އަދުގެ ޚާއްސަ

Print

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު ވުޖޫދަށް އައި ގޮތް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަހެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 11 ވަނަ މާއްދާގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ވާހަކައެކެވެ. މީގެ އިތުރުން އަޅުގަނޑުމެން ޤަބޫލުކުރާންޖެހޭ ޙަޤީޤަތަކީ ދިވެހިބަހަކީ އެންމެހާ ދިވެހިރައްޔިތުންގެ މާދަރީބަސްކަމެވެ. ދިވެހިރާއްޖޭގެ ރަސްމީ ބަހަކީ ވެސް އެއީ ކަމެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ބަހަށް ދިވެހިރާއްޖޭގައި އިސްކަންދިނުމަކީ މުހިއްމުކަމެއްކަން ކަށަވަރެވެ.

އިސްވެ ދެންނެވުނު ޙަޤީޤަތް އެހެން އޮތް ކަމަށް ވިޔަސް ދިވެހިބަހަށް ދިވެހި ރާއްޖޭގައި ދެވަނަ ދަރަޖަ ލިބޭތަން، ދިވެހި މުޖުތަމަޢުން ބައެއް ފަހަރު ނަމަވެސް ފެންނަން ފަށައިފި އެވެ. ދިވެހި ލަފުޒުތައް ހަނދާންނައްތައިލައި (ނުވަތަ ނޭނގޭތީ) ދިވެހިބަހާ ބީރައްޓެހިި ބައެއް ލަފުޒުތައް ބަހުގެ އުޞޫލުތަކާ ޚިލާފަށް ބަހުގައި ބޭނުންކުރެވެންވެސް ފަށައިފި އެވެ. ދިވެހީންނަށް އަމާޒުކޮށް ދިވެހިބަހުން ފޮނުވާ ބައެއް ޕްރޮގްރާމްތަކަށް ކިޔައިފައި ހުރި ބައެއް ނަންތައްވެސް މުޅިން އިނގިރޭސިވާން ފަށާއިފި އެވެ. އަދި ކޮންމެވެސް ސަބަބަކާ ހުރެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުވެސް އުވިގެން ހިނގައްޖެ އެވެ.

ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު 1 ތަނބެވެ. ދިވެހި ކާބަފައިންގެ ފަރާތުން ދިވެހީންނަށް ވާރުތަވެފައިވާ އެންމެ އަގުބޮޑު ތަރިކައެވެ. އެހެންކަމުން "ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ، އަދި އެންމެ އަގުބޮޑު އެއް ތަރިކަކަމުގައި ވާ ދިވެހިބަސް ހީނަރުވިޔަނުދީ ޙިމާޔަތްކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލުކޮށްދިނުން" ވާނީ ދިވެހީންގެ ޤައުމީ ވާޖިބަކަށް ކަށަވަރެވެ. ބަހުގެ ޙާލަތު އޮތް ހިސާބަށް ބަލާއިރު މި ކަމަށް ޤާނޫނީ ބާރެއް ލިބުން މުހިއްމުކަން އިޙުސާސްކުރެވެއެވެ.

އިސްވެ ދެންނެވި ޙަޤީޤަތްތައް އެހެން ހުރުމާއެކު ދިވެހިބަސް ޙިމާޔަތް ކޮށްދޭނެ ޤާނޫނެއް ހެދުމުގެ ޚިޔާލު އަޅުގަނޑުގެ ހިތުގައި އުފެދުނެވެ. މިކަމަށް އެންމެ އެކަށީގެން ވާ މީހަކީ އަޅުގަނޑު ކަމަށް ނުވިޔަސް، ކޮންމެވެސް މީހަކު ނުވަތަ ބަޔަކު މިކަމަށް އިސްނެގުން ޙާލަތު މަޖުބޫރު ކޮށްފިކަމަށް ޤަބޫލުކުރެވުނު ހިނދު، މި ފަދަ މަސައްކަތެއް ކުރުމުގެ ފުރުޞަތު ﷲ ގެ ރަޙުމަތުން އަޅުގަނޑަށް ފަހިވެފައި އޮތުމާއެކު، މިކަމަށް އިސްނެގީމެވެ.

