Print

މަޖުބޫރު ލޯބި (27)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު
                                                   02 ޖޫން ( ހޮނިހިރު ) އާ ގުޅޭ..
އޭނާ ރުޅިއައިސްފައި ވިސްނާލިއެވެ. [އަހަރެންވެސް ކުޅިގަނޑެއް ކުޅެލާނަމެވެ. އަހަންނަށް ދިން ކަހަލަ ކެއްސެއް ދޭނަމެވެ. ހަނދާން ހުންނަވަރުގެ ކަމެއް ކޮށްލާނަމެވެ.]

[މިސިޒް ހެރަލްޑެވެ!] އޭނާ ބަދިގެއަށް ވަދެފައި ބުންޏެވެ..... ކިހާ ރީތި ބަދިގެއެއް ހެއްޔެވެ. ދުވާލުގެ ހަމަ އަލީގައި ބަދިގެ ރަނގަޅަށް ބަލާލެވުނު މިއީ ފުރަތަމަ ފަހަރުކަމުގައި ވެދާނެއެވެ. ކޮންމެ އެއްޗެއް އޭނާއާ ކުރިމަތިލާފައިވާ ކަހަލައެވެ.

[މިހާރު މިނިމުނީއެވެ.] އޭނާ ތުވާލުން އަތްފޮހެލަމުން ބުންޏެވެ. ދެން އޭނާ ދަބަސް ނަގައިފިއެވެ. އަދި އައިނު އަޅާލުމާއެކު ހިނިތުން ވެލާފައި ބުންޏެވެ. [ހިންގަވާށެވެ.]

ދެމީހުން ބަދިގޭން ނުކުމެއްޖެއެވެ. ލިވިންގރޫމުން ކޮރިޑޯއަށް އަތުވެއްޖެއެވެ. ކަނާތް ފަރާތުގައި ހުރީ ޖަލާލީގެ ނިދާ ކޮޓަރިއެވެ..... މިސިޒް ހެރަލްޑް ބުންޏެވެ. [ކުޑައިރުކޮޅަކު އިންތިޒާރު ކޮށްލައްވާށެވެ. އަޅުގަނޑު އެބައަންނަމެވެ.]

ޖަޔާ ކޮރިޑޯގައި ހަރުކޮށްފައިވާ ކުރެހުންތަކަށް ބަލަން ފަށައިފިއެވެ. އެތާނގައިވެސް ރަތް ދޫލަ އަޅާފައިވެއެވެ. ހިނގާއިރު ފައިތިލަ ގަނބައިގެން ދާވަރުގެ މަޑު ދޫލައެކެވެ. ފާރުތަކުގައިވެސް ހުރީ ކުރެހުން އަޅާފައެވެ. ތަންތަން ކޮޅުގައި ކުރެހުން ހަރުކޮށްފައިވެއެވެ. ފޮޓޯތަކާއި މަސްނޫޢީ މަލުން ވަރަށް ރީތިކޮށް އެތަން ޒީނަތްތެރި ކޮށްފާވެއެވެ.

މިސިޒް ހެރަލްޑް ކަނާތް ފަރާތުން އައިސް ޖަލާލީގެ ކޮޓަރީގެ ދޮރުކައިރިއަށް ހުއްޓިއްޖެއެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް އަތުވެއްޖެއެވެ.

[މިސްޓަރ ޖަލާލީއެވެ. އަޅުގަނޑުމެން ބޭރަށް ދަނީއެވެ. އާދެވޭނީ މިރޭ ކަންނޭގެއެވެ.]

[އެންމެ ރަނގަޅެވެ.....!]

[ފައިސާ ކޮޅެއް ދެއްވާނަންތޯއެވެ؟]

[ހަމަގައިމެއް ނޫން ހެއްޔެވެ. ހެރަލްޑެވެ. ޖަޔާ ގާތުގައި އަހާލިން ހެއްޔެވެ؟]

[ކޮން ވާހަކައެއް ތޯއެވެ؟]

[އެނާ ބޭނުންވަނީ ކިހާ ފައިސާއެއް ކަމެވެ.]

