އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (35)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

އެހެން ނަމަވެސް އެލަފްޒުތައް އޭނާގެ ކަރުތެރޭގައި ތާށިވެއްޖެއެވެ. ލުއި ކަރުނައެއް ލޮލުގައި އުފެދިގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރިލައިފިއެވެ. އަދި އިނގިލީގެ ބަނޑުފުށުން ލޯކައިރި ފޮހެލިއެވެ. ހަމައެއާއިއެކު ހިނގައި ގަތުމަށް ފިޔަވަޅު ނެގިއެވެ.

[ނާޖިޔާއެވެ!] ޖަލާލީ ގޮވާލިއެވެ. އަޑުގައި ހުރީ އިންތިހާ ދަރަޖައިގެ ބީރަށްޓެހި ކަމެކެވެ.
[ނާޖިޔާ ހުއްޓިއްޖެއެވެ. އެކަމަކު އެނބުރި ބަލައެއް ނުލިއެވެ.

[ނާޖިޔާ ބޭނުންތާކަށް މިސިޒް ހެރަލްޑާ އެކުގައި ދާށެވެ. ފައިސާއަށް ބޭނުން ވާނެއެވެ. އަހަރެންގެ ސޭފުން ފައިސާ ނަގާށެވެ.]

ޖަޔާ ނުކުޅެދިފައި ބަލާލިއެވެ.

ޖަލާލީ ޖީބުން ތަޅުދަނޑި ނަގާފައި ހެރަލްޑާ ދިމާއަށް އެއްލިއެވެ. [ނާޖިޔާ ބޭނުން ވަރަކަށް ފައިސާދޭށެވެ.]
[ޝުކުރިއްޔާއެވެ.] މިސިޒް ހެރަލްޑް ބުންޏެވެ. އަދި ޖަޔާއާއި ދިމާއަށް ތަޅުދަނޑި ދިއްކޮށްލިއެވެ.

[އަޅުގަނޑު ފައިސާ ބޭނުމެއްނޫނެވެ.] ޖަޔާގެ އަޑު ޖަޒްބާތުގެ ގަދަފަދަ ކަމާއެކުގައި ފަޅައިގެން ހިނގައްޖެއެވެ. ޖަލާލީގެ އަޑުގައިވާ ހަރުކަށިކަމާއި ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން ޖަޔާގެ ހިތަށް ވަރަށްބޮޑަށް އަސަރު ކުރިއެވެ.

[ނާޖިޔާއެވެ!] ޖަލާލީ އަމުރުވެރި ރާގުގައި ބުންޏެވެ. ނާޖިޔާ އަނެއްކާވެސް ހިނގައިގަތެވެ.
[ޖަލާލީވެސް ކުރިއަށް ހިނގައިގަތެވެ. އަދި ހަރުއަޑުން ބުންޏެވެ. [ނާޖިޔާއެވެ. ތިޔަ ރުޅިގަނޑު ދޫކޮށްލަ ބަލާށެވެ. ޙަޤީޤަތާ ކުރިމަތިލާށެވެ. ނާޖިޔާ ފައިސާއަށް ބޭނުންވާކަށް އަހަންނަށް ހަމަގައިމެވެ. ބޭނުން ވަރަކަށް ފައިސާ ނަގާށެވެ. އަނެއްކޮޅުން ބަލާއިރު ކާވެނީގެ ހުރިހާކަމެއް ހަމަނުޖެހޭހާ ހިނދަކުގައި ނޫނީ ޤާނޫނީގޮތުން އަހަރެންގެ މުދަލާއިމެދު ނާޖިޔާއަށް ފުރިހަމަ ޙައްޤު އޮންނާނެއެވެ.]

ޖަލާލީ އަވަހަށް އެބުރިލިއެވެ. އަދި ހަލުއި ފިޔަވަޅު އަޅަމުން ކޮރިޑޯއިންލާފައި ބޭރުދޮރާދިމާއަށް އަތުވެއްޖެއެވެ.

