Print

ޅަ ޒުވާން ދަރިފުޅުގެ އަޚްލާޤް ގޯސްވަނީ ކީއްވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޢަބްދުﷲ ޢިމްރާން، އދ. ހަންޏާމީދޫ



1. ފެށުން:

ފުރާވަރަކީ ކުޑަކުއްޖެއްގެ އުމުރުފުރާއިން ނެއްޓި ބޮޑު މީހެއްގެ އުމުރުފުރާއަށް ބަދަލުވަމުންދާ ދުވަސްވަރެވެ. އާދެ! 10 އަހަރާއި 19އަހަރާއި ދެމެދުގެ ދުވަސްވަރެވެ. މި އުމުރުފުރާ އަކީ ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. މި އުމުރުފުރާ ކަޑައްތު ކުރާއިރު ކޮންމެ ކުއްޖެއްގެ ވެސް ޖިސްމާއި ނަފްސަށް އަންނަ ބަދަލުތަކާ ގުޅިގެން ކުއްޖާގެ ވިސްނުމާއި އިހްސާސްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ. މި އަންނަ ބަދަލުތަކާ ގުޅިގެން ގިނަ ކުދީންގެ އުޅުމަށް ބަދަލުތަކެއް އާދެއެވެ. މި ބަދަލުތައް އައުމަށް ތަފާތު ސަބަބުތައް ވެސް މެދުވެރިވެއެވެ. އެ ގޮތުން ބައެއް ފަހަރަށް މި ބަދަލުތައް އަންނަނީ ދަރިފުޅަށް މައިންބަފައިން އިހުމާލުވުމުގެ ސަބަބުންނެވެ. އަނެއްބައި ފަހަރަށް މަދަރުސާތަކުގެ މާހައުލުގެ ސަބަބުން ނުވަތަ ކުއްޖާ ދިރިއުޅޭ މާހައުލުގެ ސަބަބުންނެވެ. އަދި މުޖްތަމައުންނާއި ކުއްޖާގެ އެކުވެރި ރަހްމަތްތެރިންގެ ސަބަބުން ވެސް މި ފަދަ ބަދަލުތައް ފުރާއުމުރުގެ ކުރިންނަށް ކުރާކަމަށް ސައިކޮލޮޖިސްޓުންނާއި ދިރާސާކުރާ ފަރާތްތަކާއި ލިޔުންތެރިން ވިދާޅުވެއެވެ. އެހެންކަމުން މި އުމުރުފުރާގައި ކުދީންނަށް ދިމާވާ މައްސަލަތަކާމެދު ހޭލުންތެރިވެ ތިބުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ. މި ސަބަބަށްޓަކައި މި މަޒުމޫނުގައި ބަލައިލައިފައި ވާނީ ފުރާވަރުގެ އުމުރުފުރާ ކުދީންގެ ފަރާތުން ފެންނަމުންދާ އަޚްލާޤީ މައްސަލަތައް ފެށުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ މައްޗަށެވެ.

2. މައިން ބަފައިނަށް ކުރެވޭ ކަންކަމުން ދަރިފުޅުގެ އަޚްލާޤު ގޯސްވާން ދިމާވާ ބައެއް ސަބަބުތައް:

