އަދުގެ ޚާއްސަ

Print

އީދު ބިޑި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް

ކުޑަ އިރުގެ ހަނދާންތަކުގެ ތެރޭން އެއް ހަނދާނަކީ އީދު ބިޑީގެ ހަނދާނެވެ. އީދުބިޑި ތައްޔާރު ކުރެވޭ ގޮތުގެ ހަނދާނެވެ. އެ ކަމުގެ މަޖަލާއި ފޯރީގެ ހަނދާނެވެ.

އީދު ބިޑިއަކީ ވަކި މުވާޞަލާތެއް ކުރުމަށް ތައްޔާރު ކުރެވޭ އެއްޗެކެވެ. ވަކި ވާހަކައެއް އެންގުމަށް، ވަކި ޚަބަރެއް  ދިނުމަށް ތައްޔާރުކުރެވޭ އެއްޗެކެވެ.

އަޅުގަނޑުމެން ހޭލައިގަތް އިރުގެ ރާއްޖެއަކީ ފަގީރު ރާއްޖެއެކެވެ. ކާންބޯން ނުލިބޭ ރާއްޖެއެކެވެ. ރިޔަލާއި ފަލީގައި ދިވެހީން ދަތުރުފަތުރު ކުރާންޖެހުނު ރާއްޖެއެކެވެ. އަމުދުން ރަށްފުށުގައި މުވާޞަލާތީ ވަސީލަތްތައް ނުވެސް ނެތީ އެވެ. ބައެއް އަތޮޅު އޮފީސްތަކުގައި ރޭޑިޔޮ ސެޓެއް، ދަނޑިފަނުން ހުއްޓަސް، ރަށު އޮފީހެއްގައި ވޯކީ ޓޯކީ އެއް ނެތެކޭ ނޫނެވެ.

ރަށުގައި ރޭޑިޔޯއެއް ހުންނަނީ ވަރަށް މަދު ގެއެއްގައެވެ. ގަޑިއެއް ހުންނަނީ ހާލަކުން ގެއެއްގައެވެ. މި ޒަމާނު މި ދެކޭފަދަ ފޯނާއި ޓީވީގެ ފަސޭހައަކީ ހުވަފެނަކުން ވެސް ދުށްކަންތައްތަކެއް ނޫނެވެ. މީގެ އިތުރަށް އޮތް އަނެއް ދަތިކަމަކީ ރޭގަނޑުގެ ކަނު އަދިރިކަމެވެ. އަލިކަމަކީ ފުޅިބައްތިއާއި ފަސްލޭނުބައްތިއެވެ.  އުށްބައްތިއާއި އަތްބައްތިއެވެ. ޚާއްޞަ ބޮޑެތި ކަންކަމުގައި ފާނޫޒާއި ބިގަރެވެ.

ރޯދަ ނިންމައި އީދަށް ހަނދު ބެލުމުގެ އުފަލަކީ ބޮޑު އުފަލެކެވެ. އެޒަމާނުގައި ހަނދުބެލުމަކީ ކޮންމެ ރަށެއްގައި ވެސް ކޮށް އުޅުނު ކަމެކެވެ. ރަށު އޮފީހުގެ ބެލުމުގެ ދަށުން ރަށުގެ ކަމުވޮށީން އެ ކަމުގައި އިސްވެއުޅެއެވެ.  އެންމެ އަވަހަށް ހަނދު ފެންނަ ރަށަކުން އެ ވާހަކަ އަންގަން ޖެހެއެވެ. އަންގަނީ ކިހިނެއްތޯއެވެ؟ އީދު ބިޑީގެ އެހީގައެވެ.

އީދުބިޑިތައްޔާރު ކުރަނީ ރަމަޟާން މަހު އޮނަތިރީސް ދުވަހު އެވެ. އެކަމަށްޓަކައި ރަށުގައި އިސްވެ އުޅޭ ބަޔަކު ތިބެއެވެ. ވަލުތެރެއަށްވަދެ އެމީހުން ފުރަތަމަ ވެސް ރަނގަޅު ދިގު ކަށިކެޔޮ ގަހެއް، ނުވަތަ ދިގު ފަޅޯގަހެއް ފަދަ އެއްޗެއް ކަނޑައިލައެވެ. އެއަށް ފަހު އޭގެ ގޮފިޖަހައިލައި ނުވަތަ ފަތް ކޮށައިލައި ހަދައިގެން އަތިރިމައްޗަށް ނެރެއެވެ. އޭރު ކުޑަކުދީންގެ ކަމަކަށް ވާނީ ވަލަށް ވަދެ ހިކިފަން ހޮވައި އަތިރިމައްޗަށް ނެރުމެވެ. އިލަޔާއި ކުނަހަނގާލި ގަނޑު ގަނޑަށް ދާންދެން ގޮނޑުދޮށަށް ނެރެ ފުނިޖަހާނެއެވެ. މީގެ އިތުރަށް ރޯ ދުނބުރިފަތް ވަރަށް ގިނައިން ގެންނާނެއެވެ.

