެ. އަދިހަމަ އުތީމު ދަރިކޮޅުގެ ރަސްކަން ނިމެންދެން މަލިކު އޮތީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއް ރައްކާތެރިކޮށް ދިވެހި ވެރިކަމުގެ ދަށުގައި ބޭއްވުމަށް އުތީމު ދަރިކޮޅުން މަސައްކަތްކޮށް އެކަން ކާމިޔާބު ކޮށްފައި އޮތްކަން ހާމަވެއެވެ.
     
ކަޅު މުޙަންމަދު ރަސްގެފާނުގެ ޒަމާނުއްސުރެ ދިވެހީން މަލާބާރުންނަށް ދެމުން އައި ޖިޒީ އުތީމު ދަރިކޮޅުގެ ރަސްކަމުގައި އިސްކަންދަރު 1 ކަޑުއްވާލެއްވިއެވެ. އޭރު އެޖިޒީ ދެމުން އަންނަތާ ދޮޅު ޤަރުނެއްހައި ދުވަސްވެއްޖެއެވެ. މިކަމާއި ހިތްހަމަނުޖެހިގެން މަލާބާރުން ރާއްޖެއަށް އެތައްފަހަރަކު ހަމަލާދިނެވެ. ނަމަވެސް އެހަމަލާތަކުން ދިވެހީން ހިމާޔަތްކުރުމުގައި އުތީމު ދަރިކޮޅުގެ ރަސްރަސްކަލުން ހިތްވަރާއެކު ދެމިތިއްބެވިކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ބަޔާންކުރައްވައެވެ. މިގޮތުން ހިނގި ބައެއް ހަނގުރާމަތައް ތާވަލު 1ގައި ވެސް ފާހަގަކުރެވިފައި އެވަނީއެވެ. އެހެންކަމުން ދިވެހި ޤައުމުގެ ހައިބަތު ހިފެހެއްޓެވުމަށާއި މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހި ޤައުމު ބޭއްވުމަށްޓަކައި އުތީމު ދަރިކޮޅުން ވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއްކޮށް އެކަން ކާމިޔާބުކޮށްފައެވެ. އެހެނީ އުތީމު ދަރިކޮޅުގެ ރަސްކަން ނިމިގެންދިޔައީ ދިވެހިރާއްޖެއަކީ ދިވެހިން އެދޭފަދަ ތިޔާގިކަމާއި ހަމަޖެހުމާއި މިނިވަންކަން އޮތް ޤައުމެއްގެ ގޮތުގައި އޮއްވައެވެ. މިއީ ޤައުމަކަށް ކޮށްދެވޭނެ އެންމެ މުހިންމު އެއް ޚިދުމަތްކަން ޔަޤީނެވެ.  

ޢަދުލުއިންސާފާއި ހަމަހަމަކަން:

އުތީމު ދަރިކޮޅުގެ ޚިތުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެވަނަ ޚިދުމަތަކީ އަދުލު އިންސާފުގެ ނިޒާމް މިދަރިކޮޅުގެ ރަސްކަމުގައި ބައްޓަންކޮށްފައި އޮތްގޮތެވެ. އެގޮތުން މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ބަޔާންކުރައްވާފައި ވަނީ މިހާރު ރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމު ފަރުމާކޮށްފައި އޮތްގޮތާއި އެއްގޮތަށް ކަލާފާނުގެ ޒަމާނުގައި ނުވަތަ އުތީމު ދަރިކޮޅުގެ ރަސްކަމުގައި އަދުލު އިންސާފުގެ ނިޒާމު ބައްޓަންކުރެވިފައި ވާކަމަށެވެ. އެހެނީ އޭރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޤާޟީން ތިއްބެވިއެވެ. އަދި އެތިއްބެވި ޤާޟީން އަތޮޅުގެ ރަށްތަކަށް ވަކި ޤަވާއިދަކުން ޒިޔާރަތްކޮށް މައްސަލަތައް ބަލައި ރައްޔިތުންނަށް އިންސާފު ހޯއްދަވައި ދެއްވަމުން ދިޔައެވެ. އަދިހަމަ ދަށު ކޯޓުތަކުން މައްސަލަ ނިމުނު ގޮތާމެދު ހިތްހަމަ ނުޖެހިއްޖެނަމަ މާލޭގަ ހުންނަ ބޮޑުފަނޑިޔާރަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތުވެސް އޭރު ރައްޔިތުންނަށް ފަހިކޮށްދެވިފައި އޮތެވެ. މީގެ އިތުރުން މައްސަލަހުށަހެޅުމުގައި ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތައްވެސް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮތެވެ.
     
