އަދުގެ ޚާއްސަ

Print

އުފާވެރި އީދު ޗުއްޓީ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މުޚްތާރު އަބްދުއްރަޙްމާން، ށ. މިލަންދޫ

ވާހަކަ ކިޔާމީހުން ބުނެ އެވެ. "ބަރުޒަމާނު ރާޖާ"ގެ ރަސްކަން ކުރެއްވި ޒަމާނުގާ އެ ރާޖާގެ ރަސްކަން ވަރަށް ދުރަށް ފެތުރި ނަން މަޝްހޫރުވެފާ ވެއެވެ. އެހެންކަމުން އެ ރާޖާގެ ރަސްކަމުތެރޭގައި ދުނިޔަވީ އެންމެހައި ނިޢުމަތެއް އެ ރާޖާއަށް ލިބިވަޑައިގެން ވެއެވެ. އަދި އެ ރާޖާގެ ރަސްކަމުގެ ތެރޭގައި އިންސާނުން ފިޔަވައި ގިނަ ބާވަތް ބާވަތުގެ ޖަނަވާރާ، ދޫނިސޫފާސޫފީގެ ބާވަތްތައް ހިމެނިގެން ވެ އެވެ.

މިހުރިހާ މަޚްލޫގުންގެ ތެރޭގައި، ދުނިޔޭގެ ދުރު ހިސާބުހިސާބުން އައިސް އެ ރާޖާގެ އަރިހުގައި ޚިދުމަތް ކުރާ ގިނަ މަޚްލޫގުން ތަކެއް ވެއެވެ. މީގެތެރޭގައި "ފަސްބުއްދި ކާމިލު" ވެފައިވާ ފިނދަނަ ކަލޯ ވެ އެވެ. އެ ރާޖާގެ ޚިދުމަތުގައި އުޅޭ ހުރިހާ އެއްޗަކަށް ވެސް އެ ތަކެތީގެ ވަޒަނަށް ޗުއްޓީއަށް ދިއުމުގެ ފުރުޞަތު ލިބެއެވެ.

ދުވަސްވަރަކީ ބޮޑު ޢީދުގެ އުފާ ޙާޞިލު ކުރުމަށްޓަކައި ގިނަ ބަޔަކު، އަމިއްލަ ވަޒަނަށް، ވިހައި ބޮޑުވި އަމިއްލަ ރަށަށް، އެކު އުޅެ ބޮޑުވި އެކުވެރިންނާއި ގާތްތިމާގެ މީހުންނަށް ފެނިދެނިވެ އުޅުމުގެ އުފާ ލިބިގަތުމަށްޓަކައި، ޗުއްޓީ ނަގަމުން ދިޔަ ދުވަސްވަރެކެވެ. ދުވަސްވަރުގެ ގޮތުން ބައެއް ފަރާތްތަކަށް ޗުއްޓީ ލިބުމުގެ ކުޑަ ތާށިކަމެއް ވެސް ވެ އެވެ.

މި ދުވަސްވަރު އަމިއްލަ ވަޒަނަށް އުފާކުރުމަށް ދިއުމަށްޓަކައި ފިނދަނަކަލޯ ބަރުޒަމާނު ރާޖާގެ އަރިހުން ޗުއްޓީއަށް އެދި ދަންނަވަމުން ގެންދިޔައީ ފާހަގަކޮއްލެވޭ ކަހަލަ ގޮތަކަށެވެ. ފިނދަނަކަލޯ ވަރަށް ކެތްމަދު ގޮތަކަށް، ކޮޅުކޮޅުމައްޗަށް ދުވަނީ ބޯހަލުވަމުން ފިނދު ހަލުވަމުން މަސާހިބު އަޅުގަނޑުގެ ވަޒަނަށް  އުހު! އުހު! އަޅުގަނޑުގެ އަމިއްލަ ވަޒަނަށް މިނިވަން ގޮތެއްގައި މިނިވަން އުފާ ލިބިގަތުމަށް އަޅުގަނޑަށް، އަޅުގަނޑަށް ވެސް އަމިއްލަ ވަޒަނަށް ދިއުމަށް ޗުއްޓީ ... އާނ  އާނ  ޗުއްޓީ ދެއްވާނަން! ނާ! ދެއްވާ! ދެން!

