އަދުގެ ޚާއްސަ

Print

ބިއްލޫރިގޭ ސާދާގަރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ފޮނުވީ: "ޙަސްރަތު"

އެއްޒަމާނެއްގައި އުޅުނު މީހަކު ވައްކަން ކޮށްގެން މުއްސަނދިވެ، ސާދާގަރަކަށް ވިއެވެ. އެއަށްފަހު، ކުރީގެ ދިރިއުޅުން މުޅިން ބަދަލުކޮށްލިއެވެ. ކުރީގެ އެކުވެރިންނާއި މިތުރުން ދޫކޮށް އާ އެކުވެރިން ހޯދިއެވެ. ކުރީގެ ބާ ވަތުތަށި ދޫކޮށް، އާ ވަތުތައްޓެއް ހޯދިއެވެ. ކުރިން ދިރިއުޅުނު ގެ ވެސް ބަދަލުކޮށް ބިއްލޫރިން ހަދާފައިވާ ގެއެއްގައި ދިރިއުޅެން ފެށިއެވެ. ސާދާގަރު ބޭނުންވީ، އޭނާ ގޭގައި އިންނައިރު، އެހެން މީހުން ރަށުތެރޭގައި އުޅޭގޮތް ބެލުމެވެ. ހުރިހާ ކަމެއް ބަދަލުކޮށްލިއިރު، ހެދުން އަޅާ އުޅުނު ގޮތް ވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ. ބިއްލޫރި ގެއެއްގައި ތިމާ މީހާ އިންނައިރު، ބޭރުން ދާ މީހުންނަށް ތިމާ ފެންނާނެ ކަމަކަށް ހިޔެއް ނުކުރެއެވެ.


އެއްދުވަހަކު، ސާދާގަރު ގޭތެރޭގައި އިނދެ، ތަންކޮޅެއް ދުރުން ދިޔަ މީހަކަށް ބަލަމުން ގެންދިޔައެވެ. އެއީ ވައިބާރު ދުވަހެކެވެ. ވައި މަނާކުރާނެ އެއްވެސް ނިވަލެއް ނެތް، އަތިރިމަތިން ހިނގާފައި ދިޔަ، އެ މީހާގެ ހެދުން، ވައިރޯޅިއާއެކު އުފުލި، ހަށިގަނޑުން ކޮންމެވެސް މިންވަރެއް ކަޝްފުވިއެވެ. އެހިނދު، ސާދާގަރު ނިކަން ބާރަށް ދުވެގައި ގޮސް އެމީހާގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ރުޅި އައިސްގެން ގޮސް، ދެލޮލުން ކަނިބުރާ ޙާލު އެމީހާއާ މުޚާޠަބުކޮށް ބުންޏެވެ.

"މިހިރަ ލަދުކުޑަ މީހާއެވެ. ރަށުތެރޭ ޢާއްމު ތަންތަނުގައި ބަރަހަނާވަނީ ހެއްޔެވެ؟ ތިއީ އެންމެ ލަދުކުޑަ، ގޮތްކުޑަ މީހުންގެ ގޮތެވެ."

އެހިނދު، އެމީހާ ކުޑަކޮށް ހިނިތުންވެލާފައި ބުންޏެވެ. "އަޅުގަނޑު މިހިރީ، ހެދުން ލައިގެން ހަށިގަނޑު ނިވާކޮށްގެންނެވެ. ކަޝްފުވިތަނެއް ކަޝްފުވީ ވައިރޯޅިންނެވެ. އެހެންނަމަވެސް، އަޅުގަނޑު މިވީ އެންމެ ލަދުކުޑަ، ގޮތްކުޑަ މީހަކަށްތާއެވެ. ތިބޭފުޅާ ބިއްލޫރި ގެއެއްގައި، ބަރަހަނާވެލައްވައިގެން، މިރަށު އެންމެން ކުރިމަތީގައި އިންނަވާއިރު ވާނީ ކޮންކަހަލަ މީހަކަށްތޯއެވެ؟ މިހާރު ވެސް ތިހުންނެވީ މުޅިން ބަރަހަނާވެ ލައްވައިގެން ނޫންތޯއެވެ؟"

ސާދާގަރު، އޭނާގެ އަމިއްލަ ފޫޅުންތިރިއަށް ބަލާލިއެވެ. އަދި ބިންމައްޗަށް ވެއްޓި، ދެއަތުން ފަސްއަޅައި ފޮރުވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އޭރުވަނީ، ވަގުތު ފާއިތުވެފައެވެ. ސާދާގަރަށް އެންމެ މީހެއްގެ ޢައުރަ ފެނުނުއިރު، މުޅި ރަށު އެންމެނަށްވަނީ، ސާދާގަރުގެ ޢައުރަ ފެނިފެނި ބާވެފައެވެ. (ނިމުނީ)

ޙިކުމަތެއް
ބިއްލޫރި ގެތަކުގައި ދިރިއުޅޭއިރު، ބޭރުން ދާ މީހުންގެ ގައިގައި ޖަހަން ގާ ނުއުކާށެވެ. އެހެނީ، އެ ގާތަކުން ޖެހި، ތަޅައިގެން ދާނީ، ތިމާ ދިރިއުޅޭ ބިއްލޫރި ގެއެވެ.

އިދާރާ

ވާހަކަ