Print

މަޖުބޫރު ލޯބި (33)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ވަރީގެ ލަފްޒުން ޖަޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ލޯމަރާލުމާއިއެކު ދެކަންފަތަށް އިނގިލި ޖަހައިފިއެވެ. އަދި ބާރަށް ހަޅޭލަވައިގަތެވެ.
[ނާޖިޔާއެވެ! ނާޖިޔާއެވެ!] ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
ޖަޔާ ލޯހުޅުވާފައި ބަލާލިއެވެ.

މިސިޒް ހެރަލްޑް އޭނާއަށް ގޮވަނީއެވެ. އޭނާ ދެލޯ ބޮޑުކޮށްފައި ބަލަން ފަށައިފިއެވެ.

[ނާޖިޔާއެވެ. މާބޮޑަށް ފިކުރު ކުރައްވަނީތޯއެވެ. މިސިޒް ހެރަލްޑް އޭނާ ތެދުކޮށް ސޯފާގައި ބައިންދަމުން ބުންޏެވެ.

ޖަޔާ އަދިވެސް އިނީ ގަބުވެފައެވެ. ވަރަށް ފަރުވާތެރި ކަމާއިއެކު އޭނާ މިސިޒް ހެރަލްޑަށް ބަލާލިއެވެ. ހެރަލްޑް ލައިގެންހުރީ ނޫކުލައިގެ ސްކާރޓަކާއި އޮފްވައިޓް ސުއިޓަރެކެވެ.

ޖަޔާ ވަށައިގެން ބަލާލިއެވެ. އޭނާއަށް މިއިދެވުނީ ލިވިންގރޫމްގައެވެ. ކޮޓަރި މަޑުމަޑުން އެނބުރެއެވެ. ގަޑީގެ މަޑު މިއުޒިކްގެ އަޑު އިވިއިވި ހުއްޓެވެ. ބޭރުގެ މަންޒަރުތައް މަޑުމަޑުން ބަދަލުވަމުން ދިޔައެވެ.

ޖަޔާގެ ނިތްކުރިން އޮއްދާ ހިއްލާފައިވެއެވެ. ތުންފަތް ތުރުތުރު އަޅައެވެ. އޭނާގެ ހާސްކަން އިންތިހާއަށް ގޮސްފައިވެއެވެ.

ޖަޔާ ކުއްލިއަކަށް މޫނުގައި ދެއަތްއަޅާ ފޮރުވައިފިއެވެ. އަދި ޔަޤީންކަމެއްނެތް ކަހަލަ ގޮތަކަށް ބުންޏެވެ.

[އަހަރެން މިއިނީ ކޮންތާކު ހެއްޔެވެ.؟]

[ނާޖިޔާއެވެ! ތިޔަ އިންނެވީ ލިވިންގރޫމުގައި ނޫންތޯއެވެ.] ޖަޔާގެ ޙާލު މިވަގުތު ހުރިގޮތެއް ހެރަލްޑަކަށް ނޭނގެއެވެ. [ނާޖިޔާއަށް ނިދިކުރެއްވުނީ ކަމުގައި ވެދާނެއެވެ. އަދި އަޅުގަނޑަށް ހީވަނީ ބިރުވެރި ހުވަފެނެއް ފެނިލެއްވީ ހެންނެވެ. ތެދުވަންނަވާށެވެ. އަޅުގަނޑު މިއައީ ނާޖިޔާ ގޮވައިގެން ބޭރަށް ދާންވެގެންނެވެ. މިއަދު ދާން މިއުޅެނީ އަޅުގަނޑގެ އަވަށްޓެރިންނާ ޖަޔާއާ ބައްދަލުކުރުވަން ވެގެންނެވެ.

ނާޖިޔާ ތެދުވަން އުޅުނެވެ. އެކަމަކު އަރިއަޅާލާ ކަހަލަ ގޮތެއް ވެއްޖެއެވެ.

[އަސްތާ! ނާޖިޔާ! އެވެ.] ހެރަލްޑް ޖަޔާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ފިކުރު ބޮޑުވެފައި ޖަޔާގެ ނިތްކުރީގައި އަތްޖައްސާލަމުން ބުންޏެވެ. [ނާޖިޔާގެ ތަބީޢަތް ރަނގަޅެއް ނޫނެވެ. ކުޑައިރުކޮޅަކު ކޮޓަރިއަށް ދުރުވެ އަރާމު ކޮށްލައްވަންވީ ނޫންތޯއެވެ؟]

އޭނާ ޖަޔާ ގޮވައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ.

