އަދުގެ ޚާއްސަ

Print

ހުރެބަލާށެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް (2012)


ހުރެ ބަލާށޭ ޙައްޤު މަގު  ނުދެކެންވެގެން ލޯ  މަރަމަރާ
      ފުރެދުމާ ފާފައިގެ ވިހަ ކަށިތައް  ޟަމީރަށް    ހަރަހަރާ

               ===000===000===000===

ތިޔަ  ޒުވާން  ހަށިގަނޑުގެ  އާރާ ބާރު ނެތިގެންދާނެޔޭ!
         ފިޔަ ފޮޅާލާ   ކުކުޅަކުން  ހިރަފުސް  ފިލާހެން  ބުރަބުރާ
      
ހަމަ ބިމަށް ތިރިނުވެ އުދުހުމަށް މުޅި ފަޒާ ބޭނުންވިޔަސް،
          ރަމަތަ ނުވެ ދުނިޔޭގެ އަނިޔާ  ތިޔަހަރީ   މޭ  ކަރަކަރާ                        
            
އެކި ކަހަލަ  ފަރިމާމަލާ  މޭވާތަކުން  ފާގަތިވިބިން،
          ދެކި ބަލާށޭ އޭގެ އަޑި، އަލިފާން   އެހެރަ އޮލަ އަރައަރާ
             
އެއްގަމާއި  ކަނޑާ ބޮޑެތި   ކިއްލާތަކާއި ހަވޭލިތައް
          އެއްސިކުންތުން ނޫންހެ ލޮޅުމެއްގައި ލަނީ ބަލަ  އިރައިރާ

އުމުރު ތިޔަ ހަށިގަނޑު ކަމީނާ ކޮށްލައޭ މި ޙަޔާތުގައި
          ސަމުސަލެއް ފަދައިން، ސަމާވަރު ހުސްކުރާ ސައި ގިރަގިރާ  (1) 
           
އިއްޔެ މިތުރާ މޫނުގައި ލޯބިން އެ ބޮސްދިން މާމަޔާ-  
          އިއްޔެ ދުށް ގިނަ އެކުވެރިން ހުސް ވެއްޖެ ނޫންހޭ ފުރަފުރާ      
             
ކަންމިހެން އޮތް އިރު ހަޔާތުގެ ދެ ކުލައެއް އަދި ދެދުވަހެއް
           އަންނަކަން ނޭނގޭހެ ޤާބިލު  ސިކުނޑިޔަށް ތިޔަ ކިރަކިރާ
         
ހުރެވިދާނޭ މަރު އައިސް ބައްދަލު ކުރަންދެން ވަހުމުގައި
           ކުރެވި ދިޔަ ކަމަކީ ''ދުވުން'' ކެނޑިނޭޅި ހުސް އަތް ދަރަދަރާ  (2)  

------------------
1 ޖަނަވަރީ 2012

ނޯޓު: 

(1)  ކުޅާދާނަ ސަމާވަރުން މާ ދިގު ނޫން މުއްދަތެއްގެ ތެރޭގައި އެ މީހުން ސައިގިރަން ގެންގުޅޭ ސަމުސާ ހުސް ދަނޑިޔަށް ހަދާލަ އެވެ. އެމީހުންގެ        ހުނަރުގެ  މޮޅުކަމުން ސަމުސާ ކަންފަތިވެ ހުލިވެގެން ދަނީ އެވެ.
 
(2)  ''ދެރުން'' މި ބަހުގެ އެއް މާނަ އަކީ ދިއްކުރުމެވެ. އަތް ދަރައިލުމަކީ އަތް ދިއްކޮށްލުމެވެ. އަތް ދަރަދަރާ ހުރުމަކީ އަތް ދިއްކޮށްދިކޮށް ހުރުމެވެ. 


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