އަދުގެ ޚާއްސަ

Print

ޙަޤީޤަތް އެނގޭނީ އެއް އޮޑީން ދަތުރުކޮށްލީމައެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ

 
އަހަރެން ފެނުމުން އެކަކުވެސް މިއީ ހިތާމަތަކެއް ލިބިފައިވާ މީހެއްކަމަށް ޤަބޫލެއް ނުކުރާނެ އެވެ. އެއީ އަހަރެންގެ އާދަތައް ހުންނަގޮތުންނެވެ. އެއީ އަހަރެންނަށް އަހަރެންގެ މައިންބަފައިންގެ ފަރާތުންލިބިފައިވާ ރަނގަޅު އާދަތަކެކެވެ.

އަހަރެންގެ ހިތާމަތައް ފޮރުވުމަށްޓަކައި އަބަދުހެން ތާޒާކޮށް ހުންނަމެވެ. އިރުން އިރަށް ހެދުން ބަދަލުކޮށް ހަދަމެވެ. މީހުންނަކަށް އަހަރެންގެ ހިތާމަތަކުގެ ވާހަކަތަކެއް ކިޔައިދީއެއް ނަހަދަމެވެ. މޫނުމަތިން އަބަދު ވެސް އުފާވެރިކަން ދެއްކޭތޯ މަސައްކަތްކުރަމެވެ.

އަހަރެން ޙަޔާތުގެ ބައިވެރިއަކު ހޯދީ އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. އަހަރެންގެ ފުރިހަމަ ރުހުމާ އެކުގައެވެ. އަހަރެންގެ ފިރިމީހާ އަކީ ރީތި ޒުވާނެކެވެ. މުއްސަނދި ވެސް މީހެކެވެ. އަހަރެން އޭނާއާ މެދު ހިތްހަމަނުޖެހޭން ފެށީ ކައިވެއްޏަށް ފަހުއެވެ. މީހެއްގެ ޙަޤީޤަތް އެނގޭނީ އެއް އޮޑީން ދަތުރުކޮށްލީމާއޭ ބުނާ ޢުސޫލުން އަހަރެންނަށް އޭނާގެ ޙަޤީޤަތް އެނގުނީ ކައިވެއްޏަށް ފަހުގައެވެ. އެހެނަސް މި މާތް ގޮށް މޮހާލަން ބޭނުންނުވާތީ އަހަރެން ވަރަށް ކެތްތެރިވީމެވެ.

އަހަރެންގެ ފިރިމީހާއަކީ ބޯޓުދަތުރުކުރާ މީހެކެވެ. އެ ގޮތުން ގިނަ ވަގުތުތަކެއްގައި އޭނާއާ ދުރުގައި އުޅުމުގެ ފުރުޞަތުލިބެއެވެ. މިއީ އަހަރެން އެންމެ ހިތްރުހޭ ގޮތެވެ. އޭނާއާ ބައްދަލުވުމުން އަހަރެންގެ ހާސްކަން އިތުރުވެއެވެ. ބޮލުގެ ރިހުން ގަދަވެއެވެ.

އަހަރެންގެ ޙަޔާތުގެ ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކުރުމުގެ ނިޔަތުގައި ކައިރި ރަށަކުން ވަޒީފާއެއް ހޯދައިފީމެވެ. މިކަމުން ވަރަށް ހިތްހަމަޖެހުން ލިބެއެވެ. ޙަޔާތުގެ ބައިވެރިޔާގެ އުނިކަން ހަނދާންނެތިކޮށްލައެވެ.

ވަޒީފާ އަދާކުރާތަނުން ވަރަށް ހިތްގައިމު ޒުވާނަކާ ބައްދަލުވިއެވެ. އެއީ ނުލާހިކު ޗާލު ރީތިމީހެކެވެ. ފިރިހެނެއްގައި ހުންނާނެ ހުރިހާ ފުރިހަމަކަމެއް އޭނާ ޙާޞިލްކޮށްފައިވެއެވެ. މި ޢަޖާއިބުކުރުވަނިވި ޒުވާނާއާ ބައްދަލުވުމުން އަހަރެންގެ ހުރިހާ ހިތާމަތަކެއް ފިލައި ހިނގައްޖެއެވެ.

