Print

ވެލާނާގޭ އިބްރާހީމް ނާޞިރަކީ ޤައުމީ ބަޠަލެއް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު
    
މީލާދީން 1958 ން 1962 ގެ ދުވަސްވަރަކީ ދެކުނުގެ ބަޣާވާތުގެ ދުވަސްވަރެވެ. (އެދުވަސްވަރަކީ، މުއާޞަލާތުގެ ގޮތުން ވަރަށް ފަޤީރު ދުވަސްވަރެކެވެ.)ބޮޑުވަޒީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ފުރަތަމަ ފަހަރަށް ހުވަދުއަތޮޅަށް ވަޑައިގަތީ "މޯލްޑިވް ސްޓާރ" ގަ އެވެ. އެއީ 1959މ. ވަނަ އަހަރެވެ. ބޮޑުވަޒީރު އިބްރާހީމް ނާޞިރު ދެވަނަ ފަހަރަށް ހުވަދުއަތޮޅަށް ވަޑައިގަތީ "ސިލްވަރ ކްރެސްޓް" ގަ އެވެ. އެއީ 1962މ. ވަނަ އަހަރެވެ.ދެކުނު ގަޑުބަޑާއި ގުޅިގެން އައްޑުއަތޮޅަށާއި، ފުވައްމުލަކަށް އިބްރަހީމް ނާޞިރު ވަޑައެއްނުގަންނަވައެވެ.
   
އައްޑުއަތޮޅުގައި ހަމަނުޖެހުން ހިނގިއިރު ހުވަދުއަތޮޅުގެ ވިޔަފާރިވެރީން (އޮޑިފަހަރު) ތިބީ ކޮޅުބުގަ އެވެ. އައްޑުއަތޮޅުގައި ސުވާދީބު ސަރުކާރު އިޢުލާންކުރިއިރު ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ ނ.ތ.ޙަސަން ދީދީ ހުންނެވީ ކޮޅުބުގަ އެވެ. އަތޮޅުވެރީން އަތޮޅަށް ވަޑައިގަތީ، ކޮޅުބުން ވައިގެމަގުން އައްޑު އަތޮޅަށް ވަޑައިގެން، އެ އަތޮޅުން ކަނޑުމަގުން ނެވެ. އޭރު ވެސް އޮޑިފަހަރު ތިބީ ކޮޅުބުގަ އެވެ. ހުވަދުއަތޮޅު ހަވަރުތިނަދޫގައި ފުރަތަމަ ފަހަރަށް ބަޣާވާތްކުރީ ކޮޅުބުގައިތިބި އޮޑިފަހަރު ހަވަރުތިނަދުވަށް އައިސް އެރަށުގެ ބޭރުގައި ކަރަންޓީނުގައި ތިބި ދުވަސްވަރުގަ އެވެ. ފުވައްމުލަކާއި، ހުވަދުއަތޮޅުގެ ރައްޔިތުން ސުވާދީބު ސަރުކާރަށް ބައިޢަތުހިފީ އެ ސަރުކާރުން އެދިގެންނެއް ނޫނެވެ. އަދި އައްޑުއަތޮޅުން ހުވަދުއަތޮޅާއި ފުވައްމުލަކަށްގޮސް ޚާއްޞަ ޙަރަކާތްތަކެއްވެސް ނުހިންގަ އެވެ. ހަމައެފަދައިން އެ ދެ އަތޮޅުން އައްޑުއަތޮޅަށް ގޮސްގެންވެސް ޚާއްޞަ ޙަރަކާތެއް ނުހިންގަ އެވެ. އެހެންނަމަވެސް ހުވަދުއަތޮޅުގެ ރައްޔިތުން ގައްދުވަށް އަރައި އެރަށް ސުންނާފަތިކުރި އެވެ. އެކަމަކީ ވެސް ސުވާދީބު ސަރުކާރުގެ އެންގުމަކަށް ހިންގި ހަރަކާތެއްކަމެއް އެނގޭކަށްނެތެވެ.

