ހުކުރުދުވަސް
ދުވަސްތަކުގެ ސާހިބާ
ހުކުރުދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެދުވަހަށް يوم الجمعة އޭ ކިޔުނީ އާދަމުގެފާނު ހެއްދެވިދުވަސްކަމުގައިވާތީއެވެ. އެދުވަހަށް يوم الجمعة އޭ ކިޔުނީ ޤުރައިޝުން ދާރުއްނަދްވާ ގައި ޤުޞައްޔުގެފާނާ ބައްދަލުކުރައްވާތީއެވެ.ޖާހިލީޒަމާނުގައި އެދުވަހުގެ ނަމަކީ ޢުރޫބާ ދުވަހެވެ. (ނުވަތަ ޢަރަބިންގެ ދުވަހެވެ. ހުކުރުދުވަހަށް يوم الجمعة އޭ ކިޔުނީ އެދުވަހު މުސްލިމުން ހުކުރުނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި އެއްވާތީއެވެ.
ހުކުރުދުވަހަކީ އިސްލާމްދީނުގައި ވަރަށްމަތިވެރިމަޤާމެއް ލިބިފައިވާ ދުވަހެކެވެ. އެއީ ހަފުތާގެ ދުވަސްތަކުގެ ސާހިބާއެވެ. އެއީ އިސްލާމީ އުއްމަތަށް ޚާއްޞަކޮށްދެއްވާފައިވާ ދުވަހެކެވެ. އިމާމު މުސްލިމާއި އަޞްޙާބުއްސުނަނިގެ ބައެއްބޭކަލުން ރިވާކުރެއްވި ޙަދީޘެއް ބުނާގޮތުގައި އެއީ " «خير يوم طلعت فيه الشمس يوم الجمعة، فيه خَلقَ الله آدم، وفيه أُدخل الجنة - އެއީ އެދުވަހެއްގެ މައްޗަށް އިރުއެރި އެންމެ ހެޔޮދުވަހެވެ. މާތްﷲ އާދަމުގެފާނު ހެއްދެވީ އެދުވަހުއެވެ. އެކަލޭގެފާނު ސުވަރުގެ ވެއްދެވީ އެދުވަހުއެވެ. "
މުސްލިމާއި އިބްނު މާޖާ އާއި އަލްބައްޒާރު ރިވާކުރައްވާގޮތުގައި މާތްﷲ ހުކުރުދުވަސް ޔަހޫދީންނަށް ދެއްވުމުން އެބައިމީހުން އެދުވަސް ބަލައެއްނުގަތެވެ. އެބައިމީހުން ނެގީ ހޮނިހިރުދުވަހެވެ. ދެންމާތްﷲ މިދުވަސް ނަޞާރާއިންނަށް ދެއްވިއެވެ. އެމީހުންވެސް މި ދުވަސް ބަލައިނުގަތެވެ. އެމީހުން އިޚްތިޔާރު ކުރީ އާދީއްތަދުވަހެވެ. މާތްﷲ އަހުރެމެންނަށް މިދުވަހަށް މަގުދެއްކެވިއެވެ. އެބައިމީހުން ( އެބަހީ ޔަހޫދީންނާއި ނަޞާރާއިން) ވަނީ ޤިޔާމަތްދުވަހު ވާނީ އަހުރެމެންނަށް ތަބަވާބަޔަކަށެވެ. އަހުރެމެންނަކީ ދުނިޔޭގެ އަހްލުވެރިންގެ ތެރޭގައި އެންމެފަސް މީހުންނެވެ. އެކަމަކު ޤިޔާމަތްދުވަހުގައި އެންމެ އިސްމީހުންމީހުންނެވެ.އެހެން އެންމެންގެ ކުރިން އަހުރެމެންގެ ހިސާބު ނިންމަވާދެއްވާނެއެވެ.
