އަދުގެ ޚާއްސަ

Print

އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (4)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

މަނާ ލިސްޓު

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރްއާނާއި ސުންނަތުގެ ސިފައިގައި ހުށަހަޅުއްވައިފައިވާ މާތްދީނުގައި ޤިޔާމަތާ ހަމަޔަށް އިންސާނުންނަށް ބޭނުންވާނެ ހުރިހާ ދާއިރާތަކެއްގެވެސް އަސާސްތައް ވަނީ ބަޔާންކޮށްދެއްވައިފައެވެ. އެގޮތުން އިޤްތިޞާދީ ދާއިރާގެވެސް ގިއުގަނޑެއް ވަނީ ފަރުމާކޮށްދެއްވައިފައެވެ. 
ދީނުގައި ކަނޑައަޅުއްވައިފައިވާ ޙުކުމްތަކުގެ ތަރުތީބެއްވެސް ވަނީ ދެއްވައިފައެވެ. ޙަލާލާއި، ޙަރާމާއި، ހުއްދައާއި، މަކްރޫހައިގެ ސިފައިގައި އަޅުގަނޑުމެންނަށް އުނގަންނައިދެއްވައިވާ އުނގަންނައިދެއްވުންތަކުގައިވާ އެންމެ ފުރިހަމަ އެއްކަމަކީ، ހުއްދަ ތަކެތީގެ ލިސްޓެއް ދެއްވައިފައި ނުވުމެވެ. ޙަރާމްތަކެތި ވަނީ ބަޔާންކުރައްވައިފައެވެ. ޙަރާމްތަކެތީގެ ކުރު ލިސްޓެއް ވަނީ ދެއްވައިފައެވެ. ޙަރާމްކުރައްވައިފައިވާ ކުރު ލިސްޓުގައި ނުހިމެނޭ ކޮންމެ އެއްޗަކީ ވެސް އުސޫލެއްގެ ގޮތުން ހުއްދަ އެއްޗެއް ކަމުގައި ވަނީ ލައްވައިފައެވެ. މަކްރޫހަ ތަކެތިވެސް ވަނީ އިންސާނާގެ ޠަބީޢަތުގެ މައްޗަށް ދޫކޮށްލައްވައިފައެވެ. ކަރާހަތްތެރިކަން ވަނީ ކޮން އެއްޗެއްގައިކަން ކޮންމެ މީހަކަށްވެސް ކަނޑައެޅިދާނެއެވެ. ޝައްކެއްނެތެވެ. މިކަމާގުޅޭގޮތުން އިންސާނާގެ ހިތާއި ނަފުސު ޠާހިރުކުރައްވައި ތަރްބިޔަތު ކުރެއްވުމަށްޓަކައި މައިގަނޑު އިރުޝާދުތައް ވަނީ ދެއްވައިފައެވެ. އިންސާނާގެ ޠަބީޢަތު އޭގެ ޒާތުގައި މަކްރޫހަ ތަކެތި ދޫކޮށްލުމަށް ޓަކައެވެ. 

ޙަރާމް ނޫން ކޮންމެ އެއްޗަކީ އުޞޫލެއްގެ ގޮތުން ޙަލާލު އެއްޗެއްކަމުގައި ލެއްވުމާއި، މުއުމިން އިންސާނާގެ ނަފުސުގެ ތަރްބިޔަތުގެ ސަބަބުން އޭނާގެ އަމިއްލަ ހިތް ކަރާހަތްތެރިކަން އިޙްސާސް ނުކުރާ ކޮންމެ އެއްޗެއް ބޭނުންކުރެވޭގޮތް ވުމާއި، ޙަރާމްތަކެތީގެ ލިސްޓު ކުރުވުމަކީ އިސްލާމްދީނާ އެއްގޮތަށް މުޢާމަލާކުރުމަށް ލިބިފައިވާ ވަރަށްބޮޑު ލުއިފަސޭހައެކެވެ. ދުނިޔަވީ މުޢާމަލާތަކުގައި އިސްލާމްދީނުގެ އިމުން ބޭރުނުވެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހުޅުވައިލެވިފައިވާ ވަރަށް ތަނަވަސް ދުނިޔެއެކެވެ. އިސްލާމްދީނުގެ ދާއިރާގައި ކުރެވޭނެ ކަންތައްތަކާއި ބޭނުންކުރެވޭނެ ތަކެތި ވަރަށް ގިނައެވެ. ނުކުރެވޭނެ ކަންތައްތަކާއި ބޭނުންނުކުރެވޭނެ ތަކެތި ދާދި މަދެވެ. ޙަޤީޤަތުގައި މިއީވެސް އިންސާނިއްޔަތުގެ މުޙްސިން ޞައްލަﷲ ޢަލައިހިވަސައްލަމަ އިންސާނިއްޔަތަށް ކުރެއްވި ވަރަށްބޮޑު އިޙްސާންތެރިކަމެކެވެ. 

