އަދުގެ ޚާއްސަ

Print

ބޭނުންވަރަކަށް ޑޮލަރު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ ސުންނަތަކީ ވެސް އަޖާއިބެއްކަހަލަ އެއްޗެކެވެ. އެއްބަޔަކަށް ބަނޑުފުރާނަ މުއްތިކޮށްލާނޭ ކާއެތިކޮޅެއް ނުލިބި ބަނޑަށް މަރުވާއިރު، އަނެއްބަޔަކު ކާނެ ނުކާނެ އެއްޗެއް ނޭނގި، ބައިވަރުތައް ހަދަހަދައިގެން އިސްރާފުކުރަނީ އެވެ. ކާން ނުލިބިގެން ބައެއް މީހުން އަނަރޫފަވެ ކަށި ފުރޭނި މަރުވާ އިރު އަނެއްބަޔަކު ތިބެނީ ކާލެއް ގިނަ ކަމުން ލޮކި މަސް ޖަހައި ސަރުބީ ގިނަވެ ހިކުމަށްޓަކައި ހަދާނެ ގޮތް ހުސްވެފައެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. ހައްތާވެސް އިމްތިޙާނެވެ. ވިސްނާ ބަޔަކަށް މި ކަމުގައިވެސް ވަނީ ޢިބްރަތެވެ. މަތިވެރި ފިލާވަޅުތަކެވެ.

ހަމަ އެކަނި ކާތަކެއްޗެއް ނޫނެވެ. ހުރިހާ ކަމެއްގައިވެސް އަދި ހުރިހާ އެއްޗަކަށް ބެއްޔަސް ކަން ހުރީ މި ބީދައިންނެވެ. ދުނިޔެއަކީ ބިލާހެކެވެ. އިމްތިޙާނުގެ ގޮވައްޗެވެ. އިންސާނުންނަށް އޮތީ ގަދައަޅައި ތެދުވެރިކަމާއެކު މަސައްކަތްކުރުމާއެކު، ނިޢުމަތާއި މުޞީބާތުގެ ވަގުތުގައިވެސް ދުނިޔޭގެ އިމްތިޙާނުން ފާސްވުމަށް ކެތްތެރިކަމާއި ޢަޒުމާއެކު މަސައްކަތްކުރުމެވެ.

މި ދެވެނީ މައުޟޫޢާ މާ ދުރަށެވެ. ނަމަވެސް ދަންނަވަން އުޅުނީ، މި ލިޔުން ފަށައިގަންނަމުން ދެންނެވި ފަދައިން ފައިސާގެ މުޢާމަލާތުގައިވެސް ކަންހުރީ މި ބީދައިންނެވެ. މިސާލަކަށް މިއަދު ދިވެހީންނަށް ޚާއްޞަކޮށް ވިޔަފާރިވެރީންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރަންޖެހޭ އެންމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރު ނުލިބުމުގެ މައްސަލަ އެވެ. ކިތަންމެ ފައިސާ ގިނަ ނަމަވެސް ރާއްޖެއިން ބޭރުން ތަކެތި ގަނެގެން ރާއްޖެ އަށް އެތެރެކުރެވޭނީ އެމެރިކާ ޑޮލަރު (ނުވަތަ މި ނޫނަސް ބައިނަލްއަޤްވާމީ ފައިސާއެއް) ލިބިގެންނެވެ. މިއީ ދިވެހީންނަށް މިއަދު ވަރަށް ދަތި މައްސަލައެކެވެ.

ދިވެހިރާއްޖޭގައި މިކަން މިހެން އޮތް އިރު އޭސިއާގެ ބައެއް ޤައުމުތަކުގައި ބޭނުން ވަރަކަށް ޑޮލަރު އެބަ ލިބެއެވެ. ޤައުމީ ފައިސާ އަށް ވުރެ އެތަންތާނގައި ގިނައީވެސް ޑޮލަރެވެ. މުޢާމަލާތު ކުރުމުގެ އަސާސީ ފައިސާ އަކީ ވެސް ޑޮލަރެވެ. އަޅުގަނޑު މި ހުރިހާ ވާހަކަތަކެއް މި ދަންނަވައިލީ އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ތަޖުރިބާއެއް ފަންވަތުގެ އަހުލުވެރީންނާ ޙިއްޞާކޮށްލުމަށްޓަކައެވެ. ކުރިން ދަންނަވާއިލެވިފައިވާނޭ ފަދައިންނެވެ.

