އަދުގެ ޚާއްސަ

Print

އިންސާނީ ތާރީޚުގެ އެންމެ އަރާހުންނެވި ޝަޚްޞިއްޔަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޚާއްޞަ ނޯޓު:
މި ލިޔުމަކީ ފަންވަތަށް ވަރަށް އެހީތެރި، ޤާބިލު ލިޔުންތެރިއެއްކަމުގައިވާ އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން މި ރަބީޢުލް އައްވަލު މަސް ފެށުމުގެ ރަސްމިއްޔާތަށް ޚާއްޞަ ކުރައްވައި ފޮނުއްވާފައިވާ އަސަރުގަދަ ޢިލްމީ ތާރީޚީ މަޒުމޫނެކެވެ. މަޒުމޫނު ޝާއިޢުކުރުން މި ވަނީ މާ ބޮޑަށް ވެސް ލަސްވެފަ އެވެ. އެ ސަބަބަށްޓަކައި އަލްއަޚް ޢަބްދުﷲ ފާރޫޤު ޙަސަނުގެ އަރިހުންނާ ތިޔަ ކިޔުންތެރީންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. - އެޑިޓަރު -

ޢަބްދުﷲ ފާރޫޤު ޙަސަން

ބަރަކާތްތެރި ރަބީޢުލްއައްވަލް މަސް ކުރިމަތިލަނީއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެމަހުގައި އިސްލާމްދީނުގެ ނަބިއްޔާ صلى اللّه عليه وسلم ގެ ޛިކުރާގެ މަޙެފިލްތައް ބޭއްވޭނެއެވެ. ޝައްކެއްވެސް ނެތެވެ. އެމާތް ސާހިބާގެ ޛިކުރާ އައުކުރުމަކީ ހަމައެކަނި ބަރަކާތްތެރި ރަބީޢުލްއައްވަލްމަހުގެ މުޤައްދަސް ގަޑިތަކަށް ޚާއްޞަކަމެއްނޫނެވެ. އަދި ކީއްތޯއެވެ. އެއީ، މުޅި އަހަރު ތެރޭގައިވެސް އިވެމުންދާނެ އަޑެކެވެ. ކާއިނާތުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ވަނީ ޚުދު އެކަލާނގެ އެކަމުގެ އިންތިޒާމު ކުރައްވައިފައިވާކަމުގެ އިޢުލާން ކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ [وَرَفَغْنَا لَكَ ذِكْرَكَ ] މިފަދައިންނެވެ.

މަތިވެރިވެގެންވާ އުޑުތަކުގައިވެސް ދަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާގެ މަތިވެރި ނަންފުޅު ޛިކްރާ ވަމުންނެވެ. އާދޭހެވެ! މަލާއިކަތުން އަބަދުވެސް ގެންދަވަނީ އެކަލޭފާނަށް صلوات އާ سلام ވިދާޅުވަމުންނެވެ. ބިމުގެ ހަތް ބައްރުގައި އެތައް ކުރޯޑް އިންސާނުންގެ ދޫތަކުން އެނަންފުޅު އަންނަނީ ޛިކްރާ ވަމުންނެވެ. ގުގުމަމުންދާ ބަންގީގެ ނަޣުމާ ތަކުގައެވެ. މުސްލިމުންގެ ނަމާދުގައްޔާއި، ހުކުރު ޚުޠުބާގައެވެ. ކުދީން އުފަންވާ ހިނދުގައްޔާއި، އީމާންކަމުގެ އަހްލުވެރީންގެ ޖަނާޒާގައެވެ. އެބައިމީހުންގެ ކާވަނީގެ ރަސްމިއްޔާތުތަކުގައެވެ. މިއިން ކޮންމެ ކަމެއްގައި އެކަލޭގެފާނުގެ މާތް ނަންފުޅު ގެނެވެނީ ސަލާމާއި ޞަލަވާތުގެ ވެދުންތަކާ އެކުގައެވެ.

