އަދުގެ ޚާއްސަ

Print

ކަންޒު ކަހަނބުގެ ޚުޠުބާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް

މަދަރުސާއެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންކޮޅެކެވެ.  މައިދާނީ ދަތުރެއްގައި ކުޅިއެއްގެ ކައިރިއަށް ދިޔަ އެވެ. ކުޅީގެ ވެށިން ފެންނަ ތަކެތީގެ އުޅުން ބުޅުން ދެނެގަތުމަށެވެ. އެ ވެށީގެ ދިރުމާއި ހިރުން އޮޅުން ފިލުވުމަށެވެ.  އެތާނގެ ސަގާފަތާއި ގޮތާ ފޮތާއި ހަމަ ނަހަމަ އުނގެނުމަށެވެ.  

ހެނދުނުގެ ދަންފަޅި ނިމިގެން މެންދުރަށް މެދު ކަނޑައިލައިފިއެވެ. އޭރު ބައެއް ކުދީން ތިބީ ވަރުބަލިވެފައެވެ. ފެންވަރައި ނަމާދުކޮށްގެން ކައިގެން އަރާމުކޮށްލަން އެ ކުދީން ޖައްސާލީ ކުޅީގެ އައްސޭރި ފަށުގައެވެ.  ރޯމަގޫފަތާއި، ދޮން ފަންހިނގޫތަކުގެ ދާންމަތިތަކުގައެވެ.  
ކަންދިމާވީ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. އަރާމުގެ ވަގުތު އަރާރުމުގެ ވަގުތަކަށް ބަދަލުވީ އެވެ. ވަލުތެރޭން ނިކުމެގެން އައި ކުއްޖެއްގެ ސަބަބުންނެވެ. އޭނާ ޝަކުވާ ފެށީ ނުރުހުމާ އެކީގައެވެ. ކަރުން ނާރު ނަގައިފައެވެ.

އޭނާ ބުނެ އެވެ. މަށަކީ ވެސް ތިޔަ މަދަރުސާގެ ދަރިވަރަކީމެވެ. މަށާ ކަލޭމެންނާ މަދަރުސާޔަށް ވާނީ ހަމަ މުޅިން ހަމަހަމައެވެ. އެހެން މި ބުނީ ސަބަބެއް ނެތިއެއް ނޫނެވެ. ހެއްކެއް ހުއްޖަތެއް ޤަރީނާއެއް ނެތިއެއް ވެސް ނޫނެވެ. ކަލޭމެން ކޮންމެ މީހެއްގެ އަތުގައި ހުރި ވަރަށް މަގޭ އަތުގައި ވެސް މަދަރުސާގެ ޔުނީފޯމު ހުންނާނެއެވެ. ބޫޓު ވެސް ހުންނާނެއެވެ. އެންމެ ފަޔަކަށް ނޫނެވެ. ކޮންމެ ފަޔަކަށް ބޫޓު ކިބައެއް އޮންނާނެއެވެ. އިސްޓާކީނު ވެސް މި ގޮތަށް ޖޯޑު ހަމަކޮށް ހުންނާނެއެވެ.

މި ހިސާބަށް ވާހަކަ ދިޔުމުން އެ ކުދީންގެ ތެރޭން އިސްކުއްޖަކު ބުނެލިއެވެ. ކިހިނެއްވީ ހެއްޔެވެ؟ އަދިވެސް ވެގެން އުޅޭގޮތެއް ސާފެއްނުވެއެވެ.

ވަލުތެރޭން އައި ދަރިވަރު ފަށައިގަތެވެ. ވީގޮތެއް ނޭނގޭހެއްޔެވެ؟ ކަލޭމެން ކޮންމެ ހަފުތާއަކު ދެ ފަހަރު ދަތުރު ގޮސްފައި މީރުހެން ހީވާހައި އެއްޗެހި ކައިބޮއި ހަދާއިރު ތިޔައީ ބަލަ މަގޭ ވެސް މަދަރުސާއެވެ. މަގޭ ވެސް ޙައްޤުތަކެއް އޮންނާނެއެވެ.
 