[އޮށޯންނަވާށެވެ. އަޅުގަނޑު ކޮފީތައްޓެއް ތައްޔާރު ކޮށްލައިގެން އެބަ އަންނަމެވެ. ގެންނާނީ ކޮފީތޯއެވެ. ނުވަތަ ސައިތޯއެވެ؟.....]

ޖަޔާ އެއްވެސް ޖަވާބެއް ނުދިނެވެ. އަދި މޫނުމަތީގައި ބަލީސްއަޅާ ފޮރުވައިފިއެވެ. ހަމައެއާއެކު ރޯންވެސް ފަށައިފިއެވެ.

އޭނާގެ ޙާލު ކޮށްޓެއްގައި ހައްޔަރު ކުރެވިފައިވާ ދޫންޏެއް ކަހަލައެވެ. އެކަމަކު ކޮށިން ދޫކޮށްލެވުނު ކަމުގައި ވިޔަސް މިނިވަންކަމެއް ނުލިބެއެވެ. އޭނާގެ ނަސީބުގައިވަނީ ހައްޔަރުވުމެވެ. އޭނާއަކީ ކޮށްޓެއްގައިވާ ގައިދީއެއް ނޫނެވެ. އަމިއްލަ ޒާތުގެ ގައިދީއެކެވެ..... މިނިވަން ފަޟާގެ ތެރެއަށް ދޫކޮށްލެވުނު ކަމުގައިވިޔަސް އަމިއްލަ ޒާތުގެ ގައިދީއަކަށް މިނިވަންކަމެއް ނުލިބޭނެއެވެ. ގައިދުގެ ހިލިހިލާ ދުވަހަކުވެސް ކެނޑިގެނެއް ނުދާނެއެވެ.
*****************

މިސިޒް ހެރަލްޑް ޕޯސްޓްފޮށި ބަލާލިއެވެ. ޖަލާލީގެ ނަމުގައި ދެސިޓީ އޮތެވެ. ޖަޔާގެ ނަމުގައި އެއް ސިޓީއެވެ. ނާޖިޔާގެ ސިޓީއާއި ޖަލާލީގެ އެއްސިޓީގެ އެޑްރެސް ލިޔެފައި އޮތީ ދާދި އެއްލިއުމަކުންނެވެ. ޖަލާލީގެ އަނެއް ސިޓީ އައިސްފައި ވަނީ ކޮންމެވެސް އެހެން ޤައުމަކުންނެވެ.

މިސިޒް ހެރަލްޑް ޖަލާލީގެ ދެސިޓީ ގެންގޮސް ޖަލާލީގެ މޭޒުމަތީގައި ބާއްވައިފިއެވެ. ގޭގެ ކަނާތް ފަރާތުގައި އޮފީހެއް ކަހަލަ ކޮޑަކޮޓަރިއެއް ހުރެއެވެ.

ނާޖިޔާގެ ސިޓީ ހިފައިގެން އޭނާ އެތެރެއަށް އަތުވެއްޖެއެވެ. ހެރަލްޑް ހީކުރި ގޮތުގައި ޖަޔާ އޭނާގެ ކޮޓަރީގައި އުޅޭނެއެވެ.

[ނާޖިޔާއެވެ!] މިސިޒް ހެރަލްޑް ނޫކުލައިގެ ސިޓީ ހޫރަމުން އެތެރެއަށް ވަނުމާއެކު ގޮވާލިއެވެ. ހަމަގައިމުވެސް ޕާކިސްތާނުން އައި ސިޓީ ލިބިގަތުމަށްޓަކައި ޖަޔާ ހުންނާނީ ކެތްމަދު ވެފައެވެ. މިސިޒް ހެރަލްޑް ހުރީ ޖަޔާގެ ޝައުޤުވެރިކަމާއި ކެތްތެރިކަން އަންދާޒާ ކޮށްލުމުގެ މޫޑުގައެވެ.

ޖަޔާ ކޮޓަރިއަކު ނެތެވެ.

މިސިޒް ހެރަލްޑް ލިވިންގރޫމަށް އަތުވެއްޖެއެވެ. ދެން ޑައިނިންގރޫމް ބަލާލިއެވެ.
ޖަޔާ އެތާކުވެސް ނެތެވެ.