މިޒަމާނުގެ ޑިމޮކްރަޓިކް ޤައުމުތަކުގައި ޢަދުލު އިންސާފުގެ ދާއިރާ މިނިވަންކަމާއެކު މަސައްކަތް ކުރާގޮތަށް ދިވެހިރާއްޖޭގައި ފަނޑިޔާރުން މަސައްކަތްކުރެއްވި ދުވަސްވަރެއް ކަމުގައި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުވިއެވެ. އެހެނީ އެދުވަސްވަރު ހުކުމް ކުރުމުގައި މޮޅުދެރައަކަށް ނުބައްލަވާ ކަމަށާއި، ފަނޑިޔާރު ކުރައްވާ ކޮންމެ ހުކުމެއްވެސް ރަސްކަމުގެ ފަރާތުން ތަންފީޒު ކުރައްވާ ކަމަށާއި، ދީނުގައިވާ ހައްދުތައް ޤާއިމް ކުރެއްވުމަށް ބާރު އެޅުއްވިކަމަށް ޕިރާޑު އޭނާގެ ސަފަރުނާމާގައި ލިޔެފައިވެއެވެ. އެގޮތުން ޕިރާޑާ ހަވާލާދެއްވައި މުޙަންމަދު އިސްމާޢީލްދީދީ (1995) ހާމަކުރައްވާފައިވަނީ އެދުވަސްވަރު ރަދުން ޝަރީޢަތުގެ ކަންކަމުގެ ތެރެއަށް ވަދެވަޑައިނުގަންނަވާ ކަމަށާއި ނިޔާއިއްވުނު ޝަރީޢަތެއްގެ އެއް ފަރާތުން ޝަރީޢަތް ނިމުނުގޮތާމެދު ހިތްހަމަ ނުޖެހިއްޖެނަމަ، އިސްތިޢުނާފުކުރުމުގެ ފުރުޞަތު ހުޅުވާލާފައި އޮންނަކަމަށެވެ. އެހެންކަމުން އޭރު އަދުލު އިންސާފު ހޯދުމަށް ގިރާކުރެވޭނެ ހަރުފަތްތަކެއް ވާކަން އެނގެއެވެ.
    
އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ފަނޑިޔާރުންގެ ޕެނަލެއް ގާއިމުކުރެވެއެވެ. އެޕެނަލުގައި ހިމެނިވަޑައިގަންނަވަނީ ރަދުންނާއި ބޮޑުންނާއި ޢިލްމުވެރިންނާއި ފަނޑިޔާރުންކަމަށް ޕިރާޑު ލިޔުއްވަފައިވެއެވެ. މިއެއްކުރެވޭ ޕެނަލުން ނުވަތަ ފަނޑިޔާރުގެއިން އިއްވާ ހުކުމާއި ޚިލާފަށް ވެރިކަމުގެ ފަރާތުން އެއްވެސްކަމެއް އުތީމު ދަރިކޮޅުގެ ރަސްކަމުގައި ނުކުރައްވައެވެ. މިކަން ކަލާފާނު ޝަހީދުވީ ހާދިޘާއިންވެސް ޘާބިތުވެއެވެ. އެހެނީ ކަލާފާނު ފިއްލެވުމަށް މަސައްކަތްކުރެއްވީ ފަނޑިޔާރު މަނިކުފާނުގެ އެގޮތަށް ލަފާއެރުވުމުންކަން ތާރީޚީ ފަތްފުއްތަކުން ހާމަވެއެވެ. އެހެންކަމުން މިދަރިކޮޅުގެ ރަސްކަމުގައި ރައްޔިތުންނަށް އިންސާފު ހޯއްދަވައި ދެއްވުމަށް ޓަކައި އިސްތިޢުނާފު ކުރެވޭނެ މަގުފަހިވެފައި ވާކަމާއި ދަށު ކޯޓުތަކާއި މަތީ ކޯޓުތައް ޤާއިމުކޮށްފައިވާކަން އެނގެއެވެ.
     
އުތީމު ދަރިކޮޅުގެ ދުވަސްވަރު ފަނޑިޔާރުން ސިޔާސީ ނުފޫޒެއްނެތި މިނިވަންކަމާއެކު ނިޔާކަނޑައަޅުއްވަމުން ގެންދެވިއެވެ. އެހެނީ ތާވަލު 2 އިން މިކަން ވަރަށް ރަގަޅަށް ހާމަވެއެވެ. ތާވަލު 2ގައި އެވަނީ މިދަރިކޮޅުގެ ރަސްކަމުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ފަނޑިޔާރުކަމުން ވަކިވިގޮތެވެ. މިތާވަލުން ހާމަވާގޮތުގައި ވެރިކަމުގެ ފަރާތުން އަދަބެއް ދެއްވާފައިވަނީ ހަމައެކަނި އެންމެ ފަނޑިޔާރަކަށެވެ. އެހެންކަމުން މިދަރިކޮޅުގެ ރަސްކަމުގައި ރާއްޖޭގެ ރައްޔިތުންނަށް އަދުލު އިންސާފު އޭގެ ފުރިހަމަ މާނައިގައި ލިބެމުންދިޔަކަން ކަށަވަރުކުރެވެއެވެ.


