އަދުގެ ޚާއްސަ

Print

ބަސް ތަރައްޤީކުރުމަށް ލަފުޒު އިތުރު ކުރާނެގޮތްތައް

ޝާޢިއުކުރީ ފަތުޙުﷲ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ މާދަރީބަސް

ފަތުޙުﷲ އަޙްމަދު ރަޝީދު/ މޫރިތިގެ، ހއ. އިހަވަންދޫ

ބަހަކީ އިންސާނީ ވަންތަކަން ދައްކުވައިދޭ އެއްމެ މުހިއްމު އެއް ބަހާއެވެ. އެއް އިންސާނަކާ އަނެއް އިންސާނެއް ގުޅުވައިދޭ ވާސިތާއެވެ. އެކެއްގެ ޖަޒުބާތުތަކާއި ޝުޢޫރުތައް އަނެއްކާއަށް ހާމަކޮށްދޭ މާލިމީއެވެ. ބަހުގައި ހިމެނޭ ބަސްކޮށާރަކީ މި ހުރިހާ ކަމެއް ކުރުމުގެ އާރުކާޓީއެވެ. އެހެންކަމުން، ބަހަށް ދިރުން ގެނެސްދީ ބަހެއް ތަރައްޤީކޮށް ނެގެހެއްޓުމަށްޓަކައި އެންމެ އިސްދައުރެއް އަދާކުރާނީ ބަސްކޮށާރުންނެވެ. ބަސްކޮށާރު މުއްސަނދިކުރުމަކީ ބަސްދިރުވުމަށް ލިބިގެންދާ ބާރަކަށްވަނީ އެހެންވީމައެވެ. ދުނިޔޭގެ މަޝްހޫރު ބަސްބަހަށް ނަޒަރު ހިންގާލާއިރު ބަސްކޮށާރަށް ލަފުޒު އިތުރުކުރުމަށް ތަފާތު އުޞޫލުތައް ބޭނުންކޮށްފައިވާތީ ފެނެއެވެ. މިގޮތުން، ދިގުނަމަށް ކުރު ނަންނަން ދިނުން ނުވަތަ ކުރުކޮށްލުމާއި، ތަރުޖަމާކުރުމާއި، ދުލަށް ފަސޭހަ އުޞޫލަށް ޤަދީމީ ލަފުޒުތައް ބަދަލުކުރުމާއި ލަހުޖާތަކަށް ރަސްމީ ހައިސިއްޔަތު ދިނުން ފަދަ ކަންތައްތައް ފާހަގަކުރެވެއެވެ.
ބަސްކޮށާރުގެ ތެރެއަށް އައު ލަފުޒު އިތުރުކުރުމަށްޓަކައި ރަމުޒު އަކުރު ބޭނުންކުރެވިދާނެއެވެ. ދުނިޔޭގެ އެންމެ މަޤުބޫލު އެއް ބަސްކަމަށްވާ އިނގިރޭސި ބަހުގައި ވެސް ރަމުޒު އަކުރު ބޭނުންކުރެއެވެ. UN(ޔުނިޓެޑް ނޭޝަން)، TB(ޓިއުބަ ކްލޯސިސް)، TV(ޓެލެވިޜަން)، LCM(ލޯވެސްޓް ކޮމަން މަލްޓިޕްލްސް)CPU(ސެންޓްރަލް ޕްރޮސެސިން ޔުނިޓް) ފަދަ ލަފުޒުތަކަކީ ދިގު ނަމުގެ ބަދަލުގައި ރަމުޒު އަކުރު ބޭނުން ކުރާ ނަންނަމެވެ. ދިވެހިބަހަށް ބަލާއިރު ދިވެހި ބަހުގައިވެސް މިއުޞޫލު ބޭނުންކުރާކަން ފާހަގަވެއެވެ. އ.ދ (އެކުވެރި ދައުލަތް)، ބ.ދ.ގ (ބައިވެރިވާ ދަށު ގުނަ) ފަދަ ލަފުޒުތަކަކީ ދިވެހިބަހުގައި ރަމުޒުގެ ގޮތުގައި ބޭނުންކުރާ ލަފުޒުތަކެވެ. ހަމަ މިބީދައިން، ސަރުކާރުގެ މުއައްސަސާތަކަށާއި، ކުލަބު ޖަމިއްޔާތަކާއި، އާއްމު ބަލިބައްޔާއި، އާއްމުކޮށް ބޭނުންކުރާ ތަކެއްޗަށާއި، އަލަށް ތަޢާރަފުވާ މުހިއްމު ބައެއް މަފުހޫމުތަކުގެ ދިގު ނަންނަމުގެ ބަދަލުގައި ދިވެހިވަންތަރަމުޒު އަކުރުބޭނުން ކުރެވިދާނެއެވެ.މިގޮތަށް ހަދާލެވިއްޖެނަމަ ދިވެހި ބަހުގެ ބަސްކޮށާރު އިތުރަށް މުއްސަނދިވެ ބަސްތަރައްގީ ވެގެން ދާނެކަމަށް ޤަބޫލުކުރެވެއެވެ.

