އަދުގެ ޚާއްސަ

Print

ފުރުސަތު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މަރިޔަމް ސަނާ

ހަތަރުބުރީގެ އުސް އިމާރާތެކެވެ. ކޮޓަރިތެރެއިން ބެލްކަނީ އަށް ނުކުތުމުން ފެންނަނީ ބިޔަ ގަސްތަކުގެ ޖަންގައްޔެކެވެ. ކޮންމެވެސް ފަރުބަދައެއްގެ މަތިން ދެމިގެން އައިސްފައިވާ ފެންކޯރެއް ގަސްތަކުގެ ކަނާއަތް ފަރާތުން ފެންނަން އޮތެވެ. ދޫނިސޫފާސޫފީގެ މިއުޒިކީ އަޑު ޖައްވުގައި ގުގުމައިލައިފައި ހުއްޓެވެ. ހިތަށް ފިނިކަން ގެނެސްދޭ ހިތްގައިމު ގުދުރަތީ މަންޒަރެކެވެ. ހެނދުނުގެ ފިނި ވައިރޯޅިތައް އައިސް ހަށިގަނޑުގައި ބީހިލުމުން ހަށިގަނޑަށް އިތުރު އަރާމެއް ލިބިގެންދިޔަ އެވެ. ހަށިފުރައި ނޭވާއެއް ލުމަށްފަހު ބެލްކަނީގެ ރެއިލިންގައި ދެއަތުން ހިފަހައްޓާލީމެވެ. އެވަގުތު އަހަރެންގެ ހަށިގަނޑުގައި ފުރަގަހުން މީހަކު ބައްދައިލި އެވެ. އަހަރެންގެ ދެއަތުން އޭނާގެ ދެއަތުގައި ހިފަހައްޓައިލީމެވެ.

"މާލެ ދާހިތެއްނުވޭ ދޯ! އެއްވެސް މީހެއްގެ ފަރާތުން އުނދަގުލަކާ ކުރިމަތިނުވެ ކިހާ މިނިވަންކަމާއެކު މިތަނުގައި އެބައުޅެވޭ.." އަހަރެންގެ ކޮނޑުމަތީގައި ދަތްދޮޅި ޖައްސައިލަމުން މަލަކާ ބުންޏެވެ.

އަހަރެން ކުޑަކޮށް ހީނލީމެވެ. "އަބަދު ކިހިނެތް މިތަނުގައި ތިބޭނީ؟ . . . ދެން ކައިވެންޏަށްފަހު އަލުން ކޮންމެވެސް އެހެން ގައުމަކަށް ހަނީމޫނަށް ދާނީ!" މަލަކާ ހިތްހަމަ ޖައްސައިދޭންވެގެން އަހަރެން ބުނީމެވެ.

މިއީ އަހަންނާއި އަހަރެންގެ ޕާސަނަލް ސެކްރެޓަރީ ތައިލޭންޑް ގެ ވެރިރަށް ބެންކޮކަށް ކުރި އެއް ހަފުތާގެ "ވިޔަފާރި ދަތުރެކެވެ." އެއް ހަފުތާ ހަމަވެ، އެނބުރި މާލެ އަށް ދިޔުމުގެ ވަގުތު ޖެހުނުއިރު ވެސް މަލަކާ ބޭނުންވަނީ އަދިވެސް ތައިލޭންޑްގައި މަޑުކުރާށެވެ. އަހަންނަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެއް ކަމުން ބޭނުންހާ ދުވަހެއް ވަންދެން ރާއްޖޭން ބޭރުގައެއް ނޫޅެވެއެވެ. އަމިއްލަ އަތުން މަސައްކަތް ނުކުރި ނަމަވެސް އެހެން މީހުންލައްވައި މަސައްކަތް ކުރުވައި، ވިޔަފާރީގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ދެކެން އަހަރެން މާލޭގައި ހުންނަން ޖެހެއެވެ. އަދި އޭގެ އިތުރުން އަހަރެންގެ އަނބިދަރީން ވެސް ތިބީ މާލޭގައެވެ.