ތަޢުލީމާއި އިޖްތިމާޢީ ޚިދުމަތް:

ދީނީ ތަޢުލީމް އާންމު ކުރެއްވުމަށްޓަކައި މިދަރިކޮޅުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ދީނީ ތަޢުލީމް ފެތުރުއްވުމަށާއި ދިނީ ޝިޢާރުތައް އައު ކުރެއްވުމަށް މުޙަންމަދު ތަކުރުފާނު ފެއްޓެވި މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނުވީ ވާދޫ ދަންނަކަލޭފާނު ކުރެއްވި ޚިދުމަތްތަކެވެ. ތާރީޚު ލިޔުއްވާ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ދިވެހީން ޝާފިޢީ މަޒުހަބަށް އުޅެންފެށީ މުޙަންމަދު ތަކުރުފާނުގެ ރަސްކަމުގައި ވާދޫ ދަންނަކަލޭފާނު ދީނީ ތަޢުލީމް ދެއްވަން ފެއްޓެވި ހިސާބުންނެވެ. ވާދޫ ދަންނަކަލޭގެފާނު ޢިލްމު ފެތުރުއްވުމުގެ މަސައްކަތް ފެއްޓެވީ އެކަމަށް މުޙަންމަދު ތަކުރުފާނު ބޭނުއްވެލައްވައި އެކަމަށް އެދުމުން ކަމަށް ބޮޑުތަކުރުފާނު ވާހަކައިން ހާމަވެއެވެ. މުޙަންމަދު ތަކުރުފާނުގެ ރަސްކަމުގެ ދުވަސްވަރުގައި ބޮޑަށް މަސައްކަތް ކުރެވިފައިވަނީ ދީނީ ތަޢުލީމު ޢާންމުކުރެއްވުމަށެވެ. އެހެނީ އޭރު ދިވެހިންގެ ދީނީ ފޭރާންވަނީ ހަފުސްވާން ކައިރިވެފައެވެ.
     
އުތީމު ދަރިކޮޅުގެ ރަސްކަމުގައި ޢިލްމު އުގެނޭ މީހުންނަށް ވެރިކަމުގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދެއްވެވިއެވެ. އެހެނީ ކަލާފާނާއި ބޮޑުރަސްގެފާނުގެ ރަސްކަމުގައި ޢިލްމު އުގެނުމަށް ހިތްވަރުދެއްވައި ޢިލްމު އުނގެނޭ މީހުންނަށް މާލީ އެހީތެރިކަން ދެއްވިކަމަށް ޙަސަން ތާޖުއްދީނާ ހަވާލާދެއްވާ މުޙަންމަދު އިބްރާހީމް ލުޠުފީ (1995) ބަޔާން ކުރައްވާފައިވެއެވެ. ކަލާފާނުގެ ޒަމާނުގައި މުދިމުންގެ މަސައްކަތުގެ ބައެއްގެ ގޮތުގައި ކުޑަކުދީނަށް ކިޔަވައިދިނުން ހަމަޖެއްސަވާފައިވިއެވެ. އެގޮތުން މުދިމުން މެދުވެރިކުރައްވައި 3 އަކުރެއް ނުވަތަ 3 ބަހެއް ދިވެހިންނަށް އުނގަންނައި ދެމުން ދިޔައެވެ. ޕިރާޑުގެ ދަތުރުނާމާގައިވަނީ އެއީ ޢަރަބި އާއި ތާނަ އާއި އޭރު ދެކުނު އިންޑިޔާ އާއި ލަންކާގައި ބޭނުންކުރެވުނު އަކުރު ނުވަތަ ބަސް ކަމަށެވެ. އޭގެފަހުން އިސްކަންދަރު 1ގެ ރަސްކަމުގައި ހުކުރު މިސްކިތު އިސްކަންދަރު ދޮރާށީގައި ދީނީ ޢިލްމު އުނގަންނަވައި ދެއްވާނެ ޢިލްމުވެރިޔަކު ބަހަށްޓަވައި އޭނާއަށް މުސާރަދެއްވަން ފެއްޓެވިކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ހާމަކުރައްވައެވެ. މިއީ ރާއްޖޭގަ އުފެދުނު ފުރަތަމަ ތަޢުލީމީ މަރުކަޒުވެސްމެއެވެ. އެހެންކަމުން ރަސްމީ ތަޢުލީމުގެ ބިންގާ ރާއްޖޭގައި އެޅުއްވީ މިދަރިކޮޅުގެ ރަސްކަމުގައިކަން ޔަޤީންކުރެވެއެވެ. އެހެނީ މީގެ ކުރިން ރަސްމީ ސިފައެއްގައި ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތެއް ރާއްޖޭގައި ކުރެވިފައިވާކަމަކަށް ފެންނާކަށް ނެތެވެ.
     
