އަދުގެ ޚާއްސަ

Print

6 މީދާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް

ކޮންމެ މީހަކު ވެސް އުޅެނީ ދުނިޔޭގައި އަލަށް ހިނގީ ކޮން ކަމެއްތޯ ބަލާށެވެ. ރާއްޖޭގެ މި އަދުގެ އެންމެ ފަހުގެ ހާދިސާތަކަކީ، ކާރިސާތަކަކީ ކޮބައިތޯ އޮޅުން ފިލުވާށެވެ. ބައެއް މީހުން ފޯނުންނެވެ. ބައެއް މީހުން ނެޓުންނެވެ. މޭޒުތަކުގެ މަތީގައި އަތުރައިލެވިފައި ވާ އެންމެ ފަހުގެ ކޮމްޕިޔުޓަރުތަކުގެ އެހީގައެވެ. އޮފީސްތެެރެއަށް އިތުރު ހައިބަތެއް ގެނެސްދެނީ އެއްދިމާއެއްގައި ވަކިން ތަރުތީބު ކުރެވިފައި ހުރި ފަތި ޓީވީ ބަރިއެވެ. ކޮންމެ ޓީވީ އަކުން ދައްކަނީ ވަކި ޗެނަލެކެވެ.  އަމިއްލަ ގައިގެ ހޫނުކަން ވެސް އިޙްސާސް ނުވާހައި ފިނިފިނި، މި މާހައުލުގައި  ގިނަ ބަޔަކު އަވަދި ނެތިފައިވަނީ ބޭރު ދުނިޔެއާއި ރާއްޖޭގައި ހިނދުން ހިނދަށް ވާ ނުވާ އޮޅުންފިލުވައި، ދިވެހިބަހުން  އެކުލަވައިލުމުގައެވެ.
 

[މި ކޮމްޕިޔުޓަރުން ލިޔޭ އިނގޭ. ވަރަށް ފަރުވާތެރިކޮށް ލިޔާތި! ކުށެއް އޮވެއްޖެއްޔާ އެޑިޓަރު ވަރަށް ކޯފާވާނެ. އެއީ ވަރަށް ތަފާތު ބޭފުޅެއް. ކޮމާއެއް މަދުވިޔަސް ހީވާނީ އެހެން ފަދަ ކަމެއް ހެން]

ވަޒީފާއެއް ހޯދުމުގެ ނިޔަތުގައި އެ އޮފީހަށް އައި އަންހެން ކުއްޖަކު އިމްތިހާނު ކުރެވެނީއެވެ. ވަކި ބާވަތެއްގެ ލިޔުމެއް ލިޔުއްވައިގެނެވެ. ނަމަވެސް އެ ކަމަށް އިރުޝާދު ދިން ފަރާތުން އެ ބުނި އިބާރާތްތަކުގެ ސަބަބުން އޭނާ ބިރުގަތެވެ.  ވަމުންދާ ފިނީގެތެރޭގައި ޒާތެއްގެ ތުރުތުރެއް އަޅަން ފެށި ކަހަލައެވެ.

[ވީ ވަރަކުން ޓްރައި ކުރާނަން] އަދަބުވެރި ގޮތަކަށް އެ އަންހެން ކުއްޖާ ޖަވާބު ދިނެވެ.

އަންހެން ކުއްޖާ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ހަރުކޮށްލައިފައިވާ ނަންބޯޑެއްގެ އެހީގައި އެޑިޓަރުގެ ގޮޅި އޭނާއަށް ފާހަގަ ކުރެވުނެވެ. އެޑިޓަރު މިވަގުތު ވަޑައިގެން ނެތްކަން ބުނެދިނީ ތުނި ބިއްލޫރިގަނޑެއްގެ އަނެއް ފަރާތުގައި ހުހަށްހުރި މަޑުއިސްޕަންޖުޖެހި ގޮނޑިއެވެ.  ބައެއް ކުދީން ބަދަން ޕެކެޓު ޕެކެޓާއި އެ ނޫން ބައެއް ލުއިކާނާގެ މީރުކަން ލިބިގަންނަމުން ދަނީ ވެސް އެޑިޓަރު މިވަގުތު ނެތީމާ ކަމަށް ވެދާނެ އެވެ. ހިސާބަކަށް އަމިއްލަ މަޖާ ވާހަކަތައް ވެސް މި ވެށީގައި މިހާރު އަޑު ހިއްޕައިލައިފިއެވެ.