ނާޖިޔާވެސް ދުވެފައި އޭނާގެ ކޮޓަރިއަށް އަތުވެއްޖެއެވެ. އަދި ބާލީހުގައި މޫނު ފޮރުވައިގެން އޮވެ ރޯން ފަށައިފިއެވެ. އޭނާގެ ހިތް އޮބިއޮންނަ ވަރަށްވުރެ މައްޗަށް ހިނގައްޖެއެވެ. ހަދަންވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

އޭނާއަކަށް އެނބުރި ރަށަކަށް ނުދެވޭނެއެވެ. ދާކަށް ބޭނުމެއްނޫނެވެ.

އެކަމަކު މިތާނގައި އުޅުމަކީވެސް އުނދަގޫ ކަމެކެވެ. ޖަލާލީ އެއްވެސް އަރާމެއްނެތި އޭނާ ރަށަށް ފޮނުވުމަށް މަސައްކަތް ކުރަނީއެވެ. އޭނާ މިހާރު ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ. ހީވަނީ އޭނާ އެބުނިގޮތަށް ކަންތައްކުރާނެ ހެންނެވެ. އޭނާގެ ވާހަކަ ދެއްކުމުގެ ރާގުވެސް މިހާރު ބަދަލުވެއްޖެއެވެ. އުޅުންވެސް ބަދަލުކޮށްލައިފިއެވެ. މިހުރިހާކަމެއް ޖަޔާ ވަރަށް ރަނގަޅަށް އިޙްސާސް ކުރެއެވެ.

ކުރާނީ ކީއްހެއްޔެވެ......

ބާލީހުގައި މޫނު ފޮރުވައިގެން އޮވެ ހާސްކަމާއިއެކުު އޭނާ ވިސްނަމުން ދިޔައެވެ.

************************

ޖަލާލީ އޭނާގެ އޮފީހުގައި އިނެވެ. މެނޭޖަރު އޭނާގެ ކުރިމަތީގައި ފައިލްތަކެއް ބަހައްޓައިފިއެވެ.

މެނޭޖަރުގެ ބެލެހެއްޓުމުގެ ދަށުން މަސައްކަތް ބަރާބަރަށް ހިނގަމުން ގޮސްފައިވެއެވެ. ޝިޕިންގ ކޮމްޕެނީއަށް ލިބިފައިވާ ފައިދާއަކީވެސް އޭނާގެ މިންނެތް މަސައްކަތުން ލިބިފައިވާ ފައިދާއެވެ. މިހާރު އޭނާ ފިހާރައާ ބެހޭގޮތުން ވާހަކަ ދައްކަނީއެވެ. އެތަނަށް ޕާކިސްތާނުން އުފައްދާ ތަކެތި ބޭނުންވެފައިވެއެވެ. އަބަދުވެސް އެފިހާރައިގައި ޕާކިސްތާނުން ގެންނަމުދާ ވިއްކަން ހުރެއެވެ.

[މިސްޓަރ ހެޑްސަންއެވެ. ތިޔަ ކަންތަކުގައި ހެޑްސަނަށް ފެންނަގޮތަކަށް ކުރިއަށް ގެންދާށެވެ. ޕާކިސްތާނުގެ ބައެއް ފާމްތަކާއި ކުންފުނިތަކުގެ އެޑްރެސް ހެޑްސަން އަތުގައި މިހާރުވެސް ހުންނާނެއެވެ. ޖަޢުފަރުވެސް ކުރަނީ ހަމަ ތިޔަކަހަލަ ވިޔަފާރިއެވެ. ވީމާ އޭނާއާއި ގުޅައިގެން މަސައްކަތް ކުރިއަށް ގެންދާށެވެ.]

[ލައްބައެވެ. ޖަލާލީއަށް މިވާހަކަ ނަންގަންނަންވާނެ ނޫންތޯއެވެ. ފަހުން ހުރިހާކަމެއް ޚުދް އަޅުގަނޑު ކުރިއަށް ގެންދާނަމެވެ.]

ކުރަންޖެހޭނެވެސް މެއެވެ. އަހަރެން މިދުވަސްކޮޅު......]

ޖަލާލީ ޖުމްލަ ފުރިހަމަނުކޮށް ދޫކޮށްލައިފިއެވެ. އަދި ގޮނޑީގައި ހަމަޖެހިލިއެވެ.

[ކިހިނެއްވީތޯއެވެ؟]

[އަހަރެން މިދުވަސްކޮޅު މިއުޅެނީ ހަމަނުޖެހުމެއްގެ ތެރޭގައެވެ.]

