އަދުގެ ޚާއްސަ

Print

ހުރަ ގަނޑުވަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް

ބޮޑުކޮޓަރިތެރޭ ހުރި ސޯފާގައި މުޖާހު އިށީނދެލީ  އަށެއްގެ ޚަބަރަށް ޓީވީގެ ކުލަ ބަދަލުވާތީ އެވެ.  މި ރޭ އޮންނަ މިނިވަން ދުވަހުގެ ޚާއްޞަ ޖަލްސާއަށް އޭނާ ދާންޖެހެނީ 9:00 އަށެވެ. ގޭގެ އެހެން އެއްމެން ޗުއްޓީ ނަގައިގެން ރާއްޖެއިން ބޭރަށް ގޮސް ވިޔަސް، އޮފީހުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ބާވަތުން، މުޖާހަށް ޖެހުނީ މި ފަހަރު ވެސް މާލޭގައި މަޑުކުރާށެވެ. ހަގީގަތުގައި އޭނާ ބޭނުންވަނީ ވެސް މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވާށެވެ. މިނިވަން ހިޔަލުން، ފިނިހިތް ކުރަމުން  ހިނިތުންވާށެވެ!
 

[މަރައިލައިފައި ތަގަރިއަކަށްލައި އަސްޖަހައިފައި އޮތް ތުއްތު ކުއްޖަކު ފިނޮޅަކަށް ލައްގައިފައި އޮތްވައި ފެނިއްޖެ]

[ސަހަރާއެއްގެ ހިނަވާ ގޭތެރޭ،  ބަނގުރާ ކައްކަން އުޅުނު ކާފަޔަކާއި ކާފަ ދަރިފުޅަކު ފުލުހުން ހައްޔަރުކޮށްފި]

[ސުނާމީގައި ގެދޮރު ނެތިފައި ތިބި މީހުން ތިބީ އެ ކަމާ ވަރަށް ދެރަވެފައިކަމަށް ފަރުދީ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ އަކުން ކުރި ޚާއްޞަ ދިރާސާއަކުން ދައްކައިފި ކަމަށް އެ ޖަމިއްޔާއިން ބުނެފި] 

މުޖާހު ޚަބަރުގެ ސުރުޚީތައް އަޑު އަހައިލީ ޝައުޤުވެރިކަމާ އެކީގައެވެ. ތަރައްޤީވެ ތަހުޒީބުވަމުން އަންނަ އިރު އެ ކަހަލަ ބޮޑެތި ޚަބަރުތައް ހުރުމަކީ،  ކޮންމެ ޤައުމެއްގެ ވެސް ތާރީޚު ދެކެފައިވާ ކަންކަމެވެ. އަމުދުން ރާއްޖެއިން ބޭރުގައި އޭނާ ކިޔަވަން އުޅުނު ދުވަސްވަރު އޭނާ ވަނީ މި ކަންކަމުގެ ތާރީޚުގެ މައްޗަށް ބޮޑެތި ދިރާސާތައް ކޮށްފައެވެ. މީހުން މެރުމާއި މަގުފޭރުމުގައި ބައިވެރިވެ ފިލައިގެން އުޅޭ އެތައް ޒުވާނުންނެއް ހޯއްދަވަން ބޭނުންފުޅުވެގެން، ކަމާބެހޭ ފަރާތުން ނޫހުގައި ޖައްސަވައިފައިވާ ފޮޓޯތަކެއް، މި އަދު އޮފީހުން މުޖާހުގެ ރަޙްމަތްތެރިޔަކު އޭނާ އަށް ދެއްކީމާ ވެސް، މުޖާހު އެ އަށް އެއްލީ ފިނި ކަޅިއެކެވެ. ދިނީ [މިނިވަން] ޖަވާބެކެވެ. އިންސާނުން ހުރަގެއަށްލައި ބަންދުކޮށްގެން، ހައްޔަރުކޮށް އަދަބުދީގެން ކުރެވޭނީ ކޮން އިސްލާހެއް ހެއްޔެވެ؟