އިތުރު ސާހިބާގެ ޙަދީޘްފުޅަކުން އެނގޭ ގޮތުގައި މަތީގައި ދެންނެވުނު އާޔަތް ބާވައިލެއްވި ދުވަހު جبريل الأمين މާތް ރަސޫލާ (صلى اللّه عليه وسلم ) އަށް ދެންނެވިއެވެ. اللّه سبحانه وتعالى ވަޙީކުރެއްވިއެވެ. [ތިމަން ރަސްކަލާނގެ އިސްމުފުޅު ޛިކުރުކުރެވޭހިނދު ހަމައެއާއެކު އެކުގައި ކަލޭގެފާނުގެ ނަންފުޅުވެސް ޛިކުރުކުރެވޭ ހުއްޓެވެ.] މިބަސްފުޅުގެ ތެދުކަން އަޅުގަނޑުމެން ދެކޭންވެއްޖެނަމަ އަޅުގަނޑުމެންނަށް ފެންނާނީ ހަމައެކަނި އަޅުގަނޑުމެންގެ ދޫތަކުން އެކަން ކުރެވެމުން ދާތީއެއް ނޫނެވެ. ބޭރުމީހުންގެ ދޫތަކުންވެސް އެވާޖިބު އަދާވަމުން ދާތީއެވެ. އެކަލޭގެފާނަށް އީމާންވާ މީހުންގެ ޤަލަމުތަކުން އެނަންފުޅު ލިޔެވޭތީއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނަށް އިންކާރުކުރާ މީހުންގެ ޤަލަމުތަކުންވެސް އެނަންފުޅު ތާރީފާއެކު ލިޔެވެމުންދާތަން ފެންނާނެއެވެ. ހިލޭ މީހުންގެ އެތައްހާސް ތަޢައްޞުބަކާ އެކުވެސް އިޢުތިރާފުވުމަށް އަމިއްލައަށް މަޖްބޫރުވެފައިވަނީ އިންސާނީ ތާރީޚު ދެކެފައިވާ ހުރިހާ ޒާހިދު އަޅުވެރިންނާއި ޙައްޤުގެ މަގަށް ގޮވާލާމީހުންނާއި ނަބިއްޔުންނާއި ރަސޫލުންގެ ތެރެއިންވެސް محمد صلّى اللّه عليه وسلم ތާރީޚަށް ދޫކުރެއްވިފަދަ އަސަރެއް ދޫކޮށްފައިވާ އެއްވެސް ޝަޚްޞިއްޔަތެއް ނުފެންނަ ކަމަށެވެ. އެކަލޭގެފާނަކީ އެއްވެސް ބާރެއް މުއްސަނދިފުޅުކަމެއްނެތި ހަމައެކަނި ގިނިކަންޏާ ތާރީޚް ދަތުރުކުރަމުން ދިޔަގޮތް ބަދަލުކޮށްލެއްވި ބޭކަލެކެވެ. އެކަލޭގެފާނު ތާރީޚަށް ދޫކުރެއްވި އަސަރުވަނީ މާޟީއާއި ޙާލާއި މުސްތަޤްބަލުގެ މައްޗަށް ނިމުމެއްނެތް ގޮތުގައި ފެތުރިފައެވެ.

އެމެރިކާގެ ޢިލްމުވެރިއެއް ކަމުގައިވާ މިސްޓަރ މައިކަލް އެޗް.ހާޓްގެ ޤަލަމުން 1978 ގައި [ދިހަންޑްރެޑް] ގެ ނަމުގައި ފޮތެއް ޝާއިޢުވެފައިވެއެވެ. އެފޮތުގައި އިންސާނީ ތާރީޚުގެ އެންމެ އަރާތިބި ސަތޭކަ މީހުންގެ ޙަޔާތާއި އެމީހުންގެ މަސައްކަތަށް އަލިއަޅުވައިފައިވެއެވެ. އެފޮތުގެ މަޤްބޫލުކަން ހުރިވަރާއި ތާރީޚީ ލިޓްރޭޗަރގެ ތެރޭގައި އެފޮތަށް ލިބިފައިވާ މުހިންމު މަޤާމު ހާމަކޮށްދޭ އެއް ހެއްކަކީ އެމެރިކާއާއި ޔޫރަޕްގެ ހުރިހާ ބޮޑެތި ނޫސްތަކާއި މަޖައްލާތަކުން އެފޮތާމެދު ރިވިއުތައް ޝާއިޢު ކޮށްފައިވާކަމެވެ. އެފޮތަކީ މިޒަމާނުގައި ލިޔެވުނު އެންމެމޮޅު އެންމެ ރަނގަޅު ފޮތްކަމުގައި ކަނޑައަޅައިފައިވާ ކަމެވެ. މި ދެންނެވި ނޫސްތަކުގައި އެފޮތާމެދު ލިޔެފައިވާ ލިޔުންތަކުގެ ބައެއް އިޤްތިބާސްތައްވެސް ދަންނަވާލާނަމެވެ. އާދޭހެވެ! [ލޮސް އެންޖެލްސް ޓައިމްސް] ގައި ލިޔެފައިވަނީ [އެފޮތަކީ އިންތިހާ ދަޖައިގެ މޮޅު ފިކުރު އެކުލެވިފައިވާ ކިޔާ ހިތްވާފޮތެއް] ކަމުގައެވެ. ނިއުސް ވީކް ދެކޭގޮތުގައި [އެފޮތުގެ އެންމެމޮޅު އެއްކަމަކީ އެފޮތުގައި ބަޔާންކުރެވިފައިވާ ޝަޚްޞިއްޔަތުގެ އަސަރު ނުވަތަ މަތިވެރިކަން  ފާހަގަކުރުމަށްޓަކައި ކަނޑައަޅައިފައިވާ އުޞޫލެވެ.] ވޯލްސްޓްރީޓް ޖާނަލް ނިއުޔޯކްގައި ލިޔެފައިވަނީ [އެފޮތަކީ އަސަރުގަދަ، ސަމާލުކަން ދޭންޖެހޭ، އަދި ކިޔަވައި ދަސްކުރާންޖެހޭ ދުނިޔޭގެ ތާރީޚެއް[ ކަމުގައެވެ. ލަންޑަންގެ ޑެއިލީ މެއިލްގައި ލިޔެފައިވަނީ އެފޮތަކީ [އެއްވެސް ތަޢައްޞުބެއް ނެތް ތަޙްޤީޤީ މަސައްކަތެއްގެ ނަތީޖާ] އެއްކަމުގައެވެ.