ހުކުރުދުވަހު ދުޢާ އިޖާބަކުރެއްވުން
މާތްﷲ ހުކުރުދުވަހަށް ދެއްވާފައިވާ ޚާއްޞައިމްތިޔާޒެއް ވެއެވެ. އެއީ އެދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަގުތުކޮޅެއް ލެއްވުމެވެ. ރަސޫލުﷲގެފާނު ޙަދީޘުކުރައްވަނީ إِنَّ فِي الْجُمُعَةِ سَاعَةً لَا يُوَافِقُهَا عَبْدٌ مُسْلِمٌ يَسْأَلُ اللَّهَ فِيهَا شَيْئًا إِلَّا أَعْطَاهُ إِيَّاهُ (1) - ހަމަކަށަވަރުން ހުކުރުދުވަހުގައި ވަގުތެއްވެއްވެއެވެ. މުސްލިމަކު އެވަގުތުގައި ﷲއަށް ދެންނެވިކަމެއް ކޮށް ނުދެއްވާ ދޫކޮށް ނުލައްވާނެތެވެ. "މި ވަގުތުކޮޅު ވަނީ ވަންހަނާކުރައްވައިފައެވެ. ބައެއްބޭކަލުން ވިދާޅުވާގޮތުގައި އެއީ ފަޖްރަށްލީއްސުރެ އިރުއަރައްޖައުމާސްދާންދެނެވެ. އަނެއްބައިބޭކަލުން ވިދާޅުވާ ގޮތުގައި އެއީ އިރުމެދުން ދިލީއްސުރެގޮސް އިމާމާ ޚުޠުބާކިޔާ ނަމާދުކޮށް އަވަދިވަންދެންނެވެ. އަނެއްބައިބޭކަލުންގެ ރައުޔުގައި އެއީ ޢަޞްރު ނަމާދުކޮށް އަވަދިވީއްސުރެ ގޮސް އިރުއޮއްސިއްޖައުމާ ދެމެދެވެ.
ހުކުރުދުވަހުގެ ޚާއްޞަ އާދާބުތައް
1- ހުކުރުދުވަހު އެކަހެރިކޮށް ރޯދަ ނުހިފުން : ހުކުރުދުވަހަކީ މުސްލިމުންގެ ހަފުތާޢިދެވެ. ޢީދުދުވަހު ރޯދަހިފުމަކީ ޝަރޢީގޮތުން ޙަރާންކަމެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ «إن يوم الجمعة يوم عيد وذكر، فلا تجعلوا يوم عيدكم يوم صيام، ولكن اجعلوه يوم فطر وذكر، إلا أن تخلطوه بأيام» (2) - ހަމަކަށަވަރުން ހުކުރުދުވަހަކީ ޢީދުދުވަހެކެވެ. އަދި ޛިކްރުކުރުމުގެ ދުވަހެކެވެ. ފަހެ، ޢިދުދުވަހަކީ ރޯދަހިފާދުވަހެއްކަމުގައި ނަހަދާށެވެ. (3) އެހެނެއްކަމަކު އެދުވަސް ރޯދަނުހިފާ ، ޛިކްރުކުރާދުވަހެއްކަމުގައި ހަދާށެވެ. އެކަމަކު އެއީ އޭގެ ކުރީދުވަހު ނުވަތަ ފަހުދުވަހު ރޯދަ ނުހިފާނަމައެވެ. " މިބަސްފުޅުން ދޭހަވާގޮތުގައި ބުރާސްފަތިދުވަހާ އެކު ހުކުރުދުވަހު ، ނުވަތަ ހުކުރުދުވަހާއެކު ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ ހުކުރުދުވަހު ރޯދަހިފުން މަކްރޫހަވެގެންނުވެއެވެ. މީގެ އިތުރަށް ދެ ދުވަހުން އެއްދުވަހު ރޯދަހިފާމީހަކަށް ، ހުކުރުދުވަހާ ދިމާވުމުން އެދުވަހު ރޯދަހިފުން މަކްރޫހައެއް ނުވާނެއެވެ.
