Print

ލިޔެކިޔުމުގެ ތާރީޚަށް ނަޒަރެއް

ޝާޢިއުކުރީ އިޔާޒު ނަސީމް . ހިމެނޭބަޔަކީ މާދަރީބަސް


އިޔާޒު ނަސީމް

ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށިތާ މިހާރު ގާތްގަނޑަކަށް 50000 އަހަރު ވެދާނެ ކަމަށް ޢިލްމު ވެރީން ގަބޫލުކުރައްވައެވެ. ފުރަތަމަ އިންސާނާއާ އެކު، އިންސާނުންގެ މެދުގައި މުވާޞަލާތު ކުރުމުގެ މައި ވަސީލަތެއް ކަމުގައި ވެފައިވަނީ ބަހެވެ. މިއީ އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތެވެ. ބަހަކީ އިންސާނުންގެ މުވާޞަލާތުގައި ބޭނުން ކުރެވޭ ވަސީލަތެއްގެ އިތުރުން، ވިސްނުމާއި ފިކުރުކުރުމަށް އިންސާނާ ބޭނުން ކުރާ އާލަތަކީ ވެސް ބަހެވެ. އެ މީހެއްގެ މާދަރީ ބަހެވެ. އެމީހެއްގެ މާދަރީ ބަހަށް ކޮށި މީހެއްގެ ވިސްނުން ވެސް ކޮށިވާނެ ކަމަށް ފަލްސަފާވެރިންނާއި، ނަފްސާނީ ޢިލްމުވެރީން ވިދާޅުވެއެވެ. އެއް އިންސާނަކު އަނެއް އިންސާނަކާ މުވާޞަލާތު ކުރާއިރު ބަސް ބޭނުން ކުރުމުގެ އެންމެ އަސާސީ ގޮތަކީ އަޑު ބޭނުންކޮށްގެން ވާހަކަ ދެއްކުން ކަމުގައި ވިޔަސް، އިންސާނުންގެ އެއް ޖީލުގެ މީހުންގެ މަޢުލޫމާތު އަނެއް ޖީލަށް ފޯރުކޮށް ދިނުމަށާއި، ކަންތައްތައް ހަނދާނުގައި ބެހެއްޓުމަށާއި، ސިޓީބިޓީ ފަދަ ތަކެތި ބަދަލު ކުރުމަށާއި މުޢާހަދާތައް ކުރުންފަދަ، ގިނަ ޒަމާންތަކަށް ދަމަހައްޓަން ޖެހޭ ބަސްވަރާތައް ރައްކާތެރި ކުރުމަށް ޓަކައި ލިޔެކިޔުމަކީ ކޮންމެހެން ޒަރޫރީ ކަމެއް ކަމުގައި ވުމުން، ލިޔެކިޔުމަކީ އުމުރުގެ ގޮތުން ބަލާއިރު އިންސާނާއަށް ވުރެ މާ ހަގު ނޫން ފަންނެއް ކަމަށް ޢިލްމުވެރީން ގަބޫލު ކުރައްވައެވެ. ސަމާވީ ދީންތަކުގެ އަހުލުވެރީން ގަބޫލުކުރާ ގޮތުގައި އާދަމުގެފާނަށް މަލަކޫތީ ޢާލަމުން ލިޔުންތަކެއް ފެނިވަޑައިގަތެވެ. އަދި އެ ލިޔުއްވުންތައް އެކަލޭގެފާނު ވިދާޅުވެ، އެ ލިޔުއްވުންތަކުން ފައިދާ ލިބިވަޑައިގަތެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ގަލަމުގެ ބޭނުންކުރެއްވި ބޭކަލަކީ އިދްރީސް ނަބީ ކަލޭގެފާނު ކަމަށް ދަންނަ ބޭކަލުން ވިދާޅުވެއެވެ.