ކޮންމެ ދެމަފިރިއަކުވެސް ދަރިން ހޯދަނީ އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ދުނިޔެ އާރާސްތުކުރުމަށްކަން ކަށަވަރެވެ. ނަމަވެސް މައިންބަފައިންނަށް ނޭނގިގެންނާއި އެނގިގެން ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ތިމާގެ ދަރިފުޅު މަގުން ކައްސާލައިގެން ދާކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. އެގޮތުން ބައެއް ފަހަރަށް ކަންކަމުގައި މައިންބަފައިން ޢަމަލުކުރާ ގޮތެއްގެ ސަބަބުން ނުވަތަ ދެއްކޭ ނަމޫނާއެއްގެ ސަބަބުން ދަރިފުޅު އެކަންކަން ކޮޕީކޮށް އެގޮތްގޮތަށް ޢަމަލު ކުރަން ފަށާކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލު ކުރަމުއެވެ. ހަމަގައިމުވެސް މިފަދަ މައިންބަފައިން އެފަދަ ކަންކަން ކުރަނީކީ ދަރިފުޅަށް ގޯސްއާދައެއް ދަސްކޮށްދޭކަށް ނޫނެވެ. އެހެނެއްކަމަކު ނޭނގިގެން ނޫނީ ބޭއިޚްތިޔާރުގައި ނުވަތަ ދިމާވާ ކަމެއްގެ ސަބަބުން ނަފްސު ކޮންޓްރޯލް ނުކުރެވިގެންނެވެ. ނަމަވެސް އެކަންކަން ދެކެން ހުންނަ ދަރިފުޅަށް އެވީ ކީއްކަން ނޭނގޭ ހާލުގައި މަންމަ ނުވަތަ ބައްޕަ އެކުރިކަމެއް ކޮޕީކޮށް އެފަދަ ހާލަތްތަކުގައި އެކަންކަން ކުރާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން ބޮޑުވަމުން އަންނަ ދަރިފުޅު އެކަންކަން ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަށް ފަށައެވެ. ވީމާ ދަރިފުޅުގެ ކިބައިގައި ހަރުލާ ބައެއް ކަހަލަ ގޯސް އާދަތަކަކީ މައިންބަފައިންނަށް ނޭނގިކުރެވޭ ކަމެއްގެ ސަބަބުން ދަރިފުޅު ދަސްކުރާ ކަންކަން ކަން ޔަޤީނެވެ.

މައިންބަފައިން ދީނީހުދޫދުން ބޭރުވެ، ދުނިޔަވީ ކަންކަމާއިގެން މަސްޣޫލުވެ، އުޅެންޖެހުމަކީ ފުރާވަރުގެ ކުދީންގެ އަޚްލާޤަށް ނޭދެވޭ އަސަރުތަކެއް ކުރުވާކަމެކެވެ. ކީރިތި ރަސޫލާގެ ހަދީޘް ފުޅެއްގެ މާނައިގައި ވާކަމަށް އަޙުމަދު ސަލީމް ޙުސައިން (2010) ވިދާޅުވަނީ "ތިޔަބައި މީހުން ކައިވެނިކުރުމަށް ރަނގަޅު މީހުން ޚިޔާރުކުރާށެވެ. ފަހެ، ހަމަކަށަވަރުން ދަރިފަސްކޮޅު ކަންކަން ވާރުތަކުރެއެވެ" (ޞ. 4). އެހެންކަމުން ރަގަޅު އަޚުލާޤެއް ދަރިފުޅުގެ ކިބައިގައި އަށަނުގަން އަނެއް ސަބަބަކީ، ކައިވެނީގެ ގުޅުމުން ގުޅޭއިރު ދުނިޔަވީ ކަންކަމަށް އިސްކަންދީގެން ގުޅުންތައް ޤާއިމު ކުރެވޭތީ ކަމަށް ދަންނަވަން ޖެހެއެވެ. އެހެނީ ރަގަޅުގަހަކުން ރަގަޅު މޭވާލިބޭ ފަދައިން އިސްލާމީ ފޭރާމުން ފޭރާން ލެވިފައިވާ ބަޔަކަށް ލިބޭނީ ރަގަޅު ޞާލިޙު ދަރީންކަމަށް ދީނީ ދަންނަބޭކަލުން ވިދާޅުވެއެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންގެ އުޅުމާއި ސުލޫކް ގޯސްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އާއިލީ ގުޅުންތައް ހަރުދަނާ ނުކުރެވުން ކަމަށް އަޙުމަދު ސަލީމު ޙުސެއިން (2010) ވިދާޅުވެއެވެ. ވީމާ ކައިވެނީގެގޮތުން ގުޅެވޭ ބައިވެރިއެއްގެ ސަބަބުންވެސް ދަރިފުޅުގެ އަޚުލާޤަށް ބޮޑެތި އަސަރުތަކެއް ކުރުވައެވެ.