މީގެ ކުރިން ވެސް ވިޔަފާރީގެ ކަންކަމުގައި ރާއްޖޭން ބޭރަށާއި، އަތޮޅުތެރެއަށް މަދުމަދުން ގޮސްއުޅެމެވެ. ނަމަވެސް މަލަކާ އަހަރެންގެ އޮފީހަށް ވަން ފަހުން "ވިޔަފާރި ދަތުރުތައް" އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ އެވެ. އަހަރެމެން ދެމީހުން އެކުގައި ރަށުން ބޭރަށް ނުދާ އެންމެ މަހެއް ވެސް ފާއިތުވެގެންނެއް ނުދާނެ އެވެ. މަލަކާއާ  ބައްދަލުވީފަހުން އަހަންނަށް އަންނަމުން ދިޔަ ބަދަލުތައް މާބޮޑަށް ފަރަޙަށް ފާހަގައެއް ނުކުރެވެއެވެ. އޭނާ ހީކުރަނީ ހަގީގަތުގައި ވެސް އަހަރެން މަސައްކަތުގައި މާބުރަކޮށް އުޅެނީކަމަށެވެ. އާމްދަނީ ލިބޭކަހަލަ ވަޒީފާއެއް އަދާނުކުރި ނަމަވެސް އަހަންނަށްވުރެ ފަރަޙުގެ ބިޒީކަން އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނޫނެވެ. އަހަންނަށް އަންނަމުންދާ ބަދަލުތައް އޭނާ އަށް ފާހަގަ ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. ފަރަހް އަހަރެންދެކެ ލޯބިވާކަން އަހަރެން ގަބޫލުކުރަމެވެ. ނަމަވެސް މައްސަލައަކީ އޭނާގެ މަސައްކަތް ގިނަ، ބުރަ ދިރިއުޅުމުން އަހަންނަށް އެއްވެސް ވަރަކަށް ވަގުތުނުދެވޭ ކަމެވެ. ހަގީގަތުގައި ވަގުތު ނުދެނީއެއް ނޫނެވެ. ވަގުތު ނުވަނީއެވެ. ފަސް ދަރިންނާއި، ބޮޑު ގެއެއްގެ ހުރިހާ ކަމެއް އަމިއްލައަށް ބަލަހައްޓާ މީހަކަށް ދުވަހުގެ ސައުވިސްގަޑިއިރުގެ ތެރެއިން އެންމެ ސިކުންތެއް ވެސް ހުސްކޮށެއް ނުލިބޭނެ އެވެ. ރެއާއި ދުވާލު އަހަރެން މަސައްކަތް ކުރަނީ ފަރަޙާއި ދަރިންގެ މުސްތަގުބަލަށްޓަކައެވެ. އެމީހުންގެ އުފަލަށްޓަކައެވެ. ފަރަޙަށް ލުއިކުރުމުގެ ގޮތުން ގެންގުޅޭ މީހަކު ގެއަށް ގެންނަން އުޅުމުން ވެސް ފަރަޙު ގަބޫލެއް ނުވި އެވެ. އެހެން މީހަކާ މަސައްކަތްތައް ހަވާލުކޮށްފިނަމަ ކަންކަން ބޮއްސުންލާނެ ކަމަށް އޭނާ ދެކެއެވެ.

