އަދުގެ ޚާއްސަ

Print

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ - 1

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މުޙަންމަދު އިސްމާޢީލުފުޅު

ދިވެހިރާއްޖޭގައި ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމެއް އެންމެ ފުރަތަމަ ތަޢާރަފްވެގެންދިޔަގޮތާއި، އެ ސްކީމްގެކަންތައް ދިވެހި މުޖްތަމަޢުގައި ކުރިޔަށްދިޔަ މިންވަރާއި، އަދި އެންމެފަހުން އެ ސްކީމް ގެ މަސައްކަތްތައް ހުއްޓިގެންދިޔަގޮތުގެމައްޗަށް ކުރީގެ ތާރީޚެއްގައި ފަންވަތުގައި އަޅުގަނޑު ވާނީ ބަލައިލާފައެވެ. އަދި މިދެންނެވި ހެލްތު އިންޝުއަރެންސް ސްކީމް ނިމިގެންދިއުމާ ގުޅިގެން، އެފަދަ އެހެން ސްކީމެއް އަލުން ރާއްޖޭގައި ފެށްޓުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ފަށްޓެވި ވާހަކަވެސް އެލިއުމުގައި އަޅުގަނޑު ވާނީ ދަންނަވާފައެވެ. އެހެންކަމުން މިފުރްޞަތުގައި އަޅުގަނޑު ބަލައިލެވޭތޯ ބަލާނީ ނެޝަނަލް ހެލްތް އިންޝުއަރެންސް ސްކީމެއް ފެށުމަށްޓަކައިސަރުކާރުން ފެއްޓެވިމަސައްކަތްތަކާ ގުޅިގެން ދިވެހި މުޖްތަމަޢަށް އަލަށް ތަޢާރަފްވެގެންދިޔަ  ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި މިއެޖެންސީގެދަށުން އުފެއްދެވި ޞިއްޙީ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމު "މަދަނަ" ފެށިގެންއައިގޮތާއި އެކަމުގެ  ތާރީޚީ ބައެއް ހަނދާންތަކުގެ މައްޗަށެވެ.
   
ކުރިންވެސް ދަންނަވާފައި ވާނޭފަދައިން 01 ނޮވެމްބަރ 2006 ވަނަ ތާރީޚަކީ، ދިވެހިރާއްޖޭގައި ނެޝަނަލް ހެލްތު އިންޝުއަރެންސް ސްކީމެއް ހިންގުމަށްޓަކައިއެމެރިކާގެ އިންޓަނޭޝަނަލް މެޑިކަލް ގްރޫޕް (އައި. އެމް. ޖީ.) ކުންފުންޏަށް ސަރުކާރުން ދޫކުރެއްވި ލައިސަންސް ބާޠިލުވެއްޖެކަން އެކުންފުންޏަށް އެންގެވި ދުވަހެވެ. އެހިސާބުންފެށިގެން ސަރުކާރުގެ އަމިއްލަ ރޭވުންތެރިކަމުގެ ދަށުގައި ހެލްތް އިންޝުއަރެންސް ސްކީމެއް ރާވައި ހިންގޭތޯ ބެއްލެވުމުގެގޮތުން  ދުނިޔޭގެ ތަރައްޤީ ވެފައިވާ ޤައުމުތަކާއި، އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަފާތު މޮޑެލްތަކަށް ބައްޓަންކުރެވިގެން އެދުވަސްވަރު ހިނގަމުންދިޔަ ސޯޝަލް ހެލްތު އިންޝުއަރެންސް ސްކީމްތަކާއި، މެޑިކަލް އިންޝުއަރެންސް ސްކީމްތަކާއި، އަދި މިނޫނަސް މިފަދަ އެހެން ޕްރޮގްރާމްތަކާގުޅޭ ގިނަ މަޢްލޫމާތުތަކެއްއެއްކުރައްވާފައިވެއެވެ.އޭގެއިތުރުން ކަމުގެ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭރުގެ ބައެއް ފަރާތްތަކުގެ ލަފަޔާއި އިރުޝާދުވެސް ވަނީ ހޯއްދަވާފައެވެ. ޚާއްޞަކޮށް ޑަބްލިޔޫ. އެޗް. އޯ. ގެ ފަންނީ އެހީއާއި، އެޖަމްޢިއްޔާގެ ލަފަޔާއި މަޝްވަރާ ވަރަށް ފުޅާ ދާއިރާއެއްގައި ސަރުކާރުން ހޯއްދެވިއެވެ.
   