އެހެން ނަމަވެސް އެ ޒަމާނުގެ ލިޔުންތަކެއް މިއަދަކު ފެންނާކަށް ނެތެވެ. ނުވަތަ އާސާރީ ހޯދުންތައް ހޯއްދަވާ އިލްމުވެރީންނަށް ވެސް އަދި މިހާތަނަކަށް އެފަދަ ލިޔުމެއް ފެނިފައެއް ނެތެވެ. މިއަދު ފެންނަން ހުރި އެންމެ ދުވަސްވީ ލިޔުންތަކަކީ އީސާއީ މީލާދުގެ 3500 އަހަރު ކުރީން މެސޮޕޮޓޭމިޔާގައި އޮތް ސޫމާރީ ޙަޟާރަތުގެ ދުވަސްވަރު ލިޔެވިފައިވާ ލިޔުންތަކެވެ. މިފަދަ ލިޔުންތަކުގެ އެންމެ ކުރީގެ ވައްތަރަކީ ފައްޅިތަކާއި ގަނޑުވަރުތަކުގެ ފާރުތަކުގައި ކުރަހާފައިވާ މާނަހުރި ކުރެހުންތަކެވެ. އޭގެ ފަހުން ކިޔުނިފޯމޭ ކިޔޭ ވައްތަރުގެ ލިޔުމެއް ބޭނުންކޮށްގެން ލިޔެފައިވާ ލިޔުންތައް ވެސް ފެންނަން އެބަހުށްޓެވެ. ގަދީމީ މިޞްރުގައި ހަޔަރޯގްލިފްސްއޭ ކިޔާ ބާވަތުގެ އަކުރުތަކަކުން ލިޔެވިފައި ހުރި ލިޔުންތައް މިހާރު ވެސް ފެންނަން އެބަހުށްޓެވެ. ކުރީން މިއީ ހަމަ އެކަނި ތަސްވީރުތަކެއް ކަމުގައި ހީކުރެވުނު ނަމަވެސް މިއަދު ޢިލްމުވެރީން ވަނީ މި ލިޔުންތައް ކިޔަނީ ކިހިނެއްކަން ހޯއްދަވާފައެވެ.

ލިޔެކިޔުމުގެ ހުނަރު ތަރައްޤީ ކުރެވުނު ހިސާބުން ފެށިގެން އިންސާނުން ވަނީ އެމީހުންގެ ޝުޢޫރުތަކާއި، މުނިފޫހި ފިލުވުމަށް ބޭނުންކުރާނެ ތަފާތު އަދަބީ އުފެއްދުންތަކާއި، ތާރީޚީ ވާހަކަތަކާއި، ދީނުގެ ޙުކުމްތައް ފަދަ، އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތުތައް ލިޔެ ރައްކާކުރަން ފަށާފައެވެ. ބާބިލްގެ ރަސްގެފާނު ހާމޫރާބީގެ އެންގެވުންތަކާއި މިޞްރުގެ ފިރުއަނުންގެ ފަތްކޮޅުތަކާއި ޔޫނާނީ ފަލްސަފާވެރިންގެ ލިޔުއްވުންތައް މިއަދާ ހަމައަށް އައިސްފައިވަނީ ލިޔެކިޔުމުގެ ހުނަރުގެ ޒަރީއާއިންނެވެ.

ދެކުނު އޭޝިޔާ ސަރަހައްދަށް ބަލާއިރު ސިންދުވާދީގެ ރަށްވެހިކަމުގައި ވެސް ލިޔެކިޔުން ބޭނުންކޮށްފައި ހުށްޓާ އެބަ ފެނެއެވެ. ދެކުނު އޭޝިޔާގެ އަކުރުތަކުގެ ތެރެއިން އެންމެ ދުވަސްވީ އަކުރުތައް ކަމުގައިވާ ބްރަހްމީ އަކުރާއި ކަލިންގާ އަކުރާއި ގްރާންތާ އަކުރާއި ނާގަރީ އަކުރާ ވަރަށް އެއް ގޮތް އަކުރުތަކުން ލިޔެވިފައިވާ ލިޔުންތައް ދިވެހިރާއްޖެއިން ވެސް ފެންނަން އެބަހުށްޓެވެ. މިގޮތުން މީލާދީން 7 ވަނަ ޤަރުނާ ހިސާބުގެ ލިޔުންތައް ވެސް ހުރި ކަމީ ދިވެހިންގެ ލިޔުންތެރިކަމުގެ ތާރީޚުގެ ދޮށިކަން ދައްކައިދޭ ކަމެކެވެ. އެހެން ނަމަވެސް އޭރުގެ ލިޔުންތައް ލިޔަނީ ގަލާއި ހިލަ އަދި ލޮއި ފަދަ ތަކެތީގައި ކަމަށް ވުމާއި، މިފަދަ ލިޔުންތަކަކީ ވަކި ބޭނުމަކަށް ލިޔެފައި ހުންނަ ތަކެތިކަމުން، އޭރުގެ ލިޔުންތައް ވަރަށް މަދެވެ. އަދި އޭގެ ތެރެއިން ވެސް މިއަދާ ހަމަޔަށް ސަލާމަތުން ފެންނަން ހުރި ތަކެތި އަދި މާ މަދެވެ.