މަލަކާ ފެނުމުގެ ކުރިން އަހަންނަށް ފަރަހް ވަރެއްނެތެވެ. ފަރަހް އަކީ ޖަވާހިރެއް ކަމުގައި ދުށީމެވެ. އެހެނަސް އަހަރެންގެ ވިސްނުން ބަދަލުކޮށްލީ މަލަކާގެ ޅަނދޮޅުކަމެވެ. އެނާގެ ރީތިސިފައެވެ. އެހެންކަމުން އަހަންނަށް ފަރަހްގެ އުނި ސިފަތައް ފެންނަން ފަށައިފިއެވެ. ކައިރިކައިރީގައި ފަސްކުދިން ވިހެއުމުގެ ސަބަބުން ފަލަވެ، މަސްޖަހައިފައިވާ ފަރަހްގެ ހަށިގަނޑު ހުތުރުވެއްޖެ އެވެ. އިސްކޮޅުން އެހާ ކުރުކޮށް ހުންނައިރު މާބޮޑަށް ފަލަވުމުގެ ސަބަބުން މިހާރު އޭނާ ހުންނަނީ ސިފަ ގެއްލިފައެވެ. އަދި އުމުރަށްވުރެ މާބޮޑަށް މުސްކުޅިހެން ވެސް ހީވެއެވެ. އަހަރެންގެ ބައެއް ލާނެއް ރައްޓެހިން ފަރަހް އަކީ އަހަރެންގެ"މާމައޭ" ކިޔައިގެން ދިމާކުރެއެވެ. އެއްގޮތަކަށް ވެސް އަހަންނާ ފަރަޙާ އެކަށީގެންނުވާ ކަމަށް ބުނެއެވެ. މީގެކުރިން ރައްޓެހިންގެ އެކަހަލަ ސަމާސާތައް އަހަންނަށް ވަނީ މަޖާކަމަށެވެ. އެހެނަސް މިހާރު ހުރިހާ ކަމެއް ވެސް ބަދަލުވެއްޖެއެވެ. ހަގީގަތުގައި ވެސް ފަރަހް އަހަންނާ އެކަށީގެން ނުވާކަމުގައި ހީކުރެވިއްޖެ އެވެ. އަހަންނަށް އަހަރެންގެ ރީތި ސިފަ ފެންނަން ފަށައިފި އެވެ. ފަރަޙަށް އެހާބޮޑު ބަދަލެއްއައި އިރުވެސް އަހަންނަށް އެއްވެސް ބަދަލެއް ނާންނަކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އަހަންނަކީ އުމުރުން ސާޅިސް ފަސްއަހަރު ވެފައިވާ މީހެއް ނަމަވެސް އަދިވެސް ޅަޒުވާނުން އުޅޭގޮތަށް އުޅެވިދާނެޔޭ ހިތްބުނަން ފަށައިފިއެވެ.

މަލަކާ އޮފީހަށް އައި ފުރަތަމަ ދުވަހު ވެސް އެންމެންގެ ނަޒަރު އޭނާ އަށް ހުއްޓުނެވެ. އޭނާގެ އުމުރުން އެކާވީސް އަހަރު ކަމުގައި ވިޔަސް ފެންނަ ފެނުމަށް އުމުރަށްވުރެ ވެސް ޅަހެން ހީވެއެވެ. އޮފީހުގެ ހުރިހާ ފިރިހެން މުވައްޒަފުން ތިބެނީ "މަށަށް މަށަށް" ކިޔައިލަކިޔައިލައެވެ. އަހަންނަކީ މަލަކާގެ ބައްޕަގެ އުމުރު މީހެއް ނަމަވެސް ހުރިހާ ޒުވާން ފިރިހެން ކުދިންނާއި ވާދަކޮށްގެން މަލަކާ ކާމިޔާބު ކުރުމުގެ ރޭހުގައި ކުރިލިބުނީ އަހަންނަށެވެ. މަސް ދާނީ ފެން އޮތް ދިމާއަކަށޭ ބުނާ އުސޫލުން ރީތި އަންހެން ކުދިން ދާނީ ފައިސާ ގިނަ ދިމާއަކަށެވެ. އެއީ ދުނިޔޭގެ އާދައެވެ.