އަންހެން ކުއްޖާ އޭނާގެ މަސްއޫލިއްޔަތަށް އެނބުރިއްޖެއެވެ. ލިޔާނީ ކީކޭހެއްޔެވެ؟ ފަށާނީ ކީކޭ ކިޔައިފައި ހެއްޔެވެ؟ މި ވާހަކަ ދިވެހިބަހުން ބުނާނީ ކޮންގޮތަކަށް ހެއްޔެވެ؟ މި ލަފުޒު ލިޔާނީ ކިހިނެއްބާއެވެ؟ އެވެނި އަކުރެއް ލިޔެވޭނީ  ކޮން ފިތަކަށް އޮބީމާ ބާވައެވެ؟ މި ކަހަލަ އެތައް ސުވާލެއްގެ ތެރޭގައި ބެނދެވިގެން އިނދެ، އޭނާ އެއް އިނގިލިކުރިން ކޮންޕިޔުޓަރުގެ ކީބޯޑުގައި ކޮއްޖަހަމުން ދެއެވެ.
ކުއްލިޔަކަށް ދޮރުހުޅުވިއްޖެއެވެ. އޮފީހުގެ އަޑު ކަނޑައިގެން ހިނގައްޖެއެވެ. ސޯމިލަކުން ކަރަންޓު ކަނޑައިގެން ދިޔަފަދައެވެ.

[ޚަރަދު ބޮޑުވުމުގެ މައްސަލަ ޙައްލުކުރެވޭތޯ ވަރަށް ޙިކްމަތްތެރިކަމާ ކެތްތެރިކަމާ އެކީގައި އަޅުގަނޑުމެން މިންނަތް ކުރަމާތޯ!]

ރީތި އިބާރާތްތަކެއް ބޭނުންކޮށްގެން ފޯނުން ވާހަކަ ދައްކަމުން ދޮރުން ވަދެގެން އަންނަތަން ފެނުނީ ހަރުދަނާ ފާޑު ޖަހާ ދުވަސްވީ ހަރު މީހެކެވެ. މާބޮޑު މުސްކުޅިއެއް ނޫނެވެ. އެކަމަކު ތަޖުރިބާގެ މާނަ ހުރި [ނުރަވަންތަކަމެއް] ބޮލުން ފެނެއެވެ. ހެޔޮވަރު އިސްކޮޅެއްގެވެރިއެކެވެ. މާ ބޮޑު ނޫނަސް، ހިނދިބަނޑެއް ނޫނެވެ. ބަންޑުން ކޮޅަށް ތަނެއްގައި ލައްގައިލައިފައި ހުރި ކުޑަވަރު މުޅޯއްޓެއްގެ ގޮނިކަމެވެ. އޮފީހުގެ މަސައްކަތުގެ މައިދާނަށް އޭނާ ބަލައިލީ އަޅައިގެންހުރި އައިނުގެ މަތިންނެވެ. ހަރުން ނިކުންނަ ބޯވާ ހަރުދޫކޮށް ބޭރަށް ސޮއްސައިލުމުގެ ކުރިން، ހަރުގެ އަނގަމަތިން ބޭރަށް ކަޅިހިންގައިލާ ޒާތަށެވެ. އަޅައިގެން ހުރި ޓައި ރީތިކޮށްލަމުން، އިތުބާރާއި ސާބިތުކަން ދައްކައިދޭ ހިނގުމެއްގައި އޭނާ ގޮސް އިށީނީ އެޑިޓަރުގެ ގޮނޑިކޮޅުގައެވެ.

[ދޭ އަވަހަށް މަސައްކަތް ހިފައިގެން. ބާރަށް އެއްޗެއް ވިދާޅުވިޔަސް ނުރޯތި! އަމުދުން ވިސްނައިނުލައި ޖަދަލުކުރަން ނުފަށާތި!]

އަންހެން ކުއްޖާއަށް މި ފަހަރު ވެސް ލިބުނީ ވަރަށް ސަހަރޯވެރިވާންޖެހޭ ކޮމާންޑުތަކެކެވެ.

[ތިޔައީތަ ވަޒީފާޔަކަށް އެދިގެން މި އަދު އަލަށް އައި ކުއްޖަކީ؟]

އަންހެން ކުއްޖާ ގޮސް އެޑިޓަރުގެ މޭޒުކޮޅު ކައިރީގައި ހުރި ގޮނޑީގައި އިށީނުމުން އައިނުމަތީން ބަލައިލައިފައި ފިސާރި އާރުލާ ބަރު އަޑަކުން އަހައިލިއެވެ.

[ލައްބަ!]

