އަދުގެ ޚާއްސަ

Print

ތި ބޭފުޅުން ޗުއްޓީގަ އެވެ. މި ބޭފުޅުން ޑިއުޓީގަ އެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


މާތްވެގެންވާ  މަދީނާގެ ރަޙްމަތްތެރިއަކާއެކީގައި، ރަށުތެރެބަލައިލަން އޭނާގެ ކާރުގައި ނިކުތީމެވެ. ޤުބާ މިސްކިތްދޮށަށް ދެވުމުން ކާރު މަޑުކޮށްލިއެވެ. މިސްކިތަށްވަދެ  މިސްކިތް ބަަލައިލުމަށެވެ.

އަޅުގަނޑާއެކުގައި  ރާއްޖޭގެ ޢިއްޒަތްތެރި  ބޭފުޅަކު  ކާރުގައި އިންނެވިއެވެ. އޭނާ އަތްޕުޅުގައި ވީޑިޔޯ ކެމެރާއެއ

ް އޮތެވެ. މަދީީނާގެ ރަޙްމަތްތެރިޔާ ބުނިގޮތުގައި  ޤުބާ މިސްކިތަށް، އެއްވެސް ބާވަތެއްގެ ކެމެރާއެއް ވެއްދުމަކީ މަނާކަމެކެވެ.  އަޅުގަނޑުމެން ބޭނުންވީ  ކާރުގެ ފަހަތު ގޮނޑިމަތީގައި  ކެމެރާ ބާއްވާށެވެ. މަދީނާގެ ރަޙްމަތްތެރިޔާ އިރުޝާދު ދިނީ އެއްވެސް ހާލެއްގައި އެކަން އެހެން ނުކުރުމަށެވެ. އޭނާގެ ލަފާއަކީ، ބޭރަށް  ނުފެންނާނޭ ގޮތަކަށް ކާރުތެރޭގައި ރަނގަޅަށް ފޮރުވުމެވެ.  އެހެން ނޫނީ ކާރުގެ ބިއްލޫރިގަނޑު ތަޅާލައިފައި ކެމެރާ ވަގަށް ނަގައިފާނެ ކަމަށް  ބުންޏެވެ. 

ހިތަށް އެރިއެވެ.  ދުނިޔޭގައި މި އަދު އަމާންކަމެއް އޮންނާނީ ކޮންތާކު ބާވައެވެ. މި މާތް ބިމުގެ ޙާލަކީ މިއެވެ. އެކަން ބަޔާން އެކުރީ  ރަށުގެ އަހުލުވެރިއެއްގެ ދުލުންނެވެ.

އަޅުގަނޑުމެންގެ ގައުމުގެ ޙާލުވެސް އަޅުގަނޑުމެން ދަންނަމު އެވެ.  އިތުރު ތަފުސީލުތަކެއް ބޭނުމެއް ވާނެހެނެއް ހީއެއް ނުވެއެވެ.  އެކަމަކު، ޢީދު ބަންދަށް މަދުރަސާ ޗުއްޓީ އަށް  ފުރަފުރައިގެން ދިޔައީމު އެވެ. ގެތަށް ފަޅު ކޮށްލީމު އެވެ. މާލެ އެކަނިވެރި ކޮށްފީމުއެވެ. އަޅުގަނޑުމެން ފުރައިގެން ދިޔައީ އަގުހުރި މުދާތަކުން ތޮއްޖެހިފައިވާ ފިހާރަތަކުގެ ކުރިމަތީގައި އުމުރުން ދުވަސްވީ މީހަކު ބައިންދާފައެވެ. ނޫނީ ބަހަކުންކުރެ ބަހެއް ނުދަންނަ ބިދޭސީއަކަށް ގޮނޑިއެއް ގެންދީ އަސްކަނި ދަށުގައި އެގޮނޑި ބަހައްޓައިދީފަ އެވެ.

އޭން މީހެއްގެ ނިދި ގުގުރި އަޑަށް ކައިރީގެޔަކުން، ކުޑަކުއްޖަކު ހޭލުން ފިޔަވައި، ފިހާރައިގެ  ރައްކާތެރިކަމާއި، ސަލާމަތްތެރިކަމާމެދު ޙަޤީޤަތުގައި އޭންމީހަކަށް އަދާކުރެވޭނީ ކޮންދައުރެއް ހެއްޔެވެ؟  ނަމަވެސް ޗުއްޓީ ނިމިގެން އައި އިރު ފިހާރަތަކާއި، މުދާ ހުރީ ސަލާމަތުންނެވެ. ވެހިކަލްތަކާއެކު ގަރާޖުތައް ވެސް އޮތީ ހިމާޔަތުގައެވެ.  ސަބަބަކަށް މެދުވެރިވީ ކޮންބައެއްހެއްޔެވެ؟ ކޮންބައެއްގެ ކެތްތެރިކަމެއް  ހެއްޔެވެ؟  ކޮންބައެއްގެ ހޭލައި ތިބުމެއް ހެއްޔެވެ؟  ވޮޗަރުންނާއި ސެކިޔުރިޓީ ގާޑުންގެ ދައުރެއް ނެތެކޭ ނުދަންނަވަމެވެ.    އެހެންނަމަވެސް ވިސްނާލަމާތޯ އެވެ؟

