އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (14)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


އަލްއުސްތާޛު އަޙްމަދު މާޖިދު

ހަތްވަނަ ބާބު – މެދުޒަމާނުގައި ޔޫރަޕުގެ ބައިމަދު ޖަމާޢަތްތަކާ ދެކޮޅަށް ނެގުނު ކަނޑި

މެދުޒަމާނަކީ ޔޫރަޕުގެ ތާރީޚުގައި ހުޅަނގު ރޯމަނުންގެ ދައުލަތް ވެއްޓުމާ ހަމައިން ފެށިގެން މީލާދީން 1500 އިގެ އަހަރުތަކާ ހަމަޔަށް ވެއަތުވި ޒަމާނަށް ޔޫރަޕުގެ މުއައްރިޚުން ދީފައި ވާ ނަމެކެވެ. އެހެންކަމުން މީގެ ކުރީގެ ބާބެއްގައި އެ ބޭފުޅެއްގެ ވާހަކަ އަޅުގަނޑު ދެންނެވި ޝާރްލްމާން އަކީ ވެސް މެދުޒަމާނުގެ ބޭފުޅެކެވެ. އޭނާގެ ކަނޑީގެ ބާރުގައި މިހާރުގެ ޖަރުމަނާއި އަދިވެސް އެހެން ސަރަޙައްދުތައް ހިމެނޭ ބޮޑު ބިމުގައި ކްރިސްޓިއަން ދީން ފެތުރުއްވި ގޮތުގެ ބަޔާނެއް ވާނީ އިސްވެދެންނެވިފައެވެ. މި ބާބުގައި މި އަލިއަޅުވާލަނީ ޝާރްލްމާންގެ ކަނޑިކޮޅުގެ ބާރު ހިނގި ހިސާބުން ބޭރުގައި ތިބި ކްރިސްޓިއަން ދީން ޤަބޫލު ނުކުރާ މީހުންގެ މައްޗަށް ކަނޑީގެ ބާރުގައި އެ ދީނުގެ ބާރު ހިންގަން، ޝާރްލްމާނު އަވަހާރަ ވިތާ ތިންހަތަރު ސަތޭކަ ވަރަކަށް އަހަރު ފަހުން ކުރެވުނު މަސައްކަތުގެ މައްޗަށެވެ. އަދި ޚުދު ކްރިސްޓިއަން ދީނުގެ ބާރު އޮތް ސަރަޙައްދުތަކުގެ ތެރޭގައި އުފެދުނު، ކްރިސްޓިއަން ޢަޤީދާއަށް އިންކާރު ކުރި މީހުންނާ ދެކޮޅަށް، އެބައިމީހުން ގަދަކަމުން ކްރިސްޓިއަން ދީނަށް އަނބުރައި ގެންދަން ރޯމަން ކެތަލިކް ބޮޑު ފައްޅީން ހިންގި އަނިޔާވެރި ޖަރީމާތަކުގެ މައްޗަށެވެ.

ޝާރްލްމާންގެ ދުވަސްވަރު ކްރިސްޓިއަން ދީން ފެތުރުއްވީ މެދުތެރޭ ޔޫރަޕުގައެވެ. ނަމަވެސް އޭނާގެ ވެރިކަމުގެ ބާރު އުތުރު އިރުމަތީ ޔޫރަޕަކަށް ނުފޯރައެވެ. އެހެންކަމުން މިހާރުގެ އިރުމަތީ ޕޮލެންޑާއި ބޯލްޓިކް ސަރަޙައްދު ފަދަ ސަރަޙައްދުތަކުގައި މީލާދީން 1200 އާ ހަމަޔަށް ދިޔަ އިރު ވެސް އޮތީ ވަޘަނިއްޔަތެވެ. އާދެ، ޕެގޭނިޒަމެވެ. އެތައް ކަލާނގެތަކަކަށް އަޅުކަން ކުރުމާއި، އެ ކަލާނގެތައް ރަމްޒުކޮށްދޭ ބުދުތަކާއި ތަންތަނާއި ގަސްގަހާގެއްސާއި އެއްޗެހި މުޤައްދަސް ކޮށް، އެ ތަކެއްޗަށް ކަމޭ ހިތައިގެން އުޅުމުގެ ދީނެވެ. މީލާދީން 1200 ވަނަ އަހަރާ ހަމަޔަށް ދިޔަ އިރު ރޯމަން ކެތަލިކް ބޮޑު ފައްޅި އޮތީ ކްރިސްޓިއަން ދުނިޔޭގެ އަމުރާއި ނަހީގެ ވެރިފަރާތުގެ ގޮތުގައެވެ. ފައްޅީގެ ބާރު އެންމެ ވަރުގަދަ ދުވަސްވަރަކީ އެއީއެވެ. މި ދުވަސްވަރު ފައްޅީގެ ޔުނިފޯމު އަޅައިގެން، ފައްޅީގެ ކަނޑި ހިފައިގެން ކްރިސްޓިއަން ނޫން މީހުން ތަޅައި ރޯނާގަންނުވަން އުޅުނު އެންމެ މަޝްހޫރު އެއް ބަޔަކީ ޓިޔުޓޯނިކް ނައިޓްސް، ނުވަތަ ޓިޔުޓޯނިކް ބަހާދަރުންނެވެ.