ރަމުޒު އަކުރު ބޭނުން ކުރުމުގެ އިތުރުން، ރަމުޒު އަކުރުން ކުރު ނަންތައް އުފެއްދުމަކީވެސް އައު ލަފުޒު އިތުރުކުރުމަށް ކުރެވިދާނެ ކަމެކެވެ.މިގޮތުން، ދިގުނަން ނަން ހިމެނޭ ލަފުޒުތަކުގެ ތެރެއިން ރަމުޒު އަކުރު ބޭނުންކުރުމަށް ދަތިވާ ލަފުޒުތަކަށް ކުރުނަމެއް ދެވިދާނެއެވެ. ނުވަތަ ކުރު ނަމެއް އުފެއްދިދާނެއެވެ. ކުރުނަން އުފެއްދުމަށްޓަކައި ނަމުގައި ހިމެނޭ ފުރަތަމަ އަކުރު ނަގައި އެއްކޮށްލުމުން ރީތި ނަމެއް އުފެދޭ ނަމަ އެ އުޞޫލު ބޭނުންކުރެވިދާނެއެވެ. "އެއިޑްސް" (Acquired Immune Deficiency Syndrome = AIDS) އަދި"ސްކޫބާ"(Self-Contained Underwater BreathingApparatus=Scuba) މި ލަފުޒުތައް އުފެދިފައިވަނީ ނަމުގައިވާ ލަފުޒުތަކުގެ ފުރަތަމަ އަކުރު ހިމަނައިގެންނެވެ. ހަމަ މި ބީދައިން ރީތި ދިވެހި ލަފުޒުތަކެއް އުފެއްދިދާނެއެވެ.

ދިގު ނަން ނަމުގައި ހިމެނޭ ލަފުޒުތަކުގެ ފުރަތަމަ އަކުރު ނަގައިގެން ލަފުޒެއް އުފައްދާއިރު، އެލަފުޒަކީ ކިޔަން އުދަނގޫ ބަހާއި ބީރައްޓެހި ލަފުޒެއް ކަމަށްވާ ނަމަ ލަފުޒުތަކުގެ ފުރަތަމަ އަކުރުގެ އިތުރުން ފިލިވެސް ނެގިދާނެއެވެ. މިސާލަކަށް "ދިރާގު" (ދިވެހި ރާއްޖޭގެ ގުޅުން) އަދި "އިމަގު" (އިހަވަންދޫ މަސްވެރިންގެ ގުޅުން) ފަދަ ނަން ނަމަކީ މިފަދައިން އުފެދިފައިވާ ނަން ނަމެވެ. މިގޮތަށް އުފައްދާ ލަފުޒުތައް ވާންވާނީ ދުލަށް ފަސޭހަ އަޑުއަހާލަން ފަސޭހަ ލަފުޒުތަކަށެވެ. ނުވަތަ ދިވެހިބަހުގެ މަޚްރަޖަށް ފެތޭ ލަފުޒުތަކަށެވެ.އެހެންކަމުން، ދިވެހި ބަހުގައި ހުރި ދިގު ނަންނަން ހިމެނޭ ލަފުޒުތައް ނުވަތަ މަފުހޫމުތައް ހޯދާ އެފަދަ މަފުހޫމުތަކުގައި ހިމެނޭ ލަފުޒުތަކުގެ ފުރަތަމަ އަކުރާއި ފިލި ހިމަނައިގެން އައު ލަފުޒުތައް އުފެއްދުމަކީ ބަސްކޮށާރަށް ލަފުޒު އިތުރުކުރުމަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.

