އަދުގެ ޚާއްސަ

Print

އިންޑަސްވާދީގެ ރަށްވެހިކަމާއި ދިވެހީން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ



ފެށުން

ދުނިޔޭގައި އުފެދު ޙަޟާރަތްތަކުގެ ތެރެއިން ދިވެހިރާއްޖެއާއި އެންމެ ގުޅުން ބޮޑު ޙަޟާރަތަކީ އިންޑިޔާގައި އުފެދުނު އިންޑަސްވާދީގެ ރަށްވެހިކަން ނުވަތަ އިންޑަސް ސިވިލައިޒޭޝަންކަމީ ދެބަސްވެވެންނެތް ހަޤީޤަތެކެވެ. އެހެނީ ރާއްޖޭގެ ވަޒަންވެރިންނާއި އިންޑަސް ޙަޟާރަތުގެ ވަޒަންވެރިންގެ ސިފަޔާއި އުޅުމާއި ދީނާއި އަޤީދާގެ އެއްގޮތްކަމެވެ. އަދި ރާއްޖެއިން ފެނިފައިވާ އާޘާރުތަކާއި އެއްގޮތް އެތައް އެއްޗަކާއި އެތައް ތަނެއް އިންޑަސްވާދީން ފެނިފައިވެސް ވާތީ އެވެ. އެހެންނަމަވެސް ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ އޮތް މަޤާމުގެ ނުވަތަ ތަނުގެ ސަބަބުން އިންޑަސްނޫން އެހެން ޤައުމުތަކުގެ ދަތުރުވެރިންވެސް އެބައިމީހުންގެ ހިތާމަތަކާއި އުފާތައް ރާއްޖޭގެ ފަސްގަނޑުގައި ޙިއްސާކޮށްފައި ވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމުގެ ހެކިތައްވެސް ރާއްޖެއިން ފެނިފައި ވެއެވެ. ނަމަވެސް ރާއްޖޭގެ ރަށްވެހިންގެ އަޞްލު ހޯދުމަށް މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގި ހާމަވަނީ ރާއްޖެ އާއި އިންޑަސް އާއި ދެމެދުގައި ވަރަށް ޒަމާންވީ ހަރުދަނާ ގުޅުންތަކެއް އޮތްކަމެވެ. އެހެންކަމުން މި މަޒުމޫނުގައި ބަލާލާފައި ވަނީ ރާއްޖެއާއި އިންޑަސްވާދީ ޙަޟާރަތާއި ދެމެދުގައި އޮތް ގުޅުންތަކާއި އެގުޅުންތައް ފެށުނު ދުވަސްވަރުގެ މައްޗަށެވެ. އެގޮތުން މިދެމެދުގައިވާ އާޘާރީ، ދީނީ، ބަހަވީ އަދި އާދަކާދައާއި ޘަޤާފީ ގުޅުންތަކާއި އެގުޅުންތައް ފެށުނުގޮތުގެ މައްޗަށް އަލިއަޅުވާލާފައި ވާނެ އެވެ.  

ރާއްޖެ އުފެދުން

ރާއްޖެ އުފެދުނުގޮތާއި ބެހޭގޮތުން އެންމެ ފުރަތަމަ ޚިޔާލެއް ފައުޅުކުރެއްވީ ޗާލްސް ޑާވިން އެވެ. އޭނާގެ ނަޒަރިއްޔާތު އުފަންވީ މީލާދީން 1842 ވަނަ އަހަރުގަ އެވެ. ޑރ. މުޙަންމަދު ޢަލީ (2010) ހާމަކުރައްވާ ގޮތުންނަމަ ޑާވިންގެ މި ނަޒަރިއްޔާތު އުފެއްދެވީ 1830މ. ވަނަ އަހަރު ރާއްޖެއަށް ވަޑައިގަންނެވި އިނގިރޭސިއެއް ކަމުގައިވާ "ސްވޭލް" ރާއްޖެއިން ގެންދެވި ރާއްޖޭގެ ޗާޓެއްގެ މައްޗަށް ބިނާކޮށެވެ. އެހެނީ ޑާވިން ދުވަހަކުވެސް ރާއްޖެއަށް ވަޑައިގެންނެވި ކަމެއް އެނގޭކަށް ނެތެވެ.
    
ޑާވިން ދެކިލައްވާ ގޮތުގައި ރާއްޖެ އުފެދުމުގެ ކުރީގައި ރާއްޖެ މިއޮތް ސަރަހައްދަކީ އަލިފާން ފަރުބަދަތަކުން ފުރިފައިވީ ތަނެކެވެ. އަދި ޒަމާންތަކަކަށްފަހު މިފަރުބަދަތައް ގޮވައި ކަނޑުގެ ތެރެއަށް ޣަރަޤުވެގެން ދިޔަ އެވެ. އަލިފާން ފަރުބަދަތައް ޣަރަޤުވަމުން ދިޔަ ދުވަސްވަރު އެ ފަރުބަދަތަކުގައި މުރަކަ ހިފަމުން ދިޔަ ކަމަށްވެ އެވެ. އަދި ފަރުބަދަތައް އެއްކޮށް ޣަރަޤުވެގެން ދިޔައިރު މިމުރަކަތައް އާލާވެ، ފެތުރި، ބޮޑުވެ، ފަރުތަކެއްހެން ވަމުންދިޔަ އެވެ. މި ފަރުތައް އުފެދުނުތާ އެތައް އަހަރަކަށްފަހު، ފިނޮޅު އުފެދި ރަށްތަކަކަށްވީ ކަމަށް ޑާވިން ހާމަކުރައްވަ އެވެ. ނަމަވެސް ޑާވިންގެ މި ނަޒަރިއްޔާތާއި ރާއްޖޭގެ ބައެއް އަތޮޅުތައް އުފެދިފައިވާ ގޮތާއި ޚިލާފުތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. މިސާލަކަށް: ޑާވިން ބުނާގޮތުންނަމަ ރާއްޖޭގެ ރަށްތައް ހުންނަން ވާނީ އަތޮޅުގެ ބޭރު އަރިމަތީގަ އެވެ. އެހެނީ ޑާވިން ހާމަކުރައްވާ ގޮތުން ޣަރަޤުވަމުން ދިޔަ އަލިފާން ފަރުބަދަތަކުގައި މުރަކަ ހިފައި، އާލާވެ، ރަށްތައް އުފެދުނީ ފަރުބަދަތަކުގެ ވަށައިގެންނެވެ. ވީމާ އަތޮޅުތަކުގެ މެދުތެރެ ވާނީ ފުން ކަނޑުތަކަށެވެ. ނަމަވެސް ޑާވިންގެ ނަޒަރިއްޔާތު ބުނާގޮތާއި ޚިލާފަށް ބޮޑުތިލަދުންމަތި 'އަތޮޅުގައި' މުޅި އަތޮޅުގެ އެތެރެވަރީގައިވެސް ރަށްރަށް އެބަހުއްޓެވެ. ވީމާ ރާއްޖެ އުފެދިފައި މިވަނީ ޑާވިން އެވިދާޅުވާގޮތަށް ނޫންކަމަށް ދަންނަވަން ޖެހެއެވެ.
    
ދުނިޔެ އުފެދިފައި ވަނީ ޕްލޭޓް ތަކެއްގެ މަތީގަ އެވެ. މި ޕްލޭޓްތަކަކީ އަބަދުވެސް ހަރަކާތްކުރަމުން ނުވަތަ ދަތުރުކުރަމުންދާ އެއްޗެހިތަކެކެވެ. މިގޮތަށް ޕްލޭޓްތައް ކުރަމުން ދިޔަ ދަތުރުތަކުގައި، މީގެ އެތައް މިލިޔަން އަހަރު ކުރިން މި ޕްލޭޓްތަކަށް ލޮޅުންތަކެއް އެރި ކަމަށްވެ އެވެ. މިއެރި ލޮޅުންތަކާއި ގުޅިގެން ދިވެހިރާއްޖެ އުފެދުމަށް މެދުވެރިވި ކަމަށް ޑރ. މުޙަންމަދު ޢަލީ (2010) ލަފާކުރައްވަ އެވެ. މި ލޮޅުންތައް އެރުމުގެ ކުރީގައި ރާއްޖެއޮތް ސަޙަރައްދަކީ އުސް ފަރުބަދަތަކާއި ވާދީތަކެއްގެ މައްޗަށް އެކުލުވެވިގެންވީ ސަރަޙައްދެކެވެ. ނަމަވެސް ޕްލޭޓްތަކުގެ މެދުގައި އުފެދުނު ލޮޅުންތަކުގެ ސަބަބުން މިސަރަހައްދުގައި އޮތް ވާދީތަކާއި ފަރުބަދަތައް ވިރި ޣަރަޤުވެގެން ދިޔައީކަމަށް ޑރ. މުޙަންމަދު ޢަލީ (2010) ހާމަކުރައްވައެވެ. ފަރުބަދަތަކާއި ވާދީތައް ޣަރަޤުވުމާއެކު މި ސަރަޙައްދު މާސިންގާ ކަނޑަކަށް ބަދަލުވެގެން ދިޔައީ އެވެ. އެއީ މިހާރު މިއުފެދޭ ސުނާމީތައް އުފެދޭފަދައިން ޕްލޭޓްތައް ހަރަކާތް ކުރުމުގެ ތެރޭގައި ހިނގި ހާދިސާއެއް ކަމަށް ލަފާކުރެވެ އެވެ.
     
ދިވެހިރާއްޖެ އުފެދިފައި ވަނީ ވިރިގެން ފައިބާފައިވާ ހިލަތަކެއްގެ މަތީގަ އެވެ. އެހެނީ މިހާރުގެ ހޯދުންތަކުން ޘާބިތުވާގޮތުގައި ރާއްޖެއޮތް ސަރަޙައްދު ޣަރަޤުވުމަށްފަހު މިހާރުގެ ރީޔޫނިޔަންގައި ހުރި ވަޅަކުން ހިލަ ވިރިގެން ދިވެހިރާއްޖެއޮތް ސަރަޙައްދުގެ ކަނޑަށް ފައިބާފައިވެ އެވެ. އެހެންކަމުން ކަނޑު ތެރެއަށް ފައިބައިގެން މިދިޔަ ދިޔާހިލަތަކުން ކަނޑުގެ އަޑީގައި ފައުންޑޭޝަނެއް އުފެދުނެވެ. ނަސީމާ މުޙަންމަދު (1998) ހާމަކުރައްވާގޮތުގައި ކަނޑުއަޑީގައި މިއުފެދިފައިވާ ފައުންޑޭޝަނުގެ ދިގުމިނުގައި 3000 ކިލޯމީޓަރު ހުރެ އެވެ. އަދި ފައުންޑޭޝަން ބައްޓަންވެފައި ވަނީ ހަނި ދިގު ފަރުބަދައެއް ކަހަލަ ގޮތަކަށްކަމަށް މުޙަންމަދު ޢަލީ (2010) ހާމަކުރައްވަ އެވެ. ޗޭގޮސްރިޖްގެ ނުވަތަ މި ފައުންޑޭޝަނުގެ ޢުމުރަކީ 52.7 މިލިޔަން އަހަރުކަމަށް ލަފާކުރެވެ އެވެ. ނަސީމާ މުޙަންމަދު (1998) ވެސް ލަފާކުރައްވާގޮތުގައި ދިވެހިރާއްޖޭގެ އުފެދުން މީގެ ދުއިސައްތަ މިލިޔަން އަހަރު ކުރިއަށްދެއެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ނުކުތާއަކީ މިގޮތަށް ވިރިގެން ފައިބާ ހިލަ މިހާރުވެސް އެ ވަޅުގަނޑުން ކަނޑުގެތެރެއަށް އެޅެމުންދާކަމެވެ. އެހެންވީމާ ރާއްޖެއޮންނަ ސަރަހައްދަށް މަޑުމަޑުން ބަދަލު އަންނަމުން ދާނެކަމެވެ.  
    
