އަދުގެ ޚާއްސަ

Print

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ތާރީޚް


މުޙައްމަދު އިސްމާޢީލު ފުޅު ނައިފަރު

ކ. އަތޮޅު ގުރައިދޫގައި ހިނގަމުންދާ" ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް " އަކީ 28 ފެބްރުއަރީ 1976 ގައި "ފަޤީރުން ބަލަހައްޓާ ވެރިޔާގެއޮފީސް" މިނަމުގައި ސަރުކާރުން އުފެއްދެވި އޮފީހެކެވެ. މިދެންނެވި ތާރީޚުގައި މިއޮފީހުގެ މަސައްކަތްތައް ފެށިކަމުގައިވިޔަސް މިއޮފީސް ރަސްމީގޮތުން ހުޅުވާފައިވަނީ 06 ޖޫން 1976 ގައެވެ. އޭގެފަހުން 11 ފެބްރުވަރީ 1991 ގައި މިއޮފީހުގެ ނަން "ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު" މިނަމަށްބަދަލުކުރައްވާ،އަދި އޭގެފަހުން 27 އަގޮސްޓް 2001 ގައި މިތާންގެ ނަން " ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު" މިނަމަށްވަނީ ބަދަލުކުރައްވާފައެވެ.

ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީސް ހުޅުވުމަށްފަހު އެތާންގެ އިސްވެރިއެއްގެގޮތުގައި ފުރަތަމަ ހުންނެވީ މއ. ގުލްދަމްގެ އަލްފާޟިލު ޢަދުއްރަޝީދު ނިޒާރުއެވެ. އޭގެއިތުރުން މިއޮފީހުގެ މަސައްކަތްތައް ފެށިގެން އައިތާ ކުރީކޮޅުގައިއެއޮފީހުގެ ޚިދުމަތުގައި އުޅުއްވި ތިރީގައި މިދަންނަވާ ބޭފުޅުންގެ ނަންފުޅުތައް މިފުރްޞަތުގައި ހަދާންކޮށްލާހިތްވެއެވެ.

-    އަލްފާޟިލްލާމިއިބްރާހީމްމަނިކު
-    އަލްފާޟިލް މަނާގޭ އިބްރަހީމް މަނިކު
-    އަލްފާޟިލް ބެރުކުޑަތުއްތު
-    އަލްފާޟިލްޙުސައިން އަޙްމަދު ދީދީ

ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީސް ހުޅުވާ އެތާންގެ މަސައްކަތްތައް ފުރަތަމަ ފެށިގެންއައިއިރުއެއޮފީހުގެދަށުގައި ޚިދުމަތްލިބެމުންދިޔައީވިލިނގިލިވަރާއި ބިޔާދޫގައި ޖުޒާމުބައްޔަށް ފަރުވާކުރަމުންގެންދިޔަ މީހުންގެތެރެއިންއެއޮފީހުގެ ބެއްލެވުމުގެދަށަށް ގެންނަވާފައިތިބި މަދުއަދަދެއްގެބަޔަކަށް އެކަންޏެވެ. އެހެންކަމުން އެދުވަސްވަރު އެމީހުންނަށް ފަރުވާދިނުމުގެ ކަންތައް ބަލަހައްޓަވަމުން ގެންދެވީ ގުރައިދޫ ލެޕްރެސީ ކްލިނިކް ހިންގެވުމާ އެދުވަސްވަރަކު ޙަވާލުވެ ހުންނަވާ ހެލްތް އެސިސްޓެންޓެކެވެ. ނަމަވެސްއެއޮފީހުގެނުވަތަ އެމަރުކަޒުގެ ޚިދުމަތުގެ ދާއިރާ ފަހުން ފުޅާވެ ޖުޒާމްބަލީގެ މީހުންގެ އިތުރުން ތަފާތު އެހެން ބަލިބައްޔަށް ފަރުވާދޭންޖެހޭ މީހުންނާއި، އަދި އެނޫންވެސް ބައެއްމީހުން އެމަރުކަޒުގައި ބައިތިއްބާގޮތަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ޑޮކްޓަރުންގެ ޚިދުމަތާއި، ނަރުހުންގެ ޚިދުމަތާއި، ލެބޯރޓްރީގެ ޚިދުމަތްވެސްއެމަރުކަޒުގައި ފަހުންވަނީ ލިބިދޭންފަށާފައެވެ. މިގޮތުން 2010މ. ވަނަ އަހަރާއިހަމަޔަށް އައިރު ސައިކޭޓްރިސްޓަކާއި، މެޑިކަލް އޮފިސަރަކާއި، 2 ސްޓާފް ނަރުހުންނާއި، ހެލްތް ސްޕަވައިޒަރަކާއި، 4 ހެލްތް އޮގްޒިލަރީ ނަރުހުންނާއި، ފިޒިއޮތެރަޕިސްޓަކު އެތާންގައި ޚިދުމަތް ދެއްވަމުންގެންދަވައެވެ. އަދިސައިކޭޓްރިސްޓެއްގެ ވަޒީފާ އެމަރުކަޒުގައި ހަމަޖެހުމުގެކުރިންވެސްއައި. ޖީ. އެމް. އެޗް. ގައި މަސައްކަތްކުރައްވަމުންގެންދެވި ސައިކޭޓްރިސްޓުން ކަނޑައަޅުއްވާފައިވާ ވަކިއުޞޫލުތަކެއްގެމަތީން މަރުކަޒަށް ޒިޔާރަތްކުރައްވާ އެތާންގައި ތިބިނަފްސާނީ ބަލިބަލީގެމީހުންނަށް ފަރުވާދެއްވަމުންގެންދަވާފައިވެއެވެ.

ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީސް ފުރަތަމަ ހިނގަމުންއައީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެއްލެވުމުގެދަށުންނެވެ. ނަމަވެސް 1979މ. ވަނައަހަރުން ފެށިގެން ސަރުކާރުގެ ތަފާތު އެހެން މުއައްސިސާތަކުގެ ދަށުން މިމަރުކަޒު ހިނގަމުންދާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.އޭގެތެރޭގައި، މިނިސްޓްރީ އޮފް ހޯމްއެފެއަޒުގެ ދަށުން ހިނގަމުން އައި ސްޕެޝިއަލް ވެލްފެއަރ ޑިވިޝަން އާއި، ޕެންޝަން އެންޑް ސޯޝަލް ވެލްފެއަރ ޑިވިޝަންއާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރ އާއި، މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ އާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޯމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ހިމެނެއެވެ.އަދި އެންމެ ފަހުން 2011މ. ވަނަ އަހަރުންފެށިގެން މިހާރުވެސް މިމަރުކަޒު ހިންގަމުންދަނީމިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ޑިޕާރޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސަސްގެ ބެއްލެވުމުގެދަށުންނެވެ.

ކ. ގުރައިދޫގައި ސަރުކާރުން ހުޅުވި ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީސް  ފުރަތަމަ ހިނގަމުންދިޔައީ ދަނޑިފަނުން އަޅާ ފުރާޅުގައި ފަންޖަހާފައިވާ 3 ޢިމާރާތުގައެވެ. ނުވަތަ 3 ގޭގައެވެ. އޭގެތެރެއިން 2 ގެ ޚާއްޞަކޮށްފައިވަނީ  ޚިދުމަތް ދިނުމަށްޓަކާގެނެވޭ މީހުން ބައިތިއްބުމަށެވެ. ތިންވަނަ ގެޔަކީ ކެއްކުމުގެ ކަންތަކަށް ޚާއްޞަކޮށްފައިވާ ބަދިގެއެވެ.ފަނުންއަޅާފައިވާ މިދެންނެވި ޢިމާރާތްތައް ރޭނުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވަނީ އެއޮފީސް ހުޅުވިތާ 3 އަހަރުގެ ފަހުން1979މ. ވަނަ އަހަރުއެވެ. މީލާދީން 2010 ވަނަ އަހަރު ނިމުނުއިރު،އެމަރުކަޒަށް ކަނޑައަޅާފައިވާ 103964 އަކަފޫޓުގެ ބިމުގެ ސަރަޙައްދުގައި ގިނަ ޢިމާރާތްތަކެއް ވަނީ ބިނާކޮށް ނިމި ޚިދުމަތްދޭން ފަށާފައެވެ.އޭގެތެރޭގައި:

- އެހީދިނުމަށް ގެނެވޭދެޖިންސްގެ މީހުން ވަކިން ބައިތިއްބުމަށްޓަކާ ބިނާކޮށްފައިވާ  6 ގެ
- އޮފީހުގެ މަސައްކަތްތައް ހިންގުމަށްޓަކާ ބިނާކޮށްފައިވާ 3 ބުރީގެ  1 ޢިމާރާތް
- ބޭސްފަރުވާގެ ޚިދުމަތްދިނުމަށާއި ޖަލްސާފަދަ ބައްދަލުވުންތައް ބޭއްވުމަށް
ބިނާކޮށްފައިވާ  2 ބުރީގެ  1 ޢިމާރާތް
- ކުރިންހުރި މިސްކިތް ބާވުމާގުޅިގެން އަލަށްބިނާކުރި   މިސކިތްހިމެނެއެވެ.
މީގެއިތުރުން ބަދިގެއާއި ސްޓޯރ އާއި ލޯންޑްރީފަދަ އެތައްތަނެއް މިހާރު ވަނީ އެބިމުގައި ބިނާކޮށްފައެވެ.

ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީސް ހުޅުވާ ޚިދުމަތްދޭންފެށި ދުވަސްވަރަކީ އެލެކްޓްރިކްގެ އަލިކަން ރާއްޖެތެރޭގެ ވަރަށްމަދު ރަށެއްގައި ނޫނީ ނެތް ދުވަސްވަރެކެވެ. ރޭގަނޑުގެ އަލިކަމަކަށް ހުރިހާ ގެއެއްގައިވެސް އާއްމުކޮށް އެދުވަސްވަރުބޭނުންކުރަމުންގެންދިޔައީ ފުޅިބައްތި އާއި އަތްބައްތިއާއި ފާނޫޒު ފަދަ އެކިނަންނަންކިޔާ ބައްތިއެވެ. އެހެންކަމުން ބަލިމީހުން ތިބޭ ސަރަޙައްދުތަކާއި އަދި އޮފީހުގައިވެސް އާއްމުގޮތެއްގައި ފުރަތަމަ ބޭނުންކުރަމުން ގެންދިޔައީ މިފަދަ ދިއްލުންތަކެވެ.ނަމަވެސް އޮފީހުގެ ބައެއް ޚާއްޞަ މަސައްކަތްތަކުގައި ބައެއްފަހަރު ބިގަރުގެ ބޭނުންކުރަމުންގެންގޮސްފައިވެއެވެ.