ބަސްކޮށާރުގެ ތެރެއަށް އައު ލަފުޒު ތަޢާރަފުކުރުމުގެ ގޮތުން ރަމުޒު އަކުރު ބޭނުންކުރުމާއި، ފުރަތަމަ އަކުރާއި ފިލި ނަގައިގެން ބޭނުންކުރުމާއި، ފުރަތަމަ އަކުރު ނަގައި ކުރުނަން އުފެއްދަމަކީ ލަފުޒު ކުރުކޮށްލުމަށް ބޭނުންކޮށްއުޅޭ އުޞޫލުތަކެވެ. މީގެއިތުރުން، ކުރުކޮށްލުމަށް ބޭނުންކުރެވިދާނެ އަނެއް އުޞޫލަކީ ލަފުޒުގައި ހިމެނޭ ބައެއް ވަކިން ބޭނުންކުރުމެވެ. ދިވެހިބަހުގައި މިއުޞޫލު ބޭނުން ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިސާލަކަށް، ކިއުކަންބާގެ ބަދަލުގައި ބަޒާރުމަތިން އާއްމުކޮށް އިވެނީ "ކަންބާ"ގެ ނަން ބޭނުންކުރާއަޑެވެ. ހަމައެހެންމެ، "ފެންފޯއް" ކިޔުމުގެ ބަދަލުގައި ކުރުކޮށްލުމަށްފަހު ކިޔަނީ "ފޯއް" އެކަންޏެވެ. "ދިވެހިރާއްޖެ" އަދި "ސްރީލަންކާ" ކިޔުމުގެ ބަދަލުގައި ކިޔާ އުޅޭނީ "ރާއްޖެ" އަދި "ލަންކާ" މި ގޮތަށެވެ. މިއީ ހައްތަހާވެސް ކުރުކޮށްލައިގެން ބޭނުންކޮށްއުޅޭ އުޞޫލުތަކެވެ. މިފަދަ އައު ލަފުޒުތަކެއް އުފައްދައިގެން ބޭނުން ކުރެވިދާނެކަމަށް ޤަބޫލުކުރެވެއެވެ.

ބަސްކޮށާރަށް ލަފުޒު އިތުރު ކުރުމަށްޓަކައި ތަރުޖަމާ ކުރެވިދާނެ އެވެ. ދިވެހި ބަހުގައި ލަފުޒެއް ނެތް އެހެނިހެން ސަގާފަތްތަކުގެ ލަފުޒުތަކަށާއި އަލަށް ތަޢާރަފުވާ އެއްޗެއްސާއި ކަންކަމާއި ނަންނަމަށެވެ. މިއީ މަދުން ނަމަވެސް ދިވެހި ބަހުގައި ބޭނުންކުރެވޭ އުޞޫލެކެވެ. މިސާލަކަށް، އިނގިރޭސި ބަހުގެ "ހަނިމޫން"(honeymoon)ގެ ބަދަލުގައި ދިވެހިން ބޭނުން ކުރަނީ އެލަފުޒުގެ ތަރުޖަމާ ކަމުގައިވާ "މާމުއިހަނދު"އެވެ.ހަމައެގޮތަށް، "ވީލްޗެއަރ"(wheelchair)ގެ ބަދަލުގައި "ފުރޮޅުލީ ގޮނޑި"އެވެ. އެހެންކަމުން، ޒަމާނާއެކު ތަޢާރަފުވެފައިވާ އައު އުފެއްދުންތަކާއި އައު ކަންކަމަށް ކިޔާނެ ދިވެހި ލަފުޒެއް ނެތްނަމަ އެލަފުޒެއްގެ ތަރުޖަމާ އެއީ މުނާސަބު ގޮތެއްކަމަށް ޤަބޫލު ކުރެވޭނަމަ ލަފުޒުގެ ތަރުޖަމާ ބޭނުންކުރެވިދާނެ އެވެ. މިގޮތަށް، ކަންކުރެވިއްޖެ ނަމަ އަލަށް ތަޢާރަފުވާ ތަކެއްޗަށް ކިޔާނެ ދިވެހި ލަފުޒެއް ނެތިގެން އެކަމުގެ ބަދުނާމު ބަސްވާރުންގެ ބޮލުގައި އެޅުވުމުގެ ފުރުޞަތު ހަނިވާނެއެވެ.

