އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (30)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ



ގައްދޫ މުޙަންމަދު ރަޝީދު
                                                   15 ޖޫން ( ހުކުރު ) އާ ގުޅޭ..
ނާޖިޔާ ބުމައަށް ގޮތެއް ހަދާލާފައި މަލާމާތުގެ ގޮތަކަށް ބަލާލިއެވެ. އަދި ބުންޏެވެ. [ދޮގެކެވެ.........]
ޖަލާލީ އޭނާގެ ބަސްމެދުކަނޑާލާފައި ބުންޏެވެ. [ޖަޔާއެވެ. އަހަންނަކީ އަބަދުވެސް ތެދުބަސް ބުނާ މީހަކީމެވެ.]


މިފަހަރު އޭނާގެ އަޑުގައިވާ ހަރުކަށިކަމުގެ ސަބަބުން ޖަޔާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އެހެން ނަމަވެސް ގޮތްދޫނުކުރުމުގެ ގޮތުން ބުންޏެވެ. [އަޅުގަނޑު އެގެއަށް ދާނަމެވެ.... މިގޭގައި އަޅުގަނޑު ހުރުމަކަށް މަޖުބޫރެއް ނުކުރެއްވެވޭނެއެވެ.]

ޖަލާލީ ގޮނޑިން ތެދުވަމުން އިންތިހާއަށް ރުޅިއައިސްފައި ބުންޏެވެ. [މަޖުބޫރު ކުރެވިދާނެއެވެ.]

ޖަޔާ ސިހިއްޖެއެވެ. އެކަމަކު ރުޅި އޭގެ މަޤާމުގައި ޤާއިމުވެ ހުއްޓެވެ. އޭނާ ބުންޏެވެ. [އަޅުގަނޑު ބިރެއް ނުގަނެއެވެ. އަޅުގަނޑު ދިޔަ ނުދިއުމުގައި އޮތީ ކޮން ޙައްޤެއްތޯއެވެ؟]

[ޙައްޤު އެބައޮތެވެ........] ޖަލާލީގެ އަޑު ހީވަނީ ގުގުރީގެ އަޑުހެންނެވެ.

ޖަޔާ މައިރިތި ވެއްޖެއެވެ. ލޯބޮޑުކޮށްގެން ބަލަހައްޓައިގެން ހުރުން ފިޔަވާ އެންމެ ލަފްޒެއްވެސް ނުބުނެވުނެވެ.
[ނާޖިޔާއަކީ އަހަރެންގެ އަންބެކެވެ. ޤާނޫނީ ގޮތުންނާ މަޒްހަބީގޮތުން އަދި އަޚްލާޤީ ގޮތުން ކާވަންޏަށް ބުރުލެއް ނާންނަހާ ހިނދަކު އަހަންނަށް ބާރު ލިބިގެންވެއެވެ. ނާޖިޔާއަކީ އަހަރެންގެ ޙައްޤެކެވެ. ބޭނުންނަމަ އެޙައްޤު އަތުލުމަކީވެސް އަހަންނަށް ކުރެވިދާނެ ކަމެކެވެ.]

ޖަޔާގެ ތުންފަތް ހިކިއްޖެއެވެ. އޭނާ ކަންބޮޑުވެފައި ޖަލާލީއަށް ބަލާލިއެވެ.

[އަހަރެން ކަންތައްތައް ކުރަމުން މިގެންދަނީ މާތް ގޮތުގައެވެ. ޖަޔާގެ ކޮންމެ ކަމަކާއިމެދު އިޙްތިރާމު ކުރަމެވެ. އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރަމެވެ. އެނބުރި ރަށަށްދާން އެދުނީމުއެވެ. އެދުވަހުން ފެށިގެން އަހަރެން މަސައްކަތް ކުރަމުން މިގެންދަނީ އަވަހަށް ފޮނުވާލެވޭތޯއެވެ. ޖަޔާ އަހަރެންގެ ކުރިމައްޗަށް އެރުމަށް އިންކާރު ކުރީމުއެވެ. މިވަގުތާ ހަމައަށް ޚުދް އަހަރެން މިހުންނަނީވެސް ޖަޔާއަށް ނުފެނި އުޅެވޭތޯއެވެ. އަހަރެން ކުރީ ކާވެންޏެކެވެ. އެއީ ކުށެއް ނޫނެވެ. ފާފައެއް ނޫނެވެ. މިތަނުންވެސް އަހަންނަށް މީހަކާ އިނދެވިދާނެއެވެ. ޤުދްރަތީ ގޮތުން އަހަންނަށް ލިބިފައިވާ އުނިކަމާއިމެދު ފަރުވާލެއް ނުބަހައްޓާ އަހަންނާ އިންނާނެ ކިތަންމެ ބަޔަކު އެބަތިއްބެވެ. އެކަމަކު......]

