އަދުގެ ޚާއްސަ

Print

ވާ ލޯބި އެނގޭނަމަ ކަލާ . . .

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މަރިޔަމް ސަނާ



ފެށުނީއްސުރެ އަހަރެން އިންތިޒާރު ކުރަމުން އައީ އަހަންނާ އެކު އުމުރު ހޭދަކުރާނެ ބައިވެރިއަކަށެވެ. ދުވަހެއްގެ ކޮޅުން ވެސް އަހަރެންގެ ލޮލުން ކަރުނަ ތިތްކެއް ވެއްޓިއްޖެނަމަ އެ ކަރުނަ ތިކީގެ އަގުވަޒަންކޮށް އަހަރެންގެ ހިނިތުންވުމަށް އިސްކަން ދޭނެ ބައިވެރިއަކަށެވެ. އަހަންނަކީ ވެސް ފުރިހަމަ އިންސާނެއް ނޫނެވެ. އެހެނަސް އަހަންނަށް ލިބޭ އަންހެން ކުއްޖަކަށް އަހަރެން ވާނީ ދެވަނައެއްނެތް ފަދަ ފިރިހެނަކަށެވެ. ލޯބީގެ ނަޒަރުން އޭނާ އަހަރެން ނޫން އެހެން އެއްވެސް މީހަކަށްބަލައި ވެސް ނުލާނެއެވެ.

އެ ކުއްޖެއްގެ ފިރުމުންތަކުން އަހަންނަށް އުފާވެރިކަންގެނެސްދޭން ޖެހޭނެއެވެ. އަހަންނަށްޓަކައި އެންމެންނާއި ހަނގުރާމަކުރަންވެސް އޭނާފަސްޖެހިގެން ނުވާނެއެވެ. އޭނާ ވާންވާނީ ރީތީގެ ލާމަސީލު ނަމޫނާއަކަށެވެ. އަހަރެންގެ ބޭނުންތައް އޭނަޔަށް ފުއްދައިދެވެން ވާނެ އެވެ. އެއީ އަހަރެންގެ ހުވަފެންތަކުގެ އަމީރާ އެވެ. އެފަދަ ދެވަނައެއް މި އުޑުދަށުގައި ހުރެގެން ނުވާނެ އެވެ.

ޤުދުރަތުން އަހަންނަށް ލިބިފައިވާ ރީތި ސިފައިގެސަބަބުން އަހަރެންގެ ހިތްދެނީ އެންމެ ކުއްޖެއް ނުވަތަ ދެކުއްޖަކަށް ނޫނެވެ. އެތައް ކުދިންނެއްގެ ހިތާ އަހަރެން ކުޅެމެވެ. އަހަރެން ފަހުރުވެރިވަމެވެ. އެހާ ކާމިޔާބުވީމައެވެ. އިނގިއްޔަކަށް އަންހެން ކުއްޖެއްގެ އުސޫލުން އަހަރެން ކުދިން ގެންގުޅެމުންގެންދިޔައީމެވެ. ހަމައެކަނި ހުސް ވަގުތުތައް ފުރައިލުމަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެތަނުން އެއްވެސް ކުއްޖެއްގެ ކިބައިގައި އަހަރެން ބޭނުންވާ ސިފަތަކެއް ނެތެވެ. އެއީ އަހަރެންގެ ހުވަފެންތަކުގެ އަމީރާއެއް ނޫނެވެ.

އަންހެން ކުދިންގެ ހިތް އަތުލުމުގައި އަހަރެންގެހުނަރުގެ ބޭނުން ވަރަށް ގިނައިން ކުރަމެވެ. އަހަރެން އެއްލާ ދަލުގައި ނުޖެހޭ ކުއްޖެއް ނެތެވެ. ދެތިން ދުވަސް ވަންދެން އެވަރުގެ ކުއްޖެއް އަހަރެންގެ ހަޔާތުގައިނޫޅޭކަމަށް އަހަރެން ދައްކަމެވެ. އެއަށްފަހު އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކަށްވެއެވެ. ބައެއް ކުދިން ހަފުތާއެއް ވަންދެން އަހަންނަށް ގުޅާނެއެވެ. ކުރެވުނީ ކޮން ކުށެއްތޯ ބަލާށެވެ. އަހަރެން ދެނީ އެންމެ ޖަވާބެކެވެ.