ޓިއުޓޯނިކް ބަހާދަރުން


ޓިއުޓޯނިކް ބަހާދަރުންނަކީ ޞަލީބީ ހަނގުރާމައިގެ ތެރޭގައި އުފެދިގެން ދިޔަ ޙައްދު ފަހަނައަޅާފައިވާ ކްރިސްޓިއަން ހަނގުރާމަވެރީންގެ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ ބިންގާ އެޅުނީ މީލާދީން 1190 ގައެވެ. ޞަލާޙުއްދީނުލް އައްޔޫބީ ޞަލީބީންގެ މުޑުދާރުކަމުން ބައިތުލް މަޤްދިސް މިނިވަން ކުރެއްވިތާ ތިން އަހަރު ފަހުންނެވެ. މުސްލިމުން ޞަލީބީންގެ ބާރުގެ ދަށުގައި އޮތް އޭކަރ ޙިޞާރުކޮށްގެން ތިބި ދުވަސްވަރުއެވެ. ޙިޞާރުގެ ތެރޭގައި ޒަޚަމްވާ ޞަލީބީ ސިފައިންނަށް ފަރުވާ ދިނުމަށް ޓަކައި އެމީހުންގެ ތެރޭގައި ތިބި ޖަރުމަނުގެ ބަހާދަރުންގެ ބެލުމުގެ ދަށުން ޚާއްސަ ހަސްފަތާލެއް ޚާއްސަކުރެވުނެވެ. މި ހަސްފަތާލުގެ ރައްކާތެރިކަމާއި ސަލާމަތާ ޙަވާލުވެގެން ތިބި ވަރުގަދަ ފަހުލަވާނުންގެ ފައުޖަކީ ފަހުން ޓިއުޓޯނިކް ބަހާދަރުންގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ޖަމާޢަތެވެ. މި ޖަމާޢަތުގައި ބައިވެރިވެވެނީ ހަމައެކަނި ޖަރުމަނުގެ ކްރިސްޓިއަނުންގެ ތެރެއިން ނަސަބާއި ޙަސަބުގެ ގޮތުން ވަކި ދަރަޖައަކަށްވުރެ މަތީ މީހުންނަށެވެ. 1199 މ. ވަނަ އަހަރު ރޯމްގެ އޭރުގެ ޕޯޕް އިނޮސެންޓް ތިންވަނަ (Innocent III) އެބައިމީހުންނަކީ ކްރިސްޓިއަނުންގެ ޚާއްސަ އަސްކަރީ ފައުޖެއްގެ ގޮތުގައި ރަސްމީގޮތުން ޤަބޫލުފުޅު ކުރައްވައި އެމީހުންގެ ޔުނިފޯރމަކީ ފައިތިލައާއި ހަމަޔަށް އޮންނަ ހުދު ޖުއްބާއެއް ކަހަލަ ދަހަނާއަކާއި ކަޅު ކުލައިގެ ޞަލީބެއް ކަމުގައި ކަނޑައެޅުއްވިއެވެ.
މާގިނަ ދުވަސްތަކެއް ނުވަނީސް ޓިއުޓޯނިކް ބަހާދަރުންގެ ނަން މަޝްހޫރުވެ އެމީހުންގެ ވަރުގަދަކަމާއި ގަދަފަދަކަމުގެ ވާހަކަތައް ކްރިސްޓިއަން ދުނިޔޭގައި މަޝްހޫރު ވެގެން ދިޔައެވެ. މީލާދީން 1210 ވަނަ އަހަރު އޭރުގެ ހަންގޭރީގެ ކްރިސްޓިއަނުންގެ ރަސްގެފާނު އެބައިމީހުންނަށް ދަޢުވަތު ދެއްވީ އެ ޤައުމަށް އައިސް އިރުމަތީ ޔޫރަޕުގެ ސަރަޙައްދުތަކުގައި އުޅެމުން ގެންދިޔަ ވަޘަނީ ޤަބީލާތަކުގެ މީހުންނާ ހަނގުރާމަ ކުރުމަށެވެ. މި ދަޢުވަތު ލިބުމާއެކު އިސާހިތަކު މި ފައުޖުގެ އެތަކެއް ހާސް ސިފައިން ހަންގޭރީއަށް ފެއިބިއެވެ. އަދި ހަންގޭރީގެ ލަޝްކަރުތަކާއި ގުޅިގެން މުޅި އެ ސަރަޙައްދުގައި ކްރިސްޓިއަން ނޫން މީހުން މެރުމާއި، އެންދުމާއި، ރޭޕްކުރުމާއި، ގަދަބާރުން ކްރިސްޓިއަން ދީނަށް ވެއްދުމުގެ މަސައްކަތް ފެށިއެވެ. މި މަސައްކަތުގެ ތެރޭގައި އެތަކެއް ހާސް ބަޔަކު ކްރިސްޓިއަން ދީނަށް ވެއްދިއެވެ. ބަޕްތިސާމްގެ ފެނުން ފެންވަރަން އިންކާރުކުރި ކޮންމެ މީހަކަށް ބަދަލު ދެވެމުން ދިޔައީ ޓިއުޓޯނިކް ބަހާދަރުންގެ ތޫނު ކަނޑިތަކުންނެވެ. މި ކަމާ ބެހޭގޮތުން ހުޅަނގުގެ ލިޔުންތެރިއަކު ލިޔުއްވާފައި ވެއެވެ.

