އަދުގެ ޚާއްސަ

Print

އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިންސާނުން އުފައްދަވައިފައިވާ ފިޠުރަތުގެ ސަބަބުން އިންސާނުންނަކީ ތަފާތު ބައެކެވެ. ވިސްނުމާއި ފިކުރުގެގޮތުން ބެލިކަމުގައި ވިޔަސް، އިސްކޮޅާއި ރޫފައިގެގޮތުން ބެލިކަމުގައި ވިޔަސް ޖިސްމާނީ ހަކަތައާއި ބުންވަރަށް ބެލިކަމުގައި ވިޔަސް މިކަންހުރީ މިގޮތަށެވެ. އެހެންކަމުން އިންސާނުންގެ މެދުގައި މަޢީޝަތުގެ ވަސީލަތްތައް ލިބިގަތުމުގައިވެސް ތަފާތެއް ހުރުމަކީ ޠަބީޢީކަމެކެވެ. ހަމަބުއްދިއާއި، ޢަދުލުވެރިކަމުގެ މިންގަނޑުން ބަލާއިރު މަސްއަލައަކަށްވަނީ އެއްބަޔަކު މަޙުރޫމުކުރެވުމެވެ. ވަކިބަޔަކު ހުއްދަނޫން ފައިދާތައް ލިބިގަތުމެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަޢީޝަތުގެ ދާއިރާއަށް ގެންނަވައިފައިވާ އިޞްލާޙަކީ، އިޤްތިޞާދީގޮތުން ހުއްދަނޫން ފައިދާ ލިބިގަތުން މަނާކުރެއްވުމެވެ. އިންސާނުންގެ މެދުގައި މަޢީޝީ ވަސީލަތްތައް ބެހުމުގައި ޢަދުލުވެރިކަން ޤާއިމުކުރެއްވުމެވެ. ބިމުގައި މާތްﷲ ލައްވައިފައިވާ އެކަލާނގެ ޚަލީފާއިންގެ ޙައިޘިއްޔަތުން ބިމާއި ބިމުގައިވާ އެންމެހައި މުއްސަނދިކަން ހޯދައި ލިބިގަތުމާއި މިލްކުކޮށް ތަޞައްރުފުކުރުމުގެ ހަމަހަމަ ޙައްޤުތައް ލިބިދެއްވުމެވެ. އެންމެންގެވެސް އަސާސީ ބޭނުންތައް ފުދޭފަދަ އިޙްސާންތެރިކަމުގެ ނިޒާމެއް ޤާއިމުކުރެއްވުމެވެ. ނަތީޖާއެއްގެގޮތުން އިސްލާމީ އުއްމަތުގައި ފަޤީރުންނަކީ މަޙްރޫމުވެފައި ތިބި ބައެއް ނޫނެވެ. މުއްސަނދީން ފަދަ ވަސީލަތްތައް ގިނަ ބަޔަކު ކަމުގައި ނުވިޔަސް މެއެވެ. އިސްލާމީ ރަންޒަމާނުގައި ޒަކާތުގައި ހިފާނެ ބަޔަކު ނުވެގެން ޒަކާތުގެ ޢާމިލުން ގޮތްހުސްވެގެން އުޅެން ޖެހުނުކަމީ ޙަޤީޤަތެކެވެ. މިއީ އިސްލާމްދީނުގެ ނަބިއްޔާ ބިންގާއެޅުއްވި އިޤްތިޞާދީ ނިޒާމުގައިހުރި ޙައިރާންވެ އަންތަރީސްވާ ފަދަ މޮޅުކަމެވެ.