2- ހުކުރުވިލޭރެއާއި ހުކުރުވިލޭރޭގެ ފަތިސްވަގުތުގެ މާތްކަން : ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި އާދަމުގެ ދަރިޔާގެ ޢަމަލުތައް މާތްﷲގެ ޙަޟްރަތަށް އުފުއްލެވޭ ވަގުތުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ހިމެނެއެވެ. ބުޚާރީގެ ތާރީޚު ގައްޔާއި، މުސްނަދު އަޙްމަދު ގައި ރިވާވެގެންވާ ޙަދީޘެއް ބުނާގޮތުގައި :އާދަމުގެ ދަރިންގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް ބުރާސްފަތިދުވަހު ހަވީރުގެ ވަގުތުގައްޔާއި ހުކުރުވިލޭރޭ ހުށަހެޅޭނެއެވެ. ރަޙިމުގެ ގުޅުން ކަނޑާފައިވާމީހެއްގެ ޢަމަލުތައް ، ﷲ ޤަބޫލު ނުކުރައްވާނެތެވެ. "
3- އެންމެ މާތް ނަމާދުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ޖަމާޢާތުގައި ކުރާ ފަތިސް ނަމާދު ހިމެނުން: ރަސޫލުﷲގެފާނު - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ޙަދީޘްކުރައްވަނީ " مَا مِنَ الصَّلَوَاتِ صَلاةٌ أَفْضَلُ مِنْ صَلاةِ الْفَجْرِ يَوْمَ الْجُمُعَةِ فِي الْجَمَاعَةِ ، وَمَا أَحْسَبُ مَنْ شَهِدَهَا مِنْكُمْ إِلا مَغْفُورًا لَهُ (4) - ހުކުރުވިލޭރޭ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ވުރެ މާތްކަންބޮޑު ނަމާދެއް ނެތެވެ. ތިޔަބައިމީހުންގެ ތެރެއިން އެނަމާދުގައި ބައިވެރިވި ކޮންމެމީހަކަށް ފާފަފުއްސަވާދެއްވުން ނޫންކަމެއް އޮތްކަމަކަށް ދެކެވަޑައެއްނުގަންނަވަމެވެ. " ހުކުރުދުވަސް ޗުއްޓީ ދުވަހަކަށްވާތީ ހުކުރުވިލޭރޭ މަޖަލާއި ނާޗަރަންގީގައި ހޭދަކުރާމީހާ އަށް ފަތިސްނަމާދަށް ތެދުވެވޭނެބާވައެވެ.
4- ހުކުރުނަމާދާ ގުޅިފައިވާ ޞިއްޙީ އަދި އިޖްތިމާޢީ އަދަބުތައް : އޭގެ ތެރޭގައި ހުކުރުނަމާދަށްޓަކައި ހިނައިގަތުމާއި ، ސާފުތާހިރުވުމާއި ، ރީތިފޭރާންލައި ނަލަހެނދުމާއި ، ހުވަދުލުން ހިމެނެއެވެ. ކީރިތިރަސޫލާ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ " إِذَا كَانَ يَوْمُ الْجُمُعَةِ اغْتَسَلَ الرَّجُلُ وَغَسَلَ رَأْسَهُ ، ثُمَّ تَطَيَّبَ مِنْ أَطْيَبِ طِيبِهِ ، وَلَبِسَ مِنْ صَالِحِ ثِيَابِهِ ، ثُمَّ خَرَجَ إِلَى الصَّلاَةِ وَلَمْ يُفَرِّقْ بَيْنَ اثْنَيْنِ ، ثُمَّ اسْتَمَعَ إِلَى الإِمَامِ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ (5) - ހުކުރުދުވަހު ހިނައިގަނެ ،ބޯދުވެ އެމީހެއްގެ އަތުގައި ހުރި އެންމެ ވަސްމީރު ހުވަނދަކުން ހުވަނދުލައި ( ނުވަތަ ސެންޓަކުން ސެންޓްލައި ) އަތުގައި އެންމެ އެންމެ ރަނގަޅު ހެދުމެއްލައިގެން ހުކުރަށްގޮސް ، ދެމީހެއްގެ ދެމެދަށް ވަދެ އެދެމީހުން ފޭނުކޮށް ޚުޠުބާ އަޑުއަހައި، ނަމާދުކުރިމީހާއަށް، އެ ހުކުރާ އަނެއްހުކުރާ ދެމެދުގައި ކުރެވޭ ފާފަތައް ފުއްސަވާދެއްވާނެތެވެ. އަދި އިތުރަށް ތިންދުވަހުގެ ފާފަތައްވެސްމެއެވެ. " މި ބަސްފުޅުން އެނގެނީ އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެއްކަމެވެ. އަދި އިޖްތިމާޢި ކަންތައްތަކުގައި ބައިވެރިވާ އިރު އެތެރެފުށާއި ބޭރުފުށް ޒީނަތްތެރިކުރަންޖެހޭނެކަމެވެ. ބައްދަލުވުމުގައި ބައިވެރިވާ މީހަކަށް ތިމާގެ ސަބަބުން އުދަނގުލެއް ފޯރަފާނެކަމެއް ކޮށްގެންނުވާނެކަމެވެ.