އިންސާނީ މިނިވަންކަމަށް ވަކާލާތު ކުރުމަކީ މުޖާހުގެ ޟަމީރުގެ ގޮވައިލުމެކެވެ. ފުރާނައިގެ ފަތްތޫރައެވެ. މިނިވަންކަމަށް އޭނާ އިންތިހާއަށް ލޯބިކުރެއެވެ. އެހެން އެއްވެސް މީހަކަށް އޭނާގެ މިނިވަންކަމަށް އަރައިގަނެވިގެން ނުވާނެ އެވެ. ބަފައިކަލޭގެ މަރުވުމުން އަންހެނުންނަށް ގޯތިން ލިބުނު ބައި ފަސް ހަ ބުރިޔަށް ހިއްލައިލި އިރު، އޭނާ މި ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ. ކޮންމެ ކޮންމެ އިރަކު ކޮންމެ ކޮންމެ މީހަކަށް އެ ގެއަކަށް ނުވަދެވޭނެ އެވެ. ކުރީ ޒަމާނުގައި ރާއްޖޭގެ ރަށްރަށުގައި އޮންނަހެން އެއް ގޯތީ މެދުފުޅަށް ފަޅައިލައިފައި އަނެއް ގޯއްޗަށް ވަދެ ނިކުމެ އުޅުނު ސަގާފަތް އޭނާ ކުށްވެރިކުރެއެވެ. އެއް ގޭ ބަދިގޭގައި ރިހަ ކަންކަން ވީމާ، އަހައިލުމެއް ކަހައިލުމެއް ނެތި ގޮސް، އަނެއް ގޭ ގިފިލީގައި ހުންނަ މިރުސްގަހުން މިރުސް ބިނދެގެން ދިޔަ ދިޔުމަކީ އުނި ވިސްނުމެއްގެ މައްޗަށް ހަރުލައިފައި ހުރި ބޯދާ އާދަތަކެވެ. އަގެއް ކިޔައިފައި އެ މިރުސް ވިއްކާ ނަމަ، ގައިމު ރަނގަޅު އިޤުތިޞާދީ މަންފާއެއް، އެކަށޭނަ އާމްދަނީއެއް އެ މީހުންނަށް ވެސް ލިބުނީސްތާ އެވެ.

[މިއީ ދެން ހާދަ ހިތްފަސޭހަކޮށް ފަރުމާ ކުރެވިފައިވާ ގެއެކޭ ދޯ!]

އަށެއްގެ ހޫނު ޚަބަރުތައް ނިމުމުން ޓީވީ ނިވައިލައިފައި ތެދުވެ، މޯޅިޔަކަށް ދެމިލަމުން، މުޖާހު ހިތައިހިތައި ކިޔައިލި އެވެ. އޭނާގެ އެ ގަނޑުވަރެއް ކަހަލަ ގޭގެ އެކި ބިތްބިތަށް ވަކި ވަކިން ނަޒަރު ހިންގައިލި އެވެ. ހިތުގައި އުފުލިގަތީ ފަޚުރުވެރިކަމުގެ މާ ސިންގާ އުދަ ބާނިތަކެވެ. ފަންގި ފިލާގައި ވާ ޒަމާނީ ރީތި ކުރެހުންތަކުގެ ހިތްގައިމު ކަމުންނެވެ. އެކި ބައްޓަމަށް އެކި ބިހުރައަށް، ތުތިމަހަށް، ނެގިފައި ވާ ފަންނީ ފޮފަތަކުގެ ފުރިހަމަ ކަމުންނެވެ. ފާރުގައި ވަށައިގެން ދުއްވައިފައި ވާ މާ ވެޔޮތަކުގެ ނަލަކަމުންނެވެ. ފަރުނީޗަރުތަކުގެ ތަރުތީބުކަމާއި އޭގެ ފެންވަރު މޮޅުކަމުންނެވެ. އޮފު ގަދަކަމުންނެވެ. ގޭގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ނިޒާމު ފައްކާ ކަމުންނެވެ.
 