ޖަލާލީގެ ކެތްތެރިކަމާއި ހިތްވަރުގެ ހުރިހާ ކަމަރެއް ކުދިކުދިވެގެން ހިނގައްޖެއެވެ. ރުޅީގައި އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. ހިނދުކޮޅަކަށްފަހު އަނެއްކާވެސް ބުނަން ފެށިއެވެ.

[އަހަރެން ނާޖިޔާއާ އިނީ އަހަރެންގެ ރަޙްމަތްތެރިންގެ އިޚްލާޞްތެރިކަމާއި ލޯބި ދެކެމުންނެވެ. އެމީހުން ބުނިބުނުމުގެ މަތިންނެވެ. ޕާކިސްތާނު ކުދިން ޙަޔާތުގައި ދިމާވި ކޮންމެ ގޮތަކާއިމެދު އަމިއްލައަށް އެޖެސްޓް ކުރެވިދާނެ ކަމުގައި ދެކެމުންނެވެ. އަހަންނަށް މިލިބުނީ ހަމައެކަނި ހިތި ތަޖުރިބާއެއް ނޫނެވެ. ނާކާމިޔާބުވެސް ކުރިމަތިލާން ޖެހުނީއެވެ. އަހަރެން ކޮންމެކަމެއް ހިމޭންކަމާއެކު ތަޙައްމަލު ކުރަމުން މިއައީ އެތެރެހަށީގައި ވިންދުޖަހާ ހިތެއް ނެތިއެއްނޫނެވެ..... މިހުރިހާ ދުވަސް ވީއިރު ނާޖިޔާ ތިޔައުޅެނީ ހަމަ މިގޭގައެވެ. އެކަމަކު..... އަހަރެން...... އެއްވެސް ކަމަކަށް ނާޖިޔާގެ ފަރާތަކުން ނޭދެމެވެ....]

ޖަޔާ އެހުރި ތަނުގައި ގާވެފައި ހުއްޓެވެ. ބިރުންނެވެ. ސިހިސިހިއެވެ. އަދި އެއްކަމެއްވެސް ނުކުރެވުމުން ލޮލުން ކަރުނަ ފާއްދާލައިފިއެވެ.

ޖަލާލީ އަނެއް ފަރާތަށް މޫނު އަނބުރާލައިފިއެވެ. [ނާޖިޔާގެ ހިތުގެ ޙާލަތާ ސިކުނޑީގެ ކެކުޅުން އަހަންނަށް ރަނގަޅަށް އިޙްސާސް ކުރެވެއެވެ. އެހާސްކަމުގައި ޖަޔާ ގިނަދުވަސްތަކެއް ވަންދެން ބަހައްޓާކަށް ޚުދް އަހަރެންވެސް ނޭދެއެވެ. އަވަހަށް ރަށަށް ފޮނުވާލެވޭތޯ އަހަރެން މިހާވަރަށް މަސައްކަތް ކުރާއިރު އަހަރެން ނިކަމެތި ކޮށްލެވިފައިވާކަން މަޝްހޫރު ކުރުމަކީ އަހަރެން ހިތުން ވަރަށް ނޭދެވޭ ޢަމަލެކެވެ. އަހަރެން އެދެނީ ކުޑަކޮށް ހިތްވަރުކޮށްލާފައި ބާކީއޮތް ދުވަސްކޮޅު، މި ގައިދުޚާނާގައި ވޭތުކޮށްލުމެވެ.]

ޖަޔާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފަށައިފިއެވެ. އެއާއިއެކު ހިތްވަރު ކުރެވޭތޯވެސް ލައްކަ މަސައްކަތް ކުރިއެވެ.