"މިއުޅެނީވަރަށް ބިޒީކޮށެވެ. ފަހުން ގުޅާނަމެވެ." އެބުނާ ފަހެއް ދުވަހަކުވެސް ނާދެއެވެ. ދުވަސްކޮޅަކުން އެ ކުދިން އަހަރެން މަތިން ހަނދާން ނެތިދެއެވެ. އަހަންނާއި ދިމާއަށް އެއްޗެހިކިޔައި ހަދައެވެ.

ކޮންމެގޮތެއް ވިޔަސްވަރިހަމަ އެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަހަރެންގެ ހުވަފެންތަކުގެ އަމީރާއަށެވެ. އަހަރެންގެ ހަޔާތަށް އޭނާ އަންނާނެ ވަގުތަކަށް އަހަރެން އިންތިޒާރުކުރަމުންދިޔައީމެވެ. އޭނާ ލިބުމުން އެހެން އަންހެން ކުދިންނަށް އަހަރެން ހަދަމުންދާ ގޮތް އޭނާއަކަށް ނުހަދާނަމެވެ. އެއީ އަހަރެންގެ ވަޢުދެކެވެ.

ނާއި އަކީވެސް އެހެން އަންހެން ކުދިންނާ މާތަފާތު ކުއްޖެއް ނޫނެވެ. އަހަރެންގެ ހިތްއެދޭ ފަދަ އެއްވެސް ސިފައެއް ނުވެއެވެ. އަހަންނާއި ފުރަތަމަ ވާހަކަ ދެއްކީ އޭނާ އެވެ. އެއް އޮފީހެއްގައި އުޅެންޖެހުމާއެކު ފޭސްބުކް ގައި އެޑް ކުރެވިފައި ވާތީ ވެސްމެ އެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ތަފާތު ރާގެއްގައި ވާހަކަ ދެއްކީމެވެ. ނާއި އަހަރެންގެ ވާހަކަތަކަށް ގަޔާވިއެވެ.

އަންހެން ކުއްޖެއްގެ ހިތަކީ އަހަންނަށް މާބޮޑު އެއްޗެއް ނޫނެވެ. އަހަންނަށް ނާއި ނޭނގުނަސް ނާއި އައީ އަހަންނާބެހޭ މައުލޫމާތު އެއްކުރަމުންނެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު އޭނާއަހަންނަށް ކުރާއިތުބާރު ދިޔައީ އިތުރުވަމުންނެވެ. ނާއިގެ ހިތުގައި އަހަންނަށް ހާއްސަ މަގާމެއް ދެވެމުން ދިޔައެވެ. އަހަންނަށް އެކަން އެނގެއެވެ. ނަމަވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ނުދެމެވެ.

އަހަންނަކީ ހަގީގަތުގައިވެސް ބިޒީ މީހެކެވެ. އެހެނަސް އަހަރެން ނާއިއާއި ޗެޓް ކުރުމުގައި ވަގުތުތަށް ހޭދަކުރަމުން ދިޔައީމެވެ. ނަންބަރުވެސް ދިނީމެވެ. ވާހަކަ ދެއްކެން ފެށުނީއެވެ. ނިދަން އޮށޯވެ ގުޅާ ގޮތަށް ފަތިސް ވެގެން ދަނީ އެފޯނުގައި ވާހަކަ ދައްކަން އޮއްވައެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރިޔަސްއޮފީސް މާހައުލުގައި އެނގޭކަމަށް ވެސް އަހަރެމެން ނުހަދަމެވެ. ހަމައެކަނި އޭނާ އެއްނޫނެވެ. އަހަރެން އެއްވެސް މީހަކާ އެގޮތަށް ވާހަކައެއް ނުދައްކަމެވެ. އޭނާ ވެސް އެގޮތަށްގަބޫލެވެ.