ޢަދުލުވެރިކަމާއި އިޙްސާންތެރިކަމުގެ ބިންގަލުގެ މަތީގައި، އިސްލާމްދީނުގެ ނަބިއްޔާ ބިންގާއެޅުއްވި އިޤްތިޞާދީ ނިޒާމުގެ ބައްޓަން ހުރިގޮތާމެދު ވާހަކަދެއްކުމުގެ ކުރީން ބަލައިލަން ޖެހެނީ މިއަދުގެ ދުނިޔޭގައި އިޤްތިޞާދީގޮތުން ހުއްދަނޫން ފައިދާ ލިބިގަތުމުގައި ބޭނުންކުރެވޭ އުކުޅުތަކުގެ މައްޗަށެވެ. އެހެންމީހުންނާއި، ޤައުމުތައް މަޙްރޫމުކުރުމުގެ ވައްޓަފާޅި އޮތްގޮތުގެ މައްޗަށެވެ. އެއްނަޒަރަކުން ބަލާއިރު މިއީވެސް މާގިނަ ތަފްޞީލުތަކެއް ދިނުމުގެ ބޭނުމެއް އޮތް ދާއިރާއެއްކަމުގައި ނުވެވެސް ހިނގައިދާނެއެވެ. އަޅުގަނޑުމެން އެންމެންނަކީވެސް މިއަދުގެ ކަންތައްތައް ހުރިގޮތް ލޮލުންދެކެ އަތުންހިފައި އެކަމަށް ހެކިވާ މީހުން ކަމުގައި ވާތީއެވެ. އަޅުގަނޑުގެ ނަޒަރުގައި ބޭނުންވަނީ އިޤްތިޞާދީ ދާއިރާގައި ހުރި ނުރަނގަޅު ކަންތައް ފާހަގަކޮށްލުމެވެ. އެކަންކަމާ ގުޅިފައިވާ ދާއިރާތައް ދެނެގަތުމެވެ.

އިޤްތިޞާދީ ފޮނިބުއިމާއި މަޙްރޫމުކުރުން


އިންސާނީ ތާރީޚުގެ ގާތްގަނޑަކަށް ހުރިހާ ދައުރުތަކެއްގައިވެސް ބައެއް ޚާއްޞަ އަފުރާދުންނާއި ބައެއް ޤައުމުތަކުން ވަނީ އިޤްތިޞާދީގޮތުން އެހެންމީހުން އަޅުވެތިކޮށްފައެވެ. މާތްﷲގެ ބިމުގައި އެކަލާނގެ ލައްވައިފައިވާ އިޤްތިޞާދީ ވަސީލަތްތައް ތިމާމެންގެ މުށުތެރެއަށް ލައި އެހެންމީހުން މަޙްރޫމުކޮށްފައެވެ. ނަތީޖާއެއްގެގޮތުން ބިންމަތީގައިވަނީ ފަސާދަ ފެތުރިފައެވެ. އިޤްތިޞާދީ ވަސީލަތްތަކާހުރެ ލޭއޮހޮރުވުން ޢާއްމުވެފައެވެ. މިމޭރުމުން އެވޭލާ ޒަމާނުގެ ތާރީޚުގެ ތެރެއަށް ދިޔުމުގެ ބަދަލުގައި އަޅުގަނޑު ކުރުގޮތަކަށް އަލިއަޅުވައިލާނީ ޔޫރަޕުގެ އާހޭލައިގަތުމާ ހަމައިން ފެށިގެން ހިނގައިފައިވާ ޙާދިޘާތަކުގެ މައްޗަށެވެ. އެދުވަސްވަރަކީ ޔޫރަޕުގެ ދަހިވެތިކަމުގެ ކަޅި އިރުމަތީގެ ޤައުމުތަކާ ދިމާޔަށް ހުއްޓޭންފެށި ދުވަސްވަރެވެ. ޚާއްޞަކޮށް އެފްރިކާގެ މުއްސަނދި ޤުދްރަތީ ވަސީލަތްތަކާ ދިމާޔަށް ދަހިވެތިކަމުގެ ނަޒަރަކުން ބަލާން ފެށި ދުވަސްވަރެވެ. އިރުމަތީގެ މުއްސަނދިކަން ފޭރުމަށްޓަކައި ޔޫރަޕުގެ ޤައުމުތައް ވާދައިގެ ރޭސްތައް ބާއްވަންފެށި ދުވަސްވަރެވެ. އެރޭހުގައި ހުޅަނގުގެ ޤައުމުތަކުން ވަނީ އެފްރިކާގެ ބިމުގެ ނުވަދިހަ އިންސައްތަ އަޅުވެތިކޮށްފައެވެ. އެޤައުމުތަކުގެ ޤުދްރަތީ ވަސީލަތްތަކުގެ އިތުރަށް އިންސާނީ އާބާދީވެސް ވަގަށް ނަގައިގެންނާއި ގަދަބާރުން ފޭރިގެން ގެންގޮސް ޔޫރަޕުގެ އިޤްތިޞާދު ވަރުގަދަ ކުރުމުގައި ބޭނުންކޮށްފައެވެ. އިރުމަތީގެ ޤައުމުތަކުގައި ވިޔަފާރީގެ ބޭނުމުގައި އަސްކަރީ މަރުކަޒުތަކާއި ވިޔަފާރީގެ މަރުކަޒުތައް ޤާއިމުކޮށްފައެވެ. އެހުރިހާ ތަފްޞީލެއް ބަޔާންކުރުމަކީ އެތަކެއް ހާސް ޞަފުޙާތަކެއް ބޭނުންވާނެ ކަމެކެވެ.