މިދެންނެވުނު މައުލޫމާތު ހޯއްދަވައި އެއްކުރެއްވަމުންގެންދެވިއިރުކަމާބެހޭ ޚާއްޞަ ޓެކްނިކަލް ކޮމެޓީއެއްވެސްސަރުކާރުންއުފެއްދެވިއެވެ. އަދި މިކޮމެޓީގެފަރާތުންވަރަށްގިނަ ފަންނީ މަސައްކަތްތަކެއްވެސް އެދުވަސްވަރު ވަނީ ކުރައްވާފައެވެ. އެކަމުގެ ނަތީޖާއެއްގެގޮތުން ހެލްތު އިންޝުއަރެންސްއާ ގުޅޭވަރަށް ގިނަ މަޢްލޫމާތު، ފުޅާދާއިރާއެއްގައި އެދުވަސްވަރު މުޖްތަމައުގައި ފެތުރިގެންދިޔައެވެ. ކަމުގެ ބޭނުންތެރިކަން ރައްޔިތުންނަށާއި، މުޖްތަމަޢުގައި ބަސްވިކޭ ގިނަބަޔަކަށް އެނގެމުންދިއުމުގެ ނަތީޖާއެއްގެގޮތުންކަމާ ގުޅޭ ގިނަ ބަހުސްތަކެއް ރައްޔިތުންގެ މަޖިލީހުގައިވެސް އެދުވަސްވަރު ކުރިޔަށްގެންދަވާފައި ވެއެވެ. އަދި މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި ޝުޢޫރުތައް އެކިސިފަސިފާގައި އެދުވަސްވަރު ފާޅުކުރެވެމުންދިޔަކަން އެއީވެސްމިފުރްޞަތުގައި ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެކެވެ.
   
ހެލްތް އިންޝުއަރެންސް ސްކީމެއް ރާއްޖެއަށް ތަޢާރަފްކުރެއްވުމުގެގޮތުންސަރުކާރުން ކުރެއްވި ކުރިންމިދެންނެވި މަސައްކަތްތަކާއި، ހޯއްދެވި މަޢްލޫމާތާއި، ކުރެއްވި ތަޖްރިބާގެ އަލީގައި ރާއްޖޭގެ ރައްޔިތުންނާ އެކަށީގެންވާފަދަ ހެލްތް އިންޝުއަރެންސް ސްކީމެއް އެކަށައަޅައި ކާމިޔާބުކަމާއެކު ރާއްޖޭގައި ހިންގުމަށްޓަކައި 3 ކަމެއް ސަރުކާރުން ފާހަގަކުރެއްވިއެވެ. އެކަންތައްތަކަކީ:

1- ރާއްޖޭގައި އަލަށް ތަޢާރަފްކުރާ ސްކީމަކީ ބޭރުގެ އެއްވެސްފަރާތެއްގެ ނުފޫޒެއްނެތި އަމިއްލަޔަށް މެނޭޖްކުރާ ސްކީމެއް ކަމުގައި ހެދުން

2- ރާއްޖޭގައި އަލަށް ތަޢާރަފްކުރާ ސްކީމަކީ ހަމަހަމަކަމާއެކު އެންމެންނަށް ޚިދުމަތްދެވޭ ސްކީމެއްކަމުގައި ހެދުން

3- އަލަށް ތަޢާރަފްކުރާ ސްކީމަކީ އެ ސްކީމުގެދަށުން ލިބިދެވޭ ޚިދުމަތްތަކަށް ސްކީމުގެ ބައިވެރިން ޚަރަދުކޮށް، އެޚަރަދު އަނބުރައި ހޯދޭ  ނިޒާމެއްގެމައްޗަށް ބިނާވެފައިވާ ސްކީމަކަށް ހެދުން
  
މި 3 ދާއިރާގެމަށްޗަށްރިޢާޔަތްކޮށް ދިވެހިރާއްޖޭގައި ހިންގާނެ ހެލްތް އިންޝުއަރެންސް ސްކީމެއް ރާވައި، ބައްޓަންކޮށް ހެދުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށްސަރުކާރުން ޙަވާލުކުރެއްވީ ސޯޝަލްވެލްފެއަރގެ ޚިދުމަތް އޭރުވެސް ދެމުންގެންދެވި މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ އާއެވެ. އޭރު އެމިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ޙަވާލުވެ ހުންނެވީ މއ. އުރަހަ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން އެވެ. އެމަނިކުފާނުގެ ބެއްލެވުމުގެދަށުން ސްކީމާ ބެހޭ ކަންތައްތައް ރާވާ ހިންގުމުގައި އިސްވެރިއެއްގެގޮތުގައި، އަދި ކޮންސަލްޓެންޓެއްގެގޮތުގައި ސަރުކާރުން ހަމަޖެއްސެވީ ސ. ހިތަދޫ އެވަރ ގްރީން އަލްފާޟިލް ޠާރިޤް ޢަލީ ލުޠުފީ އެވެ. ކަންދިމާކުރިގޮތުން މިސްކީމް ރާވާ އިންތިޒާމްކުރުމާއި، އަދި އެންމެފަހުން ސްކީމުގެ މަސައްކަތައް ހިންގުމުގައި އަލްފާޟިލް ޠާރިޤް ޢަލީ ލުޠުފީ ގެދަށުން އިސްވެ މަސައްކަތްކުރުމަށް ސަރުކާރުން ހަމަޖެއްސެވީ އަޅުގަނޑެވެ. އެއީމިއަދު އަޅުގަނޑަށް ލިބުނު ވަރަށް ޚާއްޞަ އުފަލެކެވެ.
   