[ނާޖިޔާއެވެ!] މިސިޒް ހެރަލްޑް ބާރަށް ގޮވާލިއެވެ.

[ކިހިނެއް ވީހެއްޔެވެ؟] ފުރަގަހުގައި ހުރި ކޮޓަރިން އަޑު އައެވެ.

[މިއޮތީ ނާޖިޔާއަށް ގެނައި އެއްޗެކެވެ.]

[ކޮން އެއްޗެއްހެއްޔެވެ؟]

[ނިކަން ބައްލަވާށެވެ.]

[މިސިޒް ހެރަލްޑް ދޮރުމައްޗަށް އަރާފައި އުފާވެރި ހިނިތުންވަކާއިއެކު އަތްމައްޗަށް ނަގާފައި ސިޓީއުރަ ވައިގެ ތެރޭގައި ހޫރުވާލަމުން ބުންޏެވެ.

[ސިޓީ އެއްހެއްޔެވެ؟]

[ލައްބައެވެ!]

[ކޮންތާކުން އައި ސިޓީއެއް ހެއްޔެވެ؟]

[އަޅުގަނޑަށް ހީވަނީ ޕާކިސްތާނުން ހެންނެވެ.]

ޖަޔާ އަވަހަށް އިންތަނުން ތެދުވެއްޖެއެވެ. އަދި ހަލުއިކަމާއިއެކު ހެރަލްޑާ ދިމާއަށް އަތުވެއްޖެއެވެ. [ގެންނާށެވެ!]

[ނޫނެކެވެ.......]

[ކީއްވެގެންހެއްޔެވެ؟]

[ފުރަތަމަ ހިނިތުން ވެލައްވާށެވެ. އޭގެ ފަހުގައި ދީފާނަމެވެ.]

[އަވަހަށް ދޭށެވެ.]

[ނޫނެކެވެ.] ފުރަތަމަ ހިނިތުން ވެލައްވާށެވެ.]

[ހިނިތުންވާނީ ކިހިނެއްހެއްޔެވެ؟]

[މިގޮތަށެވެ.....] މިސިޒް ހެރަލްޑް ހިނިތުންވެލާފައި ދައްކާލިއެވެ. އެއާއިއެކު ޖަޔާގެ ތުންފަތަށް ހިނިތުންވުން ވެރިވެއްޖެއެވެ.

[ލައްބައެވެ. ތިޔަގޮތަށެވެ. އެއްގޮތަކަށްވެސް މޯޅިވެފައި އިންނަވާގޮތް ނުދައްކަވާށެވެ. ރަނގަޅު އަންހެން ކުދިން ދުނިޔެއާއިމެދު ބަލަންވާނީ ރަނގަޅު ގޮތުގައެވެ.]

[ނަސޭޙަތަށްވުރެ ތިޔަ ސިޓީގެ ބޭނުން މިވަގުތު މާބޮޑެވެ.]

[ސިޓީ މިއޮތީއެވެ.]

އޭނާ ޖަޔާގެ އަތަށް ސިޓީދީފިއެވެ. މަންމަމެންގެ ސިޓީއެއްކަން ހަމަޔަޤީނެވެ.]

ޖަޔާ ސިޓީއުރައިގެ ދެފުށަށް ބަލާލިއެވެ. އެޑްރެސް ލިޔެފައިވާ އަކުރަކީ އޭނާގެ ބައްޕަގެ އަތުލިޔުމެވެ. ބައްޕަގެ ސިޓީފެނިފައި އޭނާގެ ހިތް ފުރިގެން އައީ ކީއްވެގެންކަމެއް ނޭނގެއެވެ. އޭނާގެ ލޯތެމިއްޖެއެވެ. ދޯޕައްޓާގެ ކޮޅުން ލޯ ފޮހެމުން އޭނާ ސޯފާގައި އިށީދެއްޖެއެވެ.

[ތިޔަކަހަލަ ސިޓީއެއް މިސްޓަރ ޖަލާލީއަށްވެސް އައެވެ.] ހެރަލްޑް ބުންޏެވެ.

[ކީކޭހެއްޔެވެ؟] ޖަޔާ ހުއްޓުން އަރައިފިއެވެ.

