އަދުގެ ޚާއްސަ

Print

ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ ތާރީޚް

ތަބްރޭޒީތޯ؟ ނުވަތަ ބަރުބަރީތޯ؟

ދިވެހިރާއްޖެ އިސްލާމް ކުރެއްވީ ކޮން ބޭކަލެއް؟

އިޔާޒު ނަސީމް

ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ގަބޫލު ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. ތާރީހުގެ މި މުހިއްމު ބާބަށް ބަލާލާއިރު، ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު ވަނީ ހިލާފު އުފެދިފައެވެ. މި ކަމުގައި ބުރަ ވާން ވީ ކޮން ކޮޅަކަށް ހެއްޔެވެ؟ މި ކަމާ މެދު ސުވާލު ކުރައްވަމުން، މަޝްހޫރު ތާރީހު އިލްމުވެރިޔާ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠްފީ ލިޔުއްވާފައި ވަނީ [ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު، ހަމައެކަނި އަޅުގަނޑުމެން އަހައި ގަބޫލު ކުރަން ވީ ބޭރުގެ މުއައްރިހަކު އޭނާ ދުށް ކަމަށް ލިޔެ ބަޔާން ކުރާ އެއްޗެއް ތޯއެވެ؟ އަދި އެ ބޭކަލަކަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ތާއީދު ކޮށްގެން މި ހައި ތަނަށް ލިޔަމުން އައި ލިޔުންތަކުގައި ވާ އެއްޗެއް ތޯއެވެ؟" މިހެންނެވެ.

ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވީ ކޮން ބޭކަލެއްތޯ ކުރެވޭ ސުވާލަށް ތިން ގޮތަކަށް ޖަވާބު ދެވިފައި ވެއެވެ. ފުރަތަމަ ގޮތަކީ أبوالبركات البربرى المغربى (އަބުލްބަރަކާތުލް ބަރްބަރީ އަލްމަޣްރިބީ) ނުވަތަ المغرب (އަލްމަޣްރިބް) މި ގޮތަށެވެ. ދެވަނަ ގޮތަކީ أبوالركاب يوسف التبريزى (އަބުއްރިކާބް ޔޫސުފް އައްތަބްރޭޒީ) އެވެ. ތިންވަނަ ގޮތަކީ مولنا الشّيخ يوسف شمس الدين التبريزى (މައުލާނާ އައްޝައިޚް ޔޫސުފް ޝަމްސުއްދީން އައްތަބްރޭޒީ) އެވެ.

ފުރަތަމަ ގޮތަށް ވިދާޅުވަނީ މައުރިބު ކަރައިގެ މަޝްހޫރު އަރަބި ސައްޔާހު އިބްނު ބަޠޫޠާއެވެ. އަދި އޭނާގެ ބަހަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. ދެވަނަ ޖަވާބު ލިބެނީ މާލޭ ހުކުރު މިސްކިތުގައި އައްސުލްޠާން އަޙްމަދު ޝިހާބުއްދީން (735ހ. އިން 742ހ. އަށް) އާއި އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) (1058ހ. އިން 1098ހ. އަށް) ބެހެއްޓެވި ލިޔުންތަކުގައި އޮތީ އެ ގޮތަށް ކަމަށް ލިޔުއްވާ ބޭފުޅުންގެ ފަރާތްޕުޅުންނެވެ. ތިންވަނަ ޖަވާބު ދެއްވަނީ ދިވެހި ތާރީހުގެ ބައްޕަ ކަމުގައި ބެލެވޭ އަލްޤާޟީ ޙަސަން ތާޖުއްދީނެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން އެ ތަކުރުފާނުގެ ތާރީހު ފޮތް ލިޔުއްވި އިރު ވެސް އައްސުލްޠާން އަޙްމަދު ޝިހާބުއްދީން އާއި އިސްކަންދަރު މަހާރަދުން ބެހެއްޓެވި ލިޔުންތައް ހުށްޓެވެ. އެހެން ހުށްޓައި ތާޖުއްދީން އެހެން ގޮތަކަށް ލިޔުއްވީތޯއެވެ؟ ދިވެހިންގެ ތެރޭގައި ތިބި ހަރު މީހުންގެ ދޫދޫމަތިން ވާރިދު ވަމުން އައިސްފައި ވަނީ ރާއްޖެ އިސްލާމް ކުރެއްވީ ތަބުރޭޒުގެފާނު ކަމަށެވެ. يوسف التبريزى (ޔޫސުފް އައްތަބްރޭޒީ) ކަމަށެވެ. ދޫދޫމަތިން ވާރިދު ވަމުން އައި ވާހަކަ ވެސް ތާޖުއްދީނުގެ ޒަމާނަށް ބަލާއިރު، އެ ތަކުރުފާނަށް މާ ރަނގަޅަށް އިވިވަޑައިގެންފައި އޮންނާނެއެވެ. ސުވާލަކީ އެހެންވީ އިރު ތާޖުއްދީނު އެހެން ލިޔުއްވީ ކީއްވެގެންތޯއެވެ؟

