އަދުގެ ޚާއްސަ

Print

ސައިމާސައި – ތަފާތު ރަހަމީރު ބުއިމެއް...

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ޝާހީން
 
ސައިމާ ނުވަތަ "ހައިބިސްކަސް" އަކީ ދިވެހިންނަށް އައު މަލަކަށް ނުވާނެއެވެ. ސައިމަލަކީ އޭގައި ވަރަށް ގިނަބާވަތްތަކެއް ހިމެނޭ މަލެއްމެއެވެ. ސައިމަލަށް ސައިމާ ކިޔުނީ ކިހިނެއްވެގެންތޯ ބަލާލަމާ ހިނގާށެވެ. "ސައި" މިބަހަކީ އިނގިރޭސި ބަހުން "ޓީ" ގެ މާނައިގައި ބޭނުންކުރެވޭ ބަހެކެވެ. އަޑުއިވިފައި ނެތަސް ހަގީގަތަކީ "ހައިބިސްކަސް ޓީ" އަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބުއިމަކަށް ބޭނުންކުރާ އެއްޗެއްކަމެވެ.

ސައިމާ ސަޔަކީ ދުނިޔޭގެ ކަންކޮޅުތަކުގައި، ފިނިކޮށް އަދި ހޫނުކޮށްވެސް ބުއިމަށް ބޭނުންކުރާ އެއްޗެކެވެ. މިސައި ތައްޔާރު ކުރަނީ ސައިމަލުގެ ފިޔަތަށް ހިއްކައިގެން އާންމުކޮށް ސައި ތައްޔާރުކުރާ ގޮތަށެވެ. އަދި ސައި ތައްޔާރުކުރަނީ ގަދަ ރަތްކުލައިގެ ސައިމަލުގެފިޔައިންނެވެ.

ލެޓިންއެމެރިކާ، މިސްރު، ސޫދާން، އިރާގު އީރާން، ފިލިޕިންސް، ޖެމެއިކާ އަދި މިނޫންވެސް ގައުމުތަކުގައި ސައިމާ ސަޔަކީ ވަރަށް މަގުބޫލު ބުއިމެކެވެ. "ފްލޯރ ޑެ ޖެމެއިކާ" ގެ ނަމުން މިސައި މަޝްހޫރުވެފައިވާއިރު،  މިސްރުގައި މިބުއިމަށް ކިޔަނީ "ކަރްކަދީ" އެވެ. ބުނެވޭގޮތުގައި މިބުއިމަކީ ފިރުއައުނުންގެ ޒަމާނުގައިވެސް މިސްރުގައި ބޭނުންކުރަމުން  ގެންދިޔަ ބުއިމެކެވެ. ހަމަ އެހެންމެ އިހުގެ ކައިވެނި ހަފްލާ ތަކުގައިވެސްމިސްރު އަދި ސޫދާނުގައި ސައިމާސައި ބޭނުންކޮއްފައިވެއެވެ. މިސްރުގެ އާންމު މަގުތަކުގައި ގާޑިޔާ ވިޔަފާރި ކުރާމީހުން ސައިމާސައި ވިއްކާ ކަމަށްވެއެވެ. ސައިތައްޔާރު ކުރާއިރު، ފޮނިރަހަލެއްވުމަށްޓަކައި ހަކުރު ބޭނުންކުރެއެވެ. ބައެއްގައުމުތަކުގައި މިންޓް އަދި އިނގުރު އެއްކޮށްގެން ސައިތައްޔާރު ކުރެއެވެ. މިސްރުގައި މިބުއިން މަޝްހޫރުވެފައިވަނީ ލޭގެޕްރެޝަރ ދައްކޮއްދޭ ބުއިމެއްގެ ގޮތުގައެވެ.

"ޖާނަލް އޮފް ހިއުމަން ހައިޕަރ ޓެންޝަން" ގައި ބަޔާންކޮއްފައިވާ ދިރާސާ އަކުން ދައްކާގޮތުގައި، ޓައިޕް ޓޫ ޑައިބެޓިކްސް (ހަކުރުބަލީގެ ވައްތަރެއް) ގެ ބަލިމީހުން ސައިމާސައި ބޯނަމަ ލޭގެޕްރެޝަރ ދައްކޮއްދެއެވެ. މިދިރާސާގެ ނަތީޖާ ދައްކާގޮތުގައި، ސައިމާސައި ބުއިމުގެސަބަބުން، އެއްމަސްދުވަސް ތެރޭގައި، އެވްރެޖް ކޮއްބަލާއިރު، 17.97 ކޭ.ޕީ.އޭ އިން 15.03 ކޭ.ޕީ.އޭ އަށް  ލޭގެ ޕްރެޝަރ ދައްވެފައި ވެއެވެ.