ދެން ބަރުޒަމާނު ރާޖާ ފިނދަނަކަލޯއަށް ޗުއްޓީ ދެއްވައި ފޮނުވައިލެއްވުމަށްފަހު ހަލުއިކޮށް އުދުހޭ އެހެން ދޫންޏަކަށް އަމުރުކުރެއްވި އެވެ. ކަލޭ ހަލުވިކޮށް އުދުހިފައި ފިނދަނަކަލޯގެ ފަސްފަހަތުން ދާށެވެ. ގޮސް ފިނދަނަކަލޯގެ އަމިއްލަ ވަޒަނަކީ ކޮބައިތޯއާ، ފިނދަނަކަލޯ ކުރަނީ ކޮން އުފަލެއްތޯ ބަލައިފައި އައިސް ތިމަން ރަސްގެފާނަށް އެކަން ރަނގަޅަށް ބަޔާންކޮށްދޭށެވެ. ދެން އެ ދޫނި ފިނދަނަކަލޯގެ ފަސްފަހަތުން ފާރަވެރި ގޮތެއްގައި އުޅެގެން ފިނދަނަކަލޯގެ ހުރިހާކަމެއް އަމިއްލަ ލޮލުން ފެނިދެނިވެ ހުރެ އެ ރާޖާ އަރިހުގައި ދެންނެވި އެވެ. މަސާހިބާ އެވެ! ފިނދަނަކަލޯގެ އަމިއްލަ ވަޒަނަކީ ފަޅުރަށެއްގެ ބޭރު ކަނޑުތޮށި މަތީ ހުރި ކޮޅަށް ހިމަ އޫގަލެކެވެ. ފިނދަނަކަލޯ އެ ގަލުގެ މަތީގައި ކަނޑާދިމާއަށް އެނބުރި އިންނަނީ ވަރަށްވެސް ހޭލަމޭލަ ގޮތެއްގަ އެވެ. ފިނދަނަކަލޯ އެ ގަލުގެ މަތީގައި އިންދައި ރާޅައި އެކު ދިޔަވަރުގަނޑު ބޮޑުވެ ގަލުމަތިން ދިޔަވަރުގަނޑު އަރަން ތައްޔާރުވީމާ، ފިނދަނަކަލޯ އުދުހި! އުދުހި އޮންނަނީ އެގަލާދިމާ މަތީގަ އެވެ. ދިޔަވަރުގަނޑު ބޭރަށް ދަމައި، ތޮށިމަތި ހިކޭއިރަށް އެ ގަލަށް ތިރިކޮށްލަ އެވެ. އަނެއްކާވެސް ދިޔަވަރުގަނޑު އަރާ ވަގުތު، ފިނދަނަކަލޯ އެގަލާ ދިމާ މަތީ އުދުހި! އުދުހި އޮންނަނީ އެވެ. ފިނދަނަކަލޯގެ އަމިއްލަ ވަޒަނާއި، އަމިއްލަ ވަޒަނުގައި ކުރި އުފަލާ މަޖަލުގެ ހާލަތު މި ދެންނެވީ އެވެ.

