އަދުގެ ޚާއްސަ

Print

މި ޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން!!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް (2012)

މި ޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން
      މޮޅިން  ހިތް ދަތިވެ ގިސްލާނީ މި ޖީލުގެ  ތިޔަ ދަރީންގެ  ދަރީން
           --------000---------000--------
     
ކުދިންނޭ   ކާފަމެން  ބޮޑުވީ  ގޮބޮޅިޔާ  ގިތި ފަޅޯ ކައިގެން
   ރޮދިން ރޮދިހިލި، ކިލާވެ ހަފުސްވެފައިވާ  ސޯޓުބުރި ލައިގެން
       މަދިރި، ތަންމަކުނު، ސެއްޅި ހަފާވަރުން، ރޭ ނިދި ނުނިދި ތިބެގެން
          މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ  މުނިމުނި  ދަރީންގެ ދަރީން

މަދަރުސާއެއް  ލޮލުން ނުދެކެން، އަށެއް ނުވަ، ދިހަ އަހަރު ވީއިރު،
    އެދުރުގެގަނޑެއް  ހުރީ   ފީ ދަނޑިފަނުގެ،    ދިހަ ބާރަ ފޫޓެއްވަރު،
         އެ ދުރުބޭ  ދަންނަނީ  ކިރިޔާ  ލިޔުން ކިޔުމާ  ހިސާބު  އަކުރު،
               މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ  މުނިމުނި  ދަރީންގެ ދަރީން
             
ގެއެއް މަދު ލެޕްރަސީ، ޓީބީ ގެ ސަބަބުން ގިސްލުމެއް ނީވޭ،
     މަޔެއް ނެތް ޅަފަތުގައި ދަރިފުޅަކު މަރުވެ، އެ ވޭނުގައި ނުރޮވޭ
        ހެޔެއް ނެތް ''ވިގަނި'' ނޫން ފަރުވާޔަކަށް، އެ މަގެއް ނުވެސް ހުޅުވޭ
               މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ   މުނިމުނި  ދަރީންގެ ދަރީން

ދިމާ ވެލި ފެންނަ ފަށުގައި އޮންނަ ރަށަކަށް ދާން ވިޔަސް، ލެފިލާ!
    ދަމާ ދަންމާނު، ހަންޖާ،  ފަލިޖަހައި  މުޅި ދެ އަތުގައި   ފޮޅުލާ،
       ހަމާ ލޯ ބޯ  އަވިން ފިއްސާ،   ލޮނާ ފަސް ހަގަޑި އިރު  މެކިލާ       
              މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ   މުނިމުނި  ދަރީންގެ ދަރީން

މިހާ ދަތިހާލުގައި  ހިތިވޭނުގައި ހައިހޫނުގައި  ތިބި އިރު،
     ޖިހާދުގައޭ ތިބީ ދީނާއި ޤައުމައިގެން މެ  އައްޑަންއިރު
         ނިހާޔަތުގައި ވެޔޭ އަމްނާ ސަލާމަތްތެރިކަމުގެ ވިދުވަރު
               މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ   މުނިމުނި  ދަރީންގެ ދަރީން
            
ތެދޭ، ހަނދުވަރުގެ މޫސުމުގައި އެ ނޫނީ ކަޅު އަނދިރިކަމުގައި
     އެ ދޭ ފޮނި ފޮނި އަރާމު ނިދީގެ އުފަލާއެކު އަމާންކަމުގައި  
        ނިދީމޭ އެނދު އަށީގައި އަތިރިމައްޗާ ބޮޑެތި  މަގުމަގުގައި
               މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ   މުނިމުނި   ދަރީންގެ ދަރީން

ހިޔާދޭ ރީތި ގަސްގަހަކީ، އެއީ ކުޅިވަރުގެ މައިދާނޭ 
    ކިޔާދޭ ރީތި ލަވަތަކަކީ، މިއީ އެންމެންގެ ބުސްތާނޭ 
        ގެޔާ މުޅި ރަށުތެރޭ ބެރު ތާރަ ހަރުބީ ނުކެނޑި ގުގުމާނޭ 
                މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ  މުނިމުނި   ދަރީންގެ ދަރީން 

ޒުވާނުން ރަށުގެ ހަރުމީހުންގެ ކަފުގައި ހިތް ހިތާ ގުޅުވާ 
    ގޮވައިގެން ކުޑަކުދީން ވެސް އެ ގޮތުގައި ތަމްރީނުތައް ކުރުވާ 
        ސުވާލެއްހޭ؟ ތިބީ އެންމެން  އެކީގައި އަތް އަތާ  ގުޅުވާ 
                މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ  މުނިމުނި   ދަރީންގެ ދަރީން 
        