އަހަންނަށް ވިސްނޭގޮތުގައި އަހަރެން އަދި މުސްކުޅިއެއް ނުވެއެވެ. މިއީ ޒުވާންކަމުގެ އެންމެ ފޮނި ދުވަސްވަރެވެ. ހިތް އެދޭ ކަންކަމާއި، ހިތްރުހޭ ކަންކަން ކުރަންވީ ވަގުތެވެ. އަހަރެން ދެވަނަ އަނތްބަކު ބޭނުމެވެ. ފަރަޙަށް ކޮށްނުދެވޭ ކަންކަން ކޮށްދެވޭނެ ކަހަލަ ރީތި ޒުވާން ކުއްޖަކު އަހަރެންގެ ދިރިއުޅުމަށް ގެންނަން ބޭނުމެވެ. އަނބިމީހާގެ އަތުގައި ހިފައިގެން ރައްޓެހިންގެ ކުރިމައްޗަށްގޮސް "މިއީ އަހަރެންގެ އަންހެނުންނޭ" ފަހުރުވެރިކަމާއެކު ބުނެލަންބޭނުމެވެ.

އަހަރެން ފަރަހް ވަރިނުކުރި ނަމަވެސް މަލަކާގެ އެއްވެސް ޝަކުވާއެއްނެތެވެ. އަހަންނާ ދެއަނތްބަށް އިންނަން ވެސް އޭނާ ހުރީ ތައްޔާރަށެވެ. އޭނާއާ އެއް އުމުރެއްގެ ކުދިންތަކެއްގެ ދޮން މަންމަ އަކަށް ވާންޖެހޭތީ އޭނާ ޖެހިލުމެއްނުވެއެވެ. އަހަންނާއި މަލަކާގެ ގުޅުން އެންމެންނަށް އެނގޭ ބޮޑު ސިއްރަކަށްވީ މާލޭގެ ހިތްފަސޭހަ ހިސާބެއްގައި ހުރި އިމާރާތަކުން އަހަރެން މަލަކާއަށް އަގުބޮޑު އެޕާޓްމެންޓެއް ކުއްޔަށް ހިފައިދިނުމުންނެވެ. އެކި މީސްމީހުންގެ ދޫތަކުން ފަރަހްގެ ކަންފަތާ ހަމައަށް އެޚަބަރު ފޯރާކަށް ގިނަ ދުވަހެއް ނުވިއެވެ. ފަރަޙަށް އެކަން އެނގުނު ދުވަހު އަހަރެން ވެސް އޭނާ އަށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނީމެވެ. މަލަކާއާ ކައިވެނި ކުރަންއުޅޭ ވާހަކަ ވެސް ބުނީމެވެ.

ފަރަޙަކީ ދުވަހަކު ވެސް އަހަރެންގެ ކުރިމަތީގައި އަޑުގަދަކޮށް، ޒުވާބުކުރި މީހެއް ނޫނެވެ. ނަމަވެސް އެ ވާހަކަ ބުނުމުން އޭނާގެ ދުލުގައި ވެސް ބާރުހުރިކަން އަހަންނަށް އަންގައިލި އެވެ. އަންހެނުން ހިމޭނުން ތިބެނީ ކިޔާނެ އެއްޗެހި ނޭނގޭތީ ނޫންކަން އަހަންނަށް ވިސްނުނެވެ. ފަރަހްގެ ރުޅިގަނޑުގެ ސަބަބުން ވެސް އަހަރެންގެ ނިންމުން ބަދަލެއް ނުކުރީމެވެ. އެހެންކަމުން ޖެހިގެން އައި ދުވަހު އެންމެ ހަގަށް ތިބި ހަތަރުކުދިން ގޮވައިގެން ފަރަހް އޭނާގެ ގެއަށް ބަދަލުވިއެވެ.

