އަދުގެ ޚާއްސަ

Print

އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ



ރިބާއާއި ޖުވާއާ އެ ނޫން ވެސް ޙަރާމް ވަސީލަތްތައް


ޢަބްދުﷲ ފާރޫޤު ޙަސަން

ވޭތިވެގެންމިދާ ތިންހަތަރު ސަތޭކަ އަހަރެއްގެ ތެރޭގައި ރިބާއާއި ޖުވާއާއި އެނޫންވެސް މިފަދަ އެތައް ވަސީލަތްތަކެއް ވަނީ އިޤްތިޞާދުގެ ތެރެއަށް ވަރަށް ފުންކޮށް މޫލައިފައެވެ. އެކަންތައްތަކަކީ ގާތްގަނޑަކަށް ހުރިހާ ދީންތަކެއްގައްޔާއި ތަހްޒީބުތަކެއްގައި މުންކަރާތުގެ ތެރޭގައި ހިމަނާ ކަންތައްތަކެކެވެ. މިސާލެއްގެ ގޮތުން ރިބާއަކީ ވަރަށް އިހުއްސުރެ އިޤްތިޞާދީ ދާއިރާގައި ކޮންމެވެސް ސިފައެއްގައި ހިނގަމުންއައި ކަމެކެވެ. ނަމަވެސް ރިބާ ކެއުމަކީ އަބަދުވެސް ނަފްރަތުކުރެވުނު ކަމެކެވެ. އެކަމަކު މިހާރު އެކަންވަނީ މުޅީން ބަދަލުވެފައެވެ. ކޮންމެވެސް ސިފައެއްގައި ރިބާ ނުހިމެނޭގޮތަށް އިޤްތިޞާދީ އެއްވެސް ޙަރަކާތެއް ހިންގުމުގެ ތަޞައްވުރަކީވެސް މިހާރު މުސްތަޙީލު ކަމެކެވެ. ރިބާއަކީ އިޤްތިޞާދުގެ ލާޒިމީ ޙިއްސާއަކަށް ވަނީ ވެފައެވެ. ނަތީޖާއެއްގެގޮތުން އިންސާނުންގެ އިޖްތިމާޢީ ޝުޢޫރުގައިވެސް އެސުންޕާ ކަންތައްތަކުގެ ބިރުވެރި ހިޔަނިވަނީ ފަނޑުވެފައެވެ. ހަމައެފަދައިން ޖުވާއާއި ސްޕެކިޔުލޭޓިވް ޓްރޭޑަކީ އެއްއިރަކުވެސް ރުހުމުގެ ލޮލަކުން ހެޔޮކަމެއްގެ ގޮތުގައި ބެލެވުނު ކަންތައްތަކެއް ނޫނެވެ. ނަމަވެސް އަނެކުންގެ އިޤްތިޞާދީ ލޭބުއިމަށް ދެވިހިފައިފައިވާ މިހާރުގެ ދުނިޔޭގައި މުދަލާއި، ފައިސާއާއި، ޙިއްސާގެ ބާޒާރުގައި ފޯވަރޑް ޓްރޭޑިންގއާއި ފިޔުޗަރސް މާރކެޓް (Forward Trading & Futures Market in Commodities, Currencies, and Shares) ގެ ދާއިރާގައި ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެކަންކަންވަނީ ޤާނޫނީގޮތުން ހުއްދަކުރެވިފައެވެ. އެކަންކަމަކީ ޖުވާގެ ޒަމާނީ ވައްތަރުތަކެއްކަމަށް ޢާއްމުކޮށް ޚިޔާލުކޮށެއްވެސް ނުލެވެއެވެ. ޙަޤީޤަތުގައި ހައްތާވެސް މިއީ އިޤްތިޞާދީގޮތުން ހުއްދަނޫން ފައިދާ ހޯދައިގަތުމުގެ ވަސީލަތްތަކެވެ. ޙަރާމް ކަންތައްތަކެވެ.