ޢީސާއީ މީލާދުގެ 12 ވަނަ ޤަރުނާ ހިސާބުގައި ލިޔެފައި ހުރި ލޯމާފާނުތަކުގައި ލިޔެފައި ހުރި ލިޔުންތަކަށް ބަލައިލުމުން ދިވެހިންގެ އާދަކާދަ އާއި އޭރުގައި ބަސްބޭނުން ކުރި ގޮތާއި ރަސްރަސްކަލުންނަށް ކުރާ އިޙްތިރާމް ފަދަ އެތައް ކަމެއް އެނގިގެންދެއެވެ. މި ލޯމާފާނުތައް ލިޔެވިފައި ހުރީ ގްރާންތާ އަކުރުން ތަރައްޤީވި އަކުރެއް ކަމުގައިވާ ދީބު ގުރަންދަ އަކުރު ނުވަތަ އެވޭލާ އަކުރާއި، އެވޭލާ އަކުރު ތަރައްޤީވެގެން އުފެދުނު ދިވެސް އަކުރުންނެވެ. މިއަދު ލިޔުމަށް ބޭނުންކުރާ ތާނަ އަކުރާ ޚިލާފަށް މި އަކުރުތަކަކީ ވާތުން ކަނާތަށް ލިޔެއުޅުނު އަކުރުތަކެވެ.