އަންހެން ކުއްޖާގެ މި ޖަވާބަށް އެޑިޓަރުގެ ދެ ބުމަ ގޮށްޖެހިގެން ދިޔަތަން އޭނާ ދުށްޓެވެ. ސަބަބު ނޭނގުނަސް އެޑިޓަރުގެ މޭޒުކޮޅުމަތީގައި އޮތް ދިވެހިބަހުގެ ދަރަޖައާ ބެހޭ ފޮތެއް އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ފަޅިސިކުންތުގެ ތެރޭގައި އަންހެން ކުއްޖާއަށް އެޑިޓަރުގެ ތަޢާރުފެއް ދިނީ، ފަހަތުގައި ހުރި ފޮތް ހަރެއްގައި ބަރިޖަހައިލައިފައި ހުރި އަރަބި އުރުދޫ ފޮތްތަކެވެ.  ދިވެހިތާރީޚާ ބެހޭ ބަރު ފޮތްފޮތާއި ފަތްތޫރައިގެ މުސްކުޅި އަދަދުތަކެވެ. އެންމެ ފަހުގެ ރީޑަރސް ޑައިޖެސްޓާއި ޓައިމްސް މަޖައްލާއެވެ.  އޭރު ވެސް އެޑިޓަރުގެ އަތްޕުޅުގައި ހުޅުވައިލައިފައި އޮތް،  [ލިޔުންތެރިޔާ 8] ނަމަކަށް ކިޔުނު އަދަބީ ސަގާފީ ތާރީޚީ މަޖައްލާއެވެ. 
 
[ކޮބައި މި ތަނުން ހަވާލު ކުރި މަސައްކަތް؟]

ނުރުހުމުގެ ރާގަކަށް ނަމަވެސް ހިމޭންކަމާއެކު އެޑިޓަރު ސުވާލުކޮށްލިއެވެ.

[މި އޮތީ]

މިހެން ބުނުމާއެކު އަންހެން ކުއްޖާ އޭނާ ދެންމެ ނިންމި މަސައްކަތް އެޑިޓަރަށް ހުށައެޅިއެވެ. އެޑިޓަރު އެއިން ކިޔައިލީ އެއްމެ ފޮޅުވަތެކެވެ. ބޮޑުއަކުރުން ލިޔެފައިވާ ފޮޅުވަތެވެ. ފުރަތަމަ ފޮޅުވަތެވެ.

[މިރޭގެ އަށެއްގެ ހަބަރުގެ ސުރުހީތައް]

މި ފޮޅުވަތަށް ބަލައިލުމާއެކު މުޅި ހަށިގަނޑުން އިދިފުށަށް ލަތްކެއް ޖަހައިލައިފައި ފުރަތަމަ ވެސް ފެށީ ތަޙުޤީޤެކެވެ.

[ކޮން ރޮނގަކުން ކިޔެވީ]

[އަޅުގަނޑުގެ ފީލްޑަކީ ނިއުސް. ޑިޕްލޯމާ ހެދީ ވެސް، ފަސްޓްޑިގްރީ ނެންގެވީ ވެސް، ނިއުސްގެ ދާއިރާއިން. މިއީ އަޅުގަނޑަށް ވަރަށް އިންޓްރެސްޓިންގ ދާއިރާއެއް]

ކުށެއްގައި އަލަށް ފުލުސް އޮފީހަށް ހާޒިރު ކުރެވުނު ބަސްނޭނގޭ ބަންގާޅީއަކު، ރުޅިގަދަ ފުލުހަކަށް ޖަވާބުދާރީ ވާ ފަދައިން އަންހެން ކުއްޖާ ޖަވާބު ދިނެވެ. ފަސްޖެހުމާއި އިސްޖެހުމާ އެކީގައެވެ.
 
[ހޫނ! ނިޔުސްގެ ދާއިރާ ދޯ! ތިޔަ ދާއިރާ އިން ޑިޕުލޮމާއާ ޑިގުރީ ހަދާ އިރު ލިޔަން ކިޔަން ދަސްކޮށްދޭތަ؟]

އަންހެން ކުއްޖާ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ލިޔަން ކިޔަން ނޭނގޭ މީހަކަށް އެއްވެސް ރޮނގަކުން ޑިގުރީއެއް ނެގޭނެ ހެއްޔެވެ؟

 [ތި ވިދާޅުވީ ކީކޭތޯ؟]

އެޑިޓަރު ހިމޭންވެލިއެވެ. އޭނާ އަންހެން ކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ސީދާ ލޮލަށެވެ. އަންހެން ކުއްޖާ ކަންބޮޑުވެއްޖެއެވެ. ހާސްވެއްޖެއެވެ. އޭނާ އިނީ ދޭހަ ނުވި ސުވާލުތަކެއްގެ މާ ކަނޑަށްފެތިފެތިއެވެ. ސަބަބު ނޭނގޭ މައްސަލަތަކެއްގެ ކަސްތޮޅުގައި ބެނދެވިފައެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.

