އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (28)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު
                                                   05 ޖޫން ( އާދިއްތަ ) އާ ގުޅޭ..
[މިސިޒް ހެރަލްޑެވެ. އަހަންނަށް ކަމުދާ އެއްޗެއްސާ އަދި ކަމުނުދާނެ އެއްޗެހި ބަލަން ނޫޅޭށެވެ. އެކަމަށް އަހްމިއްޔަތުކަން ދިނުމުގެ ބޭނުމެއްނެތެވެ. ހުރި އެއްޗެއް ތައްޔާރު ކުރާށެވެ. އަހަރެން ވަކި އެއްޗެއް ކާކަށް ބޭނުމެއްނޫނެވެ.]

މިސިޒް ހެރަލްޑް ބޯޖަހާލަމުން ވަކި އެއްޗެކޭ ނުބުނެ ކޮޓަރިން ނުކުމެއްޖެއެވެ.

[ޙަޤީޤަތުގައިވެސް މިއަންހެން ކުއްޖާގެ މައްސަލަ ވަރަށްބޮޑެވެ.] އޭނާ ހިތާހިތުން ވިސްނާލިއެވެ. ދެން ބައިގެއާ ދިމާއަށް ހިނގައްޖެއެވެ.

ހެރަލްޑް ޖަޔާއަށް ވަރަށް އާދައިގެ ނާސްތާއެއް ތައްޔާރުކުރިއެވެ. އަދި ޖަޔާއަށް އިންތިޒާރުކުރަން ފަށައިފިއެވެ.
ޖަޔާ އިސްއޮބާލައިގެން މަޑުފިޔަވަޅުގައި ހިނގާފައި ބަދިގެއަށް އަތުވެއްޖެއެވެ. އިއްޔެގެ ބުރުޖެހުމުން ތާޒާވުމުގެ ބަދަލުގައި މާބޮޑަށް ފިކުރުބޮޑުވެފައި ހުންނަ ކަހަލަ ގޮތަކަށް މިއަދު ފެނުނެވެ...... މިގެއަކީ ޤައިދުޚާނާއެއް ކަމުގައި އޭނާ ދެކެން ފަށައިފިއެވެ. މަންމައާ ބައްޕަގެ މަތިން ހަނދާންވާ ވަރުން އުދުހިލާފައި ދެވޭނެ ނަމައޭ ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އަރައެވެ.

މިސިޒް ހެރަލްޑް ދެކެވެސް މިހާރު ރުޅިއަންނަން ފަށައިފިއެވެ. އޭނާގެ އޯގާވެރިކަމާ ލޯތްބަށް ފުރަގަސްދޭން ފަށައިފިއެވެ. އެ ހަމްދަރުދީގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ..... އެކަނިވެރި ހައްޔަރުވުން ހިތުގައި އަލިފާން ޖަހަމުން ދިޔައެވެ..... ނާސްތާ ކޮށްލައިގެން އޭނާ އެކައްޗެކޭވެސް ނުބުނެ ނުކުމެގެން އަތުވެއްޖެއެވެ. މިސިޒް ހެރަލްޑްވެސް މަސްލަޙަތަށްޓަކައި އެކައްޗެއްވެސް ނުބުނެއެވެ.

ދެންވާނީ ކިހިނެއްބާވައޭ ޖަޔާގެ ހިތަށް އަރައެވެ..... ބާކީ އޮތްދުވަސްކޮޅު ހޭދަކޮށްލާނީ ކިހިނެއް ބާވައެވެ.

ވަރަށް އުނދަގުލުން އޭނާއަށް ވިސްނެން ފަށައިފިއެވެ. ކޮންމެވެސް ގޮތަކުން ވަގުތު ކަޑައްތު ކުރާނީއެވެ. ޙަޤީޤަތުގައިވެސް ކުއްލިގޮތަކަށް ރަށަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. ޖަލާލީއަކީ ޖާދޫގަރެއްނަމަ ޖާދޫގެ ދަނޑިބުރި އަނބުރާލާފައި ލޯމަރާލާށޭ ބުނުމުން ލޯމަރާފައި ލޯހުޅުވާށޭ ބުނުމުން ލޯހުޅުވާއިރު މައިންބަފައިންގެ ގާތުގައި ހުއްޓާ ފެނުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އޭނާއަކީ އެކަހަލަ ބާރެއް ލިބިފައިވާ މީހެއްވެސް ނޫނެވެ.