ދީނީ ތަޢުލީމާއި ދީނުގެ ޙުކުމްތައް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް މިދަރިކޮޅުން މަސައްކަތް ކުރެއްވިއެވެ. އެގޮތުން މުޙަންމަދު މުޙުޔިއްދީން އާދިލްގެ ރަސްކަމުގައި ދީނީ ޝިޔާރުތައް އައުކުރައްވައި، ނާއިބާއި ފަނޑިޔާރު މެދުވެރިކުރައްވައި ރައްޔިތުންނާއި ބޮޑުންނަށް ދީނީ ނަސޭހަތާއި ވައުޟުވިދާޅުވުން ގިނަކުރައްވިކަމަށް ނަސީމާ މުޙަންމަދު (2010) ލިޔުއްވާފައިވެއެވެ. އަދި އިސްލާމީ ޝަރީއަތާ ޚިލާފު ކަންކަން ކުރުން މަނާކުރައްވައި އިސްލާމީ ޝަރީއަތް ތަންފީޒުކުރުމަށް އުތީމު ދަރިކޮޅުގެ ރަސްރަސްކަލުން މަސައްކަތްކުރެއްވިކަން ނަސީމާ މުޙަންމަދު (2010)ގެ ބަޔާންތަކުން ޘާބިތުވެއެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި އެންމެ އަދުލުވެރި ދީންވެރި ރަސްކަލުން ހިމެނެނީ މިދަރިކޮޅުގައެވެ. އެހެންކަމުން މިދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގައި ދީނީ ޝިޢާރުތައް އައުކުރެއްވުން ގިނަވެގެންދިޔައެވެ.
     
ފުރަތަމަ ފަހަރަށް ޙައްޖުވެރީންނަށް އެމީހުން ބޭނުން ވަޤުތަކު ސީދާ ރާއްޖެއިން ފުރައިގެން ޙައްޖަށް ދިޔުމުގެ ދޮރު ހުޅުވާލެވުނީ މިދަރިކޮޅުގެ ރަސްކަމުގައެވެ. އަދި ދަޢުލަތް ހިންގުމަށް މަޝްވަރާ ކޮމިޓީއެއް ފުރަތަމަ ފަހަރަށް އެކުލަވާލެވުނީވެސް މިދަރިކޮޅުގެ ރަސްކަމުގައިކަމަށް ބެލެވެއެވެ. މީގެއިތުރުން އެޒަމާނުގައި ރައްޔިތުން އަތުން ނެގެމުންދިޔަ ބޮޑު ވާރު ލުއިކޮށްދެއްވައި އެއީ ރަށްޔިތުންނަށް އެކަށޭނަ ލުއިވާރަކަށް ބަދަލުކުރެއްވި ކަމަށް ދިވެހި ތާރީޚް (1993) ގައި ލިޔެފައިވެއެވެ. މިކަންކަން ކުރެއްވީ މިދަރިކޮޅުގެ ރަސްރަސްކަލުންނަށް، މިކަންކަމުން ރައްޔިތުންނަށް ތުރާވަމުންދާކަން ވިސްނިވަޑައިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި ކަމަށް ނަސީމާ މުހަންމަދު (2010) ހާމަކުރައްވައެވެ. އެހެންކަމުން ރައްޔިތުންނަށް ފަސޭހަގޮތްތައް ހޯދައިދީ ރައްޔިތުންނަށް ޢިލްމު އުގަންނައިދީ އެބައިމީހުން ދީންވެރިކުރުމަށް މިދަރިކޮޅުން މަސައްކަތްތަކެއް ކޮށްފައިވާކަން ސާބިތުވެއެވެ.  
      
