Print

ހަރުތަކެތި ކަފާ ފެންކަޓަރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުލްމުޢީދު ޙަސަން


އިހުގެ ބައެއް ހަރުބަސްބަހުގައި އައިސްފައިވާ ތިލަ މާނަތައް، މިޒަމާނުގެ ޓެކްނޯލޮޖީ ދަނީ ދޮގުކުރަމުންނެވެ. އިހުގެ ހަރުބަހެއްގައި ވެއެވެ. "ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ." މި ހަރުބަހުގެ ތިލަ މާނައަށް ބަލާއިރު، ދޭހަވަނީ، ދަނގަޑު ގަނޑެއް ކަފާލެވޭނީ، ދަގަނޑުން ހަދާފައިވާ ހަމަ އެވަރުގެ ވަރުގަދަ އާލަތަކުންނެވެ.

ނަންގަނެވިދިޔަ ހަރުބަހާ ޚިލާފު ވިސްނުމެއް، ގެންގުޅުނު ޙިކުމަތްތެރިންގެ ނަޒަރުގައި، "ފިނިފެންމަލުގެ ފިޔައިން ދަގަނޑު ކަނޑާލެވިދާނެއެވެ." މި ބަހުގެ ތިލަ މާނައަކީ، ފިނިފެންމަލުގެ ފިޔައަކުން ދަގަނޑު ކަފާލެވިދާނެއެވެ. އެކަން ކުރުމަށްޓަކައި ކޮންމެހެން ވަރުގަދަ އާލަތެއް ބޭނުން ނުވެއެވެ.

ޙަޤީޤަތުގައި، މިދެންނެވި ދެ ހަރުބަހުގެ މުރާދައަކީ، އެއިން ދޭހަވާ ތިލަ މާނައެއް ނޫނެވެ. އޭގެ އަސްލު މާނަތައް ޝަރަޙަކުރުން، އެކަމުގެ އަހުލުވެރިންނަށް ދޫކޮށްލާފައި މައުޟޫޢަށް ދާނަމެވެ.

ފިނިފެންމަލެއް ފޮޅޭތަން، ޅެންވެރިޔަކަށް ފެނުމުން، އެއިން އޭނާގެ ޝާޢިރީ ޚިޔާލުތައް ތާޒާވެއެވެ. ހަމައެފަދައިން، ޤުދުރަތީ މަންޒަރުތައް ފެނުމުން އިންޖިނޭރުންގެ އީޖާދުކުރަނިވި ޚިޔާލުތައް ތަނަވަސް ވެއެވެ. ހިލަތަކުގެ މަތިން ފެން އޮހޮރޭ މަންޒަރު ފެނުމުން، ފެންކަޓަރު (Water jet cutter) އުފައްދަން، އިންޖިނޭރުން މަސައްކަތްކުރިއެވެ.

ހިލައަކީ ވަރަށް ހަރު އެއްޗެކެވެ. އެހެންނަމަވެސް، އޭގެ މަތިން ފެން އޮހޮރެމުންދާ ތަން ގޭނެމުން ދެއެވެ. ހަމައެފަދައިން، ކޯރުތައް ދެމެމުންދާއިރު، ކޯރު ހިނގާ މަގުގައި ހުންނަ ހިލަތައް ވެސް ގޭނެމުން ދެއެވެ. މިފަދަ މަންޒަރުތައް ފެނުމުން، ފެނުން މަޢުދަން ކެފިދާނެކަން އިންޖިނޭރުންނަށް ވިސްނުނެވެ. ދެން އެފަދަ ވަސީލަތެއް އުފެއްދުމުގެ މަސައްކަތް ކުރިއެވެ.

ފޮޓޯގައި އެވަނީ، ފެންކަޓަރުން، ކަފާ މަންޒަރެވެ. އެ ކަޓަރުން މަޢުދަންފަދަ ހަރުތަކެތި ކަފާއިރު، އެއިން ފެން ނުކުންނަކީ ވަރަށް ހަލުއި ބާރުމިނެއްގައެވެ. ސިކުންތަކު 900 މީޓަރު ބާރުމިނުގައި އެއިން ފެން ނުކުމެއެވެ.

ފެންކަޓަރަކީ، ތަށިމުށި ފަދަ ތަކެތި ކަފަން ވަރަށް ރަނގަޅު އާލަތެކެވެ. އެހެނީ، އެފަދަ ތަކެތި ކަފަން ބޭނުންކުރާ އާދައިގެ އާލަތްތަކުން ކަފާއިރު އަރާ ކުނޑިތައް، ފެންކަޓަރުން ކަފާއިރު ނާރާނެއެވެ. ކުނޑިއަރާ ތަކެތި ކެފުމަށް ފެންކަޓަރު ބޭނުންކޮށްފިނަމަ، ކުނޑިން ފުއްޕާމެޔަށް ލިބޭ ގެއްލުމުން ސަލާމަތްވެވިދާނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