އަދުގެ ޚާއްސަ

Print

ލިބާސް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ލިބާހަކީ އިންސާނާ ކިބުރުވެރި ކުރުވާ އެއްޗެކެވެ.

އޭނާގެ ހިތަށް އެރި އެވެ. ލިބާހެއް ނުލައި، މުޅީން ބަރަހަނާ ވެގެން ރަށު ތެރޭގައި ބުރެއް ޖަހައިލާން ވީއެވެ. ހުރިހައި މަގަކުން ހިނގައިލާން ވީއެވެ. އެކަމަކު...

އެއީ ފަސޭހަ ކަމެއް ހެއްޔެވެ؟

އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެކަމަކު ނުކުރެވޭ ވަރުގެ ކަމެއްވެސް ނޫނެވެ. ފުރާނަ އަކަށް ނުރައްކަލެއް ނުވާނެ އެވެ. ރޫޙު މަރު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ރޫޙަކީ މަރު ވާ އެއްޗެއް ނޫނެވެ. ރޫޙަކީ ފުރާނަ އެވެ.

ރޫޙުގެ ލިބާހަކީ ހަށިގަނޑެވެ. ހަށިގަނޑުގެ ލިބާހަކީ ތަހުޒީބެވެ.

މި ތަހުޒީބަކީ ކޮން ތަނަކުން އައި އެއްޗެއް ހެއްޔެވެ؟

އެއީ އައި ނައި ތަނެއް ނޭނގި ކުއްލި އަކަށް އައި އެއްޗެކެވެ. ބިރަކީ ވެސް އެ ކަހަލަ އެއްޗެކެވެ. އެއީ ވެސް މުޅިން ކުއްލިއަކަށް، އަމިއްލަ އަށް އުފެދޭ އެއްޗެކެވެ. ހުރިހައި ބިރެއްގެ އަސްލަކީ ލިބާސް ކަމަށް ވުން އެކަށީގެން ވެއެވެ. ލިބާސް ބޭލުމާ އެކު ހުރިހައި ބިރެއް ފިލައިގެން ހިނގައިދާނެ އެވެ.

އޭނާ އަމިއްލަ އަށް ހުރިހައި ސުވާލަކަށް ޖަވާބު ދީ ނިންމައިލި އެވެ. މި ސުވާލާއި ޖަވާބަކީ އޭނާޔާ ދިމާވީ ކަމަކުން އުފެދުނު އެއްޗެކެވެ. އެއީ މީގެ ހައެއްކަ ދުވަސް ކުރީގެ ކަމެކެވެ. އޭނާ ބާޒާރު މަތީގައި އުޅެނިކޮށް މަގު މަތިން ހިނގައިފައި ދިޔަ މުސްކުޅިއަކު ފެނިއްޖެ އެވެ. އެ މީހާގެ ގަޔަކު އެންމެ ފޮތިކޮޅެއް ވެސް ނެތެވެ. ހުރީ މުޅިން އޮރިޔާމުންނެވެ. އެހެން ނަމަވެސް އޮރިޔާން ކަމުގެ އިޙްސާސެއް އެ މީހާ އަކަށް ނުކުރެވެ އެވެ. ހިތް ހަމަ ޖެހިގެން ހުރެ ކޮޅު ކޮޅު މައްޗަށް ހިނގަނީ އެވެ. ހީވަނީ އޭނާ ފިޔަވައި ބާޒާރު މަތީގައި އުޅޭ އެންމެން ތިބީ އޮރިޔާމުން ހެންނެވެ. ލިބާހެއް ލައިގެން ހުރީ އޭނާ އެކަނި ހެންނެވެ. ބައެއް ފަހަރު އޭނާގެ ލޮލުން ބިރުވެރިކަން ފައުޅު ވެއެވެ. ހީވަނީ މިނިކާ ޖަނަވާރު ތަކެއްގެ މެދުގައި ހުރެވެނީ ހެންނެވެ. އެކަމަކު އެ ބިރުވެރި ކަމުގެ އަސަރު ކުޑަ ހިނދު ކޮޅަކަށް ހުރެފައި ފިލައިދެ އެވެ. މޫނުމަތި އާދައިގެ ގޮތަކަށް ބަދަލު ވެގެން ހިނގައިދެ އެވެ. ލަންޑަނުގެ ކުލަބު ތަކުގައި އޮރިޔާމުން ނަށާ އަންހެނުންގެ މޫނުމަތީން ފެންނަ ކަހަލަ ކުލަވަރެއް ފެންނާން ފަށަ އެވެ. މިއުޒިކް ގެ ހަމަޔަށް އެ ކުދީން ނަށަމުން ދާ އިރު ދާނީ ލިބާސް ބާލަމުންނެވެ. ހީވަނީ ކޮޓަރިއެއްގައި އެކަނިމާ އެކަނި އިނީ ހެންނެވެ. އެތައް ބައެއްގެ ކުރިމަތީގައި އޮރިޔާން ވަނީ އެވެ. އެއީ އެ ކުދީން ތަރުބިއްޔަތު ކުރެވިފައިވާ ގޮތެވެ. ދަސް ކޮށް ދީފައިވާ ގޮތެވެ.