މީލާދީން 1226 ވަނަ އަހަރު، އޭރުގެ "މުޤައްދަސް ރޫމީ ޝަހެންޝާހު" ނުވަތަ "ހޯލީ ރޯމަން އެމްޕެރަރ" ޓިއުޓޯނިކް ބަހާދަރުންނަށް އޭރުގެ ޕްރަޝިއާ (މިހާރުގެ ޕޮލެންޑް) ޖާގީރެއްގެ ގޮތުގައި ދެއްވިއެވެ. ރަސްގެފާނު މި ހަދިޔާ ދެއްވަމުން ބަހާދަރުންނަށް ޝަރުޠުކުރެއްވީ އެ ޤައުމުގެ ވަޘަނީން ކްރިސްޓިއަން ދީނަށް ވެއްދުމަށެވެ. 1234 މ. ވަނަ އަހަރު އޭރުގެ ޕޯޕް ގްރެގަރީ އަށްވަނަ  ބަހާދަރުންނަށް އެންގެވީ އެ ސަރަހައްދުގެ އެހެނިހެން ބިންތަކުންވެސް ބަހާދަރުން ހިފައިގަތް ކޮންމެ ބިމަކީ އެބައިމީހުންގެ ޙައްޤު މިލްކެއް ކަމުގައެވެ. ދާދި ކުރު މުއްދަތެއްގެ ތެރޭގައި ޓިއުޓޯނިކް ބަހާދަރުން އެބައިމީހުންގެ އާ ސަރަހައްދު ދިފާޢުކުރުމަށްޓަކައި މުޅި ހިސާބުގަނޑުގައި ކިއްލާތައް ބިނާކުރިއެވެ. މީގެ ތެރެއިން ބައެއް ކިއްލާތައް މިއަދުވެސް ފެންނަން އެބަހުއްޓެވެ.