ކަނޑުގެ އަޑީގައި އުފެދުނު ފައުންޑޭޝަނުގައި މުރަކަހިފައި ދިވެހިރާއްޖޭގެ ރަށްތައް އުފެދުނެވެ. ކަނޑުގެ އަޑީގައި އުފެދުނު ފައުންޑޭޝަނުގައި މުރަކަހިފައި ކާބަނޭޓް ނުވަތަ ފަރުގެ ގޮތަށް ހެދެން ފެށީ މިފައުންޑޭޝަން އުފެދުނުތާ، ގާތްގަނޑަކަށް 7 މިލިއަން އަހަރު ފަހުންނެވެ. މިފައުންޑޭޝަނުގައި މުރަކަ ހިފުމަށް މަގުފަހިވީ ފުރަތަމަ ފަހަރަށް ދުނިޔެއަށް އައި އައިސްއޭޖްއާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު (ކަނޑުގެ ސަތަޙަ) ވަރަށް ބޮޑަށް ދަށަށް ދިޔުމުންކަމަށް މުޙަންމަދު ޢަލީ (2010) ހާމަކުރައްވަ އެވެ. އަދި އެދުވަސްވަރު ކަނޑުގެ ސަރަޙައްދަށް އަންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން އުފެދެމުން އައި ފަރުތަކުގެ އުފެދުމަށް ވަރަށް ބޮޑެތި އަސަރުތަކެއްކޮށް ތަފާތު ގޮތްތަކަކަށް ފަރުތައް ބައްޓަން ވަމުންދިޔަ އެވެ. ހަމައެއާއެކު ދެވަނަ އައިސް އޭޖާ ގުޅިގެން  ލޮނުގަނޑު އިތުރަށް ދަށަށްދިޔަ އެވެ. ނަތީޖާއެއްގެގޮތުން މުރަކަތައް ފެނުން މައްޗަށް ހާމަވާގޮތަށް ލައްކައެއްހާ އަހަރު ހުއްޓެވެ. މިހެންވުމުން މުރަކަތައް ހަލާކުވެފައިވަނިކޮށް، އައިސް އޭޖް ނިމި، އަލުން ލޮނުގަނޑު އުފުލުމާގުޅިގެން ބޮޑަށް ހަލާކުވެފައިވާ މުރަކައިގެ ސަރަޙައްދުތައް ފުންވެ، ކަނޑުތަކަކަށް ބަދަލުވިއެވެ. އަދި އުސްކޮށްހުރި ހިސާބުތަކުގައި މުރަކަ އާލާވެ، އެތަންތަން ވަރަށް އަވަހަށް ހެދެންފެށި އެވެ. މިތަންތަން ފަރުތަކެއްގެގޮތަށްވެ ރަށްތައް އުފެދުނީ އެވެ. އެހެންކަމުން މިހާރު ރާއްޖެ މިއޮތްގޮތަށް އުފެދުނީ ކަމަށް މުޙަންމަދު ޢަލީ (2010) ޔަޤީންކުރައްވަ އެވެ. މީގެއެއް ހެއްކަކީ މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން އައު ފަރުތަކާއި ގިރިތައް އުފެދެމުން އައުމެވެ.
    
ރާއްޖޭގެ ރަށްރަށުގެ ޢުމުރަށް ބަލާއިރު އެކިރަށްރަށުގެ އުމުރު އެކިވަރެވެ. އެހެންއެވަނީ ކުރިންވެސް ދެންނެވުނު ފަދައިން ރާއްޖެ އުފެދެމުން އަންނާތީ އެވެ. ކުރެވިފައިވާ ތަހުލީލްތަކުން ކަށަވަރުވާގޮތުގައި ރާއްޖޭގެ ބައެއް ރަށްރަށް، މީހުނަށް އުޅެވޭ ވަރަށް އުފެދިފައިވާނީ މީގެ 4000 އަހަރު ކުރިން ކަމަށް މުހަންމަދު ޢަލީ (2010) ހާމަކުރައްވަ އެވެ. އެހެންކަމަށްވާނަމަ މިއަށްވުރެން ދޮށީ ރަށްރަށާއި ހަގު ރަށްރަށްވެސް ރާއްޖޭގައި ހުންނާނެ އެވެ. އެހެނީ މިހާރުވެސް ރާއްޖޭގައި އަލަށް އުފެދޭ ރަށްރަށާއި ވޮޑިގިރާ ރަށްރަށް އެބަހުއްޓެވެ.

ރާއްޖޭގައި މީހުން ވަޒަންވެރިވުމާއި ވަޒަންވެރިން

ރާއްޖޭގައި އިންސާނުން ވަޒަންވެރިގޮތްކަމަށް ލަފާކުރެވޭ ތަފާތު އެތައްގޮތެއްވެ އެވެ. މީގެތެރެއިން ފުރަތަމަ ގޮތަކީ ނަސީމާ މުޙަންމަދު (2000) ދެކިލައްވާގޮތެވެ. އެއީ ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީ މަލާބާރުކަރައިގެ މަސްވެރިންކަމަށް އެކަމަނާ ފައުޅުކުރައްވާ ޚިޔާލެވެ. މިޚިޔާލަށް އެކަމަނާ ދައްކަވާ ހެއްކަކީ "ލެކަޑިވްސް 'ލަކުޑިދީބު' އާއި ދިވެހިރާއްޖެ އާއި ޗާގޯސް ރިޖަކީ އެއް ގުރޫޕެއްގެ ރަށްތަކަކަށްވެފައި މިރަށްތަކާއި އެންމެ ކައިރީގައިވަނީ އިންޑިޔާގެ ހުޅަނގުފަރާތު ސަރަހައްދު ކަމަށްވުމެވެ." އެހެންކަމުން  މަލާބާރުކަރައިގެ ނުވަތަ ހުޅަނގު އިންޑިޔާގެ މަސްވެރިންނަށް ރާއްޖެއަށް އާދެވިފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެކަމަނާ ދެކިލައްވައެވެ.
    
ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވިކަމަށް ލަފާކުރެވޭ ދެވަނަގޮތަކީ އިންޑަސްގެ އަހުލުވެރިން ރޯމަނަށް ކުރި ދަތުރުތަކުގައި ރާއްޖެ ފެނި އެބައިމީހުންގެ ބަޔަކު ރާއްޖޭގައި ވަޒަންވެރިވީ ކަމަށް ކުރެވޭ ލަފާއެވެ. އެއީ  'އަޔަން އޭޖްގެ ދުވަސްވަރު' އިންޑަސް ވާދީގެ އަހުލުވެރިން އިންޑިޔާއިންނާއި ލަންކާއިން ރޯމަނަށް ކުރި ވިޔަފާރި ދަތުރުތަކުގައި ރާއްޖެ ފެނި އެބައިމީހުންގެ ބަޔަކު ރާއްޖޭގައި ވަޒަންވެރިވުމެވެ. އެހެންކަމަށް ވާނަމަ އެދުވަސްވަރު ވާނީ ފުރަތަމަ މިލީނިއަމްގެ "ބީ.ސީގެ" ދުވަސްވަރަށް ކަމަށް ނަސީމާ މުޙަންމަދު (2000) ލަފާކުރައްވައެވެ. އެހެނީ އެޒަމާނުގައި މިސަރަޙައްދުން އެންމެ ގިނައިން ދަތުރުކުރާނެ ބަޔަކީ އިންޑަސްގެ ވިޔަފާރިވެރިންކަން ޔަޤީނެވެ.
    
ރާއްޖޭގައި މީހުން ވަޒަންވެރިވިގޮތް  ކަމަށް ލަފާކުރެވޭ ތިންވަނަ ގޮތަކީ ޑރ. ރަގުޕަތީ ހާމަކުރައްވާ ޚިޔާލެވެ. އެއީ ކަނޑުމަތީގެ ދަތުރުތަކުގައި ރާއްޖޭގެ ފަރުތަކަށް އެރުމުން މަރުން ސަލާމަތްވާ މީހުން ރާއްޖޭގައި ވަޒަންވެރިވާން ފެށުމެވެ. އެހާހިސާބުން ރާއްޖޭގައި މީހުން އާބާދުވީކަމަށް ޑރ. ރަގުޕަތީ ދެކިލައްވައެވެ. ކޮންމެއަކަސް ރާއްޖެ އުފެދުނު ދުވަސްވަރު މިސަރަޙައްދުގައި އެންމެ ގިނައިން ދަތުރުކޮށްފައި ވާނީ އިންޑަސްގެ އަހުލުވެރިންކަން ކަށަވަރެވެ. ވީމާ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވާނެކަމަށް ލަފާކުރެވެނީ އެރަށްވެހިކަމުގެ އަހުލުވެރިންނެވެ.
     
ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮތް ހިސާބަކީ އިންޑަސްގެ ރަށްވެހިކަން އުފެދުނީއްސުރެ ވަރަށް ކާރޫބާރޫ ބޮޑު ސަރަޙައްދެކެވެ. ވީމާ ވަރަށް ގިނަ ފަހަރަށް ދުނިޔޭގެ އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް ދަތުރުކުރާ ދަތުރުވެރީންގެ މަންޒިލަކަށް ރާއްޖެ ވެފައިވާނެއެވެ. ނަސީމާ މުޙަންމަދު (1998) ހާމަކުރައްވާގޮތުގައި "ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި ހިންދުކަނޑު ހުރަސްކޮށް އުތުރު ކަރަޔަށާއި ދުރު އިރުމައްޗަށް ނާފަހަރު ދަތުރުކުރަން ފެށީއްސުރެ މިރާއްޖެގައި މީހުން ދިރިއުޅެފައި ވާނެއެވެ" (ޞ. 31). އެހެންކަމަށް ވާނަމަ ރައްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރި ވާނީ އިންޑަސްގެ ރަށްވެހިން ކަމަށް ވުމުގެ ފުރުޞަތު ބޮޑެވެ. އެހެނީ ރާއްޖެ އުފެދިފައި ވަނީ އިންޑަސްގެ ރަށްވެހިކަން އޮތް ސަރަޙައްދާއި ވަރަށް ކައިރި ހިސާބެއްގަ އެވެ. އަދި އިންޑަސް ރަށްވެހިންނަކީ ދަތުރުވެރި ބައެއްވެސްމެއެވެ. އެހެންކަމުން  އެބައިމީހުން ހުޅަނގަށް ކުރި ދަތުރުތަކުގައި ރާއްޖެއަށް އާދެވިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
    
ރާއްޖެ އޮތީ ދެކުނު އޭޝިޔާ އާއި ދުނިޔޭގެ ދެކުނާއި ގުޅުވާލަދޭ ދޮރާށީގައެވެ. އެހެންކަމުން މިދެމެދުގައި ދަތުރުކުރެވެމުން އަންނަނީ ދިވެހިރާއްޖޭގެ ކަނޑު ހުރަސްކޮށެވެ.  ސައްޔާހުންގެ ލިޔުންތަކުން ހާމަވާގޮތުގައި މިގޮތަށް ރާއްޖޭގެ ކަނޑުއޮޅިތައް ހުރަސްކޮށް ދަތުރުކުރާން މަސައްކަތްކުރި ވަރަށް ގިނަ އުޅަދުތައް ވަނީ ދިވެހި ފަރުތަކަށް އުރި ހަލާކުވެފައެވެ. އެހެންކަމަށްވާނަމަ ފަރުތަކަށް އުރިގެން ހަލާކުވި ވަރަށް ގިނަ އުޅަދުފަހަރުގެ މީހުން ރާއްޖޭގައި ވަޒަންވެރިވާން މަޖުބޫރުވެ، ވަޒަންވެރިވާނެކަމަށް ޤަބޫލުކުރެވޭކަމަށް ޑރ. ރަގުޕަތީ (1993) އާއި ހަވާލާދެއްވާ ނަސީމާ މުޙައްމަދު (2000) ހާމަކުރައްވާފައިވެއެވެ. މިގޮތަށް ދަތުރުކުރަމުންދިޔަ އުޅަދު ދިވެހި ފަރުތަކަށް އުރުމުގެ ސަބަބުން ރާއްޖޭގައި ވަޒަންވެރިވެފައިވާނެ ކަމަށް ޑރ. ރަގުޕަތީ ލަފާކުރައްވަނީ:
1.    ހުޅަނގު އިންޑިޔާއަށް ނިސްބަތްވާ "ޕްރާކްރިތުން" ވާހަކަދައްކާ ސިންހަޅައިން.
2.    ކެރެލާއަށް ނިސްބަތްވާ "މުސްކުޅި ތަމަޅަބަހުން" ވާހަކަދައްކާ ތަމަޅައިން.
3.    ލަންކާއަށް ނިސްބަތްވާ "މުސްކުޅި ސިންހަޅަ ބަހުން" ވާހަކަދައްކާ ސިންގަޅައިން.
މިގޮތަށް ލަފާކުރެވެނީ އިސްވެ ބަޔާންކުރެވުނު ނަޞްލުގެ ނުވަތަ އެމީހުންގެ ބަހާއި އެއްގޮތް ގޮތަކަށް ބަސްބޭނުންކުރާ އަދި ސިފަ އެއްގޮތް މީހުން ދިވެހިރާއްޖޭގެ ބައެއް ރަށްރަށުން ގިނަ އަދަދަކަށް ފެންނާތީއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ވަކިވަކި ރަށްރަށަށް ނަޒަރު ހިންގާލުމުން ޑރ. ރަގުޕަތީގެ މި ޚިޔާލަށް ތާއީދުކުރެވެއެވެ.
    
ބައެއް މުއައްރިޚުން ދެކިލައްވާގޮތުގައި ރާއްޖޭގައި މީހުން އާބާދުވެފައި ވަނީ ބީ.ސީން 5 ވަނަ ޤަރުނުގައެވެ. އެގޮތުން އުރުމިލާ ފާޑްނިސް އެލަދަތު ލުއިޓިޓުއި (1985) ލަފާކުރައްވާގޮތުގައި ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް އިންސާނުން އައިސްފައި ވަނީ ބީ. ސީން 5 ނުވަތަ 6 ވަނަ ޤަރުނު ތެރޭގައެވެ. އަދި އެއައި ބަޔަކީ އިންޑަސްވާދީގެ ކޯރެއްކަމަށްވާ ސަރަސްވަތީ ކޯރުގެ އައްސޭރީގައި އޮތް "ކާލިބަން ނަމަކަށް ކިޔުނު ރަށެއްގެ މީހުން"ނެވެ. މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު ދީވީން ކަމަށް އަޙްމަދު ޝިހާބުއްދީން (އަހަރުނެތް) އެނާގެ ފޮތުގައި ލިޔުއްވާފައިވެއެވެ. އެހެންކަމަށްވާނަމަ ރާއްޖޭގެ ވަޒަންވެރިންގެ ތެރޭގައި އިންޑަސް ރަށްވެހިކަމުގެ އަސަރުތައް ވަރަށް ގަދަޔަށް ހުންނަން ޖެހޭނެކަން ޔަޤީނެވެ.
    
ސްރީލަންކާގެ މަޝްހޫރު ތާރީޚީ ފޮތް "މަހަވަންސާ"ގައި ދިވެހިރާއްޖޭގެ ވަޒަންވެރިންނާމެދު އަލިއަޅުވާލާފައި ވެއެވެ. ނަސީމާ މުޙަންމަދު (1998) މަހަވަންސާއާއި ހަވާލާދެއްވައި ހާމަކުރައްވާގޮތުގައި ލަންކާގެ ސިންހަޅަ ދަރިކޮޅުގެ ފެށުންކަމަށްވާ ޕްރިންސް ވިޖެޔާ ލަންކާއަށް އައީ މީލާދުގެ 500 އަހަރު ކުރިންނެވެ. އަދި ޕްރިންސް ވިޖެޔާ ލަންކާއަށް އައުމަށް މިކުރި ދަތުރުގައި ބައިވެރިވި ނައުތަކުގެ ތެރެއިން އެއް ނަވަށް މަގުއޮޅިގެން އާދެވުނީ ދިވެހިރާއްޖެއަށެވެ. އެހެންކަމުން އެނަވުގައި ތިބިމީހުން ރާއްޖޭގައި ވަޒަންވެރިވީއެވެ. ނަމަވެސް މިބައިމީހުން ރާއްޖެއަށް އައިއިރުވެސް ރާއްޖޭގައި އަދި އެހެން ދަރިކޮޅަކަށް ނިސްބަތްވާ ބަޔަކު ދިރިއުޅެމުންދިޔައެވެ. އެބަޔަކީ ޑްރެވީޑިޔަން އާއިލާއަށް ނިސްބަތްވާ ބައެއް ކަމަށް ލަފާކުރެވިފައި ވާކަމަށް އެކަމަނާ ހާމަ ކުރައްވައެވެ. އެހެންކަމުން ސިންހަޅައިން ރާއްޖޭގައި ވަޒަންވެރިވީއިރުވެސް ދިވެހިރާއްޖޭގައި ޑްރިވީޑިއަނުން ނުވަތަ އިންޑަސް ވާދީއަށް ނިސްބަތްވާ ބަޔަކު އުޅެމުން ދިޔަކަމަށް ބެލެވެއެވެ.
     
ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންގެ ތެރޭގައި އިންޑަސްގެ އަހުލުވެރިން ހިމެނެއެވެ. އެހެނީ ދިވެހިރާއްޖެ އުފެދުނުއިރު މިސަރަހައްދުގައި އެންމެ ގިނައިން ދަތުރުކުރި އެއް ބަޔަކީ އެބައި މީހުންނެވެ. އެހެންކަމުން އޭގެ ބަޔަކު ރާއްޖޭގައި ވަޒަންވެރިވެފައި ވާނެކަމަށް ބެލެވެއެވެ. ރާއްޖޭގެ ވަޒަންވެރިން ކަމުގައި ބުނެވޭ ދީވީންނާއި ޑްރިވީޑިއަނުންނާއި ސިންހަޅައިންނަކީވެސް އިންޑަސް ރަށްވެހިންގެ ތެރޭގައި ހިމެނޭ ދަރިކޮޅު ތަކެކެވެ. ވީމާ ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީ އިންޑަސް އަށް ނިސްބަތްވާ ބައެއްކަން ޔަޤީން ކުރެވެއެވެ. އަދިހަމަ ރާއްޖޭގައި އެބަޔަކު ވަޒަންވެރިވެފައި ވާނީ މީލާދުގެ 5 ވަރަކަށް ޤަރުނުކުރިންނެވެ. އެއީ ފެންނަންހުރި ލިޔެކިޔުންތަކުން މިކަމަށް ހެކިލިބޭތީ އާއި ދިވެހި ފަސްގަނޑާއި ދިވެހި އާޘާރުތަކުން އެކަން ޘާބިތުކުރެވޭތީއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭތާ 2500 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ދިވެހިންނާބެހޭ ސައިންޓިފިކް ހެކިތައް

ދިވެހިންގެ އަޞްލު ހޯދުމަށްޓަކައި 1899މ. ވަނަ އަހަރު ދިވެހިން ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ސައިންޓިފިކް ދިރާސާތަކެއް ކުރެވުނެވެ. މިކުރެވުނު ދިރާސާތަކަށްފަހު ޕްރޮފިސަރ ޖޯން ސްޓެންލީ ގާރޑިނަރ ހާމަކުރައްވާފައި ވަނީ ދިވެހީންގެ ތެރޭގައި ގިނައީ އިންޑިޔާ ސަބްކޮންޓިނެންޓާއި ލަންކާއާއި ޢަރަބިކަރަޔާއި އެފްރިކާ އަދި އަސޭކަރައިގެ ނަޞްލުގެ މީހުން ކަމަށެވެ. މިދިރާސާގެ އިތުރު ތަފްޞީލުތައް ދެއްވަމުން ނަސީމާ މުޙަންމަދު (1998) ބަޔާންކުރައްވާފައި ވަނީ މިދިރާސާއަށް ޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހީންގެ އިސްކޮޅާއި، ބޮލާއި، ހަށިގަނޑުގެ ސައިންޓިފިކް މިންތައް ނަގައި ތަހުލީލު ކުރެވުނު ކަމަށެވެ. އަދި އެއަށްފަހު ދެވަނަ ދިރާސާއެއްވެސް ކުރެވުނު ކަމަށެވެ. މިދިރާސާ ކުރެވުނީ ދިވެހިންގެ ލޭގައި ހިމެނޭ ޖެނެޓިކް ބައިތައް ތަޙްލީލުކޮށްގެން ކަމަށެވެ. މިދިރާސާއިން ހާމަވިގޮތުގައި ދިވެހިންގެ ލޭގެ އަސްލާއި އެންމެ ގާތްކުރާ ބަޔަކީ މެދުއިރުމަތީގެ އަހުލުވެރިންނާއި، ބަންގާޅާއި، އިންޑިޔާއާއި، އިންޑޮނޭޝިޔާއާއި، އެފްރިކާ އަދި ރަތްކަނޑުގެ އަހުލުވެރިންނާއި ގަލްފު ސަރަޙައްދުގެ އަހުލުވެރިންނެވެ. އެހެންކަމުން އެވޭލާ ޒަމާނުގައި މިސަރަހައްދުގައި ދަތުރުކުރި ދަތުރުވެރިންގެ ގިނަ ބަޔަކު ރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށް ބެލެވެއެވެ.
     