ދުނިޔޭގެ ދަހިވެތިކަމުގެ ކަރުނަ


ދެވަނަޔަށް އެންމެބޮޑުވެފައިވާ މަސްއަލައަކީ މިހާރަކަށް އައިސް ގިނަ މީހުންގެ ވިސްނުން ފެތިފައިވާ ތައްގަނޑެކެވެ. ޙަޔާތުގެ މަޤްޞަދެއްކަމުގައި ގިނަމީހުން ބަލަނީ މިދުނިޔޭގެ ދިރިއުޅުން ވީހައިވެސް ފުރިހަމަކުރުމެވެ. އިންސާނުންގެ ވިސްނުން މިގޮތަށް ބައްޓަންކުރުމުގައި އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ކޯރޕަރޭޓް މަޞްލަޙަތުތަކަށްޓަކައި މަސައްކަތްކުރާ މީޑިޔާގެ ވަސީލަތްތަކެވެ. މިޒަމާނުގެ އިންސާނާގެ ދީނަކީ އިޤްތިޞާދު ކަމުގައި ކޮންމެވެސް މީހަކު ބުނެފައިވާ ބުނުމަކީ މާނައެއްނެތް ބުނުމެއް ނޫނެވެ.

(Economics is the Religion of the Modern Man)

ހުރިހާ އުޞޫލުތަކަކާއި، ފަލްސަފާތަކަކާއި، އަގުތަކެއް ފުރަގަހަށް އެއްލައިލުމަށްފަހު އިންސާނުން ވަނީ މިދުނިޔެއިން އެމީހަކަށް ލިބޭ މިންވަރު އަދިވެސް މަދުވެގެން އެކަމުގެ ފިކުރާއި ހިތާމައިގައި ކަރުނައަޅައަޅައެވެ. ޢާލަމްތަކަށް ހިދާޔަތެއްކަމުގައި ފޮނުއްވި ސާހިބާ އިންސާނުންގެ މި ޙާލަތު ސިފަކުރައްވާފައިވަނީ ވަރަށްވެސް ފުރިހަމަޔަށެވެ. އިތުރުސާހިބާ ޙަދީޘުކުރައްވައިފައި ވެއެވެ.

"އާދަމުގެ ދަރިޔެއްގެ މިލްކުގައި ދެވާދީ ފުރިފައިވާ މުދާ ހުރިކަމުގައި ވާނަމަ އޭނާގެ ހިތް އެދޭނީ އެފަދަ ތިންވަނަ ވާދީއަކަށެވެ. އާދަމުގެ ދަރިޔާގެ ހިތް ވެލި ފިޔަވައި އެހެން އެއްވެސް އެއްޗަކުން ފުރައެއްނުލެވޭނެއެވެ."

ތިމާޔަށް ލިބޭ ބައިވަރު މަދުވުމުގެ ފިކުރާއި ތިމާގެ އަމިއްލަ އެދުމުގައި ފޯވެފައިވުމާއި، ތިމާގެ އަމިއްލަ ދިރިއުޅުން ވީހައިވެސް ފުރިހަމަކުރުމުގެ ދަހިވެތިކަމުގައި އެއްވެސް މީހަކަށް އަނެކަކާމެދު ޚިޔާލެއްކޮށްލާނެ ތަންވަޅެއް ނުވެއެވެ. އިންސާނުންގެ ތެރެއިން މަޙްރޫމުވެފައިވާ ގިންތީގެ މަތީން ހަނދާންކުރާނެ ހެޔެއް ނުހުރެއެވެ. ކުރީންވެސް ދަންނަވައިފައިވާނޭ ފަދައިން އިންސާނުންނަކީ ފިޠުރީގޮތުން ތަފާތުތަކެއް ހުންނަ ބައެކެވެ. ޢުމުރާއި، ޞިއްޙަތާއި، ޙާލަތު ނިޔާކުރާގޮތުން އިޤްތިޞާދީ ދުވެލީގައި ވާދަނުކުރެވޭ ބަޔަކު އިންސާނުންގެ ތެރޭގައި އުޅެއެވެ. ހުރިހާ މުޖްތަމަޢުތަކެއްގައިވެސް މަޙްރޫމުވެފައިވާ ފަންތިއެއްގެ ގޮތުގައި އެފަންތި އޮވެއެވެ. އެހެންކަމުން އެފަންތީގެ ބޭނުންތަކާމެދު މުޖްތަމަޢުން ޚިޔާލުކުރާންޖެހެއެވެ. އެބައިމީހުންގެ ބޭނުންތައް ފުއްދައިދޭން ޚާއްސަގޮތެއްގައި ހަނދާންބަހައްޓަން ޖެހެއެވެ. މިދެންނެވި ޚާއްސަ ސަމާލުކަން ދިނުމަށް އިސްލާމީ އިޞްޠިލާޙުގައި ދީފައިވާ ނަމަކީ "އިޙްސާންތެރިވުން" މިނަމެވެ.