ރަނގަޅު އަޚުލާގެއްގެވެރި މައިންބަފައިންގެ ދަރީންގެ އަޚުލާޤީ މައްސަލަތައްމަދެވެ. އެހެނީ ފިރިމީހާއާއި އަނބިމީހާއާ ދެމެދު އޮންނަންޖެހޭ ލޯތްބާއި އިޚްތިރާމާއި އަޅާލުމާއި އެހީތެރިކަން ނެތުމާއި، އެކަކު އަނެކަކަށް ވަޤުތު ނުދެވުމަކީވެސް އެކަމުގެ އަސަރު ބޮޑުވަމުން އަންނަ ދަރީންނަށް ކުރާކަމެކެވެ. ނަފްސާނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ދީނީ ވާހަކަތަކާއި ދީނީ ނަސޭހަތް ދީގެން ކުދިންގެ އަޚްލާޤީ މައްސަލަތައް ހައްލުކުރުން، އެނޫން ގޮތްތައް ބޭނުން ކޮށްގެން ކުދީންގެ އަޚްލާޤީ މައްސަލަތައް ޙައްލު ކުރުމަށް ވުރެން މާފަސޭހަވެފައި، ނަތީޖާ ނެރެވޭ މިންވަރު ބޮޑެވެ. (ވިލިއަމް ޑެމޯން، 2008). ވީމާ ދިރާސާތަކުން ހާމަވާގޮތުގައި ދީނީ އަޤީދާ ރަގަޅު މައިންފަބައިންނަށް ލިބޭ ދަރީންގެ އަޚްލާޤީ މައްސަލަތައް މަދުވާނެއެވެ. އެހެންވީމާ ބޮޑުވަމުން އަންނަ ދަރިފުޅުގެ ހިތުގައި ދީނަށް ލޯބިނުޖެއްސުވެއްޖެނަމަ އަދި ދީނީ ކަންކަމަށް ޝައުޤުވެރި ނުކުރެވިއްޖެނަމަ އެދަރިފުޅުގެ ފުރާވަރުގެ ޢުމުރުގައި އޭނާގެ ފަރާތުން އަޚްލާޤީ މައްސަލަތައް ފެނުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
    