ކުޑަދޮރުތަކުގައި ވަނީ ބިއްލޫރީގެ އެތެރޭން ދަގަނޑު ތޭރިތައް ޖަހައިފައެވެ. ދޮރުފޮތިތައް ކަހައިލައިފައި ހުއްޓަސް ބޭރުން އެތެރެ ނުފެންނާނެ ކަހަލަ މޮޅު ބިއްލޫރި އެވެ. މުޖާހު ދިރިއުޅޭ ތައްޓާ ޖެހިގެން މައްޗަށް އޮތް ތައްޓުގައި ދިރިއުޅޭ މީހުންގެ މާމަޔަށް ވަޅިޔަކުން ބިރު ދައްކައި އެ މާމަގެ ކަރުގައި ހުރި ގަހަނާތައް ފިރުކައިގަތް ފަހުން މިހާރު ގޭގައި ހަރުކޮށްފައި ވަނީ ވެސް އާދައިގެ ތަޅެއް ނޫނެވެ.  މާ މޮޅު މާ ޒަމާނީ ތަޅެކެވެ. އަތުގެ ބޮޑުވާ އިނގިލީ ނިޝާނުގެ އެހީގައި ނޫނީ އެ ގެއަށް ވަދެ ނިކުމެ ހެދުމަކީ އެއްވެސް މީހަކަށް މިހާރު ލާހިކު ކުޅަދާނަކަމެއް ނޫނެވެ.  މުޅި ގެ ތައްޔާރު ކުރެވިފައި ވަނީ ދޮރުތައް ލައްޕައިލައިފިނަމަ، ބޭރުގެ އެއްވެސް އަޑެއް ބަޑެއް ވެސް ނުވަންނަ ގޮތަށެވެ.

އަމިއްލައަށް ސަޅިކެނޑުމުގެ މުބާރާތެއްގައި މުޖާހު މި ގޮތަށް އަވަދިވަމުން ދަނިކޮށް، އެ ދުނިޔޭން އޭނާ ބޭރަށް ކޮއްޕާލީ އޮފީހުގެ ރަޙްމަތްތެރިޔާގެ ފޯނުކޯލެވެ.

[ކޮބާ ތައްޔާރު ވެވިއްޖެތަ؟ 8:45 އަށް ކާރުގައި ތިޔަ ގޭ ދޮށަށް މަޑުކުރާނަން. މިރޭ ދާން ވާނީ އަހަރެމެންނާ އެކު މި ކާރުގަ]

ތެދެކެވެ. ޖަލްސާއަށް ދާން ވަގުތު ކުޑަތަންވަނީއެވެ. ތައްޔާރުވާން މާ ލަސް ވެސް ވެއްޖެ ކަންނޭނގެއެވެ.  

މުޖާހު ހަލުއި ފިޔަވަޅުގައި ކޮޓަރިތެރެއަށް ވަދެ ގައިގައި އޮތް ގަންޖުފަރާސް ބޮލުންދަމައިގަތެވެ. ހީވީ، އަތްމަތި ފަރިތަ ފަރުކެޔޮޅަކު އިދިކޮޅަށް ރޮނޑެއްގެ ހަން ދަމައިގަތްހެނެވެ.