ސިފައިންނާ ފުލުހުނާ ގާޒީން މިއީ ކުޑަ ކޮށް،  އަހާ  ނަންނަން
     ހިފައިގެންފިތަ؟    ބަލާއިރު އޭ ސަމާސާ ކުޅިވަރުގެ ކަންކަން 
         ދިފާޢީ  ބާރަކީ ހަމަ  އެކަނި    އީމާނާ   އަދަބުވެރިކަން
               މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ   މުނިމުނި   ދަރީންގެ ދަރީން

ވަރަށް ގިނަވާނެ ކަތިވަޅިވެސް، އެއިން ކަނޑަނީ މަހާ ކުރުނބާ
     ދުރަށް އުފުލާނެ އަލިފާން ވެސް، ފަހުން ބެހެނީ ކަނދީގެ ރުނބާ
         ''ނުރައްކާތެރި'' މި ނަން ވެސް ނުދަނެޔޭ މި ހިތާ ދުލާއި ތުނބާ
               މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ   މުނިމުނި   ދަރީންގެ ދަރީން
          
ހިނގާ މަގުމަގުގެ ދެ ފަރާތުން ނުބިނދެހުރެ ކާލެވޭ ފަށުގައި
    އަނބާ އަންނާރު، ޖަނބުރޯލާއި  ފޭރާ،  ގޭގެ  އިން ފަށުގައި    
         ލެނބޭއިރު ކޯޅިތައް ފައްކާވެ، ހުރެޔޭ  ހުރިގޮތަށް  ގަހުގައި
                މި ޅެން ފުރަތަމަ    ކިޔަންވާނީ  މަގޭ   މުނިމުނި   ދަރީންގެ ދަރީން
       
ތަޅެއް ހުރި އެންމެ ދޮރުއަށްޓެއް ދޮރެއް ގޭގައި  ނުހުންނާނޭ
   ފަޅެއްގައި  އޮންނަ  އޮޑި ވެސް އޭގެ މުދަލާ އެކު، އެ އޮންނާނޭ 
          މޮޅެއް ބުނެ މޮޅުވުމެއް  ނޫންމީ،   ޙަޤީޤަތް ހާމަވާން ވާނޭ
                މި ޅެން ފުރަތަމަ    ކިޔަންވާނީ  މަގޭ   މުނިމުނި   ދަރީންގެ ދަރީން

އެއީ ދުވަހޭ  ބަނޑުން ގިނި އަންދަމުން ހިނިތުންވެ ދިޔަ  މޫނުން 
     އެއީ ދުވަހޭ  ބޮޑެތި ބަލިމަޑުކަމާ އެކު   ޙަމްދުކުރި،  މީހުން 
          އެއީ ޒިކުރާ ހިތުން ބިންވަޅު ކަނޑާ ނެގިފައިވި، ފިނި  ހޫނުން 
                މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ  މުނިމުނި     ދަރީންގެ ދަރީން 

އިލާހީ ރަޙްމަތުގެ ފޯވަހި ހެމުން އައިސް  އަށްޑިހައިގެތެރޭ
   ވިލާއިން ނިޢުމަތުގެ  ވާރޭ   ބަހާލީ  އައްސިދައިގެތެރޭ
         މިލާފައިވާ   ދިވެހި ގުލްޝަން  ދިރާލީ އައި ބަހާރުތެރޭ
                މި ޅެން ފުރަތަމަ ކިޔަންވާނީ   މަގޭ     މުނިމުނި  ދަރީންގެ ދަރީން
                
ފުދުންތެރިކަން ފަރިވެލައިފައި އައީ ޤައުމަށް އެތައް ރޮނގަކުން 
    ލަދުން އޮތް ދެރަ ފަގީރުކަމޭ  ފިލައި ދިޔައީ އެ ދިޔަ މަގަކުން،
         މުދުންމައްޗަށް އޮމާންކަން ދީފި، ނިތުގައި ހުރި އެތައް ރުލަކުން  
                މި ޅެން ފުރަތަމަ    ކިޔަންވާނީ   މަގޭ  މުނިމުނި  ދަރީންގެ ދަރީން

އުދުހިގެންފިޔެ ދިވެހި އުންމަތް އުނގެނުމާ  ފަންނުތަކުގެތެރޭ
   އެ ދުހު އެތެރާއި ބޭރާ އެކު   މަދަދުވެރިކަމުގެ  ޖައްވުތެރޭ
        ޅަ، ދޮށި، ހަގު، ހަރު، ޒުވާން ކީއްތޯ؟ ދެ ޖިންސުން، އައި މި އީދުތެރޭ 
                މި ޅެން ފުރަތަމަ  ކިޔަންވާނީ   މަގޭ   މުނިމުނި   ދަރީންގެ ދަރީން