ޢީދު ޗުއްޓީއަށް އަމިއްލަ ވަޒަނަށް ދަތުރުކުރި ހުރިހާ މުއައްޒަފުން އެނބުރި ބަރުޒަމާނު ރާޖާގެ ދަރުބާރަށް ޙާޒިރުވި ދުވަހު އެންމެ މަޖާ ވާހަކައަކަށްވީ ފިނދަނަކަލޯ އެހައިވަރުން ޗުއްޓީ ނަގައިގެން އަމިއްލަ ވަޒަނަށް ގޮސް ކުރި ކަންތަކުގެ ވާހަކަ އެވެ. ބަރުޒަމާނު ރާޖާގެ ދަރުބާރުގާ ޙާޒިރުވެތި އެންމެހައި އަޝްރާފުން ވެސް ހީނހީނފައި ދައްކަވާ ވާހަކަފުޅަކީ ފިނދަނަކަލޯ އަމިއްލަ ވަޒަނަށް ގޮސް އަރާމެއް އުފަލެއް ނެތި ތޮށިމަތިން އޫގަލެއް މަތީ އަންނަހައި ރާޅަކަށް ބިރުން ސިހިސިހި ، އުދުހިއުދުހި ވަރުބަލި ފިލުވައިލަން ވެސް ފުރުޞަތެއް ނުލިބޭކަހަލަ ހަޅުތާލުގަނޑެއް މަތީގައި ޗުއްޓީ ހޭދަކޮށްލީމައި އެކުރެވުނީ ކިހައިބޮޑު މޮޔަކަމެއްތޯއެވެ؟

އެންމެފަހުން ބަރުޒަމާނު ރާޖާ ވެސް މިކަމާ ހިނިފުޅު ވަޑުވައި، ފިނދަނަކަލޯއާ އެކަމާ މެދު ސުވާލު ދެންނެވުމުން ފިނދަނަކަލޯ ދެންނެވި އެވެ. މަސާހިބުންނެވެ. ބައެއްފަހަރަށް ގިނަމީހުންގައި ހުންނަ ޣާފިލުކަމާއި ދެއުޅި އެއްނުވުމާއި، ކަންކަމުގެ ޙަޤީޤަތަށް ލޯހުޅުވިފައި ނުވާކަމުން، މަލާމާތް ލިބޭ މީހާއަށްވުރެ މަލާމާތް ކުރާމީހުންނަށް، އެ މާލާމަތް ލިބުން ޙައްޤުކަން ބޮޑުވެދެވެ.

ފިނދަނަކަލޯގެ ވާހަކަ މި ހިސާބަށް ބުނުމާއެކު އެންމެން ހަމަހިމޭން ވެއްޖެ އެވެ. ދެން ފިނދަނަކަލޯ ބުނާ އެއްޗަކުން ތިމަތިމާމެންގެ ބޯމައްޗަށް އެއްލާ ދަލަކުން ވަށައިގެން ބެދިދާނެކަމުގެ ސިހުން ބޮޑުވެގެންނެވެ. ދެން ފިނދަނަކަލޯ ދެންނެވި އެވެ. ސާހިބުންނެވެ. އަޑުއަހާށެވެ. ތިމާގެ އަމިއްލަ މަސައްކަތުން ލިބުނު ކާއެއްޗަކަށްވުރެ ރަނގަޅު ކާއެއްޗަކަށް އެދުން ބޮޑުވެއްޖެ މީހާއަށް ދެން ޖެހޭނީ ވައްކަން ކުރާށެވެ. ނުވަތަ ކޮންމެވެސް މަކަރަކުން ނުވަތަ ކޮންމެވެސް ޚިޔާނަތަކުން ހިހޫތަނުން ކާށެވެ. އޭރުން އިންސާނެއްގެ ސޫރައިގައި ހުންނަމީހާވެސް އެ ވެއްޓުނީ ހައިވާނުންނަށްވުރެ ދަށު ދަރަޖައަކަށެވެ.  ޙައިވާނުންނާއި، ޖަނަވާރުންގެ ތެރޭގައިވެސް، ޝިކާރަކޮށްގެން މަސްކާ ހައިވާނުންނާއި، ވިނަކާ ޖަނަވާރުންނާއި، މޭވާކާ ޖަނަވާރުންނާއި، އޮއްޓަރު ކާ އެތަށް ބާވަތެއްގެ ޙައިވާނުން ހިމެނިގެންވެ އެވެ. މި ހުރިހާ ބާވަތުގެ ދިރޭތަކެތި ވެސް އެބަޔެއްގެ ރޯދިކަމުގައި ލައްވައިފައިވާ ކޮންމެ ބާވަތަކަށްމެ ތިބެނީ ރުހި ޤަބޫލުވެގެންނެވެ. އެއްބަޔަކު އަނެއްބައެއްގެ ރިޒުގު ކަމުގައި ލެއްވި އެއްޗަކަށް ދަހިވެގެންނެއް ނޫޅެއެވެ.