ތާނައަކުރު އުފެދި ތަރައްޤީ ކުރެވިފައިވަނީ ދިވެހިންގެ ލިޔުންތަކުގެ ތެރޭގައި އަރަބި ލަފްޒުތައް ބޭނުން ކުރަން ފެށުމުން ކަނާތުން ވާތަށް ލިޔާ އަކުރެއް އޮތުމުގެ ބޭނުން ބޮޑުވެގެންނެވެ. މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައެވެ. ތާނަ އަކުރުގެ ފުރަތަމަ ނުވަ އަކުރު ހެދިފައިވަނީ މިހާރު އަރަބީންގެ ތެރޭގައި، ޚާއްސަކޮށް ފާރިސީ ބަހުގެ އަހުލުވެރީން ބޭނުންކުރާ ވިޔަ އަކުރުތަކުންނެވެ. އެއީ ހ، ށ، ނ، ރ، ބ، ޅ، ކ، އ، ވ މި ނުވަ އަކުރެވެ. ދެވަނަ ނުވަ އަކުރު ހެދިފައިވަނީ ދިވެހި ވިޔައިގެ ނުވަ އަކުރުންނެވެ. އެއީ މ، ފ، ދ، ތ، ލ، ގ، ބަރުނޫނު، ސ، ޑ މި ނުވަ އަކުރެވެ. ފަހުން ދިވެހި ލިޔުންތަކުގައި ބަރުނޫނު ބޭނުން ކުރުން މަދުވެ، އަދި އޭގެ ފަހުން ބަރުނޫނު ބޭނުންކުރުން ގާތްގަނޑަށް ނެތިދިއުމުން، ތާނައިގެ އަކުރުތަކުގެ ތަރުތީބުގައި މިހާރު ބަރުނޫނުގެ މަގާމުގައި އޮތީ ޏ އެވެ. ހަގީގަތުގައި ޏ އަކީ ބަދަލުވާ އަކުރުތަކުގެ ބައިގައި ހިމެނޭ އަކުރެކެވެ. ވިޔަ އަކުރުތަކުން ހެދިފައިވާ އަށާރަ އަކުރުގެ ފަހަށް ދެން އޮތީ ކުރީގައި ދިވެސް އަކުރުން ލިޔުނު ޒަމާނުގައި ވެސް ބޭނުން ކުރެވުނު ޝ އާއި ޒ އެވެ. މިއަދުގެ ތާނައިގައި މި ދެއަކުރުގެ ތަރުތީބަށް ވެސް ވަނީ ބަދަލު އައިސްފައެވެ. ޝ އާއި ޕ އަކީ ތިކިޖެހިފައި އޮތެއް ކަމަކު ތިކި ޖެހި ތާނައިގެ ތެރޭގައި ނުހިމެނޭ ދެ އަކުރުކަމުގައި އައްނަބީލާ އާމިނަތު ޙުސައިން ލިޔުއްވާފައިވެއެވެ. އެހެން ނަމަވެސް މިއަދު ޝ ހިމަނާފައިވަނީ ތިކިޖެހިތާނައިގެ ތެރޭގައެވެ. އިހު ބުނެވުނު އަށާރަ އަކުރާއި ފަހުން ބަޔާން ކުރެވުނު ދެ އަކުރުގެ ފަހުން ދެން ހުރީ ބަދަލުވާ އަކުރުތަކެވެ. މިއަކުރުތަކުގެ ތަރުތީބަކީ އެއަކުރާ ގުޅޭ އަސްލު އަކުރުތަކުގެ ތަރުތީބެވެ. އެއީ ޓ، ޏ، ޔ، ޕ، ޖ، ޗ މިއެވެ. ށ ބަދަލުވަނީ ޓ އަށެވެ. ޓ ގެ ބޯކޮޅު މިހާރު ބ އަކާ ވައްތަރު ވިޔަސް ކުރީގެ ލިޔުންތަކުން އެއީ ށ އަށް ބިނާކުރެވިފައިވާ އަކުރެއްކަން އެނގެއެވެ. ދެން އަންނަނީ ނ ގެ ބަދަލު އަކުރު ކަމުގައިވާ ޏ އެވެ. ކުރީގައި ބުނެވުނު ފަދައިން މިއަދުގެ ތާނައިގެ ތަރުތީބުގައި މިއަކުރު ހިމަނާފައިވަނީ ކުރީން ބަރުނޫނު އޮތް ތަނުގައެވެ. ޏ ބިނާ ކުރެވިފައިވަނީ ނ އަށެވެ. ނ ގެ ފައިކޮޅު ލަނބާލައިގެންނެވެ. ދެން އޮތީ އ ގެ ބަދަލު އަކުރު ކަމުގައިވާ ޔ އެވެ. މިއަކުރު ބިނާކުރެވިފައިވަނީ އ އަށެވެ. އަލިފުގެ ފަހަތު ފައިކަށްޓަށް ބޮޅެއް އިތުރުކޮށްގެންނެވެ. ދެން އޮތީ ފ ގެ ބަދަލު އަކުރު ކަމުގައިވާ ޕ އެވެ. މިއަކުރު ބިނާކޮށްފައިވަނީ ފ އަށެވެ. ފާފުގެ ތިރީގައި ތިއްކެއް ޖަހައިގެންނެވެ. ދެން އޮތީ ދ ގެ ބަދަލުވާ އަކުރު ކަމުގައިވާ ޖ އެވެ. މި އަކުރު ބިނާކޮށްފައިވަނީ ދ އަށެވެ. ދ ގެ ފައިކޮޅު ލަނބާލައިގެންނެވެ. ދެން އޮތީ ތ ގެ ބަދަލުވާ އަކުރު ކަމުގައިވާ ޗ އެވެ. މިއަކުރު ބިނާކޮށްފައިވަނީ ތ އަށެވެ.

އެހެންކަމުން މައް ދިވެހި އަކުރުތަކަކީ ވިޔަ އަކުރުން އުފެއްދި އަށާރަ އަކުރާއި، ދިވެސް އަކުރުގެ ޒަމާނުގައި ވެސް ބޭނުންކުރި ޝ އާއި ޒ މި ދެއަކުރާއި، ބަދަލުވާ އަކުރުގެ ހަ އަކުރެވެ. ޖުމްލަ ސައްބީސް އަކުރެވެ. އެހެން ނަމަވެސް މިހާރުގެ ތާނައިގައި ބަރުނޫނު ހިމެނިފައި ނުވުމާއި ޝ އަކީ ތިކިޖެހި ތާނައިގެ އަކުރެއް ކަމުގައި ބެލުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ތާނައިގެ އަސްލު އަކުރުތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ ސައުވީސް އަކުރެވެ.