ދިވެހިރާއްޖޭގައި ދީނީ ކަންތައް ހިންގަވާން ތިއްބެވި ފަނޑިޔާރުންނަށް ވެސް ޝަމްސުއްދީން، މަޖްދުއްދީން، ބަހާއުއްދީން، ބަދްރުއްދީން، ޤުޠުބުއްދީން، ޖަމާލުއްދީން، ޞަލާޙުއްދީން، ޖަލާލުއްދީން، ޢަފީފުއްދީން، ފަދަ ނަންނަން ކިޔާފައި ހުރި ކަން ތާރީހުން ސާބިތުވެއެވެ. އެހެން ކަމުން ދިވެހިން ދޫދޫ މަތިން ކިޔަމުން އަންނަ ޔޫސުފް އައްތަބްރޭޒީގެ ނަންފުޅަށް ވެސް މާތްކޮށް ހިއްތެވުމުގެ ގޮތުން، މައުލާނާ އައްޝައިޚް ޔޫސުފް ޝަމްސުއްދީން އައްތަބްރޭޒީއޭ ވިދާޅުވެ ތާޖުއްދީން އެ ގޮތަށް އެ ނަން ލިޔުއްވީ ކަމަށް ވުން ވެސް އެކަށީގެން ވެއެވެ. ތާޖުއްދީން މި ގޮތަށް ލިޔުއްވާތީ، ބައެއް ބޭފުޅުން ވިދާޅުވަނީ ޔޫސުފް ޝަމްސުއްދީން އައްތަބްރޭޒީ އަވަހާރަވީ އީރާނުގައި ކަމަށާއި، އެކަލޭގެފާނު ދިވެހިރާއްޖެއަށް ވަޑައި ނުގަންނަވާ ކަމަށާއި، އެއީ ވަރަށް މަޝްހޫރު ބޭކަލަކަށް ވާތީ މިއީ ވަރަށް ސާފުކޮށް އެނގޭ ކަންކަން ކަމުގައެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހޭ ނުކުތާއަކީ، މި ޔޫސުފް އައްތަބްރޭޒީއަކީ ނުވަތަ ތާޖުއްދީން ކިޔުއްވާ ގޮތަށް ނަމަ ޔޫސުފް ޝަމްސުއްދީން އައްތަބްރޭޒީއަކީ، ތަބްރޭޒުގެ މަޝްހޫރު ޞޫފީ ވަލީވެރިޔާ ޝަމްސުއްދީން ކަމަށް ވުން ކޮންމެހެން ލާޒިމެއް ނޫން ކަމެވެ. ފާރިސް ކަރައިގެ (އީރާނުގެ) ތަބްރޭޒުގައި ހުންނާނީ ހަމައެކަނި އެންމެ ޔޫސުފެއް ކަމަށް ގަބޫލު ކުރުމަކީ ވެސް ހަމަ ޖެހޭ ކަމެއް ނޫނެވެ.
    ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު ފެންނަން ހުރި ލިޔުންތަކުގެ ތެރެއިން 1834މ. ވަނަ އަހަރު ރާއްޖެ ސަރވޭ ކުރަން އައި ޓީމުގެ ދެ އޮފިސަރުން ކަމުގައި ވާ ލެފްޓިނެންޓް ވިލްމަޓް ކްރިސްޓޮފަރ އާއި ލެފްޓިނެންޓް ޔަންގ ދިވެހިރާއްޖޭގައި 2 އަހަރެއްހައި ދުވަހު ތިބުމަށް ފަހު އެނބުރި އިންޑިޔާގެ ބުންބާއަށް ގޮސްފައި ޝާއިއު ކުރި ލިޔުމަކީ ވެސް މުހިއްމު ލިޔުމެކެވެ. އެ ލިޔުމުގައި ރާއްޖެ އިސްލާމް ވީ ގޮތާ ބެހޭ ގޮތުން ކްރިސްޓޮފަރ ލިޔުއްވަނީ [އެބައިމީހުން ބުނާ ގޮތުގައި އެބައިމީހުން އިސްލާމް ދީނަށް ވަނީ ބޭރުން އައި މީހެއްގެ އަތް މައްޗަށެވެ. އޭނާގެ ނަމަކީ ތަބްރޭޒެވެ. އޭނާގެ ރަށުގެ ނަމަކީ ވެސް ހަމަ މިއެވެ. މި ބުނި ތަބްރޭޒުގެ ޒިޔާރަތް ހުރީ މާލޭގައެވެ. އެ ތަނަކީ މާލޭގެ މީހުން ކަމޭ ހިތައިގެން ރަނގަޅަށް ބަލަހައްޓާ ތަނެކެވެ. ދިވެހިން ބުނާ ގޮތުގައި ތަބްރޭޒް އެ ރަށަށް ވަޑައިގަތީ ޕާރޝިޔާ (އީރާން) އިންނެވެ. އޭނާ އަވަހާރަވީ މާލޭގައެވެ. އެއަށް ފަހު އޭނާގެ ރަށުގެ ބަޔަކު ތަބްރޭޒް ހޯދާން ދިވެހިރާއްޖެއަށް އައެވެ. ދެން އެބައިމީހުން ދިވެހިރާއްޖޭގައި އުޅެނިކޮށް އޭގެ ތެރެއިން މަރުވި މީހުން ވަޅުލީ މާލޭގެ އިރުދެކުނު ކަނުގައެވެ. (އިހު ލޮނުޒިޔާރަތްކޮޅު ހުރި ސަރަހައްދުގައެވެ). މިތާގައި 60 މަހާނަ ހުށްޓެވެ."
   