[އެއީ ކޮންކަމެއް ތޯއެވެ؟]

[ހަމައެކަނި ސިކުނޑީގެ ހާސްކަމެކެވެ. އެހެންވީމާ ހެޑްސަން ހުރިހާކަމެއް އަމިއްލައަށް ހިންގާށެވެ.]

[މަސައްކަތާއިމެދު ފިކުރު ނުކުރައްވާށެވެ.]

[ޝުކުރިއްޔާއެވެ!]

[ލަންޑަނުން ފޯނެއް އައެވެ. އެމީހުނާ ބެހޭގޮތުން ބުނުއްވަނީ ކީކޭތޯއެވެ. އިތުރު މީހުނަށް ވަޒީފާ ދޭންވީތޯއެވެ؟]

[އާނ..... އެތަނަށް މީހުން ބޭނުން ވޭދޯއެވެ.]

[ލައްބައެވެ...... ފުދޭވަރަކަށް މީހުން ބޭނުމެވެ. ވިޔަފާރިއާއި ބެހޭގޮތުން ޖަލާލީ ހާސްވެ ނުލައްވާށެވެ.

ވަރަށް ރަނގަޅަށް ކުރިއަށް އެބަދެއެވެ. ލަންޑަނުގެ ވިޔަފާރި ވަރަށް ފުރިހަމައަށް ފެތުރެމުން އެބަދެއެވެ.

[އަހަރެން މިސްޓަރ ފޭލަރަށް ޝުކުރުވެރިވަމެވެ.]

]އޭނާއަކީ މަސައްކަތްތެރި އަދި އަމާނާތްތެރި މީހެކެވެ.]

[އަހަރެން އޭނާއާއިމެދު ހިތްހަމަޖެހިގެން މިހުންނަނީ އެހެން ވެގެންނެވެ. އެހެން ނޫންނަމަ އަހަންނަށް ޖެހޭނީ ލަންޑަނުގެ ވިޔަފާރި ހުއްޓާލާށެވެ.]

[ޖަލާލީ އޭނާއާއި ގުޅުއްވަންވީ ނޫންތޯއެވެ.]

[ކޮންކަމަކާ ބެހޭގޮތުން ހެއްޔެވެ؟]

[އިތުރު މީހުންނަށް ވަޒީފާދިނުމާއި ބެހޭގޮތުންނެވެ. އެންމެ ރަނގަޅު ގޮތަކީ ޚުދް ޖަލާލީ އޭނާއާއި ވާހަކަ ދެއްކެވުމެވެ. ޕާކިސްތާނާއި ހިންދުސްތާނުގެ ކުދިންކޮޅެއް ވަޒީފާއަށް އެދިފައިވާ ވާހަކަ އޭނާ ބުނުއްވާފައިވެއެވެ.]

ޖަލާލީ ގޮނޑީގައި ހަމަޖެހިލަމުން ފުންނޭވާއެއް ލިޔެވެ. އޭނާއަށް ނާޖިޔާގެ ދެބޭބެއިންގެ މަތިން ހަނދާން ވެއްޖެއެވެ. ނާޖިޔާގެ ދޮށްޓަށް ތިބި ދެފިރިހެން ކުދިންނަކީ ތަޢުލީމު ލިބިފައި ތިބި ރަނގަޅު ދެކުދިން ކަމުގައި ކާވެނީގެ ކުރީގައި ފައުޒިއްޔާ ބުނެފާވެއެވެ. އެމީހުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ތައްޔާރަށް ތިބިކަމުގައިވެސް ބުނެފައިވެއެވެ. އެއާގުޅިގެން ޖަލާލީވެސް އެމީހުންނަށް އިންގްލެންޑުން ވަޒީފާ ހޯދައިދޭން އެއްބަސްވެފައިވެއެވެ.

ކޮންމެއަކަސް ލަންޑަނު އޮފީހަށް މީހުން ބޭނުމެވެ. އަދި ނާޖިޔާގެ ދެބޭބެ ގެނެސް ވަޒީފާދޭން ޖަލާލީ ބޭނުމެވެ.

