ސުވަރުގޭގެ ލަވަ
އާދަމް ނަޞީރު އިބްރާހީމް (2012)
ނޯޓު: މި ޅެން އެކުލަވައިލެވިފައި މި ވަނީ [ސަބްކުޗް ލުޓާކެ ހޯޝުމެ] (1957). މި ރާގުގެ ވަޒަނަށެވެ.
މީ ބިންމަތީގެ ސުވަރުގެޔޭ ޞުލްޙަވެރި އަމާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
-------000--------000----------
ރަޙްމަތުގެ ޙައްޤު ދީން މި ބިމަށް ފެތުރި ނޫރުގާ
އަޚްވަންތަކަން ހިނގާލީ، ވިންދާ ޝުޢޫރުގާ (ނަފުސާއި ރޫޙުގާ)
ފަޚުރެއް ކަމަށް ނުވޭހެ މި ދިން ޙުރުމަތާ އަމާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
އެއް އަކުރަކާ ބަހެއް، ލިޔެ ކިޔުމަށްމެ ލިބެވިފާ
އެއް ނަސްލަކަށް މި އުންމަތް ނިސްބަތްވެ ހިމެނިފާ (ނިސްބަތްވެ ހިމެނިފާ)
އެއް ރާގަކަށް ތިބީ އެންމެން އުފަލުގައި ނަށާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
އަނެކުންގެ ކަރުނަޔަށް މި ލޮލުން ކަރުނަ ފޫދިފާ
އަނެކާގެ ކެކުޅުމަށް ހިތުގައި ރަޙުމު އުފެދިފާ (ހަމްދަރުދު އުފެދިފާ)
މިނަކާ ނުލައި މި ލޯބި އޮތޭ އެ ދުހު ސޫރަވާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
--------000--------000----------
ކިހިނެއް ބަދަލު އައީ މުޅި ގުލްޝަން ޚަރީފުވީ
ކިހިނެއް މި ޖަންނަތުގެ މާތައް ހިކި ހަނާ މިވީ (ސަހަރާޔަކަށް މިވީ)
ރުހެވޭނެހޭ މިހެން [ ބޮޑު] ޤައުމެއް ފަނާވެދާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
ޅަޒުވާން ކުދީން ޙަޔާތުގެ އުންމީދު ގެއްލިފާ
އަޒުމެއް ނެތޭ، ވަނީ އައްޔާ އަނދިރި ނޭނގިފާ (ފިނި ހޫނު ނޭނގިފާ)
ޖަޒުބާތަކީ މިޔޭ، މި ޚިޔާލޭ އޮތީ ކުރާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
ނަމާންކަމާ ނުރައްކާ ބިރުވެރި ވަބާތަކޭ
އާފާތްތަކާ މުސީބާތާ ބޮޑެތި ވޭންތަކޭ (ވޭނީ އުދާސްތަކޭ)
ހާލާތު ކިހިނަކުންހެ ކުރާނީ ދުލުން ބަޔާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
ލޭ ކަރުނައިން ދިވެހި އުންމަތް ފޯވަމުންދަނީ
ލޭ އޮހޮރުމާ ޒަޚުމުގައި މުޅި ގައުމު ނިމިދަނީ (ދިވެހީން މި ނެތިދަނީ)
ހޭހަންކުރާނެ ބާރެއް ނެތްހޭ ނަޖާވެދާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
----------000--------000----------
މިނިވަން ވަޔާ ދިވެހި ދިދަ ވިހުރެން ޖެހޭނެޔޭ
ހިނިތުންވެލަން ދިވެހި މި ދަރީންނަށް އެނގޭނެޔޭ (ގައިމޭ އެނގޭނެޔޭ)
ގިނި އެންދިހައި ނުބައި، ފަށަމާހޭ އަލުން ނިވާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
ޔާ ރައްބަނާ މި އިސްލާމީ ޞުލްޙަވެރި ހިޔާ
ޙާލުން މި ދިންނަވާންދޭ ނުދަނީސް މުޅިން އޮޔާ (ފުނޑުފުނޑުވެގެން ވަޔާ)
ޢާޖިޒުކަމާ އެކީ ފަށަމޭ ކަރުނަ އޮހޮރުވާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
އަޅަމެންގެ ކުށް މިހާރު ހިތަށް ވިސްނެމުންދެޔޭ
އަޅަމެންގެ ރޫޙު މޭގާ، ރޮއި ގިސްލަމުންދެޔޭ (ގިސްލައި ރޮމުން ދެޔޭ)
އަޅަމެން އެދެން، އެ ސުވަރުގެ އަވަހަށް އިޢާދަވާން
މީ އުޚުތުނާ އަޚުންނޭ ހެކިވާނެޔޭ ޒަމާން
-----------
(ނިމުނީ)
(ނިމުނީ)