އަނެއްކާ ވެސް ޖަވާބުދާރީވީ ކުރިން ވާހަކަ ދެއްކި ދަރިވަރެވެ. އޭނާ ބުނެއެވެ. މީ [ތިމާވެށީގެ ނާޑު] އަށް ޚާއްޞަ ދަތުރެކެވެ. މި ދަތުރުގައި މި ތިބީ މުޅިން ވެސް މަދަރުސާގެ ވެށްޓާބެހޭ ނާޑުގެ މެންބަރުންނެވެ.

ވަލުތެރޭން އައިކުއްޖާގެ ރުޅި ފަޅަފަޅައިގެން ދިޔައެވެ.  އަހަރެންނަކީ ތިމާވެއްޓަށް ކިހާ ޚިދުމަތެއް ކުރާ މީހެއްކަން ނޭނގެނީ ހެއްޔެވެ؟ ވަލު މަގު ދެ ފަރާތުގައި ގަސް އިންދި ދުވަހު، އަހަރެން އިންދި ގައިކެހެނބުޅިގަހެއް މިހާރު ވެސް އެހެރީ ރޯވެފައެވެ. އެ ދުވަހު ގަސް އިންދި އެހެން ހުރިހައި ކުދިން އެ އިންދި ހައި އަންނާރު ގަސްތައް މަރުވެފައި، އަހަރެން އިންދި ގައިކެހެނބުޅިގަސް ރޯވާނީ ގައިމު އަހަރެންގެކިބައިގައި ޢިލްމަކާއި ޙިލްމެއް ހުރެގެން ނޫންހެއްޔެވެ؟ އެކަން އެނގޭ ކިތައްމެ ބަޔަކު އަހަރެންގެ އަތްތިލައިގައި ޚާއްޞަ ބަރަކާތެއް ހުންނަ ކަމަށް އަހަރެންގާތުގައި ބުނެއެވެ.  އެހެން މީހުން ގާތުގައި އެ މީހުން އެ ވާހަކަ ނުދައްކަނީ އެ ކަމަށް ވަގުތު ނުލިބޭތީ އެވެ. އެހެންވީ އިރު ތިމާވެށީގެ ދަތުރުގައި އަހަރެން ނުހިމެނުމީ ހަމަ ޒާތީގޮތުން ބޭއިންސާފުން އަހަންނަށް ކުރި އަނިޔާ އެކެވެ. ބޮޑު ޖަރީމާއެވެ.

މި ހިސާބަށް މި ބަހުސު ދިޔަތަނާ މާ ގަދަ އަޑުފައްގަނޑެއް ކިޔައިގެންފިއެވެ. މި އަޑެއް އިވިގަތީ ކުޅީގެ އައްސޭރިފަށުންނެވެ. ބަލައިލިއިރު މާ ގަދަ ރުޅިއެއް އައިސްފައި ދެލޯ ރަތްކޮށްގެން އޮއްވައި މި ފެންނަނީ ރުއްބުޑެއްގެ މަތީގައި އޮތް ކަންޒުކަހަނބެކެވެ. މިސޮރު އަޑުގެ ކޮޅަށް ފަށައިގަތީ މުޅީން އެހެންވާހަކައެކެވެ.