އެންމެ ފުރަތަމަ މިކަމުގެ މުހިއްމުކަން ފާހަގަކޮށް އެކިއެކި ލިޔުންތެރީންނާއި އަދީބުންނާ މި ވާހަކަ ދައްކައިލީމެވެ. ހުރިހާ ބޭފުޅުންގެ ޖަވާބު ވެސް ވަރަށް ފައްސެވެ. އެއްވެސް ބޭފުޅަކު އިދި ޚިޔާލުފުޅެއް ނުދެއްވައެވެ. ނަމަވެސް ޢަމަލީ ގޮތުން މި ކަމުގައި މަސައްކަތެއް ކޮށްދެއްވާނެ ބޭފުޅެއް ނުލިބުނެވެ. މި ގޮތަށް މަސައްކަތްކުރަމުން އަންނަނިކޮށް އަޅުގަނޑުގެ މިތުރެއް ކަމުގައިވާ މުޙައްމަދު މުޞްޠަފާ (ބީ.އޭ، ދިވެހި) އާ މި ވާހަކަދައްކައިލެވިއްޖެ އެވެ. މުޞްޠަފާގެ ޖަވާބު އެހެން ބޭފުޅުންނާ ތަފާތެވެ. "އަވަހަށް ފަށަމާ ހިނގާށޭ" ވިދާޅުވި އެވެ. އަޅުގަނޑުމެން ދެ މީހުން ދެތިން ރެޔެއްގެ މަތީން އިށީނދެ، ސިކުނޑި ހުސްކޮށްލުމުން މި ފަދަ ޤާނޫނެއް ހެދުމަށް އެކުލަވައިލާ ބިލެއްގައި ހިމަނަން ޖެހޭނެ މައިގަނޑު ނުކުތާތަކާއި މައިގަނޑު މަޤްޞަދު ނޯޓުކޮށްލެވުނެވެ.

އަޅުގަނޑަކީ ޤާނޫނީ ޢިލްމުގެ ދާއިރާގައި އަލިފުބާ އެނގޭ މިހަކަށް ނުވިޔަސް ﷲ ގެ ރަޙުމަތްފުޅުން އަޅުގަނޑަށް ވެސް ދިވެހިބަހުން ލިޔެ ކިޔަން އެނގޭތީ، އަދި ހިތުގައި ހިނގާ ޝޫޢުރުތައް ފަސޭހަކަމާއެކު ޤަލަމުން ބަޔާންކުރުމުގެ ޤާބިލިއްޔަތު މާތް ﷲ އަޅުގަނޑަށް ވެސް ދެއްވައިފައި ވާތީ، ފުރަތަމަ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް 2009  ވަނަ އަހަރު ކުރީ ކޮޅު ފަށައިފީމެވެ.