ޙަލާލު އެއްޗެހީގެ ލިސްޓެއް ނުދެއްވުމާއި، ދާދި މަދު އެއްޗެހިތަކެއް ޙަރާމްކުރެއްވުމަކީ އިންސާނިއްޔަތަށް އިސްލާމްދީނުގެ ކިހައިބޮޑު އިޙްސާންތެރިކަމެއްކަން ވިސްނައިގަތުމަށްޓަކައި ދުނިޔޭގެ އެހެނިހެން ދީންތަކުގެ ތާރީޚު ބަލައިލުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. ޚާއްޞަކޮށް ކްރިސްޓިއަން ދީނުގެ ތާރީޚު ބަލައިލުން މުހިއްމެވެ. ޙައިރާންކަމާއެކު މިހާރުވެސް ފާހަގަކުރެވެމުންދާ ޙާދިޘާއެކެވެ. ޔޫރަޕަށް އެންމެ ފުރަތަމަ އަލުވީގެ ދަނޑުވެރިކަން ތަޢާރުފުވުމުން އަލުވީގެ ޙަރާމް ޙަލާލުކަމާމެދު ޚިޔާލު ތަފާތުވިއެވެ. ޕްރޮޓެސްޓެންޓުން ބުނީ އަލުވީގެ ވާހަކަ ބައިބްލްގައި އައިސްފައިނުވާ ކަމަށާއި، އެހެންކަމުން އަލުވި ޙަރާމްވާނެ ކަމަށެވެ. ކެތަލިކު މަޒްހަބުގެ މީހުން އެކަމުގެ ޙައްލެއް ކަމުގައި ބެލީ ގުޑް ފްރައިޑޭގައި އަލުވީގެ އެންމެ ފުރަތަމަ މުޑުވައް އިންދުމާއި، ހޯލީ ވޯޓަރުން އެއަށް ފެންދިނުމެވެ. ކްރިސްޓިއަން ދުނިޔޭގައި ދީނާއި ދުނިޔެ ތަފާތުވެގެން ދިޔައީ މިބާވަތުގެ ހިނިއަންނަ ޒާތުގެ ޙާދިޘާތަކުގެ ސަބަބުންނެވެ. 

އިސްލާމްދީނުގައި އިޤްތިޞާދީ ދާއިރާގައި ޙަރާމްކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ރިބާއާއި، ޖުވާގެ ވައްތަރުތަކާއި، ވިޔަފާރީގައި ކެހިދިނުމާއި، އެކަށީގެންނުވާ ފިއްތުންތައް ކުރިމަތިކުރުމާއި، މަކަރުޙީލަތް ހެދުމާއި، މުދަލުގެ އަގު އެރުވުމަށްޓަކައި ވިއްކަން ނުނެރެ ފޮރުވައިފައި ބެހެއްޓުމާއި، ކޮންމެވެސް މަޖުބޫރީއެއްގެ ފައިދާ ލިބިގަނެގެން ބޮޑެތި މަންފާ ހޯދުމާއި، ލޭންދޭންކުރާއިރު ބޭނުންތެރި މަޢުލޫމާތު ނުދިނުމާއި ސަލާމަތް ބުއްދިވެސް އިންކާރުކުރާ މިބާވަތުގެ ކަންތައްތަކެވެ. މިމަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ އެންމެ ފުރަތަމަ ފާހަގަމިކުރި ދެކަންތަކުގެ މައްޗަށެވެ. 