ދުވަސްތަށް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. އަހަންނަކީ ކުރިން މީހެއްގެ ފިރިއެއްކަން އޭނާ އަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ކައިވެނި ރޫޅުނީކީއްވެގެންތޯއެއް ނާހައެވެ. ނާއި އަހަންނަށް އިތުބާރުކުރަމުން ދިޔައީ ދެ ލޯމަރައިގެންހުރެއެވެ. އޭނާ އަހަންނާ އެއްވެސް ސުވާލެއް ނުކުރަނީ އަހަންނަށް އިތުބާރުކުރާތީ އެވެ. ހަޔާތުގެ ގިނަ ކަންތައް އަހަންނަށް އެކަނި އޭނާ ކިޔާދެމުން ދިޔައެވެ. ހޭދަކުރަމުންދާ އެކަނިވެރި ހަޔާތުގެ ވާހަކަ ތަކެވެ. އަމިއްލަ ނަފްސަށް ކުރެވޭ ސުވާލުތަށް ކިޔައިދީ ހަދައެވެ. ނާއި އަހަރެންދެކެ ކިތަންމެ ލޯތްބެއް ވިޔަސް އަހަންނަށް އޭނައާ ދޭތެރެއަކު ނުވިސްނެއެވެ.

އެއީ އަހަރެންގެ ހަޔާތުގައި އައި އުފާވެރި ރޭތަކުން ރެއެކެވެ.  ނާއި އަހަރެންގެ ގެއަށް އައީ އަހަންނަށް ހަދިޔާއެއް ހިފައިގެންނެވެ. ހިތުގައި އަނދަމުންދާ އަލިފާނުގެ ހުޅުކޮޅުމަޑުކޮށްލާ، އޭނާ އަހަންނަށް ދިއްކުރީ އެކުވެރިކަމުގެ އަތެކެވެ. އެހެނަސް އެރޭ އަހަންނަށް ވީގޮތެއް ނޭނގެއެވެ. ރޯކޮށްފައި ހުރި އުއްބަތި އަހަންނަށް ނިއްވާލެވުނެވެ. ނާއިގެ ހަށިގަނޑުގެ ހޫނުކަން އަހަންނަށް އިހްސާސް ކުރެވެމުން ދިޔައިރު އެއްވެސްބަހެއް ނުބުނެ އޭނާ އަހަންނާއެކު މުޅި ރޭ ހޭދަކުރީ އަހަރެން ދެކެ ލޯބިވާތީއެވެ. އަހަރެން ނިދުމުން ތެދުވެ އަހަރެން ގެ މޫނަށް ބަލަން އިނީ އެތަށް އިރެއްވަންދެނެވެ.

ހެނދުނު އަހަންނަށް ހޭލެވުނުއިރު ވެސް ނާއި އިނީ އަހަންނަށް ބަލާށެވެ. ނާއި އަށް ސަމާލުކަންނުދީ ތެދުވެގެން ގޮސް އަހަރެން އިށީނީ އަހަރެންގެ ލެޕްޓޮޕް ކައިރީގައެވެ. ނާއި ފެންވަރައިގެން ނުކުމެގެއަށް ދިޔުމަށް ތައްޔާރުވިއެވެ. އަހަރެން އަނގައިވެސް ނުބުނަމެވެ. ދިޔުމުގެ ކުރިންއަހަރެން ނާއި ގައިގާ ބައްދާލީމެވެ. އޭނާހިތުން އަހަރެން އޭނާ ދޫކޮށެަް ނުލާނެއެވެ. އެ ފެށުނީ މުޅިން އާ ވާހަކައެވެ. އެހެނަސް އެއީ ވަދާއީ ސަލާމްކަން އޭނާ އަށްއެނގުނު ނަމައެވެ.

އަހަންނަކީ ވަރަށް ރަހުމެއްނެތް މީހެކެވެ. ނާއިގެ ބޭނުންނިމުނީ އެވެ. އެނާ ގުޅާއެއްވެސް ފަހަރަކު އަހަރެން ފޯނެއް ނުނަގަމެވެ. ފޭސްބުކްއިންވެސް އަނގައިންނެއް ނުބުނަމެވެ. ނުވިތާކަށް އަހަރެން އޭނާ އަންފްރެންޑް ވެސް ކޮއްލީމެވެ. ވީކީއްތޯ ބުނެ އޭނާ އަހަންނަށް މެސެޖް ކުރެއެވެ. އަހަރެން އަޅައެއް ނުލަމެވެ. އެއީއަހަރެންގެ އަމީރާއެއް ނޫނެވެ. ނާއި އަޅާ ކަރުނައިން އަހަންނަށް ވާނީ ކީއްހެއްޔެވެ؟