ގިނަފަހަރަށް ފުރާވަރު ޢުމުރުގެ ދަރިފުޅުގެ އަޚްލާޤް ގޯސްވަނީ ރަގަޅު ތަރުބިއްޔަތެއް ދެވިފައި ނުވުމުންނެވެ. އެގޮތުން ކުރިންވެސް ދެންނެވިފައިވާނެ ފަދައިން މައިންބަފައިންގެ ޢަމަލުތައް ބެހެއްޓޭގޮތާއި ދަރިފުޅަށް މައިންބަފައިންގެ ފަރާތުން ފެންނަ ނަމޫނާ ދަރިފުޅުގެ އަޚްލާޤް ގޯސްވުމުގައި މުހިންމު ރޯލެއް އަދާކުރެއެވެ. އަދިހަމަ ދަރިފުޅަށް ރަގަޅު އާދަތަކާއި ކަންކަމުގައި ގެންގުޅެއްވީ ރަގަޅު ގޮތްތަކާއި ނަސޭހަތް ނުދެވުމަކީވެސް މިބަޔަށް އިތުރުކޮށްލަންޖެހޭ ބޮޅެކެވެ. މީގެ އިތުރުން ފާތުމަތު ޝެހެޒިނީ (2009) ބަޔާންކުރައްވާގޮތުގައި ނަފްސު ކޮންޓްރޯލްކުރާށާއި، ނަފްސުގެ މައްޗަށް އިތުބާރު ކުރަން ނުވަތަ ނަފްސުގެ ޔަޤީންކަން އިތުރު ކުރަން ދަރިފުޅަށް ދަސްކޮށްނުދެވުމީވެސް ދަރިންގެ ފަރާތުން އަޚްލާޤީ މައްސަލަތައް ފެނުމަށް މެދުވެރިވާ ސަބަބެކެވެ. މިކަހަލަ ރަގަޅު އާދަތަކާއި ރަގަޅު ތަރުބިއްޔަތުތަކަކީ ދަރިފުޅުގެ އެންމެ ތުއްތު ޢުމުރުން ފެށިގެން ދަރިފުޅަށް މައިންބަފައިން ދަސްކޮށްދޭންޖެހޭ އާދަތަކެކެވެ. ނަމަވެސް މިކަން ނުކުރެވުމުން ފުރާއުމުރުގައި ކުއްޖާ ގޯޅިއަޅައިގެންދަނީ ކަމަށް ފާތުމަތު ޝެހެޒިނީ (2009) ވިދާޅުވެއެވެ. ވީމާ ދަރިފުޅުގެ އެންމެ ތުއްތު ޢުމުރުން ފެށިގެން ރަގަޅު ތަރުބިއްޔަތާއި އާދަތައް ދަސްކޮށް ނުދެވަކީ ފުރާޢުމުރުގައި ދަރިފުޅުގެ އަޚްލާޤް ގޯސްވާން ދިމާވާ ސަބަބެކެވެ.
    
ކުދީންގެ އަޚްލާޤަށް އެންމެ ބޮޑަށް އަސަރެއް ފޯރުވާ އެއްކަމަކީ މައިންބަފައިންގެ ދިރިއުޅުމަށް އަންނަ ބަދަލެވެ. އާދެ! ދެމަފިރިން ވަކިވުމެވެ. ނުވަތަ ވަރިވުމެވެ. އެހެނީ އެމެރިކާގައި ދިރިއުޅޭ ފުރާވަރު ޢުމުރުގެ ކުދީންގެ ފަރާތުން ފެންނަމުންދާ އަޚްލާޤީ މައްސަލަތައް ފެށެން މެދުވެރިވި ސަބަބުތައް ހޯއްދެވުމަށް ދިރާސާތަކެއް ކުރެއްވި ލުގޭލާ (1998) ވިދާޅުވެފައިވަނީ އެމެރިކާގައި އެކަން ޢާންމުވާން ދިމާވި އެއް ސަބަބަކީ ވަރި ގިނަވުން ކަމަށެވެ. އަދިހަމަ މިފަދަ އެހެން ދިރާސާތަކެއް ހެއްދެވި ބްރޭ އާއި ހެތަރިންޓަން (1993) ހާމަކުރައްވާގޮތުގައި ތަފާސް ހިސާބުތަކުން ދައްކާގޮތުން އެމެރިކާގެ %75 ކަޅުކުދިން އަދި %40 ދޮންކުދިންގެ މައިންބަފައިން އެކުދިންގެ އުމުރުން 16 އަހަރުވުމުގެ ކުރިން ވަރިވެފައިއެވެ. އަދި ޢައިލާ ރޫޅުނު މިކުދީންނަށް މައިންބަފައިންގެ ފަރާތުން އެންމެ ފުރިހަމަ ގޮތުގައި އަޅާލުމާއި އެހީތެރިކަން ދެވިފައެއްވެސް ނުވެއެވެ. މާނައަކީ މިކުދިންގެ ފަރާތުން އަޚްލާޤީ މައްސަލަތަކެއް ފެންނާނެއެވެ. އެހެނީ ހަމަ މިބާވަތުގެ އެހެން ދިރާސާއެއް ހެއްދެވި ފާސްޓަން ބާގް އެންޑް ޗާލިން (1991) ބަޔާންކުރައްވާފައިވަނީ އެމެރިކާގެ ގިނަ އަދަދެއްގެ ކުދިން އެކިފަހަރުގެ މަތިން އާއިލާ ރޫޅުމުގެހިތި ތަޖުރިބާ ކުރާ ކަމަށެވެ. އަދި މިފަދަ ތަޖުރިބާތައް ކުރާ ކުދީން ކުށްކުށަށް އަރައިގަންނަކަން ފާހަގަކުރެވޭކަމަށެވެ. އެހެނީ މިފަދަ ކުދީންގެ ފަރާތުން އަޚްލާޤީ މައްސަލަތައް ކުރިމަތިވެފައިވާކަން ދިރާސާތަކުން ހާމަވެއެވެ.
    