ޖަލާލީ ހުރީ ޖަޔާއަށް ފުރަގަސް ދީގެންނެވެ. އޭނާ ޖަޔާއާ ދިމާއަށް ބެލުމުގެ ބޭނުމެއްވެސް ނެތެވެ. ދެ ފިޔަވަޅެއްވަރު އޭނާ ކުރިއަށް އަޅާލާފައި ބުންޏެވެ. [ދެހަފްތާ ވަންދެން އަދި ކެތްކޮށްލަން ޖެހޭނެއެވެ. ފަނަރަދުވަހުގެ ތެރޭގައި ކޮންމެގޮތެއް ހަދައިގެން ނަމަވެސް ފުރުވާލެވޭތޯ އަހަރެން ބަލާނަމެވެ. އަދި ވަރީގެ ކަންތައްވެސް ހަމަޖައްސާ ދޭނަމެވެ.]

އޭނާ ހަލުއިކަމާއިއެކު ހިނގައިގަތެވެ. އޭރު ދޮރުވެސް ހުރީ ހުޅުފިއެވެ.

ވަރި........ ވަރި.......

ޖަޔާގެ ހިތާސިކުނޑީގައި މީހަކު ކޯރާޑިއަކުން ތަޅައިގަތް ކަހަލައެވެ. ކަންބޮޑުވެފައި އޭނާ ޖަލާލީއަށް ބަލާލިއެވެ.
އޭނާ ބާރަށް ނުކުމެއްޖެއެވެ.

ވަރި!!

ވަރި!!..... ޖަޔާގެ ބޮލަށް އެނބުރުން އަރަން ފަށައިފިއެވެ. ގަދަ ޠޫފާނުގައި ވަޔާއިއެކު އުދުހިގެންއައި ކުނިކޮޅެއް ފަދައިން އޭނާ ދެފަރާތަށް ހޫރެން ފަށައިފިއެވެ. ވަރަށް އުނދަގުލުން އޭނާ ސޯފާގެ ލެނގޭބައިގައި ހިފަހައްޓައިފިއެވެ. އަދި ކޮންމެވެސް ގޮތަކަށް އެނބުރެމުން އައިސް ސޯފާއަށް ވެއްޓިގަތެވެ. އޭނާގެ ލޯމެރިފާވެއެވެ. އަދި ކޮޓަރިއަށްވުރެ ބާރަށް އޭނާގެ ސިކުނޑި އެނބުރެމުން ދިޔައެވެ.

ވަރީގެ ލަފްޒު ވަރަށްބޮޑަށް އޭނާގެ ހިތާ ސިކުނޑިއަށް ތަދުކޮށްފިއެވެ.

އޭނާއަށް މައްސަލައިގެ ބާވަތް ވައްތަރު މިހާރު ވިސްނުނީ ކަންނޭގެއެވެ.
****************

[ނާޖިޔާ ބޭގަމްއެވެ. ވިސްނަނީ ކޮންގޮތަކަށް ހެއްޔެވެ؟]

[އަހަންނަށް އެކައްޗެއްވެސް ނުވިސްނެއެވެ.]
[އެނބުރިދިއުމުގެ ޚިޔާލު ދޫކޮށްލާށެވެ. ގޮސްގެންކުރާނީ ކީއްހެއްޔެވެ. ތާނޫ ދައްތަގެ ޙާލު ދެކެބަލާށެވެ..... ސައްވީސް ގަޑިއިރު މަސައްކަތުގައި އުޅެން ކަލޭ ރުހޭނަން ހެއްޔެވެ؟]

[އާއެކެވެ!]