ހަމަ އެހަފުތާގައި އަހަރެންއޮފީހުން ޗުއްޓީ ނެގީމެވެ. ނާއި އަށް ފިލަންވެގެންނެވެ. ދިގު ޗުއްޓީއަކަށްފަހު އޮފީހަށް ދިޔައިރު ނާއި ވެސް އޮފީހުގައިއުޅެއެވެ. ނާއި އަކީ ހަމަ ކުރީގެ ވެސް ނާއި އެވެ. އެއީ އެހެން މީހުންނަށް ފެންނަގޮތެވެ. ނަމަވެސް އަހަންނަށް އެ ދެލޮލުން ހިތާމައިގެ އަސަރު ފެންނަމުން ދިޔައެވެ. އަހަރެން ފެނުމާއެކު އެ މައުސޫމް މޫނުން ހިނިތުންވުން ގެއްލުނެވެ. ނަމަވެސް އެކަން އަހަންނަށް މައްސަލައަކަށް ނުވެއެވެ. އަންހެން ކުއްޖެއްގެ ހަގީގީ ހިނިތުންވުމުގެ އަގު އަހަންނަކަށް ބޮޑެއް ނޫނެވެ.

އަހަރެން ހީކުރިގޮތާ ހިލާފަށް ނާއި އަހަންނާ ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އަހަރެން ބަދަލުވީ ކީއްވެތޯ ބުނެ މެސެޖެއް ފޮނުވިއެވެ. އަހަރެންޖަވާބެއް ނުދެމެވެ.

އޭނާ މަސައްކަތް ކުރަމުންދިޔައީ އަހަރެންގެ ކުރިމައްޗަށް ނައިސްވާނެ ގޮތަކަށެވެ. އަހަންނަށް އެކަންވީ ވަރަށް މަޖާ ކަމަކަށެވެ. އޭނާގެ ހިތަށް ތަދުވަނީއެވެ. އެހެންވެ އިތުރަށް ފޯރިގަދަކުރުމަށް އަހަރެން އޮފީހުގެ އެހެން ކުދިންނާއި ވާހަކަދައްކަން ފެށީމެވެ. ސަކަރާތް ޖަހަން ފެށީމެވެ. އެފަދަ ކޮންމެ ދުވަހެއްގައި އޮފީސް ގަޑިނިމުމުގެ ކުރިން އޭނާ ގެއަށް ދެއެވެ.

އަހަރެން، ނާއިގެ ހިތުގައި ޖައްސަމުން ގެންދިޔައީ އިންތިހާއަށެވެ. ނުބުންޏަސް އޭނާގެ ހިތުގެ ރުއިން އަހަންނަށް އިހްސާސްކުރެވެއެވެ. ޒަހަމްވެފައިވާ އެ ހިތް އަހަންނަށް ފެނެއެވެ. އެހެނަސް އެނގޭކަމަށް ނުހަދަނީ އެވެ. އޭނާގެ ކުރިމަތީގައި އޭނަގެ ރަހުމަތްތެރިންގެ އަތުގައި ހިފަމެވެ. ލޯބިވެތި ބަސްތަކުން މުހާތަބު ކުރަމެވެ. ދުވަހަކުވެސް ނާއި އަހަންނާއި ދިމާއަށް އެއްޗެކޭނުބުނެއެވެ. ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު ހިނިތުން ވެލައެވެ. އެއްވެސްކަމެއް ނުވާ ފަދައިންނެވެ. އެންމެ ރަނގަޅޭ ބުނާ އުސޫލުން ނެވެ.

އަހަރެންގެލޯބިވެރިޔާއޭ ކިޔައިގެން އުޅޭ ކުދިން އަހަރެން ނާއިގެ ކުރިމައްޗަށް ގެންދަން ފެށީމެވެ. ނާއި އަށް ވުރެ މާރީތި ކުދިންނެވެ. އެކުދިންނާ ވެސް ނާއި ވާހަކަ ދައްކަނީ ރަހުމަތްތެރިއެއްގެ ގޮތުންނެވެ. ކެތްނުވުމުން ނޭނގޭކަމަށް ހަދާފައި އޭނާ ދަނީ ފާހާނާއަށެވެ. އެނބުރި އަންނައިރު ރަތްވެފައިވާ ދެލޯ ފެނުމުން އެއައީ ރޮއެފައިކަން އަހަންނަށް އެނގެއެވެ.