އިންސާނުން މިހާރަކަށްއައިސް ދިރިއުޅެމުން މިގެންދާ ޙަޔާތުގެ ތަޞައްވުރުގެ ބާވަތުން "އިޙްސާންތެރިކަން" ވަނީ ހަނދާނުން ކެހިފައެވެ. މަޙްރޫމުވެފައިވާ މީހުންގެ ނުލިބުމާއި ދިރިއުޅުމުގެ އުނދަގޫތައް ހައްތާވެސް ދަނީ އިތުރުވަމުންނެވެ. އިޙްސާންތެރިވުމުގެ އެކަށޭނަކަން އޮންނާނީ އިންސާނުން ދެކެ ލޯބިވާ މާޙޫލެއްގައެވެ. އެކަކު އަނެކަކަށް ހެޔޮއެދުމާއި، ހަމްދަރުދީގެ ޝުޢޫރުތައް އަށަގެންފައިވާ ވެއްޓެއްގައެވެ. މިއަދުގެ ދުނިޔޭގައި ކަންހުރީ އެގޮތަކަށް ނޫނެވެ. ތިމާގެ މަންފާއާއި ލާބަޔަށްޓަކައި އަނެކުންގެ ލެއިން އަތްދޮވެލުމަކީ މިހާރު ކޮންމެ ދުވަހަކު ހިނގާ ވަރަށް އާދައިގެ ކަމެކެވެ. އެހެނިހެން މަސައްކަތުގައި އުޅޭ މީހުން އެބައިމީހުންގެ ޙާލުގެ މަގަށް ދޫކޮށްލުމަށްފަހު، އިންސާނުންނަށް ހަށިހެޔޮކަމުގެ ނިޢުމަތް ހޯދައިދިނުމުގެ ޚިދުމަތުގައި އުޅޭ ޑޮކްޓަރުންނާއި ކާބޯތަކެތި އުފައްދާ މީހުންގެ ދާއިރާއަށް ވިސްނައިލަމާ ހިންގަވާށެވެ. ހަމައެކަނި ކަމިޝަން ހޯދުމަށްޓަކައި ބަލިމީހުން ބޭނުމެއްނެތް ޓެސްޓްތައް ކުރުވައެވެ. މައިމީހާއާއި ދަރިފުޅުގެ ދުޅަހެއިކަމާއި މަރާއި ދިރިތިބުމަށް ބަލައިލުމެއްނެތި ޢާއްމު މައްސަލަތައް ފަޅާ މޭޒުމައްޗަށް ގެންދެއެވެ. ނަފާކާން ހެސްގެންފައި ތިބޭ ބޭހުގެ ވިޔަފާރިކުރާ މީހުން މެދުވެރިކޮށް ވިހަ ބޭސްތައް ނުބައި ލޭބަލްތަކުގައި ވިއްކުވުމަކީ ޢާއްމުކަމެކެވެ.

ޞިއްޙަތަށް ގެއްލުންހުރި ބާވަތްތައް ކާބޯތަކެއްޗާ އެއްކުރުމާއި، ޖަނަވާރުތަކުން ވީހާވެސް ގިނައިން ކިރު ހޯދުމަށާއި، ގޮވާމާއި ތަރުކާރީ އިތުރުކުރުމުގެ މަޤްޞަދުގައި ހޯމޯން ބޭނުންކުރުމަކީ ޢާއްމުކަމެކެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިޞްލާޙުތައް


އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިންސާނީ ޙަޔާތުގެ ހުރިހާ ފަރާތެއް އިޞްލާޙު ކުރެއްވުމުގެ މިޝަނެއް ތަޢާރުފުކުރައްވައިފައެވެ. އިންސާނުންގެ އިންފިރާދީ ދިރިއުޅުމާއި އިޖްތިމާޢީ ޙަޔާތުގެ މުޢާމަލާތުތައް ހަމަމަގަށް އަޅުއްވައިފައެވެ. ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބައިގެ ހަރުދަނާ ބިންގާތަކެއް އަޅުއްވައިދެއްވައިފައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްސަވައިދެއްވައިފައިވާ އަރުތައާއި މަންފާގެ ޗާޓާ އެއްގޮތަށް ދިރިއުޅުން ކުރިޔަށް ގެންދިޔުމާއި ނުގެންދިޔުން ވަނީ އިންސާނުންގެ އެކިއެކި ފަރުދުންނާއި ޖަމާޢަތުގެ އިޚްތިޔާރުގައެވެ. އިތުރުސާހިބާ ކުރައްސަވައިދެއްވައިފައިވާ އިޞްލާޙީ މަގުޗާޓުގެ އެންމެ ފުރަތަމަ ކަމަކީ އިންސާނުންގެ ފިކުރާއި ޢަޤީދާ އިޞްލާޙުކުރެއްވުމެވެ.

ތިރީގައި މިވަނީ ދުނިޔޭގެ އިޤްތިޞާދިއްޔަތުގެ މިސުރާބު ސީދާކުރެއްވުމަށާއި، އިންސާނުންނަށް ފަލާޙާއި ކާމިޔާބީ ހޯއްދަވައިދެއްވުމަށްޓަކައި އިތުރުސާހިބާ ގެންނެވި އިސްލާމްދީނުގައި ހުށަހަޅުއްވައިފައިވާ ކާއިނާތުގެ ތަޞައްވުރުގެ ކުރު ޚުލާޞާއެކެވެ.

ތައުޙީދު:


އިންސާނާއާއި މުޅި ކާއިނާތުގެ ޚާލިޤަކީވެސް މާލިކަކީވެސް އެއްކައުވަންތަ ﷲ އެވެ. އެހެންކަމުން އިންސާނުންނަކީ ވަޙްދަތުގެ އެއް ޗޭނަކުން ގުޅިފައިވާ އެއްބައެކެވެ. ވަކި ކުލަޔަކަށް، ވަކި ނަސްލަކަށް، ވަކި ސަރަޙައްދަކަށް، ވަކި ބަހަކަށް، ވަކި ތަހްޒީބަކަށް ނިސްބަތްކޮށް އިންސާނުންގެ އެއްބަޔަކަށް އަނެއް ބަޔެއްގެ މައްޗަކަށް އެއްވެސް މޮޅުކަމެއް ލިބިފައެއް ނުވެއެވެ. އެންމެހައި އިންސާނުންނަކީ ޙަޔާތުގެ ހުރިހާ ވަސީލަތްތަކެއްގެ މައްޗަށް ހަމަހަމަ ޙައްޤުތަކެއް ލިބިފައިވާ ބައެކެވެ.

ޚިލާފަތު:


އިންސާނާއަކީ މިބިންމަތީގައި އަރަހުށި މާތްﷲ ލައްވައިފައިވާ އެކަލާނގެ ޚަލީފާއެވެ. އަރަހުށި މާތްﷲ އިންސާނާއަށް ހޯއްދަވައިދެއްވައިފައިވާ ވަސީލަތްތަކަކީ އޭނާގެ އަމިއްލަ މިލްކެއް ނޫނެވެ. އެހެންކަމުން އެތަކެތީގެ ބޭނުންކުރުމުގައި އޭނާއަކީ އެއްވެސް ޒިންމާއެއް ނެތް މިނިވަނެއް ނޫނެވެ. އެތަކެތި ހޯދިގޮތާއި އެތަކެތި އޭނާގެ ޙަވާލުގައި ބެހެއްޓިގޮތާއި އެތަކެތި ހޭދަކުރި ގޮތަކާމެދު އޭނާގެ ޚާލިޤުގެ ޙަޟުރަތކުގައި ޖަވާބުދާރީވާން ޖެހޭނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ކާއިނާތުގައި ލައްވައިފައިވާ ތަކެއްޗަކީ އިންސާނާގެ ޙަޔާތުގެ މަސްއަލަތައް ޙައްލުކުރުމަށްޓަކައި ލައްވައިފައިވާ ވަސީލަތްތަކެކެވެ. އެތަކެތީގެ ޙައިޘިއްޔަތަކީ އޭނާގެ ޙަވާލުގައި ހުރި އަމާނާތެއްގެ ޙައިޘިއްޔަތެވެ.