މި ދަންނަވާ ރައްކާތެރި ކިއްލާތައް މަރުކަޒުތަކަކަށް ހަދައިގެން ޓިއުޓޯނިކް ބަހާދަރުން ކުރަމުން ގެންދިޔަ މަސައްކަތަކީ އެމީހުންގެ ދީންފެތުރުމުގެ މަސައްކަތެވެ. މި ކަމުގައި އެބައިމީހުންގެ ފޯމިއުލާއަކީ ފަރަންސޭސި ރަސްގެފާނު ޝާރްލްމޭންވެސް ބޭނުންފުޅު ކުރެއްވި ފޯމިއުލާއެވެ. ވަޘަނީންތަކެއް އެބައިމީހުންގެ ބާރުގެ ދަށަށް އައުމާއިއެކު އެބަޔަކަށް ދެވެނީ ދެގޮތުން ކުރެ އެއްގޮތް އިޚްތިޔާރު ކުރުމުގެ ފުރުޞަތެވެ. އެ ދެ ގޮތަކީ ބަޕްތިސާމްކޮށް، ކްރިސްޓިއަން ދީނަށް ވަނުން، ނުވަތަ ހަމަ ވަގުތުން ލަހެއް ފަހެއް ނެތި ކަނޑީގެ ރަހަ ބަލައިގަތުމެވެ.

މި ޙާލަތުގައި ގާތްގަނޑަކަށް އުތުރު އިރުމަތީ ޔޫރަޕްގެ ވަޘަނީ އާބާދީ އެއްކޮށް ކަހަލަ ގޮތަކަށް ކްރިސްޓިއަން ދީނަށް ވަނުން ޚިޔާރުކުރިއެވެ. އެހެނީ އެބައިމީހުންގެ ކިބައިގައި ރޯމަން ކެތަލިކް ފައްޅީގެ މުއްސަނދިކަމާއި، ފައްޅީގެ ސިފައިންގެ އަނިޔާވެރި ޖައްބާރިއްޔަތާ ކުރިމަތިލާނެ އެއްވެސް ފަދައެއް ނެތެވެ. ޓިޔުޓޯނިކް ބަހާދަރުން ގެންދިޔައީ ބޮޑު ފައްޅީގެ މުސާރަ ކައިގެން ތިބެ، ދެވަނަ އެހެން އެއްވެސް ކަމެއް ނުކޮށް، ދުނިޔެ އުޅުމަށް ޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ވަޘަނީން ކްރިސްޓިއަން ދީނަށް ވައްދަމުންނެވެ. އެބައިމީހުން ތިބެނީ ވަޘަނީންނަށް ވައިވެސް ނޭޅެވޭ ފަދަ ވަރުގަދަ ކިއްލާތަކުގެ ތެރޭގައި ރައްކާތެރިވެއެވެ. އެހެންކަމުން އަމިއްލަ ދީނުގެ ދިފާޢުގައި ހަނގުރާމަކުރުމަކީ ވަޘަނީންނަށް އޮތް ޚިޔާރެއް ނޫނެވެ. އެބައިމީހުންގެ ކުރިމަތީގައި އޮތް މަގަކީ ދުލުކުރީން ނަމަވެސް ކްރިސްޓިއަން ދީން ޤަބޫލު ކުރުން ނުވަތަ މަރުވެގެން ދިޔުމެވެ. ފުރާނަޔަށްޓަކައި މި ކަހަލަ ފިޔަވަޅެއް އެޅިޔަސް ޙައިރާންވާކަށް ތަނެއް ނެތް އެހެން ނޫންތޯއެވެ؟ ބަޕްތިސާމް ކުރެވުމަށްފަހު މުސްކުޅި ދީނަށް އުޅެނިކޮށް ފެނިއްޖެ ކޮންމެ މީހެއްގެ ޢުޤޫބާތަކީ ހަމަވަގުތުން އިތުރު ސުވާލުކަލާމެއްނެތި ކަނޑިއަށް ނަޒުރުކޮށްލުމެވެ. ޝާރްލްމާންގެ ޒަމާނެކޭ އެއްފަދައިން، މިގޮތުން ގަދަބާރުން ކްރިސްޓިއަން ދީނަށް ވެއްދޭ ފުރަތަމަ ޖީލުތަކުގެ ހިތްތަކުގައި އެބައިމީހުންގެ މުސްކުޅި ދީނުގެ ލޯބި ފޮރުވިފައި އޮވެއެވެ. ނަމަވެސް ދެތިން ޖީލަކާ އެކު ވަޘަނިއްޔަތުގެ އަސަރުތައް މުޖުތަމަޢުތަކުން ފޮހެވިގެން ދަނީއެވެ. އެބައިމީހުންގެ ކާބަފައިންގެ ދީން މާޒީގެ ފުސްކަމުގެ ތެރޭގައި ގެއްލިގެން ދަނީއެވެ. މިގޮތުގައި އިންޑޯ ޔޫރަޕިއަން އެންމެހައި ދީންތަކެއްގެ މަޤާމު ކްރިސްޓިއަން ދީނަށް ލިބިގެން ދިޔައެވެ.