[ނޫން..... ނޫނެކެވެ..... އޭނާގެ ކުރިމަތީގައި އެކަހަލަ ވާހަކައެއް ދެއްކުން ރަނގަޅެއް ނޫނެވެ. އެކަހަލަ ކޮންމެ ވާހަކައަކާމެދު އޭނާ ނަފްރަތު ކުރެއެވެ. ރުޅިއާދެއެވެ.]

[އެހެންދޯއެވެ!]

މިސިޒް ހެރަލްޑް ހިސާބު ހަދާފައި ބޭނުންވާ ވަރަށް ފައިސާ އަތުލައިފިއެވެ.

[އިތުރަށް އެތިކޮޅެއް ގެންދަން ވާނެއެވެ. ފަހަރެއްގައި ނާޖިޔާ އެއްޗެއް ގަނެލަން ބޭނުން ވެދާނެއެވެ. އެހެން ވެއްޖެނަމަ އެ އެއްޗެއް ގަނެދޭން ޖެހޭނެއެވެ.]

ޖަލާލީ އެތައް ސަތޭކަ ޑޮލަރެއް މިސިޒް ހެރަލްޑް އަތަށްދީފިއެވެ.

[ޝުކުރިއްޔާ!........] މިސިޒް ހެރަލްޑް ދަބަހަށް ޑޮލަރުކޮޅު ލަމުން ބުންޏެވެ. އަދި ބާއިބާއި ކިޔަމުން ކޮޓަރިން ނުކުމެއްޖެއެވެ.

[ހިންގަވާށެވެ! އޭނާ ޖަޔާއާއެކު ގޭން ނުކުމެއްޖެއެވެ.

ބޭރުގެ މަންޒަރުތައްކިހާ ރީތި ހެއްޔެވެ. ޖަޔާއަށް ހީވީ ހަމަ ޙަޤީޤަތުގައިވެސް ސުވަރުގޭގެ ބައެއްގައި ހުރެވުނު ހެންނެވެ. ފެހިގަސްތަކާ އެކިވައްތަރުގެ މާމަލުން މުޅި ހިސާބުގަނޑު ފަޅުފިލާފައި ވެއެވެ. އެއްފަރާތުގައި ފަރުބަދަތަކުގެ ސިލްސިލާއެވެ. ދުރަށް ދިޔަވަރަކަށް ފަރުބަދަތައް އުސްވަމުން ގޮސްފައިވެއެވެ. އެއިން ކޮންމެ ފަރުބަދައެއްގެ ކައިރީގައި ރީތި ގެއެއްހުއްޓެވެ. ކޮންމެގެއެއްގެ ފުރާޅުގައި ރަތްކުލަ ލާފައިވާއިރު ރީތިކަމުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ފެހިގަސްތަކުގެ ގޮޅިގޮޅި އެގެތަކުގެ ވަށައިގެންވެއެވެ.

މިސިޒް ހެރަލްޑް އޭނާ ގޮވައިގެން ގަރާޖާ ދިމާއަށް އަތުވެއްޖެއެވެ. ފައްޗަކަށް ތިންކާރު އެތާނގައި އޮތެވެ.
ހެރަލްޑް އޭނާގެ ކާރުގެ ދޮރުފަތް ހުޅުވާލިއެވެ.

[އިށީންނަވާށެވެ.] އޭނާ ޖަޔާ ގާތުގައި ބުންޏެވެ. ޖަޔާ ދެން އޮތް ދެކާރަށް ބަލަހައްޓައިގެން ހުއްޓެވެ. ރަތްކޮށް އޮތީ ޖަލާލީގެ ކާރެވެ. އަދި މުޅިން އާކޮށް ނޫކުލައިގައި އޮތީ ޖަޔާއަށް ގަނެދީފައިވާ ކާރެވެ.

