އަދުގެ ޚާއްސަ

Print

ރާއްޖެއިން ބޭރުގައި ވެސް ދިވެހިބަހަށް އިސްކަންދެވިދާނެ އެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހަކީ ދިވެހީންގެ ބަހެވެ. ދިވެހީންގެ އަމިއްލަ ބަހެވެ. އަމިއްލަ ވަންތަކަމާއި އެތައް ޚާއްޞިއްޔަތުތަކެއް އެ ބަހަށް ލިބިފައިވާ ޚާއްޞަ ބަހެކެވެ. ދިވެހީން އަމިއްލައަށް އުފެއްދި އަކުރަކުން ލިޔާ ބަހެކެވެ. އަދި އެ އަކުރަކީ މި ސަރަހައްދުގެ ބަސްތައް ލިޔަން ބޭނުންކުރާ އަކުރުތަކުގެ ތެރެއިން އެނެމެ ސައިންޓިފިކް އަކުރުކަމަށް ބަސްވާރުން ޤަބޫލުކުރާ އަކުރެވެ. އެހެންކަމުން މި ބަހަކީ ދިވެހީންގެ ފަޚުރެވެ. ދިވެހީންގެ ޝަރަފެވެ.

މިފަދަ ފަޚުރުވެރި ބަހެއް ލިބި ތިބި ބަޔަކު އެ ބަޔަކަށް ފުރުޞަތު ލިބުނު ކޮންމެ ހިނދެއްގައި ބަހަށް އިސްކަން ދޭން ޖެހޭނެކަން ކަށަވަރެވެ. އެ ބަހަށް މަޤާމެއް ލިބެން ދިމާވާ ކޮންމެ ދަނޑިވަޅެއްގައި އެ ބަހަށް ޙައްޤު މަޤާމު ދޭންޖެހޭނެކަން ޔަޤީނެވެ. އދ. މަޖިލީހުގެ ޢާއްމު ޖަލްސާއެއްގައި ވެސް ދިވެހި ބަހުގެ ތަޤްރީރެއް އިވި، އެއީވެސް "ބަހެއް" ކަން ވަނީ ސާބިތުކޮށްދީފައެވެ.

އަޅުގަނޑުވެސް ޙިއްޞާކޮށްލަން މި އުޅެނީ އެފަދަ ޙާދިސާއެކެވެ. އަމިއްލަ ތަޖުރިބާއެކެވެ. ދިވެހިބަހަށް އިސްކަން ދެވޭނެ ފުރުޞަތެއް ލިބިއްޖެ ނަމަ އެކަން ކުރެވިދާނެ ވާހަކަ ދެންނެވުމާއެކު، އެކަން އެ މަގަށް ކުރުމަށް ހުރިހާ ދިވެހީންނަށް ވެސް ހިތްވަރު ދިނުމަށް ލިޔެލާ ބަޔާނެކެވެ.

2010 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި ކެމްބޯޑިއާއަށް އާދެ! އެ ޤައުމުގެ ވެރި ރަށް "ފނޮމްޕެންހ" (Phnom Penh)  އަށް ދަތުރެއް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑަށް އެކަންޏެއް ނޫނެވެ. އަޅުގަނޑުގެ ބައިވެރިޔަކަށް ހުންނެވީ އަޅުގަނޑުގެ އެކުވެރި އަލްފާޟިލް މުޙައްމަދު ޠާރިޤެވެ. އާދެ! 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރެވެ.  އަޅުގަނޑުމެން ކެމްބޯޑިއާއަށް ދިޔައީ  "އޭސިއާގެ ސަޤާފީ ތަފާތުތަކަށް އިޙުތިރާމްކުރުމާއި ޙިމާޔަތްކުރުން" މި މައުޟޫޢުގެ މައްޗަށް ބަހުސްކުރުމަށް ބޭއްވި އޭސިއާ ބައްރުގެ ބަރުލަމާނުގެ ޖަމްޢިއްޔާ (އޭޕީއޭ) ގެ ސަބްކޮމިޓީގެ ޖަލްސާއަކަށެވެ. މި ޖަލްސާގައި ދެކުނު އޭސިއާ އާއި އިރުމަތީ އޭސިއާއާއި މެދުއިރުމަތީގެ ގިނަ ޤައުމުތަކާއި ފާރިސްކަރައިން މަންދޫބުން ބައިވެރިވެވަޑައިގަތެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަން ހިންގާ ޤައުމުތަކުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ބަރުލަމާނުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނެވެ.