ލަފުޒުތައް އެކި ހަމަތަކުގެ މަތިން އެއްކޮށްލުމަކީ ބަސްކޮށާރަށް ލަފުޒު އިތުރު ކުރުމަށް ކުރެވިދާނެ ކަމެކެވެ. މިގޮތުން، ބަހުގައި ބޭނުން ކުރަމުންދާ ދެ ލަފުޒެއް އެއްކޮށްގެން އައު ލަފުޒެއް އުފެއްދިދާނެއެވެ. މިގޮތަށް ލަފުޒު އުފައްދާއިރު ތަފާތު އުޞޫލުތަކެއް ބޭނުން ކުރެވިދާނެ އެވެ. ފުރަތަމައީ،ނަމަކާއި ނަމެއް އެއްކޮށްލުމެވެ. މިސާލަކަށް، މަސްމިރުސް = މަސް (ނަން) + މިރުސް(ނަން) ފަދަ ލަފުޒު ތަކަކީ ދާދިފަހުން އުފެދިފައިވާ މިފަދަ ލަފުޒެކެވެ. ދެވަނަ ގޮތަކީ، ކަމަކާއި ނަމެއް އެއްކޮށްލުމެވެ. "ފަހާފޮށި" މިއީ،"ފަހާ" (ކަން) އަދި "ފޮށި" (ނަން) އެއްކޮށްލައިގެން އުފެދިފައިވާ ނަމެކެވެ. އަނެއް ގޮތަކީ، ކަމަކާއި ކަމެއް އެއްކޮށްލައިގެން ލަފުޒު އުފެއްދުމެވެ. މިފަދަ އެއްމެ ފުރިހަމަ އެއް މިސާލަކީ "ލިޔަންކިޔަން" އެވެ. މިއީ "ލިޔަން" (ކަން) އަދި "ކިޔަން" (ކަން) އެކުވެގެން އުފެދިފައިވާ ލަފުޒެކެވެ. މީގެއިތުރުން، މިފަދަ އެތަކެއް އައު ގޮތްގޮތަށް ލަފުޒު އުފެއްދި ދާނެއެވެ. އޭރުން، އެހެން ބަސްބަހުގެ ބަސްކޮށާރަށް ލަފުޒު އިތުރުވެފައިވާ އުޞޫލުން ދިވެހި ބަހުންވެސް އެ އުޞޫލުތައް ފެންނާނެއެވެ. އަދި ބަހުގައިވާ ސައިންސީ އުޞޫލުތައް ދިރިގެންދާނެއެވެ.
އިންސާނުން ވާހަކަދައްކާ މަޝްހޫރު ބައެއް ބަސްބަހުގެ ލަފުޒު އިތުރު ކުރުމަށް ބޭނުންކުރާ އުޞޫލުތަކުގެ ތެރެއިން އެއް އުޞޫލަކީ ދެލަފުޒަކުން ބައެއް ނެގުމަށްފަހު އެއްކޮށްލައިގެން އައު ލަފުޒެއް އުފެއްދުމެވެ. މިގޮތަށް ލަފުޒުގެ ބައިތައް ނެގުމުގައި ވަކި އުޞޫލެއް ގެންގުޅޭތީ ފެންނާކަށް ނެތެވެ.