އުތީމު ދަރިކޮޅުގެ ރަސްކަމުގައި ވެލްފެޔާގެ ޚިދުމަތް ވަރަށް ބޮޑަށް ފުޅާކުރެއްވިއެވެ. އެކަން އެނގެނީ ކަލާފާނުގެ ރަސްކަމުގައި ގަޑުވަރުން މީހުން ފޮނުއްވައިގެން ނިކަމެތިންނާއި ރައްޔިތުންނަށް ބޭސްފަރުވާކޮށްދެއްވި ކަމަށާއި މަރުވާމީހާ ވަޅުލެވޭނެފަދައެއް ނެތް ނިކަމެތިން ވަޅުލުމާއި، އެމީހެއްގެ އެހެނިހެން ކަންކަން ރަސްކަމުގެ ފަރާތުން ކުރެއްވުމަށް ބަޔަކު ހަމަޖައްސަވައި އެކަންކަން ކުރެއްވިކަމަށް މުޙަންމަދު އިސްމާޢީލްދީދީ (1995) ލިޔުއްވާފައިވާތީއެވެ. މީގެ އިތުރުން މަސައްކަތްތެރިކަމަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ބަހައްޓަވައި މީސްތަކުންނަށް މަސައްކަތްތެރިކަން އުގަންނަވައި ދެއްވިއެވެ. ހަމައެހެންމެ އޮޑިވެރިން އޮޑިއެޅުމަށް މާލޭ ފަޅުން ބައެއް އެޒަމާނާ އެކަށޭނޭ ގޮތަށް ތައްޔާރު ކޮށްދެއްވިކަމަށްވެސް މުޙަންމަދު އިސްމާޢީލްދީދީ (1995) ހާމަކުރައްވާފައިވެއެވެ. އެހެންކަމުން އެޒަމާނާ އެކަށޭނަގޮތުން ވެލްފެއާގެ ޚިދުމަތް ދެއްވުމަށް މިދަރިކޮޅުން މަސައްކަތްކޮށްފައިވާކަން އެނގެއެވެ.
     
ދިވެހި އާދަކާދަ އެގޮތްމިގޮތްވެފައި ވަނިކޮށް މިދަރިކޮޅުން އާދަކާދަ އިސްލާހުކުރައްވައި އެކަން އާލާކޮށް ދިރުއްވެވިއެވެ. މިކަމަށް ބާރުދެއްވައި މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ބަޔާންކުރައްވާފައި ވަނީ އިސްކަންދަރު 1 ރާއްޖޭގެ އާދަކާދަ އާއި ރަސްމީ އާދަކާދަ އިސްލާހުކުރައްވައި، އަދި ބެރުދުންމާރިކަން އިސްލާހުކުރައްވާ "އިސްކަންދަރު ޙަރުބީ"ގެ ރާގު އުފެއްދެވި ކަމަށެވެ. ރާއްޖޭގެ އާދަކާދަޔާ ގުޅިފައިވީ ހެވިކަމާއި ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްދޭ ސްކޫލުތައް ވަރަށް ފުޅާ ދާއިރާއެއްގައި މިދުވަސްވަރު މާލޭގައި ހިނގަމުން ދިޔަކަމަށް ނަސީމާ މުޙަންމަދު (2010)ގެ ލިޔުއްވުމުގައިވެއެވެ. ވީމާ އިޖުތިމާޢީ ކަންކަމާއި ޘަޤާފަތް ކުރިއެރުވުމަށްވެސް މިދަރިކޮޅުން މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަވެއެވެ.

އިޤްތިޞާދާއި ޚާރިޖީގެ ގުޅުންތައް:

ތާރީޚީ ހެކިތަކަށް ބަލާއިރު ދިވެހިރާއްޖެއަށް ވިޔަފާރި އުޅަދުފަހަރު އެންމެ ގިނައިން އައިސްގޮސްވި ދުވަސްވަރުގެ ތެރޭގައި އުތީމު ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުވިއެވެ. އެގޮތުން ޕިރާޑާ ހަވާލާދެއްވާ މުޙަންމަދު އިބްރާހީމް ލުޠުފީ (1999) ހާމަކުރައްވާފައިވާ ގޮތުގައި ބޭރު މީހުންނާއެކު ދިވެހީން ކުރި ވިޔަފާރި އެންމެ ކުރިއަރާފައި ވަނީ ކަލާފާނުގެ ރަސްކަމުގައެވެ. އަދި މިކަން އިތުރަށް ހަރުދަނާކުރައްވައި ދިވެހީންގެ ތިޔާގިކަން އިތުރު ކުރެއްވުމަށް ޓަކައި ބޮޑުރަސްގެފާނުގެ ރަސްކަމުގައި  އޭގެ ކުރިން ބޭރުން އަންނަ ވިޔަފާރި އުޅަދުތަކުން ނަގަމުންދިޔަ ޓެކްސް މަޢާފުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ބޭރުގެ ވިޔަފާރިވެރިން ވަރަށް ގިނައިން ރާއްޖެއަށް އައިސް ވިޔަފާރިކުރަމުން ދިޔައެވެ. އެހެންކަމުން ދިވެހިންގެ ތިޔާގިކަން އިތުރުވެ ބޭރާއެކު އޮތް ގުޅުންތައް އިތުރުވަމުން ދިޔައެވެ. އަދި ބޭރުގެ ވިޔަފާރިވެރިންނަށް އަމާން ތަނަކަށް ދިވެހި ބަދަރުތައްވިއެވެ. އޭގެ ފައިދާ ދިވެހިންނަށް އެތައްގޮތަކަށް ކުރަމުންދިޔައެވެ.