[މިތާގައި މިހިނގާ ކަންތައްތަކުގެ ޚަބަރެއް ޖަޔާގެ މައިންބަފައިންނަކަށް އެނގިއެއް ނުލައްވާނެއެވެ. އެހެންކަމުން އެމީހުންގެ ލޯތްބާ އިޚްލާޞްތެރިކަން ހާމަކޮށް ޖަލާލީއަށްވެސް ސިޓީ ފޮނުވީއެވެ.]

[އެސިޓީ ކޮބައިހެއްޔެވެ؟]

[މިއައީ ޖަލާލީގެ އޮފީސް މޭޒުމަތީގައި ބާއްވާފައެވެ.]

ޖަޔާ ހިނދުކޮޅަކު ގޮތްހުސްވެފައި އިނެވެ. ދެން އަވަސްއަވަހަށް ބުންޏެވެ. [ގޭގައިވެސް އޭނާގެ އޮފީހެއް ހުރޭހެއްޔެވެ؟]

[ލައްބައެވެ. ބައެއް މަސައްކަތް ރޭގަނޑުވެސް އޭނާ ކުރަން ޖެހެއެވެ. ލަންޑަނުގެ ވިޔަފާރިއާބެހޭ ފައިލްތައް ގިނައިން ބައްލަވަނީ ގޭގައި އިންނަވައިގެންނެވެ.]

[ލަންޑަނުގައިވެސް އޭނާގެ ވިޔަފާރި ހިނގާހެއްޔެވެ؟]

[ލައްބައެވެ! ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިނގައެވެ. އަދި ނާޖިޔާގެ ދެބޭބެ ލަންޑަނުގެ ވަޒީފާއަށް ފޮނުވުމާއި ބެހޭގޮތުންވެސް ޖަލާލީ ވިސްނަމުން ގެންދެވިއެވެ. ވަރަށްގިނަ ކަންތައްތައް ފައުޒިއްޔާއާއި ފޯނުން ވާހަކަ ދައްކަވައިގެން ހަމަޖެއްސެވުމަށް ނިންމެވިއެވެ. އެކަމަކު މިހާރު ކަންތައް ހުރިގޮތުން ހުރިހާކަމެއް އޮންނާނީ ބަދަލުވެފާ ކަންނޭގެއެވެ.]

ނާޖިޔާ އިސްޖަހާލިއެވެ. ސިޓީ ކަނޑާލުމާއިއެކު އޭނާގެ އަތް ތުރުތުރު އަޅައިގަތެވެ.

[މިސްޓަރ ޖަލާލީގެ ސިޓީ ދައްކަ ބަލާށެވެ......] ޖަޔާ ބުންޏެވެ.

[އެއީ އޭނާގެ ސިޓީއެކެވެ. އަޅުގަނޑު އޭނާގެ މޭޒުމަތީގައި ބާއްވައިފިއެވެ.]

[އޮފީސްހުރީ ކޮން ދިމާއެއްގައިހެއްޔެވެ؟]

[އޭނާގެ ނިދާ ކޮޓަރިއާއި ޖެހިގެން ބޭރަށް ނުކުމެވެން ހުރީ އޮފީހެވެ. އަޅުގަނޑު ނާޖިޔާއަށް ގެ ދެއްކިއިރު އޮފީސް ހުރީ ބަންދުކޮށްފައެވެ.]

[އެސިޓީ ގެނެސްދީބަލާށެވެ.]

މިސިޒް ހެރަލްޑަށް ހަދާނެގޮތެއް ނޭގުނެވެ. [ހަދާނީ ކިހިނެއްތޯއެވެ. ސިޓީ އޮތީ އޭނާގެ ނަމުގައެވެ.]

[ސިޓީ ކަނޑާލާނީއެވެ.] ޖަޔާ ރުޅިއައިސްފައި ބުންޏެވެ. ]އަހަރެން ބޭނުންވަނީ ހަމައެކަނި އެޑްރެސް ބަލާލުމަށެވެ. އެއީ ބައްޕަގެ ލިޔުންތޯ ބަލާލުމަށެވެ.]

 [އެންމެ ރަނގަޅެވެ. އަޅުގަނޑު ހިނގައިދާނަމެވެ.]