އަލްފާޟިލް ޠާރިޤް ޢަލީ ލުޠުފީ އަކީ ހެލްތް އިންޝުއަރެންސް އާއި ބެހޭގޮތުން އޭނާއަށް ލިބިވަޑައިގެންފައިވާ މަޢްލޫމާތާއި ތަޖްރިބާގެ އަލީގައި މާލޭ އިންޓަނެޝަނަލް އެއަރޕޯރޓްގެ މުއައްޒަފުންނަށް ހެލްތް އިންޝުއަރެންސް ސްކީމެއް ރާވާދެއްވައި، ކާމިޔާބުކަމާއެކު އެ ސްކީމް ކުރިޔަށްގެންގޮސްދެއްވާފައިވާ ކަމުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
   
މަތީގައި ބަޔަންކުރެވުނު 3 ޕޮއިންޓްގެމައްޗަށް ބައްލަވައި އިންޝުއަރެންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުން އަލަށް ފަށައިގަތް ޕްރޮގްރާމް "ޞިއްޙީ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ނިޒާމް" އަށް ދެއްވި ނަމަކީ "މަދަނަ" އެވެ. މަދަނައިގެ ޚިދުމަތްތައް އޭގެބައިވެރިންނަށް ފޯރުކޮށްދޭގޮތަށް ހަމަޖައްސައިފައިވަނީ  ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ދަށުންނެވެ.
   
އެންސްޕާ އާއި މަދަނަ ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ 27 އަގޮސްޓް 2008 ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ވަރަށްޚާއްޞަ ރަސްމިއްޔާތެއްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޡް މައުމޫނު ޢަބްދުލް ޤައްޔޫމުއެވެ. ނަމަވެސް އެ 2 މުއައްސަސާ ރަސްމީގޮތުން އިފްތިތާޙް ކުރުމުގެ ކުރިން އެކަމާބެހޭ އިދާރީ ގިނަ މަސައްކަތްތްކެއްވަނީ ފުރިހަމަކޮށް ނިންމާފައެވެ.
   
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 132 ވަނަ މާއްދަގެދަށުން އެންސްޕާ އިން ކުރުމަށް ފުރަތަމަ ކަނޑައަޅާފައިވާ މަސައްކަތްތަކުގެތެރޭގައި ހިމެނެނީ 5 ކަމެކެވެ. އެކަންތައްތަކަކީ:

1- ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް (ސޯޝަލް ސެކިއުރިޓީ ސިސްޓަމް) ގެ މަސައްކަތްތައް ރާވައި ހިންގުން

2- ޞިއްޙީ ޚަރަދުތައް ހަމަޖއްސައިދޭ ޤައުމީ ނިޒާމް "މަދަނަ" (ހެލްތް ފައިނޭންސިންގ ސްކީމް) ޤާއިމްކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް މިނިޒާމުގައި ބައިވެރިވުމުގެ ފުރްޞަތު ހޯދައިދިނުން

3- ޤައުމީ ޕެންޝަންގެ ނިޒާމް ރާވައި ހިންގުން

4- ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަންނެތް އަޅައިލާނެ މީހަކު ނެތް މީހުންނާއި، ދައުލަތުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީ ލިބިދޭނެ އިންތިޒާމްތައް ރާވައި ހިންގުން

5- މިދާއިރާއިން ދެވޭ ޚިދުމަތްތައް ތަރައްޤީކޮށް ފުރިހަމަކުރުމަށް ދާއިމީ ގޮތެއްގައި މަސައްކަތްކުރުމާއި، ދެވޭ ޚިދުމަތްތަކަކީ ފުއްދުންތެރި އަދި އެންމެ ފުރިހަމަގޮތުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުން

އެންސްޕާގެ މަސައްކަތްތަކުގެތެރޭގައި ފުރަތަމަ ހިމެނުނީކުރިން މިދެންނެވި ކަންތައްތައްކަމުގައި ވިޔަސް، ރާއްޖޭގެ ޤާނޫނުތަކަށް އޭގެފަހުން ގެނެވުނު ބައެއް އިޞްލާޙްތަކާ ގުޅިގެން ޕެންޝަނާ ބެހޭ މަސައްކަތްތައް ހިންގައި ބަލަހައްޓާ އޮފީހެއްގެގޮތުގައި ފަހުން ކަނޑައަޅުއްވާފައިވަނީ އެކަމަށްޓަކައި ސަރުކާރުން އަލަށް އުފެއްދެވި މުއައްސަސާއެއްކަމުގައިވާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ.އަދި ސަރުކާރުގެ މުއައްޒަފުންގެ ޕެންސަނާ ގުޅޭ މަސައްކަތްތަކަކީ ވަރަށް ކުރިއްސުރެފެށިގެން ހިނގަމުން އައިމަސައްކަތަކަށް ވާއިރު މިކަމާ ގުޅޭ އެއްވެސް މަސައްކަތެއް އެންސްޕާ ފުރަތަމަ އުފެދިގެންއައިއިރުވެސް އެފަރާތާ ހަވާލުކުރައްވާފައެއްނުވެއެވެ. ނަމަވެސް އުމުރުން 65 އަހަރުންމަތީގެ ކޮންމެ މީހަކަށް މަހަކު =/2000ރ. ދެއްވުމަށްސަރުކާރުން ފެށްޓެވި ޕްރޮގްރާމްގެ މަސައްކަތްތައް ހިންގުމަށް ފުރަތަމަ ހަވާލުކުރެއްވީ އެންސްޕާ އާއެވެ. ނަމަވެސް އެމަސައްކަތްވެސް ފަހުންވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ޙަވާލުކުރައްވާފައެވެ.
   
