އަދުގެ ޚާއްސަ

Print

މާމެލާމެލީގެ ނަސޭހަތް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް (2012)

މަންމައަކު އޭނާގެ ލޮބުވެތި ދަރިފުޅާ މެދު ވިސްނަމުން
       ގެންނަ އުންމީދުން ދެޔޭ މުޅި  ހިތުގެ  އުދަރެސް  ދިއްލެމުން
                 ===000===000===000===

މެދު އުޑުން ކަޅުފޮއި ރެޔެއްގައި ތަރިތަކުގެ ލަޝްކަރު މެދުން،  
        ހަނދުގެ ބުރުގާ    ކަޝްފުވާހެން   އެދެވެޔޭ   ދަރިފުޅު ވިދުން
            
މާބަގީޗާއެއް  ބަލައިލަން   ދަރިފުޅާ  އެކު ގޮސް  ލިޔޭ!
            ހާދަ  ފޮނި ތަޢުބީރު ކުރިޔޭ     މާމަލަށް  ނަޒަރެއް  ދެމުން
       
ގަސްގަހުގެ  އާރޯ ކުރީގައި،  ފަރިވެ މާތައް ނަށަނަށާ،
              ވަސް ވަޔަށް ދޫކޮށްލުމުން  ހިތް އެ ބަދެޔޭ  އުފަލުން  ހެމުން
            
އަންނަ ކުދި ކުދި  ދޫނިތައް  ލަވަތައް  ކިޔާ ތާރީފުގާ
               ދަންނަވަން ބަސް  ތިރިވެޔޭ އެކި   މާމަލަށް ޢިއްޒަތްދެމުން
         
ކުރެހިދާ ތަސްވީރުގާ އުފެދުނު ޝުޢޫރުގެ އަސަރުގާ،
            ދަރެހެކޭ އޭނާ ފެށީ   ކުޑަ   ދަރިފުޅަށް     ފިލުވައިދެމުން
            
ބޮޑުވެގެން ދަރިފުޅު މަލެއް ފަދައިންނެ ވާންވީ ޤައުމުގާ  
             ބޮޑެތި އުސް ޢިއްޒަތުގެ މަލަތައް  ޝަރަފުގައި   ފަޅުފިލުވަމުން  
         
ކޮންމެ މީހަކު ޤަދަރުދޭން އަދި އެންމެ ހެޔޮ ބަސްތައް އޮހޭން،
            ނަން ހިނގައި މަޝްހޫރުވާން، ރަތުރަން ކުލައިގައި   ބަބުޅަމުން
           
ޙުރުމަތުން ހިތްތައް ލެނބޭ،  ތަރުޙީބުގައި އަތްތައް ޖެހޭ،
            ފަރަގު ބޮޑު ޒިންމާތަކުން    މުޅި ގައުމު ދާނެ    ބިނާވަމުން  
           
މާމެލާމެލިތައް  މި ހިނދު ނަފުރަތުގެ ރާގެއްގައި ނިކަން،
            ލާމަސީލު  ނަސޭހަތެއް   ފަށްޓައިފިޔޭ      ނުރުހުންވަމުން  
 
ބުއްދިލައި ހެއްދެވި ތިބާ ފަދަ، ރޫފަ ހެޔޮ އިންސާނަކަށް،
             ބުއްދި ކުރުމަށް ބުނެދެމޭ އެ ކަމަށްޓަކައި      ލަދުވެތިވަމުން   
           
ދެކި ބަލާށެ  މި ގުލްޝަނުގެ  ހުރިހާ މަލާ، ހުރިހާ ގަހާ،
            ވަކި ވަކިން ގެންދާށެ  މި ނިޒާމަށް  ފިކުރުކޮށް  ވިސްނަމުން
           
ކޮން އިރަކު ހޭ މާ އައީ، މާ ފަރިވުމުން މައިނާ އައީ؟
             ކޮން އިރަކު ހޭ ގަސް ފެޅީ،  ގޮފިތައް އެއާ އެކު   ފެތުރެމުން
           
ދެނެ ހުރީމުހެ  ބިމުއަޑީ ފުނޑުފުނޑުވި އޮށްތައް މާ ކުރީ
            މިނެ ކިރޭނެހެ   ދިން އެ ޤުރުބާނާ   ފިދާ،    އެ ފަނާވަމުން
           
އޮށްތަކުންނޭ ގަސްފެޅީ، ދެން މައިގަހުންނޭ ގޮފި ފެޅީ
            މުއްދަތުންނޭ މާ އެޅީ،    ގަސްގަނޑު މުޅިން  ވަރުބަލިވުމުން
           
ޖެހުނުހައި ޠޫފާނުގައި އައި ގަދަ ވަޔާ ހަނގުރާމަކޮށް،   
             ސިހިނުލައި ބަލަ މޫތަކޭ  ގަސްތައް  ދަނީ   ހިފަހައްޓަމުން
           
ބިމުގެ [ހަޑި] ފަސްގަނޑުތެރޭ، ހެޔޮ ނިޔަތުގާ ހުރިހައި މުލެއް،
             އުމުރު ދުވަހަށް ފޮރުވިތިބެ ޒިންމާ ނުދޭހޭ      އުފުލަމުން
           
ކާކު ތާރީފެއް ކުރީ؟     ނޫނީ ހަނދާން ވެސް  އާކުރީ؟     
            ތާކު ގަހަކުން މާ ފޮޅޭހޭ         ހާމަޔަށް    މޫތައްލުމުން

ޚިދުމަތެއް ވެވެނީ ވަޔާ  ހޫރޭ  ފަށަކު  ނޫނޭ މުޅިން،
            ތެދު ހިތުން ދުނިޔޭގެ ފިޠުރަތު   އެ ބަދެޔޭ     އަންގައިދެމުން
           
އަހަރެމެން ކުރަމޭ ހަނދާން ވެއްޓޭ ގުރުޑު ފަތް ވެސް ބިމަށް،
             އަހަރުތަކަކަށް   ދޭ މެޔޭ ކާނާ އެއިން   ނެތި    ފީވަމުން
           
މި ފަދަ ޤުރުބާނީތަކުންނޭ    މާ ބަގީޗާ    ފަރިވަނީ
            އުފަލުގައި ދައްކާށެ ޤައުމަށް  މި ފަދަ ޚާލިޞް      ޚާދިމުން
          
-----------------------
(ނިމުނީ)

                   

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