އަދުގެ ޚާއްސަ

Print

ބަހުގެ ބަނޑުގާ - ކީއްކުރާ އެއްޗެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ގަލޭ މި ދަންނަވަނީ ހިރިގަލުގެ ވާހަކައެވެ. މޫދުން ނަގައިގެން ގެދޮރު ޢިމާރާތް ކުރަން ބެނުން ކޮށް އުޅުނު ގަލުގެ ވާހަކަ އެވެ. ތަންތަން ރޭނުމަށްޓަކައި،  ކުރީ ޒަމާނުގައި ދިވެހިން ބޭނުން ކުރަނީ މި ފަދަ ގަލެވެ. ބޮޑެތިހެން ހީވާ ހިރިތައް މޫދުން އެއްގަމަށް ގެނެސް ގެންނެވެ.  ކޯރާޑިން ތަޅައި ކުދި ކޮށްގެންނެވެ.  ގެދޮރު އެޅުމަށްޓަކައެވެ.  ފާރު ރޭނުމަށްޓަކައެވެ.  

މި ހިސާބުން ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ދެ ސުވާލެއް އުފެދުން އެކަށީގެން ވެއެވެ. ފުރަތަމަ ސުވާލަކީ، ދެން އެހެން ވިއްޔާ ބަނޑު ބަލަކީ ކޮބައި ހެއްޔެވެ؟ ދެވަނަ ސުވާލަކީ ބަހުގެ ބަނޑު ގަލަކީ ކޮބައިތޯ އުފެދޭ ސުވާލެވެ.



ގެދޮރު އެޅުމަށް އާންމު ކޮށް މީހުން ގާތަޅައިފައި ހުންއިރު، ގާބުރި އެއްގެ ބޮޑުކުޑަ މިނަކީ، ގާތްގަނޑަކަށް އާދައިގެ ކަށިކެޔޮ ވަކެއްގެ ބޮޑު މިނެވެ. ފާރުތައް ރާނަމުން ދާނީ ވަކި ތަރުތީބަކުން، ދެފަރާތުން ގާތައް ގެތެމުން ދާގޮތަށެވެ. މި ހެން ގާތައް އަތުރަމުން ދާއިރު، ބައެއް ފަހަރަށް ގާތަކުގެ ބައްޓަން ހުންނަ ގޮތުން، ދެގާގަނޑު ދެމެދުގައި ހުސްޖާގަ އުފެދޭނެ އެވެ. އެޖާގަޔަށް ކިޔަނީ ''ބަނޑު'' އެވެ. އެތަނަށް ލާނީ ގާތެޅުމުގެ ތެރޭގައި ކޮށިގެން ގޮސްފައި ހުންނަ ކުދި ކުދި ގާ ކޮޅު ކޮޅެވެ. އެއީ ބަނޑަށްލާގަލެވެ. ބަނޑު ގަލެވެ. ހުސްތަން ފުރަން ބޭނުން ކުރާ ބަނޑުގަލެވެ.


ދެން އޮތީ ބަހުގެ ބަނޑުގަލުގެ ވާހަކަ އެވެ؟  އަޅުގަނޑު މި މަޒުމޫނުގައި ބަހުގެ ބަނޑުގަލޭ މި ދަންނަވަނީ، ވާހަކަ ދެއްކުމާއި ލިޔެ ކިޔުމުގައި ހުސްތަން ފުރަން ބޭނުން ކުރެވޭ މާނައެއް ނެތް ބަސް ބަހަށެވެ. މާނަ ނޯންނަނީ އެ ބޭނުން ކުރެވޭ ތަނުގެ ގޮތުންނެވެ. ބޭނުން ކުރެވޭ ޙާލަތުގެ ސަބަބުން އެޙާލަތާ ގުޅޭ މާނައެއް އެފަދަ ލަފުޒުތަކުގައި ނުވަތަ އަކުރު ތަކުގައި ނޯންނަނީ އެވެ.


ބައެއް މިސާލު:


01 – ''ވާހަކައަކީ'' -  ފަހަކަށް އައިސް ވާހަކަ ދެއްކުމުގައި މި ލަފުޒަކީ ބޭނުން ކުރެވޭ ބަނޑުގާގަނޑެކެވެ. ދެޖުމުލައިން އެއް ޖުމުލައަށް، ނުވަތަ ޖުމުލައިގެ މެދުތެރޭން ދެލަފުޒުން އެއް ލަފުޒަށް މި ބަސް ބޭނުން ކުރެވޭތީ އިވެއެވެ. ''ވާހަކައަކީ، މިހާރު މީހުން ވާހަކައަކީ، ދިވެހި ބަހުން ވާހަކަ ދައްކާއިރު ވާހަކައަކީ، މި ބަސް ވަރަށްގިން ވާހަކައަކީ ބޭނުން ކުރެޔޭ ވާހަކައަކީ'' މީ އެފަދަ މިސާލެކެވެ.