[ރަނގަޅަށް ވިސްނާށެވެ. މިހާރު އެގޭގައި ނާޖިޔާއަކީ އަންހެން ދަރިއެއްނޫނެވެ. އެގެއަށް ދެންދެވޭނީ މީހަކާ އިނދެގެން ވަރިކުރި އަންހެނެއްގެ ގޮތުގައެވެ. އަންހެން ކުއްޖަކު މީހަކާ ނީންނަހާ ހިނދަކު މައިންބަފައިންގެ ގޭގައި ހުރިހާ ގޮތަކުން ބާރު ހިނގާނެއެވެ. އެކަމަކު މީހަކާ އިނުމަށްފަހު ހިލޭމީހަކަށް ވެދެއެވެ. ހިލޭ މީހަކު އަނބުރާ ގެއަށް އައުމުން ދެވަނަ ފަހަރަކަށް ގޭގެމީހުންގެ ފިހުރިސްތަކު ނުހިމެނޭނެއެވެ. އެމީހަކަށް އެގޭގައި އެއްވެސް ޙައްޤެއްނެތެވެ. ކުރީގެ ހެޔޮކަމެއް ނުލިބޭނެއެވެ. އެއީ އެމީހުންގެ ބޮލުގައި އެޅޭ ބުރައެކެވެ. ޖަޔާ ނިކަން ވިސްނާލަ ބަލާށެވެ. ބޮލުގައި އޮތް ބޮޑު ބުރައެއް ބޭލުމަށްފަހު އަލުން އެބުރަ ނަގާ ބޮލަށްލުމަށްވާނީ ކިހިނެއް ހެއްޔެވެ. ކޮން ޙާލެއް ޖެހޭނެ ހެއްޔެވެ.... ނާޖިޔާ ބޭގަމްގެ ކުރިމަތީގައި އޮތީ ތާނޫގެ މިސާލެވެ. އެތައް ފަހަރަކު އޭނާ ޖަޔާގެ ކުރިމަތީގައި ހިތުގެ އުދާސް ހާމަކުރިއެވެ. ހަނދާނެއް ނެތް ހެއްޔެވެ. އޭނާ ބުނެއެއް ނޫން ހެއްޔެވެ. މިޙާލުގައި އުޅުމަށްވުރެ ފިރިމީހާގެ ގޭގައި އަނިޔާތަކަށް ކެތްކޮށްގެން އިނދެ މަރުވުންވެސް މާހެވެވެ.]

[އާނއެކެވެ. ހަނދާން އެބަހުއްޓެވެ.]

[އެހެންވީއިރު...... ކާވެނިވުމަށްފަހު އަންހެން ކުއްޖާގެ ގެއަކީ ފިރިމީހާގެ ގެއެވެ. ނާޖިޔާއެވެ. ރަށަށް ގޮސްގެން އެކައްޗެއްވެސް ނުލިބޭނެއެވެ. ލިބޭނީ މަލާމާތެވެ. ކުރީގައިވެސް މަލާމާތް ލިބިފައިވޭ ނޫން ހެއްޔެވެ. މިއީ ދޮގެއް ހެއްޔެވެ؟]

[ނޫނެކެވެ!]

[ނަވީދުގެ މައިންބަފައިން ނާޖިޔާ އެއްފަރާތްކޮށްލީ ކިހާ ނިކަމެތި ގޮތެއްގައި ހެއްޔެވެ. ޚުދް ނަވީން ކަންތައްކުރީ ކިހިނެއް ހެއްޔެވެ. ނާޖިޔާއާ ނާޖިޔާގެ މައިންބަފައިން ނިކަމެތި ކޮށްލުމުގައި އޭނާ ކޮށްފައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ. މިކަން ހަނދާން ނެތުނީ ހެއްޔެވެ؟]

[ނޫނެކެވެ.......... ނޫނެކެވެ......!]

[އެހެންވީއިރު އެތަނަށް ދާން ގަދަހަދަނީ ކީއްވެގެން ހެއްޔެވެ. ޖަޔާގެ ކާވެނީގެ ސަބަބުން ޖަޔާއާ ޖަޔާގެ މައިން ބަފައިން ތިމާގެ މީހުންގެ ފުށުން ލިބެން އުޅުނު ނިކަމެތިކަމުން ސަލާމަތް ވެއްޖެއެވެ. ޖަޔާގެ މައިން ބަފައިންގެ އިސް އުފުލިއްޖެއެވެ. ތިމާގެ މީހުންގެ މޫނުތައް ހުދު ވެއްޖެއެވެ. ފަހަރީގެ ހިތްވަރު އެލިއްޖެއެވެ. އޭނާއަށް ފަހުން އެކައްޗެކޭވެސް ބުނެވުނު ހެއްޔެވެ..... ހަންދާން އެބަހުރި ހެއްޔެވެ؟]

[އާނއެކެވެ. ހުރިހާކަމެއް ހަނދާން އެބަހުއްޓެވެ.]