މަހެއްހާ ދުވަހުގެ މަސައްކަތުން "ދިވެހިބަސް ޙިމާޔަތްކުރުމުގެ ބިލު"ގެ ނަމުގައި ތައްޔާރުކުރި ފަސް ޞަފުޙާގެ ދެލިކޮޕީއެއް، އެކި ބޭބޭ ފުޅުންނާ ޙިއްޞާ ކޮށްލީމެވެ. މި އިސްނެގުމަށް ވަރަށް ގިނަ ބޭފުޅުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ. ޚާއްޞަކޮށް ޑރ. ޙަސަން ޙަމީދާއި، ޑރ. މުޙައްމަދު ލަޠީފާއި، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި، އަލްފާޟިލް ޢަބްދު ﷲ ޞާދިޤާއި، އަލްފާޟިލާ ޔުމްނާ މައުމޫނާއި އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ އާއި އަލްފާޟިލާ ވަލީދާ ޢީސާ އާއި އަލްފާޟިލާ އާމިނަތު ޒާހިރު ގެ ޚިޔާލުފުޅު ވަރަށް މަތިވެރި ދަރަޖަ އަކށް ޙިއްޞާކުރެއްވި އެވެ. އަދި އަލްފާޟިލާ ޔުމްނާ މައުމޫން މެދުވެރިވެވަޑައިގެން، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އަލްފާޟިލް ޢައްބާސް އިބްރާހީމްގެ ޚިޔާލުފުޅު ވެސް ލިޔުމުން ލިބުނެވެ. މިހުރިހާ ޚިޔާލުފުޅުތަކެއްގެ އަލީގައި ދެވަނަ ދެލިކޮޕީއެއް ތައްޔާރުކުރީމެވެ. އަދި 3 ވަނަ ދެލިކޮޕީއަކާއި 4 ވަނަ ދެލިކޮޕއެއް ތައްޔާރުކޮށް ޤާނޫނީ މަޝްވަރާއަކަށް ދެ ބޭފުޅަކަށް ދެންނެވުނެވެ. ފަހި ޖަވާބެއް ދެއްވި ނަމަވެސް ވަގުތުގެ ގޮތުން އެ ފަދަ ފުރުޞަތެއް ނުލިބުނެވެ. ދެން ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ޓީމުގެ ބޭފުޅުންނާ މަޝްވަރާކޮށްލުމުން، ޤާނޫނީ މައްސަލައެއް ބިލުގައި ނެތްކަމަށް ވިދާޅުވިއެވެ. ފާހަގަކުރެވުނު އުޞޫލީ ބައެއް މައްސަލަތައް ޙައްލު ކުރުމަށް ފަހު 5 ވަނަ ދެލިކޮޕީ ތައްޔާރުކޮށް މަޖިލީހަށް ރަސްމީކޮށް ހުށަހެޅީ އެވެ.

"ދިވެހިބަސް ޙިމާޔަތްކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ފަހަރަށް ހުށަހެޅުނީ 2010 ވަނަ އަހަރު މޭ މަހުގެ ތެރޭގައެވެ. މި ބިލާ މެދު ގިނަ ބޭފުޅުން ދެކެވަޑައިގަތީ ފަހި ނަޒަރަކުންނެވެ. ބަހުސްގެ މަރުޙަލާގައި ބިލާ އިދިކޮޅަށް ނޮޅިވަރަމު ދާއިރާގެ މެންބަރު ވާހަކަފުޅު ދެއްކެވި ނަމަވެސް ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ޖަލްސާގެ އިއްތިފާޤުންނެވެ.

ނަސީބު ދިމާކުރި ގޮތުން ބިލް ފޮނުވުނީ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށެވެ. އެއީ އަޅުގަނޑުވެސް އެ ކޮމިޓީއެއްގައި ނާއިބު މުޤައްރަރުކަން ވެސް ކުރާ ކޮމިޓީ އެވެ. ކޮމިޓީ އަށް ބިލު ދިޔުމާއެކު ފަންނީ ބޭފުޅުންގެ މަޝްވަރާ ހޯދުމަށް ވަރަށް ގިނަ ބޭފުޅުންނަށް ބިލުގެ ކޮޕީއެއް ފޮނުވުނެވެ. އަދި ޚާއްޞަކޮށް (އޭރު) މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އާޓްސް އަށް މި ބިލާމެދު ދެކެވަޑައިގަންނަވާ ގޮތް އަންގަވއިދެއްވުން އެދި ސިޓީއަކުން ދެންނެވުނެވެ. އެ ފެކަލްޓީ އިން މި މައްސަލައަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދެއްވައި ޚާއްޞަ ކޮމިޓީއެއް އުފައްދަވައި ބިލު ދިރާސާ ކުރެއްވި އެވެ. އަދި ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ލިޔުމުން ހުށަހެޅުއްވި އެވެ. ފެކަލްޓީ އޮފް އާޓްސް އިން މި ބިލް ދިރާސާކުރައްވަމުން ގެންދެވި އިރު ބިލުގައި އެކި ޢިބާރާތްތައް އަޅުގަނޑު ގެނެސްފައިވާ މަޤްޞަދާ މެދު، ދޭތެރެ ދޭތެރެއިން އަޅުގަނޑާ މަޝްވަރާކުރައްވަމުން ގެންދެވިކަން އަޅުގަނޑު ފާހަގަކުރަނީ އެ ކަމަށް އެ ބޭފުޅުން ދެއްވި ޚާއްޞަ އަހަންމިއްޔަތެއްގެ ގޮތުގައެވެ.

