އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (36)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

                                                        15 އޮގަސްޓް (ބުދަ ) އާ ގުޅޭ.......
ކުރީގައި އޭނާ ހުރީ ވަރަށް މަޑުމައިތިރި މޫޑެއްގައެވެ. އެކަމަކު މިހާރު އޭގެ ބަދަލުގައި ހަރުކަށި އިންސާނަކަށް އޭނާ ބަދަލުވެއްޖެއެވެ..... އޭނާ ފޯރިއާއެކު މަސައްކަތުގައި އުޅެއެވެ. ނާޖިޔާ ރަށަށް ފޮނުވުމުގެ މަސައްކަތުގައެވެ. ވަރިކުރުމުގެ ކަންތަކުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޖަޔާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. މިހާރު އެއްވެސް ކަމަކާމެދު އޭނާއަކަށް ނުރޮވެއެވެ. ކަރުނަ ހިކިއްޖެއެވެ. ހުސްވެއްޖެއެވެ. ލޮލުން ކަރުނައިގެ ބަދަލުގައި މިހާރު ފެންނަނީ ވީރާނާކަމެވެ.

އޭނާ މިތާގައި އިނދެގެން އަދިވެސް އެކަންތަކާމެދު ވިސްނަނީއެވެ. ދުރުގައިހުރި ގެއަކުން ދެކުއްޖަކު ނުކުމެގެން ކުޅެމުން މިދިމާއަށް އަތުވެއްޖެއެވެ. ޖަޔާ އެކުދިންނާ އިރުކޮޅަކު ވާހަކަ ދައްކާ ހިތްހަމަ ޖެއްސޭތޯ މަސައްކަތް ކުރިއެވެ.

އެކުދިންވެސް ހިނގައްޖެއެވެ. ކުދިންނަކީ އެކަހަލަ ބައެކެވެ...... އަނެއްކާވެސް ޖަޔާ ވިސްނަން ފަށައިފިއެވެ.

ބައެއް ފަހަރު މައިންބަފައިންގެ ޚިޔާލު އާދެއެވެ. އެމީހުންގެ އުފާތަކުގެ އިޙްސާސް ކުރެއެވެ. އެމީހުނަށް ދާއިމީ ގޮތުގައި މިއުފާ ދެވިދާނެއެވެ. ބައެއްފަހަރު ތާނޫ ދައްތަގެ ކުދިންގެ މަތިން ހަނދާންވެއެވެ. އެކުދިންނަށް ދާއިމީ އެހީތެރިކަމެއް އޭނާގެ ފަރާތުން ދެވިދާނެއެވެ. އެކުދިންގެ ޙަޔާތް އާރާސްތު ކޮށްދެއްވި ދާނެއެވެ.

އަދި ބައެއް ފަހަރު އެއްބަނޑު އެއްބަފާ އެހެން ކުދިންގެ ޚިޔާލުތައް ސިކުނޑި ތޮރުފަމުން ދެއެވެ. އަމްޖަދުގެ ސަމާސާ ވާހަކަތައް ހަނދާނަށް އާދެއެވެ.

[ޖަޔާއެވެ. އަހަރެމެންވެސް ބޭރަށް ގެންދަން ވާނެއެވެ. ދުބާއީއަށް ފޮނުވައި ދެނިކޮށް އެންމެ ރަނގަޅެވެ.]
ބައްޕަގެ ސިޓީގައިވާ ޢިބާރާތްތައް އަކުރުން އަކުރަށް އޭނާގެ ހިތަށް ނެގިއެވެ. ހިތް ކުދިކުދިވިއެވެ. އޭނާ ދަރިފުޅަށް ތަޢުރީފުކޮށްފައި އޮތީ ކިހާބޮޑު ޔަޤީންކަމަކާ އެކުގައި ހެއްޔެވެ..... ލަދުވެތިކަމުގެ ޖަޒްބާތުން ފޯވެފައިވާ ޙާލެއްގައި އޭނާ ވިސްނާލިއެވެ...... ޖަލާލީ މިސިޓީ ކިޔާފައި ހިތަށް އަރާނީ ކީކޭ ބާވައެވެ.