އިސްލާމީ ދުނިޔޭގައި އެފޮތާމެދު ޝައުޤުވެރިކަން އުފެދުމުގެ ސަބަބަކީ ތާރީޚުގެ އެންމެ އަރާތިބި އަސަރުހުރި ސަތޭކަ ޝަޚްޞިއްޔަތުގެ ފިހްރިސްތުގެ އެންމެ ފުރަތަމަ ނަމެއްކަމުގައި ފޮތުގެ މުޞަންނިފު ހޮއްވަވައިފައިވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ محمّد (صلّى اللّه عليه وسلم) ކަމުގައި ވާކަމެވެ.

މުޞަންނިފު އޭނާގެ ފޮތުގައި އެސަތޭކަ ޝަޚްޞިއްޔަތެއްގެ މައްޗަށް އަލިއަޅުއްވައި ލައްވައިފައިވާ ސަތޭކަ ޝަޚްޞިއްޔަތު ހޮއްވަވައިފައިވަނީ ޔޫރަޕުން ހަތްދިހައެއް މީހުން، އެމެރިކާއިން ހަތް މީހުން، ސައުތު އެމެރިކާއިން އެކަކު، އެފްރިކާއިން ތިން މީހުން، އޭޝިޔާއިން އަށާރަ މީހުންނެވެ. އޭޝިޔާގެ ޝަޚްޞިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާއިން ހަތް މީހުންނާއި އިންޑިޔާއިން ތިން މީހުންނާއި މޮންގޯލިޔާއިން އެކަކާއި، ސެންޓްރަލް އޭޝިޔާއިން ހަތް މީހުންނެވެ. މިދެންނެވި ސަތޭކަ ޝަޚްޞިއްޔަތުގެ ތެރޭގައި އެބައިމީހުންގެ މަސައްކަތުގެ ގޮތުން ހިމެނެނީ ތިރީސް ހަތް ސައެންޓިސްޓުންނާއި، އައު އުފެއްދުންތެރީންނާއި ތިރީސް ސިޔާސީ އަދި ޢަސްކަރީ ލީޑަރުންނާއި ސާދަ ސިކިއުލަރ ފިލޯސަފަރުންނާއި އެގާރަ ދީނީ ލީޑަރުންނާއި ހަ އާޓިސްޓުންނާއި އަދީބުންނާއި އަދި ދެ ސައްޔާޙުންނެވެ. އެފޮތުގައި ހިމެނުއްވުމަށް މުޞަންނިފު ޚިޔާލު ކުރައްވައިފައި ނުހިމަނުއްވައި ދޫކޮށްލެއްވި މީހުންގެ ލިސްޓެއްވެސް އެފޮތުގެ ފަހަތުގައި ޝާއިޢު ކުރައްވައިފައިވެއެވެ.

