އަދުގެ ޚާއްސަ

Print

ސާދަ ވިލޭރޭ (11)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހިމް ވަހީދު

                                                                (21 ނޮވެމްބަރ 2011 ގުޅޭ)
"ޝޮކެއް ލިބިފައޭ މިހިރީ!" ހިތްހަމަނުޖެހިފައި ސައީދަ ބުންޏެވެ. "ބަނޑުބޮޑުވީތީ. ވެގެން ނުވާނެއްނު."

"އަނެއްކާ ވެސް ބުނީއޭ." ހައިރާންވެފައި މޫސަ ބުންޏެވެ. "ކީއްވެގެންހޭ ވެގެން ނުވާނީ."
އެ ސުވާލުގެ ޖަވާބު ދިނުމަށްޓަކައި ސައީދާ ހުއްޓުނެވެ. އަނގަ ހުޅުވައިލި އެވެ. އެކަމަކު، އެއްވެސް ބަހެއް ބޭރެއްނުވި އެވެ. ސައީދާ ބުނާ އެއްޗެއްގެ ސަބަބުން ދެން ނުކުންނާނެ މައްސަލަ މާ ބޮޑުވާނެކަން ސައީދާ އަށް އެނގެ އެވެ.

"އަޅާނުލާ" ސައީދާ ބުންޏެވެ.
ސައީދާ ހިނގައިގަތުމުން މޫސަ ވެސް ފަހަތުން ހިނގައިގަތެވެ. އެނބުރިލާފައި ކަޅިއަޅާލީ ހޮސްޕިޓަލުގެ ދޮރުވާނެވެ. ނުވަތަ އޭނާގެ ސިފައިގައި ހުރި ނާޒިމާ އެވެ. މޫސައަށް ނުވިސްނުނަސް، ސައީދާ އެބުނާ އެއްޗެއް ނާޒިމާއަށް ވިސްނެއެވެ. ބަނޑުބޮޑުވުން އެއީ ސައީދާއަށް ލިބޭ ޝޮކަކަށް ވާނީ ކީއްވެގެންކަން ނާޒިމާ އަށް އެނގެ އެވެ. ނާޒިމާ އިންތިޒާރުކުރަނީ މޫސައަށް އެކަން ފަޅާއަރާނެ ވަގުތަކަށެވެ. އެއީ މާ ދުރުގައި އޮތް ދުވަހެއް ނޫންކަން ވެސް ނާޒިމާ އަށް އެނގެއެވެ.

ޕާޓީ އަށް ދިއުމަށްޓަކައި މޫސަ އާއި ސައީދާ ތައްޔާރު ވަނީ އެވެ. ވަގުތަކީ ރޭގަނޑެވެ. އެއީ، ސައީދާގެ އެކުވެރިއެއްގެ ކައިވެނި ޕާޓީ އަށް ލިބިފައިވާ ދައުވަތެކެވެ.

"އެތަނަށް ގޮސް ކޮންމެ ކޮންމެ އެއްޗެއް ނުކާތި ސައީ." މޫސަ ބުންޏެވެ. "މިހާރު ސައީ އުޅެންވާނީ ވަރަށް ބަލައިގެން. މަށަށް ފެންނަނީ އެ ތަނަށް ދިޔަސް، ކުޑަ ގޮތެއް ހަދާލައިގެން ގެއަށް އައއިސް ކާން."
"އަދި ދެވިގެންތާ އެގޭނީ އެތަނުގައި ހުރި އެއްޗެއް." ސައީދާ ބުންޏެވެ. "މަށަކަށް ހިއެއްނުވޭ އެ މީހުން ކާއެއްޗިއްސަށް ވިހައެއް އަޅާފަ ހުންނާނެ ހެނެއް. އެއީ ވަރަށް ލިބޭ ބައެކޭ. ކޮބައިތަ ބޮލުގަ އައްސާ ޕިންކު ވޫލްކޮޅު؟"
ސައީދާ ވޫލްކޮޅު ހޯދަން ފެށިއެވެ. ތަންތަން ހޯދަމުންގޮސް އެނދުތަންދޮށް ވެސް ބަލައިލި އެވެ. ކުއްލިއަކަށް ސައީދާ އަށް ފެނުނީ ރަތްކުލައިން ދިއްލިފައިވާ ދެލޮލެވެ. ހަޅޭލަވައިގެންފައި ސައީދާ ތެދުވި އެވެ.

"ކިހިނެއްވީ؟ ވޫލްކޮޅު ދަތް އެޅީތަ؟" މޫސަ ސަމާސާ ކޮށްލިއެވެ.