އެންސްޕާގެ މަސައްކަތްތައް ފުރަތަމަ ހިންގަމުންދިޔައީ "ތީމުގެ"އާއި އިންވެގެން އިރުއުތުރު ކަނުގައި ހުރި މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ގެ ތެރޭގައެވެ. އޭގެފަހުން 18 ޑިސެމްބަރ 2008 ގައި އެންސްޕާގެ މަސައްކަތް ބަދަލުކުރެވުނީ ގ. ބޮޑުފެންވަޅުގޭގެ 4 ވަނަ ފަންގިފިލައަށެވެ. އޭގެފަހުން 21 ޖޫން 2009 ގައި  މ. އިއްޒުއްދީންމަގުގައި ހުރި މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ކުރިން ހިނގި ޢިމާރާތަށް އެންސްޕާ ބަދަލުކުރެއްވުމަށްފަހު 2011މ. ވަނަ އަހަރުގެ މެދުތެރެއިންފެށިގެން މިހާތަނަށް އެންސްޕާ ހިނގަމުންދަނީ އަމީނީމަގުގައި ހުރި، ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ހިންގި އިމާރާތުގައެވެ.

މަދަނަ

މަދަނަޔަކީ ޞިއްޙީ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމަށް ދީފައިވާ ނަމެވެ. މަދަނަ މިއީ މުސްކުޅި ދިވެހިބަހެކެވެ. މިބަހުގެ މާނަޔަކީ " ރަނގަޅު ޞިއްޙަތު " އެވެ. މަދަނަޔަކީ އެންސްޕާ އިފްތިތާޙްކުރެވުނުއިރު އެމުއައްސަސާގެ ދަށުން ކުރިޔަށްގެންދިއުމަށް ކަނޑައެޅި ފުރަތަމަ ޕްރޮގްރާމެވެ. ނުވަތަ ސްކީމެވެ. މަދަނަ ސްކީމުގެ ނުވަތަ ޞިއްޙީ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމްގެ އަމާޒެއްކަމުގައި ބަލައިފައިވަނީ ޢާއިލާތައް ބިކަނުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުގޮތެއްގައި ހިފަހައްޓައިދީ، ބޭސްފަރުވާގެ އެހީ ލިބިދިނުމުގެ މައްޗަށެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މަދަނަޔަކީ މެޑިކަލް އިންޝުއަރެންސް ސްކީމެއްނޫނެވެ. މަދަނަޔަކީ ސޯޝަލް ހެލްތް އިންޝުއަރެންސް ސްކީމެކެވެ.
   
އެންސްޕާގެ އިފްތިތާޙީ ޖަލްސާގައި "މަދަނަ"ތަޢާރަފްވެގެންދިޔައީ ޚާއްޞަ ލޯގޯއެއްގެ ޒަރީޢާއިންނެވެ. މަދަނައިގެ ޚިދުމަތްދޭ މަރުކަޒްތައް ފާހަގަކުރުމަށްޓަކައި އާއްމުކޮށް ބޭރަށް ފެންނާނޭހެން އެތަންތާ މިހާރުވެސް ހަރުކޮށްފައިވާ ސްޓިކާގައި ވަނީ  މިދެންނެވި  ލޯގޯ އެވެ. މިލޯގޯގެ މެދުގައި ވައްކޮށް އަޅާފައިވާ ރޮނގުގެ މެދުގައި ފާހަގަކޮށްފައިވާ ތިކި ރަމްޒުކޮށްދެނީ ރާއްޖޭގެ ރަށެކެވެ.އެތިކީގެ ވަށައިގެންވާ ހުދުކުލަ ރަމްޒުކޮށްދެނީ ރަށްރަށުގެ ވަށައިގެންވާ ދޮންވެލީގެ ގޮޑުދޮށާއި ފަޅެވެ. އޭގެ ބޭރުން ވައްކޮށް ކުރަހާލެވިފައިވާ ރޮނގު ދައްކައިދެނީ ރަށުގެ ބޭރުގައިވާ މާސިންގާ ކަނޑެވެ. މިދެންނެވުނު ވަށްރޮނގުގެ މަތީގައި ދުނިދަނޑިބުރަށް ހުރަހަށް ވާގޮތަށް ދަމާލެވިފައިވާ ނިޝާނަކީ ދިވެހި ޤައުމިއްޔަތު ރަމްޒުކޮށްދިނުމަށްޓަކާ ކުރަހާލެވިފައިވާ ދިވެހި ޤައުމީ ރުކުގެ ފަނެކެވެ. އެފަނުގެމަތީގައި ކުރިބޯށީގެ ސިފަޔަށްވާ 3 ކުރެހުން ފާހަގަކޮށްދެނީ ފަނުގެ ފަންވަތްތަކެވެ. ވައްރޮނގުގެ ތިރީގައި ދުނިދަނޑިބުރަށް ހުރަހަށްވާގޮތަށް ދަމާލެވިފައިވާ ރޮނގު ރަމްޒުކޮށްދެނީ އިންސާނެއްގެ އަތެކެވެ. މިއަތް މާނަކޮށްދެނީމަދަނަ ސްކީމުން ލިބިދޭ  ބޭސްފަރުވާގެ އެހީތެރިކަމާއި އަޅާލުމެވެ.
   