މިހިސާބުން އުފެދޭ ސުވަލަކީ މިފަދަ މަރުކަޒެއް ކ. ގުރައިދޫގައި އެދުވަސްވަރު ހުޅުވަން ސަރުކާރުން ބޭނުންފުޅުވީ ކީއްވެތޯ އުފެދޭ ސުވާލެވެ. ދަންނަވަންޖެހެނީމިއީ އެދުވަސްވަރަށް ބަލާއިރު މުސްތަޤްބަލަށް އަމާޒުކޮށްދިވެހި ސަރުކާރުން އެޅުއްވާފައިވާ ވަރަށް އާދަޔާ ޚިލާފު ހަރުދަނާ ފިޔަވަޅެކަމުގައެވެ.ދުވަސްވަރަކީ ރާއްޖޭގެ ޞިއްޙީ ތާރީޚުގެ ވަރަށް މުހިންމު ބާބެއް ނިމިގެންދިޔަ ދުވަސްވަރެކެވެ. މީގެ އެތަކެއް އަހަރުގެ ކުރިންފެށިގެން މީހުންނާ މުޅިން އެއްފަރާތްކޮށް ވަކިން ބަލަހައްޓަމުންގެންދިޔ ޖުޒާމްބަލީގެ މީހުން މިނިވަންކަމާއެކު އާއްމުންގެތެރޭގައި އުޅުމަށް ސަރުކާރުން ހުއްދަދެއްވާ އެމީހުން ދޫކުރައްވަމުންގެންދެވިދުވަސްވަރެވެ.ރާއްޖޭގެ ޞިއްޙީ ތާރީޚް ދިރާސާކުރައްވާ ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާނެފަދައިން ޖުޒާމްބައްޔަކީ ދިވެހިރާއްޖޭގެ ޤަދީމީ ބަލިތަކުގެ ލިސްޓުގެ ވަރަށް ކުރީގައިފާހަގަކުރެވިފައިވާ ބައްޔެކެވެ. މިއީ އާދަޔާޚިލާފު ބިރުވެރިހަނދާންތަކަކާއި، އަދި އެހާމެ ހިތާމަވެރި ޙާދިޘާތަކަކާ ގުޅި ލާމެހިފައިވާ ބައްޔެއްވެސްމެއެވެ. މާޒީވެގޮސްފައިވާ ރާއްޖޭގެ ޞީއްޙީ ތާރީޚަށް ބަލާއިރު ކުރީޒަމާނުގައި މީހަކަށް ޖުޒާމްބަލި ޖެހެއްޖެކަމަށް ކަމާބެހޭފަރާތަކުން ބުނެފިނަމަ އެހިސާބުން އެމީހަކީދިރިހުއްޓަސް ނެތްމީހެއްކަމަށް ޢާއިލާއާއި މުޖްތަމަޢު ބަލައިގަނެއެވެ. ހެޔޮއެދޭ މައިންބަފައިނާއި ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާއާއި ނޫނީ ދަރީން ދުނިޔޭގައި ތިބިނަމަވެސް އެހިސާބުން އެމީހަކާ ޢާއިލާގެ ގުޅުންވެސް އަދި މުޖްތަމައުގެ ގުޅުންވެސް މުޅިއުމުރަށް ކެނޑިގެންދެއވެ.ކުޑަ ބަހެއްބުނެލުމުގެ ފުރްޞަތުވެސް އެމީހަކަށް އެހިސާބުން ބަންދުވީއެވެ.ދެން އެމީހަކު ދިރިއުޅެންޖެހޭނީ މުޖްތަމަޢާމުޅިން ވަކިން، އެމީހެއްގެ ރަށުގައިނަމަ މީހުން ލޮލަށްވެސް  ނުފެންނަހިސާބު ދުރުގައެވެ. ގިނަފަހަރު ވަލުތެރޭގައެވެ.ނޫނީ މީހުންދިރިނޫޅޭ ފަޅުރަށެއްގައެވެ.ކުދިކުދި ފަން ޖިފުޓިގަނޑުފަދަ ތަންތާންގައި އެކަނި މާއެކަންޏެވެ. ކާއެތިކޮޅުދީހަދާނީ ފަޅުރަށެއްގައިނަމަ އެރަށެއް ބަލަހައްޓަން ތިބޭ ރަށްވެރީންނެވެ. އަމިއްލަ ރަށުގައިނަމަ ތިމާގެ ކޮންމެވެސް މީހެކެވެ. ބައްޔާމެދު މީހުންގެ ހިތްތަކަށް އެދުވަސްވަރު ވެރިވެފައިވާ ބިރުވެރިކަމާއި ސިހުމެއްގެ ބޮޑުކަމުން ޢާއިލާގެ މީހަކުވެސް އަދި އެނޫންމީހަކުވެސް ބަލިމީހާފެންނަހިސާބަކަށް ނުދާނެއެވެ. ކާއެތިކޮޅު ގެންދާމީހާވެސް އެކާއެތިކޮޅު އަޅާފައިހުންނަ ތަށި ބަހައްޓާނީ ބަލިމީހާ ދިރިއުޅޭ ޖިފުޓިގަނޑާ ކައިރި ކޮންމެވެސް ހިސާބެއްގައެވެ. ބަލިމީހާ ހުންނަ ގެޔާ ކައިރިހިސާބަކަށް އެމީހާވެސް ނުދާނެއެވެ.މިފަދަ ނިކަމެތި ޙާލުގައި،ހިތްދަތިކަމާއި ވޭނާ ކެކުޅުމުގައި ދުނިޔެ ދޫކުރީ އަޅުގަނޑުމެންގެތެރެއިން ކިތައްމީހުންބާވައޭ މިހާރު ހިތަށްއަރައެވެ. އަދި ބައްޔާމެދު އެކަށީގެންވާފަދަ އިތުބާރުހުރި ޓެސްޓެއް ހެދެންނެތް އެދުވަސްވަރު ޖުޒާމްބަލީގެ މީހުން ދެނެގަންނަނީވެސް ކޮންފަދަގޮތަކަށްތޯ އެއީވެސް މިއަދުގެ ފަންނީ ކުރިއެރުންތަކުގެ އަލީގައި ނުއުފެދި ނުދާނެ މުހިންމު ސުވާލެކެވެ.

ކޮންމެޔަކަސް މިއީ އަޅުގަނޑުމެން މާޒީގެ ތާރީޚް ދެކިފައިވާ ދުވަސްތަކެއްކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. ރާއްޖޭގެ އެކިހިސާބުގައި، އެކިރަށްރަށުގައި މިދެންނެވިގޮތަށް، ޖުޒާމްބަލީގެ މީހުން އެމީހުންގެ ޙަޔާތު ވޭތުކުރަމުން އައިސް1 ޖަނަވަރީ 1964ވަނަ އަހަރާއިހަމަޔަށް އައިއިރު މިފަދަ ހުރިހާމީހުންވެސް ވަނީކ. އަތޮޅު ގުރާދުއާ ވަރަށްކައިރީގައި އޮންނަ 2 ފަޅުރަށްކަމުގައިވާ ވިލިގނިލިވަރާއި ބިޔާދުއަށް ސަރުކާރުން ގެންނަވާފައެވެ. ފިރިހިނުން ވިލިނގިލިވަރުގައެވެ. އަންހެނުން ބިޔާދޫގައެވެ. އޭރު އެ2 ރަށުގައި ތިބި މީހުންނަށް ބަލާއިރު އުމުރުން ދިހަބާރަ އަހަރުގައި އާއިލާއާ ވަކިވެ އުމުރުން ފަސްދޮޅަސް އަހަރަށްވުރެގިނަދުވަސްވެފައިވާ  މީހުންނާއި، ބައްޔާ ގުޅޭ އެއްވެސް ފަރުވާއެއް ނުލިބި އެތަކެއްދުވަސް ފާއިތުވެދިއުމުގެ  ސަބަބުން އަތްފައި ގިރި ނުހިނގޭ މީހުންނާއި، ލޮލުހާލު ދެރަވެ ހިނގައި ބިނގައިވެ ނޫޅެވޭހާލުގައި ތިބި މީހުން ތިއްބެވެ.