މީލާދީން 16 ވަނަ ޤަރުނުން ފެށިގެން ތާނައިން ލިޔެވިފައި ހުރި ލިޔުންތައް ފެންނަން އެބަހުށްޓެވެ. މަހާނަގާ ތަކާއި ފަތްކޮޅުތަކާއި ސިޓީތަކުންނެވެ. ރާދަވަޅިތަކުންނެވެ. ދިވެހިންގެ ތެރޭގައި މިއަދު ލިޔެވިފައި ހުރި ފޮތްތައް ހުރީ ތާނައިންނެވެ. ދިވެހިންގެ ލިޔުންތެރިކަމުގެ އެންމެ ގިނަ ވައްތަރުތައް ލިބެން ހުރީ ތާނަ އަކުރުންނެވެ.

ދުނިޔޭގެ ތަފާތު އަކުރުތައް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ތާނަ އަކުރަކީ ދުނިޔޭގައި ބޭނުން ކުރެވޭ އަކުރުތަކުގެ ތެރެއިން އެންމެ ސައިންޓިފިކް އެއް އަކުރެވެ. ތާނައިގެ އެންމެ މުހިއްމު ސިފައަކީ ކިޔާ ގޮތަށް ލިޔުމެވެ. ދުނިޔޭގެ އެހެން ބަސްބަހުގެ އަކުރުތަކުގައި ކިޔާ ގޮތާއި ސްޕެލިންގއާ ތަފާތުވި ނަމަވެސް ތާނައިގައި އިސްކަން ދެނީ ކިޔާ ގޮތަށެވެ.

ތާނައަކުރަކީ ކުރީގައި ބޭނުންކުރި ދިވެސް އަކުރު ފަދަ އަކުރުތަކާ ޚިލާފަށް ލިޔަން ފަސޭހަ އަކުރެއް ކަމުން ތާނައިގެ ސަބަބުން ދިވެހި ލިޔުންތެރިންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ފަސޭހަކަމެކެވެ. 1970 ގެ އަހަރުތަކުގެ ފަހުކޮޅުގައި ތާނައިގެ ބަދަލުގައި ލެޓިން އަކުރު ބޭނުންކޮށްގެން ލިޔުމުގެ އުސޫލެއް ގެންގުޅުނު ނަމަވެސް ފަހުން އަނެއްކާ ވެސް ތާނައަކުރު ވަނީ ދިވެހިބަސް ލިޔެކިޔުމުގައި ބޭނުންކުރާ ރަސްމީ އަކުރުކަމުގައި ހަމަޖެހިފައެވެ.

2000ވަނަ އަހަރުގެ ޖުލައި 20ގައި މާލޭގައި ލިޔުންތެރީންގެ ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުން އިންތިޒާމު ކުރެއްވީ އޭރުގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުންނެވެ. މި ބައްދަލުވުމަކީ ޤައުމީ ފެންވަރުގައި ބޭއްވުނު، ލިޔުންތެރީންގެ މަހާސިންތާއެކެވެ. ދިވެހިބަހާއި ލިޔުންތެރިކަމާ ގުޅުންހުރި ގިނަ މައްސަލަތަކެއްގެ މައްޗަށް ބަހުސުކުރެވުނު މި ބައްދަލުވުމުގެ ނަތީޖާ ކަނޑައަޅައިދޭ ރިޕޯޓުގައި ތާނަ އަކުރާމެދު ރަސްމީ އާ ނިންމުމެއް ހިމަނުއްވައިފައިވެއެވެ. މި ނިންމުން ބުނާގޮތުން މިހާރު ތާނަ އަކުރުގެ އަދަދަކީ ޖުމުލަ 38 އެވެ. ތަރުތީބަކީ؛ ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ މި އެވެ. އަކުރުތަކުގެ މަތީގައި ނުވަތަ ތިރީގައި ޖެހޭ ފިލިތައް ތަރުތީބުވެގެންވާ ގޮތަކީ؛

އަބަފިލި     ަ
އާބާފިލި      ާ
އިބިފިލި      ި
އީބީފިލި       ީ
އުބުފިލި       ު
އޫބޫފިލި       ޫ
އެބެފިލި      ެ
އޭބޭފިލި      ޭ
އޮބޮފިލި      ޮ
އޯބޯފިލި      ޯ
ސުކުން      ް   މި އެވެ.