މަދަނަ ޕްރޮގްރާމްގެދަށުން ޚިދުމަތް ދިނުމުގައި މީހުން ބައިވެރިކުރުމުގެއަމާޒެއްކަމުގައި ސަރުކާރުން ބައްލަވާފައިވަނީ މީލާދީން 2010 ވަނަ އަހަރާއި ހަމަޔަށްދާއިރު ހަމަޖެހިފައިވާ އުޞޫލުތަކާއެއްގޮތަށް، ލުއިފަސޭހަގޮތެއްގައި މަދަނައިގައި ނުވަތަ"ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމުގައި"ރާއްޖޭގެ ކޮންމެ ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރްޞަތު ތަނަވަސްކޮށްދިނުމެވެ. މަދަނައިގެދަށުން ފުރަތަމަ ޚިދުމަތްލިބިދޭންފެށި ފަރާތްތަކަކީ:

1- ކައިބޮއިއުޅުމާއި ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަންނެތްމީހުންގެގޮތުގައި ސަރުކާރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް

2- ސިވިލްސަރވިސްގެ މުއައްޒަފުންނާއި ސަރުކާރުގެ އެހެން މުއައްޒަފުން

3- ދައުލަތުގެ ޕެންޝަނަރުން (މިބައިގެތެރޭގައި ސަރުކާރުގެ މުއައްޒަފުންގެތެރެއިން އިސްރަށްވެހީންގެގޮތުގައި2008މ. ވަނަ އަހަރުސަރުކާރުގެ ވަޒީފާއިން ވަކިކުރެއްވި ފަރާތްތައްވެސް ހިމެނެއެވެ.)

4- އުމުރުން 65 އަހަރުންމަތީގެ މިހުން (މިމީހުންނަށް މަދަނައިގެ ޚިދުމަތް ލިބިދޭންފެށީ 1 ޖަނަވަރީ 2010 ގައެވެ.)
   
މަދަނައިގެ ޚިދުމަތް ފުރަތަމަލިބިދޭންފެށީ މިދެންނެވި 4 ދާއިރާގައި ހިމެނޭ ފަރާތްތަކަށްކަމުގައިވިޔަސްކޮންމެ ދިވެހި ރައްޔިތަކަށާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ކޮންމެ މީހަކަށްވެސް މަދަނައިގައި ބައިވެރިވެ ޚިދުމަތް ހޯދުމުގެ ފުރްޞަތު 1 ސެޕްޓެމްބަރ 2009 ން ފެށިގެން ވަނީ ހުޅުވައިލައްވާފައެވެ.
   
މަދަނައިގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް ޕްރީމިއަމްގެގޮތުގައި މަދަނަޔަށް ދައްކަން ޖެހޭ ފައިސާގެ މިންވަރެއްކަމުގައި ކަނޑައަޅާފައިވަނީ އަހަރަކަށް =/2000ރ. އެވެ. ނަމަވެސް އެމީހަކަށް ލިބޭ އާމްދަނީގެ މައްޗަށް ރިޢާޔަތުކޮށް ޕްރީމިއަމްގެ މިންވަރު މަދުކޮށްދިނުމަށް އެދި ސަރުކާރަށް ހުށަހަޅާ ފަރާތްތަކަށް،އެމީހެއްގެ ދިރިއުޅުމުގެ ޙާލަތާ ގުޅޭގޮތުން ސަރުކާރުން ބައްލަވަން ބޭނުންފުޅުވާ ކަންތައްތަކަށް ބެއްލެވުމަށްފަހު ޕްރީމިއަމްގެގޮތުގައި އެމީހެއްގެ އަތުން ނަގަންޖެހޭ ފައިސާގެ މިންވަރު މަދުކޮށްދިނުމުގެ ވަކި އުޞޫލުތަކެއް ފަހުން ވަނީ ސަރުކާރުން ކަނޑައަޅުއްވާފައެވެ. އަދި މިގޮތަށް ހަމަޖައްސަވައިދެއްވާ ފަރާތްތަކުން ދައްކަން ކަނޑައަޅުއްވާ ފައިސާގެ މިންވަރަށް ބައްލަވައި 2 ހާސްރުފިޔާއަށްވުރެ މަދުވާ މިންވަރު ސަރުކާރުން އެންސްޕާއަށް ދައްކާގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.  މީގެ އިތުރުންސް ޕްރިއަމް ފައިސާ ދެއްކުމުގައި އެނޫންވެސް އިތުރު ފަސޭހަގޮތްތައް ސަރުކާރުން ފަހުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
   
މަދަނައިގައި ބައިވެރިވެ ޚިދުމަތް ހޯދާ ފަރާތްތަކަށްޚިދުމަތުގެ އަގަށް މަދަނައިން ޚަރަދުކޮށްދިނުމަށްކަނޑައަޅާފައިވަނީ އަހަރަކަށް =/100000ރ.(އެއްލައްކަރުފިޔާ) އެވެ. ނަމަވެސް އެންސްޕާއިން ފަހުން ކަނޑައެޅުއްވި އައު ޤަވާއިދެއްގެދަށުން އަހަރަކަށް =/1000ރ. (އެއްހާސް ރުފިޔާ) ގެ ޕްރީމިއަމްއެއް ދައްކައިގެ ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށް ޚިދުމަތުގެ އަގަށް މަދަނައިންއަހަރަކަށް =/50000ރ. (ފަންސާސްހާސް ރުފިޔާ) ހަމަޖައްސައިދޭގޮތަށްވެސް ފަހުން ވަނީ ކަނޑައަޅުއްވާފައެވެ.
   