ބައްދަލުވުން ފެށުމުގެ ކުރިންނާއި ފަހުންވެސް އެ ޤައުމުގެ މުއްސަނދި ސަގާފީ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިފައިވުމުގެ ސަބަބުން ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި ވަރަށް ބޮޑު އެކުވެރިކަމެއް އުފެދުނެވެ.

ކޮންމެ އަކަސް މި ދަތުރުގެ ރަސްމީ ބައި އޮތީ ފުރިހަމަ 2 ދުވަހަށެވެ. ޖުލައިމަހު 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އެވެ. ކަރުދާސް ހުށަހެޅުމާއި ބަހުސްކުރުމާއި ނިންމުންތައް ފާސްކުރުމެވެ. ފާރިސްކަރައިގެ މަންދޫބުންނާއި ޢަރަބި މަންދޫބުންނަކީ އެ ބައި މީހުންގެ ޤައުމިއްޔަތާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ބަޔެއްކަން ދޭހަވި އެވެ. ކަންދިމާވި ގޮތުން ކަރުދާސް ހުށަހަޅަން ޖެހުނީ އޭ ބީ ސީ ޑީ ގެ ތަރުތީބުންނެވެ. އޭ އަކުރުން ފެށޭ ޤައުމުތައް ފުރަތަމައަށެވެ. މި ތަރުތީބުން ކަރުދާސް ހުށަހަޅަން ދިމާވީމާ ދިވެހިރާޢްޖެ (Maldives) އަންނަނީ ފާރިސްކަރަ (Iran) އާއި ކުވޭތު (Kuwait) ގެފަހަތަށެވެ.

ފާރިސީންގެ ކަރުދާސް ހުށައަޅައިފި އެވެ. އެ މީހުން ހުށަހެޅީ ފާރިސީ ބަހުންނެވެ. ހަށައަޅަމުން ގެންދިޔަ ވަގުތު ތަރުޖަމާ އިއްވަމުން ގެންދިޔައެވެ. ކުވައިތުގެ ކަރުދާސް ހުށައެޅީ ޢަރަބިބަހުންނެވެ. ތަރުޖަމާ އިއްވަމުން ގެންދިޔައެވެ. ދިވެހިރާޢްޖެ (Maldives) އާ ޖެހުމުގެ ކުރީން ލާއޯސް (Lao PDR) ކަހަލަ ބައެއް ޤައުމުތައް ލިސްޓްގައި ހުއްޓެވެ. އަޅުގަނޑު ޠާރިޤަށް ދަންނަވައިފީމެވެ. އަޅުގަނޑުމެންނަކީ ވެސް އަމިއްލަ މުސްތަޤިއްލު ބަހެއް ލިބިފައިވާ ބަޔެކެވެ. އެހެން ޤައުމުތަކަށް އޮންނަ ޙައްޤު އަޅުގަނޑުމެންނަށް ވެސް އޮންނަން ވާނެ އެވެ. އެހެންވީމާ އަޅުގަނޑުމެންގެ ބަސް ތަމްސީލުކުރުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ. އެ ގޮތް ކަމުދާނެތޯ ޠާރިޤު ސުވާލުކުރެއްވި އެވެ. އަޅުގަނޑު ދެންނެވީމެވެ. މިއީ މީހަކާ ސުވާލުކޮށް ހުއްދަ ހޯދަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެހެން ޤައުމުތަކުގެ ބަހާމެދު އެބައި މީހުން ފަޚުރުވެރިވާއިރު އަޅުގަނޑުމެންގެ ބަހަށް އަޅުގަނޑުމެން އިސްކަން ނުދޭންވީ އެއްވެސް ސަބަބެއެއް ނެތެވެ.

