އަދުގެ ޚާއްސަ

Print

ހުވަފެން ހަނދާން ބަހައްޓާނީ ކިހިނެތް؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ޝާހީން


އިނގިރޭސިބަހުން "ޑްރީމް" އަކީ ހުވަފެނެވެ. ހުވަފެން ފެންނަނީ ކީއްވެހެއްޔެވެ؟ މިއީ  ޖަވާބުދެވިފައިނުވާ ސުވާލެކެވެ. މިލިޔުމުގައި މިހިމަނާލަނީ ސްލީޕް އެކްސްޕާޓެއް ކަމަށްވާ ކޭސްޕާ ޕޮސްޓަވުސްކީ ގެ ފޮތްކަމަށްވާ "Vivid Dreams- unlocking shadow memories " މިފޮތުގައި ކޭސްޕާ ގެނެސްދީފައިވާ ހުވަފެން އިއްޔެވީ ކަމެއްހެން ހަނދާން ބަހައްޓާނެ އުކުޅުތަކެއް ނުވަތަ ޓެކްނިކް ތަކެކެވެ. މިއީ އެހާ އުނދަގޫ ކަމެއްނޫނެވެ.

ރޭގައި ފެނުން ހުވަފެން ހަނދާން އެބަހުރި ހެއްޔެވެ؟ ނޫނީ ކުރީރޭ ފެނުން ހުވަފެން ހަނދާނުގައި އެބަހުރި ހެއްޔެވެ؟ އާންމުކޮށް ހަނދާނެއް ނުހުންނާނެއެވެ. އެހެންނަމަވެސް ކުޑައިރުކޮޅެއްކުރިން ނިދާހޭލާފައި މިލިޔުން ކިޔާނަމަ ފަހަރެއްގައި ދެންމެ ފެނުން ހުވަފެން ހަނދާނުގައި ހުރެދާނެއެވެ. އަޅެވިސްނާލަބަލާށެވެ.

އަހަރެމެންނަށް ހުވަފެން ފެންނަނީ ނިދާފައި ތިބޭ ވަގުތުކަން އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް ސައިންޓީފިކް ހެކިތައް ބުނެދެނީ ހުވަފެން ފެންނަނީ ނިދީގެ ފަސްވަނަ ސްޓޭޖްގައި ކަމެވެ. އާރް.އީ.އެމް. ނުވަތަ ރެޕިޑް އައި މުވްމަންޓް ސްޓޭޖެވެ.ނަމަވެސް ބައެއް ފިލޯސަފަރުން، މިކަމާ އެއްބަހެއް ނުވެއެވެ. ސަބަބަކީ، މި ސްޓޭޖްގައި ނޫނަސް މަދުފަހަރަކު އެހެން ސްޓޭޖް ތަކުގައިވެސް ހުވަފެން ފެންނަކަމަށް ސައިންޓިފިކް ރިސާޗްތައް ހެކިދޭތީ އެވެ.

ހުވަފެން ހަނދާނުގައި ބަހައްޓަން އެންމެފުރަތަމަ "ކޮންޝިއަސް" އަދި " ސަބްކޮންޝިއަސް" މެމޮރީ އަކީ ކޮބައިކަން ދަސްކުރަންޖެހެއެވެ. "conscious mind" ގެ ބަދަލުގައި ދިވެހި ބަހެއް ގެނެސްފިނަމަ އަސްލު މާނަ އޮޅިދާނެއެވެ. އެހެންކަމުން "ކޮންޝިއަސް މައިންޑް" މިގޮތަށް މިލިޔުމުގައި މުހާތަބު ކުރަމުން ގެންދާނަމެވެ.