5- ކީރިތިޤުރްއާން ކިޔެވުން : ހުކުރުދުވަހު ކިޔަވަން އަންގަވާފައިވާ ސޫރަތްތަކުގެ ތެރޭގައި هود، الكهف، يس، الدخان ސޫރަތް ހިމެނެއެވެ. މި ސޫރަތްތައް ކިޔަވަން ރަސޫލުﷲގެފާނު - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އަންގަވައިފައި ވެއެވެ. މި ސޫރަތްތައް ޚާއްޞަކުރައްވާފައި މިވަނީ މި ސޫރަތްތަކުގައި އައިސްފައިވާ ތަފާތު ކަންތައްތަކާ މެދު ވިސްނާ ފިކްރުކޮށް އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ރަނގަޅުކުރުމަށްޓަކައެވެ. އަޅުގަނޑުމެންގެ ވެށި އިސްލާމީ މާ ޙައުލަކަށް ހެއްދެވުމަށްޓަކައެވެ.މި ސޫރަތްތަކަކީ މައްކީ ސޫރަތްތަކެކެވެ. މައްކީ ސޫރަތްތަކުގައި ޢަޤީދާ އަށް ވަރަށް އިސްކަންދެއްވާފައިވެއެވެ. އަދި މައްކީ ސޫރަތްތަކުގައި ކުރީގެ ޤައުމުތަކުގެމީހުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ. ރަސޫލުﷲގެފާނު - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ޙަދީޘްކުރައްވަނީ " اقرءوا سورة هود يوم الجمعة (6) - ތިޔަބައިމީހުން ހުކުރުދުވަހު ހޫދު ސޫރަތް ކިޔަވާށެވެ. އެހެންބަސްފުޅެއްގައިވަނީ : «من قرأ سورة الكهف يوم الجمعة أضاء له من النور ما بين الجمعتين (7) - ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވިމީހާއަށް ދެ ހުކުރު ދެމެދުގައި އަލިކަންދެއްވާނެ ނޫރެއް ލައްވަވާނެއެވެ. " އަޘަރުގައި އައިސްފައިވެއެވެ. " ހުކުރުވިލޭރޭ ޔާސީން ސޫރަތްކިޔެވިމީހާގެ ފާފަފުއްސަވާދެއްވާނެތެވެ. " ރަސޫލުﷲގެފާނު - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - " مَنْ قَرَأَ "حم" الدُّخَانَ فِي لَيْلَةِ جُمُعَةٍ، أَوْ يَوْمَ جُمُعَةٍ بنى اللَّهُ لَهُ بَيْتًا فِي الْجَنَّةِ" (8) – ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު ދުޚާނު ސޫރަތް ކިޔެވިމީހާއަށް މާތްﷲ ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. "
6- ރަސޫލުﷲގެފާނު ގެ މައްޗަށް ޞަލާވާތްކިޔެވުން ގިނަކުރުން : ހުކުރުދުވަހާއި ހުކުރުވިލޭރޭ ރަސޫލުﷲގެފާނު މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް ، އެކަލޭގެފާނު އިރްޝާދުދެއްވާފައިވެއެވެ. ރަސޫލުﷲގެފާނު - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ " أكثروا