ހަތް މަސް ފާއިތުވެގެން ދިޔައީއެވެ. ނާއި އަހަރެން ދެކެލޯބިވަމުން ގެންދިޔައެވެ. ނުބުންޏަސް، ނުދެއްކިޔަސް، ހާމަ ނުކުރިޔަސް އަހަންނަށް އެނގެއެވެ. އެނގޭކަމަށް ނުހަދަނީއެވެ.

ކުއްލިއަކަށް ނާއި ރާއްޖޭންބޭރަށް ފުރައިފިއެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. އޮފީހުން ކެނޑިގެން އޭނާދިޔައީ ކިޔަވަން ހެއްޔެވެ؟ ނުވަތަ އަހަންނާއި ދުރަށް ހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟ އޮފީހުގައި އަހަންނަށް ވޭތުކުރެވޭ ވަގުތުތަށް ފޫހިވާން ފެށިއެވެ. އިންތިހާއަށް އަހަންނަށް އޭނާ ދޭތެރޭ ވިސްނެން ފެށިއެވެ. އުނދަގޫކުރާނެ މީހަކު ނެތުމުންކަމަށް އަހަރެން ގަބޫލު ކުރީމެވެ.

ގޮތުގައި ހިފަހެއްޓުމުގެ ގޮތުން އަހަރެން ވެސް ހުރީއެވެ. މާގިނަ ދުވަހެއްނުވެ އަންނާނެކަން އަހަންނަށް އެނގެއެވެ. އެހެނަސް ވީ އެހެންނެއް ނޫނެވެ. އޭނާ ދިޔަފަހުން އެއް އަހަރު ވީއެވެ. އެއްވެސްޚަބަރެއް ނުވެއެވެ. ފޭސްބުކް އިން އަހަރެން އޭނާފެނޭތޯ ބެލީމެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ.

މިހާރު އަހަންނަށް އިތުރު އެއްވެސް އަންހެން ކުއްޖަކާދޭތެރޭ ނުވިސްނެއެވެ. އަހަރެންގެ އުޅުމަށް ބަދަލު އަންނަމުން ދިޔައެވެ. ގުނައި އަދަދު ނުކުރެވޭ ވަރަށް ގެންގުޅުނު "ލޯބިވެރިންތައް" ދެކެ ފޫހިވާންފެށި އެވެ.

އެންމެ ފަހުން ނާއިގެ ދައްތައަށް އަހަރެން ގުޅީ ކެތްނުކުރެވިގެންނެވެ. އަންހެން ކުއްޖެއްގެ ކެތްތެރިކަން އަހަންނަށް އެނގުނީ އެދުވަހުއެވެ. ތެދުވެރި ލޯބި އަހަންނަށް ދަސްވީ އެދުވަހުއެވެ. މައުސޫމް ހިނިތުންވުމުގެ ފުރަގަހުގައި ފޮރުވިފައިވީ ހިތާމަޔާއި ހިތްދަތިކަން އެދުވަހު އެނގުނެވެ. އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށްނޫނެވެ.

ނާއި އަކީ ހިތުގެ ބަލި ހުންނަ ކުއްޖެކެވެ. އާއިލީ ހާލަތުގެ ގޮތުން އެންމެންނަށް ސިއްރުކޮށްގެން، ކެތްކޮއްގެން ހުންނަނީ އެވެ. ދިރިހުރުމާއި މަރުވުމާއިދޭތެރޭ ހަނގުރާމަ ކުރަމުން އައި ނާއި އުފަލެއް ހޯދުމަށް އަހަރެން ގާތަށް އައުމުން އަހަރެން އޭނާގެ ބޭނުން ކުރުމަށްފަހު އެއްލައިލީ އެވެ. ހިތުގައި ޖެއްސީއެވެ. ހަރު ހިތެއްގެވެރިއަކަށްވީ އެވެ. އެންމެ ތުއްތު އިރުން ފެށިގެން ލޯތްބަށް އެދި ރޮމުން ދިޔަ ހިތް އިތުރަށް ރޮއްވައިލެވުނީ އެވެ.