ވަގުތު ހޭދަކުރުމަށްޓަކައި ޖަޔާ ގޭތެރޭގައި ޙަރަކާތްތެރިވާން ފަށައިފިއެވެ. އެކި ކޮޓަރިއަށް ވަކިވަކިންގޮސް ބެލިއެވެ. ކޮޓަރި ތައްޔާރުކޮށްފައިވާ ގޮތް ބަލާ ވިސްނިއެވެ. ޖަލާލީގެ މުއްސަނދިކަން އިޙްސާސް ކުރިއެވެ. އެކަމަކު އެއްގޮތަކަށްވެސް މިއިޙްސާސް ފޮންޏެއް ނޫނެވެ. އެސިފަ ހުތުރު މީހާއާއެކު އުޅޭކަށް އޭނާ ގަސްތެއް ނުކުރެއެވެ.
އޭނާ އެތައް އިރެއްވަންދެން ސިޓިންގރޫމުގައި އިނެވެ. ސްޓީރިއޯ ސެޓަށް ބަލަމުން ގެންދިޔައެވެ. ދެން ކެސެޓްތަކަށް ބެލިއެވެ. ޕާކިސްތާނު ލަވައާއި ހިންދީލަވަ، ޢަރަބި ލަވައާއި ފާރިސީ ލަވަ އަދި އިނގިރޭސި ލަވައިގެ ކެސެޓްތައް ހުއްޓެވެ. އެ އެއްޗެހި ތަފާތު ހަރުތަކުގައި ބަހައްޓާފައި ހުއްޓެވެ.

ބަލާލުމަކާނުލައި އެތަނުން ކެސެޓްރޯލެއް ނަގައިފިއެވެ. އަދި ރޭޑިއޯ އޯން ކުރިއެވެ. ކުއްލިއަކަށް އަޑު ގުގުމައި ގަތެވެ. އެއާއެކު އަވަސް އަވަހަށް ވޮލިއުމަށް އަނބުރާލިއެވެ. ދެން ކޮޓަރި ތެރެއަށް މަޑު މިއުޒިކެއްގެ އަޑު ފެތުރިއްޖެއެވެ. ކޮންމެވެސް ކަހަލަ އިންޑިއަން ރާގެކެވެ...... ޖަޔާ ގޮނޑީގައި ލެނގިލާފައި ލޯމަރާލިއެވެ.

ރިހުމުގެ އޮއިވަރު ދެމެމުން ދިޔައެވެ. އަދި ޖަޔާ އޭގެ ތެރެއަށް ގެނބެމުން ދިޔައެވެ. ހިތުގެ ހިމަނާރުތަކަށް އަސަރުކުރަމުން ދިޔައެވެ. އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ކަންފަތުގެ ފޫޅުގައި ފިރުމާލަމުން ސޯފާގެ ފޮތިގަނޑުގެ ތެރެއަށް ހިނދެމުން ދިޔައެވެ.

ވޭތުވެގެން ދިޔައީ ކިހާއިރެއް ކަމެއް ނޭގެއެވެ. ޖަޔާ ޓޭޕް އޮފް ކޮށްލިއެވެ. ފޫހިވީ ކަންނޭގެއެވެ. ނޫނީ އިތުރަށް ކަރުނަ އޮހޮރުވުމުގެ ހިތްވަރު ނެތީއެވެ. ދޯޕައްޓާއިން ކަރުނަ ފޮހެމުން ތެދުވެއްޖެއެވެ. ނޭފަތް ފޮޅާ ސާފުކޮށްލިއެވެ. ދެން ކުޑަދޮރުގެ ފަރުދާ ކަހާލާފައި ބޭރު ބަލަން ފަށައިފިއެވެ. ބޭރުގެ މަންޒަރު ވަރަށް ރީއްޗެވެ. އަވި ދިއްލާފައިވާއިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ދެން އޭނާ ބޭރަށް ނުކުތުމަށް ގަސްތުކުރިއެވެ.

ތަންކޮޅަކަށް ހިނގާލާފައި ދަމާދޮރު ކައިރިއަށް އަތުވެއްޖެއެވެ. އަތްގަނޑުގައި ހިފާ އަނބުރާލަން ހިފާލުމާއެކު އަމިއްލައަށް އެނބުރިއްޖެއެވެ. އަދި އެތެރެއަށް ވަދެގެން އައި ޖަލާލީގެ ގައިގާ އޭނާ ނުޖެހުނީ ހަމަކިރިޔާއެވެ.

[ސޮރީއެވެ!] ޖަލާލީއަށް ބުނެލެވުނެވެ.