[އޭނާކުރި މަލާމާތް ހަނދާން އެބަހުރި ހެއްޔެވެ. މީހަކާ އިނދެގެން އުޅެވިދާނެހެއްޔޭ ބުނެ ނިކަމެތި ކޮށްލިވަރު އިޙްސާސް ކޮށްލަ ބަލާށެވެ. ނާޖިޔާ ތިޔައުޅެނީ އޭނާ ބުނިގޮތް ހަދަން ހެއްޔެވެ. މޮޔަ އަންހެން ކުއްޖާއެވެ. ވިސްނާލަ ބަލާށެވެ. ޖަޔާގެ ސަބަބުން ޖަޔާގެ މައިންބަފައިންގެ މޭގައި އެމީހުން ލޯވަޅު އަޅާލާނެއެވެ. މަލާމާތާ ފުރައްސާރަކޮށް މަންމަމެންގެ ހިތްތައް ފުރޭންޏަކަށް ހަދާލަފާނެއެވެ.]

[ދެން............؟]

[ތިޔައީ ކުޑަކުއްޖެއްނޫނެވެ. ވިސްނާށެވެ.... އަޅާފިޔަވަޅެއް ބަލައިގެން އަޅާށެވެ. ޖަޔާގެ ހަގަށް ފަސް އަންހެން ކުދިން ގޭގައި އަދި އެބަތިއްބެވެ. ތާނޫއާމެދު ހިތްދަތި ޑްރާމާއެއް ކުޅެވިގެން ހިނގައްޖެއެވެ. އެންމެންވެސް ކުށްވެރިކުރަނީ ތާނޫއެވެ. ޖަޔާ މިއަދު ޖަލާލީގެ ގާތުން ވަރިވެގެން ހިނގައްޖެއްޔާ ބާކީ ތިބި އަންހެން ކުދިންނާ އިންނަން އަންނާނީ ކާކު ހެއްޔެވެ. މުޅި ދުނިޔެ ތިޔަ ޢާއިލާއާމެދު ބިރުވެތި ވާނެއެވެ. އެއްވެސް މީހަކު ތިޔަގޭގައި ހޭހުރެގެން ފައެއް ނާޅާނެއެވެ!]

[އާނއެކެވެ. ތިޔަބުނަނީ ތެދެއްކަން ނޭނގެއެވެ.]

[ކަންނޭގެއެއް ނޫނެވެ. ތެދެކެވެ. މިއީ ރަނގަޅު ވާހަކައެކެވެ. ޖަޔާގެ ކާވެނީގެ ފުރިހަމަކަމާއި މީސްތަކުންނަށް ފެނުނު މަންޒަރުތަކާއި މިހުރިހާ ކަންތައްތަކުން ޖަޔާގެ މައިންބަފައިންގެ ޤަދަރު އުފުލިފައިވެއެވެ. ހަނދާން ނެތުނީ ހެއްޔެވެ. ޖަޔާގެ ކާވެނީގެ ރޭގައި ޕާޓީގެ ތެރޭގައި ޝަހަރުގެ ބޮޑެތި މީސްމީހުންގެ ނަޒަރު ޖަޔާގެ ހަގަށް ތިބި އަންހެން ކުދިންނާ ދިމާއަށް ދިޔަ މަންޒަރު ހަނދާން ނެތުނީ ހެއްޔެވެ. އެމީހުން ކިހާ ޝައުގުވެރި ކަމާއިއެކު ބެލި ހެއްޔެވެ. އެކަކުގެ ދަރިފުޅަކީ އިންޖިނިއަރެކެވެ. ހަނދާން ހުންނާނެއެވެ. އަނެކެއްގެ ދަރިއަކީ ޑޮކްޓަރެކެވެ. ޖަޔާގެ ކާވެނީގެ ސަބަބުން އެކުދިންގެ ކާވެންޏަށް މަގު ހުޅުވިފައިވެއެވެ.

[އާނއެކެވެ......]

[އެހެންވީއިރު ކަލޭ ބޭނުންވަނީ އެމީހުންގެ މަގަށް ހުރަސްއަޅަން ހެއްޔެވެ. ބަރުދަން ހުރި ފަރުބަދަ ފަޅިއެއް ފަދައިން އެމީހުންގެ ކުރިމައްޗަށް ޖެހިގަންނަން ހެއްޔެވެ. ނާޖިޔާއެވެ. މިހާރު ހިނގައި ގަންނަން ތިޔައުޅެނީ ގެއްލުމާއި ހަލާކުގެ މަގުންނެވެ.]

[އަހަރެން ހަލާކުވެ ވީރާނާ ވެއްޖެއެވެ.]