ފުރަތަމަ ކޮންޝިއަސް މައިންޑް އަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. އެއީ ކާރުގެ ޑްރައިވަރު ކަމަށް ބަލާށެވެ. ކާރަކީ ތިބާގެ ހަށިގަނޑާއި ސިކުނޑި ކަމަށް ބަލާށެވެ. ކާރުގެ ހުންގާނު ހިފުމާއި، ބުރަކި ޖެއްސުމާއި މިފަދަ މުހިންމު ކަންކަން ކުރަނީ ކާރުގެ ކޮންޝިއަސް މައިންޑުންނެވެ. ކުރިން ބުނިފަދައިން އެއީ ކާރުގެ ޑްރައިވަރެވެ. ކޮންޝިއަސް މައިންޑް އަކީވެސް ސިކުނޑީގެ ބަޔެކެވެ. ކޮންޝިއަސް މައިންޑްގައި ހުންނަނީ އެވަގުތަށް މުހިންމު ކަންތައްތަކެވެ. ނުވަތަ އެކަންތައްތަކާއި ބެހޭ ވިސްނުމެވެ.

ސަބްކޮންޝިއަސް މައިންޑް އަކީ ކާރުގެ އިންޖީނު ފަދަ އެއްޗެކެވެ. ނުވަތަ އިންޖީނު ފަދައިން ކާރުގެ ދުވލިގެނެސްދޭބައިތަކެވެ. ސަބްކޮންޝިއަސް މައިންޑުން ވިސްނަނީ ލޮޖިކް ބޭނުން ކޮއްގެންނެވެ. ކޮންޝިއަސް މައިންޑުން ލިބޭ ހުރިހާ މައުލޫމާތެއް ޕްރޮސެސް ކޮށް ތަޖުރިބާތައް އިހުސާސް ތަކާއި ގުޅުވާލަނީ ސަބްކޮންޝިއަސް މައިންޑުންނެވެ.

ކާރުދުއްވަމުންދާއިރު، ކާރުގެ އިންޖީނުގެތެރޭގައި ކަންތައް ވަނީ ކިހިނެއްކަމެއް ތިބާ ކުޑަކޮށްވެސް ވިސްނަޔެއްނުލާނެއެވެ. ފިސްޓަންތައް އެތައްފަހަރަކު ނެގިނެގިފައި ޖެހޭކަމާއި، ނަރުތަކުން ކަރަންޓްދަތުރުކުރާކަން ސިކުނޑީގައި  ނުވެސް ހުންނާނެއެވެ. މިމައުލޫމާތުތައް ހުންނަނީ ސަބްކޮންޝިއަސް މައިންޑްގައެވެ.  

މިހާރު މިލިޔުން ކިޔަމުންގެންދާއިރު މިލޔުން ފަހުމުވުމާއި، ކޮމްޕިއުޓަރ މައުސްއިން ސްކްރޯލް ކުރުމާއި، ނުވަތަ ދާންޖެހިފައިވާ ޖަލްސާއެއްގެމަތިން ވިސްނުމާއި، މިލިޔުން ކިޔާނިމިގެން ދެން އޮތީ ފޭސްބުކްގެ ސްޓޭޓަސް އަޕްޑޭޓް ކުރުންކަން، މިފަދަ ހުރިހާ ވިސްނުމެއް ވިސްނަމުން ގެންދާނީ ކޮންޝިއަސް މައިންޑުންނެވެ. ނަމަވެސް ހަމަ މިލިޔުން ކިޔަމުން ގެންދާއިރު، ޖަހާފައި ހުރި ފަންކާގެ އަޑާއި، ތިބާ ނޭވާލާ އަޑާއި، އެސްފިޔަ ޖެހޭކަމާއި، ދުލުގެތެއްކަން، މިހުރިހާކަމެއވެސް ޕްރޮސަސްކުރަމުން ގެންދާނީ ސަބްކޮންޝިއަސް މައިންޑުންނެވެ.