[އަލިފާން ތޯއްޗެއް؟]

މުޖާހަށް ކުއްލިޔަކަށް ދުލުން ނުބައި އެއްޗެއް ނުބުނެވުނީ ކިރިޔާ އެވެ. މި ވީ ކިހިނެއް ހެއްޔެވެ؟ ގެއިން ކަރަންޓު ދިޔައީ އެވެ. މުޅި ކޮޓަރިތެރެ އަށް ޖަމާވީ ކޮނޑު ހުރި އަތް ނޭނގޭހައި އަނދިރިކަމެވެ. ނަމަވެސް ފޯނުން އަލިކޮށްގެން ހުރެ ގަމީސްލައި ދަށަށް ޖަހައި ކޯޓު ވެސް ގަޔަށް މަހައިފި އެވެ. ޒާތަކަށް ރީތި ވެސް ވެލައިފި އެވެ. ނަމަވެސް ހޫނު ވާން ފަށައިފި އެވެ. ހަށިގަނޑުގެ ވިދުތަކުން  ދާ ތިކިތައް ބޯ ދިއްކޮށް މުޒާހަރާ ކުރަންފަށައިފި އެވެ. މުޖާހު ރުޅި ގަދަ ވާން ފަށައިފި އެވެ.

ހަރަކާތް އަވަސްވުމާއި ފިޔަވަޅު އެޅުމުގައި ދެ ފައި ބެހެއްޓޭ ދުރުމިނުން މި ކަންކަން އެނގެއެވެ. ހީވަނީ މަސްތުވާ ތަކެއްޗަށް ދެވި ހިފައިފައި ވާ މީހަކު ޖަލުގެ ކުޑަގޮޅިއެއްގައި އެތައް ދުވަހެން ވަންދެން ހުރެ، އެ ނުލިބިގެން ތެޅިފޮޅޭހެންނެވެ.

އޭނާ ބޭނުންވީ އަވަސް އަވަހަށް ގެއިން ނިކުންނާށެވެ. މި ހޫނާ އުދާހުން މިންޖުވާށެވެ. ދޮރާ ދިމާއަށް ދުއްވައިގެންފިއެވެ. ކަމަކުދާކަށް ނެތެވެ. އިނގިލީގެ ނިޝާން ފޮޓޯ ނު ނެގެނީހެއް ކިތައްމެ އިރެއް ވިޔަސް، ދޮރެއް ނުހުޅުވޭނެއެވެ. ކަރަންޓު ނެތި އެ ކަމެއް ނުވާނެއެވެ. އަންހެނުން ގޭގައި އުޅޭ ނަމަ ކޮންމެ ވެސް އެހެން މަގެއް ހަލިވެއްޖައީސް ތޯއްޗެކެވެ. މި ބާވަތުގެ ތަކެއްޗަށާއި ކަންކަމަށް މުޖާހަށް ވުރެ ފާގަތީ އޭނާގެ އަންހެނުންވިއްޔާއެވެ!

ހަޅޭއްލަވައިގަނެވިއްޖެ އެވެ.  ހޫނު ވާ ވަރުން ދުވަމުން ގޮސް ކުޑަދޮރުކައިރިޔަށް ހުއްޓިލެވުނެވެ. ކުރިމަތީ އޮތް މަގުގެ އަނެއް ފަރާތުން ހުރިގޭގެ ވެސް ހާލަކީ މިއެވެ. އެ ގޭގައި ވެސް ފުރަތަމަ ތައްޓުގައި ކުޑަކުދީންތައް ރޮނީއެވެ. ކުޑަވަރެއްގެ ފިތާ ބައްތިއެއް ހޫރަމުން، ކޮރެއް ޖަހަމުން ހިރޭ އަޖޫޒު ދައިތައެއް ފެނެއެވެ.

ބަޑީ އުންޑައެއްގެ ބާރު މިނުގައި އައި ހުސް ކޯކު  ދަޅެއް މޫނާ ދިމާއިން ބޭރުން ކުޑަ ދޮރުގައި ޖެހިއްޖެ އެވެ. ސިއްސައިގެން ގޮސްފައި ތިރިއަށް މަގުމައްޗަށް ބަލައިލެވުނެވެ.  ހަނދުވަރު އޮތް ރެޔަކަށް ވާތީ، ކޮށި ބިއްލޫރި ހުރަސްކޮށް ތިރިން ބިންމަތީގެ މަންޒަރުތައް ފެންނަނީ ފިލްމު ފީތާއަކުން ފިލްމެއް ފެންނަ ފަދައިންނެވެ.