ރާއްޖޭގެ އެކި ރަށްރަށަށް ނަޒަރު ހިންގާލާއިރު އެކި ރަށްރަށުގެ މީހުން ވައްތަރުވަނީ އެކި ޤައުމުތަކުގެ މީހުންނާއެވެ. މިހެން މިވަނީ ކުރިންވެސް ބަޔާންކުރި ފަދައިން ރާއްޖޭގެ އެކި ރަށްރަށުގައި ވަޒަންވެރިވެފައި ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ދަތުރުވެރިންނަށް ވާތީއެވެ. ނަމަވެސް ކްލިއަރެންސް މެލޮނީ (1980) ބަޔާންކުރައްވާގޮތުގައި އެވޭލާ ޒަމާނުގައި ދިވެހިންގެ ތެރޭގައި އެންމެ ގިނައީ ކަންފަތު ފޫޅުގަނޑު ދިގުކޮށް ހުންނަ ނަޞްލެއްގެ ބައެކެވެ. މިނަޞްލުގެ މީހުންނަކީ އިންޑަސްއަށް ނިސްބަތްވާ ބައެއްކަމަށް މެލޮނީ (1980) ދެކިލައްވައެވެ. ނަސީމާ މުޙަންމަދު (1998) ދެކިލައްވާގޮތުގައި ދިވެހީންގެ ތެރެއިން މިސިފަ ނެތެންފެށީ ތަފާތު އެހެން ނަސްލުތަކުގެ މީހުން ދަތުރުތަކުގައި ރާއްޖެ އައިސް ވަޒަންވެރިވާން ފެށުމުންނެވެ. ދިވެހިންގެ ތެރޭގައި ދޮން މީހުންނާއި ކަޅު މީހުންނާއި މެދުމިނުގެ ކުލައެއްވާ މީހުންނާއި އިސްކޮޅުން ދިގު މީހުނާއި ކުރު މީހުނާއި ކަޅީގެ ކުލައިގެވެސް ތަފާތުތަކެއް އެވަނީ އެހެންވެގެން ކަމަށް ނަސީމާ މުޙަންމަދު ހާމަކުރައްވައެވެ. އެހެން ނަމަވެސް ފެންނަންހުރި ހެކިތަކުންނާއި ދިވެހީންގެ ސިފަޔަށް ބަލާއިރު އަދިވެސް ދިވެހީންނާއި އެންމެ ވައްތަރު ބަޔަކީ އިންޑިޔަން ސަބްކޮންޓިނެންޓްގެ މީހުންނެވެ.
  

ދިވެހީންގެ އާދަކާދަ

ދިވެހީންނަކީ ނަލަހެދުމަށާއި ޒީނަތްތެރިވުމަށް ޚާއްޞަ ސަމާލުކަމެއްދޭ ބައެކެވެ. މީލާދުގެ 2700އެއްހާ އަހަރު ކުރިން އިންޑިޔާގައި އުފެދުނު ރަށްވެހިކަމުގެ އަހުލުވެރިންނަކީވެސް ޒީނަތްތެރިވުމަށާއި ނަލަހެދުމަށް އަރާތިބި ބައެކެވެ. މިގޮތުން ކަންފަތު މުދިލުމާއި، ތަކަހޮޅިއެޅުމާއި، ގޮތްގޮތަށް ބޯހެދުމަކީ އެބައިމީހުންނާއި ދިވެހީންނާއި ދެބައިމީހުންގެ މެދުގައިވާ އެއްގޮތް ކަމެކެވެ. މީގެ އިތުރުން އިރުވަރު ބެލުމާއި ފަންޑިތަހެދުމާއި މާލިހެދިގެން ކުޅިވަރު ކުޅުމަކީ އިންޑަސްގެ އަހުލުވެރިން ވަރަށް ޢާންމުކޮށް ކުރަމުން އައިސްފައިވާ ކަމެކެވެ. މިކަން މިއަދުވެސް އިންޑިޔާގެ އެކި ސަރަހައްދުތަކުން ހާމަވަމުންދެއެވެ. އަޙުމަދު ޝަފީޤް (2000) ހާމަކުރާއްވާގޮތުގައި އިހުގެ ދިވެހިންނަކީވެސް މިކަންކަން އެމަގުން ކުރަމުން އައި ބައެކެވެ. އެހެންކަމުން  މިއާދަތަކަކީ އިންޑަސް އަހުލުވެރިންގެ ތެރެއިން އައިސްފައިވާ އާދަކާދަތަކެއް ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ދިވެހިންނަށް ވުރެން އިންޑަސްގެ ރަށްވެހިކަން ދޮށްޓެވެ.  
    
ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން ދިރިއުޅުމަށް ކުރި މަސައްކަތަކާއި މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެހެނީ އަޙުމަދު ޝަފީޤް (2000) ބަޔާންކުރައްވާގޮތުގައި ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ ދަނޑުވެރި ބައެކެވެ. ނަމަވެސް ނަސީމާ މުޙަންމަދު (1998) ދެކިލައްވާގޮތުގައި އެބަޔަކީ މަސްވެރިކަންކުރި ބައެކެވެ. ކޮންމެއަކަސް އިންޑަސްގެ އަހުލުވެރިންނަކީވެސް މަސްވެރިކަމާއި ދަނޑުވެރިކަމަށް އަރާތިބި ބައެއްކަމަށް ރިޗަޑް ގްރީންވުޑް (1997) ހާމަކުރައްވައެވެ. އަދި އިންޑަސްގެ އަހުލުވެރިން މަސްވެރިކަން ކުރިގޮތާއި، ދޯނިފަހަރު ބަނދެއުޅުނުގޮތާއި، އިހުގެ ދިވެހިން މިމަސައްކަތްތައް ކުރަމުންއައި ގޮތުގައި މާބޮޑު ތަފާތުތަކެއް ނެތްކަމަށް ނަސީމާ މުޙަންމަދު (1998) ބަޔާންކުރައްވައެވެ. މީގެއިތުރުން ދިވެހިން ރުކަށްއަރާގޮތާއި އެކަމުގައި ބޭނުންކުރާ ސާމާނާއި އިންޑިޔާގެ ކެރެލާގެ ވަޒަންވެރިން ރުކަށްއަރާގޮތާއި ބޭނުންކުރާ އާލާތް އެއްގޮތެވެ. ކެރެލާގެ ވަޒަންވެރިންނަކީ އިންޑަސްއަށް ނިސްބަތްވާ ބައެއްކަމުގައިވެއެވެ.
     
އިންޑަސްވާދީގައި އޭރު އެންމެ ކުރިއަރާފައި އޮތް ރަށަކީ ލޯތާލް އެވެ. ދިވެހިންގެ ގެއްލިފައިވާ ޤަދީމީ ތާރީޚް ދިރާސާކުރެއްވި ބޭފުޅެއްކަމަށްވާ ތޯރ ހަޔަރޑާލް (1986) ހާމަކުރައްވާގޮތުގައި އިހުގެ ދިވެހިން މަސްވެރިކަން ކުރުމަށް ބޭނުންކުރި އާލާތްތަކާއި އެއްވައްތަރުގެ ސާމާނުތަކެއް (ބުޅި، ކަންވާރު، އާލާތްތައް) ވަޅުލެވިފައިވާ އިންޑަސްގެ ލޯތާލު ކޮނުމުގެ މަސައްކަތުގެ ތެރޭގައި ފެނިފައިވެއެވެ. އެހެންކަމުން އެވޭލާގައި މިދެޤައުމުގެ ދެމެދުގައި ގާތް ގުޅުންތަކެއް ހިނގާފައިވާކަން ޔަޤީންކުރެވެއެވެ. ހަމައެހެންމެ އިންޑަސްގެ މަސްވެރިންނަކީވެސް ކަނޑު މައްޗަށް ގަދަ ކެރޭ ބަޔަކަށްވާއިރު ދިވެހިންނަކީވެސް މިކަހަލަ ބައެކެވެ. އެހެންކަމުން އިންޑަސްގެ އަހުލުވެރިންނާއި ދިވެހިންނާ ދެމެދުގައި ގުޅުންތަކެއް ހިނގާފައިވާކަން ހާމަވެއެވެ. އަދި އެއްގޮތް ސިފަތަކެއް ދެބައިމީހުންގެ ދެމެދުގައި ހުރިކަންވެސް ހާމަވެއެވެ.
    
ދިވެހިންގެ އެވޭލާ ކެއިންބުއިން މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެ ޔޫރަޕުގެ ވައްޓަފާޅިއާއި ވައްތަރުވާން ފަށާފައެވެ. ނަސީމާ މުޙަންމަދު (1998) ޢާންމުކުރައްވާ ގޮތުގައި އެވޭލާ ދިވެހިންގެ ކެއިންބުއިމުގެ ކަންތައްތަކާއި ގެދޮރު އިމާރާތް ކުރުމުގެ ފަންނުވެރިކަން އެންމެ އެއްގޮތީ އިންޑަސް ރަށްވެހިން ނުވަތަ ދެކުނު އިންޑިޔާގެ މީހުން އެކަންކަން ކުރަމުން އައިގޮތާއެވެ. އެހެނީ ދިވެހި އާޘާރުތަކުގައި ކަނޑައި ބިންވަޅު ނަގާފައިވާ ފަރުމާކުރުންތަކާއި ދާދި އެއްގޮތް ފަރުމާތައް މިއަދުވެސް ދެކުނު އިންޑިޔާއިންނާއި އިންޑަސް ރަށްވެހިކަން އޮތް ސަރަޙައްދުތަކުން ފެންނާން އެބަހުއްޓެވެ. ހަމައެހެންމެ މުޙަންމަދު އިބްރާހީމް ލުޠުފީ (1993) ޕޯޗްގީޒުގެ ލިޔުންތެރިޔަކާއި ހަވާލާދެއްވާ ހާމަކުރައްވާ ގޮތުގައި މީލާދީން 1499ހާތަނުގައި ދިވެހިންގެ ކެއިންބުއިމުގައި ބޭނުން ކުރެވުނު ޢާންމު ބާވަތްތަކަކީ އުރާ، ކުދިބަތް، ބިންބި، ދޮނަޅަ، ކާށި، ކަނޑުމަސް އަދި ކައްޓަލަޔާއި އަލުއްވެ. މިބާވަތްތަކަކީ އިންޑަސްވާދީގެ މީހުންވެސް ކެއިންބުއިމަށް ބޭނުންކުރި ބާވަތްތައް ކަމަށް ވެއެވެ. ވީމާ ކެއިންބުއިމާއި ފަންނުވެރިކަމުގައި މިދެބައިމީހުންގެ ދެމެދުގައި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.
     
