އަދުގެ ޚާއްސަ

Print

2020ގައި ޔޫރަޕުގެ މުސްލިމު އާބާދީ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


އާދަމް ނަޞީރު އިބްރާހީމް

އިންޓަރ ނޭޝަނަލް ޖަރނަލް އޮފް އެންވަޔަރަންމެންޓަލް ސައިންސް އޮފް ޑިވެލޮޕުމަންޓު  ބުނާ ގޮތުން 2020ވަނަ އަހަރު  ޔޫރަޕުގައި މުސްލިމުންގެ ނިސްބަތް އިތުރުވެގެންދާނެއެވެ.  މި ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި  ވަނީ، 1950ން ފެށިގެން ޔޫރަޕުގެ އެކި ސަރަހައްދުތަކުގެ ވަކި ވަކި ޤައުމުތަކުގެ މުސްލިމު އާބާދީއަށް ވަރަށް ތަފުޞީލުކޮށް ބަލައިލައިފައެވެ. އުނިވުމާ އިތުރުވުން އައިސްފައިވާ ގޮތް ދައްކައިދީފައެވެ. ވިހިވިއްސަށް ލަފާކުރާ ނިސްބަތް ހާމަ  ކޮށްފައެވެ.

އެންމެ ފުރަތަމަ ބަލައިލައިފައިވަނީ ފުޓުބޯޅަ ކުޅުމުގައި ވެސް މަޝްހޫރު ބަލްކަން ސަރަހައްދުގެ 11 ޤައުމަށެވެ.  އަލްބޭނިޔާއާއި ބޮސްނިޔާ ހަޒަގޮވީނާއަށެވެ. ބަލްގޭރިޔާ އާއި ކުރޮއޭޝިޔާ އާއި ގުރީސަށެވެ. ކޮސޯވޯ އާއި މެސަޑޯނިޔާ އާއި މޮންޓެނީ ގުރޯއަށެވެ. ރޮމޭނިޔާ އާއި ސަރބިޔާ އާއި ސްލޮވޭނިޔާއަށެވެ.

ރިޕޯޓު ބުނާގޮތުން، 1870 ވަނަ އަހަރު ބަލްކަން ސަރަހައްދުގެ ޖުމުލަ އާބާދީ އަކީ 16 މިލިޔަނެވެ. 1950 ގައި މި އަދަދު 49 މިލިޔަނަށް އިތުރުވި އެވެ.  2020އަށް ލަފާ ކުރާ އަދަދަކީ 65 މިލިޔަނެވެ.

ބަލްކަން ސަރަހައްދުގެ އާބާދީގައި މުސްލިމުންގެ ނިސްބަތަށް ބަލާއިރު، 1950ގައި މުސްލިމުންގެ އަދަދަކީ 3,800,918 އެވެ. އެއީ މުޅި އާބާދީގެ އިންސައްތަ އަށް ބަލާއިރު، 7.81% އެވެ. ނަމަވެސް 2020 އަށް ލަފާކުރާ  މި ސަރަހައްދުގެ މުސްލިމުންގެ އަދަދު، 9,088,975  އަށް އަރާނެެއެވެ. މިއީ ވިހިވިހީގައި ބަލްކަން ސަރަހައްދުގައި 13.99% އަށް މުސްލިމުންގެ އާބާދީ  އިތުރުވުމެވެ.