ޑަބްލިޔޫ. އެޗް. އޯ. ގެ އެހީގެދަށުން ޖުޒާމްބަލީގެމީހުންނަށް އެބަލީގެ ޚާއްޞަ ފަރުވާ ދިވެހިރާއްޖޭގައި ލިބިދޭން ފަށާފައިވަނީ1961 ވަނަ އަހަރުއެވެ. އެހިސާބުންފެށިގެން ޑަބްލިޔޫ. އެޗް. އޯ. އިން ދެމުންއައި ލަފަޔާ މަޝްވަރާގެ އަލީގައި ސަރުކާރުން މަސައްކަތްކުރައްވަމުންގެންދަވާފައިވަނީ ވިލިނގިލިވަރާއި ބިޔާދޫގައި ތިބި ބަލިމީހުންގެ ތެރެއިން ބަލީގެ ޖަރާސީމު އެމީހެއްގެ ހަށިގަނޑުން ފިލައިގެންގޮސްފައިވާ މީހުން، އާއްމުކޮށް މީހުންގެތެރެއަށް ދޫކޮށްލެވޭނެގޮތެއް ހަމަޖެއްސޭތޯއެވެ.ނަމަވެސް މިކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް އޭރުވެސް ސަރުކާރުން ދެކިވަޑައިގެންނެވިއެވެ. މިގޮތުން ބަލާއިރުޖުޒާމްބައްޔަކީ އެދުވަސްވަރު އާއްމުންގެ ހިތްތަކުގައި އާދަޔާ ޚިލާފު ބިރުވެރިކަމެއް އުފެދިފައިވާ ބައްޔެކެވެ.ދޫކޮށްލަން ޤަޞްދުކުރެވޭ ބަލިމީހުންގެތެރޭގައި އަމިއްލަ ޙާލާގެން ނޫޅެވޭފަދަ މީހުންތިއްބެވެ.ފަރުވާ ހުއްޓައިނުލާ ކުރިޔަށްގެންދަންޖެހޭ މީހުން މަދެއްނޫނެވެ. ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީސް މިނަމުގައި ގުރައިދޫގައި އޮފީހެއް ސަރުކާރުން އެދުވަސްވަރު ހުޅުވީ މުޖްތަމަޢަށް ދޫކޮށްލެވޭ މިދެންނެވި ބަލިމީހުންގެތެރެއިން އަޅާލާނެ މީހަކު ނެތިއްޖެ ކޮންމެމީހަކަށް އެހީވެދިނުމުގެ  ބޭނުމުގައެވެ.

ވިލިނގިލިވަރާ ބިޔާދޫގައި ތިބި ޖުޒާމްބަލީގެ މީހުންގެ ތެރެއިން ބަލީގެ ޖަރާސީމު އެމީހެއްގެ ހަށިގަނޑުން ފިލައިގެންގޮސްފައިވާ މީހުން، އާއްމުކޮށް މީހުންގެތެރެއަށް ދޫކޮށްލެއްވުމަށް ސަރުކާރުން އެކުލަވާލެއްވި ޕްލޭނުގެދަށުންފުރަތަމަ 5 މީހުން ދޫކޮށްލައްވަފައިވަނީ16 ޑިސެމްބަރ 1962 ގައެވެ. އެ 5 މީހުންނަކީ:

1- ޙަރީރާ މުޙައްމަދު ތ. ގުރައިދޫ         4- އަހްމަދު ޝާކިރު ރ. ރަސްމާދޫ
2- ޢަލީ ވަޙީދު ލޯޖެހިޅަހުއްތު            5- މުޙައްމަދު ފުޅު ޅ. ނައިފަރު އެވެ.
3- ފާއިޒާ ލޯޖެހި ޅަތުއްތުގެ
       