[ކާރު ދުއްވަން ދަސްކޮށްދޭން މިސިޒް ހެޑްސަން ހުންނާނެއެވެ. ބޭނުމިއްޔާ ދެތިން ދުވަހެއްގެ ތެރޭގައި އޭނާ ދަސްކޮށް ދީފާނެއެވެ. ޖަލާލީ ނިންމާފައި އޮތީ އެގޮތަށެވެ. އެކަމަކު މިހާރު ދެންއޮތީ ޖަޔާއަށް ފެނިލައްވާ ގޮތެކެވެ.] ހެރަލްޑް ޖަޔާ ގާތުގައި ބުންޏެވެ.

އޭނާ އެއްވެސް ޖަވާބެއް ދިނުމަކާނުލައި ކާރަށްއަރާ އިށީނދެއްޖެއެވެ. މިސިޒް ހެރަލްޑް އޭނާއާ ޖެހިގެންހުރި ސީޓުގައި އިށީނދެއްޖެއެވެ. އަދި ކާރު ސްޓާޓް ކުރަމުން ހިނިތުން ވެލާފައި ބުންޏެވެ.

[ނާޖިޔާއެވެ. މޫޑުމުޅިން ބަދަލު ކޮށްލައްވާށެވެ. ހިތާ ސިކުނޑިއަށް އުފާވެރި ގޮތް ގެންނަވާށެވެ. ވަގުތު ހަމަ އެދާވަރަކަށް ފާއިތުވަމުން ދާނެއެވެ. އޭގެ ކޮންމެ ހިނދުކޮޅަކުން އަރާމާ އުފާ ހޯއްދަވާށެވެ.]

ޖަޔާ ހާސްވެފައިވާ ކަހަލަ ގޮތަކަށް ބަލާލިއެވެ. ހަމައެކަނި ތުންފަތުގައި ދަތްއަޅާލައިގެން އިނީއެވެ. މިސިޒް ހެރަލްޑްގެ ވާހަކައިން އޭނާގެ ހިތް ނުތަނަވަސް ވެފައިވެއެވެ.

މިސިޒް ހެރަލްޑަކީ ދަނޑިވަޅުގެ ބޭނުން ހިފަން ފިސާރި ރަނގަޅަށް ދަންނަ އަންހެނެކެވެ. މިގޮތަށް ޖަޔާގެ މޫނުގެ ކުލަވަރު ތަޣައްޔަރުވެގެން ދިއުމުން ކުއްލިއަކަށް ވާހަކަ ބަދަލުކޮށްލައިފިއެވެ. [ފުރަތަމަ ދާނީ ޑައުންޓައުނަށެވެ. ޖަޔާއަށް ފެނިލައްވަނީ ކިހިނެއްތޯއެވެ.]

[އަހަންނަށް އެކައްޗެއްވެސް ނޭގެއެވެ. މިތަނުގެ އެއްވެސްކަމެއް އަހަންނަކަށް ނޭގެއެވެ. މިއައީވެސް ހެރަލްޑްގެ އެދިލެއްވުމުގެ މަތިންނެވެ. ގޮވައިގެން ދިޔަ ތާކަށް އަހަރެން ދާނަމެވެ.]

[ސާބަހެވެ. ހިތްވަރުގަދަ ކުއްޖަކަށް ވެލައްވާށެވެ.]

[ދުވާލުގެ ވަގުތުގައި ތަރި ފެންނަ ވަރަށް ހިތްވަރުގަދަ ކޮށްލާނަމެވެ.]

އޭނާގެ ވާހަކައާމެދު ހެރަލްޑް ކުޑަކޮށް ހީނލިއެވެ. ޖަޔާގެ ހިތުގައިވާ ބަދަލުހިފުމުގެ ޖަޒުބާތުތަކުގެ ޚަބަރު އޭނާއަށް އެނގެނީ ކަންނޭގެއެވެ.