ރީތި، މޮޅު ލިބާހެއް ލީމާ ކޮންމެ މީހަކު ވެސް ފެންނާނީ މޮޅު، ގަދަރުވެރިއެއްގެ ގޮތުގަ އެވެ. މިއީ އެ ކުދިން ދަންނަ ގޮތެވެ. މޮޅު ކަމަކީ ލިބާހެއް ނުލައި ހުރެގެން ތިމާގެ އަބުރު ރައްކައުތެރި ކުރުމެވެ. އެއީ ފަންނެކެވެ. އިންސާނާގެ އަސްލު ސިފަ އަކީ އެއީ އެވެ. އުފަން ވަނީ އޮރިޔާމުންނެވެ. އޭގެ ފަހުން ތަހުޒީބުގެ ބަރު ލިބާސް ތިމާގެ ރޫޙާއި ހަށިގަނޑަށް މަހަނީ އެވެ. އެކަމަކު އޮރިޔާން ނިވަލެއް ނުވެ އެވެ. މި ޒަމާނުގެ މީހުން ތިބެނީ ލިބާސް ލައިގެން އޮރިޔާމުންނެވެ. އިހު ޒަމާނުގައި އުޅުނު މީހުން ތިބެނީ ހޮހަޅަ ތަކުގަ އެވެ. މިއަދު އޮރިޔާންކަން ފެތުރިފައި މި އޮތީ ބޮޑެތި ސަހަރު ތަކަށެވެ. އިހު ޒަމާނުގެ މީހުން އޮރިޔާންކަން ފިލުވަނީ ހޮހަޅަތަކުގެ އަނދިރިކަމުގެ އެހީގަ އެވެ. މި ޒަމާނުގެ މީހުން އޮރިޔާންކަން ފިލުވަނީ ތަހުޒީބުގެ އެހީގަ އެވެ. ލިބާސް ބައު ވީމާ ތަން ތަން ގަނޑުން ވީދި ބާ ގަނޑު ގަނޑު ހެދެ އެވެ. އެ ތަން ތަނުން ހަށިގަނޑު ފެނެ އެވެ. ތަހުޒީބު ވެސް ބައު ވެއްޖެ އެވެ. ތަން ތަން ގަނޑުން އިރަ އިރައިގެން ހިނގައްޖެ އެވެ. އިންސާނީ އަޚްލާޤު ބަރަހަނާ ވެއްޖެ އެވެ.

އޭނާގެ ހިތަށް އެރި އެވެ.

ލިބާސް ބައު ވީމާ އައު ލިބާހެއް ހޯދަނީ އެވެ. އެއީ ހަށިގަނޑު ކަޝްފު ވެދާނެތީ އެވެ. ލަދު ޙަޔާތް ރައްކައު ކުރާން ވެގެންނެވެ. އެކަމަކު ބޯ ހިޔަލެއް ނެތް މީހުންގެ އަތަކު މާ ގިނަ ލިބާހެއް ނުހުރެ އެވެ. ކޮއްތަށް ދީފައި ބަނޑަށް ދޭ ވަރަށް ލަދު ޙަޔާތް އޮވެ އެވެ. ގަނޑުވަރުތަކުގައި އުޅޭ މީހުންގެ އަތުގައި ގުނައި ޢަދަދު ނުކުރެވޭ ވަރަށް ލިބާސް ހުރެ އެވެ. އެކަމަކު ލަދު ޙަޔާތުގެ ކަންވާރު ހުންނަނީ ހުސް ވުމަކާ ދާދި ގާތުގަ އެވެ. މި ދެ ބައި މީހުން އެއް ހަމަ އަކަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ ދެ ބައި މީހުން އަޅައި ބެލޭނޭ ގޮތަކީ ކޮބައި ހެއްޔެވެ؟