ދެ މީހުންނަށް އެއްބަސްވެވިއްޖެ އެވެ. އެކަކު ދިވެހިބަހުން ރިޕޯޓް ހުށައަޅަމުން އަނެކަކު އިނގިރޭސި ބަހުން ތަރުޖަމާ އިއްވާ ގޮތަށެވެ. ދެ މީހުން މަޝްވަރާކުރުމަށްފަހު އެއްބަސްވެވުނީ ޠާރިޤު ދިވެހިބަހުން ހުށަހަޅުއްވައި ދެއްވަމުން ގެންދަވާއިރު އަޅުގަނޑު އިނގިރޭސިބަހުން ތަރުޖަމާކޮށްދޭ ގޮތަށެވެ.

ކޮންމެއަކަސް ރިޕޯޓް ހުށަހަޅައި ނިމުމުން، ކުރިން ހީކުރި ގޮތާ ޚިލާފަށް ބައިވެރީންގެ ފަރާތުން ލިބުނީ ވަރަށް ބޮޑު ތަރުޙީބެކެވެ. ދިވެހިބަހާ ބެހޭ ގޮތުން ހަމަ އެ ދަންފަޅީގެ ތެރޭގައި ތަފާތު ސުވާލުތައް އޮހިގެންފި އެވެ. އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު، އެއީ ދިވެހިންގެ އަމިއްލަ ބަސްކަމާއި ދިވެހިބަސް ލިޔަން ބޭނުންކުރަނީ ދިވެހިކާބަފައިން އަމިއްލަޔަށް އުފެއްދި އަކުރެއްކަމަކަށް ބުނެ ދިވެހި ޤައުމިއްޔަތުގެ މުއްސަނދިކަން ހާމަކޮށްލީމެވެ. މިކަން ވީ އެހެން ޤައުމުތަކުގެ މަންދޫބުންނަށް ވަރަށް ޙައިރާންކުރުވި ކަމަކަށެވެ.

މިހާ ކުޑަ ޤައުމެއްގައި އަމިއްލަ ބަހެއް އޮތުމުގެ އިތުރަށް އަމިއްލަ އަކުރެއް އޮތުމަކީ ދިވެހީންނަށް ލިބިފައިވާ ސަޤާފީ ވަރަށް އަގު ބޮޑު ތަރިކައެއް ކަމަށް މެންބަރުން އެއްބަސްވެވަޑައިގަތެވެ. އަދި މި ކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ކުރި ޤަދަރު އެތައް ގުނަޔަކަށް އިތުރުވެގެން ދިޔައެވެ. ދިވެހިރާއްޖޭގެ އަގު އެތައް ގުނަޔަކަށް އުފުލުނެވެ.

ދިވެހިބަހަށް އިސްކަން ދިނުމަށް ލިބޭ ކޮންމެ ފުރުޞަތެއްގައި ބަހަށް އިސްކަން ދިނުމަކީ ދިވެހިބަހާމެދު ފަޚުރުވެރިވާ ކޮންމެ ދިވެއްސަކުމެ ވިސްނަންވެއްޖެ ކަމެއް ކަމުގައި ދަންނަވަމަވެ. މިފަދަ ފުރުޞަތުތައް ކިތަންމެ ދިވެހީންނަކަށް ލިބޭނެ އެވެ. އޮތީ އެފަދަ ފުރުޞަތުގެ ބޭނުން ކުރުމެވެ. ރައްޖެއިން ބޭރުގައިވެސް ދިވެހިބަހަށް އިސްކަން ދެވޭނެ ޙާލަތްތައް އަންނާނެކަމާއި އެފަދަ ފުރުޞަތުތައް ދޫކޮށް ނުލުމަށް ޢަޒުމު ކަނޑައެޅުމެވެ.

ކެމްބޯޑިއާ ދަތުރުގެ އެހެން ބައެއް ހަނދާންތައް ފަންވަތުގެ އަހުލުވެރީންނާ ޙިއްޞާ ކޮށްލުމުގެ އުއްމީދުގައި މި ވަގުތު ވަކިވެލާނަމެވެ.
-----------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