މި ތިން ސުވާލުގެ ޖަވާބު ވެސް މައިގަނޑު ގޮތެއްގައި ހުއްޓެނީ  އެއްފަރާތަކަށެވެ.  ގައުމީ ސަލާމަތީ ބާރުތަކަށެވެ. ސިފައިންނާއި ފުލުހުންނަށެވެ. ވަކިން  ޚާއްޞަކޮށް މުޖުމަޢުގެ ހިމޭންކަމަށްޓަކައި ރެޔާ ދުވާލު ކަމަރު ބަނދެގެން  ހަރަކާތުގެ މައިދާނުގައި  ތިބި ހިތްވަރު ގަދަ ދިވެހި ފުލުހުންނަށެވެ. ދިވެހި ރައްޔިތުންގެ ޚިދުމަތުގައި އަވަދިނެތިފައިވާ ޒުވާން ފުލުހުންނަށެވެ.  އެކުދީންގެ ހުރިހާ ހަކަތައެއް އެ ހޭދަ ކުރަނީ ތިޔަ ބޭފުޅުންނަށްޓަކައެވެ. ދިވެހި މުޖުތަމަޢަށްޓަކައެވެ. އަޅުގަނޑުމެން އެންމެންނަށްޓަކަ އެވެ.

ދިވެހި ފުލުހުންގެ ގޮތުގައި ބިދޭސީއަކު ނޫޅެއެވެ. ތިބީ ހުސް  ދިވެހިންނެވެ.  ދިވެހި ބައްޕައަކަށް ބައްޕަ ކިޔާ، ދިވެހި މަންމައަކަށް މަންމަކިޔާ ދިވެހި ފަސްގަނޑަށް ނިސްބަތްވާ ދިވެހިންނެވެ. ޒަމާނީ ތަޢުލީމާ ތަމްރީނު ލިބިފައިވާ، ހޭލުންތެރި ތަހުޒީބު ދިވެހި މުވާޠިނުންނެވެ.  އެހެންކަމަށްވާނަމަ ފުލުހުންގެ ހިތުގައި ދިވެހި ރައްޔިތުންނާ މެދު ނޭއްގާނީ ކަމެއް އުފެދޭނެ ޖާގައެއް ނެތެވެ. ދިވެހި ބިމަށް ލޯބި ނެތް ޝުޢޫރެއް އާލާވާނެ ސަބަބެއް ނެތެވެ.  ފުލުހުންގެ ޤާނޫނީ ދީނީ ވާޖިބު އަދާ ކުރުމުގެ ގޮތުން އަޅާފިޔަވަޅަކާމެދު ހިނިތުންވެލައި ބަލައިގަތުމަށް ވުރެ އެދެވިގެންވާ ކަމެއް އާންމު ރައްޔިތަކަށްވެސް ނެތެވެ.  އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ވިސްނޭގޮތަކީ  މި އެވެ.

ދިވެއްސަކަށްވީތީ ލިބިދޭންޖެހޭ ހުރިހާ ޙައްޤެއް ހަމަ ކޮންމެ ފުލުހަކަށް ލިބިދެވެންޖެހޭނެއެވެ. ނުވަތަ އިންސާނަކަށްވީތީ، ޟަމީރު އެދޭނެ ކަންތައްތަކެއް އެކުދިންގައިވެސް ހުންނާނެ އެވެ.  ހުވަފެންތަކަކާއި، އުންމީދުތަކެއް ހުންނާނެއެވެ. އިޙްސާސްތަކާއި ޖަޒުބާތުތަކެއް ހުންނާނެއެވެ.

