އަދުގެ ޚާއްސަ

Print

ކަރާގެ ރަދީފު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް

މި ސިލްސިލާގެ ފުރަތަމަ ބައިގައި އަޅުގަނޑު ބަލައިލީ [ކަރާ] މި ލަފުޒު ކުރިޔަށް ލައިގެން ހެދިފައިވާ ނަންނަމަށެވެ. މި ބައިގައި ބަލައިލާނީ ކަރާ ހެއްދުމުގެ މަސައްތަކުގެ ތެރޭގައި ހިމެނޭ އެ ނޫން ބައެއް ނަންނަމަށެވެ.

1-    ވަޅުކޮޅުން

ވަޅުކޮނުމަކީ ކަރާ އިންދަން ވަޅުކޮނުމެވެ. މިއީ އަނގަހުރަހަށް ގާތްގަނޑަކަށް ދޮޅުފޫޓެއްވަރު ހުންނަ، ފުންމިނުގައި ފޫޓެއް ހުންނަ ވަޅެކެވެ. ކަރާވެލެއްގެ ބޮޑުމިނަކީ، އަޅުގަނޑުމެން ކުޑަ އިރުނަމަ، ސަތޭކަފޫޓު ސަތޭކަފޫޓެވެ. މި ސަރަހައްދުގައި ވަޅުކޮނެފައި ހުންނަނީ ފަތިފައްޗަށް ސަފުސަފަށް ވާގޮތަށެވެ.  ދެވަޅުގަނޑު ދެމެދުގައި އެއް ދުރުމިނެއް ހުންނަ ގޮތަށެވެ.

2-    ވަޅުހެލުން

ވަޅު ކޮނުމަށްފަހު، ވަޅުގައި ހުރި ގަލާއި އެ ފަދަ ހަރު އެއްޗެހި ނަގައެވެ.  މާ ފަލަ މޫތައް ދުވެފައި ހުރި ނަމަ އެ މޫތައް ވެސް ބުރިކޮށް ވަޅުތެރެ ފަސްގަނޑުޖަހައި،  މަޑުފަސްގަނޑަކަށް ހަދައެވެ. އެ އަށްފަހު އަޅީގެ ފަށަލައެއް އަޅައެވެ. ދެން ކަޅުފަހުގެ ފަށަލައެކެވެ. ދެން އަނެއްކާ ވެސް އަޅީގެ ފަށަލައެކެވެ. މި ގޮތަށް ދެތިން ފަށަލަ ހަދައިފާނެ އެވެ. މި މަސައްކަތަށް ކިޔަނީ ވަޅުހެލުމެވެ.

3-    އެއްފަތް ފޮޅުން

ކަރާ އޮށުން ގަސްފަޅާއިރު ފުރަތަމަ ބޭރަށް ފެންނަނީ ފަތެއް ނޫނެވެ. ފުރަތަމަ ފެންނަނީ [ވެޔޮގަނޑެވެ.] ވެލުގެ [މައިގަސްގަނޑު] އެވެ. ވަރަށް ހިމަކޮށެވެ. ދިއްގާފަތެއްގެ ތަނޑިއެއް ފަދައިންނެވެ. އެ އަށްފަހު، ބަދަލުވަމުން އައިސް ފަތްތައް ފާޅުވެދެއެވެ. އަދި ފަތް ފޮޅެއެވެ. ފުރަތަމަ ފަތް ފޮޅުމުން އެއްފަތް ފޮޅުނީ އެވެ.

4-    އޮށުދެފަޅިފަތްފޮޅުން

ޅަ ކަރާ [ނިރެއް] ގެ ދެ ފަތް އޮންނަނީ ކަރާއޮށުގެ ދެ ފަރާތުގައި ތަތްލައިފައެވެ. މި ދެފަތް އޮށުން ނެއްޓި ފެތުރިލައެވެ. އެއީ އޮށުދެފަޅިފަތްފޮޅުމެވެ.