އެކި ބޭފުޅުންގެ މަޝްވަރާ ލިޔުމުން ލިބުމާއެކު، އެ ހުރިހާ ބޭފުޅުންނާ އެކު އިޖްތިމާޢީ ކޮމިޓީ އިން ޚާއްޞަ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމަށް ޥަޑައިގަތް ބޭފުޅުންގެ ތެރޭގައި ޑރ. ޙަސަން ޙަމީދާއި، ޢަބްދުﷲ ޞަދިޤާއި ވަލީދާ ޢީސާ އާއި ޢަބްދުއްރަޝީދު ޢަލީ އަޅުގަނޑު ހަނދާނަށް އާދެ އެވެ. ޑރ. ޙަސަން ޙަމީދު ވަޑައިގަތީ ބިލް ގެ އެކި ޖުމުލަތަކަށް ވަކިވަކިން ދިރާސާ ހައްދަވައިގެން އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި މި ފަދަ ބިލުތައް ހުންނަ ގޮތުގެ މަޢުލޫމާތު ވެސް ހިއްޕަވައިގެންނެވެ. ވަރަށް ބޮޑު ޝައުޤުވެރިކަމާއެކީގައެވެ.

މި ބައްދަލުވުމަށް ފަހު ބިލް ދިރާސާކޮށް ދެލިކޮޕީއެއް އެކުލަވައިލުމަށް ޚާއްޞަ ސަބްކޮމިޓީ އެއް ކަނޑައެޅުނެވެ. މި ކޮމިޓީގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދާއި ދުވާފަރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ޒުބައިރާއި އަޅުގަނޑު ހިމެނުނެވެ.

މިހުރިހާ މަސައްކަތެއް ކުރުމަށް ފަހު، ސަބް ކޮމިޓީ އިން ހުށަހެޅުއްވި ރިޕޯޓް، އެއްވެސް އިޞްލާޙެއް ނެތި އިޖްތިމާޢީ ކޮމިޓީއިން ފާސްކުރައްވައި ޢާއްމު މަޖިލީހުގެ ޚިޔާލުފުޅަށް ފޮނުއްވައި އިޞްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް ދެންނެވި އެވެ. ނަމަވެސް އެއްވެސް އިޞްލާހެއް ނެތި އެ ބިލް މަޖިލީހުގެ އިއްތިފާޤުން ފާސްކުރެއްވީ 2011 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ. ނުވަތަ 2010 ވަނަ އަހަރު ޑިސެމްބަރ މަހު އަހަރުގެ ޗުއްޓީއަށް ފެއްޓެވުމުގެ ކުރިން މަޖިލީހުން ބޭއްވި އެންމެ ފަހު ޖަލްސާގައެވެ. ކޮމިޓީ އިން ނިމިގެން ފާސްކުރުމާ ހަމަޔަށް އައި އިރު ބިލުގެ ނަމަށް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެވިފައެވެ. ޑރ. ޙަސަން ދެއްވި ޚިޔާލުފުޅެއްގެ އަލީގައި އަޅުގަނޑުމެން ދެ މީހުންނަށް އެއްބަސްވެވުނު ގޮތުގެ މަތީން ގެނެވުނު ބަދަލެކެވެ. ޑރ. ޙަސަން ވިދާޅުވީ ޙިމާޔާތްކުރާ ވާހަކަ އޮތީމާ ބަހުގެ ބަލިކަށިކަމާއި ނިކަމެތިކަން ތަޞައްވުރުކުރެއްވޭ ކަމަށާއި އެ ނޫން ނަމެއް ޚިޔާރުކުރުމަށެވެ. ފަހުން ހަމަޖެހުން ނަމަކީ "ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު" މިއެވެ.