އޭނާ ޖަޔާއާ ވާހަކަދައްކަމުން ކާރު ގަރާޖުން ނެރެފިއެވެ. ފިސާރި ރީތިކޮށް އަޑި އުސްތަންތަނާއެކު ތިރިއަށް ދާން މަގެއް ހެދިފައިވެއެވެ. އެމަގު ގުޅިފައިވަނީ ތިރީގައި އޮތް ބޮޑު މަގާއެވެ. މަގުގެ ދެފަރާތުގައި ބޮޑެތި ގަސްތައް ހައްދާފައިވެއެވެ. އޭގެ ފުރަގަހުން ލޮލުކޮޅަށް ނުފެންނަ ހިސާބަށް މަލުގެ ވާދީ ދެމިފައިވެއެވެ. ބައެއް ތަންތަނުން ގޭގެވެސް ފެނެއެވެ.

ކާރު ހައިވޭއަށް އަތުވެއްޖެއެވެ. މިހާ ތަނަވަސް ރީތިމަގެއް އެންމެ ފުރަތަމަ ފަހަރަށް އޭނާއަށް މިފެނުނީއެވެ. އެތައްކާރެއް އެއްފަހަރާ އެއްފަރާތަކުން ބާރު ސްޕީޑްގައި ދަތުރުކުރަމުން ދަނީއެވެ. ކާރުތަކުގެ ޢަދަދު ޙައިރާންވާހާ ގިނައެވެ. މިސިޒް ހެރަލްޑް މަގުތަކާ އެކިއެކި ތަންތަނާ ބެހޭގޮތުން ޖަޔާއަށް އޮޅުން ފިލުވައިދެމުން ދެއެވެ.

ތިރީގައާ މަތީގައި ހަދާފައިވާ ފުޅާމަގުތައް ފެނިފައި އިންސާނުން ކުޅަދާނަކަމުގެ މައްޗަށް ޖަޔާ ހިތުން ތަޢުރީފު ކުރިއެވެ. އެތާނގައި ކޯރަކުން ފެންދެމޭހެން ޓްރެފިކް ކޮޅުކޮޅަށް ދެމިފައިވެއެވެ. ހުއްޓުމެއްނެތި ދަތުރު ކުރަމުންދެއެވެ. އެމީހުން ދަނީ ޑައުންޓައުން އަށެވެ. މިސިޒް ހެރަލްޑް ކާރު ހަނިމަގަކަށް އަޅުވާލިއެވެ. މި މަގުވެސް އެހާމެ ފުޅަލެވެ. ދިހަވަރަކަށް ކާރު ހަލުއިކަމާއެކު އެއްފަހަރާ ދަތުރު ކޮށްލެވޭހާ ފުޅަލެވެ.

މިއީ ތަރައްޤީ ހިސާބުގަނޑެކެވެ. ކޮޅުކޮޅަށް މީހުން ހިނގާތަންފެނެއެވެ. ފިހާރަތައް ހުޅުވި ވިޔަފާރި ކުރެވެމުން ދެއެވެ. އަންހެނުންނާ ފިރިހެނުން އަދި ކުދިންވެސް ފިހާރަތަކުން ފެނެއެވެ. އެންމެންވެސް ތިބީ ސާފު ފޭރާމުގައެވެ. މުސްކުޅި އަޖޫޒު އަންހެނުންވެސް އަޅާފައިވާ ހެދުން ރީތިވެފައި ސާފެވެ. ޒުވާން އަންހެން ކުދިންގެ ސިއްޙަތު ވަރަށް ރަނގަޅެވެ. ގިނަ ކުދިން ފެންނަނީ ބްލައުޒާއެކު ޖީންސް ލައިގެން ތިއްބައެވެ. މުޅިންވެސް ދޮން ކުދިންނެވެ. ގިނަމީހުންގެ އިސްތަށިގަނޑު ހުންނަނީ އަޅި ކުލައަކަށެވެ. ބައެއްމީހުންގެ އިސްތަށިގަނޑު ކަޅެވެ. އަދި ބުރައުން ކުލައިގެ އިސްތަށިގަނޑު ހުންނަ މީހުންވެސް މަދެއްނޫނެވެ. ކަޅުމީހުންވެސް ހިސާބަކަށް ފެނެއެވެ.