[ތިޔައީ އަމިއްލަ ރުޅިއެވެ. ރުޅި މަޑުކުރާށެވެ. އަމިއްލަ ނަފްސަށް ތިހާވަރަށް އަނިޔާ ނުދޭށެވެ. ތިޔައީ އަނިޔާ ލިބިފައިވާ މީހެއް ނޫނެވެ. އަނިޔާވެރިއެކެވެ. އަނިޔާކުރަމުން ތިޔަގެންދަނީ ތިމާގެ ހަށިގަނޑަށެވެ. މައިން ބަފައިންނަށެވެ. އެއްބަނޑު މީހުންނަށެވެ. މަންމަގެ މޫނުގައި ހުރި އުޖާލާކަމާއި އުފާވެރިކަން ހަނދާން ނެތުނީ ހެއްޔެވެ. ބައްޕަގެ އުފާވެރިކަން ހަނދާން ނެތުނީ ހެއްޔެވެ. ގޮތްކުޑަ އަންހެން ކުއްޖާއެވެ. ޖަޔާގެ މުޅި ޢުމުރުގައިވެސް އެމީހުންގެ މޫނުމަތިން ހިތްދަތިކަމާ ހާސްކަން ހިތާމައާ މޮޅިވެރިކަން ފިޔަވާ އެހެން އެއްވެސް މަންޒަރެއް ދުށިން ހެއްޔެވެ؟]

[އަހަރެން ޤަބޫލުކުރަމެވެ. ތިޔަވާހަކައާމެދު އެއްބަސްވަމެވެ.]

[އެހެންވީއިރު އެމީހުންނަށް މިހާރު ލިބިފައިވާ އުފާވެރިކަން ވަގުތުން ފޭރިގަންނަން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ. ފޭރިގަނެވެނީ ހަމައެކަނި އެމީހުންގެ އުފަލެއް ނޫނެވެ. އެމީހުންގެ ފުރާނަވެސް އެކަމުގައި ވަކިވެގެން ހިނގައި ދާނެއެވެ.]

[ނޫނެކެވެ....... ނޫނެކެވެ.......... ތިޔަހެން ނުބުނާށެވެ.]

[ބުނުމާ ނުބުމުގައި އޮތީ ކޮންތަފާތެއް ހެއްޔެވެ..... މިއީ ޙަޤީޤަތެވެ. ޙަޤީޤަތާ ދުރަށް ވާހަކަ ގެންދިޔަކަމުގައި ވިޔަސް ޙަޤީޤަތް އޮންނާނީ ހަމަ އޭގެ މަޤާމުގައެވެ. ޖަޔާ ކޮންމެ އެއްޗެކޭ ބުނިކަމުގައި ވިޔަސް އެއަކަށް ބަދަލެއް ނާންނާނެއެވެ.]

[އެހެންވީއިރު އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ކުރަންވީ ކޮންކަމެއް ހެއްޔެވެ؟]

[ބުއްދީގެ ބޭނުން ހިފާށެވެ. ޖަޒްބާތުގެ އޮއިވަރުގައި ނުޖެހޭށެވެ.]

[ބުއްދިއޭ ހެއްޔެވެ؟]

[އާނއެކެވެ......]

[ކިހިނެއް ހެއްޔެވެ؟]

[ނާޖިޔާއެވެ. ނާޖިޔާ ޖަލާލީ ބޭނުންނުކުރަނީ ހަމައެކަނި އޭނާއަކީ ހުތުރު މީހަކަށްވީތީ ހެއްޔެވެ؟]

[އާނއެކެވެ!]

[ރީތިކަމަކީ ފިރިއެއްގައި ހުންނަންވީ ޝަރުޠެއް ހެއްޔެވެ. ނަވީދަކީވެސް ރީތި މީހެކެވެ. ވީކަމެއް އެބައޮތް ހެއްޔެވެ؟]

[އޭނާގެ ވާހަކަ ނުދައްކާށެވެ.]

[ހުތުރު ކަން ފިޔަވާ އެހެން އެއްވެސް އައިބެއް ޖަލާލީގެ ފުށުން ފެނުނު ހެއްޔެވެ؟]

[އާނއެކެވެ.]

[އެއީ ކޮންކަމެއް ހެއްޔެވެ؟]
(ނުނިމޭ....)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