އަދުގެ ޚާއްސަ

Print

ފޮތް ކިޔުމުގެ ރީތި އާދަ އުވިގެން ނުދަނީސް ސަލާމަތް ކުރަމާތޯއެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ސަމީރު ޢަލީ

އެމެރިކާގެ ކެލިފޯނިޔާގެ ޡާނަވީ މަދަރުސާއެއްގައި ކިޔަވައިދެއްވާ (Kelly Gallagher) ކެލީ ގެލެހަރ އަކީ 25 އަހަރުގެ ތަޖުރިބާ ހުރި މުދައްރިސެކެވެ. (ފަސް ފޮތާއި ތަޢުލީމީ ދާއިރާއާ ގުޅުންހުރި އެތައް ސީޑީއެއް ނެރުއްވާފައިވެއެވެ.) ކިޔަވައިދެއްވަނީ އިނގިރޭސިބަސް، އެބަހުގެ އަދަބިއްޔާތައި ލިޔުންތެރިކަމުގެ ހުނަރެވެ. ނަމުގެ ބާވަތުން މިނަމުގެ ވެރިޔަކީ އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ ދެނެގަތުން ފަސޭހަ ނުވާތީ، އެއީ މިސްޓަރ ކެލީ ގެލެހަރ ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. 2009 ވަނަ އަހަރު މީނާ ލިޔުއްވި ފޮތް (Readicide)  ރީޑިސައިޑް އަކީ މީނާ އަޅުގަނޑުމެންނާ ހިސާބަށް ވެސް މަޝްހޫރުވި އެއް ސަބަބެވެ.   މިފޮތުގެ ނަމާ މެދުވެސް ކޮންމެވެސް އެއްޗެއް ދަންނަވައިލާފައި ނޫނީ ކުރިޔަށް ދިއުން ބުއްދިވެރިއެއް ނޫނެވެ. ވީމާ އެކަން ހާމަ ކުރިޔަ ދެއްވުން އެދެމެވެ. އެނގިވަޑައިގެންފައިވާނޭ ފަދައިން އިނގިރޭސި ބަހުން ޕެސްޓިސައިޑް މި ކިޔަނީ ފަނިފަކުސާ (ގަސްތުގައި) މެރުމަށެވެ. ސުއިސައިޑް މިކިޔަނީ މީހަކު ގަސްތުގައި އަމިއްލައަށް މަރުވުމަށެވެ. ހޯމިސައިޑް، ޖެނޮސައިޑަކީ މިފަދަ މާނަ އެކުލެވޭ ބަސްބަހެވެ. މިފޮތުގެ ނަމުގެ ގޮތުގައި އޭނާ [ރީޑިސައިޑް] ކިއުއްވި ސަބަބަކީ، މިހާރު ގިނަ އިސްކޫލުތަކުގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން  [ގަސްތުގައި ފޮތް ކިޔުން މަރާތީ] ކަމަށް ލިޔުއްވައެވެ!

ކުރީގެ ދަރިވަރުންނާއި މިހާރު އޭނާ ކިޔަވައިދެއްވާ ކުދިންނާ ހުރި ތަފާތު ބޮޑުކަމުން ކެލީ ގެލެހަރ މިކަމާ ބެހޭ ގޮތުން ފުންކޮށް ވިސްނަން ފެއްޓެވީކަމުގައި ލިޔުއްވައެވެ. މީނާއަށް ފާހަގަ ކުރެއްވެން ފެއްޓެވީ މީގެ 10 ވަރަކަށް އަހަރުއް ސުރެ ވަރަށް ބޮޑު ބަދަލުތަކެއް ދަރިވަރުންގެ ކިބައިން ފެންނަން ފެށިކަމެވެ. މައިގަނޑު ސަބަބަކީ އެ ކުދިން ފޮތްކިޔުމާ ދުރުކަމެވެ.  ފޮތް ނުކިޔުމުގެ ސަބަބުން އެކުދިންނަށް ލިބިފައި ހުންނަން ޖެހޭ ވަރަށް ގިނަ މަޢުލޫމާތެއް ނުހުރެއެވެ. މި އަށް އޭނާ 'ކުރިން އެނގިފައިހުންނަން ޖެހޭ'  މައުލޫމާތޭ ކިޔުއްވާ ސަބަބަކީ، މުޖުތަމަޢުގައި ޒިންމާދާރު މީހެއްގެ ގޮތުގައި އުޅެން ބޭނުންވާ ހުރިހައި އެއްޗަކީ އިސްކޫލު ޓެކްސްޓު ފޮތްތަކުން ދަރިވަރުންނަށް ލިބޭނޭ މަޢުލޫމާތު ނޫންވީމައެވެ. ރަށް ރަށުގެ ވެރިންނާއި، އަލަށް އިޖާދު ކުރެވޭ ތަކެއްޗާއި މުހިންމު ޚަބަރުތަކަކީ ނޫސް މަޖައްލާގެ އިތުރުން ޚަބަރު ފަތުރާ ވަސީލަތްތަކުން ލިބިގަންނަން ޖެހޭ މަޢުލޫމާތެވެ. އިސްކޫލުން ދޭ ދޭހަ ފިލާވަޅު ފަދަ ތަކެތި ވިސްނައި ގަތުމުގައި ކުރިން ދެންނެވުނުފަދަ މަޢުލޫމާތުގެ މުހިންމުކަން ބޮޑުކަމުން  އެ ވާހަކަ ދައްކަން ޖެހެނީއެވެ.