މިސިޒް ހެރަލްޑް ހުރިހާތަނެއް ޖަޔާއަށް ދައްކައިފިއެވެ. ރީތި ފިހާރަތައް ޖަޔާ ބެލިއެވެ.

ހެރަލްޑް މިތަންތަން ދެއްކުމަށްފަހު ޖަޔާ ގޮވައިގެން މެޑޯނާ ސްޓޯރަށް ހިނގައްޖެއެވެ.

ސްޓޯރެއް ހެއްޔެވެ. ނުވަތަ ކުޑަވަރެއްގެ ޝަހަރެއް ހެއްޔެވެ. މޫނުބަލާ ލޮޔާ ބިއްލޫރީގެ ދުނިޔެއެކެވެ. ސްޓޯރުގެ އެތައް ބައެއްވެއެވެ. އެތައް ބުރިއެއް ހުއްޓެވެ. ދުނިޔޭގައި ލެއްވި ހުރިހާ އެއްޗެއް އެތަނުން ލިބިދާނެކަން ނޭނގެއެވެ. ޖަޔާ މިސިޒް ހެރަލްޑާއެކު ވަރަށް ޝައުގުވެރި ކަމާއެކު ސްޓޯރު ބަލަމުން ގެންދިޔައެވެ. މިބަޔަކީ އިންތިހާއަށް ސާފު ތާހިރު ބައެކެވެ. އަލަމާރީތައް ހުރީ ބިއްލޫރިންނެވެ. ކައުންޓަރ ވިދާ ބަބުޅައެވެ. ތަންތަނުން އެއްޗެހި އުފުލުމަށް ފަސޭހަކުރުމުގެ ގޮތުން ވަށިގަނޑުތައް ބަހައްޓާލެވިފާ ހުއްޓެވެ.

ކޮންމެ އެއްޗެއްގައި އެ އެއްޗެއްގެ އަގު ހަރުކޮށްފާވެއެވެ. އެއްވެސް މީހަކާއެކު ސޭލްމޭނަކު ނުހުރެއެވެ. އެމީހަކު ބޭނުން އެއްޗެއް އެމީހަކު އަމިއްލައަށް ނަގާ ވަށިގަނޑުތަކުގައި ބަހައްޓަމުންދެއެވެ. އެމީހުން ފައިސާގެ ހިސާބުކުރަނީ ކައުންޓަރު ކައިރިއަށް ގޮހެވެ. ޓީވީ ކެމެރާ ހުރިހާދިމާއަކަށް އަޅުވާލާފައި ހުރެއެވެ. މީހުންގެ ޙަރަކާތްތައް މެނޭޖަރުގެ ކޮޓަރިއާ ހަމައަށް ފަސޭހަކަމާއެކު ފެންނަމުން ދެއެވެ. މި ސިސްޓަމަކީވެސް ޖަޔާ ޚާއްޞަގޮތަކަށް ޙަރިއާން ކުރުވި ސިސްޓަމެކެވެ.

ދެމީހުން ހިނގަމުން ހިނގަމުންގޮސް ކުޑަކުދިންގެ ރެޑީމޭޑް ހެދުން ހުރި ހިސާބަށް އަތުވެއްޖެއެވެ. ފިސާރި ރީތި ގަމީހާއި ފަޓޫލުނު އަދި އެހެނިހެން އެއްޗެހި ހުއްޓެވެ. ޖުމްލަކޮށް ބަލާއިރު ކުޑަކުދިންނާބެހޭ ހުރިހާ އެއްޗެއް އެތާނގައި ހުއްޓެވެ. އަންހެން ކުދިންގެ އެއްޗެހި ވަކިންނެވެ. ފިރިހެން ކުދިންގެ އެއްޗެހި ވަކިންނެވެ.

ޖަޔާއަށް ތާނޫ ދައްތަގެ ގުއްޑޫއާއި ރަބޫގެ މަތިން ހަނދާން ވެއްޖެއެވެ. ބޭއިޚްތިޔާރުގައި އޭނާ ތިން ހަތަރު އަންހެން ހެދުމާ ފިރިހެން ހެދުން ނަގާފައި ބަލަން ފަށައިފިއެވެ.