ޙަޤީޤީ ރަޙުމު ކުލުނާ ލޯބި ވަޠަނުން ސޫރަވާ ގޮތުގައި 
   ޔަޤީންކަން ފަރުދުނާ މުޅި މުޖުތަމަޢު ކަށަވަރު ކުރާ ގޮތުގައި 
        ޢަޤީދާ އާއި  މިނިވަންކަން ވަނީ ފުރަ މާނަ ހުރި ގޮތުގައި 
               މި ޅެން ފުރަތަމަ    ކިޔަންވާނީ   މަގޭ   މުނިމުނި  ދަރީންގެ ދަރީން

ތަރައްޤީ އާއި ތަހުޒީބުގެ ރިވެތި ކުރި ބޯށިތައް އުފުލާ 
   ވަރަށް އަލި ރީތި މޫނެއްގައި ދިވެހި ދައުލަތް ތެދުވެ ފެނިލާ 
       ކަރަށް ފިނިފެންމަލުގެ ގުލްހާރުތައް ދުނިޔޭން އޮހިލަ އޮހިލާ 
               މި ޅެން ފުރަތަމަ    ކިޔަންވާނީ   މަގޭ   މުނިމުނި  ދަރީންގެ ދަރީން
    
ޒަމާންތައް ހޭދަވޭ މި ވަޠަން މިއީ ސުވަރުގެ ކަމަށް ދައްކާ،
   އަމާންކަން ފެތުރިލައި ހިތްތަކުތެރޭން ނެތިކޮށް  ވަހުމު ޝައްކާ
        ނަމާ އަބުރާ  ދިވެހި ޤައުމުގެ   ވިދާބަބުޅާ    ކިހާ ފައްކާ؟
               މި ޅެން ފުރަތަމަ    ކިޔަންވާނީ   މަގޭ   މުނިމުނި  ދަރީންގެ ދަރީން


ދެ ހާހުގެ އަހަރުތައް ގެނައީ އެހެން ޒާތެއްގެ ޠޫފާނެއް
   ބަހާރުގެ މާތަކާއި އޮށާ އެކީ އަންދާލި   އަލިފާނެއް
        ފަހާ އެކު މަރުގެ ސަހަރާއެއް ލޮލަށް ދައްކާލި ދުއްޕާނެއް
                މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ   މުނިމުނި  ދަރީންގެ  ދަރީން

ތިޔައިން ހަމަ ކޮންމެ ކުއްޖަކު ވެސް، މި ޤައުމާ މެދު ސުވާލު ކުރޭ!
   ނިޔާ އަނިޔާ ނުބައި  ރަނގަޅާ  ބަލައި  ވިސްނައި    ތަފާތުކުރޭ!
       ހިޔާ ރޫޅާ ލުމުން ދިން އަވި،  އެއިން   ވީ ގޮތް، ޚިޔާލު ކުރޭ!
                މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ    މުނިމުނި    ދަރީންގެ ދަރީން

އަމިއްލަ އަތުން މި ބިން އިހު  ކާބަފައިން  އުފަލުން ބިނާ ކުޅައީ
  ކަމެއް  ނުވެފައި ކޮބާ  ފަންނާ ހުނަރު  ހުރެގެން  އެ ކަން ކުޅައީ
       ދަމެއް ހެނދުނެއް ތަފާތެއް ނެތި،   މި ޖޯޝާ ލޯބި އާ  ކުޅައީ
               މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ    މުނިމުނި     ދަރީންގެ ދަރީން

ބުރުޒުތައް އިހުގެ ބޮޑުފާރާ ދިފާޢީ ބޮޑެތި  ކިއްލާތައް
   ހުރި ގޮތައް ވިސްނަމާ މިސްކިތްތަކާ ފަންނީ އިމާރާތްތައް 
       ޙުރުމަތާއެކު  ޖިހާދުތަކާ  ބަލާށޭ އެ ކުރި   ހިއްމަތްތައް 
               މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ     މުނިމުނި     ދަރީންގެ ދަރީން

އެ ފަދަ ފަޚްރާ ޝަރަފު ދިވެހިންނަށާ ގައުމަށް އޮތީ  ލިބިފާ  
   އެ ފަދަ  މިނިވަންކަމާއި ސިޔާދަތާ ހައިބަތު    ވަނީ  ދެކެފާ 
       އުފަލަކަށް ފިތުނަ ބިސް އަޅުވައި އެ ވިއްސީ ގަސްތުގާ ހެވިފާ 
                މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ     މުނިމުނި     ދަރީންގެ ދަރީން 