ދިވެހިން ކުޅެއުޅޭ ޘަޤާފީ ކުޅިވަރުތަކަކީ އެކުޅިވަރުތައް ކުޅެން ފެށުނު ދުވަސްވަރެއް ސީދާ ކަނޑައަޅައި ދަންނަވަން ނޭނގޭ ކުޅިވަރުތަކެކެވެ. އެގޮތުން ފެންކުޅިކުޅުމާއި، ބައިބަލާކުޅުމާއި. ކޮރާކުޅުމާއި، މާލިކުޅުމާއި، ކައިވެނީގެ ހަފްލާތަކާއި ގުޅިގެން ކުޅެވޭ ކުޅިވަރުތަކަކީ ވަރަށް އިހުއްސުރެ ދިވެހިން ކުޅެމުން އަންނަ ކުޅިވަރު ތަކެކެވެ. ނަމަވެސް ފެށުނު ދުވަސްވަރެއް ނޭނގެއެވެ. އެހެންކަމުން މޫސާ ޢަލީ (1994) ލިޔުއްވާފައިވަނީ މިއީ ދިވެހިންގެ ޤަދީމީ ކުޅިވަރުތަކެއް ކަމަށެވެ. ނުވަތަ ދިވެހިން މިބިމުގައި ވަޒަންވެރިވީއްސުރެ ކުޅެމުން އަންނަ ކުޅިވަރުތަކެއް ކަމުގަ އެވެ. ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ ދިވެހިންގެ ޤަދީމީ ކުޅިވަރުތަކެއް ކަމަށް މިބުނެވޭ ކުޅިވަރުތައް ދިވެހިން ކުޅޭގޮތާއި ދާދި އެއްގޮތަށް އިންޑިޔާގެ އެކި ސަރަޙައްދު ތަކުގައިވެސް ކުޅެމުންދާކަމެވެ. ވީމާ މި ކުޅިވަރުތަކަކީ އިންޑިޔާއިން ރާއްޖެއަށް އައިސްފައިވާ ކުޅިވަރުތަކެއް ކަމަށް ލަފާކުރެވެ އެވެ. އަދި ހަމައެހެންމެ މިނޫން ކިތަންމެ ކުޅިވަރުތަކަކާއި އާދަކާދަތަކެއްގެ މޫތައްވެސް ގުޅިލާމެހިފައި ވަނީ އިންޑިޔާއާ ކަމަށް ލަފާކުރެވެ އެވެ. އެއީ އިންޑަސްގެ ރަށްވެހިކަމާއި އެވެ. އެހެނީ އެހެން ހަޞާރަތަކުން މިކަންކަން ފެންނާކަށް ނެތެވެ. އެހެންވީމާ އިންޑަސްގެ ރަށްވެހީންނާއި ދިވެހީންނާއި ދެމެދުގައި އާދަކާދަ އާއި ކުޅޭ ކުޅިވަރުގައި އެއްގޮތް ކަންތައްތަކެއް އިބަހުރިކަމުގައި ދަންނަވާން ޖެހެއެވެ.
    
އެންމެ އެވޭލާ ޒަމާނުއްސުރެ ދިވެހިންނަކީ އެބައިމީހުންގެ އަމިއްލަ ވެރިކަމެއް ޤާޢިމުކޮށްފައިވާ ބައެކެވެ. މުޙަންމަދު އިބްރަހީމް ލުޠުފީ (1991) ގެ ހޯއްދެވުންތަކުން ހާމަވާގޮތުގައި އެންމެ އެވޭލާ ޒަމާނުގައި ދިވެހި ވެރިކަމުގެ ނިޒާމު ހިނގަމުން އައިސްފައި ވަނީ އަންހެން މަތިފުށަށް ވާރުތަވާ ރަސްކަމެއްގެ ގޮތުގަ އެވެ. އަދިހަމަ މަޤާމާއި މުދާ ވާރުތަވަމުން އައިސްފައި ވަނީ އަންހެން މަތިފުށަށްކަން ލޯމާފާނު ތަކުގައިވާ ލިޔުންތަކުންވެސް ޘާބިތުވެ އެވެ. މިއުޞޫލަކީ އިންޑަސް ރަށްވެހިންވެސް ޢަމަލުކުރަމުން އައިސްފައިވާ އުޞޫލެކެވެ. ވީމާ އެވޭލާގައި ދިވެހިރަސްކަން ހިނގަމުން އައިސްފައިވަނީ އިންޑަސް ރަސްކަމުގެ އުޞޫލުތަކާއި އެއްގޮތަށްކަން ހާމަވެއެވެ. މަތީގައި ބަޔާންކުރެވުނު ހުރިހާ ވާހަކަތަކަކުންވެސް ޘާބިތުވަނީ ޕްރޯޓޯ ސިފަތަކުގައި ދިވެހިންނާއި އިންޑަސްގެ އަހުލުވެރިންނާއި ދެމެދުގައި އެއްގޮތް ވަރަށް ގިނަ ކަންތައްތަކެއް ހުރިކަމެވެ.

ދިވެހީންގެ ބަސް

ދިވެހިރާއްޖެއިން މިހާތަނަށް ފެނުނު އާޘާރުތަކުގެ ތެރެއިން އެންމެ ޒަމާންވީ "ލިޔުމަކީ" މީލާދުގެ ހަވަނަ ޤަރުނު ތެރޭގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުން ލިޔެފައިވަނީ އެވޭލާ ޒަމާނުގައި ދެކުނު އިންޑިޔާގައި ބޭނުން ކުރެވުނު ބްރަހަމީ އަކުރުންނެވެ. ނަސީމާ މުޙަންމަދު (1998) ހާމަކުރައްވާ ގޮތުގައި ބުރަހަމީ އަކުރަކީ އިންޑަސްވާދީއަށް ނިސްބަތްވާ ޑްރިވީޑިޔަނުން ބޭނުންކުރި އަކުރެކެވެ. ޑްރިވީޑިއަނުން ބޭނުންކުރި ބްރަހަމީ އަކުރާއި ދިވެހިން އެންމެ ފުރަތަމަ ލިޔެކިޔުމަށް ބޭނުންކުރި "އެވޭލާ" އަކުރާއި ދެމެދުގައި އެއްގޮތް ކަންތައްތަކެއް އިބަހުއްޓެވެ. އެގޮތުން ލިޔާގޮތާއި، އަކުރުތަކުގެ ސިފައާއި، އަކުރުން ރަމްޒުކުށްދޭއަޑާއި، އަދި ލިޔުންތަކުގައި އެވޭލާ އަކުރާއި ބްރަހަމީ އަކުރު މަސްހުނިކޮށްގެން ލިޔެފައިވާކަން ފާހަގަކުރެވެއެވެ. އެހެންވެ ނަސީމާ މުޙަންމަދު (1998) ބަޔާންކުރައްވާފައިވަނީ "އެވޭލާ" އަކުރަކީ ބްރަހަމީ އަކުރު އަޞްލަކަށް ބަލައިގެން އުފައްދާފައިވާ އަކުރެއް ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީ އިންޑަސްއަށް ނިސްބަތްވާ ޑްރިވީޑިއަން ދަރިކޮޅުގެ ބައެއް ކަމަށް ބެލެވެ އެވެ. އެހެނީ ދިވެހިންގެ ލިޔެކިޔުމުގައި އިންޑަސް ރަށްވެހިކަމުގެ އަސަރުތައް ވަރަށް ބޮޑަށް އެކުލެވިފައި ވެއެވެ. ވީމާ ދިވެހިންގެ އެވޭލާ ލިޔެކިޔުންތަކުގައި އިންޑަސްގެ ނުފޫޒު ވަރަށް ގަދަވެފައިވާނެކަން ކަށަވަރެވެ.
    
ދިވެހިބަހުގެ އަޑުތަކުގައާއި ބަސް ބޭނުން ކުރެވޭ ހަމަތަކުގައި "ބަހުގެ ޤަވާޢިދުގައި" ޑްރެވީޑިޔަނުންގެ ބަހާއި އެއްގޮތް ސިފަތަކެއް އިބަހުއްޓެވެ. އެހެނީ ބައެއް ތަންތަނާއި ތަކެއްޗަށް ދިވެހިބަހުންނާއި ޑްރިވީޑިއަން ބަހުން ކިޔަނީ ހަމަ އެއްނަމެކެވެ. އަދި އެލަފުޒުކިޔުމަށް ބޭނުންކުރާ އަޑުތަކުގައި އެއްވެސް ތަފާތެއްވެސް ނުހުރެ އެވެ. މިސާލަކަށް ކަނޑު، ތީމު، އޮޑި، ..... އެވެ. އެހެންކަމުން ނަސީމާ މުޙަންމަދު (1998) ބަޔާންކުރައްވަނީ މިލަފުޒުތަކަކީ ޑްރިވީޑިޔަން ބަހުން ދިވެހި ބަހުގެ ތެރެއަށް ވަދެފައިވާ ލަފުޒުތަކެއް ކަމަށެވެ. މިކަހަލަ އަނެއް މިސާލަކީ ދިވެހިރާއްޖޭގެ ބައެއް ރަށްރަށަށް ނަންކިޔާފައިވާ ގޮތެވެ. މިސާލު: 'ދޫ'- އިސްދޫ، ހިތަދޫ، މީދޫ، .... އެވެ. މިގޮތަށް ނަމުގެ ފަހަތަށް "ދޫ" އިތުރުކޮށްގެން ނަން އުފައްދާފައި ހުންނަނީ ޑްރިވީޑިއަން އާއިލާއަށް ނިސްބަތްވާ ބަސްތަކުގައިކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (1991) ހާމަކުރައްވަ އެވެ. އެހެނީ ޑްރިވީޑިއަން ބަހުން އުފެދިފައިވާ ސާންސްކްރިތް، މަލަޔާލަމް، ސިންގަޅަ، ތެލޫނގްފަދަ ބަސްބަހުން ނަންކިޔާފައިވާ ރަށްރަށުގެ ތެރޭގައި ދޫވާ، ދީވާ، ދީވިޕިއާ ފަދަ ނަންތައް އިބަހުއްޓެވެ. ވީމާ މިއުޞޫލުން ނުވަތަ މިގޮތަށް ނަންކިޔާފައި ހުރި ރަށްރަށުގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީ ޑްރިވީޑިއަނުން ކަމަށް ބެލެވެ އެވެ. އެހެނީ އަބަދުވެސް ވެއްޓެއްގައިވާ ތަންތަނާއި ތަކެއްޗަށް ނަންކިޔާނީ އެވެއްޓެއްގައި (އެތަނެއްގައި) ފުރަތަމަ ވަޒަންވެރިވާ ބައެކެވެ. ކޮންމެއަކަސް ދިވެހިބަހާއި ޑްރިވީޑިއަނުންގެ ބަހާއި ދެބަހުގައި އެއްގޮތް ކަންތައްތަކެއް އިބަހުއްޓެވެ.  
ދިވެހިބަހުގެ އަސްލު ހޯއްދެވުމަށް ދިރާސާކުރެއްވި އެއް ބޭފުޅަކީ އެމް. ޑަބްލިޔު. ސުގަތަޕާލާ ޑިސިލްވާ އެވެ. ޑިސިލްވަ ކުރެއްވި ދިރާސާއަށްފަހު ޢާންމުކުރެއްވި ރިޕޯޓުގައި ވަނީ ދިވެހިބަހުގެ އޮނިގަނޑުގައި ޑްރެވީޑިޔަން ބަހުގެ އަސަރުތައް އެކުލެވިގެން ވާކަމަށެވެ. އެގޮތުން ދިވެހި ބަހުގައި އަމުރެއްކަން އަންގައި ދިނުމަށް ބޭނުން ކުރެވޭ އަކުރެއް ކަމަށްވާ "ތި" (ނުކަނޑާތި!) އަކީ ޑްރެވީޑިއަން ބަހުން އައިސްފައިވާ އަކުރެއް ކަމުގެ ހެކި އޭނާ ދައްކަވާފައި ވެއެވެ. މީގެ އިތުރުން ދިވެހި ބަހުގައި ބޭނުން ކުރެވޭ އަކުރެއް ކަމަށްވާ "އަށް" އަދި "ކަށް" ބޭނުންކުރެވޭ ހަމަތަކަކީވެސް ޑްރިވީޑިއަން ބަސްތަކުން އައިސްފައިވާ ހަމަތަކެއް ކަމަށް ޑިސިލްވަ (1992) ހާމަކުރައްވަ އެވެ. އަދި ދިވެހިބަހުގައި ހުރި މިފަދަ ލަފުޒުތަކަކީ ނުވަތަ އަކުރުތަކަކީ ދިވެހިބަހުގެ މުގުލާއި ގުޅިފައިވާ ބައިތަކެއްކަން ޑިސިލްވަ (1992) ކަށަވަރުކުރައްވާފައި ވެއެވެ. އެހެންކަމުން މިހަމަތަކަކީ ދިވެހިބަސް އުފެދުއިރުވެސް ބަހުގައި އެކުލެވިފައިވާ ބައިތަކެއްކަން ހާމަވެއެވެ. ވީމާ ދިވެހިބަހުގައި ޑްރިވީޑިއަން ބަހުގެ ނުފޫޒު ވަރަށް ގަދައަށް އެކުލެވިފައި އިބަހުރި ކަމަށް ދެންނެވިދާނެ އެވެ.