[އަހަރެންގެ ދައްތަގެ ދެކުދިން ތިބެއެވެ.] އޭނާ ހެރެލްޑް ގާތުގައި ބުންޏެވެ.

]އެކުދިންނަށް އެއްޗެއް ގަނެލަން ބޭނުންތޯއެވެ.] ހެރަލްޑް ބުންޏެވެ.

މިތާނގައި ހުރި ހުރިހާ ހެދުމެއް ގަނެލަން ޖަޔާގެ ހިތަށް އެރިއެވެ. އެކަމަކު މި އެއްޗެހި ގަންނާނެ ފައިސާއެއް އޭނާގެ އަތަކު ނެތެވެ. ދަތުރު މަތީގައި މިސިޒް ފައުޒިއްޔާ ރަފީޤު ދިން ޑޮލަރު ކޮޅެއް ދަބަހުގައި ހުއްޓެވެ.

[އަޅުގަނޑުގެ އަތުގައި ފައިސާ އެބަހުއްޓެވެ. ރަނގަޅު އެއްޗެހި ބައްލަވާފައި ނަންގަވާށެވެ.] ހެރަލްޑް ބުންޏެވެ.

[ނޫނެކެވެ. އަޅާ ނުލާށެވެ.] ޖަޔާ ދެރަވެލާފައި ބުންޏެވެ.

[ނާޖިޔާއެވެ. ހެދުންކޮޅެއް ގަނެލުން ކޮންމެހެން ބޭނުމެވެ. ނާޖިޔާގެ ދައްތައާ ކުދިންނަށް އެހީވުމަކީ ނާޖިޔާގެ ޙައްޤެކެވެ.]

[އަހަރެންގެ ޙައްޤު އަހަންނަށް ލިބިގެނެއް ނުވެއެވެ. ވީއިރު އެމީހުނާމެދު އަހަންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ.] ޖަޔާ ހިތާމަ އެކުލެވޭ އަޑަކުން މިހެން ބުނަމުން ކުރިއަށް ހިނގައިގަތެވެ.

ޖަޔާ ނަގައިގެން އުޅުނު ހުރިހާ ހެދުމެއް މިސިޒް ހެރަލްޑް ނަގައިފިއެވެ.

ދެން ދެމީހުން އެކުގައި މޭކަޕް ސާމާނު ހުރިބަޔަށް އަތުވެއްޖެއެވެ. ވަރަށްބޮޑު ސެންޓް ފުޅިއެއް ނަގާފައި ޖަޔާ ބަލާލިއެވެ. ދެން ބަހައްޓައިފިއެވެ.... އޭނާ ކުރިއަށް ހިނގައިގަތުމުން އެފުޅިވެސް ހެރަލްޑް ނަގައިފިއެވެ.

ދެމީހުން އެތަނުން ނުކުތުމަށްޓަކައި ކައުންޓަރު ކައިރިއަށް ދިޔައިރު މިސިޒް ހެރަލްޑްގެ ވަށިގަނޑުގައި ވަރަށްގިނަ ސާމާނު ހުއްޓެވެ. އޭގެ ތެރޭގައި މުޅިންވެސް ހުރީ ޖަޔާގެ ސާމާނެވެ. ޚިޔާލުގެ ތެރޭގައި ހުރެގެން އޭނާ އަތްޖައްސާލި ކޮންމެ އެއްޗެއް އޭގެ ތެރޭގައި ހުއްޓެވެ. އަދި ޝައުޤުވެރި ނަޒަރަކުން ބަލާލި އެއްޗެއް ކަމުގައިވިޔަސް އެ އެއްޗެއް އޭގެ ތެރޭގައި ހުއްޓެވެ.

[ތިޔަކުރީ ވަރަށް ދެރަކެމެކެވެ.] އެއްޗެހިތައް ކާރަށް އެރުވިތަން ދެކެފައި ޖަޔާ ބުންޏެވެ.

[މިއީ އެހާވަރުގެ ކަމެއްނޫނެވެ.]

[އެމީހާގެ އެއްވެސް އިޙްސާންތެރިކަމެއް އަހަރެން ޤަބޫލެއްނޫނެވެ. ތިޔަހުރިހާ އެއްޗެއް ހެރަލްޑް ގެންދާށެވެ. ތިޔައިގައި އަތްލާންވެސް އަހަރެން ނޭދެމެވެ.]

ޖަޔާގެ ސީރިއަސް މޫނު ހެރަލްޑް ބަލާލިއެވެ.

އެކަމަކު އެމީހުން އެދަނީ މެންދުރުގެ ކެއުމަށެވެ. ތަންކޮޅެއް މަތީގައިހަދާފައިވާ މިރެސްޓޯރެންޓަކީ މިސާލެއްނެތް ފަދަ ތަނެކެވެ. ތިރީގައި ހައިވޭއެވެ. އެތަނުގެ ބިއްލޫރި ދޮރުތަކުގެ ކައިރީގައި އަރާމު ގޮނޑިގޮނޑީގައި ތިބޭއިރު ތިރީގައި ދެމެމުންދާ ކާރުތަކުގެ ސައިލާބު ފެންނަނީ ފިސާރި ހިތްގައިމު ގޮތަކަށެވެ.

[ކޭން ބައްލަވާނީ ކޮން އެއްޗެއްތޯއެވެ.] މިސިޒް ހެރަލްޑް ސުވާލުކުރިއެވެ.

[ގެނައި ކޮންމެ އެއްޗެކެވެ.]

[މިއަދު ގެންނާނީ އަޅުގަނޑަށް ފެންނަ އެއްޗެކެވެ.]

[ކެއުމުގެ މާބޮޑު ފޯރިއެއް ނެތެވެ.]

[ފޯރި ޖެހިދާނެއެވެ.]

މިސިޒް ހެރަލްޑް ވަރަށްގިނަ ސާމާނު ގެނުވައިފިއެވެ. އަގުބޮޑު އެހާމެ މީރު ތަކެއްޗެވެ. ފައިސާގެ ސުވާލެއް އެއްގޮތަކަށްވެސް ނެތެވެ. ބޭނުންވަނީ ޖަޔާ ހިތްހަމަޖައްސާ ދިނުމެވެ. އެކަމަކު ހިތްހަމަ ޖެހުމުގެ ބަދަލުގައި ފޫހިކަން އިތުރުވަމުން ދަނީއެވެ.

ޖަޔާ ފިލްމު ބެލީވެސް ހިތާ ދެކޮޅަށެވެ. އަބަދުވެސް ސިކުނޑީގެ ހާސްކަން އޭނާއަށް އުނދަގޫ ކުރަމުން ދެއެވެ. މައިންބަފައިންގެ މަތިން ގަދައަށް ހަނދާންވެއެވެ. ސިއްރުން ރޮއިވެސް ހަދައެވެ.

ފިލްމުނިމުމުން ދެމީހުން ކާރުގައި އެތައްތަނަކަށް ބުރުއެޅިއެވެ. މިސިޒް ހެރަލްޑް ގެންދިޔަތަކާށް އޭނާ ދިޔައެވެ. ގެއަށް އައިސްގެންވެސް ކުރާނެކަމެއް ނެތެވެ. މިގޮތުން ތަންކޮޅެއް ހިތްހަމަ ޖެހިގެން ވަގުތު ހޭދަކޮށްލެވި ދާނެއެވެ.

ދެމީހުން އެނބުރި ގެއަށް އައިއިރު ރޭގަނޑު ބާރަ ޖަހަނީއެވެ. ޑައުންޓައުންގައި ހަމަ ދުވާލެވެ. އެކަމަކު އެމީހުންގެ ހިސާބުގަނޑަށް ކަޅު އަނދިރި ރެކެވެ. ގޭގޭގެ މީހުން ނިދާ ނިމިއްޖެއެވެ. ފާރަވެރި ކުއްތާތައް ހޭރޭ އަޑުވެސް ބައެއް ފަހަރު އިވެއެވެ.