ސައީދާ އަނެއްކާވެސް ގުދުވެފައި ބަލައިލި އެވެ. އެއީ ހީއެކެވެ. އެތަނަކު އެއްވެސް އެއްޗެއް ނެތެވެ.
"ކިހިނެއްވީ؟ މޫސަ އަނެއްކާވެސް އެހިއެވެ. އެ ވަގުތު، ވޫލްކޮޅު ވެއްޓިފައި އޮއްވާ މޫސައަށް ފެނުނެވެ. "މިއޮތީ ވޫލްކޮޅު. އަވަސްކޮއްގެން ނުކުންނަމާ ހިނގާ."

ސައީދާގެ ހިތުގައި، އެތައް ފަހަރަކު ސުވާލު އުފެދުނެވެ. އެއީ ހަމަ ސައީދާއަށް ހީވިގޮތްބާ އެވެ.
ތައްޔާރު ވެގެން ދެމަފިރިން އެކުގައި ނުކުތެވެ.
"އަހަނ!" ގަޑިއަށް ކަމަށް ހީކޮށް އަތުކުރި އަށް ބަލައިލާފައި މޫސަ ބުންޏެވެ.
"މިހާރު އެއައީ ގަޑި ބާއްވާފަ.!" ސައީދާ ބުންޏެވެ. "އަނެއްކާވެސް ވަންނަންވީ؟ އެކަމަކު ބުނާނެ އަހަރެންނާ ހެދިއޭ ތަންތަނަށް ދާން ލަސް ވަނީ. ދެން ހިނގާ ގަދިނާޅާ ދަމާ.”
"އަންނާނަން!" އެތެރެ އަށް ހިނގައިގަނޮނަމުން މޫސަ ބުންޏެވެ.
މޫސަ ހިނގައިގަތް ވަގުތު، މޫސަ ގަމީހުގައި ހުރި ލައްގަނޑެއް ސައީދާ އަށް ފެނުނެވެ.
"އިހަށް އައިސްބަލަ! " ސައީދާ ބުންޏެވެ.
މޫސަ އައުމުން އެ ލައްގަނޑުގައި ސައީދާ އަތްހާކާލިއެވެ.
"މީ މިހާރު ކޮންތާކުން ޖެއްސި އެއްޗެއް؟" ސައީދާ އެހިއެވެ. "ނުފިލާނެ ! ގަމީސް ވެސް ބަދަލުކޮށްގެން އަންނާތި! އަހަރެން ހުންނާނަން މި ތާ! ދެން އަނެއްކާ ނުވަދެވޭނެ އެތެރެއަކަށް."
މޫސަ ވެސް އެ ލައްގަނޑަށް ބަލަމުން، ފިލާތޯ އަތް ހާކަމުން ގެ އަށް ވަނެވެ. ސައޫދާ ހުރީ މަގުމަތީގަ އެވެ. މޫސަ އެތެރެ އަށް ވަދެފައި، ގަނޑިއަޅާފައި، އަލަމާރި ހުޅުވާލި އެވެ. އަދި ގަމީސް ނަގާފައި އަލަމާރީގެ ދޮރު ލައްޕާލި ވަގުތު، ދޮރުގެ ބިއްދޮށުގައި، ހުރި ނާޒިމާގެ ހުދުކުލައިގެ މޫނު ފެނުމުން ނެވެ. ސިއްސައިގެން ގޮސް މޫސަ ފަހަތަށް ދިޔަ ވަގުތު އެނދުގެ ފަޑީގައި އުޅަބޮށި ޖެހުނެވެ. ވީތަދުން އުޅަނބޮށީގައި ފިރުމާލާފައި ދެން ބަލައިލިއިރު ނާޒިމާ އެއް ނެތެވެ.   
"މީ ދެން ކިހާ ވަރުގަދަ ކަމެއް؟" މަޑުމަޑުން މޫސަ އަށް ބުނެވުނެވެ.
ގަމީސް ބަދަލުކޮށްލައިގެން މޫސަ ނުކުތްއިރު ސައީދާ އެއް ނެތެވެ.
"މިހާރު އޭނަ ކޮންތާކަށް މި ދިޔައީ؟"މޫސަ އަށް ބުނެވުނެވެ.އަދި ގޮވާލި އެވެ.
"ސައީ؟"
އެއްވެސް ޖަވާބެއް ނުލިބުނެވެ. މޫސާ ވަށައިގެން ހޯދާލި އެވެ. ކުއްލިއަކަށް މޫސާ އަށް ފެނުނީ މޫސަ އުޅޭ ގޭގަ ހޮޅިބުރިއެއް ދިއްލުނު ތަނެވެ. ގެއިން ނުކުންނަމުން މޫސަ ދިއްލީ ބޮތްކެވެ. ހޮޅިބުރި ދިއްލުނީ ކީއްވެގެން ހެއްޔެވެ؟ އޭގެ އިތުރަށް ހޮޅިބުރި ދިއްލީ ކާކު ހެއްޔެވެ؟ ގެއަކު އެހެން މީހަކު ނޫޅޭނެ އެވެ. މޫސަ އަނެއްކާ ވެސް ގެ އަށް ވަންނަން ހިނގައިގަތެވެ. ދޮރުކައިރި އަށް ހުއްޓިފައި ދޮރަށް ތަޅުދަނޑިޖަހަން އުޅުނިކޮށް ކުއްލިއަކަށް ދޮރު ހުޅުވުނެވެ. ކުރިމަތީގައި ހުރީ ސައީދާ އެވެ. އޭނަ ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. މޫސަ ވެސް ހައިރާންވެގެން ބަލަހައްޓައިގެން ހުރީ އެވެ.
"ކިހިނެއް ސައީ އެތެރެ އަށް ވަނީ؟" މޫސަ އެހި އެވެ.