2010 ވަނަ އަހަރުގެ މެދެއްހާ ތާނގައި އަޅުގަނޑު ކެމްބޯޑިއާ (ކުރީގެ ކެމްޕޫޗިއާ) އަށް ކުރި ދަތުރުގެ ތަޖުރިބާ އެކެވެ. އެ ދަތުރުކުރި ހައިސިއްޔަތުން ތިބެން ޖެހުނީ އެންމެ މަތީ ފެންވަރުގެ ހޮޓަލެއްގައެވެ. ބޭރަށް ދެވެނީ ހަށިފާރަވެރިޔަކާ އެކިގައެވެ. ތިބެންޖެހުނު "ރަފްލްސް ހޮޓެލް ލެ ރޯޔަލް" ގައި ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިފައެވެ. މި ހޮޓަލަކީ މި ޒަމާނުގައި މި ފަދަ ތާކުން ލިބޭނެ ހަމަ ހުރިހާ ޚިދުމަތެއް ފަހިވެފައިވާ 7 ތަރީގެ ހޮޓަލެކެވެ. އަދި ފައިސާ ނަގާ 2 މެޝިން (އޮޓޯ ޓެލަރ މެޝީން) ވެސް ހޮޓަލުގެ އެތެރޭގައި ޤާއިމުވެފައި ހުއްޓެވެ.

މި ދެންނެވި ސަލާމަތީ ފިޔަވަޅުތަކަށް "ފިލައިގެން" އެއް ރޭ، ހުސްވަގުތު ލިބުނީމާ، ބޭރަށް ނުކުމެލަން ބޭނުންވެއްޖެ އެވެ. އަތުގައި އެރަށުގެ ފައިސާ އެއް ނެތެވެ. އަދި މާ ގިނަ ޑޮލަރެއްވެސް ނެތެވެ. އެހެންވެ ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާކޮޅެއް ނަގައިގެން ބާޒާރުމައްޗަށް ދާން ގަސްތުކޮށްފީމެވެ. މެޝިނަށް ކާޑު ލައްވައިފައި 500 ރުފިޔާ (ކެމްބޯޑިއާ ރިއެލް) ހޯދަން މަސައްކަތްކޮށްލީމެވެ. ލިބުނީ ހައިރާން ކަމެކެވެ. މެޝިނުން ލިބުނީ 500 ޑޮލަރެވެ. ޔޫއެސް ޑޮލަރެވެ. ދެވަނަ މެޝިނަށް ގޮސް ކްރެޑިޓްކާޑު ބޭނުންކޮށްފީމެވެ. މިފަހަރުވެސް ލިބުނީ ހަމަ ޑޮލަރެވެ. ކެމްބޯޑިއާގެ ފައިސާ ލޮލުން ފެންނަ ގޮތެއްވެސް ނުވި އެވެ. މިވީ ކިހިނެއްބާވައެވެ.

ކެމްބޯޑިއާގެ ޤައުމީ ފައިސާ އަކީ ރިއެލް އެވެ. އެ މީހުން ކިޔަނީ Khmer: រៀល  މިހެންނެވެ. ފައިސާގެ ނިޝާނަކީ   މިއީ އެވެ. ޔޫއެސް ޑޮލަރ އަށް US$ ބޭނުންކުރާ ގޮތަށް އަދި ދިވެހި ރުފިޔާ އަށް MRf  ބޭނުންކުރާހެން އެ މީހުންގެ ޚްމަރް ނުވަތަ ރިއެލް އަށް ބޭނުންކުރާ ކޯޑަކީ KHR އެވެ. މި ފައިސާ ފުރަތަމަ ޝާއިޢުކުރީ 1953 އާއި 1975 އާ ދޭތެރޭގައެވެ. 1975 އާއި 1980 އާ ދެމެދު، އެ ޤައުމުގައި މާލީ ނިޒާމެއް ޤާއިމުވެފައެއް ނުވެ އެވެ.


ޤައުމީ މާލީ ނިޒާމު ގެއްލިފައި އޮތުމަށް ފަހު 1 އޭޕްރިލް 1980 ގައި އާ ފައިސާއެއް ހަމަ ރިއެލްގެ ނަމުގައި ޝާއިޢުކޮށް ތަޢާރުފުކުރި އެވެ. އެއީ 4 ރިޔާލް އަކީ އެމެރިކާ 1 ޑޮލަރ ގެ އަގެއްގައެވެ. ނަމަވެސް މި ފައިސާ އަކީ ރައްޔިތުން ބަލައިގަނެ މަޤްބޫލުކަން ލިބުނު އެއްޗަކަށް ނުވި އެވެ.

1993 ގައި ކެމްބޯޑިއާގައި ތިބި  އދ. ގެ ޞުލްޙަ ބަލަހައްޓާ މީހުން ވަރަށް ބައިވަރު އެމެރިކާ ޑޮލަރު ކެމްބޯޑިއާގެ ޤައުމީ އިޤްތިޞާދުގެ ތެރެއަށް ވެއްދި އެވެ. ނަތީޖާއެއްގެ ގޮތުން އެ ޤައުމުގެ ވިޔަފާރީގައި ބޭނުންކުރާ ފައިސާ އަކީ އެމެރިކާ ޑޮލަރ ކަމަށްވި އެވެ.