ތާނަ އަކުރުގެ ތަރުތީބާ ބޭހޭގޮތުން ސަރުކާރުގެ ރަސްމީ ފަރާތަކުން އެންމެފަހުން ނިންމަވައި އާންމުކޮށް ޝާއިޢުކުރައްވައިފައިވާ ރަސްމީ ނިންމެވުމަކީ މިއެވެ. މީގެ ފަހުން ދިވެހި ބަސް ކޮމިޓީން ވަނީ ތާނައިގައި ކުރީން ވެސް ބޭނުންކުރި އަކުރެއް ކަމުގައިވާ ބަރުނޫނު ވެސް އަލުން ތާނައިގެ އަކުރުތަކުގެ ތެރޭގައި ހިމަނުއްވައި، އެއީ ވެސް ތާނައިގެ އަކުރުތަކުގެ ތެރެއިން އަކުރެއް ކަމުގައި ނިންމަވައިފައެވެ. އެހެންކަމުން މިހާރު ތާނައިގެ އަކުރުތަކުގެ އަދަދެއް ކަމުގައި ރަސްމީ ގޮތުން ހަމަ ޖެހިފައިވަނީ 39 އެވެ. 2011 ވަނަ އަހަރު ނެރެވުނު ދިވެހިބަސްފޮތުގައި ބަރުނޫނު ހިމަނައިފައި ވަނީ ޗ ގެ ފަހަތުގައި ޗ އާ ޖެހިގެންނެވެ.

2000 ވަނަ އަހަރުގެ ލިޔުންތެރީންގެ ބައްދަލުވުމުގައި ތިކިޖެހި ތާނައިގެ ތަރުތީބާ މެދު ނިންމާފައިވާ ގޮތަކީ ޗ ގެ ފަހަތަށް ތިކި ޖެހިތާނައިގެ އަކުރުތައް އިތުރު ކުރުމެވެ. އަދި މިއަކުރުތަކުގެ ތަރުތީބެއް ކަމުގައި ހަމަޖެއްސެވީ މިއަކުރުތަކުގެ އަޑު ރަމްޒުކޮށްދޭ އަސްލު އަރަބި އަކުރުތަކުގެ ތަރުތީބެވެ. މި ގޮތަށް ހަމަޖެއްސެވުމުން ތިކިޖެހިތާނައިގެ އެންމެ ފުރަތަމަ އަކުރަކަށް އަންނަނީ "ޘ" އެވެ. އެއީ އަރަބި އަލިފުބާގައި "ޘ" ގެ ކުރިޔަށް އޮތް ތިން އަކުރު ތިކިނުޖަހާ ތާނައިގެ ތެރޭގައި އޮތަތީއެވެ. އެހެން ކަމުން މި ތަރުތީބަކީ ތާނައިގެ އަކުރުތަކުގެ ސިފައާ ގުޅޭ ތަރުތީބަކަށް ނުވާ ތާނގައި، އަސްލު އަރަބި އަލިފުބާގެ ތަރުތީބަށް ވެސް ފެތޭ ތަރުތީބަކަށް ނުވެއެވެ. މި ސަބަބާ ހުރެ ދަތިތަކެއް ހުރި ކަމަށް ފެނުމާ ގުޅިގެން، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން 2006 ގައި ނެރުއްވި ބަސްފޮތް ސީޑީގައި ވެސް އަދި އެ މަރުކަޒު އުވުމަށް ފަހު އެ މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދިވެހި ބަހާއި ތާރީޚާ ބެހޭ މަރުކަޒުން 2011 ވަނަ އަހަރު ނެރުއްވި ބަސްފޮތުގައި ވެސް ތިކިޖެހިތާނަ ތަރުތީބު ކުރައްވައިފައިވަނީ ޗ ގެ ފަހަތުގައި ޙ ޚ ޜ ޢ ޣ ޥ ޛ ޠ ޡ ޘ ޤ ޞ ޟ ޝ މި ގޮތަށެވެ. މި ތަރުތީބު ބިނާ ކުރައްވައިފައި ވަނީ މި އަކުރުތަކުގައި ތިކި ނުޖަހައި އޮންނަ އިރު، ތާނައިގެ އަކުރުތަކުގެ ތެރޭގައި މިއަކުރުތަކުގެ ތަރުތީބު އޮތް ގޮތުގެ މައްޗަށެވެ.