02 – '' އަނެހެން'' -  މިއީވެސް ހަމަ އެފަދަ ލަފުޒެކެވެ. މި ޒަފުޒުވެސް ބޭނުން ކުރެވެނީ '' އަނެހެން ބަލާއިރު، ގިނަ މީހުންނަށް އެނެހެން ނުވިސްނާ'' މި ކަހަލަ ގޮތަކަށެވެ.

03 – '' ދޯ'' -   ދޯ އަސްލު ދޯ މިގޮތަށް މިބުނީ ދޯ ވަހާކަ ދެއްކީމާ މިބުނީ އެގޮތުން ބަލާއިރު ވަރަށް ދޯ އުނދަގޫ ދޯ އަސްލު''

މި ޖުމުލައިގައި، ދަށުރޮނގު ދަމައި ފާހަގަ ކުރެވިފައި އެވަނީ ހުސް ބަނޑުގަލެވެ. ބަހުގެ ބަނޑު ގަލެވެ. ބޭކާރު އެއްޗިއްސެވެ.


ޙައްލަކީ  ކޮބާ؟


މި މައްސަލަ ދިމާވަނީ އެއްކަމަކަށްވުރެ ގިނަ ކަންތައްތަކަށް ފަރުވާ ކުޑަ ކޮށްލެވޭތީއެވެ.  މި ކަން ހައްލު ކުރުމަށްޓަކައި  ވަރަށް ގިނަ ކަންތައް ކުރަން ޖެހޭނެ އެވެ.

ފަރުވާ ކުޑަ ކޮށްލެވުނު ކަންކަމުގެ ތެރޭގައި ދިވެހި ބަހާމެދު ހިތުގައި ވަރުގަދަ ލޯތްބެއް އާލާ ކުރެވިފައި ނެތުން ހިމެނެއެވެ. ބަހުގެ މޮޅު އުފެއްދުންތައް ކިޔައި އެއާ މެދު ސަމާލުކަން ނުދެވުން ހިމެނެއެވެ. ބަހުގެ އަދަބާއި ހަމަތައް ހިފަހައްޓަވައިގެން ވާހަކަ ދައްކާ ކުޅަދާނަ ވާހަކަ ދެއްކުންތެރިންގެ ތަޤުރީރުތައް ސަމާލުވެ އަޑު އެހިފައި ނެތުން ހިމެނެއެވެ. އުމުރުން ދުވަސްވީ މާމަމެން ކާފަމެން މި ދުނިޔަ ދޫކުރީމާ، އެމީހުންގެ ބޮޑު ފޮށި ކޯޓަށް ގޮސްގެން ސަރިޔަތުން ހޯދުނު އިރު، އެމީހުން ދުނިޔޭގައި ތިބި ވަގުތުގެ ފައިދާ ލިބިގަނެ އެމީހުންގެ ރީތި ސާފު ދިވެހި ބަހުގެ ޚަޒާނާއިން ''މުށްވަރެއް'' ނަމަވެސް ހޯދިފައި ނެތުން ހިމެނެއެވެ.

މި ހުރިހާ ކަމެއް މިހެން އޮތް ނަމަވެސް ، ބުނާ ޖުމުލަ  ބަހުގެ ބަނޑުގަލާ ނުލައި ބުނުމަށްޓަކައި ހެދިދާނެ ވަރަށް މުޖައްރިބު ދެ ފަންޑިތައެއް އެބަ އޮތެވެ.

 01 - ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ވިދާޅުވާނެ ޖުމުލަ ހިތްޕުޅުގައި ރާވާލައްވާށެވެ. އެގޮތަށް ޖުމުލަ ރާވާލެއްވުމަށްފަހު އޭގެ ފަހުން ވިދާޅުވާން ފައްޓަވާށެވެ. އަބަދުވެސް ވާހަކަ ދައްކަވާނަމަ ފުރަތަމަ ކަމަކަށް ހިތްޕުޅުގައި ޖުމުލަތައް ތަރުތީބު ކުރައްވާށެވެ. ނުވަތަ އެގޮތަށް ތަރުތީބު ކުރައްވަމުން ގެންދަވާށެވެ. އެއާ އެކު ދޫފުޅުން ލަފުޒުތައް ބޭރު ކުރައްވަމުން ގެންދަވާށެވެ. ކޮންމެ ކަމަކަށް ނަޒަރު ދެއްވިޔަސް ކުރެވެމުންދާ އިބާރާތާއި ސިކުޑިޔާއި އޮންނަ ގުޅުން ކެނޑުނަ ނުދެއްވާށެވެ.  ހިތްޕުޅު އިސްކުރައްވާށެވެ.  ދޫފުޅު ފަސްކުރައްވާށެވެ.