މިސިޒް ހެރަލްޑް ކޮޓަރިން ނުކުމެއްޖެއެވެ. ޖަޔާ ސިޓީ ނިއުޅާލިއެވެ. އެކަމަކު ޚިޔާލު ކުރެވެމުން ދަނީ ޖަލާލީގެ ނަމުގައި އޮތް ސިޓީއާއި މެދުގައެވެ.

އޭނާ ސިޓީއުރަ މޭޒުމަތީގައި ބާއްވާފައި ސިޓީ ފަތްޖަހާލިއެވެ. އަދި ކޮޓަރިން ނުކުމެގެން އަތުވެއްޖެއެވެ. ދެން ބާރަށް ހިނގާފައި ޖަލާލީގެ ނިދާކޮޓަރިއާއި ހަމައަށް އަތުވެއްޖެއެވެ.

ނިދާ ކޮޓަރި ހުރަސްކުރި ވަގުތު އޭނާގެ ހަށިގަނޑަށް ތުރުތުރެއް އައިކަން އިޙްސާސް ކުރެވުނެވެ. އަވަހަށް އެތަނުން ދެމިގެންފިއެވެ. އެކޮޓަރިއާ ހަމަޖެހިގެން އޮފީސް ކޮޓަރި ހުއްޓެވެ.

ޖަޔާ ދޮރުގެ ގޮބު އަނބުރާލުމާއިއެކު ދޮރު ހުޅުވާލާފައި އެތެރެއަށް އަތުވެއްޖެއެވެ.

[އަސްތާ!..........] އޭނާ އަނގައިން އަޑުނުކުތެވެ.

ޖަލާލީ މޭރު ކައިރީގައި ދެސިޓީއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ އައީ ހަމަދެންމެއަކު ކަންނޭނގެއެވެ. ބްރީފްކޭސް ގޮނޑިމަތީގައި ހުއްޓެވެ. އޭނާހުރީ މޭޒު ކައިރީގައި ކޮޅަށެވެ.

ޖަޔާ އެތެރެއަށް ވަދެގެން އައި މަންޒަރު ދެކެފައި އޭނާ ޙައިރާން ވެއްޖެއެވެ. އެކަމަކު އިއްޔެގެ ހަރުކަށި ބަސްތަކުގެ އަސަރު އަދިވެސް އޭނާގެ ހިތުގައި އެބަހުއްޓެވެ. އޭނާ އުފަލެއް ނުވެއެވެ.

[ކިހިނެއްވީ ހެއްޔެވެ؟] އޭނާ ހަރުކަށި ރާގުގައި ބުންޏެވެ.

[ކަމެއް ނުވެއެވެ!] ޖަޔާ އެއަޑުގެ ނުރުހުންތެރިކަން އިޙްސާސް ކުރަމުން ބުންޏެވެ.

]މިތަނަށް އައީ ކީއްކުރަން ހެއްޔެވެ؟] އޭނާ ހަމަ އެރާގުގައި ބުންޏެވެ.

[ތިޔަ ސިޓީ......!] ނާޖިޔާ ބޭއިޚްތިޔާރުގައި ޖަލާލީގެ އަތުގައި އޮތް ސިޓީއާއި ދިމާއަށް އިޝާރާތްކޮށްލިއެވެ.
މިސިޓީ އޮތީ އަހަރެންގެ ނަމުގައެވެ. ނާޖިޔާގެ ނަމަކު ނޫނެވެ.]

[ކާކު ފޮނުވި ސިޓީއެއްތޯއެވެ؟]

[އަދި ސިޓީއެއް ނުކަނޑަމެވެ.] ޖަލާލީ ހިތްތައް އަންދާފަދަ ހިތި އަޑަކުން ބުންޏެވެ. [ނާޖިޔާ ގާތުގައި ބުނުމުގެ ބޭނުމެއްވެސް ނެތެއްނޫން ހެއްޔެވެ؟]

[ސިޓީ...... ހީވަނީ ބައްޕަގެ ސިޓީއެއް ހެންނެވެ.] ޖަޔާ ލޯބޮޑުކޮށްފައި ޖަލާލީއަށް ބަލާލިއެވެ.

[ތިޔަހެންވެސް ވެދާނެއެވެ.] އޭނާ ފަރުވާކުޑަ ގޮތަކަށް މޭޒުމަތީގައި ސިޓީ ބާއްވަމުން ބުންޏެވެ.] މުޙްތަރަމާއެވެ! ސިޓީ އޮތީ އަހަރެންގެ ނަމުގައެވެ.]