2004 ވަނައަހަރު ޕަބްލިޝް ކުރެވުނު "ޖާނަލް، ފައިޓޯ މެޑިސިން (2004؛11:375-82) ގައިވާ ދިރާސާއިން ދައްކާގޮތުގައި ހައިޕަރ ޓެންޝަން ހުންނަމީހުންގެ ލޭގެޕްރެޝަރު،ކޮންމެދުވަހަކު ސައިމާސައި ބުއިމުގެސަބަބުން ފާހަގަކޮށްލެވޭވަރަކަށް ދައްކޮށްދެއެވެ. މިދިރާސާގައި 70 މީހުން ބައިވެރިވިއެވެ. އޭގެތެރެއިން ދެބައިކުޅައެއްބައި މީހުންނަށް 16 އައުންސްގެ ސައިމާސައި މަސްދުވަސްވާންދެން ކޮންމެދުވަހަކު ހެނދުނުކެއުމުގެކުރިންދެވުނެވެ. އަދި އަނެއްބައި މީހުންނަށް، "އެންޓި ހައިޕަރޓެންސިވް" ބޭހެއްކަމަށްވާ "ކެޕްޓޯޕްރިލް"ގެ 25 މިލިގްރާމްގެ ބޭސްގުޅަ ދުވާލަކު ދެފަހަރު ދެވިފައިވެއެވެ. އޭގެ އެއްމަސްފަހުން ޗެކްކުރިއިރު ސައިމާސައި ދެވުނުމީހުންގެ79 އިންސައްތަ މީހުންގެ ލޭގެޕްރެޝަރ މަދުވެގެން 10 ޕޮއިންޓް ދައްވެފައިވއެވެ. އަދި ޑޮކްޓްރީ ބޭސްދެވުނުމީހުންގެ 82 އިންސއްތަ މީހުންގެ ލޭގެޕްރެޝަރވެސް މަދުވެގެން 10 ޕޮއިންޓް ދަށްވެފައިވެއެވެ.

އާދައިގެ ސަޔަށްވުރެ ސައިމާސައިގެ ފާހަގަކޮއްލެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކެފެއިން އެކުލެވިގެން ނުވުމާއި، މިސައިގައި ވިޓަމިންސީ މަތީގުނައަކަށް އެކުލެވިގެންވުން ހިމެނެއެވެ. އަދި އާދަޔާހިލާފު މީރުރަހަޔެއް މިސައިގައި ހުރެއެވެ. މީގެއިތުރުން މީރުވަހަކާއި ފާހަގަކޮއްލެވޭ ގުދުރަތީ ރީތިކުލައެއް މި ބުއިމަށް ލިބިގެންވާއިރު، އުތުރުއެފްރިކާގައި ވަރަށް ކުރިއްސުރެ މިއީ ހަށިގަނޑު ފިނިކަންމަތީ ބަހައްޓައިދޭ ބުއިމެއްގެގޮތުގައި މަޝްހޫރުވެފައިވާ ބުއިމެކެވެ.

ސައިތައްޔާރުކުރުމަށް ނޫނަސް ސައިމަލަކީ ތަފާތު ބޭނުމަށް ބޭނުންކުރާ އެއްޗެކެވެ. ފިލިޕިންސް ބަހުން ސައިމަލަށް ކިޔަނީ "ގުމަމެލާ" އެވެ. މިއީ ކުޑަކުދިން ބޮކިއަރުވަން ބޭނުން ކުރާއެއްޗެކެވެ. ގަހުގެފަތާއި ސައިމާ، އޮލަދިޔަ ނުކުންނަންދެން ފިސްކުރުމަށްފަހު، ފަޅޯއޮނު ބޭނުންކޮށްގެން ބޮކިއެރުވުމަށް ފިލިޕންސްގެ ކުޑަކުދިން ބޭނުންކުރެއެވެ. ފްރެންޗް ޕޮލެނީސިޔާގެ ރަށެއްކަމަށްވާ ތަހިޓީގެ އަންހެނުން އިހުގައި ، ހުސްހަށިބަޔަށް ހުރިކަން ދޭހަކޮއްދިނުމުގެ ގޮތުން ރަތްސައިމާ އެމީހުންގެ ކަންފަތުގައި ފަހަތުންވާގޮތަށް ހަރުކޮށްފައި ހުރެއެވެ. އަދި މިނޫނަސް ސައިމަލުގެ ބާވަތެއްކަމަށްވާ "ހައިބިސްކަސް ސިރިއަކަސް" އަކީ ދެކުނުކޮރެޔާގެ  ގައުމީމާވެސްމެއެވެ.

(ނިމުނީ)


ރިފަރެންސް:
http://nilevalleyherbs.com
http://en.wikipedia.org


މި ލިޔުން؛

    ފޮނުވުން:    
އަޙްމަދު ޝާހީން
    އަލުންބެލުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