ޖަޔާ ފުންނަޒަރަކުން ބަލާލިއެވެ. އެބެލުމުގައި ރުޅިވެރިކަމާއި ބީރައްޓެހިކަން އެކުލެވިފައިވެއެވެ. އަދި ހާސްކަން އެކުލެވިފައިވެއެވެ. ޖަލާލީ އަރިއަކަށް ހުރެގެން ކަހަލަގޮތަކަށް ޖަޔާގެ ކަރިންލާފައި އެތެރެއަށް އަތުވެއްޖެއެވެ. އޭނާ ޖަހާފައިހުރީ ކޮންކަހަލަ ފިރިހެން ސެންޓެއް ކަމެއް ނޭނގެއެވެ. އެސެންޓްގައި ޖަޒްބާތުގެ ދިލަ އެކުލެވެއެވެ. އަދި އެސެންޓަކީ އެކަކު އެނަކަކާ ގައިގޯޅިވާ ވަގުތުގައި އަންހެނުންގެ ގަނޑުވެފައިވާ ވުޖޫދު ފެނަށް ހަދާލާފަދަ ފިރިހެން ސެންޓެކެވެ. އޭނާ ހަލުއި ފިޔަވަޅުގައި އެތެރެއަށް ވަދެގެން ދިޔަމަންޒަރު ބަލަހައްޓައިގެން ޖަޔާ ހުއްޓެވެ. އަދި ހަމަ އެ ހަލުއިކަމުގައި ޖަޔާވެސް ބޭރަށް ނުކުމެއްޖެއެވެ.

އޭނާ ކުޑަކޮށް ތުރުތުރު އަޅައެވެ. އަދި ނޭވާގެ ހިނގުންވެސް އަވަސްވެފައިވެއެވެ. މިވަނީ ކީއްކަމެއް އޭނާއަކަށް ނޭނގެއެވެ........ އޭނާ ފަނޑުއަވީގައި ހިނގަމުން ދިޔައެވެ. ފިނި މޫސުމެކެވެ. އެކަމަކު އޭނާއަށް އިޙްސާސް ކުރެވެމުން ދަނީ ހޫނު ކަމެކެވެ. ހިނގަމުންގޮސް ބޮޑުގަހެއްގެ ހިޔަލަށް ވަދެއްޖެއެވެ. އަދި ވެއްޓިފާ އޮތް ފަލަ ގޮފިގަނޑެއްގެ މަތީގައި އިށީނދެލައިގެން އިނދެ ވިސްނަން ފަށައިފިއެވެ.

މިތަނުގައި އިނދެގެންވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އެންމެފަހުން ތެދުވެގެން އެތެރެއަށް ވަދެއްޖެއެވެ. އެއްކޮޓަރިން އަނެއް ކޮޓަރިއަށް އަދި ތިންވަނަ ކޮޓަރިއަށް ހިނގައްޖެއެވެ. ބޭކާރު ވަގުތުތައް ހޭދަކޮށްލުމަކީ ކިހާ ދަތިކަމެއްކަން މިހާރު އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ. ފައުޒިއްޔާއަށް ފޯނުކުރުމަށް ހިތަށް އަރައިފިއެވެ. މިސިޒް ހެރަލްޑް ކައިރިއަށް އަތުވެއްޖެއެވެ.

[ފައުޒިއްޔާ ރަފީޤުގެ ގޭގެ ފޯނު ނަންބަރު އެނގޭހެއްޔެވެ؟]

[ލައްބައެވެ!]

[ނިކަން އޭނާއާ ގުޅާލަ ދީބަލާށެވެ.]

[ކީއްކުރައްވަން ތޯއެވެ؟]

]އޭނާއާ ވާހަކަ ދައްކާލަން ވެގެންނެވެ.]

]ވާހަކައެއް ނަންގަންނަން ތޯއެވެ.]

[ބުނެބަލާށެވެ.]

[ތިޔަ ދެމަފިރިން އުފާ ކޮށްލުމަށްޓަކައި ދެތިން ހަފްތާއަށް ބޭރަށްދުރުވި ވާހަކަ ޖަލާލީ އޮތީ ފައުޒިއްޔާ ގާތުގައި ނަންގަނެފައެވެ.]

[އެއީ ކީއްކުރަންހެއްޔެވެ؟] ޖަޔާ ޙައިރާންވެފައި ސުވާލުކުރިއެވެ. އޭނާ ރުޅިއައިސް ރަތްވެއްޖެއެވެ. ސިކުނޑި ބާރަށް ބުރުޖަހަން ފަށައިފިއެވެ. ތުންފަތުގައި ދަތް އެޅުމާއެކު ދެއަތުގެ އިނގިލިތައް މުށްކަވާލިއެވެ.

[ނުރުހުން ވެލެއްވީތޯއެވެ.] ހެރަލްޑް މަޑުމައިތިރި ކަމާއެކު ސުވާލުކުރިއެވެ.

[ކޮންމެ ކަމެއްގައި މަކަރެވެ. ކެހިވެރިކަމެވެ.] ޖަޔާ ހަރުއަޑުން ބުންޏެވެ.

[ނޫނެކެވެ. ނާޖިޔާއެވެ! މިސްޓަރ ޖަލާލީއާމެދު ތިޔަ ފާޅުކުރައްވަނީ މުޅިންވެސް ދޮގު ވާހަކަ ތަކެކެވެ.]