މި ގޮތަށް މަޖިލީހުގެ އެއްވެސް މެންބަރަކު އެއްވެސް އިޞްލާޙެއް ހުށަނާޅުއްވައި މަޖިލީހުގެ އިއްތިފާޤުން ބިލު ފާސްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ ބިލު އެ ފަހަރު ތަޞްދީޤު ކޮށެއް ނުދެއްވި އެވެ. ބައެއް ޤާނޫނީ މައްސަލަތައް ހުރިކަމަށާއި މާ ގިނަ އިނގިރޭސި ލަފުޒު ހުރި ކަމަށް ވިދާޅުވެ އެވެ. ބިލް އަނބުރައި ފޮނުއްވައިލެއްވީ 17 ޖެނުއަރީ 2011  ގައެވެ. އޭރު މަޖިލީސް އޮތީ ޗުއްޓީގައި ކަމުން ބިލްގެ މަސައްކަތަށް ލަސްކަމެއް އައެވެ.

2011 ވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށުމާ އެކު އެ މައްސަލައާ މެދު ގޮތެއް ނިންމެވުމަށް މަޖިލީހަށް ހުށަހެޅުނެވެ. އޮތީ 3 ގޮތެކެވެ. އޮތް ގޮތަށް ފާސްކުރުމެވެ. ނުވަތަ ކޮމިޓީއަކަށް ފޮނުވުމެވެ. ނުވަތަ "މަރައިލުމެވެ". އޮތް ގޮތަށް ފާސްކުރަން އުޅެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ބިލް "މަރުވީ އެވެ." ބާޠިލް ވީ އެވެ. ނަމަވެސް އަޅުގަނޑު ބޭނުންވީ އެ ބިލުގައި ޤާނޫނީ އެއްވެސް މައްސަލައެއް އޮތް ކަމަށް ނުފެންނާތީ އަދި އެއްވެސް އިޞްލާޙެއް ނެތި އިއްތިފާޤުން ފާސްވެފައި އޮތް ބިލަކަށް ވާތީ "މަރުވިޔަސް" ވަރިހަމަ ކަމަށް އޮތް ގޮތަށް ފާސްކުރުމަށް މަސައްކަތްކުރުމަށެވެ. ނަމަވެސް އަޅުގަނޑުގެ ޝުޢޫރަށް އިޙުތިރާމްކުރެއްވުމާ އެކު، މަސީޙު މަސައްކަތްޕުޅުކުރެއްވީ އަޅުގަނޑަށް ވެސް ވިސްނައިދެއްވައިގެން ކޮމިޓީއަކަށް ފޮނުއްވާ ގޮތަށް ފާސްކުރުމަށް މަސައްކަތްކުރުމަށެވެ. އެ ނޫން ގޮތެއް ނެތް ކަމަށް ޤަބޫލުފުޅުކުރެއްވޭތީ އެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރ ތަސްމީނު ޢަލީ ވެސް އަޅުގަނޑަށް އެ ގޮތަށް ވިސްނަވައިދެއްވި އެވެ. 39 ވޯޓުން، އޮތް ގޮތަށް ފާސްކުރެވޭނެ ކަމުގެ ސައްތައިން ސައްތަ ޔަޤީންކަން ނެތީމާ ބިލު މަރުވެދާނެތީ އެވެ. ކޮންމެއަކަސް ކޮމިޓީއަށް އަލުން ފޮނުވާ ގޮތަށް ފާސްވި އެވެ.