ދެން ތިޔަ ހުރިހާ ތިޔަ ހިނިފުޅުވަޑުވަނީ، އަޅުގަނޑު އަމިއްލަ ވަޒަންގައި ނިދިއަރާމެއް ނެތި ހޭލަމޭލަވެ އަތުވެދާނެ ނުރައްކަލަކަށް ފާރަވެރިވެވިގެން އުޅުނީތީ އެކަމާ އެވެ. ވަޒަން ދެކެ ލޯބިވާންވީ ޢިމާރާތުގެ ބޮޑުކަމާއި، ފުރިހަމަކަމާއި، ތަނަވަސްކަމާއި، ފަރުނީޗަރުގެ އަގުބޮޑުކަމާއި، އެތަނެއްގައި ދިރިއުޅޭ ބައެއްގެ ފުދުންތެރިކަމާއި، އެތަނެއްގައި އުޅޭ ނޯކަރުންގެ ހުޝިޔާރުކަމުން ކަމުގައި ވީނަމަކަ، ވަޒަނަށް ލޯބިކުރުން އީމާންކަމުގެ ތެރެއަކު ނުލެއްވީހެވެ. ތިމާގެ ވަޒަން ދެކެ ލޯބިނުވާ މީހަކު އެހެން މީހެއްގެ ވަޒަނަކަށްވެސް ހުރުމަތެއް ނުހުންނާނެ އެވެ. ތިމާގެ ވަޒަނަށް އަތުވެދާނެ ކޮންމެ ނުރައްކަލަކަށް ބަލައިލުމެއްނެތި ޣާފިލުކަމުގެ ނިދި ލިބިގެންފި މީހާގެ ފުރާނަވެސް ވާނީ ނުރައްލު ތެރޭގައެވެ.

މީހަކު އެއްޗެއްދެކެ ލޯބި ބޮޑުވެއްޖެ އެއްޗަކާމެދު ނިދި މަދުކުރުން އއުލާކަން ބޮޑު އެއްޗަކީ ޤައުމާއި ވަޒަނެވެ. ޤައުމާއި ވަޠަނީލޯބީގެ ގުރުބާނީ ނަމޫނާއަކަށް އެ ޤައުމުގެ ރަސްގެފާނު ނުވަތަ އެ ޤައުމުގެ އެންމެ މަތިވެރި ވެރިޔާގެ ނިދި ޤުރުބާން ކޮށްފި ޤައުމަކަށް ހުރިހާ ދިމާއަކުން ވެސް ހަމަޖެހުމާއި އަމަން އަމާންކަން ލިބިގެންވާނެ އެވެ. ޤައުމެއްގެ ރަސްކަލަކު ޣާފިލުކަމުގެ އަވަހާރަފުޅު ލައްޕަވާ ކޮންމެ ވަގުތަކު އެ ޤައުމެއްގައި ރަސްކަންކުރާނީ ވަގުންނާއި، މަގުފޭރޭ މީހުންނާއި، ފާޙިސް ޢަމަލުތަކުގެ ޝިކާރަވެރިންނެވެ. އޭރުން އެ ޤައުމެއް އަޚްވަންތަކަމުގެ އަރާމުގައި، ފަތިސްކުރުމުގެ ނަޞީބުން އެ ޤައުމުގެ އާންމު އަފުރާދުން މަޙުރޫމު ކޮށްފާނެ އެވެ. އޭރުން އެ ޤައުމެއްގެ ހުރިހާ ފަރާތްތަކުން ޖާނާއި މާލަށް ބިރުވެތިކަމުގެ ކަނޑިތައް ހަރުކޮށްލާނެ އެވެ.