[ދިފާޢުގައި ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. އެމައްކާރު މީހާ ވަރަށް ރަނގަޅަށް މިހާރު އެނގިއްޖެއެވެ.]

ޖަޔާގެ މޮޔަކަމާއިމެދު މިސިޒް ހެރަލްޑް ހީނގަތެވެ. ދެން ލޯތްބާއެކު އޭނާގެ ކޮނޑުމަތީގައި އަތްބާއްވާލަމުން މަޑުމައިތިރިކަމާއެކު ބުންޏެވެ. ފިރިހެނަކު ދެނެގަތުމަށްޓަކައި އަންހެނެއްގެ މުޅި ޢުމުރު ހޭދަވެގެންދެއެވެ. ނާޖިޔާއަށް ހަމައެކަނި ދެތިން ދުވަހެއްގެ ތެރޭގައި އެހާރަނގަޅަށް ޖަލާލީގެ ޙަޤީޤަތް އެނގިލެއްވީ ކިހިނެއްތޯއެވެ؟

[އެއީ ދޮގުވެރިއެކެވެ......]

[ނާޖިޔާއެވެ. އަޅުގަނޑުގެ ތަޖްރިބާ މިކަމުގައި ބާބޮޑެވެ. އަޅުގަނޑު މިސްޓަރ ޖަލާލީގެ ޚިދުމަތުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ކަހަލަ ތެދުވެރިއަކު އަދި އިންސާފަށް ލޯބިކުރާ މީހަކު ނުހުންނާނެ ކަންނޭގެއެވެ.]

[ހެރަލްޑްގެ އަމިއްލަ ތަޖްރިބާ އަމިއްލައަށް ބޭނުން ކުރާށެވެ. ޖަލާލީގެ އިޙްސާންތެރިކަމުގެ ބަދަލުގައި އަހަރެން އިތުރަށް ދަލުގައި ޖައްސަން ނޫޅޭށެވެ.]

[ނާޖިޔާއަކީ އަމިއްލަ ޚިޔާލުތަކުގެ އަމިއްލަ ވެރިއެކެވެ. މީހަކަށް ކުރެވޭނެކަމެއް ނެތެވެ.]
[ފައުޒިއްޔާއާއި ގުޅާލަ ދީބަލާށެވެ.]

]ސޮރީއެވެ! ނާޖިޔާ މިސްޓަރ ޖަލާލީއާ ސުވާލު ކުރައްވާށެވެ. އޭނާގެ އަމުރާ ޚިލާފުވާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ.]

[ހެރަލްޑްވެސް އޭނާގެ ރޭވުމުގައި ބައިވެރިވަނީ ހެއްޔެވެ.]

ޖަޔާ ރުޅިއައިސް ކެކެމުން އެނބުރި ބެޑްރޫމަށް އަތުވެއްޖެއެވެ. މިސިޒް ހެރަލްޑާއި ޖަލާލީ ކޮންމެވެސް ކަހަލަ ބޮޑު ރޭވުންގަނޑެއް ރާވާފައިވާ ކަމުގައި އޭނާއަށް ހީވާ ކަހަލައެވެ. އެމީހުން އޭނާއަށް އޮޅުވާލައިގެން ހީލަތުގެ ދަލުގައި ޖައްސަނީއެވެ.

ޖަޔާ ހާސްވެފައި އިނދެގެން މިކަންތައްތަކާ ބެހޭގޮތުން ވިސްނަމުން ދިޔައެވެ. ކޮޓަރީގެ ހަތަރުފާރު ކައިރިވަމުން އަންނަ ކަމުގައި އޭނާއަށް ހީކުރެވުނެވެ. އަދި މަތީ ފަންގިފިލާ ތިރިވަމުން އަންނަނީ ކަމުގައި ހީވިއެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ.

ބަނޑުން އޭނާއޮތީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭގެއެވެ. މިސިޒް ހެރަލްޑް ކޮފީތަށްޓަކާއެކު ސޭންޑްވިޗެއް ހިފައިގެން އަތުވެއްޖެއެވެ.

[ނާޖިޔާއެވެ!] އޭނާ ގޮވާލިއެވެ. ޖަވާބެއް ނުލިބިމުން އަނެއްކާވެސް ގޮވާލިއެވެ. ދެން ގުދުވެލާފައި އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުންޏެވެ. [ނިދިކުރެއްވީ ތޯއެވެ......؟]

ނާޖިޔާ ބޯއުފުލާލިއެވެ. އޭނާގެ ލޯވަނީ ރަތްވެފައެވެ. މޫނުވެސް ވަނީ މޯޅިވެފައެވެ. އޭނާ ބުންޏެވެ. [މިސިޒް ހެރަލްޑެވެ! އަހަންނަށް ހީވަނީ ބޮޑުބިރުވެރި ކަމެއްގެ ތެރޭގައި އުޅެވޭ ހެންނެވެ.]

