އަދުގެ ޚާއްސަ

Print

މަތިންދާ ބޯޓު ދަތުރު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް   
   
މަތިންދާ ބޯޓުގައި ދަތުރު ކުރުމަކީ ބައެއް މީހުން ވަރަށް ބިރު ގަންނަ ކަމެކެވެ. އެއީ މަތިންދާބޯޓު ވެއްޓިދާނެތީ ގަންނަ ބިރެއް ކަމަށް ބައެއް މީހުން ބުނެއެވެ. ކަނޑު ދަތުރު ނުވަތަ އެއްގަމު ދަތުރު ކުރުމަކީވެސް އެކްސިޑެންޓާ ކުރިމަތިލާން ޖެހޭ ކަމެކެވެ. ތާރީޚަށް ބަލާއިރު ގިނައީ އެއްގަމު އުޅަނދުފަހަރުގެ އެކްސިޑެންޓާއި ކަނޑު ދަތުރު ފަތުރުގެ އެކްސިޑެންޓެވެ. މިއީ ގިނަ މީހުން ދަންނަ ޙަޤީޤަތެކެވެ. އެކަމަކު ބޮޑަށް ބިރު ގަންނަނީ ވައިގެ ދަތުރު ފަތުރަށެވެ.
   
747 މަރުކާގެ މަތިންދާބޯޓެއް އެޓްލާންޓިކް ކަނޑުގެ މަތީން އުދުހިފައި ދިޔައެވެ. އެއީ ފަސިންޖަރުން އުފުލާ ބޯޓެކެވެ. ބޯޓު އޮތީ ފުރިފައެވެ. ކުއްލިއަކަށް އިސްޕީކަރުން އިވުނީ ބޯޓުގެ ކެޕްޓަންގެ އަޑެވެ.
    
"ސަމާލު ކަމަށްޓަކައި ދަންނަވާލަން- މި ބޯޓުގެ އެއް އިންޖީނު މުޅީން ހަލާކު ވެއްޖެ- އެކަމަކު ބާކީ ހުރި ތިން އިންޖީނަށް އެއްވެސް ގެއްލުމެއް ނުލިބޭ- އެހެންވީމާ ދާންވީ ތަނަށް ސަލާމަތުން ދެވޭނޭ ކަމުގެ ޔަޤީންކަން އެބަ އޮތް- އެއްވެސް ކަމަކާ ފިކުރު ކުރައްވާނޭ ކަމެއް ނެތް- އެކަމަކު އެއް އިންޖީނު ހަލާކު ވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ދާންވާ ތަނަށް ދެން ދެވޭނީ ކުރިއަށް ވުރެ އެއް ގަޑި އިރު ފަހުން"
    
ފަސިންޖަރުންގެ ތެރޭގައި އެކި ކަހަލަ ވާހަކަތައް ދެކެވޭން ފަށައިފިއެވެ. ކުޑަކޮށް ޖެހިލުން ވެފައި ތިބި މީހުން ބޯޓުގައި އުޅޭ އަންހެން ކުދިންނަށް ގޮވައި ގެނެސް އެކި ކަހަލަ ސުވާލު ކުރަން ފަށައިފިއެވެ.
    
މާ ގިނަ އިރު ތަކެއް ނުވެ އަނެއްކާވެސް އެ އިވުނީ ކެޕްޓަންގެ އަޑެވެ.
    
"ސަމާލު ކަމަށް ދަންނަވާލަން- މި ބޯޓުގައި ހަލާކު ނުވެ ހުރި ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނު ހަލާކު ވެއްޖެ- އެހެންވީމާ ބޯޓު މިހާރު އުދުހިފައި މި ދަނީ ދެ އިންޖީނުގެ އެހީގައި- އެކަމަކު ފިކުރު ކުރައްވާނޭ ކަމެއް ނެތް- ދެ އިންޖީނުގައިވެސް އަޅުގަނޑުމެން ދާންވާ ތަނަށް ދެވޭނެ- އެކަމަކު ދެން ދެވޭނީ ކަނޑައެޅިފައިވާ ވަގުތަށް ވުރެ ދެ ގަޑި އިރު ފަހުން-"
    
ފަސިންޖަރުންގެ ތެރޭގައި ހަލަބޮލިކަން ފެތުރިއްޖެއެވެ. ސުވާލުތައް ގިނަ ވާން ފަށައިފިއެވެ. ބައެއް މީހުން ރޯންވެސް ފަށައިފިއެވެ. ބޯޓުގެ މުވައްޒަފުން ފަސިންޖަރުންގެ ހިތް ހަމަ ޖައްސައި ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެ މީހުންގެ މަސައްކަތުން ބައެއް މީހުން ރަމަތަ ކުރެވުނެވެ.
    
އެ ވަގުތު އަނެއްކާވެސް ކެޕްޓަންގެ އަޑު އިވިއްޖެއެވެ.
    
"ސަމާލު ކަމަށް ދަންނަވާލަން- ބޯޓުގައި ހަލަކު ނުވެ ހުރި ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ހަލާކު ވެއްޖެ- މިހާރު ބޯޓު އުދުހިފައި މި ދަނީ އެންމެ އިންޖީނެއްގެ އެހީގައި- އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން- އެންމެ އިންޖީނެއްގެ އެހީގައި ދާންވާ ތަނަށް ދެވޭނެ- އެކަމަކު ދެން ދެވޭނީ ކަނޑައެޅިފައި އޮތް ވަގުތަށް ވުރެ ތިން ގަޑި އިރު ފަހުން-"
    
ދެނަކާ ދެނެއް ނެތެވެ. ރޯ މީހުން ރޮނީއެވެ. ހަޅޭއް ލަވާ މީހުން ހަޅޭއް ލަވަނީއެވެ. ފަސިންޖަރުން މައިތިރި ކުރެވޭތޯ ބޯޓުގެ މުވައްޒަފުން މަސައްކަތް ކުރަނީއެވެ.
    
އެ ވަގުތު ބޯޓުގެ ފަހަތު ގޮނޑިއެއްގައި އިން މީހަކު ތެދުވެއްޖެއެވެ. އަދި ވަރަށް ރުޅި އައިސްފައި ހަޅޭއް ލަވައިގަތެވެ.
    
"މިއީ ކިހައި ވަރުގަދަ ކަމެއް- މި ބޯޓަށް މި އެރީ އަވަހަށް ދާން ވެގެން- މިހާރު އެ ބުނީ ތިން އިންޖީނު ހަލާކު ވެއްޖެއޭ- ދާންވާ ތަނަށް ދެވޭނީ ތިން ގަޑި އިރު ފަހުންނޭ- ހަތަރު ވަނަ އިންޖީނު ހަލާކު ވެއްޖެއްޔާ މިރޭ ހަތަރު ދަމު ތިބޭން ޖެހޭނީ މި ބޯޓުގަނޑުގެ ތެރޭގައެއްނު-؟"

(ނިމުނީ)

މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''          ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