މުޞަންނިފު އޭނާގެ ފޮތުގައި ހިމެނުއްވުމަށް މީހުން ހޮއްވެވި ހަރުދަނާ މަތިވެރި އުޞޫލު ސާބިތުވާ އެއްކަމަކީ ޚުދު އޭނާއަކީ އެމެރިކާގެ މީހަކަށް ވުމާއެކުވެސް އެބްރެހަމް ލިންކަންފަދަ ނަންހުރި އެމެރިކާގެ ރައީސަކަށް އަދި ބައިނަލްއަޤްވާމީ ޒަޢީމަކަށްވެސް އޭނާގެ ޞަފްޙާތަކުން ތަން ނުދެއްވިކަމެވެ. އޭގެ ސަބަބު ބަޔާންކުރައްވަމުން މުޞަންނިފު ލިޔުއްވައިފައިވެއެވެ.

[އެބްރެހަމް ލިންކަނަކީ އެމެރިކާގެ ސޯޅަވަނަ ރައީސެވެ. އޭނާއަކީ އެމެރިކާ ކީއްކުރަންތޯއެވެ؟ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އުފެދުނު އެންމެ މަޝްހޫރު އެންމެ ތަޢުރީފު ޙައްޤު ލީޑަރުންގެ ތެރެއިން އެއްބޭފުޅެކެވެ. އެހެންކަމަށް ވުމާއެކުވެސް އޭނާގެ ނަންފުޅު އަޅުގަނޑު މި ފިހުރިސްތުގައި ނުހިމެނީ ކީއްވެގެންތޯއެވެ؟ ތިރީސް ފަސްލައްކަ ފަންސާސްހާސް އަޅުން މިނިވަންކުރުމަކީ ކުޑަކަމެއްތޯއެވެ. ނޫނެކެވެ. އެއީ ބޮޑުކަމެކެވެ. މަތިވެރި މަސައްކަތެކެވެ. ނަމަވެސް އަޅުގަނޑުމެން ބަލާލާއިރު އެދުވަސްވަރަކީ މުޅި ދުނިޔޭގައިވެސް އަޅުން ގެންގުޅުން މަނާކުރުމަށްޓަކައި އެތަކެއް ބާރުތަކެއް މަސައްކަތްކުރަމުން ގެންދިޔަ ދުވަސްވަރެކެވެ. ލިންކަނަށް ރައީސްކަން ލިބިވަޑައިގަތުމުގެ ކުރިން ވަރަށްގިނަ ޤައުމުތަކުންވަނީ އަޅުން ގެންގުޅުން މަނާކޮށްފައެވެ. ލިންކަން އަވަހާރަވުމާ ހަމައަށް 65 އަހަރުގެ ތެރޭގައި އެހެން އެތައް ޤައުމުތަކަކުންވެސްވަނީ އެގޮތަށް ޢަމަލުކޮށްފައެވެ. އެހެންކަމަށް ވުމާއެކު މިކަމުގައި އެންމެ ބޮޑުވެގެންވެސް ލިންކަނަށް ލިބިވަޑައި ގަންނަވާނީ އޭނާގެ ޤައުމުގައި އަޅުން ގެންގުޅުން ހުއްޓުވުމުގެ މަސައްކަތް ހަލުވިކޮށްލެއްވި ބޭފުޅެއްގެ ގޮތުން ލިބިވަޑައިގަންނަވާ ތަޢުރީފެކެވެ.]

މަހާތަމާ ގާނދީއަކީވެސް ހުޅަނގުގެ ދުނިޔޭގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ. އޭނާގެ ޝަޚްޞިއްޔަތާއި އޭނާގެ ތަޢުލީމުގެ މައްޗަށް ތަފާތު ޔުނިވަރސިޓީ ތަކުގައި ދަނީ ތަޙްޤީޤީ މަސައްކަތްތައްވެސް ކުރެވެމުންނެވެ. ނަމަވެސް މުޞަންނިފު އޭނާގެ ފިހުރިސްތުގައި ގާނދީވެސް ހިމަނުއްވައިފައެއް ނުވެއެވެ. އޭގެ ސަބަބު ބަޔާންކުރައްވަމުން ލިޔުއްވާފައިވެއެވެ.

[މޯހަންދާސް ގާނދީއަކީ، އިންޑިޔާގެ މިނިވަންކަމުގެ ތަޙްރީކުގެ އަރާހުންނެވި ޒަޢީމެކެވެ. ހަމައެކަނި އެސަބަބަށްޓަކައި، އޭނާ އަޅުގަނޑުގެ ފޮތުގައި ހިމެނުމަށް ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑަށް ހުށަހެޅިއެވެ. ނަމަވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހެނީ އިނގިރޭސިންގެ ދަށުން އަވަހަށް ނުވަތަ ލަހުންނަމަވެސް އިންޑިޔާ މިނިވަންވާނެ ކަމެކެވެ. ކްލޮނީތައް މިނިވަންކުރުމުގައި ޙަރަކާތްތެރިވާ ތާރީޚީ ބާރުތަކަށް ނަޒަރު ހިންގާއިރު ގާނދީ ދުނިޔެއަށް ވަޑައިނުގަތް ކަމުގައިވިޔަސް 1947 ހާތާނގައި އިންޑިޔާ މިނިވަންވާނެ ކަމުގައި އަޅުގަނޑަށް ދެންނެވިދާނެއެވެ.