އަގެއް ނެތި މުސްލިމުން ދިވެހިންގެ ބިމުގައި ހާލުގައި ޖެހިފައި
    މަގެއް ނަމަ ހެޔޮ ކަމުގެ އިޔަހޫދި ގޮތުގައި  ބަންދުކޮށްލެވިފައި
        ވެގެން ދިޔަ ގޮތް ވެގެން ދިޔަ އިރު ތިބީމޭ ކާފަމެން ރޮވިފައި
                މި ޅެން ފުރަތަމަ ކިޔަންވާނީ   މަގޭ   މުނިމުނި    ދަރީންގެ  ދަރީން

ޒަހަރު ބުއި ގިނަ ބަޔަކު، މާމުއިގެ ނަމުގައި އައިސް ހިލޭ ދިނުމުން
    އަހަރެމެން ބުނެ ކިޔަސް،  ނުކުރޭ     ގަބޫލެއް  ކުޅުދިޔާވެލުމުން
        ރަހަ މި ލިބުނީ ކުދީންނަށް  ތިޔަ ބަޔަކު  ހަމަ، ހެއްލިގެން ދިޔުމުން
                މި ޅެން ފުރަތަމަ    ކިޔަންވާނީ  މަގޭ   މުނިމުނި    ދަރީންގެ ދަރީން

މިހާރު ކޮބާ މިތާ ދީނެއް، މިހާރު ކޮބާ އަމާން ގައުމެއް
    މިހާރު ކޮބާ ނަމެއް ޤަދަރެއް، މިހާރު ކޮބާހެ ތާރީޚެއް
         މިހާރު ކޮބާ އަމިއްލަކަމެއް، މިހާރު ކޮބާ މިވީ ކިހިނެއް؟
                މި ޅެން ފުރަތަމަ      ކިޔަންވާނީ   މަގޭ   މުނިމުނި ދަރީންގެ ދަރީން

ފުރާނަ ނަގައި އަތަށް ލައިގެން މި އަދު މިސްކިތުތެރޭ ތިބުމާ 
   ދުރާ ގާތުން   އިވޭ ''ރަނގަބީލަކުން''    ބޮލުގައި ރިހޭ ރިހުމާ  
      ކުރާނެކަމެއް ނެތޭ ނުގުޅޭ    މިއީ ކަންކަން ދިވެހި މި ބިމާ 
               މި ޅެން ފުރަތަމަ    ކިޔަންވާނީ  މަގޭ   މުނިމުނި    ދަރީންގެ ދަރީން 

ކިތައް މިސްކިތްހެ ގޮއްވާލީ؟ ކިތައް ''ކަނިގަނޑު'' ހެ ހިއްލާލީ؟
   ކިތައް މީހުންހެ އަންދާލީ؟       ކިތައް ހަމަލާހެ  ނިންމާލީ؟
         ކިތައް ލޯ ކަރުނަ ހިލުވާލީ؟ ކިތައް މާތް ތަރިކަ ނައްތާލީ؟
                މި ޅެން ފުރަތަމަ      ކިޔަންވާނީ  މަގޭ    މުނިމުނި  ދަރީންގެ ދަރީން

އަނގައިން ބުނެވޭ ދެ މީހަކު ނެތް، މި ރޫޙަނިއްޔަ ހުސްކަމުގައި 
   މަގާ ޖަންގަލި އެނގޭކަށް ނެތް، މި އޮތް މާއްދިއްޔަތުގެ ބިމުގައި 
         ދޮގާ ހީލަތުގެ ހައްދެއްނެތް،  ޒަމާނީ މޮޅު     އަދާލަތުގައި 
                 މި ޅެން ފުރަތަމަ      ކިޔަންވާނީ  މަގޭ    މުނިމުނި  ދަރީންގެ ދަރީން 
  

ފުނާ ދަތްތައް ފަދައިން އެންމެން، ބުނާ އިރު ދުލުކުރިން ހަމަ ހަމަ 
   ކަނާތުން ވާތް ކަނޑާލަން އެންގުމީ، ވެސް،  މޮޅު ގޮތެއް   ފުރިހަމަ 
          ޖިނާޔަތުގާ ހިނގާ، ތަހުޒީބު ގޮތަކީ   ''ހޫނ! މަށަށް  ވަރިހަމަ'' 
                މި ޅެން ފުރަތަމަ      ކިޔަންވާނީ  މަގޭ    މުނިމުނި   ދަރީންގެ ދަރީން 

