އަދުގެ ޚާއްސަ

Print

ފޮތުގެ ތަޢާރުފު (5)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އަރުޝީފު

އަގުހުރި މުތެއް: ރިޔާޟުއްޞާލިޙީން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މި ފަހަކަށް އައިސް ދިވެހި އަދަބިއްޔާތަށް ވަރަށް ބޮޑު މުއްސަނދިކަމެއް ގެނެސްދިން ފޮތެއް ދުނިޔޭގެ އަލިކަން ދެކެފި އެވެ. މަޝްހޫރި ލިޔުންތެރިޔާ އަލްމަރުޙޫމު ބާޑީގޭ މުޙައްމަދުދީދީގެ އަގުހުރި ދަރިކަލުން ފަޟީލަތުއްޝައިޚު އަޙުމަދު ފާރޫޤު މުޙައްމަދު ތަޞްނީފުކުރެއްވި މި ފޮތުގެ ނަމަކީ "ރިޔާޟުއްޞާލިޙީން" އެވެ. މިއީ ނަވަވީ އިމާމު ލިޔުއްވި ޙަދީޘް ޢިލްމުގެ ޝަރަޙައިގެ މައްޗަށް ދިވެހިބަހުން ލިޔުއްވި ޙަދީޘް ޢިލްމުގެ ފޮތެކެވެ. ޙަދީޘް ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމުޙާޞިލްކުރައްވައިފައިވާ މި އަގުހުރި އަދީބުގެ މި އަގުހުރި ފޮތަކީ މުޅި ދިވެހި އުއްމަތަށް ޚާއްޞަކޮށް ދިވެހިބަހުން އިސްލާމީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންނަށް އެ މަނިކުފާނު ކުރެއްވި ވަރަށް އަގުހުރި ހަދިޔާއެކެވެ.

1896 ޙަދީޘާއި އެ ޙަދީޘްތަކުގެ ދިވެހި ތަރުޖަމާއާއި ޝަރަޙައިގެ މައްޗަށް އެކުލެވިފައިވާ މި ފޮތުގައި 1649 ޞަފުޙާ ހިމެނެއެވެ. 24.2 ސެންޓި މީޓަރ ގެ ދިގު 17.3 ސެންޓި މީޓަރގެ ފުޅާ މި ފޮތުގެ ބޯމިނަކީ 5.4 ސެންޓިމީޓަރެވެ. ފޮތް އަތުން އުފުލައިލާއިރު ކިލޯގްރާމެއްގެ ބަރުދަން ފޮތުގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

މި ފޮތުގައި އިމާމު ނަވަވީގެ ފުރިހަމަ ތަޢާރުފެއްވެސް ހިމަނުއްވައިފައި ވެއެވެ. އަދި ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ގެ ބަޔާނަކާއި އޭރުގެ ސްޓޭޓް މިނިސްޓަރ (އަދި މިހާރުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް) ފަޟީލަތުއްޝައިޚު މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބަޔާނެއްވެސް ހިމަނުއްވައިފައި ވެއެވެ.

ފަޟީލަތުއްޝައިޚު އަޙުމަދު ފާރޫޤު މުޙައްމަދުގެ މި އަގުހުރި ޢިލްމީ މަސައްކަތްޕުޅަކީ ދިވެހި ޢިލްމީ އަދި އަދަބީ ޚަޒާނާއަށް އިތުރުވި ވަރަށް އަގުބޮޑު ޖަވާހިރެކެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މި ފޮތް އިސްލާމީ މަރުކަޒުން މިހާރު ގަންނަން ލިބެން އެބަހުއްޓެވެ. ފޮތުގެ އަގެއްކަމަށް މަޢުލޫމާތު ލިބިފައިވަނީ 350 ރުފިޔާއެވެ.
-----------
(ނިމުނީ)
މަޢުލޫމާތު: www.liyuntherin.org އިން

ހަމަމިގަލަމުން

އިދާރާ

ވާހަކަ