މިސިޓީގެ ޖަވާބު އޭނާ ދޭނީ ކޮންގަތަކަށް ހެއްޔެވެ؟

މި ދިރިއުޅުމާމެދު އޭނާ ހިތްހަމަ ނުޖެހޭ ވާހަކަ މަންމަމެންނަށް އަންގަންވީ ހެއްޔެވެ. ތާނޫ ދައްތައަށްފަހު އޭނާވެސް ދާއިމީ ބުރައަކަށް އެމީހުންގެ ކުރިމައްޗަށް ދާންވީ ހެއްޔެވެ؟

ނޫނެކެވެ. ނޫނެކެވެ. އޭނާ ބާރަށް ބޯހޫރާލިއެވެ. ތާނޫ ދައްތަ ގޭގައި މިހާރު އުޅެމުންދާގޮތް އޭނާއަށް ތަޞައްވުރު ކުރެވެން ފަށައިފިއެވެ.... ދާހެދުންތައް ފުންޏަކަށް ޖަހައިގެން ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން އިރުއޮއްސެންދެން ތާނޫ ދައްތަ ދޮވުމުގެ މަސައްކަތުގައި އުޅެއެވެ..... އޭނާއަށް ފަހަރެއްގައިވެސް އެހިތާމައެއް ނުއުފުލޭނެއެވެ.

ތަށި ތެލި ދޮންނަމުންގޮސް ތާނޫ ދައްތަގެ އަތްތިލަ ކިހާވަރަކަށް ބޯވެފައިވޭ ހެއްޔެވެ. ތަރުކާރީ ކޮށުމުގައި ތާއަބަދު އުޅުމުގެ ސަބަބުން އިނގިލިތައް ކަޅުވެފައިވެއެވެ. ނިޔަފަތިތައް ކުރުގެޅިފައިވެއެވެ. އަތްތިލައިގެ ރޮނގުތައް ކަޅުވެފައި ވެއެވެ.

ޖަޔާ ހާސްކަމާއެކު އަތްތިލައަށް ބަލާލިއެވެ.... އޮމާން ރީތި ދޮންއަތަށް ބަލާލިއެވެ.... [ނޫނެކެވެ.... ނޫނެކެވެ.] އޭނާގެ އަނގައިން ބޭއިޚްތިޔާރުގައި އަޑު ނުކުތެވެ. އަދި ކަންބޮޑުވެފައި މޭގައި އަތް ޖައްސާލިއެވެ.

ޖަޔާ އެނބުރި ރަށަށް ނުދާން ނިންމައިފިއެވެ. ކުރީގައިވެސް އޮތީ މިގޮތަށް ނިންމާފައެވެ. އަދި މިހާރު އެޢަޒުމް ގަދަކޮށްލިއެވެ..... އެކަމަކު.....

ސުވާލު ހަމަ އޭގެ މަޤާމުގައި ފައިތިލަ ސާބިތު ކޮށްފައިވެއެވެ. އެނބުރި ރަށަށް ނުގޮސް މިތާނގައި ކުރާނީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ނަތީޖާއަކާ ހަމައަށް ދެވޭތޯ މަސައްކަތް ކުރަނީއެވެ. ކިތަންމެ މަގެއް އެބައޮތެވެ. ޖަލާލީއާއި ސުލްޙަ ވެވިދާނެއެވެ. އޭނާ ދޫކޮށްލާފައި ކޮންމެވެސް ވަޒީފާއަކަށް ދެވިދާނެއެވެ. ފައުޒިއްޔާ ރަފީޤު ކައިރިއަށްގޮސް މައްސަލަތައް ސާފު ކުރެވިދާނެއެވެ.

މިހުރިހާ ކަންތައް ތަކެއްގައި ޢަމަލީ ހެދުން އެޅުވުމަކީ ކިހާ އުނދަގޫ ކަމެއްކަން އޭނާއަށް އެނގިފައެއްނެތެވެ. އެކަމަކު ޖަލާލީ ރުއްސުމާ ޞުލްޙަ ހޯދުމަކީ މިހުރިހާ ކަމަކަށްވުރެ ދަތި އުނދަގޫ ކަމެއްކަން އޭނާއަށް އެނގެއެވެ.

އޭނާ އެތައް އިރެއްވަންދެން އެގޮތަށް ވިސްނަން އިނެވެ. ޖަލާލީ ގެއަށް ވަންނަން ދިޔައިރު ޖަޔާ ފެނިފައި ކުޑަ ހިނދުކޮޅަކަށް ހުއްޓުނުވެސް މެއެވެ. ދެން އަނެއްކާވެސް އެތެރެއަށް އަތުވެއްޖެއެވެ. އޭނާ މިސިޒް ހެރަލްޑާ ސުވާލުކުރިއެވެ.
 