ދިވެހިންގެ ދީނާއި ތާރީޚީ ތަކެތި

ދިވެހިންގެ އަޞްލާއި ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންގެ ދީން ހޯދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އުސް ފަސްގަޑުތަކާއި ގާފުނިތައް އެކި ދުވަސްވަރުމަތިން ކޮނެ، ހާވައި، އެތަންތަނާއި، އެތަންތަން ވަށައިގެންވާ ސަރަޙައްދުތަކުގައި އަތްފުނާއަޅާފައި ވެއެވެ. މިކުރެވުނު މަސައްކަތްތަކުން ހާމަވީ އެވޭލާ ދިވެހީންގެ ތެރޭގައި ތަފާތު ދީންތަކެއް އޮތްކަމެވެ. ނުވަތަ އެކި ރަށްރަށުގެ އަހުލުވެރިން އަޅުކަންކުރީ އެކި ތަކެއްޗަށްކަމެވެ. އެގޮތުން ދިވެހިންގެތެރޭގައި ބާރުގަދަ ގުދުރަތީ ތަކެއްޗަށާއި އިންސާނީ ގުނަންތަކަށް އަޅުކަންކުރި މީހުން އުޅެފައިވާކަމަށް ނަސީމާ މުޙަންމަދު (2004) އާއި މުޙަންމަދު އިބްރާހީމް ލުޠުފީ (1983) ހާމަކުރައްވަ އެވެ. އެހެނީ ތަރި ، އިރު ، ހަނދު، އަލިފާން އަދި ފިރިހެންހަށި ފަދަ ތަކެއްޗަށް އަޅުކަންކޮށްފައި ވާކަމުގެ ހެކި ރާއްޖޭގެ ރަށްރަށުން ފެނިފައި ވެއެވެ. މީގެއިތުރުން ހިންދުއިޒަމާއި ބުޑިޒަމްވެސް ރާއްޖޭގައި އޮތްކަމަށް މުޙަންމަދު އިބްރާހީމް ލުޠުފީ (1983) ހާމަކުރައްވާފައި ވެއެވެ. އެހެނީ އެދީންތައް އޮތްކަން ހާމަވާކޮށްދޭ ތާރީޚީ ހެއްކާއި އެދީންތަކުގައި އަޅުކަންކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ރާއްޖޭގެ އެކިރަށްރަށުން ފެނިފައި ވެއެވެ. އެހެންކަމުން މިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންގެ ތެރޭގައި ތަފާތު ދީންތަކަށް އަޅުކަންކުރި މީހުން އުޅުނުކަން ޔަޤީންކުރެވެ އެވެ.
     
ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިވި މީހުންގެ ތެރޭގައި އިރަށް އަޅުކަންކުރި ރެދިންނޭ ކިޔުނު ބަޔަކުވެއެވެ. މިރެދިން ދިރިއުޅުނީ ގދ. ކޮނޑޭގައި ކަމަށް ނަސީމާ މުޙަންމަދު (2000) ހާމަކުރައްވަ އެވެ. އަދި މިރެދިންނަކީ ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުން ކަމަށްވެސް އެކަމަނާ ދެކިލައްވަ އެވެ. ކޮންމެއަކަސް ގދ. ކޮނޑޭގައި ހުރި އާޘާރުތައް ދިރާސާ ކުރެއްވުމަށްފަހު މުޙަންމަދު އިބްރާހީމް ލުޠުފީ (1983) ވިދާޅުވެފައި ވަނީ އެރަށުގެ އަޞްލު ވަޒަންވެރިންނަކީ އިރަށް އަޅުކަންކުރި ބައެއް ކަމަށް  ބެލެވޭ ކަމަށެވެ. އަދި ޑރ. ތޯރ ހަޔަރޑާލް ރާއްޖޭގެ ރަށްރަށުގައި ހުރި އާޘާރުތައް ބެއްލެވުމަށް ކުރެއްވި ދަތުރުގައި ހުވަދު އަތޮޅު ގަމުން އިރުގެ ކަލާނގެއަށް އަޅުކަންކުރާ މީހުން ހަދާ ޒާތުގެ ފައްޅިއެއްގެ ބިނާތަކާއި އެމަޛްހަބުގެ ނިޝާންތަކެއް ދުށްކަމަށް ވެއެވެ. މިހެކިތައް މިހެންހުރުމުން ރާއްޖޭގައި އިރަށް އަޅުކަންކުރި ބަޔަކު އުޅެފައިވާކަމަށް ބެލެވެ އެވެ.
     
ފ. ނިލާންދޫ ފޯއްމައްޗަކީ ފިރިހެންހައްޓަށް އަޅުކަންކުރި ބައެއްގެ ކަލާނގެއެއް ހުރި ތަނެކެވެ. އެހެނީ ނިލަންދޫގެ އާޘާރީ ސަރަޙައްދުން ފިރިހެންހައްޓަށް އަޅުކަންކުރާ މީހުން އަޅުކަން ކުރުމަށްޓަކައި ހަދާފައި ހުންނަ ޒާތުގެ ފިރިހެންހަށި ފެނިފައި ވެއެވެ. މީގެއިތުރުން ހިންދުއިޒަމަށް އަޅުކަންކުރާޒާތުގެ ބައެއް ތަކެތިވެސް އެސަރަޙައްދުގައި (ފޯއްމަތި ސަރަޙައްދުގައި) ވަޅުލާފައި ހުއްޓާ ފެނިފައިވާކަމަށް މުޙަންމަދު އިބްރާޙިމް ލުތުފީ (1983) ހާމަކުރައްވަ އެވެ. އަދި ހިނދުއިޒަމުގެ ކަލާނގެއެއް ކަމަށްވާ "މަކަރާ" ޒާތުގެ (ހިރގަލުން ހަދާފައިވާ) ކޮތަރެއް ފާޑުގެ އެއްޗެއް ގދ. ކޮނޑޭއިން ފެނިލެއްވި ކަމަށް ހަޔަރޑާލް (1986) ހާމަކުރައްވައެވެ. އެހެންކަމުން އިންޑަސްއެކޭ އެއްގޮތަށް ރާއްޖޭގައިވެސް ފުރަތަމަ އޮތީ ބުޑިޒަމްކަމަށް ބެލެވެއެވެ. އެހެނީ މިފެނިލެއްވި ތަކެއްޗާއި އޭގެކުރިން ރާއްޖެއިން ފެނިފައިވާ ތަކެތި ދިރާސާ ކުރެއްވުމަށްފަހު ހަޔަރޑާލް (1986) ވިދާޅުވެފައި ވަނީ ރާއްޖޭގައި ފުރަތަމަ އޮތީ ބުޑިޒަމްކަމަށެވެ. ނަމަވެސް ފަހުން މިސަރަޙައްދުގައި ހިންދުއިޒަމް ފާޅުވާން ފެށުމުން އެދީންނަށް ރާއްޖޭގެ މީހުން ބަދަލުވެފައިވާކަމަށް ހީފުޅުކުރެއްވޭ ކަމަށްވެސް ހަޔަރޑާލް (1986) ހާމަކުރައްވާފައި ވެއެވެ. ވީމާ އެވާލާ ޒަމާނުގައި ދީނީ ގޮތުން ދިވެހީންނާއި އިންޑަސްގެ އަހުލުވެރިންގެ ޤަބޫލުކުރުންތައް އެއްގޮތް ކަމަށް ދަންނަވަންޖެހެ އެވެ.  
    
ވަޖުރަޔާނާ ބުޑިޒަމަކީ ރާއްޖޭގައި އޮތް ދީންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދީނެކެވެ. މިދީނަކީ ބަންގާޅާއި އޮރިއްސާއި އިރުމަތީ އިންޑިޔާގައި އޮތް ދީނެއް ކަމަށް ނަސީމާ މުޙަންމަދު (1998) ހާމަކުރައްވަ އެވެ. އެހެންކަމުން ރާއްޖެއަށް މިދީން އައިސްފައި ވާނީ އިންޑިޔާއިން ކަމަށް ބެލެވެއެވެ. ކޮންމެއަކަސް މިދީނުގެ އާޘާރީ ތަކެތީގެ ތެރޭގައި ހިމެނޭ ބުދު، ކުރަނޑި، އިސްތޫޕާ ކަހަލަ ތަކެތި މެދުރާއްޖެ ތެރޭގެ ރަށްރަށުން ފެނިފައިވެއެވެ. ހަމައެފަދައިން ހިންދޫ ދީނުގެ އާދަކާދަތައްވެސް ދިވެހިންގެ ތެރޭގައި އެބަހުއްޓެވެ. މިގޮތުން ޒިޔާރަތްތަކަށް ނަދުރު ބުނުމާއި އޮޑިދޯނިފަހަރު ބާލާއިރު ކާށި ޖެހުމާއި ފަންވަތް ލިޔުންފަދަ ކަންކަމަކީ ދިވެހީންވެސް ކުރަމުންދާ، ހިންދޫ ދީނުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް އަޙުމަދު ޝަފީޤް (2000) ލިޔުއްވާފައި ވެއެވެ. އެހެންކަމުން ލަފާކުރެވެނީ އިންޑިޔާގައި މިދީންއޮތް ދުވަސްވަރު، މިދީންއޮތް ސަރަޙައްދެއްގެ ބަޔަކު ރާއްޖެއަށް ހިޖުރަކޮށްފައިވާ ކަމަށެވެ.
     