އުތީމު ދަރިކޮޅުގެ ރަސްކަމުގައި ޚާރިޖީ ގުޅުންތަކަށް އިސްކަމެއް ދެއްވިއެވެ. އެހެންކަމުން ބޭރު ޤައުމުތަކުގެ ވިޔަފާރި ނައުފަހަރު ރާއްޖެއަށް އައުން  އިތުރުވިއެވެ. ސަބަބަކީ މިދަރިކޮޅުގެ ރަސްރަސްކަލުން ބޭރުގެ ފަރާތްތަކާއެކު ބޭއްވެވި ގާތް ގުޅުންތަކެވެ. އެގޮތުން މުޙަންމަދު އިސްމާޢީލް ދީދީ (1995) ޢާންމުކުރައްވާފައިވާ އެއް ހާދިސާއަކީ ޓެނަޓޯރާ ރަސްގެފާނުގެ ވިޔަފާރި އުޅަދެއް ރާއްޖޭގައި ހައްޔަރުވުމުން ކަލާފާނު އެއުޅަދު ދޫކޮށްލެއްވި ވާހަކައެވެ. އަނެއް ވާހަކައަކީ މެންގްލޯރގެ (ހިންދީ) ރާޖާ ދިވެހިރަސްގެފާނާ ގުޅުން ބަދަހިކުރެއްވުމަށް ހަދިޔާ ފޮނުއްވުމުން، ކަލާފާނުވެސް އެރާޖާއަށް ހަދިޔާ ފޮނުއްވައި ދެދަޢުލަތުގެ ދެމެދުގައި ރަހުމަތްތެރިކަން އުފެއްދެވި ވާހަކައެވެ. މީގެ އިތުރުންވެސް މުޙަންމަދު އިސްމާޢީލް ދީދީ (1995) ޕިރާޑާ ހަވާލާދެއްވާ ލިޔުއްވާފައިވަނީ ދިވެހި ރަސްގެފާނާއި އަސޭރަސްގެފާނާއި ދެބޭފުޅުންނަކީ ވަރަށް ގާތް ރަހުމަތްތެރި ދެބޭފުޅުންކަމަށެވެ. މިގުޅުންތައް މިހެން ހުރުމުން ބޭރުގެ ވިޔަފާރިވެރިން އެއްވެސް ޖެހިލުމެއްނެތި ރާއްޖެއަށް އައުމަށް މަގުފަހިވިއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިން ތިޔާގި ފުދުންތެރި ބަޔަކަށް ވުމުގެ ފުރުޞަތު ހުޅުވިފައިވިއެވެ. އަދި ބޭރުގެ ފަރާތްތަކާއެކު ގާތް ރަހުމަތްތެރި ގުޅުންތަކެއް (ޚާރިޖީ ގުޅުންތަކެއް) އޮތުމުން ބޭރު ދުނިޔޭގައި ދިވެހި އުފެއްދުންތަކަށް ރަގަޅު މާކެޓެއް ލިބިގެންދިޔައެވެ.   

ވިޔާފާރީގެ ބޭނުމުގެ އިތުރުން ދިވެހިރާއްޖޭގެ ސަލާމަތައްޓަކައިވެސް ބޭރުގެ ގުޅުންތަކަކީ މުހިންމު ގުޅުންތަކެކެވެ. މިދަރިކޮޅުން އެކަމަށްޓަކައި ހަރުދަނާ ގުޅުންތަކެއް ބޭރުގެ ފަރާތްތަކާއެކު ބޭއްވެވިއެވެ. އެގޮތުން މުޙަންމަދު ތަކުރުފާނު ޕޯޗުގީޒުންނާއެކު ވީއެއްބަސްވުން ފާހަގަ ކޮށްލެވެއެވެ. އެއަށްފަހު ކަލާފާނުގެ ރަސްކަމުގައިވެސް އަވަށްޓެރި ޤައުމުތަކާއެކު ހަރުދަނާ ގުޅުންތަކެއް ގާއިމުކުރެވިފައި އޮތްކަން އިސްވެ ބަޔާންކުރެވުނު ވާހަކަތަކުންވެސް ދޭހަވެއެވެ. މީގެއިތުރުން ކަލާފާނުގެ ރަސްކަމުގައި ރަސްމީސިފައެއްގައި ފަރަންސޭސިންނާއި ދިވެހިންނާ ދެމެދުގައި ގުޅުންތަކެއް ނެތްނަމަވެސް މަލާބާރީން މުކައްރަމް މުޙަންމަދު ޢިމާދުއްދީން ގެންދިޔައިރު ފަރަންސޭސީން ރާއްޖެއަށް ވަރަށް ގިނައިން އައިސްގޮސްވިކަމަށް މުޙަންމަދު އިސްމާޢީލްދީދީ (1982) ބަޔާންތަކުގައި ލިޔެފައި ވެއެވެ. ވީމާ އުތީމު ދަރިކޮޅުގެ ރަސްކަމުގައި ފަރަންސޭސި ގުޅުންތަކެއް އުފެދިފައިވާނެ ކަމަށް ބެލެވެއެވެ.