[ނާޖިޔާއެވެ!] މިސިޒް ހެރަލްޑް އޭނާގެ ކައިރީގައި އެނދުގައި އިށީދެއްޖެއެވެ. އަދި ކޮފީތައްޓާއި ސޭންޑްވިޗް ކުޑަ މޭޒުމަތީގައި ބަހައްޓައިފިއެވެ. ނާޖިޔާގެ ޙާލާމެދު މިހާރު އޭނާވެސް ހުންނަނީ ގޮތް ހުސްވެފައެވެ.

[ނާޖިޔާ ތިޔައޮންނަވަނީ ބިރުންތޯއެވެ؟ އޭނާ ބުންޏެވެ.

[އާނއެކެވެ..... ބިރުގަނެއެވެ.]

]ބިރު ހީވާންޖެހޭ އެއްވެސްކަމެއް ނެތެވެ.]

[އެއީ ...... ޖަލާލީ.......]

[ބުނުއްވާށެވެ.]

[އޭނާ އަބަދު ގޭގައި އުޅެނީ ކީއްވެގެން ހެއްޔެވެ؟]

[ނާޖިޔާއެވެ. މިއީ އޭނާގެ އަމިއްލަ ގެއެވެ........ އެހެން ނޫނަސް ޖަޔާއަށް ތިޔަވެލައްވަނީ ކުށް ހީއެކެވެ. އޭނާ ދުވާލު ހަތަރުދަމު ގޭގައި އުޅުއްވާނީ ކިހިނެއްތޯއެވެ. އޭނާއަކީ ވަރަށް މަސައްކަތްބޮޑު މީހެކެވެ. ނާޖިޔާގެ ކަންތަކުގައި އެމްބަސީއަށް ދުރުވެފައި ގެއަށް ދުރުވީ ހަމަދެންމެއަކުއެވެ. ހުރިހާކަމެއް ހުއްޓާލާފައި މިހާރު އެއުޅުއްވަނީ ނާޖިޔާގެ ފުރުމުގެ ކަންތައް ހަމަޖައްސޭތޯއެވެ.]

ޖަޔާ ފުންނޭވާއެއް ލިއެވެ. އިސްޖަހާލައިގެން ކުޑައިރުކޮޅަކު އިނެވެ.

މިސިޒް ހެރަލްޑް ކޮފީތަށްޓާއި ސޭންޑްވިޗް ނަގާ އޭނާއަށް ދީފިއެވެ.

[ޝުކުރިއްޔާއެވެ!] އޭނާ ބުންޏެވެ.

[އެއްގޮތަކަށްވެސް ތިޔަކަހަލަ ކަންތައްތަކާ ނުވިސްނާށެވެ.] މިސިޒް ހެރަލްޑް ބުންޏެވެ. [ގޭތެރޭގައި ޙަރަކާތްތެރިވެ އުޅުއްވާށޭ އަޅުގަނޑު ނަންގަތީ އެހެން ވެގެންނެވެ. ހަނދާންތައް އުނިކޮށްލުމަށްޓަކައި ކޮންމެވެސް މަސައްކަތެއްގައި އުޅުއްވާށެވެ. އެއްގޮތަކަށްވެސް މިސްޓަރ ޖަލާލީއާމެދު ބިރުން ނޫޅުއްވާށެވެ. އޭނާ ބުނުއްވި ގޮތަށް ހުރިހާކަމެއްވެސް ހަމަޖައްސަވާ ދެއްވާނެއެވެ. އޭނާގެ ފަރާތުން ޖަޔާއަކަށް އެއްވެސް ބިރެއްނެތެވެ.] މިހެން ބުނަމުން މިސިޒް ހެރަލްޑް އުފާވެރިކަމާއެކު ހިނިތުންވެލިއެވެ. މިހިނިތުންވުމުން ޖަޔާ ލަދުގަތީ ކީއްވެގެން ކަމެއް ނޭގެނެވެ.

ޖަޔާ ލޯބިވެތި ގޮތަކަށް ބަލާލިއެވެ. އޭނާ ހީވަނީ އެއްޗެއް ނުވިސްނޭ ކުޑަކުއްޖެއް ހެންނެވެ. ބިރުން އެކަނި ނީދެވިގެން އުޅޭ ކުއްޖަކު ހެންނެވެ.