ގާނދީގެ ގަދަބަދަވިކަމާއި ހަރުކަށިކަން ދޫކޮށްލުމުގެ ފަލްސަފާއާ މެދުވެސް މުޞަންނިފު ބަޙުޘް ކުރައްވައިފައިވެއެވެ. ގާނދީގެ މިފަލްސަފާގެ ސަބަބުން އިންޑިޔާ މިނިވަންކުރުމުގެ ތަޙްރީކަށް ހަރުދަނާކަމެއް ލިބުނުކަމާ މެދުވެސް އޭނާ ޝައްކު ކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި، ގާނދީގެ މިފަލްސަފާއަށް ޢަމަލުނުކުރިނަމަ، މާކުރިން އިންޑިޔާ، މިނިވަންވުމަކީވެސް ދުރުކަމެއް ނޫނެވެ. އަނެއްކޮޅުން މުޞަންނިފު ވިދާޅުވާ ގޮތުގައި މިފަލްސަފާއަކީ ގާނދީގެ އަމިއްލަފުޅު އުފެއްދެވުމެއްވެސް ނޫނެވެ. އެއީ ގާނދީގެ ކުރިންވެސް ބައެއް މުޞަންނިފުން ފާޅުކޮށްފައިވާ ޚިޔާލެކެވެ. ބައިބަލްގައިވެސް ވާ ޚިޔާލެކެވެ. އެފަލްސަފާގެ ކާމިޔާބީއާ ބެހޭގޮތުން ޚިޔާލުކުރާއިރު ޚުދު ގާނދީގެ ޤައުމު އޭނާ އަވަހާރަވުމަށްފަހު، ޕާކިސްތާނާ ތިން ފަހަރު، ޗައިނާއާ އެއްފަހަރު ވަނީ ހަނގުރާމަ ކޮށްފައެވެ. އެހެންކަމަށް ވުމާއެކު ތަޖުރިބާއިން އަޅުގަނޑުމެންނަށް ޔަޤީންވަނީ ފިލޯސަފަރެއްގެ ޙައިޘިއްޔަތުންވެސް ގާނދީއަށް އެއްވެސް ކާމިޔާބެއް ލިބިވަޑައި ނުގަންނަވާކަމެވެ.