ފުރާވަރު އުމުރުފުރައިގެ ކުދީންގެ ދިރާސާއެއް ކުރެއްވެވި ކަޕާޑީ އެންޑް ޕެޓަސަން (1991) ވިދާޅުވާގޮތުގައި އެކިފަހަރުމަތިން އާއިލާ ރޫޅުމުގެ ހިތިތަޖުރިބާކޮށްފައިވާ ފުރާއުމުރުގެ ކުދީން އަޚުލާޤީ މައްސަލަތަކާއި، ވައްކަން ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ކަހަލަ ކަންކަމަށް ހުށަހެޅިގަތުން ގިނައެވެ. އަދި އާއިލީ ގުޅުންތައް ރަގަޅު އާއިލާތަކުގެ ކުދިންގެ އަޚްލާޤީ މައްސަލަތައް ވަރަށް މަދުކަމަށް މިފަދަ ދިރާސާތައް ކުރައްވާ ޕެމަލަރ (1998) ވެސް އެއްބަސްވެލައްވައެވެ. ވީމާ ދިރާސާތަކުން ޘާބިތުވާ ހަޤީޤަތަކީ އާއިލާތައް ރޫޅުމަކީ ފުރާއުމުރުގެ ކުދިންގެ އުޅުމަށް ވަރަށް ނުރަގަޅު އަސަރުތަކެއް ކުރުވާ ސަބަބެކެވެ.  
    
މައިންބަފައިން އެބައިމީހުންގެ ޒުވާންދުވަސްވަރު ހޭދަކޮށްފައިވާ ގޮތެއްގެ ސަބަބުން، ލިބޭދަރިފުޅުގެ އަޚްލާޤަށް އަސަރު ކުރެއެވެ. އެހެނީ ހޭ. ޑީ. އެފް، ޕޯލް. ބީ. އެސް، ވޯޓާސް. ސީ. އެސް، ޕެރާ އޯ، ޝާޕް ޑީ (2010) ވިދާޅުވާގޮތުގައި އެބޭފުޅުން ގުޅިގެން ކުރެއްވި ދިރާސާއަކުން އެނގުނުގޮތުގައި މާބަނޑު ދުވަސްވަރު މައިމީހާ ވިސްނާ ފިކުރުކުރާ ނަމަ (ޑިޕްރެޝަން ހުންނަ ނަމަ) ލިބޭ ދަރިން އަޚްލާޤީ ގޮތުން ގޯސްވުމަށް މަގުފަހި ކުރުވައެވެ. މިއީ ހަމަގައިމުވެސް މައިންނަށް ނޭނގިގެން ކުރެވޭ ކަމެއްގެ ސަބަބުން ދަރިފުޅަށް ކުރިމަތިވާ މައްސަލައެކެވެ. ހޭ އ.އ.ފ. (2010) ވިދާޅުވާގޮތުގައި މާބަނޑުދުވަސްވަރު ފިކުރުކުރެވޭ އަންހެނުންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ފުރާވަރުގެ ޢުމުރުގައި އަޚްލާޤީ ކޮންމެވެސް މައްސަލައަކާ ކުރިމަތިލާފައިވާ މީހުންނެވެ. އެހެންވެ މާބަނޑުދުވަސްވަރު އެމީހުންނަށް ވިސްނާ ފިކުރުކުރެވެނީއެވެ. ވީމާ މާބަނޑު ދުވަސްވަރު މައިމީހާއަށް ކުރެވޭ ކަމެއްގެ ސަބަބުންވެސް ދަރިފުޅުގެ އަޚްލާޤަށް އަސަރުކުރެއެވެ.
    