އަހަރެންގެ ޙަޔާތަށް ބަހާރު މޫސުން އަތުވެއްޖެއެވެ. އަހަރެންގެ ހިތުގައި އިޝްޤުގެ ބައްތި ދިއްލިއްޖެ އެވެ. ޒުވާންކަމުގެ ހޫނު އިޙުސާސްކުރެވޭން ފަށައިފިއެވެ. ޒުވާންކަމާއި، ޒުވާންކަމުގެ މަސްތީ އުފާ އަދި ކިރިޔާ އިޙުސާސްވީ ފަދަ އެވެ. މާފޮޅުވުމުގައި ހޭދަވާ ވަގުތުގެ އަގު އަރައްޖެ އެވެ. ރަތްދަކަ އަވީގައި ހިނގަމުން ދަނިކޮށް ހިޔާބޮޑު ގަހެއްގެ ހިޔާ ލިބުނުފަދަ އެވެ.

އަހަރީ ޗުއްޓީގައި ރަށަށް ދިޔައީމެވެ. އެ ދުވަސްވަރާއި ދިމާކޮށް ފިރިމީހާ ވެސް ޗުއްޓީގައި ރަށަށް އަންނާނެތީ އެވެ. އަހަރެން ބޭނުންވީ ވަރިވާށެވެ. އެކަމަކު ފިރިމީހާ އެ ގޮތެއް ބޭނުމެއް ނުވި އެވެ. އެންމެފަހުން ކޯޓު މެދުވެރިވެގެން ޚުލްޢުވަރިއަކުން އަހަރެމެން ވަރިވީ އެވެ. އެއީ ފިރިމީހާ ކިބައިގައިވާ ޖިސްމާނީ ޢައިބުތަކެއްގެ ސަބަބުން (ނުވަތަ އެނޫން ވެސް ސަބަބަކާހުރެ) އަނބިމީހާ، ފިރިމީހާއަށް މުދަލުގެ ގޮތުން ވަކިއެއްޗެއް ދީގެންކުރާ ވަރިއެވެ. އަހަރެންގެ އަތުގައި ފައިސާ ހުރުމާއެކު މި ކަމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ.

އަހަރެން އެނބުރި ވަޒީފާ އަދާކުރާ ރަށަށް ދިޔައީ ފަރިވެފައިވާ ނާޒުކު ފިނިފެންމަލެއް ފަދައިން ފަރިވެ ފޮޅިގެންނެވެ. އަހަރެން އަވަސްވެގަތީ އެ ޒުވާނާއާ ބައްދަލުކުރުމަށެވެ.

އެޒުވާނާއަކީ ބޭރުމީހެކެވެ. މި ރަށުގައި އުޅެނީ ގެއެއް ކުތްޔަށް ހިފައިގެންނެވެ. އެ ކުޑަކުޑަ ހިތްފަސޭހަ ގެއަށް ދިއުމަށްޓަކައި އަހަރެންވަނީ ކެތްމަދުވެފައެވެ. ކުރިން އަހަރެމެން ބައްދަލުވީ ނަމަވެސް އަހަރެންގެ ހިތުގައި ކޮންމެ ވެސް ވަރަކަށް ބިރުވެރިކަން އޮވެއެވެ. އޭރު އަހަރެންނަކީ މިނިވަނެއްނޫނެވެ. މިހާރު މިވަނީ މުޅިން މިނިވަންވެފައެވެ. ކޮންމެ ގޮތަކަށް އުޅުނަސް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ އެވެ. އަަހަރެމެންގެ މިނިވަންކަމަށް ފާރަވެރިވާނެ މީހަކު ނުހުންނާނެ އެވެ.

އަހަރެން އެ ގެއަށް ދިޔައީ އިރުއޮއްސޭން ކައިރިވެފައިވަނިކޮށެވެ. ދޮރާށި ހުޅުވައިލުމާއެކު އަހަރެންނަށް ފެނުނީ ދެއަހަރަށް ދާވަރުގެ ލޯބިލޯބި ކުއްޖަކު ކުޅޭން ހުއްޓައެވެ. އަހަރެން އެތެރެއަށް ބޯދިއްކޮލިއިރު  ފެނުނު މަންޒަރަކުން އޭނާގެ ކުޑައިރުގެ ފޮޓޯއެއްފަދަ އެކުއްޖާއަކީ ކާކުކަން  އެނގޭކަން މާގިނަ އިރެއް ނުވި އެވެ. އޭރު އިރު ވެސް އުދަރެހާ ނިވައިވަނީ އެވެ. އަހަރެންގެ ޙަޔާތް ފަދައިން ދުނިޔެ މައްޗަށް އަނދިރިކަން ފަތުރަމުންނެވެ.
--------------
(ނިމުނީ)

މި ލިޔުން:
    ފޮނުވުން:             އަލްފާޟިލް އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ
    އަލުން ބަލައި ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު(މާޒީ)




އިދާރާ

އެނގޭތަ؟

ވާހަކަ