ފޮތް މުޠާލިޢާކުރުމުން އެނގޭ ގޮތުގައި އިންސާނީ ތާރީޚުގެ އެންމެ މަތިވެރި، އެންމެ އަރާހުންނެވި އެންމެ އަސަރުހުރި ޝަޚްޞިއްޔަތެއް ކަމުގައި محمد (صلّى اللّه عليه وسلم) އިންތިޚާބު ކުރެއްވުމުން އެކަމާ ޢީސާއީން ތަންޤީދު ކުރާނެކަމުގެ ބިރު މުޞަންނިފުގެ ހިތްޕުޅުގައި ވަނީ އުފެދިފައެވެ. ޚުދު އޭނާއަކީވެސް ޢީސާއީ އެއްކަމުގައި ވުމާއެކު މަސްއަލައިގެ ޖަޛުބާތީ ނާޒުކުކަން އޭނާއަށް ރަނގަޅަށް އިޙްސާސް ކުރެއްވެއެވެ. އެހެންކަމަށް ވުމާއެކު އޭނާ އެކިއެކި ޝަޚްޞިއްޔަތުތައް ފޮތުގައި ހިމަނުއްވާނެ ތަރުތީބު ހޯއްދެވުމަށް މިންއެޅުއްވި މިންގަނޑުވެސް ފޮތުގެ މުޤައްދިމާގައި ވަނީ ބަޔާންކުރައްވައިފައެވެ. އޭނާ ސަމާލުކަންދެއްވި އެންމެ ފުރަތަމަ ނުކުތާއާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. [އަޅުގަނޑު ފްލޯކު ނުވަތަ ވަހްމީ ޝަޚްޞިއްޔަތްތަކުގެ ބަދަލުގައި ވާހަކަދެއްކުމުގެ މައުޟޫޢެއް ކަމުގައި ހަމަޖައްސައިފައިވަނީ ކަނޑައެޅިގެން އެމީހަކު ދުނިޔޭގައި އުޅުނުކަން ސާބިތުވާ މީހުންނެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ މީހެއްގެ ވުޖޫދު ތާރީޚީގޮތުން ސާބިތުވާމީހުންނެވެ. އޮޅުންނުފިލާ ޝަޚްޞިއްޔަތްތައްވެސް އަޅުގަނޑުވަނީ ދޫކޮށްލައިފައެވެ. އަޅުގަނޑުގެ ނާރެހެއް ކަމުގައި ބަލައިފައިވަނީ އިންސާނިއްޔަތަށް އަސަރު ފޯރުވުމުގެ އެކަށޭނަކަމާއި، އެމީހަކީ އެނގިގެންވާ ނުވަތަ އޮޅުންފިލާ މީހަކަށްވުމެވެ. ބައެއްމީހުންނަކީ ވަކި ޚާއްޞަ ދުވަސްވަރެއްގައި އިންސާނީ ތާރީޚަށް އަސަރު ފޯރުވި ބައެކެވެ. ނުވަތަ ތިމަތިމާމެންގެ ރަށަށް ނުވަތަ ޤައުމަށް އަސަރު ފޯރުވި ބައެކެވެ. އެފަދަ މީހުންނަކީ މާޟީއާއި ޙާލާއި މުސްތަޤްބަލަށް އަސަރު ފޯރުވި، އަދި އެބައެއްގެ އަސަރު އެބަޔަކު ދިރިއުޅުނުތަނެއް ފިޔަވައި ބައިނަލްއަޤްވާމީ ދާއިރާއަށްވެސް ފެތުރިފައިވާ ބަޔަކާ އަޅައި ބެލޭނެ ބައެއްނޫނެވެ. ހަމައެފަދައިން މުސްތަޤްބަލުގައި އަންނާނެ ނަސްލުތަކަށް އެކި މީސްމީހުންގެ ފަރާތުން ފޯރާނެ އަސަރަކާ ބެހޭގޮތުންވެސް އަޅުގަނޑުގެ ނަޒަރު ހިންގޭތޯ ބެލީމެވެ. އަޅުގަނޑުގެ އިންތިޚާބުގައި ސަމާލުކަން ދިނީ ހަމައެކަނި ފަރުދީގޮތުން އެމީހެއްގެ އަސަރަށެވެ. އެކިއެކި ތަޙްރީކުތަކާއި އަދި އެނޫންވެސް އެބާވަތުގެ އަސަރުތަކަށް ބާރުދޭ ކަންތައްތަކަކީ އެއްވެސް ބަރުދަނެއްހުރި އެއްޗެއް ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. މިއީ އަޅުގަނޑުގެ ފޮތުގައި މުސްލިމުންގެ ނަބިއްޔާއަށް އެންމެ އިސްކަންދިން ސަބަބެވެ. مسيح (عيسى عليه السّلام) އަށްވުރެވެސް ކުރިޔަށް ނެރުނު ސަބަބެވެ.] (عيسىގެފާނަށް އެފޮތުގައި ލިބިވަޑައި ގެންފައިވަނީ ތިންވަނައެވެ.)