5-    ވަޅުކައިރިޖެހުން

އޮށުދެފަޅިފަތް ފޮޅުމުން ގަސްތަކުގެ ބުޑުން ފެށިގެން ދުރަށް ވާގޮތަށް ގާތްގަނޑަކަށް ދެތިންފޫޓެއްގެ ދުރުމިނަށް އަނެއްކާ ވެސް އުދަލިން ފަސްގަނޑުޖަހައިލައެވެ. އޮށްގާތަކާއި ފުޅިތޮށިފަދަ ތަކެތި ހުރިނަމަ، ނަގައި ސާފުކޮށްލައެވެ.  ވަޅުކައިރިޖެހުމަކީ މިއީ އެވެ.

6-    ގޮނޑުއެންދުން.

ކަރާވެލުގެ ހުރިހައި ވަޅެއް ވަޅުކައިރިޖަހައި ނިމުމަށްފަހު ދެން އޮންނާނީ ގޮނޑުއެންދުމެވެ. ގޮނޑުއެންދުމަކީ ކޮންމެ ހަތަރުވަޅުގަނޑެއްގެ މެދުގައި އެންދޭ އެންދުމެކެވެ. އަންދާނީ ދުރުން ވަލުން ހޮވައިގެން ގެންނަ ފަންތޮށްޓާއި އުނބުފަދަ ތަކެއްޗެވެ.  މިއީ ނަރުލައިވެއްޓުމުގެ ކުރިޔަށް ކޮށް ނިންމަންޖެހޭކަމެކެވެ.

7-    ނަރުލުން

މިއީ ކަރާ ކުރީގެ ފަތްތައް ފޮޅުމުގެ މަރުޙަލާ ނިމި، އެ ކުރިން [ނަރުވާ] ނިކުތުމެވެ.


8-    ނަރުލައިވެއްޓުން

މިއީ ކަރާ ގަސްގަހުން ގަހުގެ ސިފަ ކެނޑި ވެޔޮގަނޑެއްގެ ސިފަ ލިބިގެންދާ މަރުޙަލާއެވެ. ނަރުވާތައް ފެތުރި ކަރާގަސް ވެސް ބިއްމަށްޗަށް ލެނބިލައި ދެމިލާ މަރުޙަލާއެވެ. މިހެން ލެނބިލައި މިބުގައި ކުރި ދުވަން ފެށުމުން ނަރުލައިވެއްޓިއްޖެޔޭ ބުނެއެވެ. އަދި [ކަރާވެޔޮ މިހާރު ދުވަންފަށައިފި] މި ފަދަ ބުނުންތައް ބުނެ އުޅެއެވެ.

9-    ކުރިވަޅުޖެހުން

މި ތާނގައި [ކުރީގެ] މާނަ އަކީ ކަރާ ނިރެވެ. ނުވަތަ [ގަހެވެ.]  އެ ގަހުގެ ގޮފިތަކެވެ. ބިންމަތީގައި [ދުވަމުންދާ ކުރިތައް] ވަކި ތަރުތީބަކުން ބަލަހައްޓައެވެ. ފަތްތައް ފިޔަވައި، އޭގެ މައިގަސްގަނޑު(ކުރިގަނޑު) ބިމުގައި ވަޅުލައިގެންނެވެ. މި މަސައްކަތަށް ކުރިވަޅުޖެހުމޭ ކިޔައެވެ. މިއީ ދުވާލު ދެއިރު ވެސް ކުރަން ޖެހިދާނެ މަސައްކަތެކެވެ.  ނަމަވެސް މި މަސައްކަތް ކުރިޔަށް ގެންދަނީ ދެތިން ހަތަރު ފޫޓަކަށް ކުރި ދުވަންދެނެވެ.

10- ދުއްވައިގަތުން

މިއީ ކަރާގަސްތަކަށް ވެލުގެ ސިފަ ލިބިި ހެދިގަތުމެވެ. ބިމަށް ފެތުރިގަތުމެވެ.

11-    ކުރިޔާކުރިޖެހުން

ކުރިލައިވެއްޓިގެން ދުއްވައިގަތުމާ އެކު އެއްވަޅުގަނޑުން އަންނަ ކުރިޔާއި އަނެއް ވަޅުގަނޑުން އަންނަ ކުރި ގޮސް ބައްދަލުވާނެ އެވެ. މި ގޮތަށް އެއްވަޅުގަނޑެއްގެ ކުރިތައް އަނެއް ވަޅުގަނޑެއްގެ ކުރިތަކާ ހަމަވުމަކީ ނުވަތަ ކުރިތަކާ ހަމައަށް ފޯރުމަކީ ކުރިޔާކުރިޖެހުމެވެ.