މަދަނައިގެ ދަށުން ޚިދުމަތްލިބިދޭ މަރުކަޒުތަކުގެގޮތުގައި ފުރަތަމަ ކަނޑައެޅުއްވީސަރުކާރުގެ ހޮސްޕިޓަލްތަކާއި،އެންސްޕާއާއެކު އެގްރީމަންޓްކޮށްމަދަނައިގެދަށުން ޚިދުމަތް ލިބިދިނުމަށް އެއްބަސްވިއޭ. ޑީ. ކޭ. ހޮސްޕިޓަލް އާއި، އަމިއްލަ ބައެއް ކްލްނިކްތަކާއި. އަދި ބައެއް ބޭސްފިހާރަތަކެވެ. ރާއްޖޭގެ އެކިރަށްރަށުގައި ސަރުކާރުން ހުޅުއްވަވާފައިވާ ހެލްތް ސެންޓަރތަކާއި، ހެލްތް ޕޯސްޓް ފަދަ ތަންތަން މަދަނައިގެދަށުން ޚިދުމަތްދޭ ތަންތަނުގެގޮތުގައި އޭރު ހަމަނުޖެއްސީ އެތަންތަނަކީ އޭރުވެސް އަގަކާނުލައި ހިލޭ ޚިދުމަތްދެމުންގެންދާ ތަންތަނަކަމުގައި ވީތީއެވެ.
   
މަދަނައިގައި ބައިވެރިވުމާއި، ޚިދުމަތްލިބިދިނުމުގެ ކަންތައްތައްފުރަތަމަވެސްފެށިގެންދިޔައީ އެކަމަށްޓަކާ ކަނޑައެޅުނު ޤަވާޢިދުތަކަކާއި އަދި އުޞޫލުތަކެއްގެ މަތީންނެވެ. ނަމަވެސް ޚިދުމަތާ އަދި އެނޫންވެސް ކަންކަންކަމަށް އަންނަމުންދިޔަ އެކިއެކި ބަދަލުތަކާ ގުޅިގެން މިދެންނެވި ޤަވާއިދުތަކަށާއި އުޞޫލުތަކަށްވެސް އެކިއެކި ބަދަލުތައް ގެންނަވަމުން ގެންދަވާފައިވެއެވެ. ތިރީގައި މިބަޔާންކުރަނީ މިގޮތުން ފުރަތަމަކަނޑައެޅުނު ބައެއް މުހިންމު ޤަވާޢިދުތަކާއި އެކިއެކި ބަދަލުތަކެވެ.

1- މަދަނަ އާއި މަދަނަ ޕްލަސްގެ ކޮންމެ ބައިވެރިޔަކުވެސް ޚިދުމަތަށްއެދި، މަދަނައިގެ ޚިދުމަތްދޭ ކޮންމެ މަރުކަޒުކަށްވެސް ހުށަހަޅާނީ މުއްދަތު ހަމަނުވާ އެމީހެއްގެ އައިޑެންޓިޓީ ކާޑެވެ.

2- ޑޮކްޓަރ ލިޔެދެއްވާ ޕްރެސްކްރެޕްޝަނަށް ބޭސް ނެގުމަށްޓަކައިއަގުދައްކާއިރު މަދަނައިގެދަށުން އަގުހަމަޖައްސާނީ އެޕްރެސްކްރެޕްޝަނަކަށްދައްކަންޖެހޭ އަގުގެ -/40ރ. އަށްވުރެ އިތުރުވާ މިންވަރެވެ. އަދި ސަރުކާރުފިޔަވައި އަމިއްލަ މަރުކަޒަކުން ޚިދުމަތް ހޯދާނަމަ އެޚިދުމަތަކަށް ދައްކަންޖެހޭ އަގުގެ %15 ދައްކަންޖެހެނީ ޚިދުމަތް ހޯދާ ފަރާތުންނެވެ.

3- އެއްފަރުވާއަކަށް އެއްފަހަރާ މަދަނައިގެދަށުން ޚަރަދުކުރެވޭނީ -/30000ރ. އެވެ. އޭގެއިތުރަށް ޚަރަދުކުރެވޭނީ އިތުރު ހުއްދަޔެއް ލިބިގެންނެވެ.

4- މަދަނައިގެދަށުން ބޭސްލިބިދޭގޮތަށް ފުރަތަމަ ހަމަޖެހިފައިވަނީ ރާއްޖޭގެ ޑޮކްޓަރުން ލިޔެ ތައްޔާރު ކުރައްވާފައިވާ ނެޝަނަލް ޑްރަގްލިސްޓްގައިހިމެނޭ ބޭސްތަކުގެތެރެއިން މަދަނައިން ދޫކުރުމަށް ހުއްދަނުކުރާ  ބޭސްފިޔަވާ އެނޫން ބޭސްބޭހެވެ.ނަމަވެސް 1 ޖަނަވަރީ 2010 ން ފެށިގެން ނެޝަނަލް ޑްރަގް ލިސްޓްގެ ބަދަލުގައި ބޭނުންކުރާގޮތަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޮރޮޓީން ތައްޔާރު ކުރައްވާފައިވާ އެޕްރޫވްޑްޑްރަގް ލިސްޓްގައި ހިމެނޭ ބޭހެވެ.