އެޑިޓަރު ދެވަނަ ފަހަރު އެ ލިޔުމަށް ބަލައިލިއެވެ. އާދައިގެމަތިން އޭނާގެ ހިތުގައި ކެކިގަތީ ޤައުމީ ލޯބީގެ ފުން ޝުޢޫރުތަކެކެވެ. ޤައުމެއްގެ ދަރީންނަށް ތަޢުލީމު ދިނުމުގެ ބޭނުމަކީ އެ ޤައުމެއް ބިނާކުރާނެ ދަރީންތަކެއް އުފެއްދުމެވެ. ދިވެހިޤައުމުގައި ވެސް މިކަން ވާންޖެހޭނީ މިހެން ނޫންހެއްޔެވެ؟ ދިވެހީން ޙިމާޔަތް ކުރަންޖެހޭ ތަރިކަތަކެއް އެބަހުއްޓެވެ. ވިރާސީ އަމާނާތްތަކެއް އެބަހުއްޓެވެ. މި ބޮޑު ޒިންމާ ބޮލަރުވާން ތިބޭނެ ބަޔަކީ ހެދިބޮޑުވަމުން އަންނަ ޒުވާނުންނެވެ. ކިޔަވައި މަތީ ފާސްތައް ނަގައިގެން އަންނަ ތަޢުލީމުޔާފުތާއިންނެވެ. 
 
ވަޒީފާ އަށް އެދި މި އަންހެން ކުއްޖާ ފޮނުވި ސިޓީއާ އެކު ހުށަހަޅައިފައިވާ ސަނަދުތައް އިއްޔެ ބަލައިލެވުނެވެ. އެ ސަނަދުތައް ހުރީ އޭނާ ކިޔެވި ބަހުންނެވެ. ކުޑަ އިރުއްސުރެ އޭނާ ކިޔެވި ފަރަންޖީ ބަހުންނެވެ. ނޫސްވެރިކަމުގެ ޑިޕްލޯމާއާ ފުރަތަމަ ޑިގްރީގެ ސަނަދު ވެސް މެއެވެ. އެހެންވީމާ އޭނާ ވާނީ އޭނާ އެ ބުނާހެން [ނިޔުސް] ގެ މީހަކަށްތާއެވެ.  އޭގެ ބަދަލުގައި  އޭނާއަށް  [ޚަބަރާ މަޢުލޫމާތުގެ ދާއިރާ އިން މަތީތަޢުލީމު] ޙާޞިލު ކޮށްދެވުނު ނަމަ ކިހައިރަނގަޅު ވީސްހެއްޔެވެ؟ މީގެ މާނައަކީ ފަހަރެއްގައި ވެސް ބޭރުބަހަކުން ނުކިޔަވާށެކޭއެއް ނޫނެވެ. ކިޔަވަންވީ އެވެ. އެކަމަކު ތިމާއަކީ ކާކުކަން، ތިމާގެ ވަޒަނަކީ، އަސްލަކީ ނަސްލަކީ ދީނަކީ ބަހަކީ ކޮބައިކަން ހަނދާން ނެތުނަ ނުދީ އުނގަންނައިދެވުނު ނަމަ، ގައިމު ކުޑަމިނުން އޭނާ ޑިގުރީ ނެގި ދާއިރާގެ ނަން ރަނގަޅަށް ލިޔަން ކިޔަން އޭނާއަށް އެނގުނީސްތާއެވެ.

ދިވެހިޤައުމަށް ޚިދުމަތްކުރުމަށްޓަކައި ދިވެހިދައުލަތުން ޚަރަދުކޮށްގެން ދިވެހިދަރިޔަކަށް ތަޢުލީމީގޮތުން ފުރަތަމަ ޑިގުރީއާ ހަމައަށް ދެވޭއިރު، އޭނާ އަށް ޚަބަރުގެ ހޫނުކަމާއި ހަބަރުގެ ހިތިކަން ވަކި ނުވުމަކީ ޤައުމީ ސުވާލެއް ނޫންހެއްޔެވެ؟ ޤައުމުން އޭނާއަށް ކުރި މާއްދީ ހޭދަޔާއި ޤައުމަށް އޭނާ ކުރަންޖެހޭ މާނަވީ ހޭދައިގެ އެއްވެސް ގުޅުމެއް ނެތެއް ނޫންހެއްޔެވެ؟ މާއްދީގޮތުން ގައުމު އޭނާއަށް ބޮޑު ހޭދައެއް ކޮށްފިއެވެ. އެކަމަކު މާނަވީ ގޮތުން އޭނާއަށް ޤައުމަށް އަދާކޮށް ދެވޭނީ ކޮން އަގެއްހެއްޔެވެ؟ ކޮން ޚިދުމަތެއްހެއްޔެވެ؟ ޤައުމަށް އޭނާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ފުރަތަމަ ޑިގުރީއާ ހަމައަށް ކިޔަވައިދީ  ސަނަދުދީފައި ނެރެވުނު އިރު، ދިވެހިބަހުން ލިޔަން ކިޔާކަށް ނުދަނެއެވެ. މި ވަނީ ކީއްހެއްޔެވެ؟