ސަލާމްލެއްވި عيسىގެފާނާމެދު ލިޔުއްވައިފައިވާ ބާބުގައި، މުޞަންނިފު އަނެއްކާވެސް އޭނާގެ ބިރުފުޅު ފިލުއްވެވުމުގެ ގޮތުން مسيح ގެ އަސަރު محمد صلّى اللّه عليه وسلم އަށްވުރެ ކުޑަކަމުގައި ބެއްލެވި ސަބަބު ބަޔާންކުރައްވާފައި ވެއެވެ. އޭނާ ވިދާޅުވިއެވެ. [ޢީސާއިއްޔަތު ނުވަތަ ކްރިސްޓިޔަނިޓީ ދުނިޔެއަށް އައީ އިސްލާމްދީން ފަދައިން އެންމެ މީހެއްގެ މަސައްކަތުގެ ސަބަބަކުން ނޫނެވެ. ކްރިސްޓިޔަނިޓީގެ ބާނީން ކަމުގައި ދެބޭފުޅަކު ހިމެނެއެވެ. އެއް ބޭފުޅަކީ مسيح އެވެ. އަނެއް ބޭފުޅަކީ ސެއިންޓް ޕޯލެވެ. مسيح ގެނެސްދެއްވީ ރޫޙާނީ މެސެޖެވެ. އޭގެ ތެރެއަށް مسيح އަށް އަޅުކަން ކުރުމުގައި ބައި އިތުރުކުރެއްވީ ސެއިންޓް ޕޯލެވެ. ހަމައެފަދައިން އިންޖީލް (ނިއުޓެސްޓަމެންޓް) ގެ ފާހަގަކޮށްލެވޭ ފަދަބައެއްގެ މުޞަންނިފަކީވެސް އޭނާއެވެ. ސަލާމް ލެއްވި عيسىގެފާނު ޒުވާން ޢުމުރުފުޅުގައި ދުނިޔެއިން ވަކިވެ ވަޑައިގެންނެއިރު محمد (صلّى اللّه عليه وسلم) ފަދައިން އެކަލޭގެފާނަށް ތަބަޢަވާ ބޮޑުއުއްމަތެއް ދޫކުރައްވައިފައެއް ނުވެއެވެ. عيسىގެފާނުގެ ޙަވާރީންގެ ގޮތުގައި ތިބީ ޔަހޫދީންގެ މަދު މީސްކޮޅެކެވެ. ވަރުގަދަ ތަޙްރީކެއްގެ ސިފަ ކްރިސްޓިޔަން ދީނަށް ލިބުނީ ސެއިންޓްޕޯލްގެ ލިޔުއްވުންތަކާއި ތަބްލީޣީ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުންނެވެ. އޭނާގެ މަސައްކަތްޕުޅުން ޔަހޫދީން ފިޔަވައި އެހެނިހެން މީހުންވެސް އެދީނަށް ވަނެވެ. މިދެންނެވި ދަލީލުތަކުގެ ސަބަބުން މިހާރުގެ ކްރިސްޓިޔަނިޓީގެ ބާނީއަކީ عيسىގެފާނެއް ނޫންކަމަށާއި ސެއިންޓްޕޯލް ކަމަށްވެސް ބައެއްމީހުން ބަޔާންކުރެއެވެ. ހަމައެފަދައިން مسيح ގެ ޙަޔާތްޕުޅާ ބެހޭގޮތުންވެސް އަޅުގަނޑުމެންނަށް މިހާރު ލިބެންހުރީ ޔަޤީންކަމެއް ނެތް މަޢުލޫމާތު ތަކެކެވެ. އެކަލޭގެފާނުގެ އަޞްލު ނަންފުޅަކީ ކޮބައިކަމެއް ނޭނގެއެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އަހަރެއް އޮޅުމެއް ނުފިލައެވެ. ހަމައެފަދައިން [އަވަހާރަވި] އަހަރަކާ ބެހޭގޮތުންވެސް ޔަޤީންކަމެއް ނެތެވެ. مسيح އޭނާގެ ފަހަތްޕުޅަށް އެއްވެސް ލިޔުމެއް ދޫކުރައްވައިފައެއް ނުވެއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅަށް އަލި އެޅެނީ ހަމައެކަނި (އިންޖީލު) ނިއުޓެސްޓަމެންޓުންނެވެ. ނަސީބު ދެރަކަމުން އިންޖީލުގެ އެބާބުތައް އެއްބާބު އަނެއް ބާބާ ތަފާތެވެ.] މުޞަންނިފު ވިދާޅުވާ ގޮތުގައި محمد (صلّى اللّه عليه وسلم) އަކީ، ދީނީގޮތުންނާއި ސިޔާސީގޮތުން ވެރިކަމުގެ ކީރިތި މޫރިތިކަން ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. ނަމަވެސް مسيح ގެ އެއްވެސް ސިޔާސީ އަސަރެއްނެތެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނު ވަޑައިގަތް ޤަރްނުގެ ފަހު ޤަރްނުގައިވެސް އެކަލޭގެފާނުގެ ދީނަށް އެއްވެސް ސިޔާސީ އަސަރެއް ނުވަތަ ބާރެއް ނުފޫޛެއް ނުލިބެއެވެ.]