****************************

[އުފާވެރި ފަތިހެކެވެ.] މިސިޒް ހެރަލްޑްގެ އުނަގަނޑުގައި އޮތް ހަންކަމަރު ކުޑަކޮށް ދޫކޮށްލަމުން ހިނިތުން ވެލާފައި ޖަޔާއާ ދިމާއަށް ބުންޏެވެ.

[ޝުކުރިއްޔާ!] ޖަޔާ ޖަވާބު ދިނެވެ.

[އިއްޔެގެ ވަރުބަލީގެ ސަބަބުން މާގަދައަށް ނިދުނީތޯއެވެ. އަޅުގަނޑު އެނދުކޮފީ ހިފައިގެން އައިމެވެ.]

[އެހާ ހެނދުނާ ކޮފީބުއިމުގެ އާދަ އަހަންނަށް ހިފިފައެއް ނުވެއެވެ.] ޖަޔާ ބޮލަށް ޙަރަކާތެއް ގެނައުމާއެކު މޫނު މައްޗަށް ވެއްޓެމުންދާ އިސްތަށިތައް ފުރަގަހަށް ލައިފިއެވެ. އަދި ފުރަގަހަށް ދެއަތް ގެންގޮސް އިސްތަށިތައް އެއްކޮށްލާފައި އެއްފަރާތުން ކުރިމައްޗަށް ގެނައެވެ.

އޭނާ އެނުކުތީ ފެން ވަރައިގެންނެވެ. މިއަދުވެސް މޫނުމަތީގެ ކުލަވަރު ހުރީ ތަޣައްޔަރު ވެފައެވެ. ތުއްފަތުގައި ލިޕްސްޓިކްގެ އަސަރެއް ނެތެވެ. ލޯ ރަތްވެފައެވެ. އޭނާ ރޭގައިވެސް ރުއީ ކަންނޭގެއެވެ. ނުވަތަ ރަނގަޅަށް ނުނިދުނީއެވެ.

[ނާސްތާ، ކާގޭގައި ބަހައްޓާނީ ތޯއެވެ. ނޫނީ ބަދިގެއަށް ދާނީތޯއެވެ.] މިސިޒް ހެރަލްޑް ސުވާލު ކުރިއެވެ.

މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރި ޖަޔާ އެނބުރި ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުގައިވާ ސުވާލު މިސިޒް ހެރަލްޑަށް އެނގިއްޖެއެވެ. އޭނާ ހަމައަވަހަށް ބުންޏެވެ.

[ޖަލާލީ ނާސްތާ ކުރައްވައިފިއެވެ. މިއަދު އޭނާއާ ކުރިމަތިލާކަށް ނުޖެހޭނެއެވެ.]

[އެހެންވިއްޔާ ބަދިގެއަށް ދާނީއެވެ.] ޖަޔާ ފުރަގަހަށް އިސްތަށިގަނޑު އެއްލާލަމުން ބުންޏެވެ. އޭނާ މިއަދުވެސް ހުރީ އިއްޔެލައިގެން ހުރި ކަހަލަ ހެދުމެއްގައެވެ.

[ނާސްތާއާއެކު އެއްވެސް ވައްތަރެއްގެ ޖޫހެއް ބޭނުންވާނެތޯއެވެ.]

[މިސިޒް ހެރަލްޑެވެ. އަހަންނަށް ކަމުދާ އެއްޗެއްސާ އަދި ކަމުނުދާނެ އެއްޗެހި ބަލަން ނޫޅޭށެވެ. އެކަމަށް އަހްމިއްޔަތުކަން ދިނުމުގެ ބޭނުމެއްނެތެވެ. ހުރި އެއްޗެއް ތައްޔާރު ކުރާށެވެ. އަހަރެން ވަކި އެއްޗެއް ކާކަށް ބޭނުމެއްނޫނެވެ.]

(ނުނިމޭ....)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