[ލައްބައެވެ!]

[ނާޖިޔާއާ ބެހޭ ވާހަކައެއް އޮތިއްޔާ ބުނާނަމެވެ.]

ޖަލާލީ ކޯޓު ބާލާފައި ގޮނޑީގެ ލެނގޭބައިގައި އަޅުވާލިއެވެ. އަދި ޓައީގެ ގޮށަށް ދޫޖައްސާލަމުން ގޮނޑީގައި އިށީނދެއްޖެއެވެ.

ޖަޔާ ގޮސްހުސްވެފައިވާ ކަހަލަ ގޮތަކަށް ބަލަހައްޓައިގެން ހުއްޓެވެ.

[ދެން ދިޔަޔަސް އެންމެ ރަނގަޅެވެ.] ޖަލާލީ ސިޓީ ކަނޑާލަމުން ބުންޏެވެ.

ޖަޔާއަށް ހީވީ ޖަލާލީ އޭނާގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާ ބޭރަށް ނެރެނީ ހެންނެވެ. އޭނާ އެނބުރިލިއެވެ. ޖަލާލީ އެވަގުތު އިނީ އޭނާއަށް ފުރަގަސް ދީގެންނެވެ. އަދި ކުރިމަތީގައި ހުރި ބިއްގަނޑުން އޭނާ ޖަޔާއަށް ބަލާލިއެވެ. ނާޖިޔާ ބޭރަށް ނުކުތުމުގެ ކުރީގައި ޖަލާލީ ބުންޏެވެ. [އެއްވެސް މީހަކު ހުއްދައަކާއި ނުލައި އޮފީހަށް ވަދެ އުޅުމަކީ އެއްގޮތަކަށްވެސް އަހަރެން އެދޭކަމެއް ނޫނެވެ. ހަނދާން ބަހައްޓާށެވެ!]

ޖަލާލީގެ މިހަރުކަށި ޖުމްލަ އިވިފައި ޖަޔާގެ އަނގަ ހުޅުވިއްޖެއެވެ.

އޭނާ އަވަސް އަވަހަށް އޮފީހުން ނުކުމެއްޖެއެވެ. އަދި ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ ސިކުނޑި ހަލަބޮލި ވެފައިވެއެވެ. އެތައް އިރެއް ވަންދެން އޭނާ ހިމޭންވެފައި ގޮނޑީގައި އިނެވެ. ދެން ހަމަޖެހިލިއެވެ. އަދި އަތުގައި އޮތް ސިޓީކިޔަން ފަށައިފިއެވެ. އެއީ ޖަޔާގެ ބައްޕައާއި ތާނޫ ދައްތަގެ ސިޓީއެކެވެ. އެމީހުން ފާޅުކޮށްފައިވަނީ ކިހާބޮޑު އުއްމީދެއް ހެއްޔެވެ؟ ކިހާބޮޑު އުފަލެއް ހެއްޔެވެ. ކިހާ މަތިވެރި ޖަޒްބާތެއް ހެއްޔެވެ. ކޮންމެ ލަފްޒެއް އެހާމެ ފޮންޏެވެ.

ޖަލާލީގެ އޮފީސް ކޮޓަރިއަށް ދިއުމުގެ ކުރީގައި ސިޓީ ކިޔާލެވުނުނަމަ މިއަށްވުރެވެސް އަސަރުކުރުވީސް ކަންނޭނގެއެވެ. އެކަމަކު ދެންމެ ހިނގި ހާދިސާގެ ސަބަބުން ޖަޔާގެ ހިތް ނުތަނަވަސް ވެފައިވެއެވެ. ފަށްފަށްކޮށް އޭނާގެ ޚިޔާލު ޖަލާލީއާއި ދިމާއަށް ދެއެވެ.

ޖަލާލީ........

މިހާ ދުވަސް ވަންދެން ލޯތްބާއި ނުކުޅެދުމުގައި ޖެހިފައިވާ ޖަލާލީ ކުއްލިއަކަށް ރުޅިއައީއެވެ. ހަރުކަށި މިޒާޖަކަށް ބަދަލުވީއެވެ.

ޚިޔާލުތައް ހިތުން ފޮހެލުމަށްޓަކައި އޭނާ އަނެއްކާވެސް ސިޓީ ކިޔަން ފަށައިފިއެވެ. ސިޓީގައިވަނީ ބައްޕަގެ ނަސޭހަތެވެ.