"ދޮރު ހުރީ ތަޅުނުލާ! "ސައީދާ ބުންޏެވެ. "ކިހިނެއް މޫސާ ބޭރަށް ނުކުތީ؟ މަށެއް ނުދެކެން މޫސައެއް."
ވީގޮތް، ދެ މީހުންކުރެ އެކަކަށް ވެސް ނޭނގުނެވެ.                               
"ހާދަ ހެއްވައޭ!" މޫސަ ބުންޏެވެ. "އަހަރެން ނުކުތްއިރު ސައީ ނެތް ފެންނާކަށް."
"އަހަރެން މިތާ ހުރެހުރެ ފޫހިވެގެން އައިސް ދޮރުގެ ހިފާލިއިރު ދޮރު ހުރީ ހުޅުވާފަ."ސައީދާ ބުންޏެވެ.
"އެހެންވެ އެތެރެ އަށް ވަދެގެން މި ހޯދަނީ މޫސަ." ސައީދާ ބަލަން ހުންނަނީ ތަންކޮޅެއް ތަފާތު ގޮތަކަށެވެ. މޫސަ އަށް އެ ކަން ފާހަގަކުރެވުނެވެ.
"ދެން ކީކޭ ބުނާނީ؟ ހިނގާދަމާ!" މޫސަ ބުންޏެވެ.                    
ސައީދާ ނުކުތެވެ. މޫސަ ދޮރު ތަޅުލި އެވެ. އެ ފަހަރު ޔަގީނުން ވެސް މޫސަ ދޮރު ތަޅުލި އެވެ. އެކަމަކު، ކުރިން ތަޅުލެވުނުކަން މޫސަ އަށް ޔަގީނެއް ނޫނެވެ.     
ދިޔަ މަގުމަތީގައި މޫސަ އަށް ކުޑަކޮށް އުނދަގޫވާން ފެށި އެވެ. އިރުއިރުކޮޅާ ސައީދާ އަށް ބަލައިލެ އެވެ. ބަލައިލާއިރު ސައީދާ ހުންނަނީ ބަލަހަށްޓައިގެންނެވެ.
"ކީއްވެ ތިވަރަށް ތި ބަލަނީ؟" ސައީދާ އެހި އެވެ.
"ކީއްވެ ސައީ އަބަދު މަށަށް ބަލަހަށްޓައިގެން ތި ހުންނަނީ؟ "މޫސަ ސުވާލް ކުރިއެވެ.
ކުއްލިއަކަށް މޫސަ އަށް ފާހަގަކުރެވުނީ ސައީދާގެ ބޮލުގައި އައްސާފައިވާ ވޫލްކޮޅެވެ. އޭގެ ކުލަ އަކީ ކަޅުކުލައެވެ.
"ސައީ ބޮލުގައި ކުރިން އައްސައިގެން އުޅުނީ ޕިންކް ވޫލްކޮލެއް ނޫންތަ؟ " މޫސަ އެހި އެވެ. ކުއްލިއަކަށް ސައީދާ ހުއްޓިފައި ބޮލުގައި އަތްޖައްސާލި އެވެ.
"މަ ހީކުރީ ވޫލްކޮޅު ނެތޭ ބުނަން އުޅެނީ ކަމަށް." ސައީދާ ހަމައެކަނި ބުނީ އެހެންނެވެ.
އަނެއްކާ ވެސް ސައީދާ ހިނގައިގަތެވެ. މޫސަ ކުޑަކޮށް ޖެހިލުންވާން ފެށި އެވެ. އެހެންކަމުން ހުއްޓިގެން ހުރީ އެވެ. ސައީދާ އެއީ އަސްލު ސައީދާބާއޭ މޫސަގެ ހިތަށް އަރަން ފެށި ސަބަބެއް މޫސައަކަށް ވެސް ނޭނގެ އެވެ. މޫސަ ހުއްޓިގެން ހުރުމުން ސައިދާ ވެސް ހުއްޓުނެވެ. މޫސަ އަށް ބަލައިލި އެވެ.
"ކިހިނެއްވީ؟" ސައީދާ ހައިރާންވެފައި އެހި އެވެ. "ނުދަނީތަ؟"
"އަހަރެން ކުރި ސުވާލަށް ސައީ ޖަވާބެއް ނުދެމެއްނު."މޫސަ ބުންޏެވެ.           
ސައީދާ އައިސް މޫސަގެ ކައިރި އަށް ހުއްޓުނެވެ. އެ ވަގުތަކީ، މަގުމަތި ވަރަށް ފަޅު ވަގުތެވެ.     
"ކޮން ސުވާލެއް؟" ސައީދާ އެހި އެވެ.
"ވޫލްކޮޅު؟" މޫސަ ހަނދާންކޮށްދިނެވެ.
"ސާބެހޭ މޫސާ އަށް." ސައީދާ ޗޮކެއް ކަނދާފައި ބުންޏެވެ. "މި ހެދުމާ ނުގުޅޭތީ މަ ދެންމެ ގެއަށް ވަން ވަގުތު ޗޭންގުކޮށްލީއޭ. ދެން އެއީ އެވަރުގެ ކަމެއްތަ؟"
މުސާ އެވާހަކަ ގަބޫލުކުރި އެވެ. ހިތުގައިވާ ޝައްކުގެ ކޮންމެވެސް މިންވަރެއް ފިލިވެސް މެއެވެ.
ޕާޓީއަކީ، ރަށެއްގައި ބޭއްވި ހަފުލާއަކާ ބަލާފައި، ކިތަންމެހާ ވެސް ފުރިހަމަ ހަފުލާއެކެވެ. މޫސާ އާއި ސައިދާ އަށް އެ ހިސާބަށް ދެވުނުއިރު، ރަށުގެ އެންމެން ކަހަލަގޮތަކަށް އޮތި އެ
ތަނަށް ޖަމާވެފަ އެވެ. ލަވައިގެ އަޑު ކިތަންމެ މަޑު ނަމަވެސް، މީހުންގެ ހުނުމުގެ އަޑާއި ހަޅޭއްލެވުމުގެ އަޑު ވަރަށް ގަދަ އެވެ.
ތައްޓަށް އެއްޗެހި އަޅައިގެން ސައީދާ ހިނގައިގަތްއިރު މޫސާ ހުރީ އެއްޗެހި އަޅާށެވެ.ވުމާއެކު، ކުރިން އައިސް ގޮޑީގައި އިށީނީ ސައީދާ އެވެ. ފަހުން މޫސަ އައިސް ސައީދާ ކައިރީގައި އިށީނެވެ.