02 -  ވިދާޅުވަމުން ގެންދަވާ މަޒުމޫނު ތަކާއި، ބައެއް ފަހަރަށް އަޑު އިވިވަޑައިގަންނަވާ ދިވެހި ބަހުގެ މޮޅު ތަޤުރީރުތައް އަޅައި ބައްލަވާށެވެ. ކޮން އެއްޗަކާ ތޯއެވެ. ތިބާގެ ވާހަކަ ދެއްކެވުމާއެވެ. ''އެ ތަޤުރީރު ކުރެއްވި ބޭފުޅަކު ނުވަތަ ބަސްދީގަތުމެއް ދެއްވި ބޭފުޅަކު  މިވެނި  ވާހަކަ އެއް ވިދާޅުވި އިރު ހާދަ ސާފެވެ. އެއްވެސް ދޯ އެއް ނެތެވެ. ވާހަކައަކީ އެއް ވެސް ނެތެވެ.  އޭނާ އެދެއްކެވި ވާހަކަ އަހަރެން ދައްކާ ނަމަ ދޯއާއި، ވާހަކައަކީއާއި، މިބުނީ އާއި، އަނެއްހެންނާއި،  މި ލަފުޒުތައް ވަންނާނީ ކޮން ދިމަދިމާޔަކަށް ބާއެވެ. އެތަންތަނަށް އެ ލަފުޒުތައް ނުލައްވައި މި ބޭފުޅަކު މި ޢިބާރާތްތައް ކުރައްވާފައިވާ ގޮތަކީ ކޮބައިބާއެވެ؟'' މި ފަދަ ގޮތްގޮތަށް މަސައްކަތް ކުރެއްވިދާނެއެވެ.


ނިންމާލުން:


އަޅުގަނޑު ދަންނަ ވާލަން މި އުޅުނީ، ދިވެހި ބަހުން ވާހަކަ ދެއްކުމުގައި އަޅުގަނޑުމެންނަށް ނޭނގި ބޭނުން ކުރެވޭ ބައެއް ލަފުޒުތަކާއި އަކުރުތަކުގެ ސަބަބުން ދައްކާވާހަކައަށް ލިބޭ ބައެއް ކަހަލަ ގެއްލުމުގެ ވާހަކައެވެ. ޖުމުލަތަކާއި ޢިބާރާތްތަކަށް އަންނަ ބަލިކަށި ކަމުގެ ވާހަކަ އެވެ. ހުތުރުކަމާއި އައިބުކަމުގެ ވާހަކައެވެ. އެކަން އެހެން ވިޔަ ނުދީ ވާހަކަ ދެއްކި ދާނެއެވެ.  ބޭނުމީ ވިސްނާލުމެވެ. ހިތްވަރެއް އާކޮށްލުމެވެ. އަމިއްލަވަންތަކަމާއި، ދިވެހި ޤައުމިއްޔަތުގެ އަގު ހިތުގައި މަތިވެރިކޮށްލުމެވެ. އޭރުން ބަހަށް ހުތުރުކަންދޭ ކޮންމެ އެއްޗެއް ދޫކޮށްލެވޭނެއެވެ. އެއްލާލެވޭނެއެވެ. ދިވެހި ވަންތަކަމުގެ ޝަޚުޞިއްޔަތަށް ބަލިކަށިކަންދޭ، އެފަދަ ކޮންމެ ކަމެއް ވަޒަން ކުރެވި ހެޔޮ ގޮތުގައި ހިފެހެއްޓޭނެ އެވެ.

ބަދަހި ގެތުންތަކާއެކު އެހެރަ ހިތްގައިމު ރީތީ ހުކުރު  މިސްކިތުގެ ފާރުތަކާ އަޅައި ބަލާ އިރު، ބަނޑުގަލުން ފުރިފައިވާ ހަރުދަނާކަމެއްނެތް އާދައިގެ އެޅިގަލު ފާރު ބުރިއަކީ ކީއްކުރާ އެއްޗެއްހެއްޔެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