އެހެންމީހުންގެ އާއިލާތައް ޗުއްޓީގައި ދުނިޔޭގެ އެތަން މިތަނަށް ދަތުރުކޮށް އުފާކުރާއިރު، އަނބިދަރީންނާއެކީ ޗުއްޓީ ހޭދަކޮށްލުމެވެ. ޢުމުރުން ދުވަސްވީ މަންމަމެންނާއި ބައްޕަމެންނާ އެކީ ވަގުތު ހޭދަ ކޮށްލުމެވެ. އެމީހުންބަލިޙާލުގައިވީ ދުވަހު ތިމާގެ ދެ އަތުން ހޭހަން ކުރުމެވެ.  ކާވަންޏަކާ ހަމަޔަށް ނުދާ ޒުވާން ފުލުހަކު ނަމަ، އެކަމަށް މަގެއް ހޯދުމަށް ފަހި ކުރެވޭ ފުރުޞަތު މިނިވަން އުފާވެރި ވަގުތުތަކަކަށް ހެދުމެވެ. މާދަމާ ކަނޑައެޅުމަށްޓަކައި ފިކުރުކޮށްލާނެ ހިނދުކޮޅެއް ހުސްކުރުމެވެ.

ފުލުހުންގެ މިހުރިހާ އިޙްސާސްތައް ވަޤުފު  ކުރައްވާތީ ފެންނީ  އަޅުގަނޑުމެންނަށްޓަކައެވެ. އަޅުގަނޑުމެންގެ ޗުއްޓީ ހެޔޮގޮތުގައި ހޭދަ ކުރުމަށް މަގުފަހި ކުރުމަށްޓަކައެވެ. އެބޭފުޅުންގެ މި މިންނެތް މަސައްކަތްޕުޅާއިި،  މިސަމާލުކަން ނެތަމަ، ބައި އިންޗި ބިއްލޫރީގެ ތެރޭން ވިދަވިދާ އެހެރަ ވިޔަފާރި މުދާތައް މާލޭގެ މަގުމަގުން ހިނގާ މީހާގެ ލޮލުގައި އަޅައިގަންނާކަށް އެތަންތާކު ނުހުންނާނެވެ. ފަޅު އޮޑިފަހަރަށް ދަންދެން މިކަން އޮތީހީ  މި ގޮތަށް، ދޮގެއްތޯއެވެ؟

ދުނިޔޭގެ ކުރިއަރާފައިވާ ތަންތާނގައި ފުލުހުންގެ ޚިދުމަތުގެ އަގުވަޒަންކުރާ ގޮތް ތިޔަ ބޭފުޅުން ދެނެވަޑައިގަންނަވާނު އެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ފުލުހުންގެ މި ފަދަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އާންމު ރައްޔިތުންގެ ފަރާތުން އަގުހުރި އިނާމުތައް ދެވެއެވެ. ކާރު، ސައިކަލްފަދަ ހަދިޔާއެވެ.

ނަތީޖާއަކީ، ޚިދުމަތް އަދާކުރި ފަރާތުގެ ހިތްހަމަ ޖެހުމެވެ. އޭނާގެ ހިތުގައި ލޯބި އުފެދުމެވެ. ދެފަރާތުގެ މެދުގައި ކުލުނުވެރިކަން އުފެދުމެވެ.  އިތުބާރު ގާއިމުވުމެވެ. އިންސާނީ ކުލުނާއި ތަހުޒީބު އާދަތައް އަށަގަތުމެވެ.  އަމާންކަމުގެ އިޙްސާސްކުރެވުމެވެ.

އަޅުގަނޑުމެން ކޮންމެ މީހަކަށް، ފުލުހުންނަށްޓަކައި މާއްދީ  އެހީތެރިކަމެއް ފޯރުކޮށް ނުދެވިދާނެއެވެ. އެކަމަކު ބުރަޔަކަށް ނުވެ ކޮށްދެވިދާނެ އެންމެ ކަމެއް އެބަ އޮތެވެ.  ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނާ މެދު ހެޔޮ ބަހެއް ނޫނީ ނުބުނުމެވެ. ރީތި ހިމޭން  ބަހުން މުޢާމަލާތު ކުރުމެވެ. އެބޭފުޅުންގެ ޢިއްޒަތުއްނަފުސަށް އިޙްތިރާމު ކުރުމެވެ. ތަރުޙީބު ދިނުމާއި، ޝުކުރު އަދާކުރުމެވެ. ހިނިތުންވެލުމެވެ.  ތިމާގެ  މުސްލިމު އަނެއް އަޚާގެ ކުރިމަތީގައި ހެޔޮ ހިތުން ހިނިިތުންވެލުމަކީވެސް ދަރުމަ ހުރި ޞަދަޤާތެއް ނޫންތޯ އެވެ؟ މި ފަދަ ހެޔޮ ޝުޢޫރުތަކާއެކު  އަޅުގަނޑުމެން ޗުއްޓީގައި ހިތްހަމަ ޖައްސާނީއެވެ. އެ ބޭފުޅުން ޑިއުޓީގައި ހިތްޕުޅު ހަމަޖައްސައިދީފައެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