ތަކެތި އެއްކޮށް ނިމުމުން އީދުބިޑި ތައްޔާރު ކުރަންފަށަންވީ އެވެ. އީދު ބިޑިޔަކަށް ކެނޑި އެއްޗެއްގައި، ވަކި ތަރުތީބަކުން ހިކިފަންތައް ބަންނަންވީ އެވެ. މީއީ ވަރަށް ހުނަރުވެރި ރީތި ގޮތަކަށް ކުރާކަމެކެވެ.  އިލަޔާއި ކުނަހަނގާލިގަނޑު ގަނޑާއި ހިކިފަނާއި ބަންނަ ބަނުމުގައި ދޭތެރެ ދެތެރޭން ރޯ ދުނބުރިފަތުގެ ރެހެއް ވެސް ހިމަނައިލައެވެ.  ހުރިހައި ބަނުމެއް ބަންނަނީ ދިއްގާ ގަހު ކިރުވަކައިންނާއި ރޯނުންނެވެ.  ނޫނީ ސުތުލިންނެވެ.

އީދުބިޑި ބަނދެ  ނިމޭއިރު އެ ބިޑި ކޮޅަށް ނަގައި ފޫހަރުކުރާން ވަޅެއް ކޮނެފައި ހުރެއެވެ. އެހެންކަމުން އެ ވަޅުގައި ބިޑި އިންދައެވެ. އިރު އޮއްސެންވާއިރަށް މި ހުރިހައި ކަމެއް އޮންނާނީ ނިމިފައެވެ. އަދި މީރު ފޮނި ކާއެއްޗިއްސާއި ދުފުމާއި ހިފައިގެން އީދުބިޑި ދޮށަށް މީހުން އެއްވެ ތިބޭނެއެވެ. ހަނދު ބަލާ މީހުން ހަނދު ފެނޭތޯ [ދުރުމީ އަޅަމުން] ދާނެއެވެ. ހަނދު ނުފެނިއްޖެއްޔާ އީދު ބިޑީގެ މަޖަލެއް ނުލިބޭނެ އެވެ. އެކަމަކު ހަނދު ފެނިއްޖެއްޔާ އެދެން ކަންތަކާ ޖެހުނީ އެވެ. ހެމުން އުފާކުރަމުން ރަށަމުން ކުޑަ ކުދީންނާއި ޒުވާނުން ރަށުތެރެއަށް ގަމުތެރެއަށް އަރައިގެން ދާ އިރު ހީވާނީ ޖޯޝުންފުރިގެންވާ ރަންމަންފުއްލާތަކެއް ހެންނެވެ.

އުސޫލުތައް ނިޔާކުރާގޮތުން ހަނދު ފެނުނުކަން ސާބިތު ކުރާންޖެހެއެވެ. ރަސްމީގޮތުން ނިންމަން ޖެހޭ މި ކަންކަން ކަށަވަރު ވުމާއެކު އީދު ބިޑި ރޯކޮށްލަން ރަށު އޮފީހުން ކަތީބު އަންގަވާނެ އެވެ. އެ ހިސާބުން އީދު އުފާ ފެށުނީ އެވެ. އީދު ބިޑިއަށް ހުޅު ލުމާއެކު ރޯވެގެން އަންދަން ފަށާނެ އެވެ. ތިރިން މައްޗަށް ހުޅުގަނޑު އަރަމުން އިތުރު ބައިތައް އަންދަމުން ދާއިރު، ދޭތެރެ ދޭތެރޭން [ޕަޓަޕަޓާސް] ލައިފައި ބަޑި ތަޅައިގަންނަ އަޑެއް އިވޭނެ އެވެ. އަނދަމުންދާ އެނދުމުގެ އަލިކަން ފިޔަވައި އެއްހެން އެއްވެސް އަލިކަމެއް ނެތި ވަށައިގެން ފެތުރިފައިވާ ކޮޅެއް މެދެއް ނޭނގޭ ކަނު އަނދިރީގެ އެ ޖައްވުގައި އެ ތަންވަޅު  އީދު ބިޑިން ރީތި ރަންކަނި ތަކެއް ބުރަބުރައިގެން ދާނެއެވެ.  މިއީ ވަރަށް ރީތި މަންޒަރެކެވެ. ހަމަ އެހެންމެ ކުޑަ ކުދީންނާއި އެއްވެ ތިބި އެހެން މީހުންނަށް ވެސް ވަރަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ހަގީގަތުގައި ކުއްލި ކުއްލިއަށް މި [ތަޅައިގަންނަ ބަޑިތަކަކީ] ރޯ ދުނބުރިފަތްތަކަށް އަލިފާންގަނޑު އަނިޔާކޮށްގަންނަ އަޑުފަށްގަނޑެވެ.

އަތޮޅެއްގައި ކައިރި ކައިރީގައި ރަށްރަށް އެތުރިފައި އޮންނަ އިރު އެއްރަށެއްގެ އީދު ބިޑި ރޯ ކޮށްލުމާއެކު ޖެހިގެން އޮންނަ ރަށުގެ އީދު ބިޑި ރޯކޮށްލާނެއެވެ. ދެން އެއާ ވިދިގެން އޮންނަ ރަށެވެ. މި ގޮތުން ގޮސް އީދު ގެ ހަނދުފެނިއްޖެ ކަމުގެ އިއުލާނު ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ފޯރުކޮށްދޭ މުވާޞަލާތީ ވަސީލަތަކީ މި އީދުބިޑިއެވެ.
-------------------------

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