ޑަޗުންނާއި ދިވެހީންގެ ގުޅުމަށް އުފެދިފައިވަނީ އުތީމު ދަރިކޮޅުގެ ރަސްކަމުގައެވެ. އެހެނީ ނަސީމާ މުޙަންމަދު (2001) ސިލޯނުގެ ގާލީގައިހުރި ޑަޗްރެކޯޑުތަކަށް ހަވާލާދެއްވާ ހާމަކުރައްވާފައިވަނީ 1602މ. އިން (ކަލާފާނުގެ ރަސްކަމުން) ފެށިގެން ރާއްޖެއާއި ޑަޗުމީންނާއި ދެމެދު ވިޔަފާރީގެ ގުޅުންތަކާއި އެހެނިހެން ރަހުމަތްތެރިކަމުގެ ގުޅުންތަކެއް އޮތްކަމަށެވެ. ނަމަވެސް އިނގިރޭސީންގެ ހިމާޔަތަށް ދިޔުމަށްފަހު މިގުޅުންތައް ހުއްޓުނުކަމަށެވެ. އެހެންކަމުން މިދަރިކޮޅުގެ ރަސްކަމުގައި އަވައްޓެރި ޤައުމުތަކުގެ އިތުރުން ޔޫރަޕުގެ ބޮޑެތި ބާރުތަކާއިއެކު ގާތްގުޅުންތަކެއް އުފައްދަވާފައިވާކަން އެނގެއެވެ. ނަތީޖާއެއްގެ ގޮތުން އުތީމުންގެ ރަސްކަމުގެ ދުވަސްވަރުގައި އެބައިމީހުން ރާއްޖެ އަޅުވެތިކުރުމަށް މަސައްކަތެއް ނުކުރެއެވެ. މިއީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެއްވުމަށް އުތީމު ދަރިކޮޅުން ކޮށްފައިވާ ވަރަށް ހިކުމަތްތެރި މަސައްކަތެއްކަން ޔަޤީނެވެ.

ޢުމްރާނީ މަސައްކަތްޕުޅުތައް:

އުތީމު ދަރިކޮޅުން ޤަރުނަކަށްވުރެ ގިނަ އަހަރުވަންދެން ކުރި ރަސްކަމުގައި ޢުމްރާނީ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތަކީ ދުޝްމަނުންގެ ކިބައިން މާލެ ދިފާޢުކުރެއްވުމަށް ކުރައްވާފައިވާ ބުރަ މަސައްކަތްތަކެވެ. މީގެ އިތުރުން ގިނަ މިސްކިތްތަކެއް މިދަރިކޮޅުގެ ރަސްކަމުގައި ބިނާކުރައްވާފައިވެ އެވެ. އޭގެ ތަފުސީލު ތާވަލު 3 ގައި އެވަނީ އެވެ.



ތާވަލު 3 އިން ފެންނަން އެހުރި މިސްކިތްތަކަކީ އަދަދުގެ ގޮތުންބަލާއިރު މަދު މިންވަރެކެވެ. ނަމަވެސް އެޒަމާނަށް ބަލާއިރު (15،16 ވަނަ ޤަރުނަށް ބަލާއިރު) އޭރު ރާއްޖެ އޮތް ހާލަތާއި ފުދުންތެރިކަމާއި ހޭލުންތެރިކަމާއި އެހެނިހެން ކަންކަން ހުންނާނެގޮތް ވަޒަންކޮށްލުމަށްފަހު، ދަންނަވަންޖެހެނީ މިއަދަދަކީ ބޮޑު އަދަދެއްކަމުގައެވެ.

އުތީމު ދަރިކޮޅުގެ ޚާއްޞަވާ ސަބަބު:

މިދަރިކޮޅު ފާހަގަކުރެވިފައިވަނީ އެހެން ދަރިކޮޅުތަކާއި ޚިލާފަށް ރަސްކަންކުރި ހުރިހާ ދުވަހަކު ޤައުމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދާޚިލީ ހަމަޖެހުން ޤައުމުގައި ޢާންމު ކުރި ދަރިކޮޅެއްގެ ގޮތުގައެވެ. މީގެ އިތުރުން ރައްޔިތުންނަށް ފުރިހަމަ އަދުލުއިންސާފެއް ފޯރުކޮށްދިނުމާއެކު، ރައްޔިތުންނަށް ތިޔާގި ފުދުންތެރި ދިރިއުޅުމެއް ހޯދާދިން ދަރިކޮޅެއްގެވެސް ގޮތުގައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އޭގެ ހެޔޮފާލުގައި ކުރިއެރުވުމާއެކު ޚާރިޖީ ގުޅުންތައް އެންމެބޮޑަށް އިތުރުކޮށް ހަރުދަނާ ކުރި ދަރިކޮޅުގެ ގޮތުގައިވެސްމެއެވެ.