مسيحގެ އަޚްލާޤީ ތަޢުލީމަށްވެސް މުޞަންނިފު އިންޞާފު ކުރައްވައިފައިވެއެވެ. އިންޖީލުގައި ބަޔާންވެފައިވާ އެކަލޭގެފާނުގެ ވަޢުޡާއި ނަޞީޙަތަށް ވިސްނާއިރު އޭގައި ގޮވާލައިފައިވަނީ [ތިޔަބައިމީހުންގެ ދުޝްމަނުން ދެކެވެސް ލޯބިވާށެވެ. ތިޔަބައިމީހުންނަށް ލަޢުނަތަށް އެދޭމީހުންނަށްވެސް ރަޙްމަތަށް އެދޭށެވެ. ތިޔަބައިމީހުންނަށް ނަފްރަތުކުރާ މީހުންނަށް ހެޔޮކޮށް ހިތާށެވެ. ތިޔަބައިމީހުންނަށް އުނދަގޫކުރާ މީހުންނަށްވެސް ހެޔޮ ދުޢާކުރާށެވެ. ތިޔަބައިމީހުންގެ ކަނާތު ކަންފަތް މަތީގައި މީހަކު ޖަހައިފިނަމަ އެމީހަކަށް ވާތު ކަންފަތްވެސް ދައްކާށެވެ.] މިފަދަ ނަސޭޙަތްތަކެކެވެ.
[ޝައްކެއްވެސް ނެތް ގޮތުގައި މިއީ މަތީ ދަރަޖައިގެ އަޚްލާޤީ ތަޢުލީމެކެވެ. ނަމަވެސް އަޞްލަށް ބަލާއިރު ޙަޤީޤަތަކީ އެއީ އިޤްތިދާވެވެން އޮތްކަމެއްނޫނެވެ. އަދި ކީއްތޯއެވެ؟ ޢަމަލީގޮތުން އެއީ ޤަބޫލުކުރެވޭ ފަދަ ނަޞޭޙަތަކަށް ނުބެލެވެއެވެ. ޚުދު ކްރިސްޓިޔަނުންގެ ގިނަމީހުން ދުޝްމަނުން ދެކެ ލޯބިވުމުގެ ނަޡަރިއްޔާއާމެދު ބަލަނީ އެއީ ހަމައެކަނި ޚިޔާލީ ދުނިޔެއެއްގައި އެއަށް ޢަމަލުކުރެވިދާނެ ނަމަވެސް ޙަޤީޤީ ދުނިޔޭގައި، ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެއިން މަގު ހޯދައި ނުގަނެވޭނެ ޚިޔާލެއް ކަމުގައެވެ. އަޅުގަނޑުމެން އެނަސޭޙަތަކަށް ޢަމަލެއް ނުކުރަމުއެވެ. އަދި އެހެން ބަޔަކުވެސް އެގޮތަށް ޢަމަލުކޮށްފާނެ ކަމަކަށް އުއްމީދެއް ނުކުރަމުއެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރީންނަށްވެސް އެ ތަޢުލީމަށް ޢަމަލު ކުރާކަށް ބާރެއް ނާޅަމުއެވެ. އެހެން ކަމަށްވުމާއެކު مسيحގެ އެ ތަޢުލީމަކީ ހިތްހަމަޖެހޭ އުފާވެރި އެއްޗަކަށް ވީނަމަވެސް އަޞްލުގައި އެއަށް ލިބެނީ އަޖުމަ ނުބެލޭނެ މަޝްވަރާއެއްގެ ދަރަޖައެވެ.]

އިސްލާމްދީނުގެ ނަބިއްޔާ محمد صلّى اللّه عليه وسلم އާ ބެހޭގޮތުން މުޞަންނިފު ލިޔުއްވައިފައިވާ ބާބުގައި އިންސާނީ ތާރީޚުގެ އެންމެ އަރާހުންނެވި ޝަޚްޞިއްޔަތެއް ކަމުގައި އިތުރު ސާހިބާ ހޮއްވެވި ސަބަބުން އަނެއްކާވެސް ޝަރަޙަ ކޮށްދެއްވައިފައިވެއެވެ. އޭނާ ލިޔުއްވައެވެ.
[ތާރީޚު ދެކެފައިވާ އެންމެ މަތިވެރި ޝަޚްޞިއްޔަތެއްގެ ގޮތުން محمد (صلّى اللّه عليه وسلم) އިންތިޚާބު ކުރުމަކީ ބައެއް ކިޔުންތެރީން އަޖާއިބުވާނެ ކަމެއްކަން ނޭނގެއެވެ. ބައެއްމީހުން އެކަމާ ދެކޮޅު ހަދާނެކަންވެސް ނޭނގެއެވެ. ނަމަވެސް ޙަޤީޤަތަކީ މުޅި އިންސާނީ ތާރީޚުގައިވެސް އެކަލޭގެފާނަކީ ދީނީގޮތުންނާއި ދުނިޔަވީގޮތުން މިސާލެއްނެތްފަދަ ކާމިޔާބީއެއް ހޯއްދެވި ހަމައެކަނި ޝަޚްޞިއްޔަތެވެ.]
----------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