އަޅުގަނޑުމެންނަށް ސީދާ އަސަރު ފޯރާ ދާއިރާއަށް ނަޒަރު ހިންގާ އިރު ޕޯޗްގީޒުން ވަނީ ކާލީކަޓުގައި ވިޔަފާރިއާއި އަސްކަރީ ނުފޫޒު ޤާއިމުކޮށް ގޯވާ ހިފައިފައެވެ. އެދުވަސްވަރު އެބައިމީހުންގެ ހުއްދަ ލިބިގެން އެބައިމީހުނަށް ކަމިޝަން ދީގެން މެނުވީ އިންޑިޔާ ކަނޑުގައި އެއްވެސް ކަހަލަ ވިޔަފާރިއެއް ހިންގޭކަށެއް ނޯވެއެވެ. މީލާދީން ސަތާރަވަނަ ސައްތައިގައި ޑަޗުން (ދިވެހީން ކިޔާގޮތުން ނަމަ ލަންދޭސީން) ވަނީ ޕޯޗުގީޒުންގެ ބާރު ކަނޑުވައިލައި އިންޑިޔާ ކަނޑުގެ ވިޔަފާރިޔަށް ބާރު ހިންގައިފައެވެ. 1669 އާ ހަމަޔަށް ދިޔައިރު ދުނިޔޭގެ އެންމެ މުއްސަނދި ބަޔަކީ ޑަޗް އީސްޓް އިންޑިޔާ ކުންފުންޏެވެ. އަނެއްކޮޅުން އިނގިރޭސީންގެ އީސްޓް އިންޑިޔާ ކުންފުނީން 1639 ގައި ވަނީ މެޑްރާސް ހިފައިފައެވެ. މުޅި އިންޑިޔަން ސަބްކޮންޓިނެންޓް އަޅުވެތިކޮށްފައެވެ. ސިލޯނުވެސް އެބައިމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަޅުގަނޑުމެން ދިވެހީންގެ ތާރީޚަށް ބަލާއިރުވެސް އެތާރީޚުގެ އެންމެ ކަޅުކުލަގަދަ ފަތްފުށްތަކަކީ އެދުވަސްވަރުގެ ޕޯޗުގީޒުންނާއި އިނގިރޭސީންނާ ގުޅޭ ޞަފުޙާތަކެވެ.