މިދެންނެވި 5 މީހުން ދޫކޮށްލެއްވުމަށްފަހު ދޭތެރެދޭތެރޭން އެ 2 ރަށުގައިތިބި މީހުން  ދޫކުރައްވަމުންއައިސް    17 ޖުލާއީ 1977 ދުވަހަކީ އެ 2 ރަށުގައިތިބި ޖުޒާމްބަލީގެ ހުރިހާމީހުން ދޫކޮށްލައި ނިމުނު ދުވަހެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެދުވަހަކީ ޖުޒާމްބަލީގެ މީހުން އެހެންމީހުންނާ އެއްފަރާތްކޮށްފައި ބައިތިއްބުމުގެ     ބޯދާއުޞޫލު އަޅުގަނޑުމެންނާ އަލްވަދާޢުކީ ދުވަހެވެ.
       
ވިލިނގިލިވަރާއި ބިޔާދޫން ދޫކޮށްލި މީހުންގެތެރެއިން ވަރަށްމަދުމީހަކުނޫނީ އެހެން ހުރިހާ މީހުންވެސް     ދޫކޮށްލައްވާފައިވަނީ     ވަކި މުއްދަތަކަށް ބޭސްކާންޖެހޭ     ގޮތަށެވެ.މިގޮތަށް ކަންތައްތައް ހަމަޖެހިގެންދިޔައިރު ޖުޒާމުބަލީގެ    ބޭސް ލިބޭގޮތަށް އޭރު ހަމަޖެހިފައިވަނީ ގުރައިދޫގައި ހުންނަ ލެޕްރެސީ ކްލިނިކް އާއި މާލޭގައި ހުންނަ ލެޕްރެސީ     ކްލިނިކް އާއި ފާދިއްޕޮޅު ހެލްތް ސެންޓަރ އިން އެކަންޏެވެ. އެހެންކަމުން ދޫކޮށްލި ގިނަ ބަލިމީހުން ބޭނުންވީ ފަރުވާ    ފުރިހަމަކުރުމަށްޓަކާ ގުރައިދޫގައި ތިބުމަށެވެ.އޭރު ކ. ގުރައިދުވަކީ ބޮޑެތި    ފިރިހިނުންގެ 40 މީހުން ރަށުގެ     ވަޒަންވެރީންގެ ގޮތުގައި ނެތުމުގެ ސަބަބުން ހުކުރުކުރާ ރަށެއްނޫނެވެ. އެދުވަސްވަރު     ރާއްޖޭގެ ރަށްރަށުގައިހުކުރު    ކުރަނީއެރަށެއްގެ ރަށްވެހީންގެ ގޮތުގައި މަދުވެގެން 40 ފިރިހިނުން ހަމަވާ ރަށްރަށުގައި، ހުކުރުވަގުތު މަދުވެގެން    40 ފިރިހިނުން މިސްކިތަށް ޙަޟިރުވެ ތިބުމުންނެވެ.ރަށްވެހީންގެ ގޮތުގައި 40 އަށްވުރެ ގިނަ ފިރިހިނުން    ރަޖިސްޓްރީވެފައިވާ ރަށްރަށުގައިވެސް ހުކުރު ވަގުތު 40 ފިރިހިނުން މިސްކިތަށް ޙާޟިރު ނުވެއްޖެނަމަ     އެދުވަހަކު     އެރަށެއްގައި ހުކުރުނަމާދު ކުރުމުގެ ބަދަލުގައި ކުރާނީ މެންދުރުނަމާދެވެ.

ދޫކޮށްލެވުނު ބަލިމީހުންގެތެރެއިން ބައެއްމީހުން ގުރައިދޫގައި މަޑުކުރުމަށް އެދުވަހު ނިންމީ ހަމައެކަނި     ބޭސްކުރުމުގެ ފަސޭހައަކަށް އެކަންޏެއް ނޫނެވެ. ކުރިންވެސް ދެންނެވިފަދައިން ވިލިނގިލިވަރާ ބިޔާދޫގައި ތިބި    ގިނަމީހުންނަކީ އެބަލީގައި އެތަކެއް އަހަރުވަންދެން މީހުންނާ ވަކިކޮށް  އެއްފަރާތްކޮށްފައި ތިބި މީހުންނެވެ.    އެހެންކަމުންއެ 2 ރަށުގައި ތިބި އެންމެންނަށްވެސް އެމީހެއްގެރަށަކަށް އެމީހަކު ދިއުމަށް ފުރްޞަތު ތަނަވަސްވެގެން     އައިއިރު    އޭގެތެރޭގައި ގިނައިން ތިބީ އަޅާލާނެމަޔަކު ބަފަޔަކު، ނޫނީ ވާރުތަވެރި އެހީތެރިއަކު އުފަން ރަށުގައި     ނެތްމީހުންނެވެ.އަދި ވާރުތަވެރިން ތިބިމީހުންނަށްވެސް އެމީހުންގެވާރުތަވެރީންގެފަރާތުން އެއްވެސް     އެހީތެރިކަމެއް ލިބިދާނެކަމުގެ އުންމީދެއްވެސް ކުރެވުނީއޭގެތެރެއިން މަދުބަޔަކަށެވެ.