ލިބާސް ބައު ވީމާ އައު ލިބާސް ހޯދަނީ އެވެ. ތަހުޒީބު ބައު ވީމާ އައު ތަހުޒީބެއް ހޯދަނީ އެވެ. މި ޒަމާނުގެ ތަހުޒީބު އައިސް އިންސާނާގެ ހަށިގަނޑާއި ރޫޙު އޮރިޔާން ކޮށްފި އެވެ. އިންސާނިއްޔަތު ހޮހަޅަތަކުގެ އަނދިރި ކަމުގެ ތެރެ އަށް ވަދެ ފިލައިފި އެވެ. އަމިއްލަވަންތަކަން މިހާރު އޮތީ ބައު ފޮތްތަކުގެ ޞަފްޙާ ތަކުގަ އެވެ. ބިރުވެރި ކަމާއި އަނިޔާވެރި ކަމުގެ މަޅީގައި ބެދިފައިވާ މީހަކު ލިބާހަކުން ކުރާނޭ ކަމެއް އޮންނާނޭ ހެއްޔެވެ؟ ހަށިގަނޑު ހުދު ކާފޫރަށް ވެގެން ވަޔަށް އަރައިގެން ގޮސް ހުސްވީމާ ފޮރުވާނޭ އެއްޗެއް އޮންނާނޭ ހެއްޔެވެ؟

ބައެއް މީހުން ތިބެނީ ލިބާހެއް ނެތިފަ އެވެ. ލިބާސް ހުންނަ މީހުންގެ އަތުގައި ހުރި ލިބާސްތައް ބައު ވެއްޖެ އެވެ. ތަން ތަން ގަނޑުން އިރައިގެން ހިނގައްޖެ އެވެ. ހަށިގަނޑު ނިވަލެއް ނުވެ އެވެ. އަހަރެމެންގެ ތަހުޒީބެކޭ އެއް ފަދައިންނެވެ.

އޭނާގެ ކަޅި ގޮސް ހުއްޓުނީ ދުވާރު މަތީގައި އިން އަންހެން ކުއްޖާގެ މައްޗަށެވެ. އެއީ ސަލާން ޖަހާ ކުއްޖެކެވެ. އަތުގައި އޮތީ މަތި ކަނޑައިފައި އޮތް ގެރިކިރު ހުސް ކުރި ދަޅެކެވެ. އެއީ ފުރާވަރުގެ ޢުމުރަށް އަޅައިގެންފައި އިން، ސަމައްތަރު ހެޔޮ، ރީތި ކުއްޖެކެވެ. ލައިގެން އިން ލިބާސް ވަނީ އެކި ދިމަ ދިމާއިން ވީދިފަ އެވެ. އެ ކުއްޖާގެ ކައިރީން ލައިފައި ވަރަށް ގިނަ މީހުން ދެ އެވެ. އެކި ފެންވަރުގެ މީހުންނެވެ. ކާތިބުންނެވެ. ވަކީލުންނެވެ. މުއްސަނދީންނެވެ. މެދު ފަންތީގެ މީހުންނެވެ. އެންމެ އާދައިގެ މީހުންނެވެ.

އޭނާ ޖީބުން ރުފިޔާ އެއް ނަގައިގެން އެ ކުއްޖާޔާ ދިމާ އަށް ހިނގައިގެންފި އެވެ. އެ ކުއްޖާޔާ ބޮޑަށް ކައިރި ވެވެން އޮތް ގޮތަކީ އެއީ އެވެ. އޭނާގެ ނަޒަރު އެ ކުއްޖާގެ މޭ މަތީން ފެށިގެން ގޮސް ބަނޑަށް ހުއްޓިއްޖެ އެވެ. އެއީ ހުސް ބަނޑެކެވެ. އޮތީ ބުރަކަށީގައި ތަތް ލާފަ އެވެ. އަހަރެމެންގެ އީމާން ކަމެކޭ އެ ކުއްޖާގެ ބަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ.

އޭނާގެ ހިތަށް އެރި އެވެ.