ޔޫރަޕުގެ އިސްތިޢުމާރީ ބާރުތަކުންވަނީ އެފްރިކާއާއި، މެދުއިރުމައްޗާއި، ދުރުއިރުމައްޗާއި، އިންޑިއަން ސަބްކޮންޓިނެންޓާއި، ސްރީ ލަންކާގެ ޤުދުރަތީ ވަސީލަތްތަކުން ޙައިރާންވެ އަންތަރީސްވާވަރަށް ފައިދާ ހޯދައިފައެވެ. އެބައިމީހުންގެ ޚަޒާނާތައް ފުރާލައިފައެވެ. އެވަރުންވެސް ޔޫރަޕުގެ ހިތާއި ބަނޑު ނުފުރޭކަމީ މުޅީން އެހެން މަސްއަލައެކެވެ. ދަހިވެތި ހިތްތަކާއި ބަނޑުތަކަކީ ވެލި ނޫން އެއްޗަކުން ދުވަހަކުވެސް ފުރޭނޭ އެއްޗެއްސެއް ނޫނެވެ. ޔޫރަޕުގެ އިސްތިޢުމާރީ ޤައުމުތައް އިރުމަތީގެ ޤައުމުތަކުންނާއި އެފްރިކާގެ ޤައުމުތަކުން ކަހައިލައިގެން ގެންދިޔަ އިންސާނީ ވަސީލަތްތަކާއި މާއްދީ ވަސީލަތްތަކުގެ އެއްވެސް ފައިދާއެއް އިރުމަތީގެ ޤައުމުތަކަށާއި އެފްރިކާގެ ޤައުމުތަކަކަށް ނުކުރެއެވެ. ހުރިހާ މަންފާއެއް ވީ އިސްތިޢުމާރީ ބާރުތަކަށެވެ. އެފްރިކާއާއި އޭޝިޔާގެ ޤައުމުތައް ހައްތާވެސް މަޙްރޫމުވީއެވެ. ޔޫރަޕުގެ ފޭރޭ ޤައުމުތަކުން ވެރިވީ ބައެއް ޤައުމުތަކުގެ ހަމައެކަނި ވަސީލަތްތައް ބޭނުންކޮށްގެން ފަރުޖެއްސީކީ ނޫނެވެ. އެތަންތާގެ އަސްލު ވަޒަންވެރީން ފައްސައިބޭރުކޮށްވެސްލީއެވެ. މިސާލެއްގެ ގޮތުން އެމެރިކާއާއި އޮސްޓްރޭލިޔާ ފަދަ ޤައުމުތަކުގައި ޢަމަލުކޮށްފައިވަނީ އެގޮތަށެވެ.

މުސްކުޅި ޝިކާރަވެރިޔާ އައުދަލެއް ބަނުން


ދެވަނަ ބޮޑު ހަނގުރާމައާ ހަމަޔަށް ބަލިކަށި ޤައުމުތަކުގެ އިޤްތިޞާދީ ލޭބުއިމަށް ހުޅަނގުން ބޭނުންކޮށް އުޅުނު ގޮތަކީ އެޤައުމުތަކަށް ވެރިވެ ކޮލޮނައިޒްކޮށްގެން ނުވަތަ އެތަންތާނގައި ވަރުގަދަ ޢަސްކަރީ މަރުކަޒުތައް ހަދައިގެން އެތަންތާނގެ އިންސާނީ މުއްސަނދިކަމާއި މާއްދީ ވަސީލަތްތަކުގެ މަންފާ ފޭރެމުން ގެންދިޔުމެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމަޔާ ހަމައިން އެގޮތް ބަދަލުކޮށްފިއެވެ. މިއަދު އަޅުގަނޑުމެން މިދެކޭ ސިފައިގައި ހަމަ އެމަޤްޞަދު ޙާޞިލުކުރަން ފަށައިފިއެވެ.