ދިވެހިންގެ ދޫދޫމަތިން ވާރިދު ވެގެން މުޅިން ވެސް އައިސްފައި ވަނީ ތަބްރޭޒީއެއްގެ ނަމެވެ. ޒަމާނުއްސުރެ ދިވެހިން ފާތިހާ ކިޔަވައި އަހަރުމަތިފުޅު ފާހަގަކޮށް އުޅުނީ ތަބްރޭޒުގެފާނުގެއެވެ. ރާއްޖޭގެ ރަށްރަށުން ފާހަގަ ކުރެވޭ މަގާމުފުޅުތައް ނިސްބަތް ކުރެވިފައި ވަނީ ތަބްރޭޒްގެފާނަށެވެ. ބަރްބަރީއަކަށް ނޫނެވެ. މި ނޫން ގޮތަކަށް ވިދާޅު ވަނީ، ބަރްބަރީ ސައްޔާހު އިބްނު ބަޠޫޠާއެވެ. ދެން އޭނާގެ ބަހަށް ބުރަވާ ބޭފުޅުންނެވެ. ދިވެހިރާއްޖެ އިސްލާމް ވި އިރު ހުންނެވި ރަސްގެފާނުގެ ނަމަކަށް ވެސް އިބްނު ބަޠޫޠާ ލިޔުއްވަނީ شنورازه އެވެ. ހުކުރު މިސްކިތުގައި ހުރި ލިޔުމުގައި ހުރި ކަމަށް އިބްނު ބަޠޫޠާ ވިދާޅުވަނީ اسلم السلطان أحمد شنورازه على يد ابوالبركات البربرى المغربى މިހެންނެވެ. އެހެން ނަމަވެސް ފާހަގަ ކުރަން ޖެހޭ ނުގުތާއަކީ ހުކުރު މިސްކިތުގައި އެއްވެސް ޒަމާނެއްގައި އަލްމަޣްރިބީއޭ ލިޔެފައި ހުރި ލިޔުމެއް ހުރިކަން އެނގޭނޭ އެހެން އެއްވެސް ހެއްކެއް ނެތް ކަމެވެ.
   