[ދަރިފުޅަކީ ވަރަށް ނަސީބުގަދަ ކުއްޖެކެވެ. ތިޔަ ކާވެނީގެ ސަބަބުން މުޅި ޢާއިލާގެ ނަސީބު ބަދަލުވެއްޖެއެވެ. މާތްރަސްކަލާނގެ ދަރިފުޅު އުފަލުގައި ލަހައްޓަވާށިއެވެ. މިއީ އަހަރެމެންގެ އުފަލެވެ. ދަރިފުޅު ތިޔަތާނގައި އިންނާނީ ހިތްހަމަ ނުޖެހިފައި ކަންނޭނގެއެވެ. އެކަމަކު ދަރިފުޅާއެވެ! ތިޔައީ ދަރިފުޅުގެ ގެއެވެ. ހިތްހަމަ ޖައްސާށެވެ. ފިރިމީހާގެ އުފާ ލިބިގަންނާށެވެ. އޭނާގެ ޚިދުމަތާއިމެދު ފަރުވާކުޑަ ނުކުރާށެވެ. އެއީ ދަރިފުޅުގެ މަޒާޖީ ކަލާނގެއެވެ.]

ޖަޔާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

މަންމަގެ ސިޓީވެސް އޮތީ މިކަހަލަ ގޮތަކަށެވެ. އަސަރުން ފުރިފައެވެ. ލޯތްބާއި ހެޔޮދުޢާއަށްފަހު ލިޔެފައިވެއެވެ.
[ދަރިފުޅު ދިޔަފަހުން މުޅިގެ ފަޅުވެފައިވާ ކަހަލައެވެ. ހީވަނީ ހަމަދެންމެ ކޮޓަރިން ނުކުމެގެން އަތުވެދާނެ ހެންނެވެ. ދޮރާށިން ވަދެގެން އަތުވެދާނެ ހެންނެވެ. ދަރިފުޅުގެ އަޑު ކަންފަތުގައި ޖެހެނީ ކިހިނެއްވެގެން ކަމެއް ނޭގެއެވެ. ވަކިވުމުގެ ހިތާމަ ހިތުތެރޭގައި ވާއިރުވެސް އަހަރެމެން އެންމެން އުފާވެފައިވާ ވަރު ބުނަންވެސް ނޭނގެއެވެ. ދަރިފުޅުގެ ފަހަރި މިހާރު މަންމަމެންނާއި ވަރަށް ގުޅެއެވެ. އެމީހުންގެ ފަރާތުގެ މުއްސަނދި ޢާއިލާތައްވެސް ފަޚުރުވެރިކަމާއިއެކު މިގެއަށް އައިސް އުޅެއެވެ. ނަވީދުގެ ބަފާކަލޭގެ އިއްޔެ މިގެއަށް ދުރުވިއެވެ. އަބަދުވެސް އެމީހުން ދައްކަނީ ދަރިފުޅުގެ ކައިވެނީގެ ވާހަކައެވެ. ކަލާނގެ ޤުދުރަތްތެރި ކަމެވެ. އެކަލާނގެ އަޅަމެން އެސްފީނާއިން ސަލާމަތް ކުރައްވާށިއެވެ. ދަރިފުޅާއެވެ. ޖަލާލީގެ ގެއަކީ އަމިއްލަގެ ކަމުގައި ދެކޭށެވެ. އޭނާގެ މިޒާޖު ދެނެގަތުމަށް މަސައްކަތް ކުރާށެވެ. ފިރިމީހާގެ ޚިދްމަތަކީ އަޅުކަމެކެވެ. އަހަރެމެންގެ ހެޔޮ ދުޢާތައް އަބަދުވެސް ތިޔަ ދެމަފިރިންނާއި އެކުގައި ވާނެއެވެ. އަހަރެމެންގެ ކައިރީގައި ތިޔަ ދެކުދިން ތިބިނަމަ ކޮށްފަދަ ހެއްޔެވެ. އެދުވަސްވެސް އަދި ފެންނާނެއެވެ. އެހާތަނަށް މަންމަ ކެތްކޮށްގެން އިންނާނަމެވެ.]

(ނުނިމޭ....)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)



ހަމަމިގަލަމުން

އިދާރާ

ވާހަކަ