މި ފިކުރުތަކުގެ ތެރެއިން އެޑިޓަރުގެ ޠަބީޢަތު ފިނިވަމުންދާ ކަހަލައެވެ. އޭނާގެ ނަޒަރުގައި މި ކަމުގައި އެ އަންހެން ކުއްޖާގެ މާ ބޮޑު ކުށެއް ނެތީ ވެސް ތޯއްޗެކެވެ. އަންހެން ކުއްޖާއާ މެދު އޭނާގެ ހިތުގައި ހަމްދަރުދީގެ ޖަޒުބާތެއް އުފަންވަނީ ކަންނޭނގެއެވެ. ކޮންމެއަކަސް  އޭނާ ދެން ކުރީ މުޅިން ތަފާތު ސުވާލެކެވެ. ފެށީ އެހެން ވާހަކައެކެވެ.

[ހުށަހަޅައިފައި ހުރި ސެޓުފިކެޓުތައް އިއްޔެ ބަލައިލީމޭ. މަތީ ނަތީޖާތަކެއް ޙާޞިލްކޮށްފައިވަނީ. މިހާރު އެކަމަކު ނަމެއް ހަނދާނެއް ނެތް. ކޮން ނަމެއް ކިޔަނީ؟]

[ހަމީދާ ކިޔަނީ؟]

ތަންކޮޅެއް އުއްމީދީ އުފާވެރި ގޮތަކަށް އަންހެންކުއްޖާ ޖަވާބު ދިނެވެ.

[ހަ މީދަލޭ؟]

ޠަބީޢަތު ހިހޫވަމުން ދިޔަ އެޑިޓަރު މިފަހަރު އަރާ ޖެހުނީ ނަރުގަނޑު ކޮޅުގައެވެ.  މި އަންހެން ކުއްޖާގެ ކިބައިން އޭނާ ގަބޫލުކުރާ ފެންވަރުގައި ލަފުޒެއްގެ ލިޔުން ވެސް، އަކުރެއްގެ ކިޔުން ވެސް ފާޅެއް ނުވިއެވެ.

[އެހެން ވެއްޖެއްޔާ ތިޔަ ނަން ލިޔަންވާނީ ވެސް ތިޔަހެން]

ގަދަ އަޑުން މިހެން ބުނުމާއެކު ކުރިމަތީގައި އޮތް ނޯޓުފޮތުން ގަނޑެއް ކަނޑައިގެންފިއެވެ. އަދި ރަތް ގަލަމުން އެ ގަނޑުގައި [6 މީދާ] މިހެން ލިޔެފައި އެ އަންހެން ކުއްޖާގެ ކުރިމައްޗަށް މޭޒުމައްޗަށް ޖަހައިފިއެވެ.
 
[އެންމެ ރަނގަޅު މި ހިއްޕަވައިގެން ދެން ވަޑައިގަނޭ! ހައެއް އެއީ އަހަންނަށް މުހިންމު އަދަދެއް ނޫން. އެކެއް ނަމަ ވެސް، މީހަކު ލިބިއްޖެއްޔާ މަށަށް މާރަނގަޅު.

ބުނަން! މީ ދިވެހިރާއްޖޭގައި ދިވެހީންނަށް ކަންކަން އޮޅުން ފިލުވައިދޭ  އިސްޓޭޝަނެއް. ޑިޕްލޮމާ އާއި ޑިގުރީ އޮތަސް، ޚަބަރާއި ހަބަރު، ޙަމީދާ އާއި 6 މީދާ ވަކިވާވަރު ބަޔަކު ލިބިގެން ނޫނީ އަހަރެމެންނަކަށް ރައްޔިތުންނަށް ރަނގަޅު ޞައްޙަ މަޢުލޫމާތު ފޯރުކޮށެއް ނުދެވޭނެ.]
--------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