އައްޑުއަތޮޅުގައި ފުރަތަމަ ކުރީ ބަޣާވާތެވެ. އެއީ ޖެނުއަރީ 1، 1959މ. ގައެވެ. އެ އަތޮޅުގައި ސުވާދީބު ސަރުކާރު އިޢުލާންކުރީ މާރޗް 3، 1959މ. ގަ އެވެ. ނަމަވެސް ދެފަހަރަށް ވެސް ހުވަދުއަތޮޅުގައި ކުރީ ބަޣާވާތެވެ.ހަވަރުތިނަދޫގައި ފުރަތަމަ ފަހަރަށް ބަޣާވާތްކުރީ ފެބްރުއަރީ 16، 1959މ. ދުވަހުގެރޭ 08:30 އެހާކަންހާއިރުގަ އެވެ. އެ ހާދިސާއަށްފަހު އެ އަތޮޅު ދިވެހިސަރުކާރުން ބަރީއަ ވެގަތެވެ. އޭގެފަހުން ހިނގާފައިވާ އަނެއް ހާދިސާއަކީ އަތޮޅުވެރިޔާ ނ.ތ. ޙަސަން ދީދީ އަށް ހާނީއްކަކުރުމުގެ ހާދިސާ އެވެ. އެކަން ހިނގާފައިވަނީ،އޭޕްރީލް 26، 1959މ. ހުކުރު ދުވަހު މެންދުރުކުރީގެ ވަގުތެއްގަ އެވެ. އެ ހާދިސާއަށްފަހު ދިވެހިސަރުކާރުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެނައީ ޖުލައި 17، 1959މ. ގަ އެވެ. އައްޑުއަތޮޅަށް ދިޔަ ހުވަދުއަތޮޅުގެ މީހުންގެތެރެއިން 140 މީހުން ހަވަރުތިނަދުވަށް އައިސް އެރަށުގައި ތިބި ދިވެހި ސަރުކާރުގެ ސިފައިންނަށް އަނިޔާކޮށް ދެވަނަ ފަހަރަށް ބަޣާވާތްކުރީ ޖޫން 16، 1961މ ގަ އެވެ. ހަވަރުތިނަދުވަށް މީހުންގެ ތެރެއިން ނުވަދިހަ އިން ސައްތަ މީހުންނަކީ އެރަށުގެ މީހުންނެވެ. އެމީހުންގެ ތެރޭގައި އައްޑުއަތޮޅުގެ އެއްވެސް މީހަކު ނުހިމެނެ އެވެ. އެ ޙާދިސާ އާއި ގުޅިގެން ހަވަރުތިނަދޫން މީހުން ބޭލީ ފެބްރުއަރީ 4، 1962މ. ގަ އެވެ.

ހަވަރުތިނަދޫ ފަޅުކުރުމަށްފަހު ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅުވެރިކަން ދެއްވީ އޭޕްރީލް 7، 1962މ. ގައި ގދ.ގައްދޫ ޙުސައިން މަނިކަށެވެ. މީލާދީން 1968 ވަނަ އަހަރު ހަވަރުތިނަދުވަށް ބަދަލުކަރައްވަންދެން އަތޮޅުއޮފީސް ހިނގަމުންދިޔައީ ގައްދޫގަ އެވެ. އަދި ވޯޓުން ހޮވިގެން، ޖެނުއަރީ 1، 1971މ. ގައި އަތޮޅުވެރިކަމުގެ މަޤާމާހަވާލުވެވަޑައިގަތީ ހަވަރުތިނަދޫ އަތިރީގޭ މޫސާ ފަތުޙީ އެވެ. ޖެނުއަރީ 1، 1973މ. ގައި އަތޮޅުވެރިކަން ލިބިވަޑައިގަތީ ހަވަރުތިނަދޫ މާކޯނި ޢަބްދުއްޞަމަދު ޙުސައިނަށެވެ. 1975 ގައި ޢަބްދުޞަމަދު ހުސައިން އެ މަޤާމުން ވަކިކޮށް ވަގުތީގޮތުން އަނެއްކާ ވެސް މަޤާމު ޙަވާލުކުރެއްވީ މޫސާ ފަތީޙީ އާއި އެވެ. ރައްޔިތުންގެ ވޯޓުން އަތޮޅުވެރިން ހޮވާ ނިޒާމުގެ ސަބަބުން އަތޮޅުތައް ގަޑުބަޑުވެ މުޅިނިޒާމު ބޮއްސުންލުމުގެ ސަބަބުން އެ ނިޒާމު އުވާލައްވައި، ފަތްކޮޅު ދެއްވާފައި 1976މ. ވަނަ އަހަރު ކަރޯޅަތުއްތު ފޮނުވުމާހަމަޔަށް އަތޮޅުވެރިކަމުގެ މަޤާމުގައި (ވަގުތީގޮތުން) ހުންނެވީ މޫސާ ފަތުޙީ އެވެ. ފެބްރުއަރީ 4، 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލުމަށްފަހު އޮގަސްޓް 22، 1966މ. ގައި ދެވަނަ ފަހަރަށް ހަވަރުތިނަދޫގައި މީހުން ވަޒަންވެރިކުރެއްވުމާއިހަމަޔަށް މޫސާ ފަތުޙީ ހުންނެވީ މަޑަވެލީ ކަތީބުކަމުގެ މަޤާމުގަ އެވެ.