މިހާރު ސަބްކޮންޝިއަސް މައިންޑާއި، ކޮންޝިއަސް މައިންޑްގެ ތަފާތު  ފަހުމުވެއްޖެކަމަށް އުންމީދު ކުރަމެވެ. ދެންއޮތީ ހުވަފެނީ އާލަމަށް ކުރެވޭދަތުރުގެ ފެށުމެވެ. ކުޑަކުއްޖަކު ހުވަފެން ސިފަކޮއްފައިވަނީ ކުޅޭއެއްޗެހީގައި އަގުނުޖަހާހުރި ހަމައެކަނި ތަނުގެގޮތުގައެވެ. މަޝްހޫރު ފިލްމް އެލިސް އިން ވޮންޑާރލޭންޑް ގައި އެލިސް ބުނާގޮތުން ހުވަފެނުގައި އެއްވެސް މީހަކަށް ތިބާއަށް އެވެސް ގޯނާއެއް ނުކުރެވޭނެއެވެ. އެހެންކަމުން ހުވަފެނީ އާލަމަށް ކުރާ މިދަތުރަށް ތައްޔާރުވަމާ ހިނގާށެވެ.

ހުވަފެން ހަރުލާފައި ހުންނަނީ އަހަރެމެންގެ ސަބްކޮންޝިއަސް މައިންޑްގައެވެ. ނިދާފައިތިބޭވަގުތު އަހަރެމެންގެ ކޮންޝިއަސް މައިންޑްވެސް އެއްކޮށް ނިދައެވެ. އެހެންކަމުން އަހަރެމެންގެ ހުވަފެންތައް ކޮންޝިއަސް މެމޮރީ ނުވަތަ ކޮންޝިއަސް މައިންޑަށް ވަންނަ ގޮތެއްނުވެއެވެ. ނަތީޖާއަކަށް ވަނީ ކިތަންމެވަރަކަށް ކޮންޝިއަސް މައިންޑުން ހުވަފެންތައް ހަނދާން ކުރަން އުޅުނަސް ހަނދާންވާ ގޮތެއނުވެއެވެ.

އެކަމަކު ބައެއްފަހަރު ހުވަފެން ހަނދާނުގައި ހުންނަނީ ކީއްވެހެއްޔެވެ؟ ގިނަފަހަރު ހަނދާނުގައިހުންނަނީ ހުވަފެނުން ވަރަށް ކުޑަ މިންވަރެކެވެ. ހެނދުނު ހޭލާވަގުތު ހުވަފެން ހަނދާނުގައި ހުރޭނޫންހެއްޔެވެ! ނަމަވެސް ގިނައިރުވީވަރަކަށް ހުވަފެން ހަނދާންނެތެއެވެ. ތިބާ އަށް މިގޮތަށް ދިމާނުވޭހެއްޔެވެ؟  މާދަން ހެނދުނު ހޭލާއިރު ވާގޮތެއް ނިކަން ތަޖުރިބާކޮއްލަބަލާށެވެ.

ނިދާހޭލާއިރު ސަބްކޮންޝިއަސް މައިންޑްއާ އެއްކޮށް ގުޅުމެއްނުކެނޑޭނެއެވެ. ނިދާހޭލާ ވަގުތު ހަރަކާތްތެރިކަން ލަސްކަން ފާހަގަނުކުރެވޭހެއްޔެވެ؟  ދެން މަޑުމަޑުން ސަބްކޮންޝިއަސް މައިންޑްއާ ގުޅުންކެނޑި، ކޮންޝިއަސް މައިންޑްއަށް ޓިޔުނުވެދެއެވެ. ކަންނެއްކަމާއި ލޮޑުކަން ފިލާ، ހަރަކާތްތެރިވާ ހިސާބުން، ހުވަފެންތައް ހަނދާން ނެތެއެވެ.