ދެ ވަނަ ފަހަރަށް ބިލު ކޮމިޓީއަށް ދިޔުމުން މަސައްކަތް އަވަސްކޮށްދެއްވުމަށް އިޖްތިމާޢީ ކޮމިޓީގެ މުޤައްރިރަށް ދެންނެވުމުން އެކަމަށް ދެއްވި ދީލަތި އިޖާބަ އަޅުގަނޑު ފާހަގަކުރާނީ ޤައުމީ ބަހަށް އެ މަނިކުފާނު ދެއްވި އިސްކަމެއްގެ ގޮތުގައެވެ. ޝުކުރުހުއްޓެވެ!

އިޖްތިމާޢީ ކޮމިޓީ އިން ދެވަނަ ފަހަރު ވެސް މަސައްކަތްކުރެއްވީ ސަބް ކޮމިޓީ އަކަށް ފޮނުއްވައިގެން ބިލު އަވަހަށް ނިންމުމަށެވެ. މި ފަހަރުގެ ސަބް ކޮމިޓީގައި ވެސް އަޅުގަނޑު ހިމެނުއްވި އެވެ. މި ފަހަރު ކޮމިޓީ އިން މަސައްކަތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ބިލު އަނބުރައި ފޮނުއްވައިލައްވަމުން ސިޓީފުޅުގައި ވިދާޅުވެފައިވާ މާއްދާތަކަށް ލުޔެއް ލިބޭ ގޮތަށް ބަދަލު ގެނެސް ގެން އެޓަރނީ ޖެނެރަލްގެ ވެސް ރުހިވަޑައިގަތުން ހޯއްދަވައިގެން ބިލު އަވަހަށް ނިންމެވުމަށެވެ. މި ގޮތުން 3 ވަނަ މާއްދާގެ (ނ) އަށް އިސްތިސްނާއެއް ގެނެސް އަންނަނިވި ގޮތަށް އިޞްލާޙުކުރެވުނެވެ.

" ދިވެހި ދައުލަތުގެ ހުރިހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހައި ތަންތާނގެ ލިޔެކިޔުންތަކުގެ ތެރެއިން، ބޭރުބަހަކުން ކޮންމެހެން ހުންނަންޖެހޭ ލިޔެކިޔުންތަކާއި މި ޤާނޫންގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި މި ޤާނޫންގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔެކިޔުންތައް ދިވެހިބަހުން ތާނަ އަކުރުން ހުންނަންޖެހޭނެ އެވެ."

ކުރިން މި މާއްދާ އޮތީ  އަންނަނިވި ގޮތަށެވެ. "ދިވެހި ދައުލަތުގެ ހުރިހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހައި ތަންތާނގެ ލިޔެކިޔުންތަކުގެ ތެރެއިން، ބޭރުބަހަކުން ކޮންމެހެން ހުންނަންޖެހޭ ލިޔެކިޔުންތައް ފިޔަވައި އެހެން ލިޔެކިޔުންތައް ހުންނަން ވާނީ ދިވެހިބަހުން ތާނަ އަކުރުން ނެވެ."

މީގެ އިތުރުން 4 ވަނަ މާއްދާގެ (ހ) ވެސް އަންނަނިވި ގޮތަށް އިޞްލާޙުކުރެވުނެވެ. " ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކުން ދިވެހިންނަށް އަމާޒުކޮށްގެން ލިޔާ އެންމެހައި ލިޔުންތަކުގެ ތެރެއިން މި ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދެއްގައި އިސްތިސްނާކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ލިޔަންވާނީ ދިވެހިބަހުން ތާނަ އަކުރުންނެވެ."  ކުރިން ބިލުގައި މިމާއްދާ އޮތް ގޮތަކީ، "ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކުން ދިވެހިންނަށް އަމާޒުކޮށްގެން ލިޔާ އެންމެހައި ލިޔުންތައް ލިޔަންވާނީ ދިވެހިބަހުން ތާނަ އަކުރުންނެވެ."