ދިވެހި ބަހަށްވެސް މިއުޞޫލުވަނީ ތަޢާރަފު ކުރެވިފައެވެ. މިސާލަކަށް، "ހަށިހެޔޮ" މިއީ މިފަދައިން އުފެދިފައިވާ ލަފުޒެކެވެ. އެހެނީ، "ހަށިހެޔޮ" އެއީ "ހަށިގަނޑު" އަދި "ހެޔޮވުން" މި ދެލަފުޒުގައިވާ ފުރަތަމަ ދެ އަކުރު ނަގައިގެން އުފައްދާފައިވާ ލަފުޒެކެވެ. އެހެން ލަފުޒަކަށް ބަލާއިރު، "ވަގުލުކުރުން" (ޕްލެގިއަރިޒަމް) ފާހަގަކޮށްލެވެއެވެ. މިއީ "ވަގު" އަދި "ނަކަލުކުރުން" މިދެލަފުޒުގައި ހިމެނޭ ބައިތަކުން ބައެއް ނަގައިގެން އުފައްދާފައިވާ ލަފުޒެކެވެ. އެއީ ފުރަތަމަ ލަފުޒު އެއްކޮށް ބޭނުންކޮށް ދެވަނަ ލަފުޒުގެ ފުރަތަމަ ދެ އަކުރު އުނިކޮށްލައި (ލުކުރުން) މިދެބައި އެއްކޮށްލައިގެންނެވެ. ހަމަ މިފަދައިން އުފެއްދިދާނެކަމަށް ޤަބޫލުކުރެވޭ ލަފުޒެއް އެބައޮތެވެ. އެއީ "އިފުޒު" އެވެ. މިއީ އިނގިރޭސި ބަހުގައި ހިމެނޭ ޑިއެކުޓިކް އެކްސްޕެރެޝަން (މިއީ އިޝާރާތްކުރުމަށް ބޭނުން ކުރާ ލަފުޒުތައް، މިސާލަކަށް އެ ((that، މި(this) ފަދަ ލަފުޒުތައް)ގެ ދިވެހި ލަފުޒަކަށް ހެދިދާނެ ރީތި ލަފުޒެއް ކަމަށް ޤަބޫލުކުރެވެއެވެ. މިލަފުޒު އުފެދިފައިވާނީ "އިޝާރާތްކުރުމަށް ބޭނުން ކުރާ ލަފުޒު" މިބަސްކޯޅީގައި ދަށުރޮނގު ދެމިފައިވާ ބައިތައް ނަގައިގެންނެވެ. ހަމައެހެންމެ، މިލަފުޒާއި ތިމާގެ ލަފުޒެއްގެ ގޮތުގައި "އިފުޒު ފާހަގަ" (ޑިއެކްޓިކް މާކަރ) ބޭނުންކުރެވިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. މިފަދަ ގޮތަކަށް އެތަކެއް ދިވެހި ލަފުޒުތަކެއް ދިވެހި ބަހުގެ ތެރެއަށް ތަޢާރަފު ކުރެވިދާނެއެވެ. މިގޮތަށް ކަންކުރެވިއްޖެ ނަމަ ދިވެހިބަހުގެ ބަސްކޮށާރުގައި ހިމެނޭ ލަފުޒުތަކުގެ އަދަދު ލައްކައިން ގުނާލެވޭނެ ކަމަށް ފެނެއެވެ. 