މިދެންނެވި އެއްޗަކާ ގުޅުން ހުރި، އަޅުގަނޑުމެންގެ މުސްކުޅިބަހެއް ދަންނަވައިލާނަމެވެ. [ލަނޑަޔާ ވާނީ ލަނޑައެވެ]. މި މުސްކުޅިބަހުގައި ލަނޑައަކީ ކޮން އެއްޗެއްކަން އަދި އެ ބަހުގައި 'ވާނީ' އައިސްފައި އެއޮތީ ކޮން މާނައެއްގައި ކަން ނޭނގޭނަމަ  އެ ދަރިވަރަކަށް މުޅި އެ ޖުމްލައިގެ މާނަ ގެއްލުނީއެވެ. މިފަދަ ބަސް ދަރިވަރުންނަށް ކިޔަން އެނގެއެވެ. އަކުރު ދަސްވެ ފިލިކިޔަން އެނގޭތީ ކިޔަނީއެވެ. ނަމަވެސް އާންމު މައުލޫމާތުގެ ފަގީރުކަމުން އެ ކިޔުނު އެއްޗަކުން ފުރިހަމަ މާނައެއް ދޭހައެއް ނުވެއެވެ. ކެލީ ގެލެހަރ އެވިދާޅުވަނީ މިފަދަ ކަންކަމެވެ.

އޭނާގެ ދަރިވަރުންގެ ހާލާއި މެދު ކަންބޮޑުވާ މި މުދައްރިސް ވިދާޅުވާގޮތުގައި މިހާރުގެ ކުދިން މުނިފޫހިފިލުވުމުގެ ގޮތުން ވަރަށްގިނަ ކަންތައް ކުރެއެވެ. ނަމަވެސް، އޭގެ ތެރޭގައި ކިޔާހިތުން ފޮތް ކިޔުމެއް ނުހިމެނެއެވެ. ގިނަ ދަރިވަރުން ވަގުތު ދުއްވާލަނީ ފޭސްބުކް، ޓެކްސްޓް މެސެޖް ފޮނުވުމާއި ޗެޓް ކުރުމުގައެވެ. ނަމަވެސް މިޒާތުގެ މުނިފޫހި ފިލުވުމަކީ އެކުދިންނަށް ހަރުދަނާ މައުލޫމާތެއް ލިބޭ ކަންކަމެއްނޫނެވެ.

އަނެއް ހިތާމައަކީ ދަރިވަރުންގެ ގޭގައިވެސް ފޮތްމަދުކަން ނުވަތަ ކިޔުމުގެ އުފަލަށްޓަކައި ކިޔާނެ ފޮތް ގޭގައި އަމުދުން ނެތުމެވެ. ކުދިންނަށް ކިޔާނެ ވަގުތެއް ނެތުމަކީވެސް ހަމަ އެހައިމެ ހިތާމަހުރިކަމެކެވެ. ޓިއުޝަން ކުލާސްތަކާއި، ސްކޫލުގެ އިތުރު ހަރަކާތްތަކާއި ބައެއް ކުދިންނަށް  ގޭތެރޭގެ ޒިންމާ ހަމަޖެހިފައިވާ ގޮތުންނެވެ. މިކުދިންނަށް ހަމަ ފޮތެއް ކިޔައިލާނެ ވަގުތެއް ނުވެސް ލިބެނީއެވެ.