މީގެ އިތުރުންވެސް ޢިބާރާތުގެ ކުދިކުދި ބަދަލު ގެނެސް އިސްތިސްނާ ކުރާ ލިޔުންތަކުގެ ޖަދުވަލެއް އިތުރުކުރެވުނެވެ. އެ ޖަދުވަލުގައި އިސްތިސްނާކުރުމަށް ބަޔާންކޮށްފައިވާ ތަކެއްޗަކީ:

1.    ޢިލްމީ ނުވަތަ ޑޮކްޓަރީ ތަޙުލީލުތަކުގެ ރިޕޯޓު
2.    ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީ
3.    ރަސްމީ ލިޔުމަކަށް ނުވާ ގޮތަށް ކުރެވޭ ނޯޓުކުރުންތައް
4.    ދެލިކޮޕީތައް
5.    ދިވެހިބަހުން ލިޔެފިނަމަ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެދާނެ ފަންނީ ނުވަތަ ޓެކްނިކަލް ލިޔުންތައް

މި 5 ބާވަތުގެ ލިޔުމެވެ.  ދެން ގެނެވުނު ޚާއްޞަ ބަދަލަކީ އިނގިރޭސި ލަފުޒު ގިނަކަމަށް ރައީސުލްޖުމްހޫރިއްޔާ  އިޝާރާތް ކުރައްވައިފައިވާތީ ކުރިން ބިލުގައި އޮތް "ލިންގުއިސްޓިކް" މި ލަފުޒާއި "ކްލިއަރިންގ ހައުސް" ގެ ބަދަލުގައި އެ 2 ނަން ދިވެހި ބަހަށް ތަރުޖަމާކޮށްގެން ހިމެނުމެވެ. މުޅި ބިލުގައި ކުރީންވެސް އިނގިރޭސި ލަފުޒަކަށް އޮތީ ހަމަ އެކަނި މި ދެންނެވި 2 ލަފުޒެވެ. އެއީ ފަންނީ 2 ލަފުޒު ކަމަށް ވާތީ އެ 2 ލަފުޒުގެ ދިވެހި މާނަ ހިމަނައިފިނަމަ އަޞްލު މަފުހޫމު ގެއްލިދާނެތީ ގަންތުގައި ހިމެނި 2 ލަފުޒެވެ. ނަމަވެސް ބިލު ފާސްކުރަން ބޭނުންވާތީ (އޭރުގެ) ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ގިނަ ކަމަށް ފެނިވަޑައިގަތް 2 ލަފުޒުވެސް ދިވެހިބަހަށް ތަރުޖަމާކޮށްލައިގެން ހިމެނީ އެވެ.

ދެވަނަ ފަހަރަށް ބިލު އިޞްލާޙުކުރެއްވުމުގައި ކޮމިޓީ އިން ލަފާހޯއްދެވީ ޑރ. ޙަސަން ޙަމީދާއި ޑރ. މުޙައްމަދު ލަޠީފަށް ދަންނަވއިގެންނެވެ. ދެން ޤާނޫނީ ލަފާފުޅު ހޯއްދެވީ ބަންޑާރަ ނާއިބުގެ އަރިހުންނެވެ. މި ހުރިހާ ފަރާތެއްގެ މަޝްވަރާގެ މަތީން މި ބިލުގެ މަޤްޞަދު ނުގެއްލޭނެ ގޮތަށް ގެނެވެން އޮތް ހުރިހާ ލުޔެއް މި ފަހަރު ގެނެވުނެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު ޤާނޫނަކަށް ހެއްދެވުމަށް އިޖުތިމާޢީ ކޮމިޓީ އިން ދެއްވި އިސްކަން ޚާއްޞަ ގޮތެއްގައި މި ފުރުޞަތުގައި ވެސް ފާހަގަކޮށް އެ ކޮމިޓީގެ މުޤައްރިރު އަލްފާޟިލު ޢަބްދުﷲ މަސީޙު މުޙައްމަދަށާއި އެ ކޮމިޓީގެ ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވަމެވެ. ކޮމިޓީގެ ބުރަ އަދި އަވަސް މަސައްކަތަށް ފަހު ބިލު ދެވަނަ ފަހަރަށް މަޖިލީހުގެ ޢާއްމު ޖަލްސާއަށް އޭޕްރީލް މަހު ފަހުކޮޅު ފޮނުވުނެވެ. މަޖްލީހުގެ 2011 ވަނަ އަހަރުގެ ފުރަތަމަ ދައުރު ނުނިމެނީސް ބިލާމެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމާ ހަމަޔަށް ގެންދެވުމަށް މަޖިލީހުގެ ރައީސް އަލްފާޟިލު ޢަބްދުﷲ ޝާހިދުގެ އަރިހުގައި އެދުމުން އެ މަނިކުފާނު އެކަމަށް އިޖާބަދެއްވައި، އެކަމަށް ދެއްވި ސަމާލުކަން ވެސް ޚާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ.