[ކޮފީތަށި ބައްލަވައިގެން ތައްޔާރު ވެލައްވާށެވެ. އަޅުގަނޑު މިއުޅެނީ ބޭރަށް ނުކުމެލާށެވެ. ނާޖިޔާވެސް ދުރުވަން ވާނެއެވެ. ތައްޔާރު ވެލައްވަން ދުރުވާށެވެ. އިއްޔެ ލައިގެން ހުންނެވި ހެދުން ވަރަށް ސްމާޓެވެ. މިއަދުވެސް އެކަހަލަ ކޮންމެވެސް ހެދުމެއް ޚިޔާރު ކުރައްވާށެވެ. މިއަދު އަޅުގަނޑުގެ ރައްޓެހި މިސް މޭރީ ޖޯން އާވެސް ބައްދަލު ކުރުވާނަމެވެ. އޭނާއަކީ ވަރަށް މަޖާ އުފާވެރި މިޒާޖެއްގެ އަންހެނެކެވެ. އޭނާއާ ބައްދަލު ވެވިއްޖެއްޔާ ނާޖިޔާ ވަރަށް އުފާ ވެލައްވާނެއެވެ.]

މިސިޒް ހެރަލްޑްގެ ވާހަކައިން ޒަޔާއަށް ކުޑަ ހަމަޖެހުމެއް ލިބިއްޖެއެވެ. އަނެއްކާވެސް އެބިރުވެރިކަން ހިތުން ފުހެލިއެވެ. އަދި ކޮޅުކޮޅަށް ޙަރަކާތްތެރިވެ އުޅުމަށް ޢަޒުމް ކަނޑައަޅަމުން އެކަމަށް ތައްޔާރު ވެއްޖެއެވެ.

މި އާދުނިޔެ ރަނގަޅަށް ނުބަލަންވީ ކީއްވެގެން ހެއްޔެވެ. އޭނާ ވިސްނާލިއެވެ. ދެން ހެދުން ބަދަލުކުރުމަށްޓަކައި އެތެރެއަށް ވަދެއްޖެއެވެ.

މިއަދުވެސް ރީތި ހެދުމެއް އަޅާލިއެވެ. މޭކަޕްވެސް ކުރިއެވެ. އަދި ރީތި ޑިޒައިނަކަށް އިސްތަށިގަނޑު ހަދާލުމަށްފަހު ދަބަސް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ.

މިސިޒް ހެރަލްޑާއެކު އޭނާ ދެގަނޑިއިރު ވަންދެން ބުރުއެޅިއެވެ. މިސް ޖޯން މޭރީއާވެސް ބައްދަލުކުރިއެވެ. ހުނުމާ ހެއްވުމަށް ކުޅަދާނަ މިސް ޖޯން އޭނާއަށް ވަރަށް ކަމުދިޔައެވެ. އެއީ ހަމަ މިސިޒް ހެރަލްޑްގެ ޢުމުރުގެ އަންހެނެކެވެ. ޅަދުވަހުގައި ދެމީހަކާ ލޯބީގެ ގޮތުން ގުޅުނެވެ. އެ ދެކަންތައްވެސްވީ ނާކާމިޔާބެވެ..... ނަތީޖާއެއްގެ ގޮތުން ހުސްހަށިބައިގައި އިންނަނީއެވެ. ޙަޔާތުގެ ދުވަސްތައް ގުނާނެ ގޮތްގަނޑު އޭނާ ދަސްކޮށްފައިވެއެވެ. އޭނާ މަސައްކަތް ކުރަނީ ނޫހެއްނެރޭ ތަނެއްގައެވެ. އަވަދިނެތި އުޅުމާއެކު އުފަލުގައި އޭނާ ދުވަސްތައް ކަޑައްތު ކުރަމުންދެއެވެ.

މިސިޒް ހެރަލްޑް އޭނާއާބެހޭ ވާހަކަތައް ތަފްޞީލްކޮށް ކިޔާދިނުމުން ޖަޔާއަށް އަސަރު ކޮށްފިއެވެ.

[ނާޖިޔާއެވެ! ޙަޔާތުގައި ދިމާވާ ކަންތައްތަކާމެދު ނުވިސްނާށެވެ. އުޅެން ބޭނުން ކޮންމެގޮތަކަށް އުޅުން ބަދަލު ކޮށްލެވި ދާނެއެވެ.]

މިސިޒް ހެރަލްޑްގެ ވާހަކަ އަޑުނިވޭކަމަށް ހަދާފައި ޖަޔާ އައިސް ކާރަށްއަރާ އިށީނދެއްޖެއެވެ.

މިސިޒް ހެރަލްޑް އޭނާ ގޮވައިގެން ޝޮޕަކަށް ދިޔައެވެ. އަދި ގެއަށް ބޭނުން ސާމާނު ގަނެލައިގެން ކުޑަ ވަގުތު ކޮޅަކު ބުރުއަޅާލާފައި އެނބުރި ގެއަށް ހިނގައްޖެއެވެ.

*****************

ހިތެއް ނޭދެއެވެ. އެކަމަކު އޭނާ ހުރިހާކަމެއް ކުރަމުން ދިޔައެވެ.