"ތީ ކޮންތާކުން ހޯދި އެއްޗެއް؟" މޫސަ ތަށީގައި ހުރި ސެލެޑަކަށް އިޝާރާތްކޮށްފައި ސައީދާ އެހި އެވެ.
"ހަމަ އެ ތަނުން." މޫސަ ބުންޏެވެ. "ސައީ މާ އަވަހަށް ވިއްޔަ ތި އައީ؟ ނަގަ އެތިކޮޅެއް."
"އޭރުން މޫސަ އަށް މަދުވާނެ. އަހަރެން އަންނާނަން އަޅައިގެން." ސައީދާ ތެދުވަމުން ބުންޏެވެ.
މޫސަ ހަމަޖެހިލައިގެން ކާން ފެށި އެވެ. އެ ވަގުތު ނާޒިމާ ވަދެގެން އައެވެ. އަދި މޫސަގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. މޫސަ އަށް ނާޒިމާ ފެނުނީ ގޮނޑީގައި އިންދައެވެ. އެހެން ކަމުން މޫސަ ސއްސައިގެންދިޔަ އެވެ.

    (ނުނިމޭ)



މި ވާހަކަ:
            ޓައިޕްކޮށް ފޮނުވުން:  އެލީނާ
            އަލުން ބެލުން:     އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
            ޝާއިޢުކުރުން:     އަޙްމަދު ސަމީޢު       "

އިދާރާ

އެނގޭތަ؟

ވާހަކަ