ނިންމުން

ދިވެހި ތަޚުތުގައި އުތީމު ދަރިކޮޅަށް ނިސްބަތްވާ ހަތް ރަސްކަލަކު ރެދެލިކުރެވިފައިވެއެވެ. މީގެ ތެރެއިން ގިނަ ރަސްރަސްކަލުންނަކީ ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭބޭފުޅުންނެވެ. އޭގެ ތެރޭގައި މުޙަންމަދު ތަކުރުފާނާއި ކަލާފާނާއި ބޮޑުރަސްގެފާނާއި އިސްކަންދަރު ރަސްގެފާނާއި މުޙަންމަދު މުޙްޔިއްދީން އާދިލް ހިމެނި ވަޑައިގަންނަވައެވެ. މިބޭފުޅުންގެ ނުވަތަ މިދަރިކޮޅުގެ ޚިދުމަތްތަކުގެ ތެރޭގައި ދިވެހި ޤައުމުގެ ދިފާޢުގައި ކުރެއްވެވި ގިނަގުނަ ހަނގުރާމަތަކާއި، ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢުކުރެއްވުމަށާއި، އުމްރާނީ ތަރައްޤީއަށް ޓަކައި ބިނާކުރެއްވެވި ބުރުޒުތަކާއި، ކޮއިލުތަކާއި، މިސްކިތްތައް، ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ދާޚިލީ ހަމަޖެހުން ޤާއިމުކުރެއްވުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާފައިވާ ކަންކަމާއި، ތަޢުލީމް ޢާންމުކުރެއްވުމަށް ހިންގަވާފައިވާ މަޝްރޫޢުތަކަކީވެސް އަގުހުރި ޚިދުމަތްތަކެކެވެ. މީގެއިތުރުން ޚާރިޖީ ގުޅުންތައް ވަރުގަދަކުރައްވައި ޤައުމިއްޔަތެއް ބިނާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތައްވެސް ގިނަގުނަކަން ފާހަގަކޮށްލަން ޖެހެއެވެ. މިހެންކަމުން މިދަރިކޮޅު ފާހަގަކުރެވެނީ ދިވެހި ރަސްކަމުގައި އެންމެ ޚިދުމަތްތެރި ދަރިކޮޅުގެ ގޮތުގައެވެ.
-------------
(ނިމުނީ) 

މަޢުލޫމާތު ހޯދި ވަސީލަތްތައް:
ނަސީމާ މުޙަންމަދު. (2001މ.). އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން 1. ދިވެހީންގެ ތަރިކަ 11. މާލޭ:
     ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ނަސީމާ މުޙަންމަދު. (2000މ.). ދިވެހިންނާއި ޕޯޗުގީޒުން 3،2،1. ދިވެހީންގެ ތަރިކަ 9،8،7. މާލެ: ދިވެހިބަހާއި
     ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ނަސީމާ މުޙަންމަދު. (2010މ.). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ
     ޤައުމީ މަރުކަޒު.
މުޙަންމަދު އިސްމާޢީލް ދީދީ. (1961މ.). ދޮންތުއްކަލާގެ ބައްޕަގެ ހަނދާން. މާލޭ: ނޮވެލްޓީ ޕްރެސް.
މުޙަންމަދު އިސްމާޢީލް ދީދީ. (1995މ.). ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ. މަލަސް 55. މާލޭ: ދިވެހިބަހާއި
     ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙަންމަދު އިބްރާހީމް ލުޠުފީ. (1996މ.). އުތީމު ދަރިކޮޅުގެ ރަސްކަން. މަލަސް 84. މާލެ: ދިވެހިބަހާއި ތާރީޚަށް
     ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙަންމަދު އިބްރާހީމް ލުޠުފީ. (1999މ.). ޑަޗުންނާއި ދިވެހީންގެ ގުޅުން. ފަތްތޫރަ،238. ޞ. 20-24.
މުޙަންމަދު އިބްރާހީމް ލުޠުފީ. (2011މ.). މުޚްތަޞަރު ތާރީޚް ދީބާމަޙަލް. މާލެ: ދިވެހިރާއްޖޭގެ ޤައުމީ
     ޔުނިވާސިޓީ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1993މ.). ދިވެހި ތާރީޚް. މާލެ: މުސައްނިފް
------------------------
މި ލިޔުން:
    ފޮނުވުން:             އަލްފާޟިލް
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ
    އަލުންބެލުމާއި ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