ނާޖިޔާގެ ބައްޕަގެ ސިޓީގައިވެސް އެކުދިންނަށް ވަޒީފާ ހޯދައިދިނުމާއި ބެހޭގޮތުން އިޝާރާތް ކޮށްފާވެއެވެ. އޭނާ ވާހަކައިގެ ތެރޭގައި އެކުދިންގެ ޝައުޤުވެރިކަން ހުރިވަރު ފާޅުކޮށްދީފައި ވެއެވެ. އެކުދިން މަސައްކަތަށް ރަނގަޅުވާނެކަމުގެ ޔަޤީންކަންވެސް ދީފައިވެއެވެ.

ޖަލާލީ ވަރަށްބޮޑު ޢަޒާބެއްގައި ހައްޔަރުވެފައިވެއެވެ.

]މިސްޓަރ ޖަލާލީއެވެ. ކިހިނެއްވީތޯއެވެ.] ޖަލާލީގެ ހާސްކަން މިސްޓަރ ހެޑްސަން ފާހަގަކޮށްފިއެވެ.

[ބޮޑުކަމެއްވެސް މެއެވެ. ކުޑަކަމެއްވެސް މެއެވެ.] ޖަލާލީ ފިނި ނޭވާއެއް ދޫކޮށްލިއެވެ.

[ޖަލާލީ އަޅުގަނޑަށް އިތުބާރު ކުރައްވަމުތޯއެވެ؟]

[މިއީ އެހާ ޚާއްޞަކަމެއް ނޫނެވެ.]

[އެހެންވީއިރު.....؟ އޭނާ ހިނދުކޮޅަކު ހިމޭނުން އިނެވެ. ދެން ކޮންމެވެސް އެއްޗެއް ވިސްނާލަމުން ބުންޏެވެ. [އަހަރެންގެ ރައްޓެހި ޕާކިސްތާނުގެ ދެމީހަކު ލަންޑަނަށް އައިސް އަހަރެންގެ މަސައްކަތަށް އެހީވާން އެދިފައިވެއެވެ.

[ސާހިބާއެވެ! ތިޔައީ ވަރަށް ރަނގަޅު ކަމެކެވެ. އެފާމުގައި ތިބޭނީ ޕާކިސްތާނު މީހުންނެވެ. ފާމަށް ގިނަ މަސައްކަތް ލިބެނީވެސް އިންޑިޔާއާއި ޕާކިސްތާނުންނެވެ.

[ތިޔައީ ރަނގަޅު ވާހަކައެކެވެ.]

[ޖަލާލީ އެމީހުނާމެދު ހިތްހަމަޖެހި ނުލައްވަނީ ތޯއެވެ؟]

[އެހެނެއްވެސް ނޫނެވެ.]

[ދެން ކޮންކަމެއްތޯއެވެ؟]

[އެންމެ ރަނގަޅެވެ. ޚުދް އަހަރެން މިސްޓަރ ރޮކްފޭލަރާ ވާހަކަ ދައްކާނީއެވެ.]

[ތިޔައީ އެންމެ ރަނގަޅު ގޮތެވެ.]

މިސްޓަރ ހެޑްސަން ތެދުވެއްޖެއެވެ. އަދި ޖަލާލީގެ ކުރިމަތީގައި ފޯނު ބަހައްޓާފައި ލަންޑަން އޮފީހުގެ ނަމްބަރުތަކުގެ ޗާޓް ޖަލާލީއާއި ކައިރި ކޮށްލިއެވެ.

[ޖަލާލީ ނަންބަރާ ގުޅާލައިފިއެވެ.]
[ހަލޯ.....!]

[ވާހަކަ ދައްކަނީ މުސްތާޤު ޖަލާލީއެވެ.]

[ލައްބައެވެ. މިކޮޅުން ވާހަކަ ދައްކަނީ ރޮކްފޭލަރއެވެ. ޙާލު ކިހިނެއްތޯއެވެ؟]

[ވަރަށް ރަނގަޅެވެ. ޝުކުރިއްޔާއެވެ!]

[ވިޔަފާރިއާބެހޭ ކަންތައްތައް ވަރަށް ރަނގަޅަށް އެބަހިނގައެވެ.]

[މިސްޓަރ ފޭލަރއެވެ!]

[ލައްބައެވެ!]