ކޮންމެގޮތެއްގައިވެސް ވިލިނގިލިވަރާ ބިޔާދޫގައި ތިބި ބަލިމީހުން މުޖްތަމަޢަށް ދޫކޮށްލެއްވުމަށް ސަރުކާރުން     ނިންމަވާ އެމީހުން ދާން ބޭނުންވަނީ ކޮންރަކަށްތޯ ބެއްލެވިއެވެ. ގިނަމީހުން ބޭނުންވީ ކ. ގުރައިދުއަށް ދިއުމަށެވެ.    ސަރުކާރުން އެދުވަހު ކަނޑައަޅުއްވަފައިވަނީބަލީގެ ޖަރާސީމު އެމީހެއްގެ ހަށިގަނޑުން ފިލައިގެންގޮސްފައިވާ     ކޮންމެމީހަކާވެސް ހަވާލުވާނެ މީހަކު އަތުވެއްޖެނަމަ އެމީހަކު ދޫކޮށްލެއްވުމަށެވެ.މިކަން މިގޮތަށް ނިންމެވުމުގެ    މުހިންމު އެއްސަބަބެއްކަމުގައި ފެންނަނީ އެދުވަސްވަރަކީ ޖުޒާމްބަލީގެ މީހުންނާމެދު މީސްތަކުންގެ     ހިތްތަކުގައި ނަފްރަތާއި ބިރުވެރިކަން އުފެދިފައިވާ ދުވަސްވަރަކަށްވާތީ މިފަދަ މީހުންތަކެއް ކުއްލިއަކަށް     މުޖްތަމަޢުގެތެރެއަށް ދޫކޮށްލެވިއްޖެނަމަ އެމީހުންނާއިމެދު ބައެއްމީހުން ހިތްހަމަނުޖެހިއެއިންމީހަކަށް ދެރަގޮތެއް     ދިމާވެދާނެކަމަށްޓަކާ އެކަމުން     އެމީހުނަށް އިތުރު ރައްކާތެރިކަމެއް ހޯއްދަވައިދެއްވުމެވެ.
ޖުޒާމްބަލީގެ މީހުން ދޫކޮށްލެއްވުމުގައި ސަރުކާރުން ގެންގުޅުއްވި މިސިޔާސަތަށް އެކަށީގެންވާފަދަ ތަރުޙީބެއް ގުރައިދޫގެ ރައްޔިތުންގެ ފަރާތުން އެދުވަހު ލިބުނެވެ.ގެދޮރު ޢިމާރާތްކޮށްހެދުމަށާއި،ގޭގެ މަސައްކަތް ކުރުމަށާއި،މަސްވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުވުމަށާއި، އަދި މިނޫންވެސް މިފަދަ މަސައްކަތްތައް ކުރުވުމަށްޓަކާ މަސައްކަތްކުރެވޭފަދަ ޙާލުގައި ތިބި،ގައިބާރު ހުރި މީހުން،ގުރައިދޫގެ މީހުން ބަލައިގަނެ ޙަވާލުވިއެވެ.ނަމަވެސް އަތްފައިގެ އިނގިލިތައްގިރި، ލޮލުޙާލު ބޮޑުވެ، ޢުމުރުން ދުވަސްވެ، ގައިބާރު ދެރަވެފައިތިބި މީހުންނާ ހަވަލުވާނެބަޔަކު އެދުވަހަކު ނުވިއެވެ. އެހެންކަމުން މިފަދަމީހުން ބައިތިއްބީސަރުކާރުން އޭރު ގުރައިދޫގައި ހުޅުވާފައިހުރި ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީހުގެ ބެއްލެވުމުގެ ދަށުގައެވެ.އަޅުގަނޑަށް ލިބިފައިވާ މަޢްލޫމާތު ކުށްކަމުގައި ނުވަނީނަމަ ފަޤީރުންބަލަހައްޓާ ވެރިޔާގެ އޮފީހުގެ ބެލުމުގެދަށަށް ފުރަތަމަ ގެނެވުނީ 5 ފިރިހެނުންނެވެ.މި 5 މީހުން އެތަނަށް ގެނައީ 14 ޖޫން 1976 ގައެވެ.އޭގެތެރޭގައި ގިނައީ އަތްފައިގެ އިނގިލިތައް މުޅިންގިރި އަތުންފައިން ކަމެއް ނުކުރެވޭފަދަ ޙާލުގައި ތިބި މީހުންނެވެ.

ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީހަށް ބަލިމީހުން ގެނެވުނު ދުވަސްވަރަކީ މިއަދު އަޅުގަނޑުމެން މިދެކޭފަދަ ކަންތައްތައް ފަސޭހަ ދުވަސްވަރެއް ނޫނެވެ. ކޮންމެމީހަކަށްވެސް އެދުވަހު ނިދަން ލިބުނީ ކުނާއަޅާފައިވާ ރޯނުފުރި އެނދެކެވެ. ދާނިން ފެންނަގައިގެން ނޫނީ ތާހިރުވެލެވޭނެ ގޮތެއްއެދުވަހަކުނެތެވެ. ގެނެވުނު ބަލިމީހުންގެތެރޭގައި ފެންދާންޏެއް އަމިއްލަޔަށް ނެގޭވަރުގެ މީހަކުވެސް ނެތެވެ. އެހެންކަމުން ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީހުން ޚިދުމަތްދޭގޮތަށްބަލިމީހުން އެތަނަށް ގެނައުމާއެކު ފުރަތަމަ ހަމަޖައްސަން ޖެހުނީ އެމީހުންނާ އެހީވެ އެމީހުން ބަލަހައްޓާނެ ބަޔަކު ހޯދުމުގެ ކަންތަކެވެ.މިކަމުގައި ޢާއްމުންގެ ތަރުޙީބް ލިބުނުލެއް  އެދުވަހު ކުޑައެވެ.އެދުވަހު މިކަމަށްއެދި ވަޒީފާއަށް ކުރިމަތިލީ ވިލިނގިލވަރާއި ބިޔާދޫން ގުރައިދުއަށް އައިސްތިބި މީހުންގެތެރެއިން ބައެއްމީހުންނެވެ.

ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީހުގެނަމުގައި ގުރައިދޫގައި ސަރުކާރުން ފުރަތަމަ އޮފީހެއް ހުޅުވީ ވިލިނގިލިވަރާ ބިޔާދޫން ދޫކޮށްލި ޖުޒާމުބަލީގެމީހުންގެތެރެއިން ޙަވާލުވާނެ މީހަކުނެތް މީހުން ބެލެހެއްޓުމަށްކަމުގައިވިޔަސް އެއޮފީސް ހުޅުވިތާ މާގިނަދުވަސްތަކެއް ނުވަނީސް ސަރުކާރުގެ ބެލުމުގެދަށުގައި ބައިތިއްބަންޖެހޭ ނިކަމެތީންގެ އެހެން ބައެއްމީހުން އެތާންގައި ބައިތިއްބަން ފަށްޓަވާފިއެވެ. އޭގެތެރޭގައި ސިކުނޑީގެ އެކިއެކި ބަލިބަލީގެ މީހުންނާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އަދި އަޅާލާނެ ޔާރެއް އިޔާރެއް ނެތިފައިވާ މީހުން ހިމެނެއެވެ. މިގޮތުން ގެންދެވުނު ފުރަތަމަމީހާ އެމަރުކަޒަށް ގެންދެވުނީ 21 މެއި 1979 ގައެވެ. އަދި2010މ. ވަނަ އަހަރު ފެށުނުއިރު ސަރުކާރުގެ ބެލެހެއްޓެވުމުގެދަށުގައި 157 މީހުން މިމަރުކަޒުގައި ތިއްބެވެ. އޭގެތެރޭގައިހިމެނެނީ ސިކުނޑީގެ ބަލިމީހުންގެގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ 114 މީހުންނާއި ޚާއްޞަ އެހީ އަށް ބޭނުންވެގެން ރަޖިސްޓަރީ ކޮށްފައިވާ 43 މީހުންނެވެ.

ނުކުޅެދޭ މީހުންގެ ދުވަސް ދިވެހިރާއްޖޭގައި ފުރަތަމަ ފާހަގަކުރީ 13 އޮކްޓޫބަރ 1981 ގައެވެ. ދުވަހާގުޅިގެން އެދުވަހު ބޭއްވި ރަސްމިއްޔާތު ބާއްވާފައިވަނީ  ކ. ގުރައިދޫގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމުއެވެ.

                        ------------------------------------
                                    (ނިމުނީ)

އިދާރާ

ވާހަކަ