12-    ކުރިބެދުން

ކުރިޔާކުރިޖެހުމަށްފަހު ދެން އޮންނާނީ ކުރި ބެދުމެވެ. އެއީ އެއްވަޅުގަނޑުން އަންނަ ކުރީގެ ކޮޅު އަނެއްވަޅުގަނޑުން އަންނަ ކުރީގެ ކޮޅުފަނަޅައި ގޮސް، ދަނޑުބިމުގައި  ކުރިތައް ގެތެން ފެށުމެވެ.  ކަރާވެޔޮ އޮތް މަރުޙަލާ ބުނެދިނުމުގައި  [މިހާރު ނަރުލައިވެއްޓި ދުއްވައިގަނެ ކުރިޔާކުރިޖެހި ގޮސް ކުރިބެދެންވެސް ފަށައިފިއޭ] ބުނެ އުޅެއެވެ. މި ހިސާބަށް ދިޔުމުން ވެލުތެރޭ ހިނގައި އުޅެން އޮންނަ ހުސްޖާގަ ވަރަށް ކުޑަ ވާނެ އެވެ.

13-    މާ ނިކުތުން

މިއީ ކަރާ ވެލުގައި މާ އަޅަން ފެށުމެވެ.


14-    މާޖެއްސުން

މާ ފޮޅެން ފެށުމުން ދެން  އޮންނަނީ މާޖެއްސުމެވެ. އެއީ ފިރިހެން ކަރާމަލެއް ބިނދެގެން ގެންގޮސް އޭގެ ކަރުގަނޑުގައިވާ ފުށްކޮޅު އަންހެން ކަރާމަލެއްގެ ކަރުގަނޑުގައި ކާއްތާލުމެވެ.

މިއީ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ފެށުނު ކަމެކެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާގެ އިރުޝާދުގެ މަތީންނެވެ. އެ ބޭފުޅުން ފުރަތަމަ ކިޔައިދެއްވީ އިނގިރޭސި ނަމެކެވެ. އޭގެ ތަރުޖަމާއެއްކަމަށް ވިދާޅުވީ  [މާޖޯޑުކުރުވުން] މި ނަމެވެ. ބައެއް މީހުން ކޮންމެ ވެސް ވަރަކަށް މި ނަން، އެކަހެރި ތަންތަނުގައި ވައި އަޑަކުން ކިޔައި އުޅޭތީ އިވުނެވެ.

 ކަރާގެ މަސައްކަތަކީ އާއިލީ މަސައްކަތެކެވެ. ގޭ އެންމެން ކަރާވެލުގެ މަސައްކަތުގައި ބައިވެރިވެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ތޮއްޑޫގައި އުފަންވި ނަމަކީ އަދި ވައިގައި ހިފި ނަމަކީ ވެސް މާ ޖެއްސުމެވެ. މާލޭން ވަޑައިގަތް މުރުޝިދު ދެއްވި ދެ ނަން ވެސް ފާހެއް ނުވިއެވެ.

15-    މީދާ މޮއްސުން

މިއީ ކަރާގެ މަސައްކަތަށް ޚާއްޞަ ކަމެއް ނޫނެވެ. ނަމަވެސް ކަރާގެ ދަނޑުވެރިކަން ކުރުމުގައި ވެސް ކުރަންޖެހޭ ކަމެކެވެ. މީދާ މޮއްސުމަކީ ކަރާވެލަށްވީ ހިސާބުގައި ހުންނަ ރުއްރުއްދިލުމެވެ. މީދާ ހާލިހަދައިފައިވާ ނަމަ ހާލިތައް އުކައިލުމެވެ. މީދަލަށް އެއްވެސް ދިމާ އަކުން އެއިން ރުކަކަށް ނޭރޭނެގޮތަށް ފަންކޮށައި ޓިނުބަނުމެވެ.
--------------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