من الصلاة علىَّ يوم الجمعة فإنه يوم مَشْهُودٌ تَشْهَدُهُ الملائكة وإن أحدا لن يُصَلِّىَ عَلَىَّ إلا عُرِضَتْ عَلَىَّ صلاته حتى يَفْرُغَ منها قيل وبعد الموت قال وبعد الموت إن الله حرم على الأرض أن تأكل أجساد الأنبياء فَنَبِىُّ الله حَىٌّ يُرْزَقُ (9)-ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތްބޭކަލުން ހެކިވެވަޑައިގަންނަވާނެދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިންމީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ އަވަދިވާއިރަށް އެ ޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާދެއްވާނެތެވެ. ދެންނެވުނެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހުގައިވެސް ތޯއެވެ. ޙަދީޘްކުރެއްވިއެވެ. ސުވަރުގެވަޑައިގެންނެވުމަށް ފަހުގައިވެސްމެއެވެ. ފަހެ، ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ކެއުމަކީ މާތްﷲ ބިމަށް ޙަރާންކުރައްވާފައިވާ ކަމެކެވެ. ފަހެ، ﷲގެ ނަބީންނަކީ ދިރިދެމިގެންވާ ރިޒްޤުދެއްވަވާ ބަޔެކެވެ. " އެހެން ޙަދީޘެއްގައިވެއެވެ. " ތިޔަބައިމީހުން ހުކުރުވިލޭރެއާއި ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ. އެކަންކުރިމީހާ އަށް ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ ހެކިބަސްފުޅާއި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ. " ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތްﷲ ކީރިތިޤުރްއާނުގައި އެކަމަށް އަމުރުކުރައްވާފައިވާތީއެވެ. މުސްލިމުންގެ ޢީދުދުވަސްކަމުގައިވާ ހުކުރުދުވަހު އެކަލޭގެފާނުގެ މަތިން ހަނދުމަކުރުމަކީ މި މުނާސަބަތާ އެންމެ ގުޅޭ އެއް ކަންތައްކަން ކަށަވަރެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯބީގެ މިންވަރު ހާމަކޮށްދޭނެ ކަމެއްވެސްމެއެވެ. ހަރުބަހެއް ބުނާގޮތުގައި " ލޯބިވާމީހެއްގެ ވާހަކަ ގިނަގނައިން ދެއްކޭނެއެވެ.ކީރިތިރަސޫލާ ގެ އަރިހުގައި ހުކުރުދުވަހަށާއި ހުކުރުވިލޭރެއަށް ލިބިފައިވާ މަޤާމުގެ މަތިވެރިކަމުން އެކަލޭގެފާނު - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ހުކުރުދުވަހަށް " އަލްޔައުމުލް އަޒްހަރު " އަދި ހުކުރުވިލޭރެއަށް " އައްލައިލަތުއް ޒަހްރާ " ގެ ނަންދެއްވާފައިވެއެވެ.