އަދި ހިތާދެކޮޅަށް ކަމެއްކުރުމަކީ ވަރަށްދަތި އުނދަގޫ ކަމެކެވެ. ޖަލާލީ މިހާރު އެއުޅެނީ އެއުނދަގުލުގެ ތެރޭގައެވެ.

އޭނާ މީހަކާ އިނީ ބަރުބާދު ވުމަކަށް ނޫނެވެ. ވަރަށް އުފާވެރި އުއްމީދުތަކެއްގެ ހުވަފެންތައް އެމީހުން އޭނާއަށް ދެއްކިއެވެ. އޭނާ އޭރުވެސްހުރީ ރުހިގެނެއް ނޫނެވެ. މަޖުބޫރުން އެމީހުން އެއްބަސް ކުރުވީއެވެ. އަމިއްލަ އުފާވެރިކަން އޭނާ އޮތީ ހިތުގެ އެންމެ އަޑީގައި ވަޅުލާފައެވެ. އެކަނިވެރިކަމަކީ އޭނާގެ ނަސީބުގައިވާ ގޮތްކަމުގައި ޤަބޫލުކުރެއެވެ. އެކަމަކު ރަޙްމަތްތެރިންގެ އިޚްލާޞްތެރިކަން އޭނާ ދަންޖެއްސީއެވެ. އެމީހުން އޭނާގެ އުއްމީދުތައް ހޭލައްވާލީއެވެ. ހިތުގެ އަޑީގައިވާ އުފާވެރިކަން އޮރިޔާން ކޮށްލީއެވެ.

އެކަމަކު........

މިކަންތައްތަކުން އޭނާއަށް ލިބުނީ ހިތިކަމެވެ. ހުރިހާ އުފަލެއް ލިބުމުންވެސް ބޭނުން ނުކުރެވުނީއެވެ. އެންމެ ކައިރީގައެވެ. އެކަމަކު އެންމެ ދުރުގައެވެ. މިހާރު ޖަޔާގެ ތަޞައްވުރު ކުރެވުނަސް އޭނާ ބިރުގަނެއެވެ.

ޖަޔާ ފެނުމުގެ ކުރީގައި މިކަންތައްތައް މިގޮތަށް ނިމިދިޔަނަމަ ހިތާމައިގެ މަންޒިލްތައް މިހާ އަނދިރި ނުވީސް ކަންނޭގެއެވެ. އޭނާ ޖަޔާ ދެކެފިއެވެ. އަތްލައިފިއެވެ. ގަޔާ ކައިރި ކުރިއެވެ.... މި ހުރިހާ ކަންތައްތައް އޭނާގެ އެތެރެހަށީގައި ޠޫފާން އުފައްދާފައިވެއެވެ. އެޠޫފާންތަކުގެ ސަބަބުން ތާއަދަބު ދޭނާ ފިކުރުބޮޑުވެފައި އިނެވެ. ހިތަކީވެސް އަޖައިބެއް ކަހަލަ އެއްޗެކެވެ. އެކުޑަކުޑަ މަސްކޮޅު މެޝިނެއް ފަދައިން މަސައްކަތް ކުރެއެވެ. އޭގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދެއެވެ.

އެކަމަކު އެއީ ވަރަށް ރުޅިގަދަ އެއްޗެކެވެ. ގޮތްދޫނުކުރާ އެއްޗެކެވެ. ވަރަށްބޮޑު އަނިޔާވެރިއެކެވެ. ވަރުގަދަ އެއްޗެކެވެ. ކަމަކާ ކުރިމަތި ލައިފިއްޔާ މީހަކު ބުނާ އެއްޗެއްގެ އަޑެއް ނާހައެވެ. އެއީ ރިހުމުގެ މީރުކަން ދަންނަ އެއްޗެކެވެ. ވިންދު ތަކަކުން މެސެޖްތައް ފޮނުވައެވެ. އަމިއްލަ އެދުމުގެ ކުރިމަތީގައި އިންސާނީ ވުޖޫދު ކަސްތަޅު އަޅުވާލައެވެ.

ޖަލާލީ މިހާރު އެހުންނަނީ ހިތުގެ ގަދަފަދަކަމުގެ ކުރިމަތީގައި ގޮތް ހުސްވެފައެވެ.

އެހިތުގެ މައްޗަށް ޖަޔާވަނީ ވެރިވެފައެވެ. އެ ޖަޔާ ޤަބޫލުކުރިއެވެ. އަމިއްލަ މީހަކަށް ހެދިއެވެ. ޖަޔާއާމެދު އެތައް އުންމީދުތަކެއް ކުރިއެވެ. ޖަޔާއަށްޓަކައި ވިންދު ޖެހިއެވެ. ޖަޔާއަށްޓަކައި ތެޅިފޮޅުނެވެ.