އަހަރެންގެ އެންމެ ދޮށީދަރިފުޅު ނާއިޝް ހުންނަނީ މެލޭޝިޔާގައި ކިޔަވަންކަމުން ފަރަހް ދިޔުމުން އަހަރެންގެ ގަނޑުވަރެއްފަދަ ބޮޑުގޭގައި އަހަރެން އެކަނިވިއެވެ. މަލަކާ އަހަންނާ ކިތަންމެ ގާތުގައި ވީނަމަވެސް ފަރަހް ދިޔުމުން ކޮންމެވެސް އެއްޗެއް މަދުވެފައިވާކަން އިހުސާސް ކުރެވެންފެށި އެވެ. ކޮންމެ އެއްޗެއްގެ ވެސް މުހިއްމުކަން އިހުސާސް ކުރެވޭނީ އެއެއްޗެއް ނެތުމުންނެވެ. އެއް ހަފުތާ ވީއިރު މުޅި ގޭތެރެ ވަނީ ނުތާހިރުވެފައެވެ. ހުރިހާ އެއްޗެއްސަކަށް ވަނީ ހިރަފުސްއަރައި، އަސްލު ކުލަ ގެއްލިފައެވެ. ދާވެފައިވާ އަންނައުނުތައް ކޮޓަރިތެރޭގައި ފުނިޖެހިފަވެ. ގަމީހާއި ފަޓުލޫނު އިސްތިރިކުރަންޖެހެނީ އަމިއްލައަށެވެ. ކާންޖެހެނީ ބޭރުންނެވެ. ރެސްޓޯރެންޓަކުން ކިތަންމެ މީރު ކެއުމެއް ކެއި ނަމަވެސް ފަރަހް ކައްކާ އެއްޗެހީގައި ލާފަދަ މީރުރަހައެއް ނުލައެވެ. ފިރިހެންނުން ބިނާކުރާ އިމާރާތް ގެއަކަށް ހަދާބަޔަކީ ގެވެހި އަނބިންނެވެ. ކިތަންމެ ގިނަ ފައިސާ ހުރިނަމަވެސް ފާޑުވެރި އަނތްބަކުނެތި ދިރިއުޅުން އާބާދެއް ނުކުރެވޭނެ އެވެ.

ދެން ހުރިހާ ކަމެއް ވެސް ހައްލުވާނީ މަލަކާއާ ކައިވެނިކުރުމުން ކަމުގައި ހީކުރެވުނެވެ. ނަމަވެސް ހަގީގަތް އެނގުނުއިރު މަލަކާގެ ހާލު އަހަންނަށްވުރެ ބޮޑެވެ. ގަމީހަކުން ރޫފިލުވައިލަން ވެސް އޭނާ ނުދަނެއެވެ. އެއްޗެއް ކައްކައިލަން އުނދުން ރޯކޮށްލަން ވެސް ނޭނގެއެވެ. މަލަކާ އަކީ ބަލައިލަން ރީތި ބުދެކެވެ. އެތެރެ އޮތީ ހުސްކޮންނެވެ. އެއްވެސް ދިރުމެއް ނުވެއެވެ. ކުރެވެން މިއުޅޭ ކަންތަކާ ދޭތެރޭގައި ފުންކޮން ވިސްނަން އަހަންނަށް މަޖުބޫރުވެއްޖެ އެވެ. ފަރަޙާއި މަލަކާއާ ދެމީހުން ކުުރެން އަހަންނަށް ބޮޑަށް މުހިއްމުވާނީ ކާކު ހެއްޔެވެ؟ އަހަންނަށް ދިރިއުޅުމުގެ ހަގީގީ ފޮނިކަން ލިބޭނީ ކާކުގެ ފަރާތުން ހެއްޔެވެ؟ ޕޮއިންޓް ދީގެން މިނެކިރައިލައިފިނަމަ ބަރުވާނީ ފަރަހްގެ ކޮޅުކަން ގައިމެވެ. އަނބިންނަކީ ރީތި ބަޔަކަށްވުމަކީ ލާޒިމު ކަމެއް ހެއްޔެވެ؟ އަނބިމީހާ ކޮންމެ ސިފައަކަށް ހުއްޓަސް އެ މީހަކީ ހެޔޮ، ރަނގަޅު މީހެއްނަމަ އޭނާ ހިމެނޭނީ ރީތި އަނބިންގެ ތެރޭގައެވެ.