ދިވެހިރާއްޖެ އިސްލާމް ކުރެއްވީ އަބުލްބަރަކާތު ޔޫސުފް އަލްބަރްބަރީއެއްގެ އަތްމައްޗަށް ކަމަށް ދިވެހިންގެ ތެރޭގައި އެންމެ ފުރަތަމަ ކިޔަން ފަށާފައި ވަނީ 23 ރަމަޟާން 1377ހ. ގައި އުފެއްދެވި ތާރީހު ކޮމިޓީން، އިބްނު ބަޠޫޠާގެ ލިޔުއްވުމަށް ބަލައިގެން އެ ގޮތަށް ބުރަވުމާ ހިސާބުންނެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި އެ ވަގުތު ހުރި ރަސްގެފާނުގެ ނަމަކަށް ވެސް އިބްނު ބަޠޫޠާގެ ލިޔުމުގައި އޮތީ ރަނގަޅު ނަމެއް ނޫންކަން ސާބިތު ވާ އިރު، ފެންނަން ހުރި ހެކިތަކަށް ބެލުމެއް ނެތި ލޯ މަރާލާފައި އިބްނު ބަޠޫޠާގެ އެކަނި ބަހަށް ތަބާ ވުމަކީ ތާރީހީ މި ފަދަ ކަމެއްގައި އަމަލު ކޮށްގެން ވާނެ ގޮތެއް ނޫނެވެ. ޝަނިވިރާޒާ އަކީ ރަސްގެފާނު ކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައި އޮތް ނަމަވެސް ރަސްގެފާނުގެ ދިވެހި ނަންފުޅަކީ ޝްރީ ބުވަނާދީއްތަ މަހާރަދުން ކަމާއި އެ ރަދުން އިސްލާމް ވެވަޑައިގަތުމަށް ފަހު ނަންފުޅަކީ މުޙައްމަދު ބިން ޢަބްދިﷲ ކަން އޮޅުމެއް ނެތި އެނގެއެވެ. އަދި ޝަނިވިރާޒާއަކީ އެ ރަދުންގެ ވަޒީރެއްކަން ވެސް ސާފުކޮށް އެނގެއެވެ.
   