[ނާޖިޔާ ބޭރުގައި އިނީ ކީއްވެގެން ހެއްޔެވެ؟]

މިސިޒް ހެރަލްޑް ހުރީ ބަދިގޭ މަސައްކަތުގައެވެ. ބަދިގޭގެ ކައުންޓަރު މަތީގައި ތަރުކާރީ  ޓުކުރިއެއް ހުއްޓެވެ.

[ގޭތެރޭގައި އަބަދު އޮތުމުން ފިކުރުބޮޑުވާތީ ބޭރަށް ނުކުތީ ކަމުގައި ވެދާނެއެވެ.]

ޖަލާލީ ހިމޭން ވެއްޖެއެވެ.

[އެފަކީރަށް ރަޙުމްކުރުން ޙައްޤެވެ.]

[ތެދެކެވެ. އޭނާއާއި ކައިވެނިކޮށް އަނިޔާތަކެއް ދެވުނުކަމުގެ އިޙްސާސް މިހާރު ވަރަށްބޮޑަށް ކުރެވެއެވެ.]

[މިސްޓަރ ޖަލާލީއެވެ. ނުބައި ގޮތަކަށް ހީނުކުރައްވާށެވެ!]

[ޙަޤީޤަތްވާނީ ހަމަ ޙަޤީޤަތަށެވެ.]

[ވިސްނާލުމަކާ ނުލައި ނާޖިޔާ މިހުރިހާކަމެއް ކޮށްފިއެވެ. މިހާރު އޭނާ އެއިންނަނީ އެކަމުގެ ދެރަ ހީވެފައެވެ. އޭނާގެ ގެއިން އައި ސިޓީތަކުގައި ހުރި ވާހަކަތައްވެސް މިހާރު އަޅުގަނޑަށް ކިޔައިދީފިއެވެ.]

[އާނކެވެ. އެމީހުން ތިބީ ވަރަށް އުފަލުންނެވެ.... ޝައްކެއްނެތް ގޮތުގައި ނާޖިޔާ މިހުރިހާ ކަމަކަށް ވިސްނުން ޙައްޤެވެ. އެކަމަކު......]

[އޭނާ އެމީހުނަށް ޖަވާބެއްވެސް ނުފޮނުވައެވެ.]
މިސްޓަރ ޖަލާލީ ފިނި ނޭވާއެއް ދޫކޮށްލިއެވެ..... [އާނއެކެވެ. އެމީހުނަށް ޙަޤީޤަތް އެނގިއްޖެއްޔާ ވަރުގަދަ ޝޮކެއް ލިބޭނެއެވެ. ނާޖިޔާ މިކަމާއިމެދު ވިސްނީ ކަންނޭގެއެވެ.]

[ތިޔަ ބުނުއްވީ ރަނގަޅަށެވެ.]

ޖަލާލީ ހިނދުކޮޅަކު ހިމޭނުން ކޮޅަށް ހުއްޓެވެ. ބަދިގޭގެ ހުޅަނގު ފަރާތު ކުޑަދޮރު ހުޅުވާފައި ހުއްޓެވެ. އަދި ލޮލުކޮޅަށް ފެންނަ ހިސާބަށް މަލުގެ ވާދީ ދެމިފާއޮތެވެ. އެމާތައްވެސް ކުނިތަކުގެ އުނދަގޫ ލިބިގަނެއެވެ. ޖަލާލީ ހަމަ އަވަހަށް އަނެއް ފަރާތަށް މޫނު އަބުރާލިއެވެ.

މިސިޒް ހެރަލްޑް ބަދިގޭން ނެކުމެގެން ހިނގައްޖެއެވެ.

ޖަލާލީ އަމިއްލައަށް ކޮފީ ތައްޓެއް ތައްޔާރު ކޮށްލިއެވެ. އަދި މޭޒު މަތީގައި އިށީނދެފައި ކޮފީބޯން ފަށައިފިއެވެ. މިސިޒް ހެރަލްޑް ޖަޔާ ހޯދަމުން މަލުގެ ވާދީއަށް ނުކުމެއްޖެއެވެ.