7- ހުކުރުނަމާދަށް އަވަހަށް ދިޔުން : ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – އެކަމަށް ވަރަށްބޮޑަށް ހިތްވަރުދެއްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަންވެވޭނެތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެތީވެސްމެއެވެ. އަޙްމަދު ރިވާކުރައްވާގޮތުގައި " ހުކުރު ދުވަހު ޝައިޠާނުން ބިންމަތީ ފެތުރިގަންނާނެތެވެ. މުސްލިމުން ބާޒާރުން ބޭރަށް ނުކުތުން ލަސްކުރުވުމަށް މަސައްކަތްކުރާނެތެވެ. އަދި މަލައިކަތްބޭކަލުން މިސްކިތްތަކުގެ ދޮރުމަތީގައި ތިއްބަވައި ހުކުރަށް އަންނަމީހުނގެ ނަންތައް ލިއުއްވާނެތެވެ. އިމާމަ މިސްކިތަށް ވަދެ މިންބަރަށް އަރައްޖައުމަށްދާންދެން އެބޭކަލުން މިސްކިތަށް އަންނަމީހުންގެ ނަންތައް ތަރްތީބުން ލިއުއްވާނެތެވެ. " އަނެއް ޙަދީޘްފުޅެއް ބުނާގޮތުގައި އިމަމަ މިންބަރަށް އެރުމުން އެދުވަހު ހުކުރު ނަމާދަށް އައިމީހުންގެ ނަންތައް ލިއުއްވާ ، ފަތްތައް ލައްޕަވާލައްވާނެތެވެ. ހުކުރުނަމާދަށް އަވަހަށް އަންނަމީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ " مَنْ اغْتَسَلَ يَوْمَ الْجُمُعَةِ غُسْلَ الْجَنَابَةِ ثُمَّ رَاحَ فِي السَّاعَةِ الْأُولَى فَكَأَنَّمَا قَرَّبَ بَدَنَةً وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ فَكَأَنَّمَا قَرَّبَ بَقَرَةً وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ فَكَأَنَّمَا قَرَّبَ دَجَاجَةً وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ فَكَأَنَّمَا قَرَّبَ بَيْضَةً فَإِذَا خَرَجَ الْإِمَامُ حَضَرَتْ الْمَلَائِكَةُ يَسْتَمِعُونَ الذِّكْرَ (10) - ހުކުރުނަމާދަށް ހިނައިގަނެގެން ، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރިފަދައެވެ. ހަތަރުވަނަގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރިފަދައެވެ. ފަސްވަނަގަޑީގައި ދިޔަމީހާ ކުކުޅުބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާއަޑުއެއްސެވުމަށް އިށީނދެވަޑައިގަންނަވާނެތެވެ. "
8- ހުކުރުނަމާދަށްޓަކައި މިސްކިތަށް އަރައި ސަފުތައް ފޭއަޅުވާލައި ނުދިޔުން : މިސްކިތަށް އަރަނީ ﷲގެ މަތިން ހަދުމަކުރުމަށާއި ޛިކްރުކުރުމަށާޢި ނަމާދު ކުރުމަށްޓަކައެވެ. މިސްކިތަކީ މި ބިންމަތީގައި ހުރި ﷲގެ ގަނޑުވަރުތަކެވެ. މިސްކިތަށްދާމީހުންނަކީ މި ގަނޑުވަރުތައް އާރާސްތުކުރާމީހުންނެވެ. އަދި އެބައިމީހުންނަކީ ﷲ އަށް ޒިޔާރަތްކުރާބަޔެކެވެ. އެހެންކަމުން ﷲ އެމީހުންގެ ޤަދަރު އުފުއްލަވަތެވެ. މިސްކިތަށް އަރައި އެތާނގެ އެތެރޭގައި މީހުންނަށް އުދަނގޫވެދާނެ ފަދަ އެއްވެސްކަމެއްކޮށްގެން ނުވާނެއެވެ. ސަފުތައް ގިރާކުރަމުން ، މީހުން ކޮއްޕަމުން ދިޔުމަކީ ގޯނާކުރުމެކެވެ. މިއީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. ކުރީސަފު ބޭނުންވާމީހާ މިސްކިތަށް އަވަހަށް ދާންޖެހޭނެއެވެ. ފަހުންއަރާމީހަކު ކުރިއަށް ގޮސް ދެމީހަކު ދެމެދުން ތަންކޮޅެއްހަދާލައިގެން ތަންހޯދުމަކީ އިސްލާމްދީނުގެ ރިވެތި އަދަބާއި ސުލޫކާ ޚިލާފުކަމެކެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " مَنْ تَخَطَّى رِقَابَ النَّاسِ يَوْمَ الْجُمُعَةِ اتَّخَذَ جِسْرًا إِلَى جَهَنَّمَ (11) – ހުކުރުދުވަހު މިސްކިތަށް އަރައި، މީސްތަކުންގެ ކޮނޑުތައް މަތިން ގިރާކޮށްދާމީހުން ނަރަކައަށް ފާލަމެއް އަޅައިފިއެވެ. " އެއްދުވަހަކު ރަސޫލުﷲގެފާނު ޚުޠުބާދެއްވަން ހުންނަވަނިކޮށް މީހަކު އަރައި ، މީސްތަކުން ކޮއްޕަމުން ، ކޮޑުތައް މަތިން ގިރާކުރަމުން ދަނިކޮށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. " ތިބާ އިށީންނާށެވެ. ހަމަކަށަވަރުން ތިބާ ގޯނާކޮށްފީމުއެވެ. ތިބާ ތިޔައީ ލަހުންނެވެ. "
9- ޚުޠުބާ އަޑުއެހުން : ޚުޠުބާއަކީ މީސްތަކުންނާ އެ ހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެގޮތް ބަޔާން ކޮށްދިނުމަށާޢި، މީސްތަކުންނަށް ދީނީކަންތައްތައް އޮޅުންފިލުވައިދިނުމަށާއި ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢުކުރައްވާފައިވާ ބަޔާނެކެވެ. މި ޚުޠުބާއިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. ޚުޠުބާގެ އަޑު ނާހައި، މި މަޤްޞަދު ޙާޞިލެއްނުކުރެވޭނެއެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތި ރަސޫލާ ޙިދީޘްކުރައްވަނީ " ހުކުރުޚުޠުބާ ދެވެމުންދާ އިރު ތިބާގެ ގާތުގައި އިންމީހާ އާ ދިމާއަށް ހަނުހިމޭނުންލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ. " މި ބަސްފުޅުން އެނގެނީ ޚުޠުބާ އަޑުއެހުމުގެ ސަވާބުން އޭނާ މަޙްރޫމުވެއްޖެކަމެވެ.
10- ތަހްޒީބީ މަލަތައް : އިސްދެންނެވި ކަންތައްތަކުގެ އިތުރަށް ހުކުރުގައި ތަހްޒީބީ އެހެން މަލަތަކެއްވެސް ހިމެނެއެވެ. ހުކުރަކީ އިސްލާމީ އިޖްތިމާޢީ ނިޒާމުގެ މުންނާރުތަކުގެ ތެރެއިން މުންނާރެކެވެ.މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހަރުދަނާކޮށްދޭ ކަމެކެވެ. ހުކުރު ނަމާދަކީ ،އެކަކު އަނެކާގެ ޙާލު ދެނެގަތުމަށް ލިބޭ ފުރްޞަތެކެވެ. މުސްލިމުންގެ މެދުގައި ލޯތްބާއި ކުލުނު އިތުރުކޮށްދޭ ބައްދަލުވުމެކެވެ. ހަފުތާވީ ސިންތާއެކެވެ. ހުކުރުދުވަސް ހަފުތާގެ ދުވަސްތަކުގެ ސާހިބައަށްވީ، މިހެންވެގެންނެވެ. ހުކުރުދުވަސް ހަފުތާގެ އެންމެ މާތްދުވަހަށްވީ މިހެންވެގެންނެވެ.
-----------------
ހަވާލާއާއި އިތުރު ނޯޓު:
[1] - رواه البخارى ومسلم وأحمد والبيهقى والطبرانى والترمذى والنسائى وابن خزيمة وعبد الرزاق و مالك
[2] - شعب الإيمان : ج 3 ، ص 394
[3] - މި ބަސްފުޅުން ދޭހަވާ މާނައަކީ އެ ދުވަހު ރޯދަހިފުމަކީ މަކްރޫހަކަމެކެވެ. އެއީ މަނަކަމެއްނޫނެވެ.
[4] - الطبرانى ، ج :1 ، ص 158
[5] - البيهقى ، السنن الكبرى : ج 3 ، ص 243
[6] - البيهقى
[7] - الحاكم : ج 2 ، ص 399
[8] - الطبرانى ، ج 7 ، ص 303
[9] -ابن ماجه والبيهقى في شعب الإيمان ، انظر جامع الأحاديث : ج 5 ، ص 375
[10] - موطأ مالك : 209
[11] -رواه الترمذى وابن ماجه ، مسند الصحابة في الكتب الستة : ج 50 ، ص 166