ހުކުރު މިސްކިތުގައި ހުރި ފިލާތަކުގައި ވާ ލިޔުންތަކަށް ބަލައިފި ކޮންމެ މީހަކަށް ވެސް އިބްނު ބަޠޫޠާ އެ ވިދާޅުވާ ގޮތަކަށް އެ ފިލާތަކުގައި ނެތްކަން ކަށަވަރު ވާނެއެވެ. ސުލްޠާން އަޙްމަދު ޝިހާބުއްދީން ބެހެއްޓެވި ފިލަޔާއި އިސްކަންދަރު މަހާރަދުން ބެހެއްޓެވި ފިލާގައި ވާ ލިޔުމަށް ބަލާއިރު މި ދެ ފިލާގައި ވެސް ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ނަން ގެނެސްފައި ވަނީ އެއް ގޮތަކަށެވެ. ސުލްޠާން އަޙްމަދު ޝިހާބުއްދީން ހުކުރު މިސްކިތުގައި ފިލާ ބަހައްޓަވައިފައި ވަނީ ދިވެހިރާއްޖެ އިސްލާމް ވިތާ އެންމެ 190 އަހަރު ތެރޭގައެވެ. ދިވެހިރާއްޖެ އިސްލާމް ވީ އިރު ދުނިޔޭގައި ތިބި މީހުންގެ މުނިކާފަ ދަރިންނާއި ހޫރުކާފަ ދަރިންނާއި މި މީސްމީހުންގެ ދަރިން ވެސް ސުލްޠާން އަޙްމަދު ޝިހާބުއްދީނުގެ ދައުރުގައި ތިބޭނެއެވެ. އެހެން ކަމުން ދައުލަތުގެ ފަރާތުން އެ ދުވަސްވަރު ބަހައްޓައިފައި ވާ ލިޔުމެއްގައި ތާރީހީ ގޮތުން އެ ފަދަ އޮޅުމެއް ހުރުމަކީ ވަރަށް ދުރު ކަމެކެވެ. އަދި ހަމަ އެހެންމެ ފާހަގަކުރަން ޖެހޭ އަނެއް ނުކުތާއަކީ، އިބްނު ބަޠޫޠާއަށް ނިސްބަތް ކުރެވޭ ލިޔުންތަކަކީ، އޭނާގެ ދަތުރު މަތީގައި ވަގުތުން ވަގުތަށް ލިޔުއްވަމުން ގެންދެވި ދަތުރުނާމާއެއް ނޫންކަމާއި، އެ ލިޔުއްވުންތަކަކީ އޭނާގެ ދަތުރުތަކަށް ފަހު މަޣުރިބު ކަރައަށް ވަޑައިގެން، އެތަނުގެ ލިޔާ މީހަކަށް ވިދާޅުވެދެއްވުމުން، އެމީހާ ލިޔުނު ވާހަކަތަކެއް ކަމެވެ. މިއީ ސީދާ އިބްނު ބަޠޫޠާ އަމިއްލަފުޅަށް ލިޔުއްވި އެއްޗެއް ނޫންކަމުން އަދި ދަތުރުގެ އެތައް ދުވަހެއް ފަހުން ލިޔެވުނު ތަކެތި ކަމަށް ވާއިރު މި ލިޔުންތަކުގައިވާ ވާހަކަތަކުގައި ހަނދާނަށް ބުރާފައިވާ ހިރަފުހުގެ އަސަރު ހުރުން ވެސް އެކަށީގެންވެއެވެ.
    ހައްތުން ދެކުނުގައި އޮތް ފުވައްމުލަކާއި އައްޑުއަތޮޅުގައި ކިޔާ ގޮތުން އެ ދެ އަތޮޅު އިސްލާމް ކުރެއްވީ އަލްފަޤީހް ސުލައިމާން ޤާދިރު ކަލޭގެފާނުގެ ފުތް ޞޫރަތު ޤާދިރު ކަލޭގެފާނުގެ ފުތް ޢީސާ ޤާދިރު ކަލޭގެފާނުގެ ފުތް އަލްފަޤީހް އަލްޙާފިޡް ޔޫސުފް ނާއިބް ކަލޭގެފާނެވެ. މި ބޭފުޅުންގެ ނަމާ ގުޅިފައި ޤާދިރު ނުވަތަ ޤާދިރީ އޮތުމުން މިއީ ޞޫފީ، ޤާދިރީ ތަރީގާއަށް ތަބާވާ ބައެއް ކަމަށް ގަބޫލު ކުރާނެ ފުރުސަތު ލިބެއެވެ. އަދި ޒަމާނުއްސުރެ އައްޑު އަތޮޅާއި ފުވައްމުލަކުގެ ފާތިހާ ފޮތްތަކުގައި ޢަބްދުލްޤާދިރު ޖީލާނީއަށް ފާތިހާ ކިޔުން އޮވެފައި، ޢަބްދުލްޤާދިރު ޖީލާނީއަށް ފާތިހާ ކިޔަވަނީ ވެސް މި ސަބަބާ ހުރެ ކަމަށް ގަބޫލު ކުރެވެއެވެ.
   