[ހަލޯ ނާޖިޔާއެވެ!]

ނާޖިޔާ އެއަޑު އެހިއެވެ. އެކަމަކު އިވުނު ކަމަކަށް ނެހެދިއެވެ.

[ނާޖިޔާއެވެ....!] މިސިޒް ހެރަލްޑް ކައިރިއަށް އައިސް އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
ނާޖިޔާ އިސްއުފުލާލިއެވެ. އަދި ވިދުވަރު ކެނޑިފައިވާ ލޮލުން މިސިޒް ހެރަލްޑާ ދިމާއަށް ބަލާލިއެވެ. އޭނާގެ ލޯ ރަތްވެފައިވެއެވެ.

[ތެދުވަންނަވާށެވެ!]

[ކީއްކުރަންހެއްޔެވެ؟!]

[ބޭރަށް ގޮސްލަން ކަމަށެވެ.]

[ކޮންތާކަށްހެއްޔެވެ.]

[ކޮންމެވެސް ދިމާއަކަށެވެ.]

ނާޖިޔާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

[ކިހިނެއްވީތޯއެވެ......؟]

[އެއްވެސް ތާކަށް ދާކަށް ހިތެއް ހަމައެއް ނުޖެހެއެވެ.]

[ތިޔަކަން ހަމަޖެހި ދާނެއެވެ.] މިސިޒް ހެރަލްޑް ބުންޏެވެ. [އަޅުގަނޑުމެން ފުރަތަމަ ދާނީ ހައިވޭއަށް ބުރެއް އަޅާލާށެވެ. ދެން ރެސްޓޯރަންޓަކަށް ގޮސް ކާނީއެވެ. އޭގެ ފަހުގައި ވިޔަފާރި ކޮށްލަން ދާނީއެވެ. އަދި މިސްޓަރ ޖަލާލީގެ މެނޭޖަރގެ ގެއަށްވެސް ދާންވެފައި އެބައޮތެވެ. އޭނާގެ އަންހެނުން ޖަޔާއާއި ބައްދަލުކުރުމަށް އެދިފައިވެއެވެ.]

[އޭގެ ފަހުގައި.....؟] ޖަޔާ ހެރަލްޑާ ދިމާއަށް ބަލާލިއެވެ.

މިސިޒް ހެރަލްޑް ބާރަށް ހީނގަތެވެ. ޖަޔާވެސް ހިނިތުން ވެލިއެވެ.

[އޭގެ ފަހުގައި.... އޭގެ ފަހުގައި..... މިރޭ އަޅުގަނޑުމެން ފިލްމު ބަލާނީއެވެ. ވަރަށް މޮޅު ފިލްމެކެވެ.]

ޖަޔާ ހިލަގޮނޑިން ތެދުވެއްޖެއެވެ. ގަމީސް ރީތިކޮށްލިއެވެ. އަދި މުޅި ހެދުން ފޮޅާލުމާއެކު އަނބުރައި ގަންނަ ކަހަލަ ގޮތެއްވެސް އޭނާއަށް އިޙްސާސް ކުރެވުނެވެ.

އޭނާ ލޯ މަރާލިއެވެ. އަދި ހަށިގަނޑު ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ. މިސިޒް ހެރަލްޑް ބިންމަތިން މާހޮވަނީއެވެ. އޭނާ ޖަޔާއާ ދިމާއަށް ބަލާލުމަކާ ނުލައި ބުންޏެވެ.

[ނާޖިޔާއެވެ. އަޅުގަނޑު މިތާނގައި ދެން ހުންނާނީ ދެދުވަހެވެ. މިދެދުވަހުގެ ތެރޭގައި ވަރަށްގިނަ ތަންތަން ދައްކާލަން ނާޖިޔާ ގޮވައިގެން ދާނަމެވެ.]

[ނާޖިޔާ ލޯހުޅުވާލިއެވެ. އަދި ޙައިރާން ކަމާއެކު މިސިޒް ހެރަލްޑްގެ މޫނަށް ބަލާލިއެވެ. އޭނާ އަވަހަށް ބުންޏެވެ. [ދެދުވަހޭ؟]

[ލައްބައެވެ!]

[ދެން ދާނީ ކޮންތާކަށް ހެއްޔެވެ؟]
(ނުނިމޭ......)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