ކެލީ ގެލެހަރ ކަންބޮޑުވާ އެންމެ ބޮޑު އެއްސަބަބަކީ ދަރިވަރުންގެ ކަންތައް މިހާރު ހަމަޖެހިފައިވާގޮތުން، އެކުދިންނަކީ މީގެ 10 އަހަރު ނުވަތަ 15 އަހަރު ފަހުން ހަމަ އެއްގޮތަކަށްވެސް ފޮތް ކިޔާނޭ ކުދިންނެއް ނޫނެވެ. މީނާ ދެކިލައްވާ ގޮތުގައި އެންމެ މުހިންމު ކަމަކީ ކުރު މުއްދަތަކަށް ފޮތްކިޔައި ޓެސްޓަކުން ފާސްވުމެއްނޫނެވެ. ދަރިވަރަކަށް މުޖްތަމައުގައި ޒިންމާދާރު މީހެއްގެ ގޮތުގައި ކަންތައް ކުރެވޭނީ މަދުރަސީ ދުވަސްވަރު ނިމޭފަނުންވެސް ފޮތްކިޔުމަށް ލޯބި ކުރާނަމައެވެ. އިސްކޫލު ނިމުމުން ފޮތްތަކާ ދުރަށް ދިޔުމަކުންނޫނެވެ. ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން އިޖުތިމާއީ ކަންތަކުގައި، އަނެކުންގެ ހައްގުގައި އިސްނަގައިގެން އުޅެނީ ފޮތް ކިޔާއުޅޭ މީހުންނެވެ. ވިމާ މިއީ ހަމައެކަނި  އިސްކޫލު މުޤައްރަރާ ގުޅުން ހުރިކަމެއްނޫނެވެ. މުޖުތަމައުގެ ދުޅަހެޔޮކަމާވެސް ގުޅުންހުރިކަމެކެވެ.

ކެލީ ގެލެހަރ ދެކިލައްވާ ގޮތުގައި ކުދިންގެ ވަށައިގެން އެކުދިން ކިޔާހިތްވާ ފޮތް ހުންނަންވާނެއެވެ. ބޮޑެއްޗަށް ތިބޭމީހުން އެ ފޮތްތައް ކިޔާތަން ފެންނަންވާނެއެވެ.  ކައިރީގައި ކުދިން ފަތާނެ ފެންގަނޑެއް ނެތްތަނެއްގައި އެކުދިން ފަތާކަށް މަސައްކަތެއް ނުވެސް ކުރާނެއެވެ. ކަންތައް ހުރީ އެކަހަލަ ގޮތަކަށެވެ. ފޮތް ކިޔުމާ ތަންކޮޅެއް ދުރު ކުދިންގެ ކިބައިގައި އެ އާދަ އަށަގެންނެވޭނީ އެކުދިން ގޮވައިގެން ރަނގަޅު ކުތުބުޚާނާ އަކަށް އާދަވެގެން ގެންދެވިގެންނެވެ. ކިޔަން ފަށައިގަންނަ ދުވަސްވަރު އެންމެ މުހިންމީ  ބަހުގެ މަޝްހޫރު އަދީބުންގެ ލިޔުންތަކުން ފެށުމެއްނޫނެވެ. އޭނާ ކިޔާހިތްވާ ބާވަތެއް އިހަށް ކިޔަދޭށެވެ.  ފޮތް ކިޔާހިތްވުން އަށަގަތީމައި ދެން މަޑުމަޑުން އޭނާއަށް ބައެއް ފޮތާއި ލިޔުންތެރިން  'ތައާރަފު' ކޮށްދެވިދާނެއެވެ.

ކެލީ ގެލެހަރ ދެކިލައްވާގޮތުގައި މިހާރު އިސްކޫލުތަކުން މި ފެންނަނީ ވަގުތީ ނަތީޖާއަކަށް ޓަކައި ކުދިން ޓެސްޓަށް ތައްޔާރު ކުރާތަނެވެ. މިއަށްވުރެ މުހިންމު ކަމަކީ ފޮތްކިޔުމަށް ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމެވެ. މިއީ ނުކުރެވެންވީ ކަމެއްނޫނެވެ. މިހެން ކަންތައް ކުރާއިރުވެސް ނަތީޖާ ވަރަށް ސާފެވެ. ގިނަ ޓެސްޓުތަކުގައި މޮޅީ، ފޮތް ކިޔުމަށް ލޯބިކުރާ ކުދިންނެވެ.