ދެ ތިން ބޮޑުބެރު ހިފައިގެން އައިސް މަގުމަތީ ކުނާ ފަތުރައިލައިގެން ޒުވާނުން ކޮޅެއް ބޮޑުބެރު ޖަހަނީއެވެ. ބެރުޖަހަން އެ ތިބަ ކުދީންގެ ތެރޭން ފެންނަ ބައެއް މޫނަކީ މި އަދު އޮފީހުން ދުށް ނޫހުގައި ވާ މޫނުތަކެވެ. އަށެއްގެ ޚަބަރުގައި ވެސް ދެއްކި މޫނުތަކެވެ. އެ މީހުންގެ ބޮލުގައި އެ ވަނީ އެ އިސްތަށިގަނޑެވެ. ކަރުގައި އެ ގިލަފަތިތަކެވެ. ކަންފަތުގައި ވިދަނީ އެ ނަގިލިތަކެވެ.

އެ ކުދީން ނަށަނީއެވެ. ލަވަކިޔަނީއެވެ. ކަނީއެވެ. ބޮނީއެވެ.  މުޖާހުގެ  ޟަމީރު އޭނާ އަށް ބުނެލި ކަހަލައެވެ.  މޮޔަޔާ އެވެ! މިނިވަންކަމުގެ މާނައަކީ މިއީހެއްޔެވެ؟

[ކޮބާ ތައްޔާރުތަ؟ މި ކައިރި ކުރީ]

ފޯނު ރޮއިހޭރި ގަތުމުން ފޯނު ނަގައި ކަންފަތުގައި ޖެހީމާ، މި ފަހަރު ވެސް ވާހަކަ ދެއްކީ އޮފީހުގެ ރަޙްމަތްތެރިޔާއެވެ. އޭރު މުޖާހު މިހިރީ ދާ ހިއްލައި ކެކިފައެވެ. ރުޅީގެ އަލިފާންގަނޑު ހުޅުފަޅައިގެން ގޮސްފައެވެ. 

[މިއީ ކޮން ކަހަލަ މިނިވަންކަމެއް؟ މި ތާނގައި ކުށްވެރީން ކިރުދޫނިތަކެއް ހެން އުދުހެނީ.. ދެން ތިބީން އުޅެން މި ޖެހެނީ އަމިއްލައަށް ހުރަގެއެއްގައި ބަންދުވެގެން]

މައި މަގަކުން އައިސް މި ހަނި ގޯޅި އަށް ވަން ކާރުގައި އިން،  މުޖާހުގެ ރަޙްމަތްތެރިޔާ އަށް މި ވީނުވީ އެނގިއްޖެއެވެ.  މާހައުލު ފެންނަ ގޮތުން އޭނާއަށް ފިސާރި ރަނގަޅަށް މައްސަލަ ސާފުވެއްޖެއެވެ. ބޭއިޚްތިޔާރުގައި ނަމަވެސް މުޖާހަށް އެ ބުނެވުނު އެއްޗެއްގައި އެތައް މާނައެއް އެބަހުއްޓެވެ.  އެކަމަކު އެއިން ކުއްޖެއްގެ ވާހަކަ ރިޕޯޓު ކުރަން ވަކި ކެރޭނީ ވެސް ކާކަށްހެއްޔެވެ؟ އެއީ ތިމާ އަމިއްލައަށް ތިމާގެ އަޖަލު ކަނޑައެޅުން ފަދަ ކަމެކެވެ. އަނެއް ކޮޅުން މި ފަދަ ކަންކަމުގައި މުޖާހުގެ ވިސްނުން ހުރިގޮތް އޭނާ ހާމަ ކުރީ މިއަދު އެވެ.  ދެން މިހާރު ކޮން ރުޅިގަދައެއް ވާހަކަށް ހެއްޔެވެ؟
 
ދަނޑިވަޅުގެ ބޭނުން ހިފައި، މި ފަހަރު ރަޙްމަތްތެރިޔާ ދިނީ އަނގުރު އަލިފާނުގެ ރައްދެކެވެ.