އައްޑުއަތޮޅާއި ފުވައްމުލައް އިސްލާމް ވުމާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން [އަލްއިޞްލާޙު] ގައި ލިޔުއްވާފައި ވަނީ މި ފަދައިންނެވެ. [އައްޑޫ އަތޮޅު މީހުން އިސްލާމްވީ މާލެ އިސްލާމްވުމާއި ދާދި ގާތުގައި އެ އަތޮޅަށް ފިލައެއްގެ މަތީގައި ލެއްގި ބެއިކަލަކުގެ އަތްޕުޅު މައްޗަށް ކަމަށް އެ އަތޮޅުގެ މީހުން އިހު ޒަމާނުއްސުރެ ތަވާތުރު ގޮތް މަތީން ވާހަކަ ދައްކަތެވެ. އެބެއިކަލަކަށް ނަމަކަށް ކިޔަނީ ޔޫސުފް ނާއިބު ކަލޭގެފާނެވެ. މިބެއިކަލަކުގެ ނަސަބާއި ނަސަލު އެމީހުން ކިޔައި އުޅެތެވެ. މިބެއިކަލަކު ފަސްދާނު ލެވިގެންވަނީ އައްޑޫމީދޫ ކޯގަންނު މެދުޒިޔާރަތުގައެވެ. މިބެއިކަލަކުގެ ދަރިކަލުން ޔަޙްޔާ ނާއިބު ކަލޭގެފާނުންގެ ޒިޔާރަތް އެހުރީ ފުވައްމުލަކު ގެމް މިސްކިތް ދޮށުގައެވެ. މިވާހަކައަކީ ވެސް ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައި ނެތެއް ކަމަކު ޒަމާނުއްސުރެ ދޮގު ނުކުރެވޭނޭ މަގުން ތަވާތުރުގެ ގޮތް މަތީން އަންނަ ޚަބަރެކެވެ."
   
އިބްނު ބަޠޫޠާ އެ ވިދާޅު ވާ ފަދައިން އަރަބީންގެ މީހަކު ދިވެހިރާއްޖެ އިސްލާމް ކުރެއްވި ނަމަ ދިވެހިންގެ ދީނީ ކަންކަމުގެ އަސާސީ ބަސްކޮށާރު އައިސްފައި ހުންނަން ޖެހޭނީ އަރަބި ބަހުން ކަމީ މިފަދަ މަސްއަލާތަކުގައި ބަހަވީ ނަޒަރަކުން ކުރެވޭ ތަހުގީގުތަކާ ގުޅިގެން އޮންނަ އިލްމީ އުސޫލުތަކަށް ބަލާ އިރު ގަބޫލު ކުރަން ޖެހޭ ކަމެކެވެ. އަރަބި ބަހަކީ އިސްލާމީ ތައުލީމުގެ އެންމެ މުހިއްމު ބަސް ކަމުގައި ވާ އިރު، އަރަބީންގެ މީހަކު ދިވެހިރާއްޖެއަށް އިސްލާމްދީން ތައާރަފު ކޮށްފައި ވާ ނަމަ ދިވެހިންގެ ދީނީ ބަސްކޮށާރުގައި، އަދި ވަކީން ހާއްސަކޮށް ދީނުގެ އަސާސީ ކަންކަމަށް ބޭނުންކުރާ ލަފްޒުތަކުގައި އަރަބި ނޫން އެހެން ބަހެއްގެ އަސަރު ހުރެގެން ނުވާނެއެވެ. އެހެން ނަމަވެސް ކަން އޮތީ އެ ގޮތަކަށް ނޫނެވެ. މި ރޮނގުން ބަލާއިރު، މި ލަފްޒުތަކުގައި ފާރިސީ ބަހުގެ އަސަރު މާ ބޮޑުކަން ފާހަގަކުރެވެއެވެ.
   