ދުނިޔޭގައި ބޭނުންކުރާ އެއްވެސް ބަހެއްގައި އެހެން ސަގާފަތްތަކުގެ އަހުލުވެރިން ބޭނުންކުރާ ހުރިހާ ލަފުޒުތަކަށް ބޭނުންކުރާނެ އަމިއްލަ ލަފުޒުތަކެއް ނުހުރެއެވެ. އެހެންކަމުން، ބަސްކޮށާރު މުއްސަނދި ކުރުމަށްޓަކައި އެހެން ބަސްބަހުގައި ހިމެނޭ ލަފުޒުތައް ބަހުގެ ތެރެއަށް ގެންނަންޖެހެއެވެ. ދިވެހިބަހުގައި މިފަދައިން ހުރި ވަރަށް ގިނަ ލަފުޒު ހުރިކަން ހާމަވެއެވެ. މިސާލަކަށް"އިސްކުރު"މިއީ އިނގިރޭސިބަހުގެ"ސްކުރު" (screw) ދިވެހި މަޚުރަޖަށް ފައްތައިގެން ކިޔާ އުޞޫލެވެ. ހަމައެހެންމެ، "ބޯޅަ" މިއީ އިނގިރޭސި ބަހުގެ "ބޯލް" (ball) އިން އުފައްދާފައިވާ ލަފުޒެކެވެ. މިގޮތަށް ލަފުޒުތައް ގެންނަން ޖެހިއްޖެ ނަމަ ބަހުގެ ހަމަތަކައް ފައްތައިގެން އެލަފުޒެއް ބޭނުންކުރުން މުހިއްމެވެ. ވީމާ،ދިވެހި ލަފުޒުނެތް ބޭރު ލަފުޒުތައް ދިވެހި ބަހަށް ގެންނައިރު ދިވެހި ފޭރާން ލައްވާ ގެނައުމުންވެސް ބަހުގެ ބަސްކޮށާރު އިތުރަށް ތަރައްޤީވެ މުއްސަނދިވާނެ އެވެ.

ރަށްފުށުގެ ލަހުޖާތަކުން ލަފުޒުތައް ނަގާ ރަސްމީ ކޮށްގެން ބަސްކޮށާރު މުއްސަނދި ކުރެވިދާނެއެވެ. މިގޮތުން،ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭނުންކުރެވެމުންދާ ލަހުޖާތަކުން ބަހުގެ ތެރެއަށް ގެނެވިދާނެ ރީތި ފުރިހަމަ ލަފުޒުތައް ހޮވާލުމަށްފަހު ބަސްފޮތް ނުވަތަ ބަހުގެ ރަދީފަށް އިތުރު ކުރެވިދާނެއެވެ. މިސާލަކަށް އައްޑޫ ބަހުރުވައިގައި ބޭނުން ކުރާ "މުންނަ" މިއީ މިފަދަ ފުރިހަމަ ލަފުޒެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، "މުންނަ" މިއީ ބައްޕަ ފަރާތު މާމައަށް ބޭނުންކުރާ ނަމެވެ. ރަސްމީ ދިވެހި ބަހުގައި ބައްޕަ ފަރާތު މާމައަށް ކިޔާނެ ޚާއްޞަ ވަކި ލަފުޒެއް ނެތުމުން "މުންނަ" މި ލަފުޒު ރަސްމީ ލަފުޒެއްގެ ގޮތުގައި ފޭރާން އެޅުވިދާނެއެވެ. ހަމައެހެންމެ، "އައްލަރު" މިއީ ވެސް މިއުޞޫލުން ފޭރާން އެޅުވިދާނެ ލަފުޒެކެވެ. މިއީ ލައްޓީގެ ތެރޭގައި ހިމެނޭ ކުދި ވައްތަރަށް އިހަވަންދޫ މަސްވެރިން ކިޔާ އުޅޭ ނަމެކެވެ. ދިވެހިވެއްޓަށް ކަޅި ހިންގާލުމުން މިފަދަ އެތަކެއް ލަފުޒުތަކެއް ފަސޭއިން ފެންނާނެއެވެ. ވެށީގައި ހިމެނޭ މިފަދަ ލަފުޒުތަކަށް ރަސްމީ ހައިސިއްޔަތުދެވިއްޖެ ނަމަ ދިވެހިބަހުގެ ބަސްކޮށާރުން ދިވެހިވަންތަ ލަފުޒުތައް ފެނި އިވިގެންދާނެއެވެ.