އެވޭލާގައި ދިވެހީން އަޅުކަންކުރި ތަކެއްޗާއި އިންޑަސްވާދީގެ ރަށްވެހިކަމާއި ގުޅުންތަކެއް ވެއެވެ. އެހެނީ ދިވެހީން އިސްލާމްވުމުގެ ކުރީން އަޅުކަން ކުރުމަށް ބޭނުންކުރި ބާވަތުގެ ބުދުތަކާއި އެހެނިހެން ތަކެއްޗާއި އެއްވައްތަރުގެ (އެއްބާވަތުގެ) ތަކެތި އިންޑަސްގެ "ވަޅުލެވިފައިވާ" ރަށްތައް ކޮނުމުގެ ތެރޭގައި ފެނިފައިވާކަމަށް ހަޔަރދާލް (1986) ހާމަކުރައްވާފައި ވެއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް އެދީންތައް އައިސްފައިވަނީ އިންޑަސް ވާދީން ކަމަށް ބެލެވިދާނެ އެވެ. އެހެނީ މިދެބައި މީހުންވެސް އަޅުކަންކޮށްފައި ވަނީ އެއްބާވަތެއްގެ ތަކެއްޗަށް ކަމަށް ވާތީ އެވެ. އަދި ދިވެހިރާއްޖެ އުފެދުނުއިރު އިންޑަސްގެ ރަށްވެހިކަން ވާނީ ވަރަށް ބޮޑަށް ކުރިއަރައި ތަހުޒީބުވެފައި ކަމަށް ވާތީ އެވެ. އެހެންކަމުން އެރަށްވެހިކަމުގެ ބަޔަކު އެބައިމީހުންގެ ދީނާއެކު ރާއްޖެއަށް އައިސް ރާއްޖޭގައި ވަޒަންވެރިވުމަކީ ހިނގާފައިވާ ކަމެއް ކަމަށް ވެދާނެއެވެ.
    
ދިވެހި ތާރީޚުގައި އެންމެދިގު މާޒީއެއް ލިބިފައިވާ އެކައްޗަކީ ދިވެހި ބޮއްޔެވެ. ދިވެހި ބޮލީގެ ދަތުރުތަކަށް ބެއްލެވުމަށްފަހު ހަޔަރޑާލް (1986) ލަފާކުރައްވާގޮތުގައި ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީ އިންޑަސްވާދީގެ ރަށްވެހިންނެވެ. އެއީ މިލާދުގެ 1500 އަހަރު ކުރިން އިންޑަސްގެ ރަށްވެހިކަން ނިމިގެން ދިޔައިރު އެރަށްވެހިކަމުގެ އަހުލުވެރިން އެހެން ސަރަޙައްދުތަކަށް ކުރިދަތުރުތަކުގައި ރާއްޖެއަށް އާދެވި ރާއްޖޭގައި ވަޒަންވެރިވެފައިވުމަކީ ވުން އެކަށީގެންވާ ކަމަކަށް ވާތީއެވެ. އަދި  އިންޑަސްގެ ލޯތާލު ބަދަރުން މޯލްޑިވްސް ކައުރީ ބޮލި ފެނިފައިވުމުން އޭރު ރާއްޖެއޮތްކަމާއި ރާއްޖޭގައި ބަޔަކު އުޅުނުކަން ނުވަތަ ރާއްޖެއަށް އިންޑަސްގެ ބަޔަކު އައިސް އުޅުނުކަން މިކަމުން ދަލީލުކުރާތީ އެވެ. މިގުޅުންތައް މިހެން ހިނގާފައި ވުމުންނާއި ރާއްޖެ އޮތީ އިންޑަސްގެ ރަށްވެހިކަމާ ވަރަށް ކައިރި ހިސާބެއްގައި ކަމަށް ވުމުން އިންޑަސްގެ ރަށްވެހިން ރާއްޖޭގައި ވަޒަންވެރި ވެފައިވާނެ ކަމަށް ހީކުރެވޭ ހީކުރުންތަކަށް އިތުރު ޔަޤީންކަމެއް ގެނުވައެވެ. އެހެނީ އަހުމަދު ޝަފީޤު (2000) ވެސް ބަޔާންކުރައްވާފައި ވަނީ ތާރީޚީ ހޯދުންތަކުންނާއި، ބުއްދީގެ ހަމަތަކުން ވިސްނާލާއިރު، ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވާނީ އަވައްޓެރި ޤައުމުތަކުގެ އަހުލުވެރިން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ކޮންމެއަކަސް ދިވެހި ބޮލި (މަނީކައުރީ) އެންމެ ގިނަ އަދަދަކަށް ރައްކައުކޮށްފައި ހުއްޓާ ފެނިފައި ވަނީ އިންޑަސްވާދީންނެވެ. ވީމާ އެވޭލާގައި ދިވެހިރާއްޖެއާއި އިންޑަސްއާއި ދެމެދުގައި ގާތް ގުޅުންތަކެއް ހިނގާފައިވާކަމަށް ބެލެވެއެވެ.
    
އިންޑަސްވާދީއަށް ނިސްބަތްވާ ވަރަށް ގިނަ ތަކެތި ރާއްޖެއިން ފެނިފައި ވެއެވެ. އަދި ރާއްޖެއަށް ނިސްބަތްވާ ބައެއް ތަކެތި އިންޑަސްވާދީންވެސް ފެނިފައި ވެއެވެ. ވީމާ މިދެމެދުގައި ވަރަށް ގާތް ގުޅުންތަކެއް ހިނގާފައިވާކަމަށް ބެލެވެއެވެ. މިގޮތުން މިގުޅުން ރަމްޒުކޮށްދޭ އެކައްޗަކީ އިންޑަސްގެ ލޯތާލް ބަދަރުން ފެނިފައިވާ ދިވެހި ބޮއްޔެވެ. އިބްރާހީމް ވަޙީދު (1999) ޔަޤީންކުރައްވާގޮތުގައި މިބޮލި "މަނީކައުރީ ނުވަތަ ސީޕްރިޔާ މޮނިޓަރ" ރާއްޖޭގެ ފަރުތަކުންނޫން އެހެން އެއްވެސް ތަނަކުން ލިބޭކަށް ނުހުރެއެވެ. ލޯތާލުން މިފެނުނު ދިވެހި ބޮލި ރާއްޖެއިން ލޯތާލަށް ގެންގޮސްފައިވަނީ މީލާދުގެ 500 އަހަރު ކުރިންކަން ޔަޤީންކުރެވިފައި ވެއެވެ. ވީމާ ރާއްޖޭގައި މީހުން އާބާދުވުމާއެކު މިދެމެދުގެ ގުޅުންތައް ފެށިފައިވާނެކަމަށް ޤަބޫލުކުރެވެއެވެ. ފާހަގަކޮށްލެވޭ ދެވަނަ އެއްޗަކީ ގއ. ވާދޫ އާއި ގއ. ގަމާއި ފ. ނިލަންދޫގައި ހުރި އާޘާރީތަންތަން ކޮނުނުއިރު އެތަންތަނުން ފެނުނު އެގޭޓް މިނާފުއްތަކެވެ. މިއެގޭޓް މިނާފުށަކީ އިންޑަސްގެ ރައްވެހިން އުފައްދައިގެން އެމީހުން ބޭނުންކުރާ އެއްޗެއް ކަމަށްވެއެވެ. އިންޑަސްގެ ލޯތާލް ކޮނުމުގެ ތެރޭގައި އެތަނުގައިވާ ގުދަނަކުން އެކްސްޕޯޓް ކުރުމަށް ތައްޔާރުކޮށްފައިވާ މިކަހަލަ އެތައް ބައިވަރު މިނާފުއްތަކެއް ފެނިފައިވާކަމަށް ހަޔަރދާލް (1986) ބަޔާންކުރައްވަ އެވެ. ވީމާ އިންޑަސްއާއި ރާއްޖެއާއި ދެމެދުގައި އެކްސްޕޯޓް އިމްޕޯޓްގެ ގުޅުންތަކެއް ހިނގާފައިވާކަން ކަށަވަރުކުރެވެ އެވެ.
    
އަޅުކަންކުރާ ޒާތުގެ ތަފާތު އެތައް ވައްތަރެއްގެ ބުދު ރާއްޖޭގެ ރަށްތަކުން ފެނިފައި ވެއެވެ. މިގޮތުން ލ.ގަމުން ފެނިފައިވާ ލޯޑު ބުއްދާ ފާޑުގެ ބުދަކީ އިންޑަސްވާދީގެ އަހުލުވެރިން އަޅުކަންކުރަން ބޭނުންކުރި ވައްތަރުގެ ބުދެއް ކަމަށް ބެލެވެ އެވެ. އެހެނީ ހަޔަރދާލް (1986) ބަޔާންކުރައްވާގޮތުގައި ރާއްޖެއިން ފެނިފައިވާ ލޯޑް ބުއްދާއާއި "ދިގު ކަންފަތްލީ" ބުދާއި، ކަންފަތު ފޫޅުގަނޑު ބޮޑު ބުދުގެ ކަންފަތުގައި ލައިފައިވާ ވައްތަރުގެ "ކަންފަތުމުދި" ލޯތާލުން ފެނިފައި ވެއެވެ. މީގެ އިތުރުން ރާއްޖޭގައި އުޅޭ ކާޅަކީ އިންޑަސްގެ އަހުލުވެރިން ދަތުރުކުރުމުގައި މަގުހޯދުމަށް ބޭނުންކުރި ދޫންޏެއް ކަމަށް ހަޔަރދާލް (1986) ހާމަކުރައްވައެވެ. ވީމާ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖެއާއި އިންޑަސްއާއި ދެމެދުގައި ދީނީ ކަންކަމުގައި ގާތް ގުޅުންތަކެއް ހިނގާފައިވާކަމަށް ލަފާކުރެވެ އެވެ.
    