ނާއިއަހަރެން ދެކެ ވީލޯތްބެވެ. ހަގީގީ ލޯތްބެވެ. ހުރިހާ ހިތާމައެއް އެކަނި ތަހައްމަލްކުރަމުން އޭނާ ދިޔައިރު އަހަންނަށް ހީކުރެވުނީ އެއީ ގޮތެއް ނެތް އަންހެނެއް ކަމުގައެވެ.

އަހަރެން ނާއި ކައިރިއަށް ދިޔައައީ މަޢާފަށް އެދޭށެވެ. އަހަރެންގެ ހަޔާތަށް އަނބުރައި އޭނާ ގެންނާށެވެ. ނުދެވުނު އުފާތައް ހޯދައިދޭށެވެ.

އަހަރެން ފެނުމާއެކު ނާއި ހިނިތުންވެލިއެވެ. އެއީ ހަމަ ކުރީގެވެސް ހިނިތުންވުމެވެ. އަހަންނަށް އަގެއް ނެތް ކަމުގައި އެދުވަހު ހީކުރެވުނު ހިނިތުންވުން މިއަދު ރީތި ވެއްޖެއެވެ. އަހަރެންގެ އަމީރާއަށް ނާއި ވެއްޖެއެވެ. ލޯބިވެވިއްޖެއެވެ. އެހެނަސް ވަގުތު ފާއިތުވީއެވެ. އަހަންނަށް ކުރެވުނު ކުށުގެ އަދަބު އަހަންނަށް ލިބެން ޖެހޭނެއެވެ. ނާއިގެ ދުލުންއެންމެފަހު ފަހަރަށް ނުކުތް ޖުމްލަތަށް މަތިން އަހަރެން ހަނދާނެއް ނުނެތޭނެއެވެ. ހިނިތުންވަމުން އޭނަ ބުނީ އަހަރެން ދެކެ ލޯބިވާ ވާހަކައެވެ. އަހަންނަށް އުފާވެރިހަޔާތަކަށް އެދޭ ވާހަކައެވެ. އަހަރެންގެ ކޮޓަރީގެ އަލަމާރިތެރެ ރަނގަޅަށް ބެލުމަށެވެ. އޭނާ މަތިން ހަނދާން ބެހެއްޓުމަށެވެ. އެންމެ ފަހުގެ ނޭވާ ނާއި ދޫކޮށްލީ އަހަރެންގެ ކުރިމަތީގައެވެ. ހިނިތުންވެ އޮވެގެންނެވެ. އެ އަތް އަހަރެންގެ އަތުގެތެރޭގައިވީ ހާލުގައެވެ.

މާލެ އައުމަށްފަހު އަހަރެން ފުރަތަމަވެސް ބެލީ އަލަމާރިއެވެ. އަހަންނަށް ފެނުނީ ފޮތެކެވެ. އަހަރުމެން ދެމީހުން އެރެއާ ހަމައަށްދެއްކި ހުރިހާ ވާހަކައެއް އޭގައި ލިޔެފައިވެއެވެ. ވަގުތާއި ދުވަހާއި އެއްކޮށެވެ. އެންމެފަހު ޞަފުހާގައި ލިޔެފައިވެއެވެ. "އަހަރެންގެ ލޯބި ލިބުމުގެކުރިން ނުދާނެކަމަށެވެ. މިއީ ވަޢުދެކެވެ."

އަހަރެންނަށް ލޯބިވެވުނެވެ. ނުވެވުނުނަމަ ނާއި ނުދާނެއެވެ. މިހާރު އަހަރެން އަންހެން ކުދިންނަށް އިހްތިރާމް ކުރަމެވެ. އެހެނަސް މި ހިތެއް ނުދެވުނެވެ. އަހަރެންގެ ހުވަފެންތަކުގެ އަމީރާ ޙަޤީޤީ ދިރިއުޅުމުގައި އަހަންނާ އެންމެ ގާތުގައި ހުރުމަށްފަހު ދިޔައީ އެވެ. އަހަންނަށް ނުވެސް އެނގިއެވެ. އެފަދަގެ ތެދުވެރި ލޯތްބެއް ދެން އަހަންނަކަށް ނުލިބޭނެއެވެ. ރީތީގެ ލާމަސީލު ނަމޫނާއެއް ނަމަވެހެވެ.
------------
(ނިމުނީ)

އިދާރާ

ވާހަކަ