[އެހެންވީއިރު....؟]

[ވަޒީފާއަށް ވަރަށްގިނަ މީހުން އެދިފައިވެއެވެ. އެކަމަކު ހިންދުސްތާނާ ޕާކިސްތާނުގެ ކުދިންކޮޅެއް ލިބިފައިވާތީ އެމީހުން މިވަޒީފާއަށް ރަނގަޅުވާނޭ ކަމުގައި އަޅުގަނޑަށް ފެނެއެވެ.]

[އެއްވެސް މީހަކަށް ވަޒީފާދިނުމާއި ބެހޭގޮތުން ވަޢުދުވެފައި ވާނެ ހެއްޔެވެ؟]

[ނޫނެކެވެ.]

[އަހަންނަށް ފެންނަނީ އަދި ހަފްތާއެއްހާ ދުވަހަށް މަޑުކޮށްލުމެވެ. ފަހަރެއްގައި އަހަރެންވެސް ދެމީހަކު ފޮނުވާގޮތަށް ހަމަޖެހިދާނެއެވެ......]

[ކެލިފޯނިޔާ އިންތޯއެވެ؟]

[ނޫނެކެވެ. މިސްޓަރ ފޭލަރއެވެ. އަހަރެން ޕާކިސްތާނުގެ ދެމީހަކަށް ވަޒީފާދޭން ވަޢުދުކޮށްފައި ވާނެއެވެ.

 އެހެންކަމުން އެމީހުން ގެންނަން އަހަރެން ގަސްތުކުރަމެވެ.]

[އެމީހުންގެ މަސައްކަތް ރަނގަޅު ކަމުގައި ހީވެލައްވާތޯއެވެ؟]

[ތިޔަކަހަލަ ކަންތައްތައް އެނގޭނީ އެމީހުން މަސައްކަތަށް އައިސް މަސައްކަތް ފެށުމަށް ފަހުގައެވެ.]

[ޖަލާލީއަށް ފެނިލައްވާ ގޮތެކެވެ.]

[އެންމެ ރަނގަޅެވެ. އިތުރުކަމެއް ޖެހިއްޖެއްޔާ އަހަންނާ ގުޅާލާށެވެ.]

[ލައްބައެވެ!]

[ޝުކުރިއްޔާ!]

[ޖަލާލީ ފޯނު ބާއްވައިފިއެވެ.

[މިސްޓަރ ޖަލާލީއެވެ. ކޮންމެވެސް އެއްޗެއް ކޭން ބައްލަވަންވީ ނޫންތޯއެވެ.] ހެޑްސަން އަދަބުވެރި ކަމާއެކު ބުންޏެވެ.

[ކޮން އެއްޗެއް ހެއްޔެވެ؟]

]ކޮފީއާއެކު ސޭންޑްވިޗެވެ.]

[ބަނޑުހައި އެބަވެއެވެ. އަހަރެން މެންދުރަކުވެސް ނުކަމެވެ.]

[އަސްތާއެވެ! ތިޔަ ވާހަކަ ކުރިން ބުނުއްވިނަމަ އަޅުގަނޑު ހިމޭނަކުން ނީނީމުހެވެ.]

ޖަލާލީ ގޮނޑިއާއެކު ފުރަގަހަށް އެނބުރިލިއެވެ.

ހެޑްސަން ރަނގަބީލަށް އޮބާލައިފިއެވެ. އެއާއެކު އޭނާގެ ސެކްރެޓަރީ ޖެހިގެންހުރި ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ.

[ހަލޯ މިސްޓަރ ޖަލާލީއެވެ.] އޭނާ އުފާވެރި މޫނަކާއެކު ބައްދަލުކުރިއެވެ.

[ހަލޯ......!] ޖަލާލީ ބުންޏެވެ.

[ޖަލާލީއަށް މުބާރިކްބާދު ރައްދުކުރާނެ ވަގުތަކަށް އިންތިޒާރު ކުރާތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ.]

[މިހާރު ދެން އެކަމުގެ ފޯރިވެސް ކެނޑިއްޖެ ނޫން ހެއްޔެވެ؟]

[ފޯރިއެއް ނުކެނޑެއެއް ނޫންތޯއެވެ. އަދި ހަފްތާއެއްވެސް ނުވެއެވެ. ޖަލާލީގެ މިސިޒް ކިހިނެއްތޯއެވެ؟]

ޖަލާލީ ހަމައެކަނި ހިނިތުން ވެލިއެވެ.