ރާއްޖޭގައި ބޭނުންކޮށްފައިވާ ބައެއް މުށިކަންވާރަކީ އިންޑަސްގައި އުފައްދާފައިވާ ތަކެއްޗެވެ. އެހެނީ ރާއްޖެއަކީ އެބާވަތުގެ ތަކެތި އުފައްދާ ޤައުމަކަށް ނުވާއިރު އެތަކެތި އެންމެ ވައްތަރީ އިންޑަސްގައި ބޭނުންކޮށްފައިވާ ބާވަތުގެ ތަކެއްޗާ އެވެ. އަދި އިންޑަސްގައި ހަދާފައިވާ ވެވުތަކާއި ރާއްޖޭގައި ހަދާފައިވާ ވެވުތަކުގައިވެސް އެއްގޮތް ކިތަންމެ ސިފަތަކެއް އެބަހުރި ކަމަށް ހަޔަރޑާލް (1986) އާއި ނަސީމަ މުޙަންމަދު (2004) ބަޔާންކުރައްވަ އެވެ. ޚާއްޞަކޮށް ޏ. ފުއްވައްމުލަކުގައި އޮތް ވެވު ވަރަށް އެއްގޮތް ކަމަށް ހަޔަރޑާލް (1986) ހާމަކުރައްވަ އެވެ. ހަމައެޔާއެކު ކުރިންވެސް ބަޔާން ކުރެވުނު ފަދައިން އިންޑަސްގެ އަހުލުވެރިންނަކީ ކަނޑު ދަތުރު ކުރުމުގައި ކުޅަދާނަ ބައެއްކެވެ. ވީމާ އެމީހުން ދުނިޔޭގެ ހުޅަނގަށް ދަތުރުކުރިގޮތަށް، އިރުމައްޗަށްވެސް ދަތުރުކޮށްފައި ވެދާނެ އެވެ. އަދި މިގޮތަށްކުރި ދަތުރުތަކުގައި ރާއްޖެއަށް އާދެވިފައިވެސް ވެދާނެއެވެ. އެގޮތުން އެމީހުންގެ އުފެއްދުންތައް ރާއްޖެއަށް ގެނެސްފައި ނުވަތަ މިބިމުގައި ވަޒަންވެރިވެ ތަންތަން ބިނާކުރީކަމަށް ވެދާނެއެވެ. ކޮންމެއަކަސް ރާއްޖެއާއި އިންޑަސްއާއި ދެމެދުގައި ރާއްޖެ އުފެދުނު ދުވަސްވަރުން ފެށިގެންވެސް ގުޅުންތަކެއް ހިނގާފައިވާކަން ފެނިފައިވާ ހެކިތަކުން ޘާބިތުވެއެވެ.

ނިންމުން

ދިވެހިރާއްޖެއިން ފެނިފައިވާ އާޘާރުތައް ހެކިދޭގޮތުގައި އެވޭލާގައި ދިވެހިރާއްޖެ އާއި އިންޑަސްވާދީއާއި ދެމެދުގައި ހަރުދަނާ ގުޅުންތަކެއް ހިނގާފައި ވެއެވެ. އެހެނީ މީލާދުގެ ކުރީގައި ރާއްޖޭގައި އޮތް ދީންތަކާއި އެދީންތަކުގައި އަޅުކަންކުރަން ބޭނުންކޮށްފައިވާ ބައެއް ތަކެއްޗަކީ އިންޑަސްއިން ރާއްޖެއަށް އެތެރެކޮށްފައިވާ ތަކެއްޗެވެ. ހަމައެހެންމެ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ވަރަށްގިނަ އާދަތަކުގެ ފެށުން އައިސްފައި ވަނީވެސް އެރަށްވެހިކަމުގެ ތެރެއިންނެވެ. މީގެއިތުރުން ދިވެހިންގެ އަޞްލު ހޯދުމަށް ސައިންޓިފިކްގޮތުން ކުރެވުނު ދިރާސާތަކުން ހާމަވީގޮތުގައި އިންޑަސްއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު އެއްޒަމާނެއްގައި ރާއްޖޭގައި ދިރިއުޅެފައި ވެއެވެ. އެހެންކަމުން އިންޑަސްބަހުގައި ހިމެނޭ ވަރަށްގިނަ ހަމަތަކާއި އުޞޫލުތައް ދިވެހިންގެ ބަސްމޮށުމުގައިވެސް އެކުލެވިފައި އެބަހުއްޓެވެ. އަދިހަމަ ދިވެހިން ލިޔެކިޔުމަށް ބޭނުންކުރާ އަކުރުތަކުގައިވެސް އިންޑަސްވާދީ އަހުލުވެރިން ލިޔެމަށް ބޭނުންކުރި އަކުރުގެ އަސަރުތައް އެކުލެވިފައި އެބަހުއްޓެވެ.  މިގުޅުންތައް މިހެން ފެންނަން ހުރުމުންނާއި، ކުރެވިފައިވާ ދިރާސާތަކުން، ދިވެހިރާއްޖޭގައި ބަޔަކު ވަޒަންވެރިވި ހިސާބުން ފެށިގެން ދިވެހިންނާއި އިންޑަސްވާދީއާއި ދެމެދުގައި ވަރަށް ގާތް ގުޅުންތަކެއް ހިނގާފައިވާކަމަށް ފެންނާތީވެ، ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ބަޔަކީ އިންޑަސްއަށް ނިސްބަތްވާ ބައެއްކަމަށް ބެލެވެއެވެ.
--------------
(ނިމުނީ)



ރިފަރެންސް ލިސްޓް
ނަސީމާ މުޙަންމަދު. (1998). ދިވެހިރާއްޖެ އުފެދުން. ދިވެހީންގެ ތަރިކަ، 1، ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ  
      ޤައުމީމަރުކަޒު: މާލެ.
ނަސީމާ މުޙަންމަދު. (1998). ދިވެހީންގެ އަޞްލު. ދިވެހީންގެ ތަރިކަ، 2، ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ
      ޤައުމީމަރުކަޒު: މާލެ.
ނަސީމާ މުޙަންމަދު. (1998). ދިވެހީންގެ ބަސް. ދިވެހީންގެ ތަރިކަ، 3، ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ  
      ޤައުމީމަރުކަޒު: މާލެ.
ނަސީމާ މުޙަންމަދު. (1998). ދިވެހީންގެ އަކުރު. ދިވެހީންގެ ތަރިކަ، 4، ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ
      ޤައުމީމަރުކަޒު: މާލެ.
ނަސީމާ މުޙަންމަދު (2000). ފަސްޓް ދިވެހިން. ނެގީ ޖުލައި 15، 2010
    http://www.dhivehiobserver.com/history/papers/First_Dhivehin.htm   ން.
ނަސީމާ މުޙަންމަދު. (2002). ދިވެހީންގެ ތަރިކަ 4،3،2،1. ދިވެހިބަހާތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު: މާލެ.
ނަސީމާ މުޙައްމަދު. (2004). ރާއްޖެ އިސްލާމްވުމުގެ ކުރީގެ ޤަދީމީ ބިނާތަށް. ފަތްތޫރަ، 309، 39–42.
ރިޗަޑް ގްރީންވުޑް. (1997). ޑްރެވީޑިއަން.  ނެގީ އޮގަސްޓް 18، 2010،
       http://www.webindia123.com/india/people/people.htm ން
ކްލިއަރަންސް މެލޮނީ. (1980). ޕީޕަލް އޮފް ދަ މޯލްދިވް އައިލެންޑްސް. މެޑްރާސް: ސްޖީތް މުކަރުޖީ، އޮރިއެންޓް
      ލޯންގެމޭން ލޓޑ.
އަޙްމަދު ޝިހާބުއްދީން. (އަހަރުނެތް). މީދޫ ހިސްޓްރީ- މީދޫ އެންޓިކިއުޓީ. މޯލްޑިވްސް ރޯޔަލް ފެމިލީ. ނެގީ    
       މެއި 25، 2003، www.maldivesroyalfamil.com  ން.
އަހުމަދު ޝަފީޤް. (2000). ދަންފުޅި. ދިވެހިރާއްޖޭގައި އިސްލަމްދީން ފެތުރުން. (ދަންފުޅި {ސާސްތުރަ}).          މާސްޓަރ ޕީސް ޕވޓ. ލމޓ.
އަޙްމަދު ޝަފީޤް. (2000). ދިވެހިންނާއި ބެހޭ އެންމެ އެވާލާ އެގުންތައް. (ދަންފުޅި {ސާސްތުރަ}). މާސްޓަރ         ޕީސް. ޕވޓ. ލމޓ.
 އުރުމިލާފާޑްނިސް އެލަދަތު ލުއިޓިޓުއި. (1985). މޯލްޑިވްސް ވިންޑުސް އޮފް ޗޭންޖް އިން އެން އެޓޯލް ސްޓޭޓް. ނިއުދިއްލި: ސައުތު   އޭޝިއަން ޕަބްލިޝަރސް.
އިބްރާހީމް ވަޙީދު. (1999). ދިވެހިރާއްޖޭގެ ވާހަކަ 2000. މާލެ: (ޝާއިޢުކުރި ފަރާތް އެނގެން ނެތް).
އެމް. ޑަބްލިޔު. ސުގަތަޕާލާ ޑިސިލްވާ. (1992). ދިވެހިބަހުގެ ތާރީޚާމެދު ފެންނަންހުރި ބައެއްކަންތައްތައް.          ފަތްތޫރަ، 164ން 168އް.
މުޙަންމަދު އިބްރާހީމް ލުޠުފީ. (1983). ދިވެހީންގެ ގެއްލިފައިއޮތް ތާރީޚުގެ ތެރެއަށް. ފަތްތޫރަ، 52، 05–08.
މުޙަންމަދު އިބްރާހީމް ލުޠުފީ. (1993). ދިވެހިރާއްޖެ. ފަތްތޫރަ، 171، 10–17.
މުޙައްމަދު އިބްރާހިމް ލުޠުފީ. (1991). އިބުނުބަތޫތާ ދިވެހިރާއްޖޭގައި، މަލަސް 32، ދިވެހިބަހާތާރީޚަށް
     ޚިދުމަތްކުރާ ޤައުމީމަރުކަޒު: މާލެ.
މޫސާ ޢަލީ. (1994). ދިވެހިންގެ އާދަކާދަ. ޤައުމީ ކުތުބުޚާނާ.
މުޙަންމަދު ޢަލީ. (2010). ރާއްޖެ އުފެދުން. ހޭންޑްއައުޓް. ދިވެހިބަހުގެ ޑިގްރީ ކޯސް 2010. ފެކަލްޓީ އޮފް  
      އާރޓްސް.
މުޙަންމަދު ޢަލީ. (2010). ފެކަލްޓީ އޮފް އާޓްސްގައި ދެއްވި ލެކްޗަރ. ދިވެހިބަހުގެ ޑިގްރީ ކޯސް 2010.
ތޯރ ހަޔަރޑާލް. (1986). ދަ މޯލްދިވްސް މިސްޓްރީ. ގްރޭޓް ބްރިޓްން: ޖޯޖް އެލެން އެންޑް އަންވިން (ޕަބްލިޝްޑް) ލޓޑ.


މި ލިޔުން:
    ފޮނުވުން:             އަލްފާޟިލް
ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ
    އަލުންބެލުމާއި ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

ވާހަކަ