މި ދަންނަވައިލީ ކެމްބޯޑިއާގައި އެމެރިކާ ޑޮލަރ މިހާ ޢާއްމުވެފައިވުމުގެ ސަބަބު ކުޑަކޮށް ތިޔަ ބޭފުޅުންގެ ހިތްޕުޅަށް ތަޞައްވުރުކޮށްލެއްވުމަށްޓަކައި ހާމަކޮށްލި ފަސްމަންޒަރުގެ މަޢުލޫމާތު ކޮޅެކެވެ.

އަޞްލު މައުޟޫޢަށް ޖެހިލާނަމެވެ. އާދެ! އަޅުގަނޑު މެޝިނުން ނެގި 1000 ޑޮލަރުގެ ތެރެއިން 200 ޑޮލަރު މާރުކޮށްލުމަށްޓަކައި ހޮޓަލުގެ ކޮށިގަނޑަށް ހިނގައްޖައީމެވެ. މާރުކޮށްލަށް އެދުމުން ދިނީ 10، 5، 1، 20 ޑޮލަރު ހިމެނޭ ގޮތަށް އަނެއްކާ ވެސް ޑޮލަރެވެ. ޙައިރާންވެގެން އެތާގެ ފައިސާ އެއް ނުލިބޭނެތޯ އެހީމާ، ބޭނުމީ ކިހާ ފައިސާއެއްތޯ އަހައިފި އެވެ. އަޅުގަނޑު 50 ޑޮލަރު ދީފައި އެޔަށްވާ ފައިސާ ހިފައިގެން "ސިއްރުން" ބޭރަށް ނުކުމެއްޖައީމެވެ. އާދަކާދައާއި "އަމަލުތައް" ތައިލެންޑަށްވުރެ ވަކި ސަހަލެއް ނޫނެވެ. ކުރޮޅިއަކަށް (އެ މީހުން ކިޔާ ގޮތުން "ޓުކްޓުކް") އަރައިގެން ބާޒާރަށް ދާންކަމަށް އެންމެ ކައިރީގައި ހުންނަ ޝޮޕިންގ ސެންޓަރަކަށް ގޮސްދޭނީ ކިހާ ވަރަކަށް ތޯ އެހީމާ އަގު ކިޔަނީ ވެސް ޑޮލަރުންނެވެ. އާދެ! 3 ޑޮލަރަށެވެ. ދެން ކޮންމެއަކަސް 3 ޑޮލަރު ދީފައި ކުރޮޅިއެއްގައި ބާޒާރަށް ހިނގައްޖައީމެވެ. 10 ވަރަކަށް މިނިޓުން ދެވިއްޖެ އެވެ. މާފުކުރައްވާށެވެ! ކުރިން ދަންނަވައިނުލެވުނީ އެވެ. އަޅުގަނޑާއެކު މަނަދޫ ޠާރިޤު ވެސް ވަޑައިގަތެވެ. މި ދަތުރުގެ އަނެއް ބައިވެރިޔާ އެވެ.

ބާޒާރުމައްޗާއި "ހުރިހާ ކަމެއް ވެސް" ތައިލެންޑް ގެ ބެންކޮކާ ތަފާތެއް ނޫނެވެ. ފެނުނީ ހަމަ އެންމެ ތަފާތެކެވެ. މުދަލުގައި އަގުޖަހައިފައި ހުންނަނީ އަދި އަގު ކިޔަނީ ވެސް އެމެރިކާ ޑޮލަރުންނެވެ. އެތާގެ ފައިސާއިން ޖެހެނީ ކިހާ ވަރެއްތޯ އަހައިލީމާ ވަރަށް ފޫހި ގޮތަކަށް ކަލްކިޔޫލޭޓަރުން ހިސާބުތައް ހަދަހަދައިފައި އަގެއް ބުނާނެ އެވެ.

ކޮންމެ އަކަސް ކެމްބޯޑިއާގައި އެތާގެ ފައިސާ ރިއާލް އަކީ އެ މީހުން ޢާއްމުކޮށް ބޭނުން ކުރާ ފައިސާއެއް ނޫނެވެ. އިބްތިދާއީ ފައިސާ އަކީ އެމެރިކާ ޑޮލަރެވެ. ރިއަލް ބޭނުންކުރަނީ ސާނަވީ ފައިސާއެއްގެ ގޮތުގައެވެ. އެހެންވީމާ ޑޮލަރު ހޯއަދަވަން ބޭނުންފުޅު ބޭފުޅުން ކެމްބޯޑިއާއަށް ދަތުރުފުޅެއް ކުރައްވަންވީ ނޫންތޯއެވެ؟ އެ ޤައުމުގައި ޑޮލަރު ބައިވަރެވެ. އާދެ! ބޭނުން ވަރަކަށް ޑޮލަރެވެ.
----------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