އުތުރު އިރުމަތީ ޔޫރަޕުގައި ޓިއުޓޯނިކް ބަހާދަރުން ހިންގި ދީން ފެތުރުމުގެ ޙަރަކާތްތަކުގެ ހަމައެކަނި ބަޔަކީ މި ދެންނެވީއެއް ނޫނެވެ. ގަދަ ބާރުން މި ސަރަޙައްދުތަކުގެ ވަޒަންވެރީން ކްރިސްޓިއަން ދީނަށް ވެއްދުމަށްފަހު ދެން އެބައިމީހުން ކުރި އަނެއް މަސައްކަތަކީ ޖަރުމަނުގެ ކްރިސްޓިއަން ޖަމާޢަތްތައް ގެނެސް އެ ސަރަޙައްދުގައި ވަޒަންވެރި ކުރުވުމެވެ. މިކަމުގެ މަޤުޞަދަކީ ހިސާބުގަނޑުގެ އާ ކްރިސްޓިއަނުން ބޮޑަށް ދީނާއި ގާތްކޮށް، އަދި ކްރިސްޓިއަނުންގެ ބާރާއި ނުފޫޒު ގަދަ ކުރުމެވެ. އެބައިމީހުން އެބައިމީހުންގެ ކާބަފައިންގެ ދީނުގެ ސަޤާފަތާއި ތާރީޚުން މުޅީން ވަކިކޮށް މަޙުރޫމް ކޮށްލުމެވެ.

މީލާދީން 1300 ވަނަ އަހަރާ ހަމަޔަށް އައިއިރު އުތުރު އިރުމަތީ ޔޫރަޕުގެ ވަރަށް ބޮޑު ބަޔަކީ ޓިއުޓޯނިކް ބަހާދަރުންގެ ބާރުގެ ދަށުގައި، ޖަރުމަނުގެ ނުފޫޒުގެ ދަށުގައި އޮތް ތަންތަނެވެ. އެތަންތަނުގެ އާބާދީ ވަނީ އެކުގައި ގަދަބާރުން ކްރިސްޓިއަން ދީނަށް ވެއްދިފައެވެ. މި ގޮތުން އެކިއެކި ޤަބީލާތައް ދީނަށް ވެއްދުމަށްޓަކައި ނުވަދިހަ ވަރަކަށް އަހަރުގެ ތެރޭގައި ޓިއުޓޯނިކް ބަހާދަރުން އަހަރަކު ބޮޑެތި އަށް ހަނގުރާމަ ކޮށްފައި ވެއެވެ. އެއީ 720 ހަނގުރާމައެވެ. މި ހަނގުރާމަތަކުގައި އަންދާޒާ ކުރެވޭ ގޮތުގައި ހަތަރުލައްކައެއްހައި މީހުން މަރުވެފައި ވެއެވެ. ގަދަ ބާރުން ކްރިސްޓިއަން ދީނަށް ވެއްދުނު މީހުންގެ ޢަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރު ވާނެކަމީ ޔަޤީންކަމެކެވެ. މި ދަންނަވާ ދައުރުގެ ނިމުމަކާ ހަމަޔަށް އައިއިރު، ޓިޔުޓޯނިކް ބަހާދަރުންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދު މެދުތެރޭ ޖަރުމަނީއިން ފެށިގެން ބޯލްޓިކް ކަނޑުގެ އައްސޭރިއާއި ހަމަޔަށް ފެތުރިފައި އޮތެވެ.
-----------------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