[މަނިކުފާނު ތިޔަ ހުންނެވީ  އެކަތައިގެ ތޭރިތައް ލީ ކުޑަދޮރުތަކުގެ ޙިމާޔަތުގާ. ވަރުގަދަ ތަޅުތަކާ ޖާސޫސީ ކެމެރާތަކުގެ ބެލެހެއްޓުމުގެ ދަށުގާ. ކަނު އަނދިރީގެ ފަރުދާގާ. އަމިއްލަ މިލްކުގައި ވާ ގަނޑުވަރެއްގާ. އެއްވެސް މީހަކު ހުރަގޭގައި ހުރެގެން ނުވާނެ. އެހެން ވީމާ، މިހާރު ތިޔަ ހުންނެވުނީ ހުރަގެއެއްގައި ނޫން. 'ހުރަ ގަނޑުވަރެއްގާ'. ހިތްޕުޅު ހަމަ ޖައްސަވައިލައްލާ!]

މުޖާހު ބަސް ހުއްޓި، ގަނޑުވެއްޖެ ކަހަލައެވެ. [އެއްވެސް މީހަކު ހުރަގެއެއްގައި ހުރެގެން ނުވާނެ] ރަޙްމަތްތެރިޔާގެ މި ޖުމުލަ، ޒަހަރު ގުޅައެއް ފަދައިން ދިރުވައިލުން ނޫންގޮތެއް ނެތްކަން މުޖާހަށް މި ހިނދު އިޙްސާސް ކުރެވުނެވެ. ހުރަހެއް ނެތި އެ ބަސް އަމާޒު ވަނީ ސީދާ ކަލެޔަށޭ މުޖާހުގެ ރޫޙު ހަށިގަނޑުތެރޭން މުޖާހާ ދިމާޔަށް ގޮވައިގަތެވެ.
 
ކަނޑުވެ ގޮތް ހުސްވެ ޙަރަކާތް ކެނޑިފައިވާ  މީހަކު، އޭނާއާ ކައިރިކުރާ ދޯންޏެއްގެ މީހުންގެ ލޮލަށް ބަލައިލާ ފަދަ ހިތި ބެލުމަކުން މުޖާހު ދެ ވަނަ ފަހަރަށް ބޭރަށް ބަލައިލިއެވެ. އެ އަށްފަހު ތިމާ ހުރި ހާލާމެދު ވިސްނައިލި އެވެ. އޭނާ ދުށީ ކުޅިވަރުގައި ތިބި [ހޯދަން ބޭނުންވެފައިވާ ޒުވާނުން] ހަނދުވަރުގެ ރިހި އަލީގައި ކުޅިވަރުގެ ގަދަ ފޯރީގައި އެންމެންގެ ކުރިމަތީގައި ވަޖިދުވާތަނެވެ. އޭނާ އިޙްސާސްކުރީ ބަނިޔާދަންކަންމަތީ ޤައުމު ބިނާ ކުރުމުގައި ހޭބޯ ނާރާ އުޅޭ އޭނާ ފަދަ އެތައް ބަޔަކު، އަމިއްލަ ގޭގެ ކުޑަދޮރުތަކުގެ ތޭރިތަކުގައި ހިފަހައްޓައިގެން ކަނު އަނދިރީގައި ތިބެ ހަފުސް ވަނީކަމެވެ. ކުށެއް ނުކޮށް ކުޑަ ގޮޅިއަށް ލެވިފައެވެ. އަތަކުން އަތަކަށް ގުޑައިނުލެވިފައެވެ.

ހީވާ ގޮތުން މިހާރު މުޖާހު އިސްޖަހައިލައިގެން އެހެރީ  ކޮންމެވެސް އެހެން ފިކުރުތަކެއްގެ ތެރޭގައެވެ.  
                          ------------------
                             (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