ޢަދުލުވެރިކަން


މާތްﷲގެ ބިންމަތީގައި ޢަދުލުވެރިކަން ޤާއިމުވެފައި އޮންނާން ޖެހޭނެއެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ޤާބިލިއްޔަތާއި، އެމީހަކަށް ލިބިފައިވާ ފުރުޞަތުގެ ނިސްބަތުން ބިމުގައި ލައްވައިފައިވާ އިންސާނީ ޙަޔާތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމުގެ ފުރިހަމަ މިނިވަންކަން އޮންނާން ޖެހޭނެއެވެ. ޝަރީޢަތުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައެވެ. އެމީހަކަށް ލިބިފައިވާ ވަސީލަތްތައް އިތުރުކޮށް، އެވަސީލަތްތަކުގެ މަންފާ ލިބިގަތުމަށްޓަކައެވެ.

އިޙްސާންތެރިވުން


އިންސާނުންގެ ތެރޭގައި އިޤްތިޞާދީ މައިދާނުގައި ވާދަނުކުރެވޭފަދަ އެތައްބަޔަކު އުޅެއެވެ. އެބައެއްގެ ޢުމުރާއި ޞިއްޙަތުގެ ގޮތުންނެވެ. އެކިއެކި މަޤްބޫލު ސަބަބުތަކާއި، އެކިއެކި އާފާތްތަކުގެ ސަބަބުންނެވެ. އެފަދަ މީހުންނަށް އެބައިމީހުންގެ އަމިއްލަ ބާރުގައި، އަމިއްލަ ވަސީލަތްތަކުން އެބައިމީހުންގެ އަސާސީ ބޭނުންތައް ފުއްދައެއްނުގަނެވެއެވެ. އެފަދަ މީހުންގެ މަސްއަލަތައް ޙައްލުކުރުމަށްޓަކައި ޢަދުލުވެރިކަމުގެ ނިޒާމުގެ އިތުރަށް އިޙްސާންތެރިވުމުގެ ނިޒާމަކަށް ބޭނުންވެއެވެ. އެހެންކަމުން އިސްލާމްދީން ވަނީ އެފަދަ މީހުންގެ މަސްއަލަތަކަށް ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދީފައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެފަދަ މީހުންނަށްޓަކައި އިޙްސާންތެރިވުމުގެ ނިޒާމެއް ތަޢާރުފުކުރައްވައިފައެވެ. އެނިޒާމުގެ އެއްބަޔަކީ ނިކަމެތީން ދެކެ ލޯބިވުމާއި ހަމްދަރުދީވެ އަޅައިލުމުގެ މައްޗަށް ދެއްވި ނަސޭހަތްޕުޅެވެ. އެކަމުގައި ހުރި ދަރުމައާއި ޘަވާބު ބަޔާންކޮށެއްދެއްވި ދެއްވުމެވެ. މިދާއިރާއިން އިސްލާމްދީނުގައިވާ އިރްޝާދުތައް އޮޅުންފިލުއްވަން ބޭނުންފުޅުވާ ބޭފުޅުން އަޅުގަނޑު ތަރުޖަމާކޮށްފައިވާ ފޮތެއްކަމުގައިވާ "އިސްލާމްދީނުގެ ނަޒަރުގައި އިންސާނީ ޚިދުމަތް" މިފޮތް ވިދާޅުވުން އެދެމެވެ. މިމަޒުމޫނުގައި މިމޭރުމުން އަޅުގަނޑު އަލިއަޅުވައިލާނީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިދާއިރާގައި ތަޢާރުފުކޮށްދެއްވައިފައިވާ ޢަމަލީ ބައެއް ފިޔަވަޅުފުޅުތަކުގެ މައްޗަށެވެ.
-----------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