[އޭ މީސްތަކުންނޭވޭ! އަހަރެންގެ މި ދަޢުވާ އަށް އެއްބަސްވާނީ ތިޔައިގެ ތެރޭން ކާކުހެއްޔެވެ؟ އެ ދަޢުވާ އަކީ ޖަންގަލީގައިވާ އެންމެ ދުވެލި ހަރު ޖަނަވާރަކީ ނުވަތަ ހައިވާނަކީ އަހަރެން ކަމުގެ ދަޢުވާއެވެ. ސަބަބަކީ އަހަރެން ނޫން އެހެން އެއްވެސް ދިރުމެއް، ތާރީޚުގެ އެއްވެސް ހިސާބެއްގައި  ރޭހެއްގައި ބައިވެރިވެފައި ނެތުމާއި އަހަރެން ބައިވެރިވި ރޭހުން އަހަރެން އެއްވަނަ ހޯދައިފައިވުމެވެ. މުޅިދުނިޔެ މި ކަމަށް ހެކިވާނެ އެވެ. ޙައިވާނީ ދުނިޔޭގައި ބޭއްވުނު ހަމަ އެކަނި ރޭހުގައި މުސަޅަށްވުރެ ކުރި އަރައި އަހަރެން ކާމިޔާބު ހޯދިކަމީ ދެ ބަސްވެވެން ނެތް ތާރީޚީ ޙަޤީޤަތެކެވެ.

އޭ މީސްތަކުންނޭވޭ!  ފަހެ، ތިބައި މީހުން ވިސްނައި ފިކުރު ކުޅައިމު ހެއްޔެވެ؟ ވަނަ ލިބުމަކީ އެހެން އޮތް ކަމެއް ނޫނެވެ. އަހަރެން މިވާހަކަ މި ބުނީ ދެންމެ މިތާނގައި މި ހިނގައި ދިޔަ މޮޔަ ޒުވާބާ ގުޅިގެންނެވެ. އެކަކު އިންދިގަހެއް ރޯވެފައި އެހެން މީހުން އިންދި ގަސް އެ ފަހަރު މަރުވުމަކީ ގަސް އިންދި މީހާގެ މޮޅުކަމެއް ނޫނެވެ. ބައެއް ގަސްގަހަކީ ކޮންމެ ފަދަ ބިމެއްގައި ވެސް ރޯ ވެދާނެ ޒާތު ވިނަ އެވެ. އެކަމަކު ބައެއް ގަސްގަހަކީ ވަކި ފެންވަރެއްގެ މޮޅު ބިމުގައި ނޫނީ ރޯވެ، ހެދޭނޭ ގަސްގަހެއް ނޫނެވެ. ހަމަ އެހެންމެ މުސަޅަށް ކަންދިމާވި ގޮތުން ރޭހަކުން އަހަންނަށް ކުރި ލިބުމަކީ މުސަޅަށްވުރެ ބާރަށް އަހަންނަށް ދުވެވޭކަމުގެ ހެއްކެއް ވެސް ނޫނެވެ. އެހެން ބުނަން ވެސް މަވާ  ލަދުގަނެއެވެ.

އޭ މީސްތަކުންނޭވެ! ތިމާގެ މޮޅުކަން ތިމާ އަމިއްލަ އަށް ކިރައި އުޅޭމީހުންގެ މޮޔަކަމާއި ތަނެއް ދޮރެއް ނުދަންނަ ކަމާއެވެ.  އެމީހުންނަށް ކުރިމަތިވެފައިވާ މުސީބާތާއި ބަލިހާލުގެ ބޮޑުކަމާއެވެ. ޖުޒާންބަލިޖެހިފައިވާ މީހާ ދޮން ދަގަނޑުން ބުރަކަށި ކަހާ ކަމަށްވެއެވެ. ފަޚުރުވެރިކަމާއެކީގައެވެ. އޭނާ އުފާވެރިކަމުގެ އުޑުގައި އުދުހި ދެ އެވެ. އެހެން މީހުންގައި ނެތް މޮޅުކަމެއް އޭނާގައި ހުރީތީ އެވެ. އޭނާ ހިތާމައިގެ ކަނޑުގައި އަވަދިވެއެވެ.  ފޮށިފައިވަނީ  ވޭންހުރި، ރިހުންހުރި، އާފާތެއްކަން  އޭނާއަށް  އެނގޭހިނދުންފެށިގެންނެވެ.
-------------------------

ހަމަމިގަލަމުން

އިދާރާ

ވާހަކަ