ދެން އިތުރަށް ކިތަންމެ ފުންކޮށް ވިސްނިނަމަވެސް އަހަރެންގެ ނިންމުން ބަދަލުކުރެވޭކަށްނެތެވެ. ފަހުން ވަރިކުރަން ޖެހުނަސް ދުނިޔޭގެ ލަދުން މަލަކާ ސަލާމަތްކުރަން އޭނާއާ ކައިވެނި ކުރަން ޖެހެއެވެ. އޭނާގެ ބަނޑުގައިވަނީ އަހަރެންގެ ދަރިއެއްކަމުން ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް އަހަރެންގެ ދެވަނަ އަނތްބެއްގެ މަގާމު އޭނާ އަށް ދިނީމެވެ. ކައިވެންޏަށްފަހު ވެސް އެއީ ހަމަ ކުރީގެ މަލަކާއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އެއްވެސް ހަރުދަނާ ކަމެއް ނުހުރެއެވެ. އޭނާ އާއި ކައިވެނި ކުރުމުން އަހަންނަށް ލިބުނު ހަމައެކަނި އުފަލަކީ ރައްޓެހިންގެ ފަރާތުން ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔުމެވެ. މަލަކާގެ ރީތިކަމާ މެދުގައެވެ. އަހަރެންގެ ކާމިޔާބުކަމާ މެދުގައެވެ.

މީގެކުރިން އަހަންނަށް ފަރަހްގެ ފަރާތުން ފާހަގަކުރެވުނު އަހަރެން ހިތްހަމަނުޖެހޭ އެންމެ ބޮޑު އެއްކަމަކީ ފަރަހް އަހަންނަށް ވަގުތު ނުދިނުމެވެ. އެއާ ހިލާފަށް މަލަކާގެ ހުރިހާ ވަގުތެއް އަހަންނަށްޓަކާ ހުސްކޮށްދިނެވެ. އޭނާ އެންމެ އިސްކަމެއްދިނީ އަހަންނާ އެކުގައި، އުފާކޮށް މަޖާކުރާށެވެ. ނަތީޖާއަކަށްވީ ކުރިއަށްވުރެ ބޮޑަށް ދިރިއުޅުމުގެ ހާލަތު ދަށަށް ދިޔުމެވެ. މުސާރަވެރިންގެ އަތްމައްޗަށް ގޭތެރޭގެކަންކަން ދޫކޮށްލުމުން ގޭތެރޭގައިވާ  ދިރުންގެއްލި، ވީރާނާ ވުމުގެ ކުލަވަރު ފެންނަންފެށިއެވެ. ކޮންމެ އެއްޗެއްދެކެ ވެސް ހަގީގީ ލޯބިވާނީ އެއެއްޗެއްގެ ވެރިފަރާތެވެ. ވެރިފަރާތުން ފަރުވާކުޑަކޮށްފިނަމަ ނެތިދިޔުމުގެ ވަގުތު އޮންނާނީ ނުހަނު ގާތުގައެވެ. މިހާރު އަހަރެންގެ ހިތަށް އަރައެވެ. އަނބިންގެ އަގު ވަޒަންކުރަނީ ކިތައްފިރިންހެއްޔެވެ؟

ދިރިއުޅުމުގައި އަނބިން އަދާކުރާ މުހިއްމު ދައުރު އިހުސާސްކުރެވެނީ ކިތައް ފިރިންނަށްހެއްޔެވެ؟ ދިރިއުޅުންބާއްޖަވެރިކުރަން އަނބިންކޮށްދޭ އަގުހުރި ބުރަމަސައްކަތްތަކަށް ޝުކުރުވެރިވަނީ ކިތައް ފިރިންހެއްޔެވެ؟ ޔަގީނުންވެސް އަހަރެންހިމެނޭނީ އަނބިންގެ އަގު ވަޒަންނުކުރާ ފިރިންގެ ލިސްޓުގައެވެ.