އެހެންކަމުން މިހާރު ތާނައިގެ އަކުރުތަކުގެ ތަރުތީބު އޮތް ގޮތަކީ ޗ ގެ ފަހުން ބަރުނޫނު، ދެން އޭގެ ފަހުން ތިކިޖެހި ތާނަ ޙ ޚ ޜ ޢ ޣ ޥ ޛ ޠ ޡ ޘ ޤ ޞ ޟ ޝ މި ގޮތަށެވެ.

އެހެން ނަމަވެސް ތިކިޖެހިތާނަ ޗ ގެ ފަހަތަށް ވަކި އަކުރުތަކެއްގެ ގޮތުގައި ގެނައުމުގެ ބަދަލުގައި ހ އާއި ޗ އާ ދެމެދު މި އަކުރުތައް ވެސް ހިމެނުމަށާއި، ފިލީގެ ތަރުތީބުގައި އަބަފިއްޔަށް ވުރު "ސުކުން" އިސްކުރުމުގެ ޚިޔާލެއް ކޮންމެވެސް ވަރަކަށް މިހާރު ވެސް ކުރެވެމުންދާކަން ފާހަގަކޮށްލަމެވެ. ސުކުން އިސްކުރުމުގެ ވިސްނުން ބިނާވާ މައިގަނޑު ނުކުތާއަކީ ސުކުނަކީ ޙަޤީޤަތުގައި ފިއްޔަކަށް ނުވާތީ އާއި ސުކުނަކީ ފިއްޔަކާ ނުލައި އަކުރުގެ އަސްލު އަޑު ނެރޭން ބޭނުންކުރާ ނިޝާނެއް ކަމަށް ވާ ކަމެވެ. އަދި ބަހަވީ ގޮތުން އަޑުތައް ރަމްޒުކުރުމުގައި ސުކުނުގެ ރަމްޒަކީ ފިއްޔަކާ ނުލައި އޮންނަ އަސްލު އަކުރު ކަމުގައި ވާ ކަމެވެ. އެހެންކަމުން މި ގޮތަށް ހަމަޖެހިއްޖެ ނަމަ ހުސްއަކުރުގެ ފަހުން ދެން އަންނާނީ ސުކުނެވެ. އޭގެ ފަހުން އެހެން ފިލިތަކެވެ. އެ ގޮތަށް "ނ" ގެ ފިލިތައް ތަރުތީބުކުރާ ނަމަ އޮންނާނީ ނ ން ނަ ނާ ނި ނީ ނު ނޫ ނެ ނޭ ނޮ ނޯ މިހެންނެވެ. ނޫނުގައި ފިލި ނުޖަހައި ހުސް ނޫނު ވެސް ބޭނުންކުރާތީ ނޫނު ސުކުނަށް ވުރެ ކުރިން އަންނާނީ ހުސް ނޫނެވެ.
 
އެހެންވީމާ އަދިވެސް ތާނައިގެ އަކުރުތަކުގެ ތަރުތީބަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މި ބަދަލުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ ރަދީފުން ބަސް ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުމާއި ތިކިޖެހިތާނަ ބޭނުންކުރާނީ ކޮންކޮން ލަފްޒުތަކެއްގައި ކަން ފަސޭހައިން ދެނެގަނެވޭނެ އުޞޫލަކުން ރަދީފުގައި ލަފްޒުތައް ތަރުތީބުކުރެވޭނެ ގޮތެއް ހޯދުމެވެ.

----------------

އިދާރާ

ވާހަކަ