ދިވެހިންގެ ދީނުގެ އަސާސީ ކަންކަމަށް ކިޔާ ނަންތަކަށް ބަލައިލަމާ ހިނގާށެވެ. ޝަހާދަތަށް އަރަބި ބަހުން ވެސް، ފާރިސީ ބަހުން ވެސް ދިވެހި ބަހުން ވެސް ކިޔަނީ ޝަހާދަތެވެ. ބަންގިއަށް އަރަބިން އަޛާން ކިޔާއިރު ފާރިސީ ބަހުން މިފަދަ ގޮވައިލުންތަކަށް ކިޔަނީ ބާންގްއެވެ. ދިވެހިން ކިޔަނީ ބަންގިއެވެ. ނަމާދަށް އަރަބި ބަހުން ޞަލާތު ކިޔާއިރު ފާރިސީ ބަހުން ކިޔަނީ ނަމާޒުއެވެ. ދިވެހިން ކިޔަނީ ނަމާދުއެވެ. ޒަކާތަށް އަރަބި ބަހުން ވެސް ފާރިސީ ބަހުން ވެސް އަދި ދިވެހި ބަހުން ވެސް ކިޔަނީ ޒަކާތެވެ. ރޯދައަށް އަރަބި ބަހުން ޞައުމް ކިޔާއިރު ފާރިސީ ބަހުން ކިޔަނީ ރޯޒާއެވެ. ދިވެހީން ކިޔަނީ ރޯދައެވެ. ޙައްޖަށް އަރަބި ބަހުން ވެސް ފާރިސީ ބަހުން ވެސް އަދި ދިވެހި ބަހުން ވެސް ކިޔަނީ ޙައްޖެވެ. މި ލަފްޒުތަކުގައިވާ ބޮޑު ބަދަލަކީ /ޒ/ ގެ އަޑެވެ. އެ އަޑު ބަދަލުވެފައިވަނީ /ދ/ ގެ އަޑަށެވެ. މިހާރު ވެސް ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި /ޒ/ ގެ ބަދަލުގައި /ދ/ ގެ އަޑު ބޭނުން ކުރެއެވެ. އެހެން ކަމުން ދިވެހިންގެ ދީނާ ގުޅުން ހުރި އަސާސީ ލަފްޒުތައް އައިސްފައި ވަނީ ފާރިސީ ބަހުން ކަން އެނގެއެވެ. ތަބްރޭޒަކީ އީރާނުގެ ރަށެކެވެ. އެތަނުގެ މީހުން ވާހަކަ ދައްކާ ބަހަކީ ފާރިސީ ބަހެވެ. އެހެން ކަމުން މި ދެންނެވި ބަސްތައް ދިވެހީންނަށް އެންމެ ފުރަތަމަ ކިޔައިދިނީ ޢަރަތްބެއްތޯ ނުވަތަ ފާރިސީއެއްތޯ، މި ސުވާލުގެ ޖަވާބުގައި އެއީ ފާރިސީއެއް ކަމަށް ބުނާން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.

(ނިމުނީ)

މި ލިޔުން:

    ފޮނުވުން:    އަލްފާޟިލް އިޔާޒު ނަސީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''              "

އިދާރާ

ވާހަކަ