ކުޑަދަރިފުޅުގެ ކެއިންބުއިން ބައްޓަންކުރެވޭ ގޮތަކުން ދަރިފުޅުގެ ފުރާވަރުގެ އުމުރުގައި އަޚްލާޤީ މައްސަލަތައް ދިމާވުމަށް މަގުފަހި ކުރުވައެވެ. ދިރާސާތަކުން ދައްކާގޮތުން ޑައިޓުކުރުވުމުގެ ބޭނުމުގައި ދަރިފުޅުގެ ކެއުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން ނުވަތަ ރަގަޅު ކާނާ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވުމުގެ ސަބަބުން ދަރިފުޅުގެ ފުރާވަރުގެ އުމުރުގައި އޭނާގެ ފަރާތުން އަޚުލާޤީ މައްސަލަތައް ފެށިގެންދެއެވެ. އުނިވާރސިޓީ އޮފް ސައުތާން ކެލިފޯނިއާ އިން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ކުއްޖާގެ އުމުރުން 3 އަހަރުގައި ޒިންކް، އަޔަން އަދި ޕްރޮޓީން މަދުވެއްޖެނަމަ އެ ކުއްޖާގެ ފުރާވަރު އުމުރުގައި ދަރިފުޅު ކުށްކުރެއެވެ. ކެއިންބުއިމުގައި މި މައްސަލަތައް ދިމާވެފައިވާ ކުދީން އުމުރުން އެންމެ 11 އަހަރުގައި އާދައިގެ ކުދިކުދި ކުށްތައް (ކުދީންނާއި ތޮޅުމާއި އެހެނިހެން ކުށްތައް..) ކުރަންފަށައެވެ. އަދި އުމުރުން 17 އަހަރުގައި ބުލީކުރުމާއި ޑްރަގްނެގުންފަދަ ކަންކަން މި ކުދީން ކުރާން ފަށާކަމަށް ވެސް މިދިރާސާއިން ސާބިތުވެއެވެ. ވީމާ ތުއްތުދަރިފުޅުގެ ކެއިންބުއިން ބައްޓަން ކުރެވޭ ގޮތެއްގެ ސަބަބުން ވެސް ދަރިފުޅުގެ ފަރާތުން އަޚްލާޤީ މައްސަލަތައް ފެންމަތިވެއެވެ.

ވީމާ އެނގިގެންނާއި ނޭނގިގެން މައިންބަފައިންނަށް ކުރެވޭ ކަންކަމުން ދަރިފުޅުގެ އަޚްލާޤަށް ބަދަލުތަކެއް އަންނަކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ނަމަވެސް ދަރިފުޅުގެ އަޚްލާޤް ގޯސްވަނީ ހަމައެކަނި މައިންބަފައިނަށްކުރެވޭ ކަންކަމުން އެކަންޏެއް ނޫނެވެ. އެކަމުގައި މައިންބަފައިންގެ އިތުރުން މުޖުތަމަޢުއާއި މުދައްރިސުންގެވެސް ދަޢުރެއް އެބަ އޮތެވެ. އަދި މިނޫން އެހެން މީހުންނާއި ކަންކަން ވެސް ހިއްސާވާ ފަހަރު އާދެއެވެ. ދެން އަންނަ ބައެއްގައި އެ ބައިތަކަށް އަލިއަޅުވާލަން ގަސްތުކުރަމުން މި ބައި ނިންމައިލަމެވެ.
-------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