ކެލީ ގެލެހަރ ވިދާޅުވާ ގޮތުގައި ދަރިވަރުންނަށް ދަސްކޮށްދޭންވީ ހަރުދާނާ ފޮތްކިޔުމާއި، ރަނގަޅު ފެންވަރަކަށް ލިޔުމަށް ވެސް ހިތްވަރު ދިނުމެވެ. ޓެސްޓަށް އެކަނި ދަރިވަރުން އަހުލުވެރި ކުރުމަކުން މިކަމެއް ހާސިލެއް ނުވާނެއެވެ. އެކަމަކު ރަނގަޅު ފޮތް ކިޔާށާއި ހަރުދަނާ ގޮތަކަށް ލިޔުމުގެ އުސްލޫބު ދަސްކޮށްދެވިއްޖެ ނަމަ، އެކުދިން ޓެސްޓުގައި ހޯދާ މާކްސްތައް މާ ރަނގަޅުވާނެއެވެ. ޓެސްޓެއްގެ ނަތީޖާ އަކީ އެ ޓެސްޓުގެ ފެންވަރާ ގުޅިފައިވާ ކަމެކެވެ. ޓެސްޓުގައި ބުރަދަނެއް ނެތްނަމަ އެ ޓެސްޓުން 10 އަކުން 10 ހޯދުމަކުން އެކުއްޖަކަށް އަދި މައުލޫމާތެއް ލިބުނީއެއްނޫނެވެ. ކުރު ޖަވާބު ލިވޭގޮތަށް ޓެސްޓެއް ފަރުމާކޮށް މިކަހަލަ ނަތީޖާއެއް ހޯދިދާނެއެވެ. ނަމަވެސް އެ ކުރެވުނީ ކީއްތޯއެވެ؟ ސުވާލުތަކެއް ހިތުދަސްކުރުވައިގެން 10 ން 10 ހޯދުމަކުން އެކުދިންނަށް، ކަންކަމާ ވިސްނައި ފިކުރު ކުރާކަށް ދަހެއް ނުވެއެވެ. އާނ އެކޭ ނުވަތަ ނޫނެކޭ، ޖަވާބުގައި ލިޔާ ގޮތަށް ސުވާލުތައް ބައްޓަން ކުރުމުގެ ބަދަލުގައި، ' ހުޅުވާލެވިފައިވާ ސުވާލު' ކޮށް، ކުދިންނަށް ވިސްނަން ދަސްކޮށްދިނުމުން ނޫނީ އެކުދިންގެ ޚިޔާލު ތަނަވަސްވެ، އަމިއްލައަށް ވިސްނާކަށް ދަހެއް ނުވާނެއެވެ.

މި މަޒުމޫނުގައި އަޅުގަނޑު މި ފާހަގަ ކުރީ ކެލީ ގެލެހަރ އެމެރިކާގެ އެތައް ސްކޫލު ތަކަކަށް ޒިޔާރަތް ކުރައްވައި ޓީޗަރުންނާ ބައްދަލުކުރައްވައި ލިޔުއްވި ފޮތެއްގެ މުހިންމު ޕޮއިންޓުތަކެވެ. ނަމަވެސް މި ލިޔުން ވިދާޅުވާއިރު ހަމަ މިރާއްޖޭގެ ހާލަތު ތަސައްވަރު ކުރެއްވޭނޫންތޯއެވެ. މި މައްސަލައަކީ އާންމު ކަމެކެވެ. ޗައިނާގައިވެސް ހިތުދަސްކުރުވުމުގެ ސަގާފަތް ފެތުރިފައިވަނީ އެމީހުން ކަންބޮޑުވާވަރަށެވެ. މެދު އިރުމަތީގައިވެސް ހަމަ މިހެންނެވެ. މަތީ ތައުލީމަށް އެހެން ދިމާއަކަށް ގޮސް ދިގު ޗެޕްޓަރުތައް ކިޔަން ޖެހި،  އަމިއްލައަށް ލިޔަން ޖެހުމުން މިގޮތަށް ހޭނިފައި ތިބި ދަރިވަރުންނަށް ވަރަށް ދައްޗެވެ.

އަޅުގަނޑުމެންގެ ދަރިންގެ ޅަފަތުގައި އެކުދިންގެ ކިބައިގައި، ފޮތްކިޔުމުގެ ރީތި އާދަ އަށަގެންނެވުމަކީ އެކުދިންނަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއެވެ. މި ހަދިޔާގެ މުހިންމު ކަމަކީ އެއީ ކިތަންމެ ގިނަދުވަހެއްވިޔަސް ފަނޑުކަމެއް، އޮފުކެނޑުމެއް ނެތް ހަދިޔާއަކަށް ވާކަމެވެ. ކިޔެވި ކިޔެވިހެން، އުމުރުން ދުވަސްވީވަރަކުން، އެ ހަދިޔާ ދެއްވި ފަރާތަށް 'އެކުދިންގެ' ލޯތްބާއި އިހުތިރާމު އިތުރުވޭވޭ ހުންނާނެކަމަކަށް ވާތީއެވެ!
-------------------
(ނިމުނީ)

އިދާރާ

ވާހަކަ