5- މަދަނައިގައި ބައިވެރިވުމުގެ ފުރްޞަތު ކޮންމެ އަހަރަކުވެސް ހުޅުވައިލެވޭނީ ޖަނަވަރީ، އޭޕްރިލް، ޖުލާއީ. އޮކްޓޫބަރ، މިމަސްމަހުގައެވެ.

6- މަދަނައިގެދަށުން ބައެއް ޚިދުމަތްތައް ލިބިދެވޭނީ ވަކި މުއްދަތަކަށެވެ. މިފަދަ ޚިދުމަތްތަކުގެ މުއްދަތު ޚާއްޞަ ހުއްދަޔަކާއެކު އިތުރުކުރެވިދާނެއެވެ. މީގެތެރޭގައި އައި. ސީ. ޔޫ. ގެ ޚިދުމަތާއި، ޑައިލެސިސްހެދުންފަދަ ޚިދުމަތްތައް ހިމެނެއެވެ.

7- ވީލްޗެއަރ އާއި ހިއަރިންގ އެއިޑް އާއި އައިނުފަދަ ތަކެއްޗާއި މެޑިކަލް ޗެކަޕް ހެދުން ފަދަ ޚިދުމަތްތައް ލިބިދެވޭނީ އެކަންކަމަށް ކަނޑައަޅާފައިވާ ވަކި އުޞޫލުތަކެއްގެ މަތީންނެވެ.

8- މަދަނައިގެ ބައިވެރިއަކަށް ޞިއްޙީގޮތުން އިމާޖެންސީ ޙާލަތެއް ދިމާވެގެން ޚިދުމަތްދޭ އެހެން މަރުކަޒަކަށް ރިފާކުރަން ޖެހިއްޖެނަމަ ކަނޑުގެ މަގުންނާއި ވައިގެމަގުން އެމީހަކު އެމަރުކަޒަކަށް ގެންގޮސްދެވޭނެއެވެ.

މަދަނައިގެދަށުން ޚިދުމަތްހޯދުމަށް ކަނޑައަޅާފައިވާ ޤަވާއިދުތަކުގެ ވާހަކަތައް ދެންނެވިއިރު އެލިއުމުގެ ފުރަތަމަ ނަމްބަރުގައި "މަދަނަ ޕްލަސް" ގެ ވާހަކަ ދަންނަވައިލެވިއްޖެއެވެ. " އާދެ! މަދަނަ ޕްލަސްއަކީ މަދަނައިގެދަށުން ރާއްޖޭން ބޭރުން ފަރުވާ ހޯދައިދިނުމަށް ހުޅުވައިލި ޚާއްޞަ ޕެކޭޖެކެވެ. 19 އޮކްޓޫބަރ 2009 ވަނަ ދުވަހަކީ މަދަނައިގެ ޚިދުމަތް ރާއްޖޭން ބޭރުން ލިބިދިނުމަށްޓަކައި "މަދަނަ ޕްލަސް" ގެ ޚާއްޞަ ޕެކޭޖް ފެށި ދުވަހެވެ. މިޕެކޭޖްގެދަށުން ރާއްޖޭން ބޭރުން ޚިދުމަތް ލިބިދެވޭ ތަންތަނުގެގޮތުގައި ފުރަތަ ހަމަޖައްސާފައިވަނީ، އިންޑިޔާގެ ޓްރެވެނައްތަޕޫރަމްގެ ރީޖަނަލް ކެންސަރ ސެންޓަރ އާއި، އާނަންތަޕޫރީ ހޮސްޕިޓަލް އާއި، ޗައިތޭނިޔާ އައި ހޮސްޕިޓަލް އާއި، އަދި ނިމުސް ހޮސްޕިޓަލް އެވެ.  ސްރީލަންކާއިންޚިދުމަތް ލިބޭގޮތަށްހަމަޖައްސާފައިވަނީ ކޮޅުބުގެ ލަންކާ ހޮސްޕިޓަލް އެވެ.2011މ. ވަނަ އަހަރުގެ މިހާތަނަށް އައިއިރުވެސް ރާއްޖޭންބޭރުން ޚިދުމަތްލިބިދޭ މަރުކަޒުތަކުގެ ލިސްޓްގައި ހިމެނެނީ މިދެންނެވުނު މަރުކަޒުތަކެވެ.
   
މަދަނަ ޕްލަސްގައި ބައިވެރިވުމަށްޓަކައި ދައްކަންޖެހޭ ޕްރީމިއަމްގެ މިންވަރަކީ މަދަނައިގައި ބައިވެރިވުމަށް ދައްކާފައިވާ ޕްރީމިއަމްގެ އިތުރުން އަހަރަކަށް -/1500ރ. އެވެ.މަދަނަ ޕްލަސްގައިބައިވެރިވުމުގެ ފުރްޞަތު މިހާތަނަށް ހުޅުވައިލާފައިވަނީ މަދަނައިގައި ބައިވެރިވެފައިވާ ދިވެހީންނަށް އެކަންޏެވެ. މަދަނަ އާއި މަދަނަ ޕްލަސްގެދަށުން ބޭސްފަރުވާއަށް ކޮންމެ މީހަކަށްވެސް މަދަނައިން ޚަރަދުކޮށްދިނުމަށް ކަނޑައަޅާފައިވަނީ  އަހަރަކަށް 1 ލައްކަ ރުފިޔާއެވެ.
   