[މިސްޓަރ ޖަލާލީ މިވަގުތު އެއިންނެވީ ބަނޑުހައި ވެލައްވާފައެވެ. ލިބުނު އެންމެ ރަނގަޅު އެއްޗެއް އަވަހަށް ފޮނުވާށެވެ.]

[ލައްބައެވެ!] މިހެން ބުނެފައި އޭނާ ނުކުމެގެން ހިނގައްޖެއެވެ. މިސިޒް ކްލެކަކީ ރަތް އިސްތަށިގަނޑެއްގެ ވެރި ފަތިހަށި އަންހެނެކެވެ. އެހާމެ ފަރި އަންހެނެކެވެ.

[މިމީހުންވެސް އަހަންނާ އެކުގައި ވަގުތު ހޭދަކުރެއެވެ. އަހަރެންގެ މަސައްކަތް ކުރެއެވެ. އަހަންނާއެކު ކައިބޮއި އުޅެއެވެ. ވާހަކަ ދައްކައެވެ. އުފާކުރެއެވެ. އުފަލުން ތިބެއެވެ.....]

ޖަލާލީގެ ސިކުނޑީގައި މިކަހަލަ ޚިޔާލުތަކެއް ބާރު ދުވެއްޔެއްގައި ދަތުރުކުރަން ފަށައިފިއެވެ. އޭނާ މިމީހުނާއި ޖަޔާއާ އަޅާކިރަން ފަށައިފިއެވެ.

އެކަމަކު.....

މިގޮތަށް ޚިޔާލުކުރުމަކުން އެއްވެސް ފައިދާއެއް ނެތެވެ. މިއީ ހިތުގެ އުދާހެވެ. ހިތްއެދޭ ގޮތެވެ. މިނިވަން މާޙައުލާއި އަދި މިނިވަން މުޖްތަމަޢުގައި އުޅެ އޭނާއަށްވެސް ތަޖުރިބާ ލިބިފައިވެއެވެ. ހިތާދެކޮޅަށް މީހަކަށް މަޖްބޫރުކުރުމާ އަދި ނުރުހޭ މީހަކު ގަދަކަމުން ރުއްސުމަކީ މިތަނުގެ ގަވައިދެއް ނޫނެވެ. ދިމާވާ ކުދިކުދި މައްސަލަ ތަކުގައި މިތަނުގެ މީހުން ވަރިފަށަށް އަރުވާލައެވެ. އެމެރިކާ އަންހެނުންނަކީ ފިރިންގެ ދަށުގައި ތިބޭ ބައެއްނޫނެވެ. އަދި ފިރިހެނުންނަކީވެސް އަންހެނުންނަށް ތަބާވެގެން އުޅޭ ބައެއް ނޫނެވެ.

އޭނާއަށް ނާޖިޔާ ނުފެނުނުނަމަ މިޚިޔާލުތަކެއް ކުރާކަށް ނުޖެހުނީއެވެ. އޭނާގެ ޙަޔާތަށް ނާޖިޔާ ނައިނަމަ، ހިތުގައި މިވަރަށް ކޫރުމެއް ނޭޅުނީހެވެ. ޙަޔާތުގެ ބައިވެރިއަކަށް ހެދުމަށްފަހު ވަކިކޮށްލުމަކީ ކިހާ ދަތި އުނދަގޫކަމެއް ހެއްޔެވެ. މީރުވަހަކީ ރިހުމެއްކަމުގައި ވެދެއެވެ. އެވަހަކީ ވަގުތީކަމެއް ކަމުގައި ހީވެގެންދެއެވެ. އަދި ފަޟާގައި މީރުވަސް ހިފުމަށްފަހު ކުޑައިރުކޮޅަކުން އެވަސް މުޅިން ކެނޑިގެން ދެއެވެ. އެކަމަކު ސިކުނޑީގައިވަސް ހިފައިފިއްޔާ އަބަދުގެ އަބަދަށް ހަރުލާފައި ހުރެއެވެ.