ރިބާ


ރިބާއާމެދު އިސްލާމްދީން ދެކޭގޮތް މިއަދު ދުނިޔޭގައި ޢާއްމުވެފައިވާ އިޤްތިޞާދީ ނިޒާމާ މުޅީން ތަފާތެވެ. އިސްލާމްދީން އެއްވެސް ސިފައެއްގައި ރިބާ ހުއްދައެއްނުކުރެއެވެ (uncompromising attitude). ދަރަނިދިނުމުގެ ޝަރްޠެއްގެ ގޮތުންވެސް ދަރަނީގެ މުއްދަތު އިތުރުކުރުމުގެ ގޮތުންވެސް ރައުސުމާލު (principal amount) އަށްވުރެ އިތުރު ފައިދާއެއް ފައިސާގެ ގޮތުން ނުވަތަ އެނޫން ގޮތަކުން ލިބިގަތުން ކަމުގައި ވިޔަސް ވެހެވެ. 

މިއަދު ދުނިޔެއިން ފެންނަމުންމިދާ ހުއްދަނޫން އިޤްތިޞާދީ ފައިދާ ލިބިގަތުމުގެ ހުރިހާ ވައްތަރުތަކެއްގެވެސް މައިގަނޑު ސަބަބަކީ ރިބާކަމުގައި ދެންނެވިދާނެއެވެ. މިއަދު ދުނިޔޭގައި ވަކި ހިއްޕައިލައިފައިވާ ކެޕިޓަލިޒަމްގެ ދެޔޯގެ ކިބައިން މިންޖުވެވުމަކީ ފެންނަފެނުމުގައި އެކަށީގެންނުވާ ކަމެކެވެ. އެދެޔޯގެ ފުރާނަވަނީ ރިބާއެވެ މިކިޔާ ދޫނީގެ ހަށިގަނޑުގެ ތެރޭގައެވެ. އެދޫނި މަރާލުމުން މުޅި ނިޒާމު ބިންމައްޗަށް ތިރިވެދާނެއެވެ.

ބިންމަތީގައި ފަސާދަ ޢާއްމުވީ ރިބާގެ ސަބަބުންނެވެ. އެހެންމީހުންގެ މުދަލަށް ދަހިވެތިކަމާއެކު ކަޅިއަޅަން ފެށުނީ ރިބާގެ ސަބަބުންނެވެ. ބާޠިލް ގޮތްގޮތުން ބަނޑު ފުރައިލުމަކީ ލަދުވެތިކަމެއް ކަމުގައި ނުބެލޭގޮތްވީ ރިބާގެ ސަބަބުންނެވެ. އިޤްތިޞާދީ ނަހަމަކަން ޙައްދުފަހަނަޅައިދިޔައީ ރިބާގެ ސަބަބުންނެވެ. އިންސާނުންގެ އަސާސީ ބޭނުންތައް ފުދުމުގެ އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ރިބާއެވެ. ބާޒާރުގައި ގަނެވިއްކުމުގެ ޙަރަކާތްތައް މަދުވުމާއި ހަލުވިކަމާއެކު އަގުތައް މައްޗަށް ދިޔުމުގެ ސަބަބަކީ ރިބާއެވެ. ދަރަނީގެ ލިޔެކިޔުންތަކުން ވިޔަފާރިކުރެވެނީ ރިބާއާ ހުރެއެވެ. 

ރިބާއަކީ ފެށުނީއްސުރެ ދުނިޔޭގެ ހުރިހާ ދީންތަކަކާއި ތަހްޒީބުތަކެއްގައިވެސް ނުބައިކަމެއް ކަމުގައި ބަލަމުން އައި ކަމެކެވެ. ޝައްކެއްނެތެވެ. ޚައިރުލްބަޝަރު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަރީޢަތުގައި ރިބާ ވަނީ މާބޮޑަށް، މާފާޅުކޮށް، މާޞަރީޙަކޮށް ޙަރާމްކުރައްވައިފައެވެ. އެކަން އިޢުލާންކުރައްވައިފައެވެ. އޭގެ ނަތީޖާއަކީ ދުނިޔޭގެ އިޤްތިޞާދީ ނިޒާމުގައި މުސްލިމުންގެ ބާރު އޮތްހައި ދުވަހު ރިބާއަށް ދުނިޔޭގެ އިޤްތިޞާދަށް މިގޮތަށް ވެރިނުވެވުމެވެ. ނަމަވެސް މިހާރު ދުނިޔޭގެ އިޤްތިޞާދީ ނިޒާމުގެ ތެރެއަށް ރިބާގެ މޫ ބާލައިފައިވާ ވަރުން ރިބާއާ ނުލައި ދިރިއުޅުމުގެ މައިދާނުގައި ފިޔަވަޅެއް އެޅުމަކީވެސް މުސްތަޙީލު ކަމެކެވެ. ނަމަވެސް ޙަޤީޤަތުގައި މި ނުބައި ވަބާ ދުނިޔެއިން ފިލުވައިލައިގެން މެނުވީ އިޤްތިޞާދީ ނިޒާމު އިޞްލާޙެއް ނުކުރެވޭނެއެވެ. ރިބާގެ ނުބައިކަމުން ސަލާމަތްވާނެ މަގު މުޙައްމަދީ ޝަރީޢަތުގައި އެބައޮތެވެ. އެސަލާމަތުގެ މަގު އެހެން އެއްވެސް ނިޒާމަކު ނެތެވެ. 