މަދަނަ އާއި މަދަނަ ޕްލަސްގެ ޕްރޮގްރާމް ކުރިޔަށް ދަނީ  އެލައިޑް އިންޝުއަރެންސް ކޮމްޕަނީއާއި ގުޅިގެންނެވެ. މަދަނައިގެ ބައިވެރީންނާއި، ޚިދުމަތްދޭ މަރުކަޒުތަކުން އޮޅުންފިލުވަން ބޭނުންވާ މަޢްލޫމާތުތަކާއި ދިމާވާ މައްސަލަތައް ޙައްލުކުރާނެ ގޮތުގެ މަޢްލޫމާތު އޮޅުންފިލުވާދެމުންގެންދަނީ 24 ގަޑީއިރަށް ހުޅުވާފައިވާ އެކުންފުނީގެ ކޯލް ސެންޓަރުންނެވެ. ޚިދުމަތްދޭ މަރުކަޒުތަކުން ފައިސާ ހޯދުމަށްޓަކައިބިލްތައް ހުށަހަޅަނީވެސް އަދި ބިލްތަކުގެ ޞައްޙަކަމާމެދު ބެއްލެވުމަށްފަހު ބިލްތަކަށް ފައިސާ ދޫކޮށްދެއްވަނީވެސް އެކުންފުނީންނެވެ. އަދި ހަމައެއާއެކު މަދަނަ ޕްލަސްގެދަށުން ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ލިއުންތަކުގެ ޞައްޙަކަމާމެދު ބައްލަވަނީވެސް އަދި ރާއްޖޭންބޭރުން ފަރުވާ ލިބިދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދީ އެކަންކަން ބަލަހައްޓަވަނީވެސް އެކުންފުނީގެ ފަރާތުންނެވެ. މިކަމަށްބޭނުންވާ ފައިސާ އެކުންފުންޏަށް ފޯރުކޮށްދެނީ އެންސްޕާ އިންނެވެ.

2012މ. ވަނަ އަހަރު ފެށުނުއިރު މަދަނަ އުވާލާ އޭގެބަދަލުގައި "އާސަންދަ" ވަނީ އުފައްދާ
ފައެވެ. އިރާދަކުރެއްވިއްޔާ ލިބޭ އެހެން ފުރްޞަތެއްގައި އާސަންދަޔާބެހޭގޮތުންވެސް ލިޔެވޭތޯ ބަލާނަމެވެ.

އެންސްޕާ ގެ ޙަޔާތުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބަލައިލާއިރު އެ މުއައްސަސާގެ ޙަޔާތުގެ ފުރަތަމަ އަހަރު (2009މ.) ވެގެންދިޔައީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި އުނދަގޫ މަރުޙަލާތަކެއްގެ ކަޑައްތުކުރަން ޖެހުނު އަހަރެއްގެގޮތުގައެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހެލްތް އިންޝުއަރެންސް ޚިދުމަތަކީ 2008މ. ވަނަ އަހަރުގެ ވަރަށްފަހުކޮޅު ރާއްޖެއަށް ތަޢާރަފްވި އައު ޚިދުމަތަކަށް ވުމާއި،އަދި އެއަހަރަކީޑިމޮކްރަސީގެ އުޞޫލުތަކާއި ހަމަތަކުގެމަތީން ރާއްޖޭގައި އައު ސަރުކާރެއް އުފެދިގެންދިޔަ އަހަރަށް ވުމާއި، މިފަދަބޮޑެތި ބަދަލުތައް އައިކަން އެއީ މިކަމުގެ ސަބަބުތަކުގެތެރޭގައި ފާހަގަކޮށްލަންޖެހޭ މުހިންމު ކަންކަމެވެ. ޚާއްޞަކޮށް އަލަށް އުފެދުނު ސަރުކާރުގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ "ބޭސްފަރުވާއަށް ސަލާމްޖެހުން ނައްތާލުމާއި" ސަރުކާރުގެ ސިޔާސަތުގެތެރޭގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަކޮށް ނިންމުމުގައި އެންސްޕާގެ ދައުރު ވަނީ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައެވެ. އޭގެތެރޭގައި މަދަނައިގެ ޚިދުމަތްތަކުގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މަހަކު -/2000ރ. ގެ އެލަވަންސެއް ލިބިދޭން ފެށުމާއި، ކައިބޮއިއުޅުމާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުދައިގަނެވޭފަދަ ތަނަވަސްކަން ނެތްމީހުންނަށް ސަރުކާރުން ދެއްވާ އެހީ ދޫކޮށްދިނުމުގެ މަސައްކަތް އެންސްޕާއާ ހަވާލުވުމާއި، ތަނަވަސްކަން ނެތް ފަރާތްތަކަށް އެންސްޕާ މެދުވެރިކޮށް ސަބްސިޑީ ދޫކޮށްދޭން ފެށުމާއި މިފަދަ ކަންކަމަކީއެންސްޕާގެ އުމުރުގެ ފުރަތަމަ އަހަރު ކުރިޔަށްގެންދަން ޖެހުނު ކަންކަމެވެ. އިރާދަކުރެއްވިއްޔާ ދެން ލިބޭ މިފަދަ ފުރްޞަތެއްގައި އެންސްޕާގެ މިދެންނެވި މަސައްކަތްތަކާމެދުގައިވެސްލިޔެލެވޭތޯ ބަލާނަމެވެ.
            ------------------------------------------
                      (ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