ބަހުގައި ހިމެނޭ ޤަދީމީ ލަފުޒުތަކުގެ ހިރަފުސް ފޮޅާލައި ޒަމާނަށް ފައްތައިގެން ބޭނުންކުރުމަކީވެސް ބަސް ދިރުވުމަށް ބަސްކޮށާރު އިތުރުކުރުމަށް ކުރެވިދާނެކަމެކެވެ. މިގޮތުން، ބަހުގެ ތެރޭގައި ހުރި ޤަދީމީ ނަންނަން ހޯދާ ޒަމާނީ ވަސީލަތްތަކާއި ޒަމާނީ ކަންކަމާ ގުޅިގެން އަލަށް އުފަންވާ އެކިއެކި ނަންނަމާއި ކަންތައްތަކަށް އެނަންތައް ދެވިދާނެއެވެ. މިގޮތަށް ނަންދޭ އިރު ދުލަށް ފަސޭހަވާނެހެން ނަމަށް ބަދަލު ގެނެސްގެންވެސް ނަންދެވިދާނެއެވެ. މިފަދަ މަންޒަރުތައް މިވެށިން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ. މިސާލަށް ދިވެހިންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ތަޢާރަފު ކުރެވުން "މަދަނަ" (ސިއްހަތު ރަނގަޅު) އާއި "އާސަންދަ" ފާހަގަކޮށްލެވެއެވެ. "އާސަންދަ" މިއީ ޤަދީމީ ދިވެހި ލަފުޒު "އާސާއްދަ"(ދުޅަހެޔޮ) ދުލަށް ފަސޭހަވާނެހެން ލުއިކޮށްލާ އުފައްދާފައިވާ ނަމެކެވެ. ހަމަ މިއުޞޫލުން މިފަދަ އެހެނިހެން ކަންކަމަށް ނަންތައް ތަޢާރަފު ކުރެވިއްޖެ ނަމަ ބަހުގައި ވަޅުޖެހެމުންދާ ލަފުޒުތައް ދިރި އެލަފުޒުތަކަށް އާރޯކަމެއް ލިބި ލަފުޒުތައް އިތުރުވެގެންދާނެއެވެ.

ދުނިޔޭގެ މަޤުބޫލު ބަސްބަހުގެ ބަސްކޮށާރަށް ލަފުޒު އިތުރުކުރުމަށް ބޭނުންކުރާ ތަފާތު އުޞޫލުތައް ދިވެހިބަހުގެ ބަސްކޮށާރަށް ލަފުޒު އިތުރުކުރުމަށް ބޭނުންކުރެވިދާނެއެވެ. މިގޮތުން، ދިގުނަމަށް ކުރު ނަންނަން ދެވިދާނެއެވެ. ނުވަތަ ކުރުކޮށްލެވިދާނެއެވެ. ނޫންނަމަ، ތަރުޖަމާކުރެވިދާނެއެވެ. ނުވަތަ ދުލަށް ފަސޭހަ އުޞޫލަށް ޤަދީމީ ލަފުޒުތައް ބަދަލުކުރެވިދާނެއެވެ. ބަހުރުވަތަކުގެ ލަހުޖާތަކަށް ރަސްމީ ހައިސިއްޔަތު ދެވިދާނެއެވެ. މި އުޞޫލުތަކުން ގިނަ އުޞޫލުތައް ދިވެހި ބަހުގައި މިހާރުވެސް ބޭނުންކުރަމުންދެއެވެ. މިހާރު ބޭނުންވަނީ އިތުރު ހިތްވަރަކާއެކު ދިވެހިބަސް ދިވެހި ކުރުމުގެ އައު ރޫޙެއް ފައްޓާ މިއުޞޫލުތައް ނަގަހައްޓާ ބަސްތަރައްޤީކުރާށެވެ. ބަހުގެ ތެރެއަށް ލަފުޒުތައް އިތުރުކޮށްގެންނެވެ.


http://www.fanvai.info/images/stories/79_photo/dhives-akuru.jpg

ހަމަމިގަލަމުން

އިދާރާ

ވާހަކަ