އިރުމަތީ ޔޫރަޕުގެ 8 ޤައުމަށް ބަލާއިރު ވެސް ފެންނަނީ އިތުރުވުމެވެ. 1950ގައި މި ސަރަހައްދުގެ މުޅި އާބާދީ އަކީ، 155,703,519  އެވެ. މި އަދަދުގައި މުސްލިމުންގެ ނިސްބަތަކީ، 6,550,287  އެވެ. އެއީ 4.21%  އެވެ. 2020ގައި  އިރުމަތީ ޔޫރަޕުގެ މުޅި އާބާދީ  195,285,078 އަށް އަރާނެކަމަށް ލަފާކުރެއެވެ. މި އާބާދީގައި މުސްލިމުންގެ ނިސްބަތެއް ކަމުގައި ވާނީ، 14,069,786  އެވެ. މިއީ 7.20%  އަށް މުސްލިމުންގެ އާބާދީ އިތުރުވުމެވެ.  ފާހަގަ ކޮށްލެވޭ ބަދަލަކީ ކޮންމެ ބޯހިމެނުމެއްގެ ނަތީޖާއިން ވެސް  މުސްލިމުންގެ އަދަދު އިތުރުވަމުންދާކަމަށް ފެންނަ ކަމެވެ. މި ދިރާސާގައި ހިމެނުނު ކޮންމެ ޤައުމެއްގައެވެ. ރަޝިޔާ ފަދަ ޤައުމުތަކުގައި 1550ގައި މުސްލިމުންގެ އިންސައްތަ އަކީ 5.97% އެވެ. ނަމަވެސް 1990 ގައި މި އަދަދު ވަނީ 8.15  އަށް އިތުރުވެފައެވެ. 2020ގައި މި އަދަދު 10.14%އަށް އަރާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ހުޅަނގު ޔޫރަޕަށް ބަލާއިރު، 1950ގައި ބެލްޖިއަމްގައި މުސްލިމުންގެ ނިސްބަތަކީ %0.10  އެވެ. އެއީ އެންމެ  8,628 މުސްލިމުންނެވެ.
ނަމަވެސް 2020ގައި މި އަދަދު 673,623 އަށް އަރާނެއެވެ. އޭރުން އެއީ %6.00އަށް އިތުރުވީ އެވެ.   ފަރަންސޭސި ވިލާތުގައި 1950ގައި މުސްލިމުންގެ ނިސްބަތަކީ %0.55 އެވެ. އެއީ 230,065  މުސްލިމުންނެވެ. ނަމަވެސް 2020ގައި ފަރަންސޭސި ވިލާތުގެ މުސްލިމުންގެ އަދަދު 6,635,327  އަށް އިތުރުވާނެ އެވެ. އޭރުން ފަރަންސޭސި ވިލާތުގެ ކޮންމެ 100 މީހަކުން ދިހަ މީހުންނަކީ މުސްލިމުން ކަމުގައި ވީ އެވެ. އާދެ އާބާދިގެ %10 އަކީ މުސްލިމުންކަމުގައި ވީ އެވެ.

ހުޅަނގު ޔޫރަޕުގެ 8 ޤައުމަށް ވެސް މި ބަދަލު އަންނަމުން އެބަދެއެވެ. މިއިން ކޮންމެ ގައުމެއްގައި ވެސް ކޮންމެ ބޯހިމެނުމަކުން  މުސްލިމުންގެ އަދަދު އިތުރުވަމުން އަންނަކަން ހާމަ ވާ ކަމަށް މި ދިރާސާ އިން  ފާހަގަ ވެފައި ވެއެވެ. އެ ގޮތުން ނެދަލެންޑްސް ގައި 1950ގައި މުސްލިމުންގެ އިންސައްތަ އަކީ 0.05% އެވެ. ނަމަވެސް 1990ވަނަ އަހަރު މި ނިސްބަތް 4.10% އަށް އިތުރުވެފައިވެ އެވެ. 2020ގައި މި އަދަދު 5.80%   އަށް އިތުރުވާނެ ކަމަށް މި ރިޕޯޓު ބުނެއެވެ.

މުޅި ހުޅަނގު ޔޫރަޕަށް ބަލާއިރު، 1950ގައި ޖުމުލަ އާބާދީ އަކީ، 114,608,528 އެވެ. އޭރު މުސްލިމުންގެ ޖުމުލަ އަދަދަކީ، 349,051  އެވެ. އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 0.30% އެވެ.    ނަމަވެސް 2020 އަށް އަންނަ އިރު މުސްލިމުންގެ އާބާދީ ވަރަށް ބޮޑުތަން އިތުރުވާނެ އެވެ. މުޅި މި ސަރަހައްދުގެ އާބާދީ 166,378,969  އަށް އަރާއިރު، މުސްލިމުންގެ އާބާދީ 10,964,644 އަށް އިތުރުވާނެއެވެ. ނަތީޖާ އަކީ 1950ގައި 0.30% ގައި އޮތް މުސްލިމުންގެ އާބާދީ 2020ގައި 6.60 % އަށް އިތުރުވުމެވެ.

މި ދިރާސާ އިން އެނގުނު ގޮތުގައި ޔޫރަޕުގައި މުސްލިމުންގެ އަދަދު އިތުރުވަމުން އެބަދެއެވެ. އާބާދީ ބޮޑުވަމުން ތަނަވަސްވަމުން އެބަދެއެވެ. 1950ގައި ދުނިޔޭގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ  %17 އެވެ. ނަމަވެސް 2020 ގައި މި އަދަދު %26 އަށް އިތުރުވާނެ އެވެ. 1950ގައި ޔޫރަޕުގެ އާބާދީއަކީ، 548 މިލިޔަން މީހުންނެވެ. އޭގެ ތެރޭގައި މުސްލިމުންގެ ނިސްބަތަކީ އެއްމެ %2 އެވެ.  2020ގައި ޔޫރަޕުގެ އާބާދީ 744 މިލިޔަނަށް އަރާނެއެވެ. އޭރުން ޔޫރަޕުގައި މުސްލިމުންގެ ނިސްބަތް %6 އަށް އިތުރުވާނެކަމަށް މި ރިޕޯޓު ބުނެއެވެ.
------------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