ޖުވާ


އިސްލާމްދީން ވަނީ ޖުވާގެ ހުރިހާ ވައްތަރުތަކެއް ޙަރާމްކުރައްވައިފައެވެ. މިއަދުގެ ދުނިޔޭގެ އިޤްތިޞާދީ ނިޒާމުގައި ޖުވާވެސް ވަނީ ޢާއްމުވެފައެވެ. ފިއުޗަރސްއާއި، ފޯރވަރޑް ޓްރޭޑިންގ، އަދި ސްޕެކިޔުލޭޝަން (Futures, Forward Trading, Speculation) ފަދަ ރީތި ނަންނަމުގައެވެ. ވަރަށް ގިނަ ޤައުމުތަކެއްގައި އެކަންކަންވަނީ ޤާނޫނީގޮތުން ހުއްދަކޮށްފައެވެ. ޖުވާގެ ވިޔަފާރި ދަނީ ހިނގަމުންނެވެ. މުޙައްމަދީ ޝަރީޢަތުގައި އެކަންކަމަށް އެއްވެސް ޖާގައެއް ނެތެވެ. 

ސްޕެކިޔުލޭޓިވް ޓްރޭޑިންގގެ ސަބަބުން އިޤްތިޞާދަށް ދެރޮނގަކުން ގެއްލުންލިބެއެވެ. އޭގެތެރެއިން އެއްރޮނގަކީ ފައިސާގެ ބޮޑެތި ޢަދަދުތައް އެއްފަރާތުން އަނެއްފަރާތަށް ބަދަލުވަމުންދާއިރު އިޤްތިޞާދަށް އެއްވެސް މިންވަރެއް އިތުރުނުވުމެވެ. އެކަމަށް ދީފައިވާ ނަމަކީ "ސުމެއް އެއްކުރަން ސުމެއް އެއްވަރޭ ސުމެއް" (zero sum game) އެވެ. ދެވަނަ ސަބަބަކީ އިޤްތިޞާދުގެ ޙަޤީޤީ ބޭނުންތަކަށް ފައިސާނުލިބިގެން އުޅޭއިރު ސްޕެކިޔުލޭޓިވް ޓްރޭޑިންގގެ ބާޒާރުގައި ފައިސާ ވަރަށް ތިޔާގިއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބަޖެޓް އެކުލަވައިލެވެނީ ދަރަނި ބަޖެޓުގެ ގޮތުގައެވެ. ނަމަވެސް ފެތުރިގެންދާ މުޅީން ތަފާތު ދާއިރާއެއްގެ ދޮގު ވާހަކައެއްގެ ސަބަބުން ކުޑައިރުކޮޅެއްގެ ތެރޭގައި Stock Cxchange, Commodity Exchange, & Currency Forward Market ގެ ދާއިރާގައި ބިލިޔަން ރުފިޔާގެ "ދިޔަވަރު ކުޑަވެ ބޮޑުވެގެން" ހިނގައިދެއެވެ. 

އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިޤްތިޞާދީ ތަޢުލީމުވަނީ އިޤްތިޞާދީ ދާއިރާއިން ހުއްދަނޫން ފައިދާތައް ލިބިގަތުމުގެ މިހުރިހާ ސިއްރު ދޮރުތައް ބަންދުކޮށްފައެވެ. ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާ ގެންނެވި ޠާހިރު ޝަރީޢަތް ވަނީ އިސްވެދެންނެވި ބާވަތުގެ މުޑުދާރު ހުރިހާ ކަމަކުން ސާފުވެ ހުސްދުރުވެގެންނެވެ. 
--------------- 
 (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