ދެވަނަ ބޮޑު ހަނގުރާމަ ހިނގަހިނގައި އޮއްވައި 1944 ގެ ޖުލައި މަހުގެ ކުރީކޮޅުގައި ދުނިޔޭގެ އެތައް ޤައުމުތަކަކުން ބްރެޓަން ވުޑްސް އެގްރީމަންޓް (Bretton Woods Agreement) ގައި ސޮއިކޮށްފިއެވެ. އައި.އެމް.އެފް. ވުޖޫދަށް އަތުވެއްޖެއެވެ. އެމެރިކާ ޑޮލަރަށް ދުނިޔޭގައި މަރުކަޒީ ޙައިޘިއްޔަތު ލިބިދީ އެމެރިކާ ޑޮލަރުގެ އަގު ރަނާ ގުޅުވައިފިއެވެ. އެހެނިހެން ޤައުމުތަކަށް އެމެރިކާ ޑޮލަރާއި ރަނާ ނިސްބަތްކޮށް ކަނޑައެޅިފައިވާ ދާއިރާއެއްގެ ތެރޭގައި އެޤައުމުތަކުގެ ފައިސާގެ އަގު ހަމަޖައްސަން ލާޒިމު ކުރުވައިފިއެވެ. އެމެރިކާ ޑޮލަރާއި ރަނުގެ އަގު މިންގަނޑަކަށް ހަދައިފިއެވެ. 1973 ގައި އެމެރިކާއިން ޑޮލަރާއި ރަނާ ހުރި ގުޅުން އަމިއްލަޔަށް ކަނޑައިލިއެވެ. އެހެން އެއްވެސް ޤައުމެއްގެ ބަޔަކު ކުރެން ހޭވެސް އަހައިލުމެއް ނެތިއެވެ. މިގޮތުން ރަނުގެ މަޤާމުވެސް ޑޮލަރު މިލްކުކޮށްލިއެވެ. އެމެރިކާގެ މިކެހިވެރި ޢަމަލުން އެބައިމީހުން ލިބިގަތް އެހެން ޤައުމުތަކުގެ އިޤްތިޞާދީ ލޭބުއިމުގެ ފުރުޞަތު އިޤްތިޞާދީ ކަންކަމާ ވިސްނާވަޑައިގަންނަވާ ފަރާތްތަކަށް ރަނގަޅަށް އޮޅުންފިލާވަޑައިގަންނަވާނެއެވެ.

ހުޅަނގުގެ ޤައުމުތަކުން ދުނިޔޭގެ އިޤްތިޞާދުގެ ހުއްދަ ނޫން ފައިދާ ލިބިގަތުމުގެ ދެވަނަ ވަސީލަތަކީ އައި.އެމް.އެފާއި، ޔޫ.އެން.އޯ. އާއި ވޯރލްޑް ބޭންކާއި އައި.އެފް.ސީ. ފަދަ ބައިނަލްއަޤުވާމީ އިދާރާތައް ކޮންޓްރޯލްކުރުމެވެ. އެބައިމީހުންނަށް ލިބިފައި އޮންނަ ވީޓޯގެ ޙައްޤާއި އަދި އެނޫންވެސް ބާރުތަކުގެ ޒަރީޢާއިންނެވެ. ހުޅަނގުގެ މަޞްލަޙަތުތަކަށް ފާޅުގައި އެއިދާރާތަކުގެ ބޭނުންކުރަމުން ގެންދިޔުމެވެ.

ހުޅަނގުގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ޓަކައި ޖަޕާނާއި މެދުއިރުމައްޗާއި އަދި އެނޫންވެސް ބައެއް ޤައުމުތަކުގައި އެމެރިކާގެ ޢަސްކަރީ މަރުކަޒުތައް އެބަހުއްޓެވެ. ކަނޑުގެ އަރުމާޒުތައް އެބަހުއްޓެވެ. ޢިރާޤުގެ ތެލާއި އަފްޣާނިސްތާނުގެ މަޢުދަނީ ވަސީލަތްތައް ވަނީ ހުޅަނގުގެ އިސްތިބުދާދީ ވަކިތަކުގެ ދަށުގައެވެ. ނަމަވެސް ދުނިޔޭގެ އެހެނިހެން ހިސާބުތަކަށް ވަނީ ހުއްދަނޫން ފައިދާ ލިބިގަންނާނެ އާގޮތްތަކެއް އީޖާދުކޮށްފައެވެ. ބަލިކަށި ޤައުމުތަކުގެ ވަސީލަތްތައް ބާރުގަދަ ޤައުމުތަކާ ދިމާޔަށް ކަހައިލާކަށެއް މިހާރަކު ކޮންމެހެން ކޮލޮނައިޒް ކުރާކަށެއް ނުޖެހެއެވެ. ޢަސްކަރީ މަރުކަޒުތަކެއް ހަދާކަށެއް ނުޖެހެއެވެ. ތިރީގައި މިވަނީ އެކަމަށްޓަކައި ބޭނުންކުރެވޭ ބައެއް އުކުޅުތަކެވެ.