އެކަމަކު ނާޖިޔާ އޭނާއާ ވަކިވުމަށް ނިންމީއެވެ. އަދި..... އޭނާވެސް ޖަޔާއާ ވަކިވުމަށް ވަޢުދުކޮށްފިއެވެ.

ހިތާ އިދިކޮޅަށް އޭނާ ހިފިއެވެ. އަދި އެހިތް ބަލިކޮށްލުމަށްޓަކައި ހުރިހާ އުކުޅެއްގެ ބޭނުންކުރިއެވެ. އެކަމަކު ވިސްނާލުމުން ހިތަކީ ދުނިޔޭގައިވާ އެންމެ ބޮޑު އަދި އެންމެ ބަރު އެތި ކަމުގައި ހީކުރެވުނެވެ.

ޖަލާލީ ނާޖިޔާ ރަށަށް ފޮނުވުމުގެ ކަންތައްތަކުގައި އަވަދިނެތި އުޅެއެވެ. މެޝިނެއް ފަދައިންނެވެ. ހެނދުނު އެމްބަސީއަށް ދިޔައެވެ. މުހިންމު ލިޔުންތަކުގެ އެއްބައި ފުރިހަމަ ކުރިއެވެ. އަނެއްބައި ގެއަށް ގެނައެވެ. އެއީ ނާޖިޔާ ލައްވާ ސޮއިކުރުވަންވީ ކަރުދާސްތަކެވެ. އޭނާއަށް ބާރު ހިންގޭނެނަމަ ހުރިހާ ކަރުދާސްތައް ކުދިކުދި ކޮށްލައިފީހެވެ. އަންދާ އަޅިއަށް ހަދައިފީހެވެ. ވީދާ ކުދިކުރުމަށްފަހު ކަނޑަށް އަޅާލައިފީހެވެ.

އެކަމަކު.......އޭނާއަށް އެކަމެއް ކުރެވޭކަށް ނެތެވެ.

މިސިޒް ހެރަލްޑާއި ނާޖިޔާ ބާޒާރުކޮށްގެން އެނބުރިގެއަށް އައީއެވެ. ޖަލާލީވެސް ބޭރަށް ދިއުމަށްޓަކައި ގަރާޖަށް އައީއެވެ...... އޭނާގެ ކާރު އެތެރޭގައި އެއްފަރާތުގައި އޮތެވެ.

ޖަޔާ ފޫހިގޮތަކަށް އޭނާއަށް ބަލާލިއެވެ. މިސިޒް ހެރަލްޑެވެ. މިތަނަށް އަހަރެން ބާލާށެވެ. [ އޭނާ އަވަހަށް ބުންޏެވެ.]

[ކިހިނެއްވީތޯއެވެ؟]

ނާޖިޔާ ޖަލާލީއާ ދިމާއަށް އިޝާރާތްކޮށްލިއެވެ.

[އެއީ އެއްވެސްކަމެއް ނޫނެވެ...... އޭނާ ނާޖިޔާއަކާ ވާހަކައެއް ނުދައްކަވާނެއެވެ. މިސިޒް ހެރަލްޑް ކާރުގައި އެތެރެއަށް ވަންނަމުން ބުންޏެވެ..... ޖަލާލީއާ ތަންކޮޅެއް ދުރަށްކާރު މަޑުކޮށްފިއެވެ.

ޖަޔާ ކާރުގެ ދޮރު ހުޅުވާލިއެވެ..... ހަލުއި ކަމާއެކު ބޭރަށް ނުކުތެވެ. އަދި ވަރަށް ބާރަށް ދޮރުފަތް ލައްޕާލާފައި ދުމެއް ޖެހިހެން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ޖަލާލީ ހިތާމައިގެ ނަޒަރަކުން ބަލާލިއެވެ. ހާސްކަމުގެ ތޫނު ތީރު ހިތާ ޙަމަލާ ދީފިއެވެ. ޤުދްރަތު އޭނާއާމެދު ކުޅެމުން މިދާ ރޯލުގެ ސަބަބުން އޭނާގެ ސިކުނޑި ހަލާކުވެގެން ދަނީއެވެ. އޭނާގެ މިސާލަކީ ވަޅެއްގެ ކައިރީގައި ފެންފޮދެއް އަތުނުޖެހި އެތައް ޒަމާނެއް ވަންދެން ފެނަށް ބޭނުންވެފައިވާ މީހެއްގެ މިސާލެވެ.

ކޮންމެއަކަސް ނާޖިޔާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އެއްފަހަރުވެސް ބަލައެއް ނުލައެވެ. އޭގެ މާނައަކީ އޭނާގެ ނިންމުމަށް ކުޑަވެސް ބަދަލެއް ނުގެންނަ ކަމެވެ. ޖަލާލީ އިންތިހާއަށް މާޔޫސްވެފައި ހުއްޓެވެ.
(ނުނިމޭ....)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