ޖަލާލީއަށްވެސް ވީ ހަމަ މިގޮތެވެ. ނާޖިޔާއަކީ މީރުވަހެވެ. އެވަސް ފަޟާގައި އިރުކޮޅަކު ހަރުލާ ހުރުމަށްފަހު ކެނޑިގެން ހިނގައިދާނެއެވެ. އެކަމަކު ސިކުނޑީގައި ހަރުލާފައިވާ ވަސް ފަހަރެއްގައިވެސް ކެނޑިގެނެއް ނުދާނެއެވެ. އެއްގޮތަކަށްވެސް ކެނޑިގެނެއް ނުދާނެއެވެ.

ޖަލާލީ އަނެއްކާވެސް ގޮޑީގައި ލެނގިލިއެވެ. ލޯމަރާލިއެވެ. އަދި އޭނާގެ މޭގައި ހިތްދަތިކަމުގެ ނޭވާތައް ތާށިވާން ފަށައިފިއެވެ.

އެކަމަކު މިސިޒް ކްލެކް ކާއެއްޗެހި ތަނބަށް ހިފައިގެން އައުމުން އަމިއްލަ ނަފްސަށް ބާރު ހިންގާލައިފިއެވެ.
އޭނާ މިސްޓަރ ހެޑްސަން އަދި މިސިޒް ކްލެކްއާއެކު ކެއުމުގައި މަޝްޣޫލު ވެއްޖެއެވެ.

*************************

ނާޖިޔާ މާގަސްތަކުގެ ތެރޭގައި ހުރި ހިލަގޮނޑީގައި އިނެވެ. އޭނާގެ ވަށަވަށައިގެން ކުލަކުލައިގެ ފިނިފެންމާ ގަސްތައް އާރޯކަމާއެކު ހެދިފައިވެއެވެ. އެހެނިހެން ވައްތަރުތަކުގެ މާތައްވެސް ފޮޅިފައިވެއެވެ. އޭގެތެރޭގައި މަލުން ފުރިފައިވާ ގޮފިތައް މަލުގެ ބަރާއެކު ތިރިއަށް ލެނބިފައިވެއެވެ.

އުފާވެރި މޫސުމެކެވެ. މާކަ ފިންޏެއްވެސް ނޫނެވެ. ޖަޔާ ހިތްހަމަ ނުޖެހިފައި އިންނަތާ ދެދުވަހެއް ވެއްޖެއެވެ. މަންމައާ ބައްޕަ އަދި ތާނޫދައްތަގެ ސިޓީގެ ރައްދު ޢަމަލެވެ. ވިސްނަމުންގޮސް އޭނާގެ ސިކުނޑި ކަންނެތް ވެއްޖެއެވެ. އެނބުރި ދިއުމުގެ ކަންތައް އޭނާ ފަސްކޮށްލައިފިއެވެ. އެކަމަކު އޭގެ ފަހުގައި.....؟
އެކަމާމެދު އޭނާ ކަންބޮޑުވަނީއެވެ.

ސިޓީގެ ޖަވާބެއް އޭނާ ނުލިޔެއެވެ.

ލިޔާނީ ކީކޭ ކިޔާފައި ހެއްޔެވެ....؟ ސިޓީގެ ޖަވާބުގައި އޭނާ ދޮގުތަކެއް ގުނަންވީ ހެއްޔެވެ؟..... އެކަމަކު މި ޙިޞާރުގައި ހައްޔަރުވެގެންވެސް ކޮންމެވެސް ޓިކާނާއެއް ބޭނުންވެއެވެ.

ޖަލާލީގެ އުޅުން ބަދަލުވެއްޖެއެވެ.

ކުރީގައި އޭނާ ހުރީ ވަރަށް މަޑުމައިތިރި މޫޑެއްގައެވެ. އެކަމަކު މިހާރު އޭގެ ބަދަލުގައި ހަރުކަށި އިންސާނަކަށް އޭނާ ބަދަލުވެއްޖެއެވެ..... އޭނާ ފޯރިއާއެކު މަސައްކަތުގައި އުޅެއެވެ. ނާޖިޔާ ރަށަށް ފޮނުވުމުގެ މަސައްކަތުގައެވެ. ވަރިކުރުމުގެ ކަންތަކުގައެވެ.


(ނުނިމޭ......)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