އަދުގެ ޚާއްސަ

Print

މިނިވަނެއް ނޫން ހޭ މި ގޮތް މާ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

އާދަމް ނަޞީރު އިބްރާހީމް (2012)


ފިނި ވަޔާ އެކު ފަޖުރު ލީމާ، ފޮނި ނިދިން ލޯ ހުޅުވިލީމާ
    ތުނި ހިތުން ޙަމްދަށް ފެށީމާ، މިނިވަނެއް ނޫން ހޭ މި ގޮތް  މާ

ދޫނިތައް ފަދައިން އުދުހިދާ، ދޫނުކޮށް ހެޔޮ ރިޒުޤު ހޯދާ
    މޫނުތައް ލޯބިން ވިދަވިދާ،    މިނިވަނެއް ނޫން ހޭ މި ގޮތް މާ


ހިނިތަކެއްހެން ބައިހަދައިގެން، ގިނިތަކެއް ހުރިހައި ނިވައިގެން
    ފޮނި މަޢީޝަތަކަށް އަދައިގެން،  މިނިވަނެއް ނޫން ހޭ މި ގޮތް މާ

[އިރުމަލުގެ] ނިޔަނެތި މިސާލުން،   ޙުރުމަތާ އެކު ބޯލަނބާލުން،
    ދިރުވަނީ ރޫޙޭ މި ޙާލުން     މިނިވަނެއް ނޫން ހޭ މި ގޮތް މާ

ބުލްބުލުގެ ތަސްބީޙަ ފަދައިން، އުލްފަތުގެ ބަސްތަކުގެ ލަވައިން،
    ސިލްމު ޙިލްމާ ކުރެހި މަލައިން،  މިނިވަނެއް ނޫން ހޭ މި ގޮތް މާ

ކަރުނައެއް ފޫދިއްޖެ ލޮލަކަށް، ދަރުމަ އެދިގެން ހެޔޮ ބަދަލަކަށް
   ބަރުވަނީ ހިތްތައް އުފަލަކަށް،  މިނިވަނެއް ނޫން ހޭ   މި ގޮތް މާ
         
އައްޔަކީ ރައްބީގެ ދަންމަރު،  ބައްޔަކީ އުންމީދު ހުރިވަރު،
   ފައްޔަކީ ޢަޒުމާއި ހިތްވަރު،  މިނިވަނެއް  ނޫން ހޭ   މި ގޮތް މާ
         
ހަތުރުކަން އެނބުރޭ ހިތެއް ނެތް، ދަތުރުގައި ނުގުޅޭ އަތެއް ނެތް
   މިތުރުކަން، އޭގައި މިނެއް ނެތް، މިނިވަނެއް ނޫން ހޭ މި ގޮތް މާ
          
ހީނލިޔަސް  އަނެކުން އުފާވޭ،   ކީލިތައް ނެތް ކަން ޔަޤީންވޭ،   
   ދީލިޔަސް ދެ ނަޒަރު ދިމާވޭ،  މިނިވަނެއް ނޫން ހޭ  މި ގޮތް  މާ

ދަރިޔަކީ ތަރިޔެއް ޝުޢޫރުން، ވެރިޔަކީ ވެރިޔެއް ޒަމީރުން
   ފަރިވަނީ ވަޙްދަތު މި ޒާރުން،  މިނިވަނެއް ނޫންހޭ  މި   ގޮތް މާ
           
ބޭރު އޮޔަކަށް  ނުލެނބި ކަނދުރާ،  ރޭރުހެން ނުވެ ހޭރި، ގަބަރާ،
   އޭރު އޮތް އަބުރާއި ޤަދަރާ،  މިނިވަނެއް ނޫން ހޭ  މި ގޮތް   މާ

ދުނިޔެ ކީ ލޯބިން ސަނާތައް،  ފޮނި އޮމާން ޝުކުރުގެ ނިދާތައް
   މިނެ ވަޒަން ވޭހޭ އުފާތައް،      މިނިވަނެއް ނޫންހޭ މި ގޮތް މާ
           
ރޯޅި ހިނދިފައި އޮތް އަމާންކަން،  ގޯޅިތަކުގައި ވީ ހިމޭންކަން،  
   ނޯޅި ހުރި އިންތަކުގެ މާތްކަން،   މި ނިވަނެއް ނޫންހޭ މި ގޮތް މާ   

ފައިގެ އިނގިލިން ރޮނގު އަޅައިލާ، ކައިރިޔަށް މަގު ފުނި ޖަހައިލާ
   ކާށި ފުނި ހުރެ ރުއްފަޅައިލާ،  މިނިވަނެއް ނޫން ހޭ   މި ގޮތް މާ

ފުދި އަމިއްލަ ގޮތާއި ފޮތުގާ،      ކުދި ޖަޒީރާތަކުގެ ސަފުގާ   
   ހެދި، މި ޖަންނަތު މާ ފޮޅުމުގާ، މިނިވަނެއް ނޫން ހޭ  މި ގޮތް މާ

-------------------
(ނިމުނީ)
 

 ނޯޓު: މި ޅެން ވަނީ [ލިޔުންތެރިޔާ 8] (މި އަހަރުގެ މިނިވަންދުވަހުގެ ޚާއްޞަ ޢަދަދު)ގައި ޝާއިޢު ކުރެވިފައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