ހުސް ވެފައި ވަނީ އެ ކުއްޖާގެ ބަނޑު ބާވަ އެވެ؟ ނުވަތަ އީމާންކަން ބާވަ އެވެ؟

އޭނާ ވިސްނައިލި އެވެ. ލިބާހުގެ މައްސަލަ ނުނުކުންނަ ނަމަ ބަނޑާއި އީމާންކަން ހުސް ވެފައި ވާތީ ލަދު ގަންނާކަށް ނުޖެހުނީހެވެ. އޭނާ އަމިއްލަ ނަފްސުގެ މައްޗަށް ކަޅިއެއް ހިންގައިލި އެވެ. އޭނާ ގަޔަށް މަހައިފައިވާ މޮޅު ލިބާހުގެ ސަބަބުން ޤަދަރުވެރި ކަމާއި މޮޅުކަން ފައުޅު ވެއެވެ. އެހެންނަމަވެސް އޭނާގެ ޤަދަރުވެރި ހަށިގަނޑު މިހާރު އެ ދަނީ އެ ޒުވާން ކުއްޖާގެ ދޮން ހަށިގަނޑަށް އެދެމުންނެވެ. އޭނާގެ އަތުގައި އޮތް ރުފިޔާ ފެނުނީމާ އެ ކުއްޖާ ހިނިތުން ވެލި އެވެ. އޭނާ އަށް ހީވީ އޭނާގެ މޮޅު ލިބާހާއި އައު ތަހުޒީބަށް އެ ކުއްޖާ މަލާމާތް ކުރަނީ ކަމުގަ އެވެ. އޭނާ ލިބާސް ރަނގަޅު ކުރަމުން އެ ކުއްޖާ ފަސްދީ ބާރަށް ހިނގައިގެންފި އެވެ.
    
އިރުކޮޅެއް ފަހެވެ.

އޭނާ ހުރީ ތިއޭޓަރެއްގެ ހެދުން ބަދަލު ކުރާ ކޮޓަރިއެއްގަ އެވެ. އެ ތާނގައި ހުރި ބޮޑެތި އަލަމާރި ތަކުގައި އެކި ވައްތަރުގެ ހެދުން އެލުވައިފައި ހުއްޓެވެ. އޭނާ ސިފައިންގެ މީހެއްގެ ހެދުން ނަގައިގެން ލައިފި އެވެ. މިހާރު ހީވަނީ ހަމަ ސިފައިންގެ މީހެއް ހެންނެވެ. އޭގެ ފަހުން ރަސްކަލެއްގެ ހެދުން ލައިފި އެވެ. އޭގެ ފަހުން މަސައްކަތު މީހެއްގެ ހެދުމެވެ. އޭގެ ފަހުން ޑަކްޓަރެއްގެ ހެދުމެވެ. ކޮންމެ ހެދުމެއް ލުމަށް ފަހު ލޯގަނޑުން ބަލައިލަ އެވެ. އެއިން ކޮންމެ ހެދުމަކާ އެކު އޭނާގެ ޝަޚްޞިއްޔަތު ބަދަލު ވެގެން ދެ އެވެ. މުޖުތަމަޢުގެ ކޮންމެވެސް މީހަކަށް އޭނާ ވެގެން ހިނގައިދެ އެވެ. އެކަމަކު އެއިން ކޮންމެ ހެދުމެއްގެ ވެސް އެތެރޭގައި އޮތީ އޭނާގެ ބަރަހަނާ ހަށިގަނޑެވެ.
އޭނާގެ ހިތަށް އެރި އެވެ.

އިންސާނާ ފާހަގަކޮށް އަންގައި ދޭ އެއްޗަކީ އޭނާގެ ލިބާހެވެ. އެތައް ހާސް، އެތައް ލައްކަ އަހަރެއްގެ ދިގު ދަތުރަކަށް ފަހު އިންސާނާގެ ތަހުޒީބަށް އާދެވުނީ ލިބާހާ ހަމަ އަށެވެ. ލިބާހަކީ އިންސާނާގެ އުފެއްދުމެކެވެ. މިއަދު އިންސާނާ އަށް މި ވަނީ ތިމާގެ ޙައިޞިއްޔަތު އަންގައި ދިނުމަށް ޓަކައި އަމިއްލަ އުފެއްދުމެއްގެ ދަށު ވާން ޖެހިފަ އެވެ.
-------------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