ކިޔަވައި ނިމިގެން ނާއިޝް އެނބުރި މާލެއަށް އައީ މަލަކާ ވިހަން ތައްޔާރުވެފައި ވަނިކޮންނެވެ. ކުރިން ގޯސްނުވެހުރި ހުރިހާކަމެއް ވެސް ގޯސްވީ އެހިސާބުންނެވެ. ނާއިޝްގެ މައްސަލައަކަށްވީ ފަރަހް ނިކަމެތިކޮށްލައި، ދަރިންތަކާއެކު އެކަނި އުޅެން ދޫކޮށްލުމެއް ނޫނެވެ. އަހަރެންގެ ދެވަނަ އަނތްބަކީ މަލަކާ ކަމަށް އެނގުމެވެ. ބައްޕަ އާއި ދަރިފުޅު އެކަކު ދެކެ ލޯބިވެ، އެކަކާ ކައިވެނިކުރަން ބޭނުންވުމަކީ ކޮންހަލަ އިއްތިފާގެއް ހެއްޔެވެ؟ މިއީ މިދުނިޔޭގައި ވެސް މިކަހަލަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަންނޭނގެއެވެ. ނާއިޝް ވެސް އަދި ފަރަހް ވެސް ކުށްވެރިކުރީ އަހަންނެވެ. އެއީ އެކަން ވާނެ ގޮތެވެ. ކުރިން އުޅުނު ގޮތަށް އަހަރެން ފަރަޙާ އެކުގައި އުޅުނުނަމަ މިހުރިހާކަމެއް ކުރިމައްޗެއްނުވީހެވެ. އަހަރެން ކުށް ގަބޫލުކުރަމެވެ. އެހެނަސް އަހަންނާ އެއްވަރަށް މަލަކާ ވެސް ކުށްވެރިވާކަމުގައި އަހަރެން ދެކެމެވެ. މަލަކާ ނާއިޝް އަށް ވަފާތެރިވީ ނަމަ އަހަންނަށް މި ގޯހެއް ނުހެދުނީހެވެ. ދެމީހުންނަށް ވެސް ދިފާއުގައި ވާހަކަ ދެއްކިދާނެ އެވެ. އެހެނަސް މި ވަގުތު ބަހަށްވުރެ މުހިއްމީ އަމަލެވެ.

މަލަކާ ވިހެއުމުން އަހަރެން އޭނާ މިނިވަން ކުރީމެވެ. އޭނާ އަކީ އަހަރެންގެ ހަޔާތަށް އައި ބޭކާރުމީހެކެވެ. މަލަކާއާ އެކުގައި މި ކުޅެވުނީ އެއްވެސް އަގެއް ނެތް ކުޅިގަނޑެކެވެ. ފަރަޙާއި ދަރިންގެ ކުރިމަތީގައި އަހަރެންގެ ގަދަރު ކުޑަވެގެން ހިނގައްޖެއެވެ. ފަރަހް ބޭނުންނަމަ އަހަރެން ހުރީ ހިތާ ދެކޮޅަށް ނަމަވެސް ފަރަހް ވެސް މިނިވަންކުރަން ތައްޔާރަށެވެ. އޭނާގެ ފަރާތުން މަޢާފަށްއެދި، އާދޭސްކުރާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އެހެނަސް ފަރަހް އަކީ ވިސްނޭ އަންހެނެކެވެ. ވަކިވުމަކީ މައްސަލައިގެ ހައްލު ނޫން ކަމުގައި ދެކި، އޭނާ އެނބުރި އަހަރެންގެ ގާތަށް އައެވެ. އޭނާ އަހަރެން ދެކެވާ ތެދުވެރި ލޯތްބާއި، ދަރިންގެ ހައްގުގައެވެ. އަހަރެންގެ ނަސީބާ މެދު އަހަރެން ޝުކުރުކުރީމެވެ. ދިރިއުޅުމުގައި ދެވަނަ ފުރުޞަތު ލިބޭނީ މަދުފަހަރަކު، މަދުމީކަށެވެ.
--------------
(ނިމުނީ)

އިދާރާ

ވާހަކަ