''ރަނގަޅު މީހުންނަކީ ފެނިދާ ކުށާ މެދު ލޯ މަރާ މީހުން 
   އަގަލު ކުޑަ އަޑުތަކަށް ކަންފަތް މަތީގައި  އަތް އަޅާ މީހުން 
        ދަގަނޑު އަލިފާނުގައި މަޑުވާ ފަދައިން ކުފުރަށް ވިރޭ މީހުން'' 
                 މި ޅެން ފުރަތަމަ      ކިޔަންވާނީ  މަގޭ    މުނިމުނި  ދަރީންގެ ދަރީން

އުފަން ބިމުގައި ރެފިއުޖީންނަށް ކުދީންނޭ ތިޔަ ތިބީ ވެވިފައި 
   ކަފުންވެ އަމިއްލަ ޝަޚްޞިއްޔަތު އަޅުންކަމުގައިވެ ގޮސް ނިމިފައި 
       މި ފުން ވަޅުގަނޑުގެ މޭސްތިރިކަން އޮތީ ހުޅަނގާ މުޅިން ގުޅިފައި 
                  މި ޅެން ފުރަތަމަ     ކިޔަންވާނީ  މަގޭ  މުނިމުނި  ދަރީންގެ ދަރީން  

މި ވަރު ދެރައެއް މި ޤައުމާ ތިޔަ ކުދީންނަށް ދިން ބަޔަކު އެ ދިނީ 
   އެ ވަރު މަންފާ ނު ޙައްޤު މަގުން އޮހޭތީ އޭ    މިހެންނެ ވަނީ 
       ސުވަރުގޭން  ނަރަކަޔަށް މުޅި  ދިވެހި އުންމަތް ލައިފައޭ މި ވަނީ 
                   މި ޅެން ފުރަތަމަ     ކިޔަންވާނީ  މަގޭ  މުނިމުނި  ދަރީންގެ ދަރީން 
   
ދަރީންނޭ މާފު އެދެމޭ ތިޔަ ކުދީން ކިބައިން މި އަދު މި ވަގުތު
   ކުރީން އޮތް ޤައުމު ރައްދު ނުކުރެވުނީތީ ގެއްލި ގޮސް ފުރުޞަތު
        ބަރީއަ ވެޔޭ މި ކާފަ އެހެން ވިޔަސް މި ކުށުން، އެއީ ރަޙްމަތު
                 މި ޅެން ފުރަތަމަ    ކިޔަންވާނީ  މަގޭ   މުނިމުނި   ދަރީންގެ ދަރީން

ނުދަން ދުވަހަކު ފުރެއްދެ ޖަމާޢަތެއްގެ ދެ ފައިބުޑަށް ލެނބިގެން، 
   ހުދަށް ވުރެ ކަޅު ބޮޑަށް  ހުދުވާނެޔޭ ބުނެ  ރޭ ދުވާ އޮޅިގެން، 
      ތެދަށް މި ބުނީ ވަރަށް ހިތްވަރު ކުރިން މި ދުވަސް ހިތަށް ފެނިގެން، 
                 މި ޅެން ފުރަތަމަ   ކިޔަންވާނީ  މަގޭ   މުނިމުނި     ދަރީންގެ ދަރީން

ހުމެއްގައި މީރު ރަތް ގަރު ދިޔަ ދުލަށް އަނގަޔަށް ނުބައިވާތީ،
    ދުމެއްގައި ސާފު ހުދުމަންޒަރު ލޮލަށް ރަނގަޅަށް ނުފެންނާތީ،
      ނަމެއްގައި   ހެޔޮލަފާ،   ނުލަފާގެ     ފޭރާމެއްކަމަށްވީތީ،
                 މި ޅެން ފުރަތަމަ    ކިޔަންވާނީ  މަގޭ  މުނިމުނި     ދަރީންގެ ދަރީން

ބަލަން ހުއްޓާ އަމިއްލަ ވަޠަން އަނދާ އަޅިޔަށްވުމުން، އެ ގިލަން
   އަލަށް ފުރަތަމަ ބަޔާން މި ކުރީ ދަރީންނޭ، ތިޔަ ކުދީން ދެކިލަން
      ގަލަން  މި ވަގުތު މި ދެން ބާއްވާލަނީ ދެ ލޮލުން  ކަރުނަ ފޮހެލަން
                  މި ޅެން ފުރަތަމަ    ކިޔަންވާނީ  މަގޭ  މުނިމުނި     ދަރީންގެ ދަރީން
------------------
15 ޖަނަވަރީ 2012
              

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