އެހެންކަމުން ހުވަފެން ހަނދާނުގައި ބެހެއްޓުމަށްޓަކައި ނިދުމުގެ ކުރިން ނިދާހޭލާގޮތަށް އެނދުގައި އޮވެގެން އަތުޖެހޭނެ ހިސާބުގައި ފޮތަކާއި ގަލަމެއް ބާއްވާށެވެ. ނިދާހޭލެވޭއިރު، ހަނދާނުގައި ހުވަފެން ހުންނާނެއެވެ. ނަމަވެސް ގިނަމީހުންނަށް އަންކޮންޝިއަސް މައިންޑާއި އަވަހަށް ގުޅުންކެނޑި، ހުވަފެނުގެ 99 އިންސައްތަ ހަނދާންނެތެއެވެ. އެހެންކަމުން އަންކޮންޝިއަސް މައިންޑާއި ގުޅުން ގާއިމް ކުރަން ތަމްރީނުވާންޖެހެއެވެ.

މިގޮތަށް ކަންތައްކުރުމަށްޓަކައި، ނިދާހޭލާވަގުތު ހުވަފެނުގެ "ކީވާރޑް" ތައް ހުސްތަން ދޫކުރަމުން އަވަސް އަވަހަށް ލިޔެލާނީއެވެ. މިސާލަކަށް؛ ހަވީރު.......ވައިޖެހޭ........ފޮތް..........ރަހުމަތްތެރިޔާ .....ހިނގާލަން. މިކަހަލަ ގޮތަކަށް ލިޔެވިދާނެއެވެ. ދެން އެއަށްފަހު ހުވަފެން ތަފްސީލުކޮށް ލިޔަންފަށާނީއެވެ. ހަނދާންވި ވަރަކަށް ލިޔުމަށްފަހު ހުވަފެން އަމިއްލަޔަށް ކިޔާލާނީއެވެ. އަދި ކިޔަމުން ދާވަރަކަށް ހުވަފެނުގެ މަންޒަރުތައް ހިޔާލަށްގެންނާށެވެ. ދެން ދުވަހުގެ ފަހުގެ ވަގުތެއްގައި ތިބާ ލިޔުނު ހުވަފެން އަލުން ކިޔާލާށެވެ. ވަރަށް ފަސޭހަ، އެހެންނޫންތޯއެވެ؟

މިގޮތަށް ކަންތައްކުރި ވަރަކަށް ތިބާގެ ކޮންޝިއަސް މައިންޑާއި އަންކޮންޝިއަސް މައިންޑްގެ ގުޅުން ވަރުގަދަވާނެއެވެ. އަދި ކޮންމެދުވަހަކު "ކީވާޑް" ތައް ލިޔާއިރު ހުވަފެނުގެ ބޮޑުބަޔެއް ހަނދާންވަމުން ދާނެއެވެ. މެދުކެނޑުމެއްނެތި ހަފްތާއެވަރު މިގޮތަށް ޕްރެކްޓިސް ކުރެވިއްޖެނަމަ، ވަރަށަ ބޮޑު ތަފާތެއް އަންނަކަން ތިބާއަށް އެނގިގެންދާނެއެވެ. އޭރުން އެއްވެސް އުނދަގުލެއްނެތި ފިލްމެއްފަދައިން ހުވަފެނުގައި ފެނިގެންދިޔަ ވީޑިޔޯތައް ހަނދާންކޮއްލެވޭނެއެވެ. އެހެންކަމުން ތިއީ، މުރާލި ކެރޭ ހީވާގި އަދި އާދަޔާހިލާފު ކަންތައްތަކަށް ލޯބިކުރާ މީހެއްނަމަ، މިކަންތައް ތަޖުރިބާކޮއްލުން ކިހިނެއްތޯއެވެ؟ އަވަހަށް ފިހާރަޔަކަށް ގޮސްގެން ނަމަވެސް ނިދާއެނދުގެ ބޯލާކޮޅުގައި ބާއްވާނެ ފޮތަކާއި ގަލަމެއް ހޯދާށެވެ!  

މައުލޫމާތު : Vivid Dreams- unlocking shadow memories
މި ލިޔުން؛

 ފޮނުވުން:       އަޙްމަދު ޝާހީން
  އަލުންބެލުން:    އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން:    ''             "         


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