1.    ޢަސްކަރީ ޑިކްޓޭޓަރުން ނުވަތަ ޤައުމަށް ތެދުވެރިކަމެއް ނެތް ވެރީން މެދުވެރިކޮށް ޤައުމުތަކުގެ ފައިދާބޮޑު އެސެޓުތަކުގެ މިލްކުވެރިކަން ހުޅަނގަށް މަންފާވާގޮތަށް ބަދަލުކުރުވުމާއި، ހުޅަނގުގެ ޤައުމުތަކަށް ފަހިވާގޮތަށް އިޤްތިޞާދީ، އިޖުތިމާޢީ ނިޒާމުތަކަށް "އިޞްލާޙު" ގެނައުން. އެ އިޞްލާޙުތަކަކީ ޖުމްހޫރީ މާހޫލެއްގައި ޢާއްމުން އެއްގޮތަކަށްވެސް ބަލައިގަންނަފަދަ އިޞްލާޙުތަކެއް ނޫނެވެ.

2.    ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށްވުރެ ބޮޑަށް އަމިއްލަ މަޞްލަޙަތަށް އިސްކަންދޭ ވަރަށް ހުޅަނގުގެ ކުލަ ޖެހިފައިތިބޭ ފުލުހުންނާއި، ނިޔާ ކަނޑައަޅާ ފަރާތްތަކާއި، ސިވިލް ސަރވަންޓުން ބާރުވެރިކުރުވުން.

3.    ބޭރުފުށުން މިނިވަންކަމުގެ ދަޢުވާކުރާ، އެކަމަކު ކޯރޕަރޭޓް ސެކްޓަރުގެ އިޤްތިޞާދީ މަޞްލަޙަތުގެ ނޯކަރުން ކަމުގައި ހިމެނޭ ނޫސްވެރިކަމެއް ޤާއިމުކުރުން.

ހުޅަނގުގެ ކުލަޖެހިފައިވާ ޤާނޫނުހަދާ ފަރާތްތަކާއި، ނިޔާކަނޑައެޅުމުގެ ބާރުތަކާއި، ހިންގުމުގެ ބާރުތަކާއި، ނޫސްވެރިކަމުގެ ބާރުތައް ޢާއްމުގޮތެއްގައި މަސައްކަތްކުރަމުން ގެންދަނީ ކޯރޕަރޭޓް ސެކްޓަރާއި ބައިނަލްއަޤުވާމީ ވިޔަފާރި ކުންފުނިތަކުގެ މަޞްލަޙަތާ އެއްގޮތަށެވެ. ކޯރޕަރޭޓް ސެކްޓަރުގެ ދަހިވެތިކަން ދުވަހެއް ދުވަހަކަށް ގެންދަނީ ޢާއްމުންނަށް ދިރިއުޅުމުގެ އުނދަގޫތައް އިތުރުކުރަމުންނެވެ. ކޯރޕަރޭޓް ސެކްޓަރުގެ ދަހިވެތިކަމާއި މަންފާ ލިބިގަތުމުގައި ތިމާގެ މީހެއް ދުރުހިލޭމީހެއް ތަފާތެއް ނުކުރެއެވެ. ނަތީޖާއެއްގެގޮތުން އިރުމަތީގެ މީހަކަށް ވިޔަސް ހުޅަނގުގެ މީހަކަށް ވިޔަސް، މުއްސަނދި ޤައުމެއްގެ މީހަކަށް ވިޔަސް ފަޤީރު ޤައުމެއްގެ މީހަކަށް ވިޔަސް ޢާއްމުން ތިބީ އެއް ޙާލެއްގައެވެ. ކޯރޕަރޭޓް ސެކްޓަރުގެ އޮބީގައި ތާށިވެ ފިތިފައެވެ.
----------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