އެ މަޖިލިސްތެރެއިން މީހަކު، ފިނދަނަކަލޯއަށް ބުންޏެވެ. ބަލަ ފިނދަނަކަލޯއެވެ. ކަލޯ ތިޔަބުނާހެންނެއް ނުވާނެ އެވެ. ރާޖާއިންނާއިންނާއި ރަސްރަސްކަލުންގެ އަރިހުގައި އެކިދަރަޖަތަކުގެ ވެރިން ތިއްބަވާނެ އެވެ. އެ ޤައުމެއްގެ އުސްއަޑިތަކާއި ކުންނުތަކަށް ދާނދެން މީހުން ލައްވައި ކަންތަށްތައް އިންތިޒާމު ކުރެވިފައި ވާނެ އެވެ. ރަސްކަލަކު ރޭގަނޑު ހަތަރުދަމު އަވަހާރަފުޅު ލެއްޕެވި ނަމަވެސް ބިރުގަންނަންވީ ސަބަބެއް ނެތެވެ. ގަނޑުވަރުގެ ޗޯކީދާރުން ގަނޑުވަރުގެ ވެލިފުކަކަށް ވެސް  ފާރަވެރި ވެގެން ތިބޭނެ އެވެ. ރަށުތެރެ ބަލަހައްޓާ ކޮތުވާލުން ގަހެއްގެ ފަތެއް ހެލިލިއަސް ހުޝިޔާރުކަމާއިއެކު ހަރަކާތްތެރިވަނެ އެވެ. ވީމާ، ފިނދަނަކަލޯގެ ތިޔަވާހަކަތަކަކީ ބަޔެއްގެ މައްޗަށް ކުރެވޭ ތަޥްހީނަކަށް ވެސް ވެދާނެ އެވެ. ފިނދަނަކަލޯ އަހަރެންގެ މިބަސް ގަބޫލު ނުކުރާނަމަ، އެކަމުގެ މައްޗަށް ޙުއްޖަތެއް ގެންނާށެވެ.

ފިނދަނަކަލޯ ބޯހަލަމުން ފިނދު ހަލުވަމުން ފީނ ފީނ ގޮވަމުން ގަދަ ހިނިގަނޑެއް ޖަހައިލުމަށްފަހު ބުންޏެވެ. ތިޔަދެއްކި ވާހަކައިން އެނގެނީ، ތިބާ އަޅައިގެންހުރި ހެދުން ބާލިޣުވެ ތަޞައްރަފު ފުދިފައި ވީ ނަމަވެސް ބާލިޣުވެ ތަޞައްރަފު ފުދިފައިވާ ސިކުނޑިއެއް ލބިފައި ނުވާކަމެވެ.

ކޮންމެ ރާޖާއަކީ ނުވަތަ ރަސްކަލަކީ އެމީހެއްގެ އަމުރު ކޮލިފަތްތޫރައިގެ ދަށުގައި ވާހައި ރައްޔިތުން ގެ އަޑު އަމިއްލަ ކަންފަތުން އަހައި، އަމިއްލަ ލޮލުން ދެކެންޖެހޭ ކަންތައްތަކެއް ދެކެނިވާން ޖެހޭ ރައްޔިތުންގެ ރާޢީ އެކެވެ. ތިމާގެ ދެލޮލާ، ދެކަންފަތް ކަމުގައި އެހެންބައެއްގެ ބަސް ނުވަތަ އެބަޔަކުދޭ ލިޔުމެއް، ނުވަތަ އަރުވާ އަޑެއްގެމައްޗަށް އިތުބާރު ހުސްކޮއްލައިފި ނަމަ، ކަންހިންގަވާން ތިބޭ ވެރިބަޔަކަށް، ރައްޔިތުންނާމެދު ކޮންމެ ގޮތަކަށް ވެސް ކަންތައް ކުރުމުގެ ފުރުޞަތު ތަނަވަސްވަމުން ދާނެ އެވެ.