އިސްވެ ދެންނެވުނު ގޮތުގެ މަތީން ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު ދެވަނަ ފަހަރަށް މަޖިލީހުގައި ވޯޓަކަށް އެއްސެވީ، ގެންނަން ފެނިވަޑައިގަންނަވާ އިޞްލާޙެއް އޮތްނަމަ ހުށަހެޅުއްވުމުގެ 4 ދުވަހުގެ ފުރުޞަތު މެންބަރުންނަށް އެރުވުމަށް ފަހު 25 އޭޕްރީލް 2011 ގައެވެ. އެ ދުވަހު މި ބިލާމެދު ގޮތެއް ނިންމުމަށް ވޯޓަށް އެއްސެވުމުން ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވޯޓުދެއްވީ ބިލް އޮތް ގޮތަށް ފާސްކުރުމަށެވެ. ވިލުފުށީ ދާރިރާގެ މެންބަރު ރިޔާޒު ރަޝީދު ވޯޓުދެއްވީ ވަކި ގޮތަކަށް ވޯޓުދެއްވާން ބޭނުންފުޅު ނުވާ ކަމަށެވެ.

ކޮންމެއަކަސް އޭޕްރީލް 25 ވަނަ ދުވަހު ފާސްކުޅަ ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލު، 11 މެއި 2011 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު އެ ބިލު ވަނީ ޤާނޫނަކަށް ވެފައެވެ. މިހާރު އެއީ ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނެވެ. މި ޤާނޫނުގެ ނަތީޖާ ފެންނާނީ، މި ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 90 ދުވަހުގެ ތެރޭގައި އުފައްދަންޖެހޭ "ދިވެހިބަހުގެ އެކެޑެމީ" ވެސް މިހާރުވަނީ ވުޖޫދަށް އައިސްފައެވެ.

އާދޭހެވެ! ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ސަބަބުން ދިވެހިބަހަށް އިސްކަންދިނުން ދިވެހީންނަށް ޤާނޫނީ ގޮތުން ލާޒިމުވީ އެވެ. ދިވެހިބަހަށް ޤާނޫނީ ޙިމާޔަތް ލިބުނީއެވެ. ދިވެހިބަހަށް ޚިދުމަތްކުރުމުގެ އެތައް ފުރުޞަތުތަކެއް ފަހިވެގެން އައީއެވެ. ދެން އޮތީ މި ޤާނޫނަށް ދިވެހީން އަހުލުވެރިކޮށް އެ ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ދައުލަތާއި ރައްޔިތުން އަދާކުރާންޖެހޭ ޤައުމީ ޒިންމާ އެވެ. އަދި ޚާއްޞަކޮށް މި ޤާނޫނުން އުފެދިފައިވާ "ދިވެހިބަހުގެ އެކެޑެމީ"ގެ ޒިންމާ އާއި މަސްއޫލިއްޔަތެވެ. އިޚުލާޞްތެރިކަމާއި ގިނަގުނަ ޚިދުމަތްތަކެވެ.

------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