އައްޑުއަތޮޅުގައި އިޢުލާންކުރި ޣައިރުޤާނޫނީ ސަރުކާރު ނިމުމަކަށް ގެންނެވީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސީންގެ ފަރާތުން އެފަދަ އެހީއެއް ނުހޯއްދަވަންވެގެން 12 ރައިފަލް ބައްލަގައިތީ ވެސް "ކެނެޑާ" އިން ނެވެ. ގުރޭޓްބްރިޓަން އާއި ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަނގަބަހުން ހަނގުރާމަ ކުރެއްވި ދުވަސްވަރު މިޞްރާއި، އިންޑިއާ އަދި ސިރިލަންކާގެ ލަފާ ވެސް ހޯއްދެވި އެވެ. އިންޑިއާ ގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ އެރުއްވި ލަފާފުޅަކީ ތިއީ އިނގިރޭސީން ނެވެ. ފުކެއް ވެސް ދޫކޮށްނުލައްވާށެވެ. ހިފަހައްޓަވައި ފިނަމަ އެމީހުން ދޫކޮށްލާނެ އެވެ. ފަހުން އެނބުރި އަންނާނެއެވެ. ތެދެކެވެ. 1972މ. ވަނަ އަހަރު އިނގިރޭސި ރާނީ މާލެ ވަޑައިގަތެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ޖުލައި 26، 1965މ. ވަނަ ދުވަހު ސޮއިކުރެއްވުމުން އާދެ! ބީބީސީން ޚަބަރުކުރީ އެކަމުގެ ސަބަބުން އިނގިރޭސީންގެ ދިދަ ތިރިކުރާކަށްވެސް ނުޖެހެއެވެ. ސޮއިކުރީވެސް ދިވެހިރާއްޖެއަކުވެސް ނޫނެވެ. އަދިވެސް އެއްބަސްވެފައިވާ ސަރަހައްދު އޮތީ ކޮމަންވެލްތުގެ ރައްކާތެރިކަމަށެވެ. (އަދެ! އެއީ އައްޑުއަތޮޅު ގަމާއި، އެ އަތޮޅުގެ 110 އޭކަރުގެ ބިމެވެ.)
 
 
އަނގަބަހުން ވިއަސް އަދި އެނޫން ގޮތަކުން ވިއަސް ގުރޭޓް ބްރިޓަން އާއި ދެކޮޅަށް ތެދުވެވަޑައިގެން އަޑު އުފުއްލެވި ޒަޢީމަކީ ދިވެހި ފަސްގަނޑަށް އުފަން އިބްރާހީމް ނާޞިރެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެފަދަ ދެވަނަ ލީޑަރަކު އެބަހުރިބާވަ އެވެ؟ ހުއްޓަސް ވަރަށް މަދުވާނެ އެވެ. އެމީހުންގެ މަޅީގައި ނުޖެހެންވެގެން ބޮޑުވަޒީރު ސީދާ އެމީހުންނާއި މުޢާމަލާތެއް ވެސް ނުކުރެއްވި އެވެ. ކުރިމަތި ވެފައި އޮތީ ސީރިއަސް މައްސަލައެއްކަމަށްވާތީއެވެ. ސީދާ ވާހަކަ ދެއްކުމަކީ ސަމާސާއެއްވެސް ކުރެވިދާނެ ކަމެއްކަމަށް ޤަބޫލުފުޅުކުރެއްވޭތީ ކަމަށްވެސް ވެދާނެ އެވެ. އެމީހުންގެ ވާހަކަ އަޑުއެއްސެވުމަށްފަހު، މެދުވެރިއަކު ލައްވައި ޖަވާބު ދެއްވަނީ ވެސް އެ ސަބަބައްޓަކައިކަމަށް ވެދާނެ އެވެ. އެމީހުނާއި ދެކޮޅަށް ކުރެއްވި ހަނގުރާމައިގައި ބްލެކްޕޫލާ ޙަމަލަ ދެއްވީ ވައިޓްޕޫލެވެ. ޑޭވީ އާއި ދެކޮޅަށް މުޒާހަރާ ކުރުމުގައި އިސްކޮށް ތިބީ ހިތްވަރުގަދަ ދިވެހި އަންހެނުންނެވެ. ވައިގެބަނދަރު ހެދީ އެތަނުގައި "ގޯބެކް ޑޭވީ" ލިޔެފައިވާ ނަންބޯޑެއްވެސް ޖަހައިގެންނެވެ. އެގޮތުން ޑޭވީ ވެސް ފޮނުވާލީއެވެ. އެދުވަސްވަރު އެކަންކަން އާދެ! އިނގިރޭސީންގެ ރޭވުންތައް ތަޖްރިބާކުރި ފަރާތްތަކުން ޤަބޫލުކުރަނީ، އިނިރޭސީންނާއި ނުލައި މިރާއްޖޭގެ މިނިވަންކަން ދެމިއޮތުމަށެވެ! އަދި އިސްލާމްދީން ވެސް ދެމިއޮތުމަށެވެ!



(ނިމުނީ)
 


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