އަދި ބައެއް ފަހަރަށް ކަންތައްތައް ބަލަހައްޓަން ތިބޭ ބަޔަކަށް ދެވޭ އިތުބާރެއްގެ ސަބަބުން ގަނޑުވަރުގެ ޗޯކީދާރުންނާއި ކޮތުވާލުންނާއި، ވަގުންނާއި، ފޭރޭމީހުންނާއި، އަޑިއަޑިން ގުޅިގެން ތިބޭގޮތް ވެއްޖެނަމަ، ހުރިހާ ނުބައެއް ތަނަށް ދާނީ ފެތުރެމުންނެވެ. ގަނޑުވަރުގެ ފާރަވެރިންނަށް ތިބޭ ޗޯކީދާރުންނާ ގުޅުން އުފައްދައިގެން ތަނުގެ ސިއްރުތައް ގަނެގެން އަދި ބައެއްފަހަރު ޗޯކީދާރުންނާއި ދޮރުފާރަވެރިންގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެން، ރަސްކަމުގެ ބާޣީން ކިއްލާ ފަތަހަކޮށް ރަސްކަން އަތުލައިގެންފައިވާ އެތައް ޙާދިސާ ތަކާއި، ޥާޤިޢާތައް ހިނގައިފައިވާކަން މާޒީގެ ތާރީޚު ހެކިދެއެވެ. ރަސްގެފާނާއި ރަސްގެފާނުގެ ޢާއިލާގެ އެތައް މުހިންމުންނެއް ރޭގަނޑުގެ އަނދިރީތެރޭގައި ލެއާއި ތަތްތެޅިގެންވާ ހާލުކޮޅުގައި ބިމުގެ ދާނުގައި އަބަދަށްޓަކައި އަވަހާރަފުޅުލެއްޕެވުން މަޖުބޫރުކުރުވި އެތައް ހާދިސާއެއް ތާރީޚް ދެކެފައި ވެއެވެ. މިހިރީވެސް ތިޔަބުނާ ޗޯކީދާރުން ކަހަލަ އެތައް ބަޔަކަށް ދެވިފައިވާ އިތުބާރެއްގެ މައްޗަށް ހިތް ހަމަޖެހިގެން ތިމާގެ ދެ ލޮލާއި ދެކަންފަތަކީ އެހެން ބަޔެއްގެ ކަންފަތާއި، ލޯކަމުގައި ހެދުމުގެ ނަތީޖާއެވެ.

އިހު މުސްކުޅި ވާހަކަ ކިޔުންތެރިން ރައްޔިތުންނާއި ވެރިކަމުގެ ހުރިހާ ބާރެއް ކުރު ބަސްކޮޅަކުން ތަމްސީލު ކުރަނީ އަންނަނިވި ޢިބާރާތުންނެވެ. " ރަސްގެފާނު ޢަދާލަތުގެ ދަރުބާރަށް ނުކުމެވަޑައިނުގަންނަވަން ފެށުމުން މިހާރު މިސަހަރުގައި ނާޅި، އަޑާ ކުޑަވެއްޖޭ! ވަޅުވަޅުފެން ލޮނުވެއްޖޭ! ޅަކުދިން ބަޑު ސިނގުވެއްޖޭ! ވަލުޖަނަވާރު، ސާރިދޯޅު، އާދަމުގެ ދަރިންގެ މައްޗަށް ބިރެއް ސިހުމެއް ނެތިއްޖޭ!" މިއެވެ.

މިއަދުގެ މަޖިލިސް މިހާހިސާބަށް ނިމުނީ ފިނދަނަކަލޯ އަށް ކުރި ލިބިގެންނެވެ.
--------------
(ނިމުނީ)

މި ލިޔުން:
      ފޮނުވުން:            އަލްފާޟިލް މުޚްތާރު އަބްދުއްރަޙްމާން، ނޫރާނީގެ، ށ. މިލަންދޫ
      އަލުން ބަލައި ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